ވާހަކަ: ޑައިރީ – ސާދަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ވަރަށް ގިނަވަގުތު އައިލީންގެ އިންތިޒާރުގައި މިފްޒާލް ބޭރުގައި މަޑުކުރުމަށްފަހު އެންމެ ފަހުން އައިލީން ހޯދަން އޮފީސްތެރެއަށް ވަނުމަށް މިފްޒާލް ހިތަށް އެރިއެވެ. އައިލީން ދެކިނުލާ...

04 Jun 2024 | 01:07

ކުރީގެ އަދަދާއި ގުޅޭ...

ވަރަށް ގިނަވަގުތު އައިލީންގެ އިންތިޒާރުގައި މިފްޒާލް ބޭރުގައި މަޑުކުރުމަށްފަހު އެންމެ ފަހުން އައިލީން ހޯދަން އޮފީސްތެރެއަށް ވަނުމަށް މިފްޒާލް ހިތަށް އެރިއެވެ. އައިލީން ދެކިނުލާ ކެތް ނުވާނެތީ އެންމެފަހުން އޮފީސް ތެރެއަށް ވަނުމަށް މިފްޒާލް ހިނގައިގަތެވެ. އެހެން ނަމަވެސް އެގޮތަށްގޮސް އޮފީސް ތެރެއަށް ވަނުމަކީ ރަނގަޅު ކަމެއް ކަމުގައި ނުފެންނާތީ އާއި އައިލީންގެ އަގު ހިފެހެއްޓުމުގެ ގޮތުން ނުގޮސް އަނބުރާލާފައި އައިސް އަނެއްކާވެސް ސައިކަލް ކައިރީގައި މަޑުކޮށްލިއެވެ. އަދި ކިތަންމެ ގިނައިރު ވިޔަސް މިރޭ ގެއަށްދާނީ އައިލީން އާ ދިމާވުމަށްފަހު ކަމުގައި ޢަޒުމް ކަނޑައެޅިއެވެ. އެރޭގެ އެގާރަ ޖެހިއިރުވެސް މިފްޒާލް ހުރީ އައިލީންގެ އިންތިޒާރުގައި އޮފީސް ކައިރީގައެވެ. އައިލީން ނުފެނި ގެއަށް ދިޔަޔަސް ލޮލަކަށް ނިންޖެއް ނާންނާނެކަން މިފްޒާލް އަށް އެނގެއެވެ. އައިލީން ފޯނު ނިންވާފައި އޮތީ ކޮންމެވެސް ކަމަކާ ބިޒީވެގެންކަންވެސް މިފްޒާލް އަށް އެނގެއެވެ. ކިރިޔާވެސް ވަގުތެއް ލިބިއްޖިއްޔާ ގުޅާފަ މާފަށް އެދޭނެކަންވެސް މިފްޒާލަށް އެނގެއެވެ. އެގާރަގަޑި ބައިވާން ގާތްވެފައި ވަނިކޮށް އައިލީން ފޯނު ކުރިއެވެ. މިފްޒާލް ބޭނުންވީ އައިލީން ތަޅުވާލާށެވެ. ލޯބިވާވަރު އިމްތިހާން ކޮށްލާށެވެ. މިފްޒާލް އަކީ ކިތަންމެ ވަރަކަށް ލޯބިވެޔޭ ބުންޏަސް ނުފުދޭ މިޒާޖުގެ ފިރިހެނެކެވެ. ލޯބިވެރިޔާ ލައްވާ އާދޭސްކޮށްލާހިތްވާ ކަހަލަ މީހެކެވެ. އައިލީން އަނެއްކާވެސް ފޯނު ކުރިއެވެ. މިފްޒާލް ހިތްވަރުކޮށްލާފައި ފޯނު ނުނަގާ ފޯނަށް ބަހައްޓައިގެން ހުއްޓެވެ. ތިންވަނަ ފަހަރަށް އައިލީން ގުޅުމުން މިފްޒާލް ފޯނު ނެގިއެވެ.

"ހެލޯ.....! ގުޅާލެވޭވަރު ވެއްޖެދޯ....؟ މީހަކު އިންތިޒާރުގައި ބަހައްޓަން ތިއީ ބޮޑުވަރު....!" ހިތްހަމަ ނުޖެހޭ ރާގަކަށް މިފްޒާލަށް ބުނެލިއެވެ.

"ރުޅިނައިސް ފުރަތަމަ ފޯނު ބަލާބަލަ.... އަހަރެން ކިތައްފަހަރު މިފްޒާލް އަށް ގުޅިންތަ....؟ ބަލާބަލަ ތިފޯނު...!" އައިލީން މަޑުމަޑުން ބުނެލިއެވެ.

"ހުސްދޮގު....! ގުޅިނަމަ މަށަށްވެސް އެނގޭނެތާ....! މިފޯނަކު މިސްކޯލެއް ނެތް....! މިހާރު ކިހާއިރެއްވެއްޖެ މިތާހުރެ އިންތިޒާރު ކުރާތާވެސް...! ރީތިވެފަ މަޝްހޫރުވިޔަސް ތީ ބޮޑުވަރެއް....!" އަނެއްކާވެސް ހިތްހަމަ ނުޖެހޭގޮތް ދައްކަމުން މިފްޒާލް ވާހަކަ ދެއްކިއެވެ.

"ތިއީއޭ މިފްޒާލް މައްސަލައަކީ.....! ބުނާއެއްޗެއް ޤަބޫލެއް ނުކުރާނެ....! ތި ފޯނު ރަނގަޅަށް ބަލާބަލަ އަހަރެން ކިތައްފަހަރު ގުޅާފައޮތްތޯ....! ގުޅީމަ ފޯނު ނުނަގާފަ އަހަރެން ކުށްވެރިކުރަން ނޫޅެބަލަ....!" ހިތްހަމަ ނުޖެހިފައި އައިލީންވެސް ވާހަކަ ދެއްކިއެވެ.

"އަހަރެންބުނީ ހަމައެކަނި ފެނިލަން ބޭރަށް ނުކުމެލަދޭށޭ....! މާގިނަ އިރަކަށްވެސް ނޫން....! ކުޑަވަގުތު ކޮޅަކަށް ބޭރަށް ނުކުމެލަދޭން، އެއީ އެވަރުކަމެއްވެސް ނޫނެއްނު.... ނުކުނަން ބޭނުންނެތިއްޔާ ކުރިން އެވާހަކަ ބުނެލިނަމަ މިތާ ބޭރުގައި މިހާ ގިނަވަގުތު ހުންނާކަށް ނުޖެހުނީހެއްނު....! އަހަރެންގެ އުފަންދުވަސް މުޅިން ބޭކާރުވެގެން މިދިޔައީ....! އަދި ނުނުކުމެފަ މާފަށްވެސް އެދުނީކީ ނޫނޭ....!" މިފްޒާލް ބޭނުންވީ އައިލީން ލައްވާ އާދޭސް ކުރުވާށެވެ.

"މަވެސް އެއްޗެއް ބުނާނެ ޗާންސެއް ދީބަލަ....!" ހިތްހަމަ ނުޖެހިފައި ތަންކޮޅެއް ބާރަށް އައިލީން ބުނެލިއެވެ.

"އައިލީން ބުނާނެ އެއްޗެއް ބުނަންވީނު....! އަހަރެން އައިލީން އަނގަޔަކު ނުހިފަހައްޓަމޭ....! ދިފާޢުގައި ތިބުނަން އުޅޭ އެއްޗެއް ބުނެބަލަ ދެން....!" ހިތްހަމަ ނުޖެހޭގޮތް ދައްކަމުން މިފްޒާލް ބުނެލިއެވެ.

"ޑިއުޓީއަށް އައިތަނާ ރެކޯޑިންގ އަކަށް ވަންނަން ޖެހިގެން މިފްޒާލް އާ ދެފަހަރު ގުޅިން....! އެކަމަކު މިފްޒާލް ފޯނެއް ނުނަގާ....! ރެކޯޑިން ނިމުނުގޮތަށްވެސް ގުޅިން...! ކިތައްފަހަރު ގުޅައިގެން ތި ފޯނު ނެގީ....! އަދިވެސް ކުށްވެރި ތިކުރަނީ އަހަރެން....!" މިފްޒާލްގެ ފަރާތުން ޙަމްދަރުދީ ލިބޭނެ ކަމުގެ އުއްމީދުގައި ކަންތައްވީގޮތް އައިލީން ކިޔައިދިނެވެ.

"ތި ނިމުނީނު ދެން....! ހުރިހާ ލަނޑެއް މިލިބުނީ މަށަކަށްނު....! ހުރިހާ ވަގުތެއް ބޭކާރުވީ މަގެއެއްނު..... އުފަންދުވަސް ފާހަގަ ކުރަންވެގެން އަންހެނުން ގޭގައި ޑިނަރ އެއް ހަމަޖައްސާފަ އޮއްވަ އަހަރެން މިހުންނަނީ ގެއަށްވެސް ނޮގޮސް މިތާނގައި އައިލީންއަށް އިންތިޒާރުކޮށްކޮށް.... އެކަމަކު ބޭކާރު ކަމަކަށް މިވީ....!" މިފްޒާލްގެ ހިތުގައިވަނީ ޝަކުވާއެވެ. ޙަމްދަރުދީ އާއި އޯގާތެރިކަމެއް ނޫނެވެ.

"ސޮރީ...! ވަރަށް ބޮޑަށް ސޮރީ....!" އައިލީން އޭނާގެ ކުށް ޤަބޫލުކޮށް މާފަށްވެސް އެދުނެވެ.

"މާފު ކޮށްފާނަން....! އެކަމަކު މާފުކުރެވޭނީ އެންމެ ގޮތެއްގެ މަތިން..... މަށަށް ފެނިލާ.....! މިފްޒާލް ޝަކުވާގެ ރާގެއްގައި ބުނެލިއެވެ.

"ދެތިން ފަހަރު ގުޅީމަވެސް މިފްޒާލް ފޯނު ނުނެގީމަ ބަލާއަންނަން ރާއިފު އަށް ގުޅައިގެން މިހިރީ...! މިހާރު އޭނަ އަންނާނެ....! ރާއިފު އަންނައިރު އަހަރެން މިގަޑީގައި ބޭރުގަ މިފްޒާލް އާއި ވާހަކަ ދައްކަން ހުއްޓަ ފެނިއްޖިއްޔާ ކިހިނެތްވާނީ....! މިހާރު ގަޑިބަލާބަލަ....!" މިފްޒާލް އަށް ވިސްނާދިނުމުގެ ގޮތުން އައިލީން ބުނެލިއެވެ.

"އަހަރެން ބޭނުމެއް ނޫން ގަޑިބަލާކަށް....! އަހަރެންވެސް މިތާ މިހުންނަނީ އަންހެނުން ތައްޔާރުކުރި އުފަންދުވަހުގެ ކެޔުމެއް ކަޓުވާލާފައޭ.....! ޕްލީސް... ލޯބިވަންޏާ މިރޭ އަހަންނަށް ފެނިލާ....! ވަރަށް ދެލިކަން ބޭނުން.... އެހެން ނޫނީ މިރޭ ނުވެސް ނިދޭނެ...!" އާދޭސްކުރާ ރާގަކަށް މިފްޒާލް ބުނެލިއެވެ.

"ޤަބޫލުކޮށްބަލަ....! ވަރަށް ދެރަވޭ ނޫނެކޭ ބުނަންވެސް...! ވާހަކަ ދައްކަން ހުއްޓާ ރާއިފުއަށް ފެނިއްޖިއްޔާ ވާނެގޮތް ހަމަ ރަނގަޅަށް މިފްޒާލް އަށް އެނގޭނެ....! ތިވަރަށް އާދޭސް ނުކޮށްބަލަ....!" މިފްޒާލްއަށް ވިސްނާދެވޭތޯ އައިލީން މަސައްކަތް ކުރިއެވެ.

"އަހަންނަށް ފެނިލަން އައިލީން ބޭރަށް ނުނިކުމެއްޖިއްޔާ އަހަރެން ބަލާނީ އަހަރެން އައިލީން ދެކެ ލޯބިވާ ވަރަށް އައިލީން އަހަރެންދެކެ ލޯބި ނުވަނީޔޭ....!" މަޑުމަޑުން މިފްޒާލް ބުނެލިއެވެ.

"ތިހެން ނުބުނޭ....! ހިނގާ މާދަންރޭ ދިމާ ކުރަމާ....! މާދަންރޭ ޑިއުޓީއެއްވެސް ނޯންނާނެ....!" އައިލީން އިތުރު ޚިޔާލެއް ދިނެވެ.

މިފްޒާލްގެ ފޯނަށް ފޯނެއް އަންނަކަން އެނގިގެން މިފްޒާލް ފޯނު ބަލާލިއެވެ. ފޯނު ކުރަނީ އަންޖަލް އެވެ. އޭރު ގަޑިން ބާރަޖަހަނީއެވެ. އަންޖަލް އެގުޅަނީ ކެޔުން ތައްޔާރުކޮށްގެންކަން މިފްޒާލް އަށް އެނގެއެވެ. މިފްޒާލް އެންމެފަހުން ހަދާނެގޮތް ހުސްވިއެވެ.

"އެންމެ ރަނގަޅު ދެން އަހަރެންދަނީ....! އެކަމަކު އަހަރެން މިދަނީ އެހާ ހިތްހަމަ ޖެހިގެނެއް ނޫން....!" މިފްޒާލް ފޯނު ކަނޑާލަމުން ބުނެލިއެވެ.

މިފްޒާލްގެ ފޯނު ކެނޑުނު ވަގުތަކީ އަނެއްކާވެސް އައިލީންގެ ފޯނު ރިންގުވީ ވަގުތެވެ. މިފަހަރު ފޯނުކުރީ ރާއިފު އެވެ.

"ހެލޯ....! ތިއައީތަ....؟" އައިލީން ފޯނު ނެގުމަށްފަހު ސުވާލުކޮށްލިއެވެ.

"އާނ....! ބޭރުގައި މިހުރީ...." އިތުރު އެއްޗެއް ނުބުނެ ރާއިފު ފޯނު ބޭއްވިއެވެ.

އައިލީން އަވަސްކޮށްލައިގެން ބޭރަށް ނުކުތްއިރު ތަންކޮޅެއް ދުރުގައި ސައިކަލުމަތީގައި ރާއިފު އިނެވެ. އައިލީން ބާރަށް ހިނގާފައިގޮސް ސައިކަލަށް އެރުމާއެކު ރާއިފު ސައިކަލް ދުއްވާލިއެވެ.

"ހާދަ ބާރަށް ސައިކަލް ތި ދުއްވަނީ...." ރާއިފު ސައިކަލް މާބާރަށް ދުއްވާތީ، އައިލީން ބުނެލިއެވެ.

އެހެން ނަމަވެސް އައިލީންގެ މިއަޑު ރާއިފުއަށް އިވޭހެނެއް ހީއެއް ނުވެއެވެ. ސައިކަލްގެ ދުވެލި މަޑުނުކޮށް ބާރު ސްޕީޑްގައި ރާއިފު ސައިކަލް ދުއްވަމުން ގެންދިޔައެވެ.

"ކިހިނެތްވީ....؟ ކީއްވެ މާބާރަށް ސައިކަލް ތި ދުއްވަނީ.....!" އަނެއްކާވެސް އައިލީން ސުވާލުކޮށްލިއެވެ.

"މިފްޒާލް ތި އޮފީސް ދޮށުގައި މިގަޑީގައި ކީއްއެކުރަނީ....؟ އައިލީން އާ މީޓްކުރަންތަ...."؟ ހިތްހަމަ ނުޖެހިފައި އިނދެ ރާއިފު ސުވާލުކޮށްލިއެވެ.

"މިފްޒާލް އޭ....! އޭނަ އޮފީސް ދޮށުގައި އެބައިންތަ....؟ ނޭނގެ، އަހަންނެއް ނުދެކެން....!" އައިލީން ގަސްދުގައި ނޭނގޭ ކަމަށް ހެދިއެވެ.

"އާނ....! މަފެނުނީމަ ސައިކަލުގައި އެނައްޓާލީ،...! އައިލީން އާ މީޓުކުރަން ނޫނިއްޔާ މިގަޑީގައި އައިސް އޮފީސްދޮށުގައި އިނުމުގެ ބޭނުމަކީ ކޮބާ....؟ ޔަޤީންނޭ މީޓް ކުރަންކަން އެއައީ....!" ތަންކޮޅެއް އަޑުހަރުކޮށް ރާއިފު ވާހަކަ ދެއްކިއެވެ.

"ނޭނގެ އަހަންނަކަށް....! އަހަރެން ނުދެކެން...." އައިލީންވެސް ހިތްހަމަ ނުޖެހިފައި އިނދެ ޖަވާބު ދިނެވެ.

އިތުރު އެއްޗެއްނުބުނެ ސައިކަލްމަތީގައި އިންދާ އައިލީންގެ ފޯނަށް މެސެޖެއް އައެވެ. އައިލީން ފޯނަށް ބަލާލިއިރު މެސެޖު ކުރީ މިފްޒާލް އެވެ. އައިލީން، ރާއިފުއަށް ނުފެންނަގޮތަށް މަޑުމަޑުން މެސެޖު ކިޔާލިއެވެ.

"މިފްޒާލްގެ ފެމިލީ ތެރޭގައި މައްސަލަޖެހޭކަށް ބޭނުމެއް ނޫނޭ ދެންމެ އައިލީން ބުނީމެއްނު....! ހަނދާން ކުރާތި....! އަހަންނަށް ނުފެނި މިރޭ ތިދިޔައީ....! އެކަމުގެ ސަބަބުން އަހަރެންނާއި އަހަރެންގެ އަންހެނުންގެ މެދުގައި މައްސަލައެއް ޖެހިއްޖެނަމަ އެކަމުގެ ޒިންމާ އައިލީން ނަގަންޖެހޭނެ....!"

އައިލީން ދެފަހަރު އެ މެސެޖު ކިޔާލިއެވެ. އެހެންނަމަވެސް އެމެސެޖުގައި މިފްޒާލް ބުނަން އުޅޭއެއްޗެއް އެއްގޮތަކަށްވެސް އައިލީން އަކަށް ނޭނގުނެވެ.

"ކޮން ޒިންމާއެއް އަހަރެން ވާންޖެހޭނީ....." އައިލީން ހިތާހިތާ ކިޔާލިއެވެ.

އައިލީންގެ ސަބަބުން އެދެމަފިރިންގެ ގުޅުމަށް އެއްވެސް ހީނަރުކަމެއް އަންނާކަށް އައިލީން ބޭނުމެއް ނޫނެވެ. އަދި މިފްޒާލްގެ މެސެޖަށް އައިލީން އެއްވެސް ޖަވާބެއްވެސް ނުދެއެވެ. މިފްޒާލް އަކީ ގޮތެއްގައި ހުންނަ މީހެއްކަން އައިލީންއަށް އެނގެއެވެ.

މިފްޒާލްގޮސް ގެއަށް ވަންއިރު މިފްޒާލްގެ އިންތިޒާރުގައި އަންޖަލް އިނެވެ.

"އަހަރެން ދެފަހަރަކު ލަސްވެގެން ގުޅާވެސް ލައިފިން....!" މިފްޒާލް ކައިރިއަށް އައިސް ހުއްޓެމުން އަންޖަލް ބުނެލިއެވެ.


ނުނިމޭ.... ވާހަކައިގެ އާ ބައެއް، ހައެއް ޖޫން، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް