ވާހަކަ: ޑައިރީ – ފަނަރަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "އަހަރެން ދެފަހަރަކު ލަސްވެގެން ގުޅާވެސް ލައިފިން....!" މިފްޒާލް ކައިރިއަށް އައިސް ހުއްޓެމުން އަންޖަލް ބުނެލިއެވެ. "ޔޭސް....! ތަންކޮޅެއް ބިޒީކޮށް އުޅުނީމަ ގުޅިކަން ނޭނގުނީ....!...

06 Jun 2024 | 05:15

ކުރީގެ އަދަދާއި ގުޅޭ...

"އަހަރެން ދެފަހަރަކު ލަސްވެގެން ގުޅާވެސް ލައިފިން....!" މިފްޒާލް ކައިރިއަށް އައިސް ހުއްޓެމުން އަންޖަލް ބުނެލިއެވެ.

"ޔޭސް....! ތަންކޮޅެއް ބިޒީކޮށް އުޅުނީމަ ގުޅިކަން ނޭނގުނީ....! މާފަހުން މިސްކޯލް ފެނުނީ....! ހިތަށްއެރީ ދެން ނުގުޅާ އަންނާނީއޭ....! އަންޖަލްގެ ކޮލުގައި ހިފާލަމުން މިފްޒާލް ބުނެލިއެވެ.

އެވަގުތު އަންޖަލް ލަދުރަކި ގޮތަކަށް ހެވިފައި މިފްޒާލް އާ މަޑުމަޑުން ގާތްވެލިއެވެ. ދެމެދުގައި ދުރުމިނެއް ނުވާވަރަށެވެ. އެ މެސެޖު މިފްޒާލް އަށް އެނގެއެވެ. އެހެން ނަމަވެސް އައިލީން ކަންތައް ކުރިގޮތުން އެވަގުތު މިފްޒާލްހުރީ މޫޑެއްގައެއް ނޫނެވެ.

"ހިނގާ ފުރަތަމަ ކާން.....! ވަރަށް ބަނޑުހައިވެއްޖެ....! ކައިގެން ހަށިގަނޑުގައި ވަރު ޖައްސައިގެން ކަމެއްވާން އޮތީ....!" އަންޖަލް ކުޑަކޮށް ގަޔާ ދުރުކޮށްލަމުން މިފްޒާލް ބުނެލިއެވެ.

އަންޖަލް ގޮސް ތަށިތަކުގެ މަތި ނެގިއެވެ. ވަރަށް ގިނަ ވައްތަރުތައް ތައްޔާރުކޮށްފައި ހުއްޓެވެ. ބިރިޔާނީ ރައިސް އާއި އަލުވި ހިކިރިހައެވެ. މީގެ އިތުރުންވެސް ބަށި ހިކިރިހައާއި، އާދައިގެ ބަތުގެ އިތުރުން މުގުރިހައާއި ފިހުނުމަސްވެސް ތައްޔާރުކޮށްފައި ހުއްޓެވެ. އަދި ދެ ވައްތަރެއްގެ ފޮނިއެއްޗިހިވެސް ހަދާފައި ހުއްޓެވެ. ކައްކާފައިހުރި ކާއެއްޗިހީގެ މީރުކަމުން ދުވަހަކުވެސް ނުކާ ވަރަށް މިފްޒާލް އަށް ކެވުނެވެ. އަންޖަލްއަކީ ވަރަށް މީރުކޮށް ކައްކަން ދަންނަ ކުއްޖެކެވެ.

"ދެން ދޭ ފެންވަރާލައިގެން އަންނަން....." ކޮޓަރިއަށް ވަނުމަށްފަހު ތުވާލި ނަގާ މިފްޒާލް އާއި ދިމާއަށް ދިއްކޮށްލަމުން އަންޖަލް ބުނެލިއެވެ.

މިފްޒާލް ފާހާނާއަށްވަދެ ފެންވަރައިގެން އަތުން ބޯހިއްކަމުން ނިކުތެވެ. ހުސްގަޔާ ތުވާލި އަނދެލައިގެންހުރި މިފްޒާލް ފެނުމާއެކު އަންޖަލް އެނދުގައި އޮށޯވެލިއެވެ. އަންޖަލް އަށްޓަކައި ސިކުނޑީގައިހުރި ހުރިހާ ކަމެއް ފިލުވާލުމަށްފަހު ސިކުނޑި ހުސްކޮށްލަން މިފްޒާލް ނިންމިއެވެ. އަދި އައިސް އަންޖަލް ގާތުގައި މިފްޒާލް އޮށޯވެލިއެވެ. އެވަގުތު އަންޖަލްގެ ހަށިގަނޑުގައި ހުރި ވަރުބަލިކަންވެސް އަރާމަށް ބަދަލުވެގެން ދިޔައެވެ. އަންޖަލްގެ މަޤްޞަދު ޙާޞިލު ވުމާއެކު މަޑުމަޑުން ނިދީގެ ކަނޑަށް އޭނާ ޣަރަޤުވިއެވެ. އެހެން ނަމަވެސް މިފްޒާލް އޮތީ ހޭލައެވެ. ނިދިނައިސްފައެވެ. އައިލީން އާއި ބައްދަލު ނުވީތީއެވެ.

ރާއިފު، އައިލީން ގޮވައިގެން ގެއަސް ދިޔައިރުވެސް އިތުރު އެއްވެސް ވާހަކައެއް ނުދައްކައެވެ. ގެއަށްގޮސް އެއްޗިހި ބަދަލުކޮށްލައިގެން އައިސް އެނދުގައި އޮށޯވެ އައިލީންގެ އިންތިޒާރުގައި ރާއިފު އޮތެވެ. އައިލީން އެއްޗެހި ބަދަލުކޮށްގެން ނިކުތްއިރު ލޯބޮޑުކޮށްގެން އައިލީންއާ ދިމާއަށް ދަހިވެތިކަމާއެކު ބަލަހައްޓައިގެން ރާއިފު އޮތެވެ. ރާއިފު ބަލަންއޮތް ގޮތުން ރާއިފުގެ މަޤްޞަދު އައިލީންއަށް އެނގުނެވެ. އައިލީން ގޮސް އެނދުގައި އޮށޯތުމާއެކު ރާއިފު އޭނާގެ މަޤްޞަދު ޙާޞިލް ކުރަން ފެށިއެވެ. އައިލީން ކިތަންމެ ބޭނުން ނުވިޔަސް ކޮންމެ ރެޔަކުވެސް ރާއިފުގެ ޙާލަކީ މިއީއެވެ. އެ ކަން އެ ގޮތަށް ތަކުރާރުވާލެއް ގިނަކަމުން އައިލީންއަށް އުނދަގޫތަކެއް އިޙްސާސް ކުރަން ޖެހުނަސް ކެތްކުރެވޭތޯ އައިލީން ބަލައެވެ. ރާއިފު އަކީ އައިލީންގެ ފިރިމީހާއަށް ވީތީއެވެ. އެންމެ ފަހުން ރާއިފުގެ މަޤްޞަދު ޙާޞިލް ވުމުން އާދައިގެން މަތިން މިރޭވެސް ރާއިފު ނިދައިފިއެވެ. އެހެން ނަމަވެސް ރާއިފު ކަންތައްތައް ކުރާގޮތާމެދު ވިސްނާލަން އައިލީން އޮތެވެ. މިހެން އޮއްވާ ކުއްލިއަކަށް އައިލީން ސިހިގެންދިޔައީ ކޮޓަރީގައި ހުރި ފޯނު ރިންގވާ އަޑަށެވެ. އައިލީން ގަޑި ބަލާލިއެވެ. އޭރު ދަންވަރު ދޭއް ޖަހަނީ އެވެ. މިހާ ދަންގަޑިއެއްގައި ފޯނު ކުރާނީ ކާކުބާއޭ އައިލީން ހިތަށް އެރިއެވެ. އަދި ވެފައިވާ ވަރުބަލި ކަމުން ފޯނު ނުނަގަން އޮއްވާ އަނެއްކާވެސް ފޯނު ރިންގުވާން ފެށިއެވެ. އެންމެފަހުން ތެދުވެގެން ކަންނެތް ހިނގުމެއްގައި މަޑުމަޑުން ހިނގާފައިގޮސް ފޯނު ނަގަން ފޯނަށް އަތް ދިއްކޮށްލިއިރު ކުޑަދޮރުގެ ލޫވަރގަނޑުގެ ބޭރުން ހިޔަންޏެއް އައިލީންއަށް ފެނުނެވެ. އަދި ހަމަ އެވަގުތު ޖެހުނު ވައި ރޯޅިއާއެކު ދޮރުގައި ދަމާފައިހުރި ފޮތިގަނޑު ހިއްލިގެން ދިޔައިރު ބޭރުގައި ހުރި މިފްޒާލް ހަމަ ރީތިކޮށް އައިލީން އަށް ފެނުނެވެ. މިފްޒާލް ހުރީ އޭނާގެ މޮބައިލް ކަންފަތުގައި ޖަހައިގެން އައިލީން އާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އައިލީންގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ. އެގެއަށް މިފްޒާލް ވަނީތީ އެކަންޏެއް ނޫނެވެ. އޭނާ އެތަނުގައި ބަލަން އެހެރީ ކޮންއިރަކުންސުރެކަންވެސް ނޭނގޭތީއެވެ. އައިލީން ފޯނުގެ އަތްގަނޑު ކަންފަތުގައި ޖައްސާލިއެވެ.

"މާޝާﷲ....! އައިލީން ހާދަރިއްޗޭ....!" އައިލީން އާއި ދިމާއަށް ބަލަންހުރެ މިފްޒާލް ފޯނުން ބުނެލިއެވެ.

އެވަގުތު އައިލީން އޭނާގެ ހަށިގަނޑަށް ބަލާލިއެވެ. އެވަގުތު ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތްކަން އިޙްސާސްވީ އެހާ ހިސާބުންނެވެ. އައިލީން އަވަސް އަވަހަށް ސްވިޗު އޮފް ކޮށްލާ ކޮޓަރީގެ ބޮކި ނިއްވާލިއެވެ.

"ކިހިނެތް މިގެއަށްވަނީ....؟" އައިލީން ހާސްވެފައި ބިރުން ހުރެ ސުވާލުކޮށްލިއެވެ.

ލިފްޓުން....! އަހަރެން ބުނީމެއްނު މިރޭ އައިލީން ދެކިނުލާ އަހަންނަކަށް ނުނިދޭނެއޭ....! އެހެންވެ....! މިހެން ދެކިލަން އައިމަ މާފުރިހަމައަށް އަހަންނަށް އައިލީން ފެނިއްޖެ....! ކޮންމެ ފަދަ ހުރަހެއް ކުރިމަތިވިނަމަވެސް އެހުރަހެއް އަހަރެން ގިރާކުރީމުސް...." ހީނލާފައި މިފްޒާލް ވާހަކަ ދެއްކިއެވެ.

"މިފްޒާލް މޮޔަވީތަ....؟ ރާއިފު ހޭލާ އޮތްނަމަޔޯ...." އައިލީން ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.

"އޭނަ އޮތީ މަސްތުވެގެން ނިދިފައެއްނު..... ވަރުބަލިވެފައެއްނު.... އެހެންވީމާ ނުހޭލާނެ އެއްނު...." އެހެން ނޫނަސް ތިހެން ކިޔަންޏާ މަށަށް ބުނެވިދާނެ އެވަރަށް ބުނީމަވެސް އައިލީން ދޮރުމައްޗަށް ނުނިކުތީ ކީއްވެހޭވެސް.... އޭރުން އަންނާކަށް ނުޖެހުނީސް.... އެކަމަކު ނުނިކުތީމަ މާރަނގަޅޭ....! މިގަޑީގައި އައިމަ މާބޮޑަށް އައިލީން ފެނިއްޖެ....! އަނެއްކާވެސް ހީނލާފައި މިފްޒާލް ބުނެލިއެވެ.

"ކޮންވައްތަރަކަށްތަ ތިއުޅެނީ....! ތިޔަށްވެސް ކިޔަނީ ލޯބިތަ....؟ ތިހެން އުޅޭމީހުން މީގެ ކުރިން އަހަންނަށް ފެންނަނީ ފިލްމުތަކުން....! ނޫނީ ބައެއް ވާހަކަތަކުގައިވެސް ތިކަހަލަ މީހުން އުޅޭ....! އަދިކިރިޔާ އަލަށް މިފެނުނީ ރިއަލް ލައިފުގައި ތިކަހަލަ ލޯބިވެރިއެއް.....! ބުނަންތަ، ތިޔަށް ކިޔަނީ ލޯތްބެއްނޫން....! ކޮންމެސް އެހެން ނަމެއް ތިޔަށް ކިޔަން ޖެހޭނީ....!" ހިތްހަމަ ނުޖެހިފައިވާ އައިލީން ވާހަކަ ދެއްކިއެވެ.

"ވަރިހަމަ ކޮންމެ ނަމެއް ކިޔަސް....! އަހަރެން މިއަށް ކިޔަނީ ލޯބި....! މިރޭ ތި އެނދުމަތީގައި ކަންކަން ވީގޮތް އަހަރެން މިހިރީ ބަލަން....! އައިލީން ކިތަންމެ ފޮރުވަން މަސައްކަތް ކުރިޔަސް އަހަރެންނަށް މިރޭ ޔަޤީންވެއްޖެ ރާއިފުއަކީ އައިލީން އަށް ކެއަރ ކުރާ އޯގާތެރި ފިރިއެއް ނޫންކަން....! އެއީ އަމިއްލަ އެދުމުން ފޯވެފައިހުރި މީހެއްކަން....!" އަނެއްކާވެސް މިފްޒާލް ވާހަކަ ދެއްކިއެވެ.

"ކޯޗެއް އެނގިގެންތަ ތިއުޅެނީ....؟ ތިތާ މިފްޒާލް ހުންނަތާ ކިހާ އިރެއް ވެއްޖެ....؟" ހިތްހަމަ ނުޖެހިފައި އައިލީން ސުވާލުކޮށްލިއެވެ.

"ތި އެނދުމަތީ ހިނގި ހުރިހާ ހާދިސާއެއް ފެނި އެހުރިހާ ކަމެއް ޔަޤީންވާހާއިރު މިތާހުރެވިއްޖެ....! ރާއިފު އެއްވެސް ވަރަކަށް އައިލީން އާމެދު ވިސްނާވެސް ނުލައެވެ. އޭނަ ބެލީ އޭނައަށް އުފާލިބޭތޯ، އެއްވެސް ވަރަކަށް އައިލީން އާ ދޭތެރޭގައި ވިސްނާވެސް ނުލިއެއްނު....!" އެއްވެސް ޖެހިލުމެއްނެތި މިފްޒާލް ބުނެލިއެވެ.

"މިފްޒާލް އަށް އެނގޭތަ، މިފްޒާލް ތިކުރީ ކިހާ ވަރެއްގެ ކުށެއްކަން.....! މައްސަލައެއް ޖައްސައިފިއްޔާ އަދަބު ލިބޭނެކަން....!" އައިލީން އެހެން ބުނުމަށްފަހު ފޯނު ބޭއްވިއެވެ.

އައިލީން ފޯނު ބޭއްވުމަށްފަހު ގޮސް ދޮރުލެއްޕުމަށްފަހު ދޮރުގައި ދަމާފައިވާ ފޮތިގަނޑުވެސް ދަމާލިއެވެ. އައިލީން ހުރީ ވަރަށް ލަދުގަނެފައެވެ. އޭގެ އިތުރުން ވަރަށް ބޮޑަށް ހިތްހަމަވެސް ނުޖެހިފައެވެ. މިފްޒާލް އަކީ ތަފާތު މިޒާޖެއްގެ މީހެއްކަން އެންމެ ފުރަތަމަ ދުވަހުވެސް އައިލީން އެނގުނެވެ. އެހެންނަމަވެސް އެފަދަ ކަމެއް މިފްޒާލް ކޮށްފާނެ ކަމަކަށް ދުވަހަކުވެސް އައިލީން ހީކޮށްފައެއް ނުވެއެވެ. އަދި މިފްޒާލް އަކީ އެހާ ނުރައްކާ މީހެއްކަން ދަނެގަންނަން އައިލީން އަށް ލިބުނު ފުރުޞަތަކީ އެއީއެވެ. އެކަހަލަ ފިރިހެނުންނަކީ އަވަލާ ބައެއްކަން ވިސްނަން ލިބުނު ފުރުޞަތަކީވެސް އެއީއެވެ. އައިލީން ކިތަންމެ ހިތްހަމަ ނުޖެހިފައި ހުއްޓަސް، މިހާ ބޮޑުކަމެއް މިފްޒާލް ކުރިއިރުވެސް އައިލީންގެ ހިތުގައި މިފްޒާލްއަށް ދެވިފައިވާ ލޯތްބަށް ބަދަލެއް ނާންނަނީ ކީއްވެ ކަމެއް އައިލީން އަކަށް ނުވިސްނެއެވެ. އައިލީން، އެނދުގައި ނިދާފައިއޮތް ރާއިދުއަށް ބަލާލިއެވެ. މުޅި ގައި ނިވާވާރަށް ފޮތިގަނޑު އަޅައިގެން އޭނާ އޮތީ ގަދަ ނިދީގައެވެ. ކޮޓަރިތެރޭގައި ހިނގައިދިޔަ އެއްވެސް ކަމެއް ނޭނގޭ ހާލުގައެވެ. މިފްޒާލް ދެއްކި ވާހަކަތަކާމެދު އައިލީން ވިސްނާލިއެވެ. ރާއިފު އާ ގުޅޭ ގޮތުން މިފްޒާލް ދެއްކީ ހުސް ތެދު ވާހަކައެވެ. ރާއިފު އެގޮތަށް ކަންތައް ކުރިކަމުގައިވިޔަސް ރާއިފު އާ ވަކިވާ ޚިޔާލެއް އަދި އައިލީންގެ ނެތެވެ.

މިފްޒާލް ގެއަށް ދިޔައީ ވަރަށް ހިތްހަމަ ޖެހިގެންނެވެ. ދުވަހަކުވެސް ލިބޭނެ ކަމަށް އުއްމީދުވެސް ނުކޮށްހުރި އުފަލެއް ލިބުމުން މިފްޒާލް ހުރީ އުފަލުން މޮޔަވާ ވަރުވެފައެވެ. މިފްޒާލް ގޮސް ކޮޓަރިއަށް ވަންއިރު އަންޖަލް އޮތީ ހޭލައެވެ.

"މިގަޑީގައި ކޮންތާކަށް ގޮއްސަ ތިޔައީ....! ފާހާނާއަކަށް ދާންވެގެން ހޭލެވުނީ....! ހޭލެވުނުއިރު މިފްޒާލް އެއް ނެތް....!" މިފްޒާލް ކޮޓަރިއަށް ވަނުން އަންޖަލް ސުވާލުކޮށްލިއެވެ.

އާނ...! އާނ... ނުނިދެގެން ތެދުވީ....! ދެން ހިތަށް އެރީ ނިންމާލަންޖެހޭ ކުރެހުމެއް އޮތީމަ އެނިންމާލަން ސްޓޫޑިއޯ އަށް ދާނީއޭ...!" އަންޖަލް ސްޓޫޑިއޯ އަށް ނުވަންނާނެކަން އެނގޭތީ އިތުރު ގޮތެއް ނެތިގެން ގަސްދުގައި މިފްޒާލް ދޮގެއް ހަދާލިއެވެ.

"ކޮބައިތޯ ބަލާލަން ބޭރަށްވެސް ނުކުމެލިން....! އެކަމަކު ސްޓޫޑިއޯ އަކަށް ނުވަންނަން....! ދެން ހިނގާ ނިދަމާ...! ފަތިހު ހޭލަންވެސް ޖެހޭނެއެއްނު...." މިފްޒާލް އާއި ދިމާއަށް ބަލަން އޮވެ އަންޖަލް ބުނެލިއެވެ.

މިފްޒާލް އެނދުގައި އޮށޯވެ އޮތްއިރުވެސް ވިސްނެމުން ދިޔައީ އައިލީން އާ ދޭތެރޭގައެވެ. މިގޮތުން އައިލީން އާއި އިތުރަށް ގުޅުން ބަދަހިކޮށް މިނިވަންކަމާއެކު ގިނަގިނައިން ބައްދަލުވެވޭނެ މޮޅުގޮތެއް މިފްޒާލް ރާވާލިއެވެ.

ޖެހިގެން އައިދުވަހު މިފްޒާލް އޮފީހަށް ގޮސް އައިލީން އަށް ފޯނުކުރިއެވެ.

"ރޭގައި ކަންތައް ކުރެވުނު ގޮތުން ވަރަށް ބޮޑަށް ސޮރީ....! އަހަންނަށް އެނގޭ އެއީ އަހަރެން ކަންތައް ކުރަންވާނެ ގޮތެއް ނޫންކަންވެސް....! އެކަމަކު އަހަރެންގެ ހިތް އެކަމަށް މަޖުބޫރު ކުރުވީ....! އަދިވެސް އެއްފަހަރު އެކަމަށްޓަކައި އައިލީންގެ ކިބައިން ވަރަށް ބޮޑަށް މާފަށް އެދެން...! މިފްޒާލް ވާހަކަ ދެއްކިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 09 ޖޫން، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް