"ދެއަތްންބަށް މީހަކާ އިންނަން ބޭނުންނަމަ އެކަން ހަނދާން ނައްތާލާ....! ހުއްދަ އޮންނަ ނަމަ އަހަރެން ދެފިރިން ގެންގުޅެން މިފްޒާލް އެއްބަސްވާނަންތަ....؟ ޔަޤީން، ނުވާނެ....! އަހަރެން ދެއްކި ވާހަކަ މިފްޒާލަށް އަޑު އިވުނުތަ....؟ އަހަރެން ބުނީ ތިކުޅޭ ކުޅިގަނޑު މިފްޒާލަށް ހުއްޓާލެވޭނެހޭ....؟ އަޅެ ބުނެބަލަ، ހުއްޓާ ލެވޭނެތަ....؟" މިފްޒާލް އާއި ދިމާއަށް ބަލަންހުރެ އަންޖަލް ވާހަކަ ދެއްކިއެވެ.
އަންޖަލް ދެފަހަރަށް އެސުވާލު ކުރުމުންވެސް އެކަމަށް މިފްޒާލް އެއްވެސް ޖަވާބެއް ނުދެއެވެ. އަންޖަލް ބެލީ ޖަވާބެއް ނުދިނުމަކީ ނޫނެކޭ ކަމުގައެވެ.
"އެންމެ ރަނގަޅު...! ޖަވާބު ލިބިއްޖެ...! އެހެންވީމާ ތީގެ މާނައަކީ އަހަރެން މަންމަމެން ގެއަށް ދާށޭ....! އަހަރެން މިދަނީ އެހެންވީމާ...." އަލަމާރި ހުޅުވާލަމުން އަންޖަލް ބުނެލިއެވެ.
"ތިހެން ނުކުމެގެން ދިޔައިމަ އަހަރެން މީހުންނަށް ދައްކާނީ ކޮން މޫނެއް....! އަހަރެންގެ މަންމަމެން ކައިރީ އަހަރެން ބުނާނީ ކީކޭ...! އަންޖަލް އާއި ދިމާއަށް ބަލަންހުރެ މިފްޒާލް ބުނެލިއެވެ.
ޙަޤީޤަތުގައި އަންޖަލްވެސް އެގެއިން ދާކަށް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް މިފްޒާލް އަށް ފިލާވަޅެއް ދިނުމުގެ ގޮތުން ނަމަވެސް އަންޖަލް އަށް އެގެއިން ނުކުންނަށް މަޖުބޫރު ވީއެވެ.
"މިފްޒާލް މަންމަ ގާތުގައި ބުނޭ އެއްވެސް ކަމެއް ނުވެ، ހަމަ އަހަރެން ނުކުމެގެން ދިޔައީއޭ....! އޭރުން ކުށްވެރިވާނީ މަށެއްނު....! ތިއީ އެހާ ފިނޑި މީހެއް ނޫނެއްނު...! އެހެންވީމާ މަންމަ މެންނަށްވެސް ދޭނެ ޖަވާބެއް އޮންނާނެއެއްނު...! އަންޖަލް އަލަމާރި ތެރެއިން އޭނަގެ ހެދުންތައް ނަގަމުން ވާހަކަ ދެއްކިއެވެ.
"ކަމެއް ވާއިރަށް ގެއިން ނުކުތުން އެއީ ގޮތެއް ނޫނެއްނު.... އެހެން ނޫނަސް އަހަރެން ކިހާ ލަދު ގަންނާނެ....! މީހުން ބުނާނެ އަހަރެން އަންޖަލް މިގެއިން ބޭރު ކުރީއޭނު....! އަންޖަލް އާ ދިމާއަށް ހިނގައި ގަންނަމުން މިފްޒާލް ބުނެލިއެވެ.
"މީހަކު އެއްޗެއް ބުނެފާނެ ކަމަށް ލަދުގަންނަ މީހަކު ތިގޮތަކަށް ނުވެސް އުޅޭނެ....! ލަދުގަންނަން ޖެހޭ ކަހަލަ ކަންތައް ދަސްކޮށްބަލަ....! އަދި ބުނަންތަ ވާހަކަ އެއް....! މިފްޒާލް މިރޭ މާލެ އަންނަ ވާހަކަ ބުނީމަ މިފްޒާލްގެ މަންމަ ރަށުން އައިސްގެން އުޅެނީ.... މިހާރު ނިދާފައޮތީ....!" ދަބަހަށް ހެދުންތައް އަޅައިގެން ނުކުންނަމުން އަންޖަލް ބުނެލިއެވެ.
"ކީކޭ....! މަންމަ އައީއޭ....؟ މިފްޒާލް ޙައިރާން ވެފައި ސުވާލު ކުރިއެވެ.
"އާނ....! މިއަދު ހަވީރު އައީ....! ދަތުރު ވަރުބަލި ވެގެން މިހާރު ނިދިފަ އޮތީ...." މިފްޒާލް އާ ދިމާއަށް ބަލާވެސް ނުލާ އަންޖަލް ބުނެލިއެވެ.
އަންޖަލް ނުކުމެގެންދިޔައީ ދާހިތަކުން ނޫނެވެ. އިތުރު ގޮތެއް ނެތުމުންނެވެ. މިފްޒާލް އެނދުމަތީގައި ވިސްނަން އިންދާ ކޮޓަރީގެ ދޮރު ހުޅުވުމާއެކު އިސް އުފުލާ ދޮރާދިމާއަށް ބަލާލިއެވެ. ދޮރުމަތީގައި ހުރީ މިފްޒާލްގެ މަންމަ ޒަރީނާއެވެ.
"ކޮންތާކަށް އަންޖަލް އެދިޔައީ ފޮށިހިފައިގެން....؟" ޒަރީނާ، ކޮޓަރިއަށް ވަންނަމުން ސުވާލު ކުރިއެވެ.
މަންމަގެ މި ސުވާލަށް ޖަވާބުދޭނެ ހިތްވަރެއް ނެތުމާއެކު މަންމައާ ދިމާއަށް ބަލަހައްޓައިގެން އެއްވެސް އެއްޗެއް ނުބުނެ މިފްޒާލް އިނެވެ.
"ކޮންތާކަށްހޭ އަންޖަލް އެދިޔައީ....؟ ދެމީހުން ޒުވާބު ކުރީތަ....؟" އަނެއްކާވެސް ޒަރީނާ، މިފްޒާލް އާ ސުވާލު ކުރިއެވެ.
"ހިތްހަމަ ނުޖެހިގެން މަންމަ ގެއަށޭ ކިޔާފަ އެދިޔައީ....! ކޮން އިރަކު މަންމަ މާލެ އައީ....؟" މިފްޒަލް މަންމައާ ސުވާލު ކުރިއެވެ.
"ކިހިނެތް ވެގެންތަ ދަރިފުޅުމެން ތިއުޅެނީ....؟ ކުރިން ކިހާ ރަނގަޅަށް، ކިހާ ލޯބިން އުޅުނީ....! ތިއީ ކުރިން ދުވަހަކުވެސް އުޅުނު ގޮތެއްވެސް ނޫނެއްނު.....! ބުނެބަލަ..... ކޮބައިތަ މައްސަލައަކީ....؟" ޒަރީނާ ގޮސް މިފްޒާލް ގާތުގައި އެނދުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ.
"މަށަކަން ނޭނގެ....! މަންމަ އޭނަޢަށް ގުޅާފަ އަހާބަލަ....!" ހިތްހަމަ ނުޖެހިފައި އިނދެ މިފްޒާލް ބުނެލިއެވެ.
އިތުރު ވާހަކައެއް ދައްކާކަށް ޒަރީނާ ބޭނުމެއް ނުވިއެވެ. ކޮޓަރިން ނުކުތުމަށްފަހު ޒަރީނާ ފޯނުކުރީ އަންޖަލް އަށެވެ. ވެގެން އުޅޭގޮތް އޮޅުން ފިލުވުމަށެވެ. ފަހަކަށް އައިސް މިފްޒާލް އަށް އަންނަމުން ދިޔަ ބަދަލުތަކާއި، މިފްޒާލް ކަންތައް ކުރަމުންދިޔަ ގޮތާއި، އަދި މިރޭ ކަންތައް ހިނގިގޮތް އަންޖަލް، މިފްޒާލްގެ މަންމައަށް ކިޔައިދިނީ މިފްޒާލްގެ މަންމަ ވަރަށް ބޮޑަށް އާދޭސްކޮށްގެންނެވެ. މިފްޒާލްގެ އެކަހަލަ އެއްވެސް ވާހަކައެއް، އެއްވެސް މީހެއް ގާތުގައި ދައްކާކަށް އަންޖަލް ބޭނުމެއް ނުވެއެވެ. ޚާއްޞަކޮށް މިފްޒާލްގެ މައިންބަފައިން ގާތުގައި އެކަހަލަ ވާހަކަ ދައްކައިގެން މިފްޒާލް ފަޟީޙަތް ކުރާކަށް އަންޖަލް ބޭނުމެއް ނޫނެވެ. އެހެން ނަމަވެސް އެނޫން އިތުރުގޮތެއް ނެތުމާއެކު އަންޖަލްއަށް އެނގޭ ކަންކަން އަންޖަލް މިފްޒާލްގެ މަންމައަށް ކިޔައި ދިނެވެ. ޒަރީނާ މިފްޒާލް އަށް ވަރަށް ނަސޭހަތް ދިނެވެ. އެހެން ނަމަވެސް މަންމަގެ ނަސޭހަތް މިފްޒާލް ޤަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. އަދި އަންޖަލް ގެއަށް ގެނައުމަށް ކިތަންމެ ވަރަކަށް މަންމަ އެދުނު ކަމުގައި ވިޔަސް މިފްޒާލްގެ ޚިޔާލެއް ބަދަލެއް ނުވިއެވެ. އައިލީންއަށްޓަކައި އަންޖަލް ގުރުބާން ކުރަން މިފްޒާލް ހުރީ ތައްޔާރަށެވެ.
"މަންމައަކީ މާލޭގައި ހުންނަ މީހެއް ނޫން....! ދަރިފުޅު އެކަނި އުޅެން ކިހާ ފޫހިވާނެ.....! ކާކު ދަރިފުޅަށް ބޭނުންވާ ކަންކަން ކޮށްދޭނީ....! އަންޖަލް ގެއަށް ގެނޭ....! ދަރިފުޅަކަށް އެކަންޏެއް ނޫޅެވޭނެ....! އަންޖަލްގެ އެހީތެރިކަމާ އޯގާތެރިކަން ދަރިފުޅަށް ބޭނުންވާނެ.....!" މިފްޒާލް އަށް ވިސްނައިދެވޭތޯ ޒަރީނާ ވަރަށް މަސައްކަތް ކުރިއެވެ.
"އަހަރެން އެކަންޏެއް ނުވާނެއޭ....! އަހަންނަށް އެހީތެރިވާން މިގެއަށް މީހަކު ގެނެސްފާނަމޭ....! އަހަންނާއެކު ނޫޅެންވެގެން ދިޔަ މީހަކު އަލުން އަނބުރާ ގެންނަންވީ ކީއްކުރަން.....! އަހަންނާއެކުވެސް އުޅޭނެ މީހުން ވާނެއޭ....!" މަންމަގެ ވާހަކަތައް ގަބޫލު ކުރާކަށް މިފްޒާލް ބޭނުމެއް ނުވިއެވެ.
އަންޖަލްއަކީ މިފްޒާލް ދެކެ އިންތިހާއަށް ލޯބިވާ ދުވަހަކުވެސް އެއްވެސް ކަމަކާ ޝަކުވާނުކޮށް އެއްވެސް ކަމެއް އުނިވިޔަނުދީ އަބަދުވެސް މިފްޒާލް އަށް އުފާ ހޯދައިދޭން މަސައްކަތް ކުރި ކުއްޖެކެވެ. އެހެން ނަމަވެސް އަންޖަލް ކަހަލަ ރަނގަޅު ކުއްޖެއްގެ ބަދަލުގައި މިއަދު މިފްޒާލް އަށް މުހިންމުވީ މިހާރު ތިމާގެ ފިރިމީހާއަށް ބޭވަފާތެރިވަމުންދާ މީހެކެވެ. ލޯތްބަކީ ކަނު އެއްޗެކޭ މީހުން ކިޔަނީ އެހެން ވެގެންނެވެ.
އަންޖަލް ނޫން އެހެން މީހަކާ މިފްޒާލް ލޯބީގެ ގޮތުން ގުޅިދާނެ ކަމަކަށް މިފްޒާލްގެ މައިންބަފައިން ދުވަހަކުވެސް ޤަބޫލެއް ނުކުރެއެވެ. ކޮޅު ބެދިފައިވާ މަގަކާ ދިމާއަށް މިޞްރާބު ޖަހައިގެން ކުރިއަށްދާނެ ކަމަކަށް އެމީހުން ޤަބޫލެއް ނުކުރެއެވެ. އަންޖަލް އެގެއިން ނުކުމެގެން ދިޔުމުން މިފްޒާލްގެ މަންމަ އެކަމާ ކަންބޮޑުވެގެން އުޅޭއިރު މިފްޒާލް އެކަމާ އެއްވެސް ވަރަކަށް އަޅައެއް ނުލައެވެ.
އިރުއޮއްސުމުން މިފްޒާލް ފެންވަރާލައިގެން ބޭރަށް ނިކުތީ އައިލީން ދެކިލުމަށެވެ. ސައިކަލަށް އަރައިގެންގޮސް އައިލީން މެންގޭ ކައިރިން ދެބުރެއް އަޅާލި އިރު ބެލްކަނީގައި އައިލީން ހުރިތަން މިފްޒާލް އަށް ފެނުނެވެ. މިފްޒާލް ތިރީގައި ހުރެގެން އައިލީންގެ ފޯނަށް ގުޅާލިއެވެ.
"އޭ....! އޭ....! މާލޭގަތަ....؟ ކޮންއިރަކު މާލެ އައީ.....؟ ނުވެސް ބުނެ....! ވަރަށް ފޫހި...!" މިފްޒާލްގެ އަޑު އިވުމުން ފޯނު ނަންބަރަށް ބަލާލުމަށްފަހު އައިލީން ބުނެލިއެވެ.
"ސަޕްރައިޒް....!" މިފްޒާލް އުފާވެލާފައި ބުނެލިއެވެ.
"އާނ...! ވަރަށް ސަޕްރައިޒް ވެއްޖެ....! އެކަމަކު ތިހެން ކަންތައްކުރީމަ ވަރަށް ފޫހި....! ބުނެލަންވާނެ ދޯ....!" އައިލީން އިސްތަށިގަނޑު ރީތިކޮށްލަމުން ޝަކުވާގެ ރާގަކަށް ބުނެލިއެވެ.
"ތި އިސްތަށިގަނޑު ރީތި ނުކުރިޔަސް ރީއްޗޭ....." ދުރުގައި ބަލަން އިނދެ މިފްޒާލް ބުނެލިއެވެ.
"އޭނ....! ކޮންތާކު ތިހިރީ.....؟" މަގުގެ އެކި ފަރާތް ފަރާތަށް އައިލީން ބަލާލަމުން ބުނެލިއެވެ.
"މިހިރީ ވަރަށް ކައިރީގައި....! އައިލީން ފެންނަ ހިސާބުގައި.....! މިހާރު ހާދަ ރީއްޗޭ.... ކުޑަކޮށް ފަލަވެލާފައިހުރީމަ ވަރަށް ލޯބި މިހާރު....!" ހީނލާފައި މިފްޒާލް ބުނެލިއެވެ.
އެވަގުތު އަނެއްކާވެސް މަގުގެ ދެކޮލު ހޯދާލުމަށްފަހު އައިލީން އެތެރެއަށް ވަނެވެ.
"ތިހެން ނަހަދާ...! ބޭރަށް ނުކުމެބަލަ....! ހިތްފުރެންދެން ބަލާލަން ނިކުމެބަލަ.....! ޕްލީޒް....!" އާދޭސްކުރާ ރާގަކަށް މިފްޒާލް ބުނެލިއެވެ.
"ނޫޅެން....! ކީއްވެ ނުބުނެ ތިއައީ....! ކޮބާ މަށަށް ގެނެސްދިން ގިފްޓް...." އައިލީން ބޮޑާހާކާ ރާގަކަށް ވާހަކަ ދެއްކިއެވެ.
"ހަދިޔާއެއް އެބައޮތޭ....! ވަރަށް ބޮޑު ހަދިޔާއެއް ގެނައިން....! ވަރަށް ބޮޑު ވާހަކައެއްވެސް ބުނަން އެބައޮތް....! ހިނގާބަލަ މީޓްވާން....!" މިފްޒާލް ވާހަކަ ދެއްކިއެވެ.
"ހިނގާ މީޓްކުރަމާ....! ކޮންމެސް ރެސްޓޯރަންޓަކަށްދޯ ދާނީ..." އައިލީން އަވަސް އަވަހަށް ބުނެލިއެވެ.
"ނޫނޭ....! އެކަހަލަ ތަންތާނގައި މާ މީހުން ގިނަވާނެ....! ރެސްޓޯރަންޓްގައި ތިއްބައި ރާއިފުގެ ރައްޓެއްސަކަށް ފެނިއްޖެއްޔާޔޯ....! ހިނގާ ތަންކޮޅެއް ލަސްކޮށްލާފަ ބީޗަށް ދަމާ...." މިފްޒާލް ބޭނުންވީ ވީހާވެސް މިނިވަންކަމާއެކު އައިލީން އާ ބައްދަލު ކުރުމަށެވެ.
"މާދަމާ ހަވީރުދޯ ދާނީ....! މިރޭ ދެން ނުކުންނަން އުނދަގޫ ވާނެ....! ހަވީރު ފަހެއް ޖަހާއިރު އަހަރެން ދާނަން ހީނާ ގޮވައިގެން....! ދެން ބާއްވަނީ އިނގޭ....!" އައިލީން ބުނެލިއެވެ.
"މަޑުކޮށްބަލަ އަދި....! މައްސަލައެއް ނެތް، އެގަޑީގައި އަހަރެން އިންތިޒާރުގައި ހުންނާނަން....!" ހިތްހަމަ ނުޖެހިފައި ނަމަވެސް މިފްޒާލް ބުނެލިއެވެ.
"ވައިފް ކިހިނެތް....؟ ޙާލު ރަނގަޅުތަ....؟" އައިލީން އެހީ ދުވަހަކުވެސް ނާހާ ސުވާލެކެވެ.
"ރަނގަޅު....!" މަޑުމަޑުން މިފްޒާލް އެސުވާލުގެ ޖަވާބުވެސް ދިނެވެ.
މިފްޒާލް އާއި ބައްދަލު ކުރަން އައިލީން އިތުރު މީހަކު ގޮވައިގެން އަންނާކަށް މިފްޒާލް ހިތްހަމައެއް ނުޖެހުނެވެ. މީގެ ކުރިންވެސް އައިލީން މިފްޒާލް އާ ބައްދަލު ކުރަން އަންނަނީ އެކަންޏެވެ. މިފްޒާލްގެ ބޮލުގައި ރިއްސާލިއެވެ. ދިއްލިފައިވާ ފެހި ބޮކި އެހެން ކުލައެއްގެ ބޮތްކަކަށް ބަދަލުވަމުންދާ ކަހަލަ އިޙްސާސްއެއް މިފްޒާލަށް ކުރިއެވެ. އަދި އައިލީންގެ ވާހަކަތައް ހުރިގޮތުން ކުއްލިއަކަށް އައިލީން މާދުރުވެއްޖެހެންވެސް މިފްޒާލް އަށް ހީވިއެވެ. އެކަމަކު އަބަދު ޝައްކު ކުރާ ކަމުގެ ތުހުމަތު މިފްޒާލްގެ ބޮލުގައި އެޅިފައިވާތީ، އެޝަކުވާ އެވަގުތު ކުރަން މިފްޒާލް ބޭނުމެއް ނުވިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 27 ޖޫން، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް