ވާހަކަ: ޑައިރީ – ތިރީސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... އޮފީސްތެރޭގައި އަޑުގަދަކަމުން މިފްޒާލް އަށް އުނދަގޫވިއެވެ. ވާހަކަ ދައްކަން ބޭނުންވާ ރާގެއްގައި ވާހަކައެއް ނުދެއްކެއެވެ. ބުނަން ބޭނުންވާ އެއްޗެއްވެސް ނުބުނެވެއެވެ. މިފްޒާލް ފޯނު...

18 Jul 2024 | 05:50

ކުރީގެ އަދަދާއި ގުޅޭ...

އޮފީސްތެރޭގައި އަޑުގަދަކަމުން މިފްޒާލް އަށް އުނދަގޫވިއެވެ. ވާހަކަ ދައްކަން ބޭނުންވާ ރާގެއްގައި ވާހަކައެއް ނުދެއްކެއެވެ. ބުނަން ބޭނުންވާ އެއްޗެއްވެސް ނުބުނެވެއެވެ. މިފްޒާލް ފޯނު ކަނޑާލުމަށްފަހު ނިކުތީ ބޭރަށެވެ. ބޭރަށް ނުކުމެ އަނެއްކާވެސް މޯބައިލް ފޯނުން އައިލީން އަށް ފޯނުކުރިއެވެ.

"ކީއްވެ ދެން އަންޖަލް ވަރިކުރީ...؟ އަހަރެން ވަރަށް ދެރަވެއްޖެ....! އަހަރެން ހީއެއް ނުކުރަން އެކަހަލަ ކަމެއް މިފްޒާލް ކުރާނެ ކަމަކަށް...." އައިލީން ފޯނުނެގި ގޮތަށް ބުނެލިއެވެ.

"އަދިވެސް ނޭނގޭތަ ކީއްވެ ކަމެއް...؟ ހާދަ އެއްޗެއް ނޭނގޭ ކަމަށް ތިހަދަނީ... ނޭނގެއްޏާ އަޑުއަހާބަލަ...! އަހަރެން އަންޖަލް ވަރިކުރީ އައިލީން އާ ހެދި...! އެކަމެއް އައިލީންއަކަށް ހަމަ ނޭނގޭތަ...؟ ނޫނީ އެނގޭ ކަމަށް ހަދަން ބޭނުން ނުވަނީތަ...؟ އަހަރެން ހޭލާ ހުންނައިރުވެސެ އަދި ނިދާފަ އޮންނައިރުވެސް އައިލީންއަށް ގޮވޭތީ...! އަހަރެން ބޭނުމެއް އެއަޑުތައް އިވިގެން އެކަމުގެ ސަބަބުން އަންޖަލް އަށް ހިތްދަތިކަމެއް ލިބޭކަށް...! ތެދެއް ބުނަންތަ...؟ އަހަންނެއް ނޫނޭ އެ ކަމުގައި ޒިންމާވާން ޖެހޭނީ...! އެކަމުގައި ޒިންމާވާން ޖެހެނީ ހަމަ އައިލީން.... އައިލީން އާހެދި އެހެން ކަންތައްވީ...!" ތަންކޮޅެއް ބާރަށް މިފްޒާލް ބުނެލިއެވެ.

މިފްޒާލް އެބުރީ ތެދެއްކަން އައިލީން އަށް ގަބޫލުވެސް ކުރެވުނަސް އެކަން ޤަބޫލު ކުރާކަށް އައިލީން ބޭނުމެއް ނޫނެވެ.

"ހެޔޮނުވާނެ ތިހެން ނުބުނޭ...! ތިކަމުގެ ޒިންމާ އަހަރެންގެ ބޮލުގައި ނާޅުވާ...! ތިއީ ފުރިހަމަ އިންސާނެއް...! ވިސްނޭ ބޮޑު ފިރިހެނެއް...! ހެޔޮނުބައި ވިސްނޭނެ..." އައިލީންގެ ވާހަކަ މެދުކަނޑާލީ އަނެއްކާވެސް މިފްޒާލް އެވެ.

"ދެން ކީކޭ އަހަރެން ބުނަންވީ...؟ ނުލާހިކު އުފާވެރިކޮށް އުޅެމުން އައި ޢާއިލާއެއް އައިލީން ތި ރޫޅާލީ...! އަދި ޢާއިލާ ރޫލާލާފައި މިހާރު އެކަމުން ރެކެން ވެގެން މާ މާތް މިހަކަށް ވެގެން ހުންނަން ތި ބޭނުންވަނީ...! އައިލީން ތިހެން ކަންތައްތައް ކުރީމަ އެކަމުން އަހަންނަށް މި ލިބުނީ ކިހާބޮޑު ގެއްލުމެއް...! އަހަރެންގެ ޢާއިލާ މި ރޫޅުނީ..! އައިލީން ހަމަ އުފަލުގައި ރާއިފު އާއެކު ތިއުޅެނީ....! އެ ފަހަރު މިފްޒާލްގެ އަޑުގައިވާ ހިތްދަތިކަމަކީ ޙަޤީޤަތެއް ނޫނެވެ.

އައިލީންގެ ސަބަބުން މިފްޒާލްގެ ޢާއިލާ ރޫޅުނީއޭ ބުނުމަކީ އައިލީން އަޑުއަހަން އެންމެ ބޭނުން ނުވި ޖުމުލައެވެ. އެހެންނަމަވެސް މީހުންގެ ސަމާލުކަން ހޯދުމަށާއި، މީހުން ދެރަކުރަން މިފްޒާލް ވަރަށް ކުޅަދާނައެވެ. އައިލީންގެ ބޮލުގައި އެ ތުހުމަތު އެޅުވުމުގައި މިފްޒާލް ކާމިޔާބު ހޯދިއެވެ.

"އެންމެ ރަނގަޅު....! އަހަންނަށް ތިވަރުގެ ބޮޑު ކަމެއް ކުރެވިފައިވާނަމަ އަހަންނަށް މާފު ކުރޭ....!" ގިސްލެވިފައި އިނދެ އައިލީން ވާހަކަ ދެއްކިއެވެ.

"މާފުކުރާށޭ ބުނީމަ މާފުކުރެވޭ ވަރު ކަމެއްތަ އެއީ...؟ އައިލީން އަހަންނަށް ހަދާލިގޮތް ވިސްނާލަބަލަ...! އަހަރެން އެކަނިވީ ވަރު އައިލީންއަށް އިޙްސާސް ކުރެވޭތަ...؟" އަނެއްކާވެސް އައިލީންގެ ޙަމްދަރުދީ ހޯދުމުގެ ބޭނުމުގައި މިފްޒާލް ބުނެލިއެވެ.

"ދެން ތިކަމަށް އަހަންނަށް މާފު ލިބޭނެގޮތަކީ ކޮބާ...؟ ބުނެބަލަ....!" އައިލީން ބޭނުންވަނީ އެއީ އައިލީން އަށް ކުރެވުނު ކުށެއް ކަމުގައިވާނަމަ އެކަމަށް މާފަށް އެދުމަށެވެ.

"ރާއިފު ކައިރިން ވަރިވެގެން އަހަރެން ކައިރިއަށް އާދޭ...! މިނޫން އެއްވެސް އިތުރު ގޮތެއް ނޯންނާނެ...!" އެއްވެސް ޖެހިލުމެއްނެތި މިފްޒާލް ބުނެލިއެވެ.

އައިލީން ވަގުތުން ފޯނު ކަނޑާލިއެވެ. މުޅި ދުވަހު އައިލީން އެ ކަމާމެދު ވިސްނިއެވެ. ހިތަށްއެރިއެވެ. މީހަކަށް ދެރައެއްދީފައި ތިމާއަކަށް އުފަލުގައެއް ނޫޅެވޭނެއެވެ. ދަރިފުޅު ބައިގެންދިޔައީވެސް އެހެންވެބާއެވެ. އަނެއްކާ ދެން ވާންއޮތީ ކިތައް ކަންތައްބާއެވެ؟

]އެކަމަކު ދަރިފުޅާ....!" މަންމަގެ އަޑަށް އައިލީން ދިޔައީ ސިއްސައިގެންނެވެ.

އައިލީން އޭރު އިނީ ފިޔާތަކެއް ކޮށާށެވެ. ޚިޔާލަކަށް ގެއްލިފައި އިންވަރުން އިނގިލި ކަނޑައިގެން ގޮސްގެން އޭރު އިނގިލިން ލޭ އަންނަމުން ދިޔައެވެ.

"އިނގިލި ކަނޑައިގެން ގޮސްގެން ލޭ ތި އަންނަނީ....! ތިކަހަލަ މަސައްކަތްތައް އަދި ދަރިފުޅަކަށް ނުކުރެވޭނެއޭ...! ހިނގާ ތި އިނގިލީގައި ބޭހެއް އަޅަން...!" އައިލީންގެ މަންމަގޮސް އައިލީން އަތުން ވަޅި އަތުލަމުން ބުނެލިއެވެ.

އައިލީންގެ މަންމަ ހީކުރީ ދަރިފުޅު ބައިގެން ދިޔުމާއި އަދި އިތުރު ދަރިޔަކު ނުލިބޭނެ ކަމަށް ޑޮކްޓަރު ބުނެފައިވާތީ އެކަމާ އައިލީން ފިކުރު ކުރަނީ ކަމަށެވެ.

"ދަރިފުޅު މާބޮޑަށް ތިވިސްނަނީ....! އެހާބޮޑަށް ނުވިސްނާ މަޑުމަޑުން މީހުންގެ ތެރެއަށް ނުކުމެ އުޅެން ފަށާބަލަ...! އޭރުން ތިކަންތައް މަޑުމަޑުން ހަނދާން ނެތިދާނެ..." އައިލީން އަތުގައި ބެންޑޭޖު ކޮޅެއް އައްސައިދެމުން އައިލީންގެ މަންމަ ބުނެލިއެވެ.

ރޭގަނޑުގެ ވަގުތެވެ. އައިލީން އޮތީ އެނދުގައި ފިކުރެއްގެ ތެރެއަށް ގެއްލިއެވެ.

"ދެން ނުވިސްނާ ނިދޭތޯ ބަލާބަލަ....! މިހާރު ދެގަޑި ބައިވަނީޔޭ.... މަންމަވެސް ބުނެފި އައިލީން އަބަދަވެސް އޮންނަނީ ކޮންމެވެސް ކަމަކާ ވިސްނާށޯ... އެހެން ނަހަދަބަލަ...!" އެނދުގައި އޮތް ރާއިފު އައިލީންގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

"ކިހިނެތް އަހަރެން ނުވިސްނާ އޮންނާނީ..! އަހަންނަށް ހީވަނީ އަހަރެން އެކަމުގައި ޒިންމާވާން ޖެހޭނެހެން..." އައިލީން މަޑުމަޑުން ބުނެލިއެވެ.

"ކީއްވެ ތިހެން ތިބުނީ...! އެއީ އެކްސިޑެންޓެކޭ...! ގަސްދުގައި އައިލީން ވެއްޓުނީކީ ނޫނެއްނު...! އެކަމާ ނުވިސްނަބަލަ...! ކޮންމެ ކަމެއްވެސްވާނީ ރަނގަޅަކަށޭ...." ރާއިފު، އައިލީން އަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.

"އެކަމަކު ކީއްވެތަ އަހަންނަށް ހީވަނީ އަހަރެންގެ ސަބަބުންނޭ އެކަން އެހެން އެދިމާވީ...؟" އައިލީން ވިސްނުމެއްގެ ތެރޭގައި އޮވެގެން ދައްކަމުން ގެންދިޔައީ މުޅިން އެހެން ވާހަކައެކެވެ.

"ޤަބޫލު ކޮށްބަލަ....! އައިލީން ދުވަހަކުވެސް މީހަކަށް ދެރައެއް ދީފައި އޮތީކީ ނޫނެއްނު....! އެހެންވީމަ އެކަހަލަ ކަމެއް ގަސްތަކު ނުވާނެ އެއްނު....! އެކަމާ ދެން އެހާބޮޑަށް ނުވިސްނާ ނިދޭތޯ ބަލާބަލަ...!" އޯގާތެރިކަމާއެކު ރާއިފު ބުނެލިއެވެ.

ދެތިން ހަފުތާ ފަހެވެ. އައިލީން މަޑުމަޑުން ހަމައަކަށް އެޅެމުންގޮސް ވަރަށްބޮޑުތަން ރަނގަޅު ވެއްޖެއެވެ. ދުވަސްތަކަކަށްފަހު މިރެއަކީ އައިލީން ޑިއުޓީއަށް ނުކުތް ރެއެވެ. މިފްޒާލްއަކީ އަބަދުވެސް އައިލީން އަށް ފާރަލާ މީހަކަށްވާތީ އައިލީން ޑިއުޓީއަށް ނުކުތްކަންވެސް މިފްޒާލް އަށް އެނގެއެވެ. އައިލީން އުޅުނީ ޕްރޮގްރާމެއް ރެކޯޑް ކުރުމަށްޓަކައި ގެންނަން ޖެހޭ މެހްމާނަކަށް ފޯނު ކުރުމަށެވެ. އެވަގުތު އައިލީންގެ މޯބައިލް ރިންގ ވުމާގުޅިގެން ފޯނަށް ބަލާލިއެވެ. އޭރު ފޯނު ކުރަނީ މިފްޒާލް އެވެ. އައިލީން އެފޯނު ނަގާކަށް ބޭނުމެއް ނުވިއެވެ. ތިން ހަތަރު ފަހަރު ރިންގ ވުމަށްފަހު ފޯނު ކެނޑުނީއެވެ. އެހެން ނަމަވެސް އިތުރު ދެފަހަރު ފޯނު ކުރުމުންވެސް އައިލީން ފޯނު ނަގާކަށް ބޭނުމެއް ނުވިއެވެ. އޭގެ ގާތްގަޑަކަށް ދިހަވަރަކށް މިނިޓްފަހުން އޮފީސް ފޯނަށް ފޯނެއް އަންނާތީ އައިލީން ފޯނު ނެގިއެވެ. ފޯނުކުރީ މިފްޒާލް އެވެ. މިފްޒާލް އެދުނީ އެރޭ މިފްޒާލް އާ ބައްދަލު ކުރުމަށެވެ. އައިލީން ބައްދަލު ނުކުރަން ވެގެން އެތައް ބަހަނާއެއް ދެއްކުމުންވެސް އެންމެ ފަހުން މިފްޒާލް ގޮތް ދޫނުކުރުމުން މިފްޒާލްއާ ބައްދަލު ކުރުމަށް އައިލީންއަށް ދާން މަޖުބޫރުވިއެވެ.

އައިލީން ރެސްޓޯރަންޓަށް ވަދެގެން ދިޔައިރު އެ ރެސްޓޯރަންޓްގެ އެއްފަރާތުގައި ހުރި މޭޒެއްގެ ދޮށުގައި މިފްޒާލް އިށީނދެލައިގެން އިނެވެ. އައިލީން މަޑުމަޑުން ހިނގާފައިގޮތް އެ މޭޒުގެ އަނެއް ފަރާތުގައި ހުރި ގޮނޑީގައި އިށީނެވެ.

"އަހަރެން ވަރަށް އުފާވެއްޖެ އައިލީން އައީމަ...! އަހަރެން ބޭނުން ހަފުތާއަކު އެއްރޭ ނަމަވެސް މިގޮތަށް މީޓުވެލަން...!" އައިލީން އާ ދިމާއަށް ބަލާލަމުން މިފްޒާލް ބުނެލިއެވެ.

"މިފްޒާލްއަށް އެނގެއެއްނު މިއީ އެހާ ފަސޭހަކަމެއް ނޫންކަން...! މިހެން ތިއްބަ ކޮންމެ ވަގުތަކުވެސް މިފްޒާލްގެ ރައްޓެއްސަކަށް ފެނިދާނެ...! ކީއްކުރަންތަ މިތަނަށް އަންނަން ތިބުނީ...!" އައިލީން ބޭނުންވީ އަވަސް ކޮށްލައިގެން ގެއަށް ދާށެވެ.

"އަހަރެން ބުނީމަ މިތަނަށް ތިއައީ....! އޭގެ މާނައަކީ އައިލީން އަހަރެން ދެކެ ލޯބިވެއޭ...! އައިލީން ބޭނުމެއްނުވޭ އަހަރެންގެ ހިތުގަ ޖައްސާކަށް...! އެކަމަކު ތި ގޮތަށް އައިސްލާފަ ހަމަދިޔަކަސް އަހަރެން އުފަލެއް ނުވޭ...! އަހަރެން މިހާރު ހާދަ އެކަނިވެއޭ މިހެން އުޅެއުޅެފައި ގެޔަށް ވަންނަވަގުތު ފޫހިވެގެންގޮސް ހަލާކުވޭ...!" މޫނުމައްޗަށް ހިތާމައިގެ އަސަރު ގެންނަމުން މިފްޒާލް ވާހަކަ ދެއްކިއެވެ.

"އެކަމަކު ތިކަމުގައި އަހަރެން ދެން ކީއްކުރާނީ...؟ އަހަރެންގެ ފިރިމީހާ މިހާރު އަހަންނަށް ވަރަށް ރަނގަޅު...! އަހަންނަކަށް ނުކެރޭނެ އޭނައަކަށް ދެރަގޮތެއްވާން ދޫކޮށްލާކަށް....!" އިސްދަށަށް ޖަހައިގެން އިނދެ އައިލީން ބުނެލިއެވެ.

"އަހަންނަށް ދެރަގޮތްވާން ދޫކޮށްލަން އައިލީން އަށް ކެރިއްޖެދޯ އެކަމަކު...." އަހަރެން ބޭނުމެއް ނޫން އަހަރެންގެ ކުރިމަތީގައި އިނދެގެން ރާއިފުގެ ރަނގަޅު ވާހަކަ ދައްކާކަށް....! އޭނަގެ ވާހަކަ ދައްކައިގެން އައިލީން ބޭނުންވަނީ އަހަރެން އިތުރަށް ދެރަކުރަންތަ...؟ އޭނަގެ ރަނގަޅުކަން ތި އެނގެނީ އޭނަ ގާތުގަ ހުންނާތީއޭ...! އަހަންނަށް ވެސް އަބަދު އައިލީން ގާތުގައި ހުންނަން އެ ފުރުޞަތު ދީބަލަ....! ކޮންމެހެން ދޭތެރެޖައްސާކަށް ނޫން އަހަރެން މި އުޅެނީ... އެކަމަކު ރާއިފު އަކަށް ނޭނގެއެއްނު އޭނާ އުފާކުރާ ވަގުތު އެކަމުގެ ސަބަބުން އައިލީންގެ ހިތުގައި ޖެއްސޭއިރުވެސް...!" މިފްޒާލް މަސައްކަތް ކުރަމުން ގެންދިޔައީ ދޭތެރެޖެއްސޭތޯ އެވެ.

އައިލީންގެ ވާހަކަތައް ހުރި ގޮތުން ދެންމެ ދެންމެ އޭނާގެ ޚިޔާލު އަނބުރާލެވިދާނެހެން ވެސް މިފްޒާލްއަށް ހީވިޔަސް އެކަން އެހެނެއް ނުވިއެވެ.

"ތިކަހަލަ ވާހަކަތައް ދެން ނުދައްކާ...! ތިވާހަކަތައް މިހާރަކު އަހަރެން އަޑުއަހާ ހިތެއް ނުވޭ...! އަހަރެން ކުށެއް ކޮށްފައިވާނަމަ އެކަމުގެ ޒިންމާ އުފުލަން އަހަރެން މިހިރީ ތައްޔާރަށް....! އެކަމަކު އެ ކަމުގެ ބަދަލުގައި ދެވޭނެއެއްޗެއް އަހަރެންގެ އަތަކު ނެތް...!" އައިލީން އިސްދަށަށް ޖަހައިގެން އިނދެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

"ބަދަލުގައި ދެވޭނެ ވަރަށް މުހިންމު އެއްޗެއް އެބައޮތް....! އަހަރެން އައިލީން ދެކެ ލޯބިވާ ވަރަށް އައިލީންވެސް އަހަންނަށް ލޯބި ދީބަލަ...! އެވަރުން އަހަންނަށް ފުދޭނެ...!" އެއްވެސް ޖެހިލުމެއް ނެތި މިފްޒާލް ބުނެލިއެވެ.

"މިފްޒާލް ތި ބުނަނީ އަހަރެންދެކެ ލޯބިވެއޭ...! އެންމެ ރަނގަޅު....! އަހަންނަށްޓަކައި ކިހާ ބޮޑުކަމެއް ކުރަން ކެރިދާނެ....؟"

މިފްޒާލް އާ ދިމާއަށް ބަލާލުމަށްފަހު އައިލީން ބުނެލިއެވެ.

"އައިލީން ބުނެބަލަ...! އައިލީން ބުނި ކޮންމެ ކަމެއް ކޮށްދެވޭތޯ އަހަރެން ބަލާނަން...! ފުރާނަ ދޫކޮށްލަންވެސް އަހަރެން މިހިރީ ތައްޔާރަށް....! އައިލީންގެ ލޯތްބައްޓަކައި އަހަންނަށް ނުކުރެވެނޭވަރުގެ ކަމެއް އައިލީން އަކަށް ނުބުނެވޭނެ...!" ޔަޤީން ކަމާއެކު މިފްޒާލް ބުނެލިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 21 ޖުލައި، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް