ވާހަކަ: ޑައިރީ – ސާޅީސް ފަސްވަނަބައި

ކުރީގެ އަދަދާއި ގުޅޭ... "ފޮޓޯތައް ވީދާލުމުން ތިފޮޓޯތަކުގެ ޙަޤީޤަތްވެސް ހަމަ ތިގޮތަށް ވީދާލެވޭނެތަ...؟" ރޮވިފައި ހުއްޓަސް ރާއިފުގެ އަޑުގައިވަނީ ރުޅިވެރިކަމެވެ. "އަހަންނަށް މާފުކުރޭ ރާއިފު....! ހެޔޮނުވާ...

03 Sep 2024 | 04:18

ކުރީގެ އަދަދާއި ގުޅޭ...

"ފޮޓޯތައް ވީދާލުމުން ތިފޮޓޯތަކުގެ ޙަޤީޤަތްވެސް ހަމަ ތިގޮތަށް ވީދާލެވޭނެތަ...؟" ރޮވިފައި ހުއްޓަސް ރާއިފުގެ އަޑުގައިވަނީ ރުޅިވެރިކަމެވެ.

"އަހަންނަށް މާފުކުރޭ ރާއިފު....! ހެޔޮނުވާނެ އަހަންނަށް މާފުކުރޭ...!" އައިލީން އައިސް އެނދުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ.

އެވަގުތު ރާއިފު، އައިލީން އާ ދިމާއަށް ބަލައިލީ ވަރަށް ފޫހިގޮތަކަށެވެ. އަދި އައިލީން އިތުރު އެއްޗެއް ބުނުމުގެ ކުރިން އައިލީންގެ މޫނުމަތީގައި ރާއިފު ޖެހިއެވެ. ޖެހުނު އެންމެ ބާރަކަށެވެ. އައިލީންއަށް ވީތަދުން މޫނުމަތީގައި އަތްއަޅައިގެން ކޮޅަށް ތެދުވެ ރޯންފެށިއެވެ.

"އަހަރެން މިހާރު ބޭނުމެއް ނޫން ތިމުޑުދާރު ހަށިގަނޑުގައި އަތްޖައްސާލާކަށްވެސް...! މުޅި މީހާ ތިހިރީ މުޑުދާރުވެފައި...!

އަހަރެން ވަރަށް ބޮޑަށް ހައިރާންވެއްޖެ އެވަރު ބޮޑުކަމެއްކޮށްފައި އަހަރެން ކައިރިން މާފަށް އެދެން ކަލެއަށް ކެރުނީތީ ވެސް...! ކަލޭ ހީކުރީ އެވަރުކަމެއް ކޮށްފައި ހުރިހާ ކަމެއް ފަޅާއެރީމާ ތިހެން ރޯލާފައި އަހަރެން ކައިރީ މާފަށް އެދުނީމަ އަހަރެން މާފުކުރާނެ ކަމެއްތަ....؟ އެހެން ކަމަށްވާނަމަ އެހީ ކުށްހީއެއް...!:" ރާއިފު ވަރަށް ބޮޑަށް ރުޅިއައިސްފައި ވާހަކަ ދައްކަމުން ގެންދިޔައެވެ.

އަހަންނަށް އެނގޭ އެއީ ކޮށްގެން ނުވާނެ ކަމެއްކަން...! ޚާއްޞަކޮށް މީހެއްގެ އަތްންބެއްގެ ގޮތުގައި ހުރެގެން...! އެކަމަކު އަހަރެން މި ދައްކާ ވާހަކަ ވެސް އަޑުއަހާބަލަ...! އަހަރެންނަށް އެކުށް ކުރެވުނީ ސަބަބެއް ނެތިއެއްވެސް ނޫނޭ...! ފިރިއެއްގެ ލޯބި ރާއިފުގެ ކިބައިން އޭރު ލިބުނުނަމަ އަހަރެން އެލޯބި ހޯދަން އެހެން ދިމާއަކަށް ނުދިޔައީމުސް...! އެކަމަކު އަހަރެން މިހެން މިބުނީ އަހަރެން އެކުށްކޮށްފައި އެކަން ރާއިފުގެ ބޮލުގައި އަޅުވާކަށް ނޫން...! އަހަރެންކުރީ ކުރަން ނުވާވަރުގެ ކުށެއް ކަމަށް އަހަރެން އެއްބަސްވަން... ޕްލީޒް، އަހަރެން ދޫކޮށްނުލާ އަހަންނަށް މާފުކުރޭ...!" އައިލީން ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.

ރާއިފުގެ ރުޅި ދިޔައީ ހައްތަހާ ގަދަވަމުންވެ. އެކަމަކު ރާއިފު އެކަން ކޮންޓުރޯލު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ގެންދިޔައެވެ.

"އަހަރެންގެ ފަރާތުން ތިކަހަލަ އިހުމާލެއްވަންޏާ ޖެހޭނެއެއްނު ބުނަން...! މަށަކަށް ނޭނގޭނެ ނުބުނަންޏަކާ...! ހެއްދެވިހާ ނުބައިކަމެއްކޮށްފައި، ފާޑުފާޑުގެ ޢުރުޒު ދައްކައިގެން މަގޭ ބޮލުގައި އެކަމުގެ އިންޒާމު އަޅުވަން ނޫޅޭ...! ހުރިހާ ކަމެއް ފަޅާއެރީމަ ދެން ތިމާއަކީ މާ މައުޞޫމު ރަނގަމު މީހެއް ކަމުގައި ދައްކަން އުޅުނަކަސް އެކަން ޤަބޫލު ކުރެވޭނީ ކިހިނެތް...؟" ރާއިފު އަނެއްކާވެސް އައިލީންގެ އަނގަމަތީގައި ޖެހުމަށް އަތް އުފުލާލަމުން ބުންޏެވެ.

"މިއީ އެއްގޮތަކަށްވެސް އުޒުރެއް ދައްކާކަށް ބުނިއެއްޗެއް ނޫނޭއެއީ...! އަހަންނަށް އެނގޭ ކުށްކުރީ އަހަރެންކަން..! އަހަރެން އެހުރިހާ ކަމެއް ޤަބޫލުކޮށް އެކަންކަމަށް އެއްބަސްވެސް ވަމޭ...! އަދި ރާއިފުއަށް ގޯސްކޮށް ކުރެވޭ ކަންކަމުގެ ވާހަކަ ރާއިފު ގާތުގައި ބުނުމުން ރާއިފު އެކަންކަން ރަނގަޅުވެސް ކުރިއޭ...! މައްސަލައަކީ ހަމަ އަހަރެންގެ މައްސަލަ...! އަހަންނަށް އެވާހަކަ ދެއްކުނުލެއް ލަސްވީ...! ހަމަ ރަނގަޅަށް މިބުނަނީ މިފޮޓޯތަކަކީ މާކުރީގެ ފޮޓޯތަކެއް...! އަހަރެން އޭނައާ އެއްވެސް ގުޅުމެއް ނުބާއްވާތާ އެތައް ދުވަހެއް ވެއްޖެއޭ...! ޕްލީސް ޤަބޫލުކޮށްބަލަ...!" އާދޭސްކުރާ ރާގަކަށް އައިލީން ވާހަކަ ދައްކަމުން ގެންދިޔައެވެ.

"އަހަންނަށް ކިހިނެތް އެނގެނީ ކިހާ ދުވަހެއް ވެއްޖެކަމެއް ތިކަމެއް ހިންގާތާ...! އަދި ތިބުނީ ތެދެއް ކަމެއް އަހަރެން ކިހިނެތް ޤަބޫލު ކުރާނީ...! މިހިރީ އަހަންނަށް ފެންނަންހުރި އެއްޗިހި...!" ރާއިފުގެ ރުޅިގަނޑު އެއްވެސް ވަރަކަށް ކޮންޓްރޯލެއް ނުވެއެވެ.

އިތުރަށް ބުނާނެ އެއްޗެއް ނެތުމާއެކު، އައިލީން ވަކި ޖަވާބެއްނުދީ ރޮއިރޮއި ހުއްޓެވެ. ރާއިފުގެ ރުޅި ދިޔައީ ހައްތަހާ ގަދަވަމުންނެވެ.

"ބަލަ، އަހަރެން މިއަހަނީ ކަލޭ ތިގަނޑެއް ގަންނަތާ ކިހާ ދުވަހެއް ވެއްޖެހޭ...؟ އައިލީންގެ ކަންފަތުގައި ވަރަށް ބާރަށް ހިފަމުން ރާއިފު އަނެއްކާވެސް ސުވާލު ކުރިއެވެ.

"އައްދޯތް...! ޕްލީޒް ތިހެން ނަހަދަބަލާ... ވަރަށް ތަދުވެޔޭ...! ކަންތައްތައްވީގޮތް މިބުނީނު...!" އައިލީންގެ ރުއިން ގަދަވަމުން ދިޔައެވެ.

"ތަދުކުރާށޭ މިއުޅެނީ...! ހަމައެކަނި ތަދުވަނީ ކަލެއަށްތަ...؟ އަހަންނަށްވާނެ ތަދެއް ކަލެއަކަށް އިޙްސާސެއް ނުކުރެވޭތަ...؟ އަހަރެން ތިކަންތަކުގައި ކަލެއަކަށް މާފެއް ނުކުރާނަން...! ދުވަހަކުވެސް ނުކުރާނަން...! ތިކަހަލަ އަންބަކަށް މާފުކުރަން ހެޔޮވެސް ނުވާނެ...! އެކުގަ އުޅެންވެސް ހެޔޮނުވާނެ...! މިއަދުން ފެށިގެން އައިލީން ތިއީ އަހަރެންގެ...." ރާއިފު އުޅުނީ އައިލީން ވަރިކުރާށެވެ.

ޕްލީސް...! ރާއިފު އިހަށް މަޑުކޮށްބަލަ...! ޕްލީސް....! އަހަރެން މިދައްކާ ވާހަކަތައްވެސް އަޑުއަހާލަބަލަ...! ކީއްވެ މި ފޮޓޯތައް އޭނަ މި ގެޔަށް ތިފޮނުވީ...؟ އަހަރެން ވާހަކަތައް އަޑުއަހާފަ ނޫނިއްޔާ ތިހާބޮޑު ކަމެއް ނުނިންމަބަލަ...!" ބިންމަތިން އެއްފޮޓޯގަނޑު ނަގަމުން އައިލީން ވާހަކަ ދެއްކިއެވެ.

"މަށަށްތަ އެނގެނީ...؟ ގޮސް ކަލޭގެ ތި ލޯބިވެރިޔާ ކުރެން އަހާބަލަ...؟ އަދި ގޮތެއް ފޮތެއް ނެތިގެން އެބަ ފާޑުފާޑުގެ ވާހަކަ ދައްކައެއްނު...! ރާއިފުގެ އަޑު ދިޔައީ ހައްތަހާ ގަދަވަމުންނެވެ.

"އަހަރެން އެސުވާލުގެ ޖަވާބު ދެންތަ...؟ އޭނަ ބުނިހާ ގޮތަކަށް އަހަރެން އުޅޭނަމަ، ތި ކަހަލަ ކަމެއް އޭނަ ކުރާނެހެން ރާއިފުއަށް ހީވޭތަ...؟" އަހަރެން އޭނައާ ގުޅުން ކަނޑާލިތާ މިހާރު ކިތަންމެ ދުވަހެއް ވެއްޖެ...! އެކަމާ ރުޅިއައިސްގެން އޭނަ ފާޑުފާޑުގެ ޖެއްސުންކޮށް، އިންޒާރުތައްދީ ގޯނާކުރާތާވެސް މިހާރު އެތައް ދުވަހެއްވެއްޖެ...! އޭނަ ބޭނުންވަނީ ރާއިފު އަހަރެން ވަރިކުރަން...! އޭނަ ބުނެފި ރާއިފު އަހަރެން ވަރިކުރާވަރުގެ ކަމެއް ކުރާނަމޭ...!" އައިލީން ވާހަކަ ދައްކަމުން ގެންދިޔައެވެ.

އައިލީންގެ ވާހަކަތައް އަޑުއެހުމަށްފަހު ރާއިފު އެކަމާ އެއްވެސް އެއްޗެއް ނުބުނެއެވެ. އެހެންނަމަވެސް ރާއިފު އެކަމާ ވަރަށް ފުންކޮށް ވިސްނާލިއެވެ.

"އެންމެ ރަނގަޅު އަހަރެން ކުރީ ކުރަންނުވާވަރުގެ ބޮޑުކުށެއް... އެއްވެސް މައްސަލައެއްވެސް ނެތް...! އެކަމަކު މިހާރު އަހަރެން އެ ކުޅިގަނޑު ހުއްޓާލިތާ ކިތަންމެ ޒަމާނެއްވެއްޖެ...! އަހަރެން ހަމައެކަނި ލޯބިވަނީ ރާއިފު ދެކެ... މިއީ ޙަޤީޤަތަކީ..! އަހަންނަށް އެކުށް ކުރެވުނީނަމަ އެވާހަކަ ރާއިފުއަށް ކިޔާދޭން ވަރަށް ގިނަފަހަރު މަސައްކަތް ކުރީން...! އެކަމަކު އެކަމަށް ފުރުޞަތެއް ނުލިބޭ...! މިއީ އަހަރެން ބުނަންއޮތްހާވެސް އެއްޗަކީ...! ދެން ރާއިފުއަށް ފެންނަގޮތެއް ހަދާ...! އިނގޭ މިއީ މާފު ކުރެވޭނެ ކަހަލަ ކަމެއް ނޫންކަންވެސް...! އެކަމަކުވެސް އަހަންނަށް ބުނެވެން އޮތީ އެންމެ އެއްޗެއް...! އެއީ އަހަންނަށް މާފުކުރާށޭ...! މިހެން ބުންޏަސް ރާއިފު އަހަރެން ވަރިކުރިޔަސް އެކަން ހެޔޮހިތުން ގަބޫލުކުރާނަން...!" އައިލީން ވާހަކަ ދައްކަމުން ގެންދިޔައިރު ހިތް ބާރަށް ތެޅެމުންދިޔައެވެ.

އޭރު އައިލީން ވަރިކުރުމަށްޓަކައި ރާއިފު ދެފަހަރަށް އަނގަ ހުޅުވާލި ވެސް މެއެވެ. އެހެން ނަމަވެސް އެހާ އަވަހަށް އައިލީން މިނިވަން ކުރުމަށްފަހު މިފްޒާލަށް އައިލީން ކާމިޔާބު ވިޔަދޭކަށްވެސް ރާއިފު ބޭނުމެއް ނުވިއެވެ.

"އަހަންނަކަށް ދެނެއް ކަލޭދެކެ ލޯތްބެއް ނުވެވޭނެ...! އެއީ ހަމަ ޔަގީންކަމެއް...! އިތުބާރެއް ވެސް ނުކުރެވޭނެ....! އިތުބާރު އެކީ ގެއްލިއްޖެ..! އެކަމަކު މަށަށް ވެސް ގަބޫލުކުރޭ އެއް ކަމެއް އެބައޮތް...! ކަމެއް ނުވެއެއް ތި ފޮޓޯތަކެއް އޭނަ މިގެއަކަށް ނުފޮނުވާނެ...! އައިލީން މިފަހަރު ތި ބުނަނީ ތެދެއް ކަންނޭނގެ...!" އައިލީން އާ ދިމާއަށް ބަލަންހުރެ ރާއިފު ވާހަކަ ދެއްކިއެވެ.

"މީގެ މާނައަކީ އަހަރެން ކަލެއް މާފު ކުރީއެކޭ ނޫން...! މާފެއް ނުކުރާނަން...! އަހަންނާ ދުރުގައި ހުރޭ...! ތިމުޑުދާރު ހަށިގަނޑަށް ބަލާލާކަށްވެސް އަހަރެން މިހާރު ބޭނުމެއް ނޫން...!" އައިލީން ރާއިފު ގާތަށް އައުމުން އައިލީން ދުރަށް ކޮށްފާލުމަށްފަހު ރާއިފު ބުންޏެވެ.

"ހެޔޮނުވާނެ ތިފަދަ ބޮޑު އަނިޔާއެއް އަހަންނަށް ނުދީ...! މުޑުދާރޭ ކިޔައިގެން އަހަރެން ހިތް އިތުރަށް ހަލާކު ނުކުރޭ...! މިކަމުން ސަލާމަތްވާން އަހަރެން ކުރި މަސައްކަތާއި ވީޤުރުބާނީ އެނގޭނީ ހަމަ އަހަންނަށް...!" އައިލީން ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.

"ތިއީ މިހާރު ހަމަ މުޑުދާރު އަންހެނެއް...! އަހަރެން ކަލޭ އަދި ވަރި ނުކުރަން މިހިރީ އެއްގޮތަކަށް ވެސް މިހާރު ކަލޭދެކެ ލޯތްބަކުން ނޫން...! އެކަލޭގެއަށް ތިކަން ކާމިޔާބުވިޔަ ދޭން އަހަރެން ބޭނުން ނުވާތީ...! މިކަން ވަރަށް ރަނގަޅަށް އެނގިއްޖެ ކަމަށް ހީކުރަން...! ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތަކުގައި ދުރުހިލޭ މީހުންގެ އެހީ ހޯދުމުގެ ބަދަލުގައި ދެމަފިރިންގެ ދެމެދުގައި ވާހަކަ ނުދައްކާތީ މިހެން މިވީ..! އަހަރެންގެ ކުށެއް އޮތިއްޔާ އަހަންނަކާ ނޫންތަ ފުރަތަމަ ވާހަކަ ދައްކަން ޖެހޭނީ...؟ ކޮންމެހެން ނުޖެހޭގޮސް ދުރުހިލޭ ފިރިހެނެއްގެ އުނގުތެރެއަށް ވެއްޓިގަންނާކަށް....! އަހަރެން ތި ފާޑަށް އެބައުޅޭތަ...؟ ފެންނަހާ އަންހެނެއްގެ ގާތުގަ ވާހަކަ ދައްކަމުން އެބަހިނގަންތަ...؟ މިހާރު ހުރިހާ ކަމެއް ފަޅާއެރީމަ އައިސް ތިބުނަނީ އަހަންނަށް މާފުކުރާށޭ....! މިފޮޓޯތަކުން މިހިރީ ހުރިހާ ޙަޤީޤަތެއް ފެންނަން...! އެކަމަކު ތިބުނަނީ މާފު ކުރާށޭ...! އެއީ ކިހިނެތްވާނެ ކަމެއް...؟" ރާއިފު ތެދުވެ އެއްޗެހި ބަދަލުކުރަމުން ވާހަކަ ދެއްކިއެވެ.

ކޮންތާކަށް ތި ދަނީ...؟ މައްސަލަ ޖެހުނީމަ ގެއިން ނުކުމެގެން ދިޔަޔަކަސް މައްސަލައެއް ހައްލެއް ނުވާނެ...! ދެމީހުން މިކަމާ ވާހަކަ ދައްކައިގެން މައްސަލަ ހައްލުވާނީ...! މިހާރު ނިދާގަޑިވެސް ޖެހުނީއެއްނު...! މިގަޑީގައި ދެން ބޭރަށް ނުދޭ ޕްލީސް...!" އައިލީން ވާހަކަ ދައްކަމުން ގެންދިޔައީ ރޮމުންނެވެ.

"ލައްކަ ގިނަ ދުވަހު އަހަންނަށް ނިދިއްޖެ...! އަދި ކިރިޔާ މި ހޭލެވުނީ...! ހޭލެވުނުއިރު މިއޮތީ ކަންތައް މުޅިންގޯސްވެފައި...! އެހެންވީމާ ދެން އިތުރަށް ނިދަންވީ ކީއްކުރަން...! މިހުރިހާ ދުވަހު ނިދާފަހުރީމަ އަހަންނަށް މިހުރިހާ ގެއްލުމެއް މިލިބުނީ..! ރާއިފު ކޮޓަރިން ނިކުންނަމުން ބުންޏެވެ.

އައިލީން ގޮވަގޮވާ ހުއްޓައި ރާއިފު ކޮޓަރިން ނުކުމެގެން ދިޔައެވެ. ރާއިފު ނުކުމެގެން ދިޔައިރު އެގޭގެ ބޭރުގައި ތަންކޮޅެއް ދުރުގައި އެގެޔަށް ފާރަލައިގެން މިފްޒާލް ހުއްޓެވެ. ރާއިފު ނުކުތްތަން ފެނުމާއެކު މިފްޒާލް ވަދެގެން ލިފްޓުން މައްޗަށް އަރައިގެންގޮސް ފޭބީ އައިލީންމެންގެ ފްލެޓަށެވެ. ދަންވަރުގެ ވަގުތު ކަމުގައި ވިޔަސް އައިލީން އާ ބައްދަލުނުކޮށް މިފްޒާލްއަކަށް ނުނިދުނެވެ. ގުޅާގުޅާ ފޯނުން ޖަވާބު ނުދޭތީ އޮތް ހަމައެކަނި ގޮތަކީ ބައްދަލުކުރަން އައުން ކަމުގައިވާތީ ބައްދަލު ކުރަން އައީއެވެ. މިފްޒާލް އަކީ ޖެހިލުން ކުޑަ މީހެއްކަމުން އެ ދަންވަރު ވެސް މިފްޒާލް ވަދެގެންދިޔައީ އެއްވެސް ޖެހިލުމެއް ނެތިއެވެ. އަދި ފްލެޓުން ބޭރުގައި އައިލީންގެ ކޮޓަރިއަށް ވާގޮތަށް ހުރި ލޫވަރދޮރު ކައިރިއަށް ހުއްޓިފައި އައިލީން މޯބައިލަށް ގުޅިއެވެ. އައިލީން ފޯނު ރިންގ ވުމާއެކު ފޯނަށް ބަލާލިއެވެ. މިފްޒާލްގެ ކޯލު އެވަގުތު ނަގާކަށް އައިލީން ބޭނުމެއް ނުވިއެވެ.

"މަ މިހިރީ ބޭރުން ލޯވަރ ކައިރީގައި...! ތިކޯލު ނަގާ...!" އައިލީން އަށް އިވުނީ ލޫވަރ ދޮރުގެ ބޭރުން މިފްޒާލްގެ އަޑެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 05 ސެޕްޓެމްބަރ، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް