ވާހަކަ: ޑައިރީ – ތޭރަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ.... "ހޫން ދެން އަވަސްކޮށްލައިގެން ކޭކު ކައިގެން ހިނގާ ރޫމަށް....! ދެން ބާކީބައި އޮތީ ރޫމްގައި....! އެނދުމަތީގައި....!" ހީނލާފައި އަންޖަލް ބުނެލިއެވެ. މިފްޒާލް އާއި އަންޖަލް ކޭކު ކ...

02 Jun 2024 | 03:54

ކުރީގެ އަދަދާއި ގުޅޭ....

"ހޫން ދެން އަވަސްކޮށްލައިގެން ކޭކު ކައިގެން ހިނގާ ރޫމަށް....! ދެން ބާކީބައި އޮތީ ރޫމްގައި....! އެނދުމަތީގައި....!" ހީނލާފައި އަންޖަލް ބުނެލިއެވެ.

މިފްޒާލް އާއި އަންޖަލް ކޭކު ކައިނިމިގެން އިރުކޮޅަކު ވާހަކަ ދެއްކުމަށްޓަކައި ސިޓިންގ ރޫމްގައި ތިބުމަށްފަހު ދިޔައީ ކޮޓަރިއަށެވެ.

"ގޮސް ފްރެޝް ވެލައިގެން އަވަހަށް އާދޭ....!" އަލަމާރި ހުޅުވާލުމަށްފަހު ނިދާ ހެދުން ނަގަމުން އަންޖަލް ބުނެލިއެވެ.

ޖެހިގެން އައި ދުވަހު އޮފީހުގެ މަސައްކަތުގައި އުޅުމަށްފަހު މަސައްކަތްތައް ނިންމާލުމަށްފަހު މިފްޒާލް ގަސްދުކުރީ މިރޭގެ ޕްލޭން ހަދާލުމަށްޓަކައި އައިލީން އާއި ފޯނުން ގުޅާލުމަށެވެ. މިފްޒާލް އައިލީންގެ ފޯނު ނަންބަރަށް ޑައިލް ކޮށްލިއެވެ. ހަތަރުވަރަކަށް ފަހަރު ރިންގު ވުމަށްފަހު އައިލީން ފޯނު ނެގިއެވެ.

"ވިޝް ޔޫ އަ ވެރީ ހެޕީ ބާތްޑޭ.....!" ފޯނު ނެގިގޮތަށް އައިލީން ބުނެލިއެވެ.

"ތޭންކްޔޫ ސޯމަޗް..." މިފްޒާލް ބުނެލިއެވެ.

"ކޮބާ ރޭގަ ކޮންކަމެއް އޮތީ.....! ވަރަށް ފޯރިގަދަތަ....؟" އައިލީން ސަމާސާ ރާގަކަށް ބުނެލިއެވެ.

"ހޫނ.....! ދެން ތިދައްކަނީ ކޮން ވާހަކައެއްތަ.....! އިނގެއެއްނު ދެން.....!" މިފްޒާލްވެސް ހީނލާފައި ބުނެލިއެވެ.

"މަށަށް ކިހިނަތް އިނގޭނީ....! ނޭނގޭތީތާ މިއަހާލީ....." އަނެއްކާވެސް އައިލީން ހީނލާފައި ބުނެލިއެވެ.

"ތިވާހަކައެއް ނޫނޭ....! މިރޭގެ ވާހަކަ ދައްކަބަލަ.....! ކޮންކަމެއްތަ މިރޭ އޮތީ ދެން....!" މިފްޒާލް ސީރިއަސް ވެފައި އަހާލިއެވެ.

"މިރޭދޯ....! މިރޭ.... މިރޭ އަދި އަނެއްހެން ކަމެއްނެތް.....! ކިހިނެތްވީ ތިހެން ތިއެހީ....؟" އައިލީން ސުވާލުކޮށްލިއެވެ.

"އެހެންތަ....؟ އަހަރެން ހީކުރީ އަހަރެންގެ އުފަންދުވަސްވީމަ އައިލީން ކޮންމެސް މުހިންމު ކަމެއް ރާވާފައި އޮންނާނެ ކަމަށް...." މިފްޒާލް ބުނެލިއެވެ.

"ކިހިނެތް ކަމެއް ރާވާނީ....؟ ތިއީ އަހަންނަށް ވަގުތު ދެވޭވަރަށްވުރެ މާ ބިޒީ މީހެއްނު....." އައިލީން ކުޑަކޮށް ހިތްހަމަ ނުޖެހޭ ރާގަކަށް ބުނެލިއެވެ.

"ތިއީ ކޮންވާހަކައެއް.....؟" މިފްޒާލް ސުވާލު ކުރިއެވެ.

"ރޭގަ އަހަރެން އޮފީސް ކަރިއަށް ދިޔައީ ބާތްޑޭ ޓްރީޓް ދޭށޭ....! އެކަމަކު މިފްޒާލް އަކަށް ވަގުތެއް ނުވިއެއްނު....!" އައިލީން ހިތްހަމަ، ނުޖެހިފައި ބުނެލިއެވެ.

"ރޭގައި ބުނީމެއްނު....! ވައިފް އޮތީ މާކުރިން ކަމެއް ރާވާފައޭ.....! އެވާހަކަ ބުނީމެއްނު....! އެހެންވެ އަވަހަށް ގެއަށް ދާންޖެހިގެން ދިޔައީއޭ...." މިފްޒާލް އައިލީން އަށް ވިސްނާދެވޭތޯ މަސައްކަތް ކުރިއެވެ.

"ދެން އަހަރެން ދިން ގިފްޓް ކަމުދޭތަ....؟ އަހަރެން ހީކުރީ ގިފްޓް ކަނޑާލާފައި ގުޅާނެ ކަމަށް....! އެކަމަކު ގުޅާލަންވެސް ވަގުތެއް ނުވި....." އައިލީން އަނެއްކާވެސް ޝަކުވާ ކޮށްލިއެވެ.

އައިލީން ދިން ގިފްޓްގެ މަތިން މިފްޒާލް ހަނދާންވީ އަދި ކިރިޔާއެވެ. ރޭގައި ސައިކަލް މަޑިދަށަށް އެގިފްޓް ލީގޮތަށް އެ އޮތީ އަދިވެސް ސައިކަލް މަޑި ދަށުގައެވެ. އޭގެތެރޭގައި އޮތީ ކޯޗެއްކަމެއްކަންވެސް މިފްޒާލް އަކަށް ނޭނގެއެވެ. އެހެން ނަމަވެސް ގިފްޓާބެހޭ ގޮތުން ކޮންމެވެސް އެއްޗެއް ބުނުމަށް މިފްޒާލްއަށް މަޖުބޫރުވިއެވެ.

"ގިފްޓް ވަރަށް ރީތި.....! ވަރަށް ބޮޑަށް ތޭންކްސް އެންޑް ސޮރީ ގުޅާނުލެވުނީމަ.....! މިއަދު ގުޅަން ވެގެން މިހިރީ.....! މިފްޒާލް އަވަސް އަވަހަށް ބުނެލިއެވެ.

"ވެލްކަމް....! އެންޑް މިފްޒާލް އަށް ކަމުދާ ހަދިޔާއެއް ދެވުނީމަ ވަރަށް އުފާވެއްޖެ....!" ކުޑަކޮށް ހީނލާފައި އައިލީން ބުނެލިއެވެ.

"ދެންބުނެބަލަ.....! މިރޭ ކިހިނެތް ކަންތައްތައް އޮތީ.....؟" އަނެއްކާވެސް މިފްޒާލް ކުރިންކުރި ސުވާލު ތަކުރާރު ކޮށްލިއެވެ.

"މިރޭ ނެތް މާބޮޑު ކަމެއް....! ކިހިނެތްވީ.....؟" އެ ސުވާލުގެ ޖަވާބުގައި އައިލީންވެސް ކޮށްލީ ސުވާލެކެވެ.

"އަހަރެން ބުނީމެއްނު މިރޭ ޑިނަރ އަކަށްދާން....! އަހަންނާއެކު މިރޭ ޑިނަރ އަކަށް ގޮސްދެވޭނެތަ.....؟" މިފްޒާލް ވަރަށް ޔަޤީން ކަމާއެކު އައިލީން އާ ސުވާލުކޮށްލިއެވެ.

"ތި ސުވާލު ކުރާއިރުވެސް މިފްޒާލް އަށް އިނގޭނެ އަހަންނަކަށް ނުދެވޭނެކަން...." އާދައިގެ ގޮތަށް އައިލީން ޖަވާބު ދިނެވެ.

"ކީއްވެ ނުދެވޭނީ.....! އަހަރެންވެސް ބޭނުމޭ އައިލީން އާ މީޓް ކުރަން.....! ދެން ހިނގާބަލަ.....!" އާދޭސް ކުރާ ރާގަކަށް މިފްޒާލް ބުނެލިއެވެ.

"މިރޭ ޑިއުޓީގައި އުޅޭނީ.....! ޑިއުޓީ ގަޑީގައި ބޭރަކަށް ނުދެވޭނެ....!" އައިލީން ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ.

"ރޭގައިވެސް ޑިއުޓީގައި އުޅެފައެއްނު އައީ.....! އެހާ ލަހެއް ނުވާނެއޭ....! ކުރިން އޯޑަރކޮށްފަ ދާނީ....! އޭރުން ވަރަށް އަވަހަށް ނިމިދާނެ....!" މިފްޒާލް އަނެއްކާވެސް ބުނެލިއެވެ.

"މިފްޒާލް ބޭނުންވެގެން ދާންވީމާ ވަރަށް ގިނަގޮތްތައް އޮވޭދޯ.....! ރޭގައި އަހަރެން ބޭނުންވެގެން ދާންވީމަ ހަމަ އެއްވެސް ގޮތެއްނެތް.....!" އަނެއްކާވެސް އައިލީން ޝަކުވާކޮށްލިއެވެ.

"ރޭގައި ކަންތައް ވީގޮތް އަހަރެން ބުނީމެއްނު....! ދެން ހިނގާބަލަ މިރޭ....! ޕްލީސް...! އުފަންދުވަހު އައިލީން އާއި މީޓްކޮށްލަން އަހަރެން ވަރަށް ބޭނުމޭ....!" އަނެއްކާވެސް އާދޭސްކުރާ ރާގަކަށް މިފްޒާލް ވާހަކަ ދެއްކިއެވެ.

"މިރޭ ބިޒީއޭ....! އެހެން ނޫނަސް މިފްޒާލް އާއެކު ގޮސް ތަނެއްގައި އިންދަ ރާއިފު އަށް ފެންނާކަށް، ނޫނީ ރާއިފުގެ ރައްޓެއްސަކަށް ފެންނާކަށް އަހަރެން ބޭނުމެއް ނޫން....!" އަނެއްކާވެސް ހިތްހަމަ ނުޖެހިފައި އައިލީން ބުނެލިއެވެ.

"އަބަދު ރާއިފު އިނގިލި ކުރީގައި ލައިގެން އައިލީން އަށް މުޅިރަށުގައި ހިނގޭ.....! އެކަމަކު އަހަންނާ މީޓްކޮށްލަންވީމަ މައްސަލައަކަށްވަނީ.....! ހިތްހަމަ ނުޖެހިފައި ހުރެ މިފްޒާލް ބުނެލިއެވެ.

"ބަލަ...! ރާއިފު އެއީ މަގޭ ފިރިމީހާއޭ.... މަ ބޭނުންއިރަކު މަ ބޭނުންތާކަށް ރާއިފު އާއެކު ދެވިދާނެ....! ކިހިނެތް ވެގެންތަ ތިއުޅެނީ....!" މިފްޒާލް އެހެން ބުނުމުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި އައިލީން ބުނެލިއެވެ.

"އެކަމަކު އަހަރެން ދެކެއެއްނު ލޯބިވަނީ....! އެހެންވެ މިހެން މިބުނީ....!" މިފްޒާލް މަޑުމަޑުން ބުނެލިއެވެ.

"މިހާރު ކަންތައް މާ މައްޗަށް ތިދަނީ.....! ދެން ފޯނު ބާއްވަނީ....!" އައިލީން ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.

"ފޯނު ނުބާއްވަ އިހަށް މަޑުކޮށްބަލަ....!" އަނެއްކާވެސް މިފްޒާލް ބުނެލިއެވެ.

ޙަޤީޤަތުގައި މިފްޒާލާއެކު ޑިނަރ އަށް ދާން އައިލީންވެސް ބޭނުންވެއެވެ. ރާއިފު އާއި ކައިވެނި ކުރިފަހުން އެކަހަލަ ޑިނަރ ތަކަށް އައިލީން އަށް ދެވެނީ ވަރަށް މަދުންނެވެ. އެހެން ނަމަވެސް މިފްޒާލް އާއެކު ރެސްޓޯރަންޓަށް ދިއުމަކީ އެހާ ބުއްދިވެރި ކަމެއް ކަމަށް ނުފެންނާތީ އެކަމަށް އިންކާރު ކުރީއެވެ.

"ހޫނ....! ތި ބުނަން އުޅޭ އެއްޗެއް ބުނެބަލަ....! ފޯނު ނުބާއްވަ މަޑުކޮށްގެން މީނީ....! އައިލީން ބުނެލިއެވެ.

"އަހަންނާއެކު ރެސްޓޯރަންޓަށް ނުދަންޏާ އެޓްލީސްޓް މިރޭ އަހަންނަށް ފެނިލަދީފާނަންތަ....؟ އަހަރެންގެ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި.....! އެކަން އެހެން ވެއްޖެނަމަ އެއީ އަހަރެންގެ އުފަންދުވަހު އަހަންނަށް ލިބޭނެ ވަރަށް އަގުބޮޑު ހަދިޔާއަކަށްވާނެ....! ޕްލީސް.... މިކަން ކޮށްލަދީބަލަ....!" އާދޭސްކުރާ ރާގަކަށް މިފްޒާލް ބުނެލިއެވެ.

"ތިކަން ވެދާނެ...! އެކަމަކު ދެން ދުވަހަކުވެސް އަހަރެން ފިރިމީހާ އާއި މިފްޒާލް އާ އަޅާނުކިޔާތި.....!" އައިލީން ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.

"ސަބަބު....؟" މިފްޒާލް އަނެއްކާވެސް ސުވާލު ކުރިއެވެ.

"އެއީ އަހަރެންގެ ފިރިމީހާއަށް ވީތީ....! އެހެން ނޫނަސް ބައިވަރު ސަބަބުތައް އެބަހުރި.... ކޮންމެހެން ހުރިހާ ސަބަބެއް މިފްޒާލް ކައިރީ ބުނަންޖެހޭތަ....؟" އައިލީން ފޯނު ބާއްވަމުން ބުނެލިއެވެ.

އައިލީން ފޯނު ބޭއްވުމަށްފަހު ވިސްނާލިއެވެ. އަސްލު ސަބަބަކީ މިފްޒާލް އާއި ގުޅުން ބަދަހިވާ ވަރަކަށް ރާއިފުގެ އުނިކަންތައްތައް އައިލީން އަށް ފާހަގަވާން ފެށުމެވެ. އަދި އެގޮތަށް ކަންތައް ދިމާވަމުންދާނަމަ ރާއިފު މަތިން ފޫހިވެދާނެ ކަމުގެ ބިރު އައިލީން އަށް އިޙްސާސްވުމެވެ. މިފްޒާލްއަކީ ވެސް މީހެއްގެ ފިރިއަކަށްވާތީ، އެދެމެދަށްވެސް ވަންނާކަށް އައިލީން ބޭނުމެއް ނޫނެވެ. އެހެން ނޫނަސް މިހާރުވެސް ފާޑަކަށް އެދެމެދަށް ވަދެވިފައިވާ ކަމުގެ އިޙްސާސް އައިލީންއަށް ކުރެވެމުންދާތީ އެވެ. މިފްޒާލްގެ އެދުން ފުރިހަމަ ކޮށްދިނުމަށްޓަކައި މިރޭ މިފްޒާލަށް ފެނިލުމަށް އައިލީން ނިންމިއެވެ. މިގޮތުން އައިލީން ޑިއުޓީއަށް ދިޔައީ ނޭވީ ބުލޫ ޖިންސަކާއި ކްރީމްކުލައިގެ އަތްދިގު ޓޮޕެއް ލައިގެންނެވެ. އެޓޮޕަކީ އައިލީން ލާ ހެދުންތަކުގެ ތެރެއިންއަށް މިފްޒާލް އަށް އެންމެ ރީތި ޓޮޕެވެ. އައިލީން އޮފީހަށް ދިޔުމާއެކު ކުއްލިއަކަށް ޑްރާމާއަކަށް އަޑުއަޅަން ޖެހުނެވެ. ރެކޯޑިންތަކުގައި ތިބޭއިރު ފޯނު އޮންކޮށްފައި ބޭއްވުމަކީ މަނާކަމަކަށްވާތީ އައިލީން ރެކޯޑިން ރޫމަށް ވަނުމުގެ ކުރިން މިފްޒާލްގެ ފޯނަށް ދެފަހަރު ގުޅިއެވެ. އެހެން ނަމަވެސް މިފްޒާލް ފޯނު ނުނަގާތީ ފޯނު އޮފް ކޮށްލުމަށްފަހު އައިލީން ރެކޯޑިން ރޫމަށް ވަނެވެ.

މިފްޒާލަށް ފޯނަށް ބަލާލެވުނީ އައިލީންގެ އޮފީސް ދޮށަށް އައުމަށްފަހުއެވެ. އައިލީން ދެ ފަހަރު ގުޅާފަ އޮތޮމާއެކު މިފްޒާލް އައިލީންގެ ނަންބަރަށް ގުޅާލިއެވެ. އެހެން ނަމަވެސް ފޯނުއޮތީ އޮފް ކޮށްލާފައެވެ. ވަރަށް ގިނަވަގުތު އައިލީންގެ އިންތިޒާރުގައި މިފްޒާލް ބޭރުގައި މަޑުކުރުމަށްފަހު އެންމެ ފަހުން އައިލީން ހޯދަން އޮފީސްތެރެއަށް ވަނުމަށް މިފްޒާލް ހިތަށް އެރިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 4 ޖޫން، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް