ވާހަކަ: ޑައިރީ – ތިރީސް ތިންވަނަބައި

ކުރީގެ އަދަދާއި ގުޅޭ... "މިހާރަކަށް އައިސް އައިލީން އަބަދުހެން ހުންނަނީ ނެގިމަޑުވެފައި...! އަހަންނަށް ހީވަނީ ދަރިފުޅު ބައިގެން ދިޔައިމަ އެކަމާމެދު މާބޮޑަށް ވިސްނަނީހެން...! އޭނަ އޮފީހަށް ނޫން ތާކަށް ދ...

25 Jul 2024 | 05:57

ކުރީގެ އަދަދާއި ގުޅޭ...

"މިހާރަކަށް އައިސް އައިލީން އަބަދުހެން ހުންނަނީ ނެގިމަޑުވެފައި...! އަހަންނަށް ހީވަނީ ދަރިފުޅު ބައިގެން ދިޔައިމަ އެކަމާމެދު މާބޮޑަށް ވިސްނަނީހެން...! އޭނަ އޮފީހަށް ނޫން ތާކަށް ދާކަށް ބޭނުމެއް ނުވާނެ...! އެހެންވީމާ ތަނަކަށްވެސް ނުދެވިގެން މިއުޅެނީ...!" ރާއިފު ވާހަކަ ކުރިއަށް ގެންދިޔައެވެ.

"ދެންމެ ތި ބުނީއެއްނު، އިހަށް ރޭ ވެސް ފްރެންޑަކާއެކު ރެސްޓޯރަންޓަށް ދިޔަ ވާހަކަ...! އެހެންވީމާ އަދި ފިރިމީހާ އާއެކު ދާނެއެއްނު... ޙަޔާތުގައި ދިމާވާ މައްސަލަތަކަށް ފަސޭހައިން ހައްލު ހޯދޭނީ އެކަމާ ދެމީހުންވެސް މަޝްވަރާ ކޮށްގެން...!" ޙަސަން ހަނދާންކޮށްދިނެވެ.

"ތިބުނީވެސް ތެދެއް...! އަހަންނަށް ކީއްވެތަ ތި ވަރު ނުވިސްނުނީ؟ ތިކަމާ އަހަރެން އައިލީން އާ ވާހަކަ ދައްކާނަން...! އަހަންނަށް ހީވަނީ މާހައުލު ބަދަލަކޮށްލަން ދެތިން ދުވަހަކަށް ނަމަވެސް މިތާ ކައިރި ރަށަކަށް ޕިކްނިކެއް ހަދާލަން ދާންވީހެން...! އޭރުން އެކަންތައްގަނޑު ރަނގަޅުވެދާނެ ކަންނޭނގެ...!" ރާއިފު ވިސްނަމުން ގެންދިޔައީ ދެތިން ދުވަހަކަށް ރަށުން ބޭރަށް ދިޔުމަށެވެ.

ގެއިން ބޭރުގައި އުޅުމަށްފަހު މިފްޒާލް ގެއަށް އައިސްވަންއިރު މިފްޒާލްގެ މަންމަ ގެއަކު ނޫޅެއެވެ. މިފްޒާލް ހީކުރީ މަންމަ ބޭރަށް ދިޔައީ އަންޖަލްއާ ބައްދަލުކޮށް އަލުން އަންޖަލް ގެއަށް އާދޭތޯ ވާހަކަ ދެއްކުމަށް ކަމަށެވެ. މިފްޒާލް ކިތަންމެ ޤަބޫލު ކުރަން ބޭނުން ނުވިޔަސް އަންޖަލް ނެތުމުން މިފްޒާލްގެ ކަންތައްތައްވަނީ ބޮއްސުންލާން ފަށާފައެވެ. ކިތަންމެ ފުރިހަމައަށް ކަންތައްތައް ކުރަން މަންމަ ބޭނުންވިޔަސް މަންމަގެ ބަލިކަމުންނާއި، މުސްކުޅިވެ ގައިބާރު ދެރަވެފައިވާތީ، މަންމައަށް އެހާ ފުރިހަމައެއްކޮށް މިފްޒާލްއަކަށް ކަންތައްތަކެއް ކޮށެއް ނުދެވެއެވެ. ދާވެފައި ހުންނަ އަންނައުނުތައް ގިނަވާން ފެށިއެވެ. ދިރިއުޅުމުގެ އެކިއެކި ކަންކަން ވިއްސިވިހާލިވާން ފެށިއެވެ. ކޮޓަރިތެރެ ގޮނޑުވެ ތަރުތީބުވަނީ ގެއްލިފައެވެ. އަންޖަލް ގެއަށް ގެނައުމަށްއެދި މަންމަ ކުރަމުން ގެންދިޔަ ޝަކުވާ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވާން ފެށިއެވެ. ގެއަށް ވަދެއްޖިއްޔާ އެކިއެކި ކަންކަމާ ބޯހާސްވާން ފެށިއެވެ. އަންޖަލް ނެތަސް އެހާ އަވަހަށް ބޯ ހާސްވާން ފަށާފާނެ ކަމަކަށް މިފްޒާލް ހިއެއް ނުކުރެއެވެ. މިފްޒާލް ހިތަށް އަރަމުން ދިޔައެވެ. ގޭގެ އަންހެންވެރީން އެހާ މޮޅަށް ގެ އެކިއެކި ކަންކަން ބަލަހައްޓަނީ ކިހިނެއްހެއްޔެވެ؟ އަދި އަންޖަލް ނެތުމުގެ ފަޅުކަމާއި ހިތާމަ ފުރަތަމަ ފަހަރަށް މިފްޒާލްއަށް އިޙްސާސް ކުރެވެން ފެށިއެވެ. އެހެންނަމަވެސް އައިލީން މަތިން ހަނދާން ނައްތާލާނެހާ ހިތްވަރެއް މިފްޒާލް އަކަށް ނުލިބުނެވެ. އާދައިގެ މަތިން އެރޭވެސް ކޮޓަރިއަށް ވަދެ މިފްޒާލް ދޮރު ތަޅުލުމަށްފަހު ގޮސް އެދުގައި އޮށޯވެލިއެވެ. ފަސޭހަގޮތަކީ އެއީއެވެ. އެނދުގައި އޮށޯވެ ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. މުޅި ކޮޓަރިތެރެ އޮތީ ގޮނޑަކަށް ވެފައެވެ. ލާން ގެންގުޅޭ އަންނައުނު ތަކާއި، ކުރަހަން ގެންގުޅޭ އެކިއެކި ކުރެހުންތަކާއި ފިހިތައް ކޮޓަރީގެ އެތަންމިތަނަށް އުކާފައި ހުއްޓެވެ. މަދުވެގެން ހަފްތާއެކު ތިން ދުވަހު މިފްޒާލްގެ މަންމަ އެ ކޮޓަރި ސާފުކޮށް ކޮޓަރީގައި ހުރި ތަކެތި ތަރުތީބު ކުރާއިރުވެސް ކޮޓަރީގެ ހާލަކީ އެއީ އެވެ. މިފަދަ ފިކުރެއްގައި އެނދުގައި އޮއްވައި ފޯނުކުރީ ހުމައިދު އެވެ. އެރޭ އޮންނަ އޮފީސް ކުއްޖެއްގެ އުފަންދުވަހުގެ ޕާޓީއަކަށް މިފްޒާލް ދޭތޯ ބެލުމަށެވެ.

"އަހަރެންވެސް ތިޕާޓީއަށް ވަރަށް ދާހިތްވޭ...! އެކަމަކު ހިޔެއްނުވޭ އަހަންނަކަށް ދެވޭނެ ހެނެއް...! ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީ ބޭސްކައިގެން ޖައްސާލައިގެން މިއޮތީ...! ފާޑަކަށް ހުންވައްތަރުވެސް ވެފައި...! އަށެއް ޖަހާއިރަށް ކުޑަކޮންވެސް ރަނގަޅު ވެއްޖިއްޔާ ދެވޭތޯ މަސައްކަތް ކުރާނަން...!" ޕާޓީއަށް ނުދާންވެގެން މިފްޒާލް ބޮލުގައި ރިއްސާކަމަށްބުނެ ދޮގެއް ހަދާލިއެވެ.

އެކަމަކު ޙަޤީޤީ ސަބަބަކީ ޕާޓީއަށް ދާން ބަލާލާއިރު އިސްތިރިކޮށްފައިވާ ގަމީހެއްވެސް ފަޓުލޫނެއްވެސް ނެތުމެވެ. މިފްޒާލް އަކީ އަމިއްލަ ދުވަހަކުވެސް އެކަހަލަ ކަންކަން ކުރި މީހަކަށް ނުވާތީ ރީތިކޮށް އެއްޗެއްގެ ރޫ ފިލުވާލަންވެސް އެނގޭ މީހެއް ނޫނެވެ.

"ހަމަ ބޮލުގައި ރިއްސާތީތަ ތިހެން ތިބުނީ...! ނޫނީ ނުދާން ވެގެން ބަހަނާއެއް ދައްކަނީތަ....؟" ހީނލާފައި ޙުމައިދު ވާހަކަ ދެއްކިއެވެ.

"ކީއްކުރަން ބަހަނާއެއް ދައްކަންވީ...؟ ހަމަ ރަނގަޅަށް މިބުނީ ބޮލުގައި ރިއްސާތީ މިއުޅެނީ...." ކުޑަކޮށް ހީނލާފައި މިފްޒާލް ބުނެލިއެވެ.

"އަންހެނުން ނެތީމަ މީހުން އުޅޭ ހާލު އެނގޭތި މިހެން މިބުނީ...! ގިނަ ފަހަރަށް ދޮވެފަ ނޫނީ އިސްތިރިކޮށްފައި ލާނެ އެއްޗެއް ނުހުންނާނެ...! އަހަރެން ހީކުރީ އަނެއްކާ އެކަހަލަ ކަމެއް ކަމަށް...! އަހަންނަށް ފެނުނު ތަނުގައި އެކަހަލަ މީހުން އުޅެނީ ވަރަށް ހާލުގައި...! އެހެންވީމަ އަހަރެން ހީކުރީ މިފްޒާލްވެސް ތިއުޅެނީ ހަމަ އެހާލުގައި ކަމަށް...!" އަނެއްކާވެސް ހުމައިދު ހީނލާފައި ސަމާސާ ރާގަކަށް ބުނެލިއެވެ.

"އައްދޭ އަހަންނަކަށް ތި ވަރެއް ނުވާނެ... މަގޭ މަންމަވެސް އެބަހުއްޓޭ...! އެހެން ނޫނަސް އަހަންނަކީ އަނބިމީހާ ވަރިކޮށްފަ ފަހުން އާދޭސްކުރަންދާ ވައްތަރުގެ މީހެއްވެސް ނޫނެއްނު....! އަހަރެންނަށް ކަންކަން ކޮށްދޭން އެހެރީ އަހރެންގެ މަންމަ...! ހަމަ ބޮލުގައި ރިއްސާވަރުން ކޮޅަށް ހުންނަންވެސް ނުކެރިގެން މިރޭ މިއޮތީ..." މިފްޒާލް ވާހަކަ ދައްކަމުން ގެންދިޔައެވެ.

"ހަމަ ހެޔޮއެދޭ ރައްޓެއްސެއްގެ ހައިސިއްޔަތުން ވާހަކައެއް ބުނެފާނަން...! ތިގޮތަށް އަމިއްލަ ދިރިއުޅުން ހަލާކުކޮށްލަން ދޫކޮށްލުމަކީ ބުއްދިވެރި ކަމެއް ނޫން...! މިކަމާ ވިސްނާލުން ބުއްދިވެރިވާނެ...!" ޙުމައިދުގެ ޖުމްލަ މެދުކަނޑާލީ މިފްޒާލް އެވެ.

ތި ދައްކަނީ އަހަރެން ތާއީދުކުރާ ފިލޯސަފީއެއް ނޫން...! ކޮބާ މީގައި އަހަރެންގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ދޫކޮށްލެވިފައި...! އަހަރެން ދިރިއުޅެމުން މިގެންދަނީ ނުލާހިކު އުފާވެރިކޮށް...! އަހަރެން މީހަކާ ކައިވެނި ކުރުމުގެ ކުރިންވެސް އަހަންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދިނީ އަހަރެންގެ މަންމަ...! މިހާރުވެސް އެމަންމަ އެބަހުއްޓޭ...!" ހިތްހަމަ ނުޖެހިފައިވާ ރާގެއްގައި މިފްޒާލް ވާހަކަ ދެއްކިއެވެ.

"އެންމެ ރަނގަޅު....! އަހަންނަށް މިފްޒާލް ހިތްހަމަ ނުޖެހޭ އެއްޗެއް ބުނެވުނުނަމަ އެކަމަށްޓަކައި ވަރަށް ބޮޑަށް މަޢާފަށް އެދެން...! ޕާޓީއަށް ދަންޏާ ޚަބަރެއް ވައްޗޭ...!" ފޯނު ބާއްވަމުން ޙުމެއިދު ބުނެލިއެވެ.

ޙުމެއިދު ފޯނު ބޭއްވުމުން ޙުމެއިދު ދެއްކި ވާހަކަތަކާމެދު މިފްޒާލް ވިސްނާލިއެވެ. ދެންވާނީ ކިހިނެއް ހެއްޔެވެ؟ ރައްޓެހިންނާ ދިމާވެ އެމީހުންނާއެކު ވޭތުކުރާ އުފާވެރި ވަގުތުތަކުން މަޙުރޫމުވެގެން ގެއިން ބޭރަށް ނުގޮސް މިފްޒާލް އޮންނަންވީ ހެއްޔެވެ؟ އަގުބޮޑު ސެންޓުތައް ގަޔަށް ޖަހައިގެން ރައްޓެހީންނާއެކު ހޭދަކުރި އުފާވެރި ހަޔާތް ނިމުނީ ހެއްޔެވެ. ކުރިމަތީގައި ދެންއޮތީ ފިކުރުތަކުން ފުރިގެންވާ ހިތްދަތި ދިރިއުޅުމެއް ހެއްޔެވެ. އައިލީން މަޑުމަޑުން އަހަރެންދެކެ ފޫހިވީ އެހެންވެގެން ބާއެވެ. އެހެން ނަމަވެސް އަހަރެންގެ މީހަކަށް އައިލީން ހެދުމަށް ކުރެވެންހުރި ހުރިހާ ކަމެއް އަހަރެން ކުރާނަމެވެ. އައިލީން އެދުނު ފަދައިން އަލުން އަންޖަލް ގެއަށް ގެނައުމަށް މިފްޒާލް ގަސްދުކުރިއެވެ. އެހެން ނަމަވެސް މިފްޒާލްގެ ބޭނުމަކީ އަންޖަލް އަށް ލޯބި ދިނުމެއް ނޫނެވެ. އައިލީންގެ ސަމާލުކަމާއި އޯގާތެރިކަން ހޯދުމެވެ. މިފްޒާލް ފޯނު ނެގުމަށްފަހު އަންޖަލްގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ. ފޯނު ރިންގ ވުމަށްފަހު ފޯނު ކެނޑުނީއެވެ. އެހެން ނަމަވެސް މިފްޒާލްގެ އަޒުމަކަށް ބަދަލެއް ނާދެއެވެ. އަނެއްކާވެސް އެ ނަންބަރަށް ޑައިލް ކޮށްލިއެވެ.

މިފްޒާލް، ކީއްކުރަން އަހަންނަށް ތިގުޅީ...؟" ޙައިރާންވެފައި އަންޖަލް ސުވާލު ކުރިއެވެ.

ކިހިނެތްވީ....؟ އަހަރެން ގުޅައިގެން ނުވޭތަ...؟ މައްސަލައެއްތަ އަހަރެން ގުޅުމަކީ....؟" މިފްޒާލް މަޑުމަޑުން އޯގާތެރިކަން ދެއްކުމުގެ ގޮތުން ދެތިން ސުވާލުކޮށްލިއެވެ.

"ކޮން ހައިސިއްޔަތަކުން އަހަންނަށް ތިގުޅީ...! އަހަރެން މިއީ މިފްޒާލްގެ އަންބެއްވެސް ނޫނެއްނު..!" ހިތްހަމަ ނުޖެހިފައި ހުރެ އަންޖަލް ވާހަކަ ދެއްކިއެވެ.

"އަހަރެން ކޮންއިރަކު އަންޖަލް ވަރިކުރީ...؟ އަންޖަލް ގެއިން ނުކުމެގެން ދިޔައީ އަމިއްލައަކަށްނު....!" މިފްޒާލް އަދިވެސް ބެލީ އަންޖަލްއަށް އޮޅުވާލެވޭތޯ އެވެ.

"އާނ...! އަހަރެން ތިގެއިން ނުކުމެގެން އައީ އަމިއްލައަށް....! އޭގެ ފަހުން އަހަންނަށް ނޭނގުނަސް އަހަރެން މިހާރު އިނީ ވަރިކޮށްފަ ކަމަށްބުނީ މިފްޒާލްގެ މަންމަ...! އަހަންނަކަށް ހީއެއްނުވެ މިފްޒާލްގެ މަންމަ އަހަރެން ގާތުގައި އެހާބޮޑު ދޮގެއް ހަދާފާނެ ކަމަކަށް...! އަދި އެއީ ދޮގެއް ކަމުގައި ވަންޏާ ކައިވެނި އަލުން ރުޖޫޢު ކުރަން މިފްޒާލް ބޭނުންވެއޭ މަންމަ ބުނަންވީ ކީއްކުރަން...؟" އަންޖަލްއަށް އެނގިފައިވާ މަޢުލޫމާތު އަންޖަލް ބުނެދިނެވެ.

"އެންމެ ރަނގަޅު އަހަރެން އަންޖަލް ވަރިކޮށްފަޔޯ ތިހިރީ...! އެހެންވީމާ އަންޖަލްގެ ހާލު ބަލާލަން އަހަރެން ގުޅާލުމަކީ މައްސަލައެއްތަ....؟" މިފްޒާލް މަސައްކަތް ކުރަމުން ދިޔައީ އަންޖަލް އާއި ވާހަކަ ދެއްކޭތޯ އެވެ.

"ނޫނޭ މައްސަލައެއް ނޫން....! ކިހިނެތްވީ...؟" އަނެއްކާވެސް އަންޖަލް ކޮށްލީ ސުވާލެކެވެ.

"ކަމެއްނުވޭ...! މިތާ އޮއްވާ ހަމަ ކުއްލިއަކަށް އަންޖަލް މިސްވީ...! އެހެންވެ ހަމަ ހިތަށްއެރީ އަންޖަލްގެ ހާލު ބަލާލަން ގުޅާލަން ވެއްޖެއޭ...! މިގަޑީގައި އަނެއްކާ ބިޒީތަ..." އޯގާތެރި ރާގަކަށް މިފްޒާލް ވާހަކަ ދައްކަމުން ގެންދިޔައެވެ.

"ނޫނޭ..." ބިޒީއެއް ނޫން...! އެކަމަކު މިސްވީއޭ ބުނީމަ އަހަރެން ވަރަށް ހައިރާން ވެއްޖެ..!" އަންޖަލް ކެތްތެރިކަމާއެކު ޖަވާބެއް ދިނެވެ.

ޙަޤީޤަތުގައިވެސް މިފްޒާލް ދެކެ އަންޖަލް ވަރަށް ލޯބިވެއެވެ. އަންޖަލް، މިފްޒާލް އާ ކައިވެނި ކުރަން އުޅުނުއިރު މިފްޒާލްގެ މަންމަ މިފްޒާލް އާ ބެހޭ ގޮތުން އަންޖަލް އާއި ވާހަކަ ދެއްކިއެވެ. އަދި މިފްޒާލް އަކީ ޞިއްޚީ ގޮތުން އެތައް މައްސަލަތަކެއް ހުންނަ މީހެއް ކަމަށާއި، ކައިވެނި ކުރުމުގެ ކުރިން އެކަމަށް ވިސްނާލުމަށް ބުނެފައިވާކަން އަންޖަލް އަބަދުވެސް ހަނދާން ކުރެއެވެ.. އެހެން ނަމަވެސް އެހުރިހާ ކަމެއް އެހެން ހުރި ކަމުގައިވިޔަސް އަންޖަލް މިފްޒާލް އާއި ކައިވެނި ކުރީ މިފްޒާލް ދެކެ އިންތިހާއަށް ލޯބިވާތީ މިފްޒާލްގެ އެހުރި އުނިސިފަތައް އިޞްލާޙުކޮށް މިފްޒާލް އާއެކު ރަނގަޅު، އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ކަމުގެ ފޮނި އުއްމީދުގައެވެ. ފުރަތަމަ ދުވަހެކޭ އެއްގޮތަށް އަދިވެސް އަންޖަލް މިފްޒާލް ދެކެ ވަރަށް ލޯބިވެއެވެ. މީހަކު، މީހަކު ދެކެ ފޫހިވެ ރުޅި އަންނާނެނަމަ އަންޖަލް، މިފްޒާލް ދެކެ ރުޅިއަންނާނެ އެތައް މަންޒަރުތަކެއް އަންޖަލްއަށްވަނީ ފެނިފައެވެ. އަތައް އަޑުތަކެއް އަންޖަލް އަށް ވަނީ އިވިފައެވެ. އެހުރިހާ މަންޒަރުތަކަކާއި، އަޑުތަކުގެ ވާހަކަ އަންޖަލް އޭނާގެ ޑައިރީގައި ރައްކާކޮށްފައި ވާނެއެވެ. އެ ޑައިރީ ކިޔާލުމުން މީހެއްގެ ހިތް ފަޅައިގެންދާވަރުގެ ވާހަކަތައް އެޑައިރީގައި ރައްކާކޮށްފައިވެއެވެ. އަންޖަލް، މިފްޒާލްމެންގެއިން ނުކުމެގެން އައީ މިފްޒާލް ދެކެ ލޯބި ނުވާތީއެއް ނޫނެވެ. އެއްޗެއް ވިސްނިގެން މިފްޒާލް އިސްލާޙް ވޭތޯ އެވެ.

"ހިނގާބަލަ ރެސްޓޯރަންޓަކަށް ގޮސްލަން ވާހަކަ ދައްކާލަން...!" މިފްޒާލް މަޤްޞަދު ކާމިޔާބު ކުރުމަށްޓަކައި ދުރުދުރުން މަސައްކަތް ފެށިއެވެ.

"އިނދެގެން އުޅުނުއިރު އަހަންނާއެކު ރެސްޓޯރަންޓަކަށް ދާން ވަގުތު ނުވި މީހަކަށް ވަރިވީމާ އަހަންނާއެކު ރެސްޓޯރަންޓަކަށް ދާން ކީއްކުރަން...! އަހަރެން ނުދާނަން..." އަންޖަލް ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 28 ޖުލައި، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް