"ރޭގައި ކަންތައް ކުރެވުނު ގޮތުން ވަރަށް ބޮޑަށް ސޮރީ....! އަހަންނަށް އެނގޭ އެއީ އަހަރެން ކަންތައް ކުރަންވާނެ ގޮތެއް ނޫންކަންވެސް....! އެކަމަކު އަހަރެންގެ ހިތް އެކަމަށް މަޖުބޫރު ކުރުވީ....! އަދިވެސް އެއްފަހަރު އެކަމަށްޓަކައި އައިލީންގެ ކިބައިން ވަރަށް ބޮޑަށް މާފަށް އެދެން...! މިފްޒާލް ވާހަކަ ދެއްކިއެވެ.
"ރޭގައި ރާއިފުއަށް ހޭލެވުނު ނަމަޔޯ....! އޭރުން ނޭނގެ އޭނަ ކަންތައް ކުރާނެ ގޮތެއްވެސް....! އޭނައަކީ ވަރަށް ރުޅިގަދަ މީހެއް...." މިފްޒާލްއަށް ވިސްނައިދެވޭތޯ އައިލީން މަސައްކަތް ކުރިއެވެ.
"އާނ....! ރާއިފު ރުޅިގަދަކަން ރޭގައި ފެނުނޭ...! އޭނަގެ އެއްވެސް އިންސާނިއްޔަތުކަމެއް ނެތްކަންވެސް އެނގުނޭ....!" މިފްޒާލް ބުނެލިއެވެ.
"ތިވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން....! ކޮންމެ ގޮތެއްވިޔަސް ރޭގައި ތިކަންތައް ކުރިގޮތާމެދު އަހަރެން މިހިރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި...." އައިލީން ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.
"ރޭގައި އެތާ އަހަރެން ހުއްޓަސް އަހަރެންވެސް ހުރީ މީހަކަށް ފެނިދާނެތީ ވަރަށް ބިރުންނޭ....! އެކަމަކު ބަލާލިވަގުތު އެގޮތަށް އައިލީން ފެނުނީމަ އެތަނުން ދުރަށް ނުދެވުނީޔޭ.....!" ހީނލާފައި މިފްޒާލް ބުނެލިއެވެ.
"ދެންހެވޭ....! ދެން ދުވަހަކުވެސް އެހެން ކަންތައް ނުކުރާނެ ކަމަށް އަހަރެން އުއްމީދު ކުރަން....!" އައިލީން ސީރިއަސް ވެފައި ބުނެލިއެވެ.
"އެހެންވާން ޖެހުނީ އައިލީންގެ ސަބަބުންނޭ....! އަހަންނަށް ފެނިލިނަމަ އެހެނެއް ނުވީސް....! އަހަރެން ބޭނުން އަހަރުމެންނަށް އެއްވެސް ހުރަހެއްނެތި ބައްދަލުވެވޭނެގޮތެއް ހޯދަން.....!" ވިސްނާލުމަށްފަހު މިފްޒާލް ބުނެލިއެވެ.
"ތިއީ ވާނެ ކަމެއްނޫން....! އަހަންނަކީ މީހެއްގެ އަންބެއް....! ތިއީ މީހެއްގެ ފިރިޔެއް....! އެހެންވީމަ އަހަރުމްނެގެ ދެމެދުގައި ދުރުކަމެއް އޮންނަންވާނެ....!" އަނެއްކާވެސް އައިލީން ވާހަކަ ކުރިއަށް ގެންދިޔައެވެ.
"ތިބުނާ ދުރުކަން ނައްތާލާށޭ އަހަރެން ބޭނުންވަނީ....!" މިފްޒާލް ބޭނުންވާގޮތް ބުނެދިނެވެ.
"ތިއީ އެއްގޮތަކަށްވެސް ވާނެ ކަމެއް ނޫން....! އެހެން ނޫނަސް ތިކަން ތިހެން ކުރާނީ ކިހިނެތް....؟" އައިލީން، މިފްޒާލް އަށް ޖަވާބު ދިނެވެ.
"އަހަރެން ވަރަށް މޮޅު ގޮތެއް ވިސްނައިފިން....! އަހަރެންގެ އަންހެނުންނާއި، އައިލީން އާއި ފްރެންޑްވާންވީ....! އަހަރެން ރާއިފު އާ ފްރެންޑްވާނަން....! އެއީ ވަރަށް ސަޅި ގޮތަކަށްވާނެ....!" ސީރިއަސް ވެފައި މިފްޒާލް ބުނެލިއެވެ.
"ނޫން...! ތިކަމެއް ނުވާނެ...." އައިލީން ވަގުތުން އިންކާރު ކުރިއެވެ.
"މީގެ މައްސަލައަކީ ކޮބާ....؟ އޭރުން އަބަދު ފޯނުން މިހެން ސިއްރުން ވާހަކަ ދައްކާކަށް ނުޖެހޭނެ....! އައިލީން އަށް އަހަރުން ގެއަށް އާދެވޭނެ.....! އަހަންނަށް އައިލީން މެންގެއަށް ދެވޭނެ...." ހީނލާފައި މިފްޒާލް ބުނެލިއެވެ.
"ތިއީ ކޮންކަހަލަ މީހެއް....! މަށަކަށް ނުކެރޭނެ މިފްޒާލް ތިގޮތަށް އަހަރުން ގެއަށް ވައްދާކަށެއް....!" ހީނގެންފައި އައިލީން ބުނެލިއެވެ.
"އެކީތްވެ....؟ އަހަރެން ކަމެއް ނުކުރާނަމޭ....!" ހީނލާފައި މިފްޒާލް ބުނެލިއެވެ.
"ހެވޭ....! އަހަންނަކަށް ނުކެރޭނެ ތިހެން ކަންތައް ކުރާކަށް....!" އައިލީން އަނެއްކާވެސް ބުނެލިއެވެ.
"ސީރިއަސްކޮށް، އަހަރެން ބުންނަންތަ ކަންތައް ކުރަންވީގޮތް....!" އަނެއްކާވެސް މިފްޒާލް ވާހަކަ ކުރިއަށް ގެންދަން މަސައްކަތް ކުރިއެވެ.
"ނޫނެކޭ....! މަށަކަށް ތިކަހަލަ އެކްޓެއް ނުކުރެވޭނެ އިނގޭ....! މިފްޒާލްގެ ވައިފް ފެނުނަސް އަހަރެން ގިލްޓީވާނެ...! މިހާރުވެސް އަހަންނަށް އެކަހަލަ އެއްޗެއް ފީލްވަނީ....!" އައިލީން އަނެއްކާވެސް އިންކާރު ކުރިއެވެ.
"އެކްޓެއް ނުކުރެވޭނެއޭ ބުނާއިރު އައިލީން މިހާރުވެސް އެކްޓޭ ތިކުރަނީ....! ފިރިމީހާއަށް މިހާރުވެސް ކިހާ ކަމެއް ސިއްރުކޮށްގެން ތިއުޅެނީ....! އެއީ އެކްޓެއް ނޫންތަ...." މިފްޒާލް ހިތްހަމަ ނުޖެހިފައިވާ ވާހަކަ ދެއްކިއެވެ.
"އަނެއްކާ މިހާރު ކޮންވާހަކައެއް ތި ދައްކަންފެށީ....! ތިކަހަލަ ވާހަކަ ދައްކަންޏާ ފޯނު ބާއްވަނީ....! އައިލީންވެސް ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ.
"އައިލީން ތި ހީކުރަނީ މުޅި އުމުރަށް މިކަން ސިއްރުކޮށްގެން ހުރެވޭނެ ކަމަށްތަ...؟ ނުހުރެވޭނެ....! އެހެންވެ މިބުނަނީ...!" މިފްޒާލް ވާހަކަ އަޑުއެހުމެއްނެތި އައިލީން ފޯނު ކަނޑާލިއެވެ.
އައިލީން ފޯނު ކަނޑާލުމަށްފަހު ބަލާލިއިރު ރާއިފު ތިން ފަހަރު ގުޅާފައޮތެވެ. އައިލީން އަވަސް އަވަހަށް ރާއިފުގެ ފޯނަށް ގުޅާލިއެވެ.
"ކޮންއިރެއް މަގުޅާތާ....! ކާކަށް ފޯނުކޮށްގެން މާފޮޅުވަނީ....! އޮފީހަށޭ ކިޔާފަގޮސް ތިއީދޯ މިހާރު ގަންނަ ގަނޑަކީ....." ފޯނު ނެގިގޮތަށް ރާއިފު ހަޅޭއްލަވައިގަތެވެ.
"ޕްރޮގްރާމެއްގެ ސްޕޮންސަރ ހޯދަން ވެގެން އެކިތަންތަނަށް ގުޅަނީއޭ މި....! އެހެންވެ ފޯނު އެންގޭޖްވެފަ އެހުންނަނީ.....!" އައިލީން މަސްލަހަތަށްޓަކައި ދޮގެއް ހަދާލިއެވެ.
"ހޫނ..... ދެން ހެވޭ....! ކިހާއިރަކު މިއަދު ނިމެނީ...! ހަވީރު ރައްޓެހިންތަކެއް ގެއަށް އާދޭ އެބަ....! އެމީހުންނަށް ސަޔެއް ހަދާލަން އާދެވޭނެތަ...؟" ހަމަ އެރުޅިގަނޑުގައި ރާއިފު ސުވާލު ކުރިއެވެ.
"ޓޫ ތާރޓީ ހާއިރު ނިމޭނެ....! އެހާއިރު ބަލާ އާދެވޭނެތަ...؟" އައިލީން ބުނެލިއެވެ.
"އެންމެ ރަނގަޅު...!" ކުރުޖަވާބެއް ދިނުމަށްފަހު ރާއިފު ފޯނު ބޭއްވިއެވެ.
އޮފީހުން ނިމިގެން ގެއަށް އައިސް ކައިގެން މިފްޒާލް އޮށޯވެލީ ކުޑަކޮށް ނިދާލާށެވެ. އެހެން ނަމަވެސް ނިދޭތޯ މަސައްކަތް ކޮށްކޮށްވެސް ނިދޭނެގޮތެއް ނުވިއެވެ. ވިސްނަމުން ގެންދިޔައީ އައިލީން އާ މިނިވަންކަމާއެކު ބައްދަލުކޮށް އުޅުމަށްޓަކައި ހަދާނެގޮތަކާ މެދުގައެވެ. އަދި އައިލީން އާއި މިފްޒާލްގެ ގުޅުން އަންޖަލް އަށް އެނގުމަކީވެސް މިފްޒާލް ބޭނުންވާ ގޮތެއް ނޫނެވެ. މިފްޒާލް ބޭނުންވަނީ އެކަން އަބަދުގެ އަބަދަށް ސިއްރެއްގެ ގޮތުގައި ބާއްވާށެވެ. ހަޔާތުގެ ބައެއް ސިއްރުތަކަށް ހަދަން އޮންނަ އެންމެ މޮޅުގޮތަކީ އެއްވެސް ގޮތެއް ނުހަދާ ބޭއްވުމެވެ. މައްސަލައަކީ އައިލީންގެ ގޮތް ދޫނުކުރުމެވެ. އެކަމަކު އަބަދުވެސް މިފްޒާލްގެ ހިތް އެދެނީ ވިހާ ގިނަ ވަގުތު އައިލީން ފެންނަ ހިސާބުގައި އައިލީން އާއެކު ހުރުމެވެ. އައިލީން އަބަދަށްޓަކައި މިފްޒާލްގެ މީހަކަށް ހެދުމެވެ. އަންޖަލްގެ ވަފާތެރިކަން ހަނދާން ނައްތާލާފައި އައިލީން އާއި ކައިވެނި ކުރުމެވެ. އެހެން ނަމަވެސް މިފްޒާލްގެ ހިތް އެކަމަށް އެދުނަސް އެހެންވިޔަ ނުދިނުމަށްޓަކައި މިފްޒާލް ވަރަށް ބޮޑަށް މަސައްކަތް ކުރަން ބޭނުމެވެ. އަންޖަލް އަށް ބޭވަފާތެރިވާކަށް މިފްޒާލް ބޭނުން ނުވާތީ، އޯގާތެރިކަމާއެކު އަންޖަލް އަށް ހުރިހާ ކަމެއްވެސް ކޮށްދެވޭތޯ މިފްޒާލް މަސައްކަތް ކުރެއެވެ.
ދުވަސްތައް ފާއިތު ވަމުންދިޔައެވެ. މިފްޒާލްވެސް އަންޖަލް އާއި އެއްވެސް މައްސަލައެއް ނުޖެހި އުފަލާއެކު އުޅެމުންދިޔައެވެ. އެހެން ނަމަވެސް އާދައިގެން މަތިން އައިލީން އާއި ރާއިފުވެ މެދުގައި ތަފާތު މައްސަލަތައް ޖެހެމުންދިޔައެވެ.
އައިލީން އަކީ އެފް.އެމް. ގައި މަސައްކަތް ކުރާ ކުއްޖަކަށްވެފައި އައިލީން އަޑަކީ ރާއްޖޭގެ އެންމެންގެ މެދުގައިވެސް މަޝްހޫރު އަޑަކަށްވާތީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ ބޮޑެތި ޖަލްސާތަކާއި، ތަފާތު ޝޯތައް ހުށަހެޅުމަށް އައިލީންއަށް ގިނަ ފުރުޞަތުތަކެއް ލިބެމުންދެއެވެ. އައިލީން ހުށަހަޅާދޭ ކޮންމެ ހަފްލާއަކަށް މިފްޒާލް އަށް ދަޢުވަތު ނުލިބުނަސް އެކިގޮތް ގޮތުން ދަޢުވަތު ހޯދައިގެން މިފްޒާލް ދެއެވެ. މިގޮތުން ދަރުބާރުގޭގައި ޚާއްޞަ ޖަލްސާއެއް ބޭއްވުނު ރެއެކެވެ. އެރޭ ޖަލްސާ ހުށަހަޅައިދިނީ އައިލީން އެވެ. މި ޖަލްސާއަށްވެސް މިފްޒާލް ދިޔައީ އެ ޖަލްސާއަކީ އައިލީން ހުށަހަޅައިދޭ ޖަލްސާއަކަށް ވާތީއެވެ. އެޖަލްސާގައި ދިގުހެދުމުގައި އައިލީން ހުރިއިރު ކުރިއަށްވުރެވެސް ބޮޑަށް އައިލީންގެ ރީތިކަން ފާހަގަ ކުރެވުނެވެ. ޖަލްސާ ނިމިގެން ޖަލްސާގައި ބައިވެރިވި ފަރާތްތަކަށް ކެޔުން ތައްޔާރު ކުރެވިފައިއޮތީ ދަރުބާރުގޭގެ ދޮށިމޭނާ މާލަމުގައެވެ. އައިލީންގެ ރީތިކަން މިރޭ އެތަށް ގުނައަކަށް ރީތިވެފައިވާތީ، ދުރުގައި ބަލަން ހުންނާކަށް މިފްޒަލްގެ ހިތެއް ނުރުހުނެވެ. މިފްޒާލް ގޮސް ހުއްޓުނީ އައިލީންގެ ފަހަތުން އައިލީންއާއި ވަރަށް ގާތުގައެވެ. އައިލީން ކުއްލިއަކަށް އެނބުރިލީއިރު މިފްޒާލް ހުރީ ޖެހޭ ހިސާބުގައެވެ.
"މިފްޒާލް....! މިތާ....!" އައިލީން ސިހިފައި އަހާލިއެވެ.
އައިލީން މިހެން ބުނުމަށްފަހު އެހޯލްތެރެއަށް ނަޒަރު ހިންގާލިއެވެ. އައިލީން ޖަލްސާއަށް އައީ ރާއިފު އާއެކު ކަމުގައިވާތީ އެވަގުތު އައިލީން ހޯދާލީ ރާއިފު ކޮބައިތޯއެވެ. އޭރު ރާއިފު ހުރީ ތަންކޮޅެއް ދުރުގައި ބަޔަކާ ވާހަކަ ދައްކާށެވެ.
"ކިހިނެތްވީ....؟ އެކިދިމަދިމާ ތިހޯދާނީ...! ބަލަ ގާތުގައި މިހިރީ މަށޭ....!" ސިއްރު ސިއްރުން މިފްޒާލް ބުނެލިއެވެ.
"ސާބަސް މޮޔަވަގެންތަ މިފްޒާލް ތިއުޅޭ....! މަށާ ދުރުގައި ހުރެބަލަ....! ބައިވަރު މީހުން ބަލާށޭ އެތިބީ....!" މިފްޒާލް އެހެން ބުނުމުން އައިލީން ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.
"ދުރުގައި ނުހުރެވިގެން މިއައީ....! ވަރަށް ކެތްކުރިން ދުރުގައި ހުންނަން....! ހިނގާބަލަ މީހުން ނުބަލާ ހިސާބަކަށް...." އަނެއްކާވެސް މަޑުމަޑުން މިފްޒާލް ބުނެލިއެވެ.
"ސާބަސް އިނގޭ މިފްޒަލް އަށް....! އަހަރެންގެ ފިރިމީހާވެސް އެހެރީ....! ކޮންވައްތަރަކަށްތަ ތިއުޅެނީ....! މިތާ ތިހެން ހުއްޓަ އޭނައަށް ފެނިދާނެތީއޭ މިބުނަނީ ދުރަށް ދާށޭ....! މިތަނުން ދޭބަލަ....! ޕްލީސް...." އަނެއްކާވެސް އައިލީން ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.
"ފިރިމީހާ އަށް ފެނިދާނެތީއޭ މަވެސް މިބުނީ ދުރަށް ހިނގާބަލާށޭ...! ހިނގާބަލަ....!" ހިނިތުން ވެފައިހުރެ މިފްޒާލް ބުނެލިއެވެ.
"މަނޫޅެން ދާކަށް...! މިތަނުން ދުރަށްދޭ...." އަނެއްކާވެސް ހިތްހަމަ ނުޖެހިފައިވާ އައިލީން ބުނެލިއެވެ.
އެވަގުތު ކުއްލިއަށް މިފްޒާލް، އައިލީން އަތުގައި ހިފިއެވެ. އައިލީންގެ މެޔަށް ހީވީ ފިނި ފެންއެއްޗެއް އޮއްސާލިހެންނެވެ. ހަމަ އެވަގުތު އައިލީން އަތްފޮޅާލިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 11 ޖޫން، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް