އެ ޖަވާބާމެދު މިފްޒާލް ހިތްހަމައެއް ނުޖެހުނެވެ. ރެއަކީ ކޮންމެވެސް ވަރަކަށް ވައި ބާރު ރެއެކެވެ. ގޯތި ތެރޭގައި ހުރި ކުންނާރު ގަހުގެ އޮފިތައް އިރުއިރުކޮޅާ ކުޑަދޮރުގެ ލޫވަރ ތަކުގައި ހޭކެމުންދިޔައިރު ލޫވަރ ކައިރިން ބޭރުން މީހެއްގެ ހިޔަނި ފެންނަން ހުރިހެން މިފްޒާލް އަށް ހީވިއެވެ. މިޒްފާލް މަޑުމަޑުން ތެދުވެގެން ގޮސް ދޮރުގައި ދަމާފައިވާ ފޮތިގަނޑު ކަހާލިއެވެ. ބޭރުގައި އެއްވެސް މީހަކު ނެތެވެ. ގަހުގެ ގޮފިގަނޑު ވަޔާ ހެލުވޭތީ އެއީ މިފްޒާލް އަށް ހީވި އެއްޗެކެވެ. ބޭރު ބަލާލުމަށްފަހު މިފްޒާލް އައިސް އަނެއްކާވެސް އެނދުގައި އިށީނެވެ.
"އަހަރެން އޮސްޓްރޭލިޔާއަށް ގޮއްސަ އަންނައިރު އައިލީން ޕްރެގްވެފަ ހުރެއްޖިއްޔާޔޯ....؟ އަހަރެން ވަރަށް ދެރަވާނެ....! އެކަހަލަ ކަމެއް ނުކުރައްޗޭ....! ޕްލީސް...!" މިފްޒާލް އާދޭސްކުރާ ރާގަކަށް އެނާ އެންމެ ކަންބޮޑުވާ ކަންތައް ބުނެލިއެވެ.
މިފްޒާލް މިހެން ބުނުމުން އައިލީން ހޭންފެށިއެވެ. އެހެން ނަމަވެސް މިފްޒާލް އެހެން ބުނީ ވަރަށް ސީރިއަސް ވެފައެވެ.
"ކިހިނެތްވީ އެހެން ބުނީމަ ތި ހޭންފެށީ....؟ އަހަރެން ބޭނުމެއް ނުވޭ އައިލީން ޕްރެގް ވާކަށް....!" ސީރިއަސް ވެފައި މިފްޒާލް އަނެއްކާވެސް ބުނެލިއެވެ.
"އެއްވެސް ކަމެއް ނުވޭ....! މިފްޒާލް ތިހާ ސީރިއަސްކޮށް އެހެން ބުނީމަ ހަމަ ހެވުނީ....!" މިފްޒާލްގެ ސުވާލަށް އައިލިން ޖަވާބު ދިނެވެ.
"ވަރަށް ސީރިއަސްކޮށޭ އަހަރެން މިބުނީ....! އަހަރެން އަންނައިރު އައިލީން ޕްރެގްވެފަ އިނިއްޔާ އަހަރެން ވަރަށް ދެރަވާނެ...!" އަނެއްކާވެސް މިފްޒާލް ބުނެލިއެވެ.
"ސާބަހޭ އެކަލަ ކަމެއް ނުވާނެއޭ....! އެކަމާ ތިހާ ވަރަށް ހާސްނުވެބަލަ....! ރާއިފު އެއީ ކުދިން ހޯދަން ބޭނުންވާ މީހެއް ނޫނޭ....! އޭނަ ބޭނުންވާނީ އެހެން ކަމެއް ކުރަން....!" އަނެއްކާވެސް އައިލީން ހީނލާފައި ބުނެލިއެވެ.
"ހުވާކުރޭ ޕްރެގް ނުވާނެ ކަމަށް...!" މިފްޒާލް ވާހަކަ ދައްކަމުން ގެންދިޔައީ ވަރަށް ސީރިއަސް ކޮށެވެ.
"އޯކޭ....! ޕްރޮމިސް....! މިހާރު އޯކޭއެއްނު....! ދެން އެކޮޅަށް ގޮއްސަ ވަޓްސްއަޕް ކުރާތީ، ސްޓްރީކް ކުރާތި، ސްޓްރީކް ގެއްލުވާނުލާތި...!" ހީނލާފައި އައިލީން ބުނެލިއެވެ.
އައިލީން ހޭން ފެށުމުން މިފްޒާލް އައިލީންގެ މޫނަށް ބަލަހައްޓައިގެން އިނެއެވެ. އަދި މަޑުމަޑުން މިފްޒާލްގެ ދެއަތުން އައިލީން ދެކޮލުގައި ހިފާލިއެވެ.
"ހަމަ އަސްލުވެސް އަހަރެން ދެކެ ވަރަށް ލޯބިވޭތަ....؟" މިފްޒާލް، އައިލީންގެ މޫނަށް ބަލަހައްޓައިގެން އިނދެ ސުވާލުކޮށްލިއެވެ.
"ޔޭސް....! މިފްޒާލް ދެކެ ލޯބިވާތީ ދޯ މި ވިއްސާރަ ރޭގަވެސް މިތާ މިފްޒާލް ގާތުގައި މިއިނީ....! އެހެން ނޫނީ ކިއްކުރަން މިތާ މިގަޑީގައި އިންނަންވީ....؟" މިފްޒާލް އާ ދިމާއަށް ބަލާލުމަށްފަހު އައިލީން ބުނެލިއެވެ.
"އަހަންނަކަށް ނޭނގެ ކީއްވެ ކަމެއް އައިލީން އަހަރެންދެކެ ލޯބިވާކަން އަހަންނަށް ޤަބޫލު ނުކުރެވެނީ....! އައިލީންގެ މޫނަށް ބަލަން އިނދެ މިފްޒާލް ވާހަކަ ދެއްކިއެވެ.
"އަހަރެން، މިފްޒާލް ދެކެ ލޯބިވާވަރު މިރޭ އަހަރެން ޔަޤީން ކޮށްދޭނަން....! ފަސްމަސް ދުވަހުގެ ތެރޭގައި އަބަދުވެސް އަހަރެންގެ މަތިން ހަނދާންވާ ވަރުގެ ހަދިޔާއެއް މިރޭ ދޭނަން....!" އައިލީން އެނދުން ތެދުވެގެން ގޮސް ކޮޓަރީގައި ދިއްލާފައިހުރި ލައިޓް ނިވާލަމުން ބުނެލިއެވެ.
އާނއެކެވެ. އެ ބައްދަލުވުމުގެ އުފާވެރި ހަނދާންތައް ދުވަހަކުވެސް މިފްޒާލްގެ ހިތަކުން ނުފިލާނެއެވެ. މިފްޒާލްގެ ހިތް ފުރިގެން ބާކީ ވާވަރަށްވެސް އެރޭ އައިލީންގެ ފަރާތުން މިފްޒާލް އަށް އުފަލާއި، އަރާމާއި، ހިތްހަމަ ޖެހުމާއި ލޯބި ލިބުނެވެ. އެހެން ނަމަވެސް އެއީ އައިލީން އަށް ކުރެވުނު ކުށެކެވެ. މޮޔަކަމެކެވެ. އެދެމެދުގައިވާ ލަދުވެތިކަމުގެ ފަރުދާ ކަހާލުން އެއީ އައިލީންއަށް ކުރެވުނު މޮޔަކަމެކެވެ.
މިފްޒާލް ފުރައިގެން ދިޔުމުން ސޯޝަލް މީޑިއާގެ ޒަރީޢާ އިން އައިލީން އާއި މިފްޒާލްގެ ގުޅުން އިތުރަށް ބަދަހިވަމުން ދިޔައެވެ. މިފްޒާލްގެ ހިތުން އައިލީންގެ ހަނދާންތައް ފިލައިގެންދާ އެންމެ ވަގުތެއްވެސް ނާދެއެވެ. އަންޖަލް މަތިން މުޅިން ފޫހިވެ އަބަދުވެސް އައިލީން އަށް އިންތިޒާރު ކުރެވެން ފަށައިފިއެވެ. އައިލީން އާ ދުރުގައި ނުހުރެވޭ ވަރުވެއްޖެއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް ފަސްމަސްދުވަސް ނިމި މިފްޒަލް މާލެ އަންނަ ދުވަސް ޖެހިއްޖެއެވެ. އެހެން ނަމަވެސް އައިލީން އަށް ސަޕްރައިޒެއް ދިނުމަށްޓަކައި މާލެ އަންނަ ދުވަސް ނާންގައި މިފްޒާލް މާލެ އައެވެ. މިފްޒާލް އަށް މާލެ އާދެވުނު ރެއަކީ މާލެއަށް ވަރަށް ވިއްސާރަ ރެއެކެވެ. ކިތަންމެ ވިއްސާރަ ރެއެއްކަމުގައިވިޔަސް ފިރިމީހާއަށް މަރުޙަބާ ކިޔުމަށްޓަކައި އަންޖަލް ވަރަށް ރީތިކޮށް ނަލަހެދިލައިގެން އެއަރޕޯޓަށް ދިޔައެވެ. ފަސްމަސް ދުވަހަށްފަހު އެއަރޕޯޓުން މިފްޒާލް ފެނުމާއެކު އަންޖަލް އައިސް މިފްޒާލް ގައިގައި ބައްދާލިއެވެ.
"ނުބައްދަބަލަ....! ބައިވަރު މީހުންތައް އެތިބީ ބަލާށޭ....!" އަންޖަލް ގަޔާ ދުރުކޮށްލަމުން މިފްޒާލް ބުނެލިއެވެ.
އަންޖަލް ހީކުރީ އެހާ ދުވަހު ނުފެނި ހުރެފަ ފެނުމުން މިފްޒާލްވެސް ބައްދާލަން ބޭނުންވެފައި ހުންނާނެ ކަމަށެވެ. އުފާވާނެ ކަމަށެވެ. ހިނިތުންވާނެ ކަމަށެވެ. އެހެން ނަމަވެސް އުއްމީދުކުރި ލޯބި މިފްޒާލްގެ ފަރާތުން ނުލިބުނުކަން އަންޖަލް އަށް ފާހަގަވިއެވެ. އެންމެ ކުޑަމިނުން އުފާވެރިކަމުގެ ހިނިތުންވުމެއްވެސް މިފްޒާލްގެ ތުންފަތަށް ވެރިއެއްނުވިއެވެ.
"ހުމެއިދު ކޮބާ....؟" ފޫހި ރާގަކަށް މިފްޒާލް ބުނެލިއެވެ.
"ނޭނގެ....! ނާދެ ކަންނޭނގެ...." އަންޖަލް އެކިފަރާތް ފަރާތަށް ބަލާލަމުން ބުނެލިއެވެ.
"ނޭނގެޔޭ....؟ އަހަރެން ބުނީމެއްނު އަހަރެން އަންނަ ވާހަކަ އޭނަ ކައިރީގައި ބުނާށޭ....! ނުބުނަންތަ...؟ ދެން މިހުރިހާ އެއްޗެއް މަ އެކަނި އުފުލާނީ ކިހިނެތް....؟" މިފްޒާލް ރުޅިވެރިކަމާއެކު ވާހަކަ ދެއްކިއެވެ.
"ބުނިން އޭނަ ކައިރީގައި......! އޭނަ ނައީމަ އެކަމުގައި އަހަރެން ކުރާނެ ކަމެއްނެތެއްނު....! އަސްލު އަހަރެންވެސް އަންނާނެ ކަމެއް ނެތް ކަންނޭނގެ....! ފަސްމަސް ދުވަހު ދުރުގައި ހުރިއިރު ހާލު ބަލާލެވުނީކީ ނުން....! ބިޒީ ކަމުން ޙާލު ބަލާނުލެނުލެވުނީ ކަމަށް އޭރު ހީކުރީ....! އެކަމަކު މިހާރު އެނގިއްޖެ ބިޒީ ވެގެނެއް ނޫންކަން....! މިފްޒާލް ކަންތައް ކުރިގޮތުން އަންޖަލްވެސް ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ.
"ދެން ކިއްވެގެންނޯ....؟ މި ފަސްމަސް ތެރޭ ހާދަ އަނގަވެސް ހެލެން ފަށައިފިއޭ ދޯ...؟" ރުޅިވެރިކަމާއެކު މިފްޒާލް ވާހަކަ ދެއްކިއެވެ.
"އަހަރެން ބޭނުމެއްނޫން މިތާ ތިބެގެން އަޑުގަދަކޮށް ޒުވާބު ކުރާކަށް....!" ހިނގައި ގަންނަމުން އަންޖަލް ބުނެލިއެވެ.
"އުހޫނ....! ދާންވާނީ ދައްކަން ފެށި ވާހަކަ ކޮޅެއްގައި ޖައްސާފައި....! ބުނެބަލަ! އަހަރެން މަތިން ފޫހިވެގެންތަ ފެންނައިރަށް ފާޑެއްގެ ޒުވާބެއް ތި ފަށައިގަތީ....؟" މިފްޒާލް އެ ސުވާލު ކުރުމުން އަންޖަލް ހައިރާން ވިއެވެ.
"އަހަރެންތަ ފޫހިވީ....؟ ނުނީ އަހަރެންތަ ރުޅިއައިސްގެން ޒުވާބެއް މި ފެށީ....؟ އަހަންނަށް އެނގޭހާވެސް އެއްޗަކީ ތީ މާލޭން ފުރައިގެންދިޔަ މިފްޒާލް އެއް ނޫންކަން...! އަހަރެން ބޭނުމެއް ނޫން މިތާ ހުރެގެން ޒުވާބު ކުރާކަށް...." އަނެއްކާވެސް އަންޖަލް ހިނގައިގަތެވެ. ފަހަތް ބަލާލުމެއްނެތި އަންޖަލް ހިނގާފައި ދިޔައީ ޓެކްސީ ކިޔޫ އަށެވެ. އޭރު މިފްޒާލް ގެނައި ފޮށިތައް ޓްރޮލީއަކަށް އަރުވައިގެން މިފްޒާލްވެސް ފަހަތުން އައެވެ. ދެމީހުން ޓެކްސީއަށް އެރުމާއެކު ޓެކްސީ ދުއްވާލިއެވެ. ހައިވޭގައި ޓެކްސީ ދުއްވާފައި ދިޔައިރު އަންޖަލް ވިސްނަމުން ގެންދިޔައީ މިފްޒާލް އާ މެދުގައެވެ. ތިމާގެ ކުށެއް ނެތީސް ތިމާ ބޭކާރުވާނީ އެންމެ ސަބަބަކާ ހެދިކަން އަންޖަލް އަށް ވިސްނެއެވެ.
"ކޮން ކުއްޖަކާ ދިމާވެގެން ތިއުޅެނީ....؟" މިފްޒާލް ކޮޓަރިއަށް އައިސް ވަނުމުން އަންޖަލް ސުވާލު ކޮށްލިއެވެ.
އެހާ ފަސޭހައިން އައިލީންއަށް އެކަން އެނގުނީތީ މިފްޒާލް ހައިރާންވިއެވެ. އެހެން ނަމަވެސް މިފްޒާލް ހުރީ އެ ވާހަކަ ފަށާނެ ދިމާއެއް ނޭނގިފައި ކަމަށްވާތީ އެކަމުން ރެކޭކަށް ނުވަތަ އޮޅުވާލާކަށް މިފްޒާލް ބޭނުމެއް ނުވިއެވެ. ހީކުރި ވަރަށް ވުރެ ފަސޭހައިން އަންޖަލްއަށް ވިސްނުން ވެގެންދިޔައީ މިފްޒާލްގެ ސިކުނޑިއަށް ލިބުނު ލުޔަކަށެވެ. އެވަގުތު މިފްޒާލް ހިނިތުންވެލިއެވެ.
"ހޭނެ ކަމެއް ނެތޭ...! މާ މަޖައެއް ނޫނޭ....! ތިހެން ކަންތައް ކުރަންޏާ އަހަރެން މިގެއިން ނުކުމެގެން މަންމަމެން ގެއަށް ހިނގައިދާނަން....!" އަންޖަލް، މިފްޒާލް އާ ދިމާއަށް ބަލަންހުރެ ވާހަކަ ދެއްކިއެވެ.
"ތިހާވަރުވާކަށް އަދި ނުޖެހެއެއްނު....! ކުއްޖަކާ ދިމާވެގެންތަ މަ މިއުޅެނީ....! ވީގޮތެއް ސާފުނުކޮށް ކޮންހާ އެއްޗިއްސެއް ތިކިޔަނީ....! މިވީ ދުވަސްކޮޅުގެ ތެރޭގައި އަންޖަލް އަށް ހާދަ ބަދަލެއް އަތުވެއްޖެއޭ ދޯ....!" މިފްޒާލް ގަސްދުކުރީ އަނެއްކާވެސް ވާހަކަ އަޅުވާލާ ހުރިހާ ކަމެއް ސިއްރު ކުރާށެވެ.
"މީހުންބުނާ އަޑު އަހަރެން އަހަން، ދެމަފިރިންގެ ދެމެދަށް ތިންވަނަ މީހަކު ވަނުމެކޭ ހުދު ފޮތިގަނޑެއްގަ ޖެހޭ ލައްގަނޑެކޭ އެއްފަދައޭ....! ހުދު ފޮތުގަނޑެއްގައި ލައްގަނޑެއް ޖެހިއްޖިއްޔާ އެލައްގަނޑެއް ދުވަހަކުވެސް ނުފިލާނެ....! އެކަމަކު އަހަރެން މިފްޒާލް އަށް އަދި އެއްފުރުޞަތު ދީފާނަން....! އެއީ އަހަރެން އަދިވެސް މިފްޒާލް ދެކެ ލޯބިވާތީ....! ފަށައިގެން ތިއުޅޭ ކުޅިގަނޑު ހުއްޓާލެވޭނެތަ....؟" މިފްޒާލްގެ މޫނަށް ބަލަންއިނދެ އަންޖަލް ސުވާލު ކުރިއެވެ.
"އަންޖަލްއަކީ ވަރަށް އަޚްލާޤް ރަނގަޅު އަހަންނަށް އަބަދުވެސް ވަރަށް ކެއަރ ކުރާ ކިޔަމަންތެރި އަތްންބެއްކަން އަހަރެން އަބަދުވެސް ހަނދާން ކުރަންޖެހޭނެ...." ތިކަހަލަ އަތްންބަކު ލިބޭނީ ވަރަށް ނަޞީބުވެރިއަކަށް....! އަންޖަލް ދޫކޮށްލުމަކީ މަށަށް ކުރެވޭނެ އެންމެ މޮޔަ ކަންތައް.... އެހެންވީމަ ބޭނުންވޭ އަންޖަލްއާއެކު އުޅެން....!" އަންޖަލްއާއި ދިމާއަށް ބަލަން އިނދެ މިފްޒާލް ވާހަކަ ދެއްކިއެވެ.
"ތިބުނަން އުޅޭ އެއްޗެއް ސާފުވާނެހެން ބުނެބަލަ....! ބުނަން ތިއުޅެނީ ދެއަންބަށް އެހެން މީހަކާ އިންނަން ބޭނުމޭތަ....؟ ސާފުކޮށް ބުނެބަލަ....!" ސޯފާގައި އިށީނދެއިން އަންޖަލް ތެދުވަމުން ބުނެލިއެވެ.
އަންޖަލް މިސުވާލު ކުރުމުން އެސުވާލަށް ޖަވާބެއްދޭން މިފްޒާލް ފަސްޖެހުނެވެ.
"ދެއަންބަށް މީހަކާ އިންނަން ބޭނުންނަމަ އެކަން ހަނދާން ނައްތާލާ....! ހުއްދަ އޮންނަ ނަމަ އަހަރެން ދެފިރިން ގެންގުޅެން މިފްޒާލް އެއްބަސްވާނަންތަ....؟ ޔަޤީން، ނުވާނެ....! އަހަރެން ދެއްކި ވާހަކަ މިފްޒާލަށް އަޑު އިވުނުތަ....؟ އަހަރެން މިބުނީ ތިކުޅޭ ކުޅިގަނޑު މިފްޒާލަށް ހުއްޓާލެވޭނެހޭ....؟ އަޅެ ބުނެބަލަ، ހުއްޓާ ލެވޭނެތަ....؟" މިފްޒާލް އާއި ދިމާއަށް ބަލަންހުރެ އަންޖަލް ވާހަކަ ދެއްކިއެވެ.
ނުނިމޭ.... ވާހަކައިގެ އާ ބައެއް، 25 ޖޫން، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް