ވާހަކަ: ޑައިރީ – އެގާރަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ.... އައިލީން އާއި މިފްޒާލްގެ ގުޅުން ދުވަހަކަށްވުރެ ދުވަހެއް ދިޔައީ ބަދަހިވަމުންނެވެ. އެކަކަށް އަނެކެއްގެ އޯގާތެރިކަން ލިބެމުންދިޔައެވެ. ދެމީހުންނަކީވެސް ކައިވެނިކޮށްގެން އުޅޭ ދެމީ...

28 May 2024 | 04:21

ކުރީގެ އަދަދާއި ގުޅޭ....

އައިލީން އާއި މިފްޒާލްގެ ގުޅުން ދުވަހަކަށްވުރެ ދުވަހެއް ދިޔައީ ބަދަހިވަމުންނެވެ. އެކަކަށް އަނެކެއްގެ އޯގާތެރިކަން ލިބެމުންދިޔައެވެ.

ދެމީހުންނަކީވެސް ކައިވެނިކޮށްގެން އުޅޭ ދެމީހުން ކަމުގައިވާތީ، އެކަކު އަނެކަކު ދެކެ ކިތަންމެ ލޯބިވިކަމުގައިވިޔަސް އެކަކުވެސް އަނެކެއްގެ ޢާއިލާ ރޫޅިގެންދާކަށް ނޭނދޭތީ ގުޅުމުގެ މިންގަނޑު ބާއްވަނީ ވަކި ހިސާބެއްގައެވެ. އެހެން ނަމަވެސް މިފްޒާލް އަބަދުވެސް ހުންނަނީ އައިލީން ގެއްލިދާނެތީ ސިހިސިހި އެވެ. އައިލީންއަކީ މަޝްހޫރު މޮޑެލް އެކެވެ. އެކަހަލަ ރީތީ، އެހާމެ ކާމިޔާބު ކުއްޖަކު މިފްޒާލް ކަހަލަ އާދައިގެ މީހެއް ދެކެ ޙަޤީޤީ ލޯބިވެދާނެ ބާވައޭ މިފްޒާލް އަބަދުވެސް ހިތަށް އަރައެވެ. ފަހަކަށް އައިސް ހެނދުނު މިފްޒާލްގެ ފޯނަށް އަންނަ ފުރަތަމަ މެސެޖަކީ އައިލީންގެ ގުޑްމޯނިން މެސެޖެވެ. ދުވަހުގެ އެންމެ ފަހު މެސެޖަކީ އައިލީންގެ ގުޑްނައިޓް މެސެޖެވެ. މިފްޒާލް ދެކޭ ގޮތުގައި އައިލީން، މިފްޒާލް ދެކެ ލޯބިވަނީ މިފްޒާލް ރަނގަޅުވީމައެވެ. އެކަމަކު މިފްޒާލް އައިލީން ދެކެ ލޯބިވަނީ އައިލީން ރީތިވީމައެވެ. ބައެއް ފަހަރު ފިރިމީހާ ކައިރިން ވަރިވެގެން ދެއަންބަށް މިފްޒާލް އާއި ކައިވެނިކުރަން އައިލީން ގާތުގައި މިފްޒާލް ބުނެއެވެ. އެކަމަކު އައިލީން މިކަމާ އިންކާރު ކުރެއެވެ.

މިފްޒާލް ފެންވަރައިގެން ނުކުމެ ޑްރެސިންގ ޓޭބަލް ކުރިމަތީ ފުނާއަޅަން ހުއްޓާ ކޮޓަރިއަށް ވަދެގެން އައީ އަންޖަލް އެވެ.

"އޮފީސް މާބިޒީ ދުވަސްކޮޅެއްތަ....؟" އެނދުމަތީގައި އޮތް ތުވާލި ނަގާ ހަރުގައި އަޅުވާލަމުން އަންޖަލް ސުވާލު ކޮށްލިއެވެ.

"ކިހިނެތްވީ....؟ ކަމެއް އޮތީތަ...؟" އަންޖަލް އާއި ދިމާއަށް ބަލާލަމުން މިފްޒާލް އަހާލިއެވެ.

"ނޫނޭ....! ކޮންމެ ރެއަކުވެސް މިހާރު އޮފީހަށްދާތި ހަމަ އަހާލީ.....! އެކަމަކު އެހާ ބުރަކޮށް އުޅޭކަށް ނުވާނެއެއްނު....! ހެނދުނު ގޮއްސަ އަނެއްކާ ކޮންމެ ރެޔަކު ރޭގަނޑު ގޮއްސަ، މިހާރު އަރާމު ކޮށްލާކަށްވެސް ޓައިމެއް ނުލިބެއެއްނު....!" މިފްޒާލް އާއި ދިމާއަށް ބަލާލުމަށްފަހު އަންޖަލް ބުނެލިއެވެ.

"މިދުވަސްކޮޅު އަހަރީ ދުވަހުގެ ޝޯއަކަށް ޕްރެކްޓިސް ކުރަމުންދާތީ ކޮންމެ ރެޔަކު އޮފީހަށް ދާން ޖެހެނީ....! އެހާ ބުރައެއް ނޫނޭ....! އެކަމާ އެހާ ވަރަށް ނުވިސްނަބަލަ....!" ކޮޓަރިން ނުކުންނަން ހިނގައިގަންނަމުން މިފްޒާލް ބުނެލިއެވެ.

މިފްޒާލް ކޮޓަރިން ނިކުމެގެން ދިޔުމުން އަންޖަލް ގޮސް އަލަމާރި ހުޅުވާލުމަށްފަހު އަލަމާރީގެ ވަތްގަނޑުގައި އޮތް ފޮތް ހިފައިގެން އައިސް މޭޒު ދޮށުގައި އިށީނދެ ލިޔުމުގެ މަސައްކަތް ފެށިއެވެ.

މިފްޒާލް ދިޔައީ އޮފީހަށެވެ. އަހަރީ ދުވަހުގެ ޝޯއަށް ޕްރެކްޓިސް ކުރުމަށް ކަމަށްބުނެ މިފްޒާލް ފަހަކަށް އައިސް ކޮންމެ ރެޔަކު އޮފީހަށްދަނީ އައިލީން އަށް ފޯނު ކުރުމަށެވެ. ގޭގައި ފޯނުކޮށްގެން ގިނަވަގުތު ވާހަކަ ދައްކަން އިނުމަކީ ރަނގަޅު ކަމެއް ކަމުގައި ނުފެންނާތީ އެވެ. ދުވަހުގެ ނުނިމިހުރި މަސައްކަތްތައް ނިންމާލުމަށްފަހު އާދައިގެ މަތިން މިފްޒާލް އައިލީން އާއި ގުޅާލިއެވެ.

"ކޮބާ ކޮންކަމެއް އޮތީ.....؟" އައިލީން ފޯނު ނެގުމުން މިފްޒާލް ސުވާލުކޮށްލިއެވެ.

"މި ހަމަ ތި ފޯނުގެ އިންތިޒާރުގައި އިނީ.....!" ހީނލާފައި އައިލީން ބުނެލިއެވެ.

"އެހެންތަ....؟ މިހާރު އަހަރެން ފޯނަށް އިންތިޒާރުވެސް ކުރަން ފެށީތަ....؟ ތިކަހަލަ ރީތި ކުއްޖަކު އަހަރެން ކަހަލަ މީހެއްގެ ފޯނު ކޯލަކަށް އިންތިޒާރު ކުރަނީޔޭ ބުނީމާ ވަރަށް އުފާވެއްޖެ....." މިފްޒާލްވެސް ހީނލާފައި ވާހަކަ ދެއްކިއެވެ.

"އަހަރެން ކަހަލަ މީހެއްގެ ކޯލަކަށޭ....؟ ކޮންކަހަލަ.....! ނޭނގުނު ތިބުނި އެއްޗެއް....." އައިލީން ސުވާލު ކޮށްލިއެވެ.

"އަހަރެން ކަހަލަ ނަސަބުގެ ގޮތުން އައިލީން އާ އެކަށީގެން ނުވާ މީހެއްގެ ފޯނު ކޯލަކަށް އިންތިޒާރު ކުރާތީ ވަރަށް އުފާވެއްޖެއޭ މިބުނީ....!" އޮޅުން ފިލުވައި ދިނުމުގެ ގޮތުން މިފްޒާލް ބުނެލިއެވެ.

"ތިއީ ހުސް ކުރީގެ ބޯދާ ވާހަކަ....!" އައިލީން ހީނލާފައި ބުނެލިއެވެ.

"ސުވާލެއް ކޮންލަންތަ....؟ އަސްލު ކީއްވެ އަހަރެންގެ ފޯނު ކޯލްތަކަށް އިންތިޒާރު ކުރަނީ...." ލިބޭނެ ޖަވާބެއްގެ އިންތިޒާރުގައި އިނދެ މިފްޒާލް ސުވާލު ކޮށްލިއެވެ.

"ޖަވާބު ދޭންވީތަ....؟ އެއް ސަބަބަކީ ކޮންމެ ރެޔަކުވެސް މިގަޑީގައި ފޯނު ކުރާތީ....! އަނެއް ސަބަބަކީ....!" އައިލީން ބުނަން އުޅުނު ވާހަކަ މެދުކަނޑާލިއެވެ.

"ކޮބާ އަނެއް ސަބަބަކީ....؟" އޮޅުން ފިލުވުމުގެ ގޮތުން މިފްޒާލް ސުވާލު ކުރިއެވެ.

"ހަމަ ނޭނގޭތީތަ ތި އަހަނީ.....!" އައިލީން ހީނލާފައި ބުނެލިއެވެ.

"ޔޭސް....! ދެން ބުނެބަލަ....! ބުނީމަތާ އެނގޭނީ....! ތި ސަބަބުވެސް ވަރަށް އަޑުއަހާ ހިތުންނޭ މީނީ....." ސަމާސާ ރާގަކަށް މިފްޒާލް ބުނެލިއެވެ.

"މިފްޒާލް ދެކެ ލޯބިވާތީ....! މިފްޒާލް ނޭނގޭ ކަމަށް ހެދިޔަސް ކިތަންމެ ވަރަކަށްވެސް ހިންޓު ދީފައި ހުންނާނީ....! އަހަރެން ރާއިފު އާ ކައިވެނި ކުރީ ދެމީހުން ރައްޓެހިވިތާ ހަތަރުމަސް ފުރުން ދުވަހު، އެއީވެސް ދެމީހުން ލޯބި ވެގެން ކައިވެނި ކުރަން ބޭނުންވެގެން.....! ކައިވެނިކޮށްގެންވެސް ދުވަސްކޮޅަކު ދެމީހުން ވަރަށް ލޯބިން އުޅުނިން....! އެކަމަކު...!" އައިލީން އެހާ ހިސާބުން ވާހަކަ ހުއްޓާލިއެވެ.

"އެކަމަކު ކިހިނެތްވީ....؟ އައިލީން ތިބުނަނީ މިހާރު ރާއިފު ދެކެ އެއްގޮތަކަށްވެސް ލޯތްބެއް ނުވެއޭތަ....؟" އޮޅުން ފިލުވުމުގެ ގޮތުން މިފްޒާލް ސުވާލު ކޮށްލިއެވެ.

"ދުވަސްކޮޅެއް ފަހުން މަޑުމަޑުން ރާއިފުގެ މިޒާޖަށް އަންނަމުންދިޔަ ބަދަލުގެ ސަބަބުން އަހަންނަށް ރާއިފު އާއެކު މާގިނަ ދުވަހު ނޫޅެވޭނެކަން އެނގުނު....! އެހެން ނަމަވެސް ކައިވެންޏެއް ކުރުމަށްފަހު ވަކިވުމަކީ އެހާ ފަސޭހަ ކަމެއްވެސް ނޫން....! މީހުންގެ ލޯތަކުގެ މައްޗަށް އަހަރުމެން ދެމީހުން އުޅެމުން މިގެންދަނީ ވަރަށް އުފަލުގައި....!" އައިލީން ވާހަކަ ދައްކަމުން ދިޔައެވެ.

"އެހެންވެޔޭ މިބުނަނީ ރާއިފު ކައިރިން ވަރިވެގެން އަހަންނާ ދެއަންބަށް މެރީ ކުރަން ހިނގާށޭ....!" ސާމާސާ ރާގަކަށް މިފްޒާލް ބުނެލިއެވެ.

"މިފްޒާލް އާއި ދުރުގައި ހުންނަން މިހާރު އަހަންނަށްވެސް އުނދަގޫ.....! މިހާއަވަހަށް މިހެންވާން ޖެހުނު ސަބަބެއްވެސް ނޭނގެ...! އަބަދުވެސް ވިސްނެނީ މިފްޒާލް އާއި މެދު...! ހިތުގައި ހަރުލާފައި ހުންނަނީވެސް މިފްޒާލްގެ ހަނދާންތައް...." ސީރިޔަސް ވެފައި އައިލީން ބުނެލިއެވެ.

"އެކަމަކު އަހަންނަކަށް ތިވާހަކައެއް ޤަބޫލެއް ނުކުރެވޭ.....! ތިކަން ސާބިތު ކޮށްދޭން އައިލީން ހެއްކެއް ދައްކައިފިއްޔާ ޤަބޫލު ކޮށްފާނަން....!" ސަމާސާ ރާގަކަށް މިފްޒާލް ބުނެލިއެވެ.

"ދެން އެންމެ ރަނގަޅޭ....! މިފްޒާލް އަހަރެން ދެކެ ކިހާވަރަކަށް ލޯބިވޭތަ....؟" ޖަވާބަކަށް އިންތިޒާރު ކުރަމުން އައިލީން މުހިންމު ސުވާލެއް ކޮށްލިއެވެ.

"ހަމަ ގައިމުވެސް އައިލީންގެ އަޑު އަހާނުލާ އެންމެ ރެޔަކުވެސް ނުނިދޭ....! ނަޞީބެއް ކޮންމެ ރެޔަކު ދަންވަރު ރޭޑިއޯ އިން ފޮނުވާ "ވަކިވުމުގެ ކުރިން" ޕްރޮގްރާމް އައިލީން ހުށަހަޅައިދޭކަން.....! އެހެން ނޫނީ ނުނިދިގެން ތި އަޑު އަހާލަން ދަންވަރު ގުޅާކަށްނު ޖެހޭނީ....! ހީނލާފައި މިފްޒާލް ބުނެލިއެވެ.

"އެހެންތަ....؟ ތީ ހުސްފޮނި ވާހަކަ....! ތިހާވަރެއް ނުވާނެ....! ހައްދަނީ ދޯ ތި....! އައިލީން ހީނލާފައި ބުނެލިއެވެ.

"ނޫނެކޭ...! ކީއްކުރަން ހައްދަންވީ.....؟ ރާއިފު އާއެކު އައިލީން ފެނުނަސް އަހަރެންގެ ހިތަކަށް މިހާރު ކެތެއް ނުވޭ....! އަސްލު ރާއިފު އާއެކު ހިނގާފައިދާތަން ފެނުނަސް ގުޅާފަ ޝަކުވާ ކުރަންވެސް ބޭނުންވޭ.....! އެކަމަކު އެކަމަށް ޝަކުވާ ކުރަން އަހަރެން މިއީ ކާކު....؟" ސީރިޔަސް ވެފައި މިފްޒާލް ވާހަކަ ދެއްކިއެވެ.

"ހޫނ.... ދެން މިހާރު ތި މާ މައްޗަށްދަނީ....! އެހެން ވާހަކައެއް ދައްކަން ހިނގާ....!" އައިލީން ހީނލާފައި ވާހަކަ ދެއްކިއެވެ.

"އަހަރެން ވާހަކަ މިދައްކަނީ ޙަޤީޤަތަށޭ....! އައިލީން ވާހަކަ ބަދަލުކުރަން ބޭނުމިއްޔާ ބަދަލުކޮށްބަލަ.....! އެހެން ދެން ކޮންވާހަކައެއް ދައްކަން އޮތީ.....؟ މިފްޒާލް ސުވާލު ކޮށްލިއެވެ.

"މާދަން ނޫން އަނެއް ދުވަހަކީ މިފްޒާލްގެ އުފަން ދުވަހެއްނު....! ކޮންމެ ކަމެއް އޮތީ....؟ އައިލީން ސުވާލުކޮށްލިއެވެ.

"ކިހިނެތް އައިލީންއަށް އެހަރެންގެ އުފަން ދުވަސް އެނގުނީ....؟ ޙައިރާން ވެފައި މިފްޒާލް ސުވާލު ކޮށްލިއެވެ.

"މި ޒަމާނުގައި ހޯދަން އުޅޭ މީހަކަށް ނޭނގޭނެ ކަމެއް އޮވޭތަ....؟ ދެން ބުނެބަލަ....! ކޮންކަމެއްތަ އޮތީ.....؟ މުހިންމު ކަމެއް ވައިފް ރާވާފައި އެބައޮތްތަ....؟" އައިލީން އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"އަދި ނޭނގެ....! ކަމެއް ރޭވިޔަސް އެވާނީ އަހަންނަނަށް ސަޕްރައިޒްއަކަށްތާ....؟" ހީނލާފައި މިފްޒާލް ބުނެލިއެވެ.

ކުއްލިއަކަށް ކޮޓަރިތެރޭން އެއްޗެއް ވެއްޓުނު އަޑާއި ރާއިފު ހަޅޭއްލަވައިގަތް އަޑު މިފްޒާލް އަށް އިވުނެވެ. އަދި ހަމަ އެވަގުތު އައިލީންގެ ފޯނު ކެނޑުމާއެކު، ރާއިފު ގެއަށް އައުމުން އައިލީން ފޯނު ކަނޑާލީކަން މިފްޒާލް އަށް ވިސްނުނެވެ.

ގަޑިން ދަންވަރު ބާރަޖެހުމާ ގާތްވަނީ އެވެ. މިފްޒާލް ގެއަށް ނާންނާތީ އަދިވެސް އަންޖަލް އިނީ އޭނާ އާންމުކޮށް ލިޔަން ގެންގުޅޭ ފޮތް ހިފައިގެން މޭޒުދޮށުގައެވެ. އެހެން ނަމަވެސް ނިދިއައިސްގެން އާ ފުރެން ފެށުމާއެކު ފޮތް ގެންގޮސް އަލަމާރިއަށް ލުމަށްފަހު އެއްޗެހި ބަދަލުކޮށްލައިގެން އައިސް އެނދުގައި އޮށޯވެލިތާ ކުޑައިރުކޮޅެއް ފަހުން މިފްޒާލް ގެއަށް އައިސްވަނެވެ.

"މިރޭ ހާދަ ލަސްވީ.....! ކޮފީއެއް ހަދަންތަ.....؟" މިފްޒާލް ކޮޓަރިއަށް ވަނުމުން އެނދުން ތެދުވަމުން އަންޖަލް ބުނެލިއެވެ.

"ނޫނޭ....! ވަރަށް ވަރުބަލިވެއްޖެ...." ދެން މިރޭ ނިދާލާނީ...." އެއްޗެހި ބަދަލު ކުރަމުން މިފްޒާލް ބުނެލިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 30 މެއި، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް