ވާހަކަ: ޑައިރީ – ދިހަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... މިފްޒާލްއަށް ހޭވެރިކަންވީ އެހާ ހިސާބުންނެވެ. މިފްޒާލް އަށް އެގޮތަށް އެ އަޑުގަދަ ކުރެވުނީ ކޮން ހައިސިއްޔަތަކުން ކަމެއް ޚުދު އޭނާއަކަށްވެސް އޭނާއަކީ ދުރުހިލޭ މީހެކެވެ. އެފަދައިން...

26 May 2024 | 09:06

ކުރީގެ އަދަދާއި ގުޅޭ...

މިފްޒާލްއަށް ހޭވެރިކަންވީ އެހާ ހިސާބުންނެވެ. މިފްޒާލް އަށް އެގޮތަށް އެ އަޑުގަދަ ކުރެވުނީ ކޮން ހައިސިއްޔަތަކުން ކަމެއް ޚުދު އޭނާއަކަށްވެސް އޭނާއަކީ ދުރުހިލޭ މީހެކެވެ. އެފަދައިން އައިލީން އާ ދިމާއަށް ހަޅޭއްލަވައިގަތުމުގެ ޙައްޤެއް މިފްޒާލްއަކަށް ނޯންނާނެކަން އެކަން އޭނާއަށް ވިސްނުނީ މާފަހުންނެވެ. މިފްޒާލް ހިތުގައި އައިލީން އަށް އޮތީ ލޯބި ކަމުގައިވިޔަސް މިފްޒާލް އަކީ ދުރުހިލޭ މީހެކެވެ. މިފްޒާލްގެ ބަސްމަގު ހުރިގޮތުން އައިލީން ވަރަށް ހިތްހަމަ ނުޖެހުނެވެ. މަޢާފަށް އެދުމަށްވެސް ފުރުޞަތެއް ނުދީ އައިލީން ފޯނު ކަނޑާލިއެވެ.

އެރޭ ކައިގެން މިފްޒާލް ދިޔައީ އަންޖަލް ގޮވައިގެން އަންޖަލް މަންމަމެން ގެޔަށް މާލެއަށެވެ. މަންމަ ބަލިވެ އުޅޭތީ އަންޖަލް ބޭނުންވީ އެރޭ މަންމަ ގާތުގައި މަޑުކޮށްލުމަށެވެ.

"އޯކޭތަ މަންމަ ގާތުގައި މިކޮޅުގައި މަޑުކޮށްލިޔަސް.....؟" މިފްޒާލްގެ އަތުގައި ހިފާލުމަށްފަހު އަންޖަލް ބުނެލިއެވެ.

"ޔޭސް....! އަންޖޫ ބޭނުންގޮތެއް....! ގެޔަށްދާންވީމަ ގުޅާލާ އިނގޭ....! މިފޫ އަންނާނަން ބަލާ....! ބޭނުމިއްޔާ މާދަން ދާންވެސް މަޑުކުރެވިދާނެ....! މާދަން އެއީ ހުކުރު ދުވަހެއްނު...." މިފްޒާލް އެއްބަސްވުމުގެ ގޮތުން ބުނެލިއެވެ.

"އޯކޭ....! ގެޔަށްދާން ބޭނުންވީމަ ގުޅާނަން އިނގޭ....!" އަންޖަލް ބުނެލިއެވެ.

އަންޖަލް މާލޭގައި މަންމަމެން ގޭގައި ބެހެއްޓުމަށްފަހު މިފްޒާލް އައީ ހުޅުމާލެއަށެވެ. ހުޅުމާލެއައިސް ފްލެޓަށްވަދެ ސިޓިން ރޫމްގައި އިށީންތަނާއި، ދޮރުގައި މީހަކު ޓަކިޖަހާލިއެވެ. މިފްޒާލްގޮސް ދޮރު ހުޅުވާލިއިރު ދޮރުމަތީގައިހުރީ އައިލީން އެވެ. މިފްޒާލް ދިޔައީ ސިހިގެންނެވެ. އެހާ ކުއްލިގޮތަކަށް ގޭގެ ދޮރުމަތިން އައިލީން ފެނުމުން މިފްޒާލް ހުރީ ބަސްހުއްޓި ބުނާނެ އެއްޗެއް ނޭނގިފައެވެ.

"އެތެރެއަށް ވަންނާކަށް ނުބުނާނަންތަ....؟" ހިނިތުންވެފައިހުރެ އައިލީންގެ މިޔުޒިކީ އަޑު ކުއްލިއަކަށް އިވިގެން ދިޔައެވެ.

"ނޫނޭ....! ވަދޭ އެތެރެއަށް...! އަންގާވެސް ނުލާ ކުއްލިއަކަށް ތިހެން ގެއަށް އައިމަ އަހަރެން މިހިރީ ވަރަށްބޮޑަށް ޙައިރާން ވެފައި....  އަނެއްކާ މާބޮޑު ކަމެއްވީތަ، ގެއަށް ތިއައީ....؟" އައިލީން އެތެރެއަށް ވަނުމުން ދޮރު ލެއްޕުމަށްފަހު އެތެރެއަށް ހިނގައިގަންނަމުން މިފްޒާލް ބުނެލިއެވެ.

"ގެޔަށް އައުން އެއީ މައްސަލައެއްތަ.....؟ އަންހެނުންވެސް ގެއަކު ނެތެއްނު.....!" ހިނިތުން ވެލަމުން އައިލީން ބުނެލިއެވެ.

"އަންހެނުން ނެތްކަން ކިހިނެތް އައިލީން އަށް އެނގެނީ.....؟" ޙައިރާންވެފައި މިފްޒާލް ސުވާލު ކޮށްލިއެވެ.

"އެވަރު ބަލާފައޭ މިއައީ....! އެހެން ނޫނަސް އަހަރެންގެވެސް ހުންނަނީ ބޮލެކޭ....! އަންހެނުން ގޭގައި އުޅެނިކޮށް އަހަރެން މިގެއަށް އައިއްސިއްޔާ މައްސަލަ ޖެހޭނެކަން އަހަރަންނަށްވެސް އިނގެއޭ...." ހީނލާފައި އައިލީން ބުނެލިއެވެ.

"އެކަމަކު ކުރިން އަންގާލާފައި އައިނަމަ، މިހާބޮޑު ސަޕްރައިޒް އަކަށް ނުވީހެއްނު....." އައިލީން އާއި ދިމާއަށް ބަލާލަމުން މިފްޒާލް ބުނެލިއެވެ.

"ސަޕްރައިޒެއް ދޭށޭ ބޭނުންވީވެސް....! ކުރިން އަންނަވާހަކަ ބުނެފަ ނާދެވިއްޖިއްޔާ އަނެއްކާވެސް މިފްޒާލް މާ ރުޅި އަންނާނެއެއްނު....! ރޭގަ ގުޅާނަމޭ ބުނެފައި ނުގުޅުނީމަވެސް ކޮށްލިވަރު އެރެހީވިއްޔަ....!" ހީނލާފައި އައިލީން ބުނެލިއެވެ.

"ވަރަށް ބޮޑަށް ސޮރީ އެހާބޮޑަށް ރުޅި އާދެވުނީމަ....! ޙަޤީޤަތުގައި ރުޅިއައުމުގެ ޙައްޤެއް އަހަންނަކަށް ނުވެސް އޮންނާނެކަށްވެސް އެނގޭ....! އެކަމަކު ނޭނގެ އެހެންވާން ޖެހުނު ސަބަބެއް....!" އެތެރެއަށްވަދެ ސޯފާގައި އިށީންނަމުން މިފްޒާލް ބުނެލިއެވެ.

"ތިކަމުގެ މިފްޒާލް މަޢާފަށް އެދޭކަށް ނުޖެހޭނެ....! މަޢާފަށް އެދެން ޖެހޭނީ އަހަރެން.....! އަހަރެން ވިއްޔަ އަންނާނަމޭ ބުނީ....! ތެދަށް ބުނަންޏާ ބުނެވޭނީ އޮފީހުގައި އުޅެންޖެހުނު ބިޒީކަމުން ހަނދާން ނެތުނީޔޭ....! ޗާޖަރުވެސް ނުލާ އޮފީހަށް ދެވުނީ....! ފޯނުވެސް އޮތީ ނިވިފައި....! އަހަންނަށް އެހެން ކަންތައް ކުރެވުނީމަ އެކަމަށް އަހަރެން މަޢާފަށް އެދެން...." މިފްޒާލް އާއި ދިމާއަށް ބަލަން އިނދެ އައިލީން ވާހަކަ ދެއްކިއެވެ.

އައިލީން، މިފްޒާލްގެ ކިބައިން މަޢާފަށް އެދުމުން މިފްޒާލްގެ ހިތް އުފަލުން ފުރުން ކަހަލައެވެ. ނުތަނަވަސްކަން ފިލައި ހަމައަކަށް އެޅިއްޖެއެވެ.

"ކުރެހުންތައް ބަލައޭ މިއައީ...! ކޮބައިތަ....؟" އައިލީން ގޭތެރެއަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ.

"ސްޓޫޑިއޯގައި ހުންނާނީ....! ހިނގާ އެތެރެއަށް...." މިފްޒާލް ސޯފާއިން ތެދުވަމުން ބުނެލިއެވެ.

މިފްޒާލް، އައިލީން ގޮވައިގެންގޮސް ވަނީ މިފްޒާލް ކުރެހުމަށް ތައްޔާރުކޮށްފައިވާ ކޮޓަރިއަށެވެ. ކޮޓަރި ތެރޭގައި އެކިތަކެތި އެކިތަންތަނަށް އުކާފައި ހުއްޓެވެ. އެއްވެސް ތަރުތީބެއް ނެތެވެ.

"ކުރިން އަންގާލާފައި އައިނަމަ މިތަން ސާފުކޮށްލާ ރީތި ކޮށްލީމުސް....! އެކަމަކު މިހާރު މިއޮތީ ވަރަށް ހަޑިކޮށް....! ސޮރީ ވަރަށް ބޮޑަށް....! ކޮޓަރި ތެރެއަށް ނަޒަރު ހިންގާލަމުން މިފްޒާލް ބުނެލިއެވެ.

"މި އޯކޭ އޭ....! މިކަހަލަ މަސައްކަތްތައް ކުރާތަންތަން ހުންނާނީ މިހެންކަން މަށަށް އެނގެޔޭ....!" މިފްޒާލް އަށް ބަލާލަމުން އައިލޫން ބުނެލިއެވެ.

މިފްޒާލް ގޮސް ދެކުރެހުން މަތީގައި އަޅާފައިވާ ދެފޮތިގަނޑު ނެގުމަށްފަހު ކުރެހުން އައިލީންއަށް ދައްކާލިއެވެ. ކުރެހުންތައް ރީތިކަމުން އެކުރެހުންތަކަށް ބަލަހައްޓައިގެން އަޖައިބުވެފައި އިރުކޮޅެއް ވަންދެން އައިލީން އަށް ހުރެވުނެވެ.

"ހާދަ ފުރިހަމައޭ.... ހާދަ ރީއްޗޭ....!" އައިލީންއަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.

އެވަގުތު މިފްޒާލްގެ ފޯނު ރިންގވާން ފެށިއެވެ. ޖީބުން ފޯނު ނެގުމަށްފަހު މިފްޒާލް ފޯނަށް ބަލާލިއެވެ. ގުޅަނީ އަންޖަލް އެވެ. މިފްޒާލް ފޯން ސައިލެންޓަށް ލުމަށްފަހު ފޯނު ޖީބަށްލިއެވެ. ފޯނު ޖީބަށްލީފަހުންވެސް ދެފަހަރު ފޯނު ރިންގ ވީކަން މިފްޒާލް އަށް އެނގުނެވެ. އެހެންނަމަވެސް އަކަމަކާ އަޅައެއް ނުލައެވެ. އެހާ މިނިވަން ގޮތަކަށް އައިލީން އާއި ބައްދަލު ކުރެވުނީތީ މިފްޒާލްހުރީ ވަރަށް އުފަލުންނެވެ. އެރޭ ދެމީހުންގެ ދެމެދުގައި އަމިއްލަ ވަރަށްގިނަ ވާހަކަތައް ދެކެވުނެވެ. ގިނަ ކަންތައްތަކުގައި ދެމީހުންގެ ޚިޔާލުވެސް ވަރަށް އެއްގޮތެވެ. މިގޮތަށް ވާހަކަ ދައްކަން ތިބުމަށްފަހު ކުއްލިއަކަށް އައިލީން މިފްޒާލްގެ އަތުގައި ހިފާލިއެވެ.

"އަހަންނަށް މިފްޒާލް ވަރަށް ކަމުދޭ....! އެންމެ ފުރަތަމަ މިފްޒާލް ފެނުނު ދުވަހުވެސް މިވާހަކަ ބުންނަ ބޭނުންވި....! އެކަމަކު ބުނެވޭގޮތެއް ނުވި....!" މިފްޒާލް އާއި ކައިރިއަށް ޖެހިލަމުން އައިލީން ބުނެލިއެވެ.

"ނޫނޭ....!" މިފްޒާލް މަޑުމަޑުން ފަހަތަށް ޖެހިލަމުން ބުނެލިއެވެ.

އެހެންނަމަވެސް މިފްޒާލްވެސް ބޭނުންވާ ގޮތަކީ އެއީ ކަމުގައި ވިޔަސް މިފްޒާލަށް ފަހަތަށް ޖެހިލެވުނީ ބޭއިޚްތިޔާރުގައެވެ.

"އަހަރެންގެ އަންހެނުންގެ އެއްވެސް ކުށެއްނެތި ތިކަހަލަ ކަމެއް ކުރަން އަހަރެން ވަރަށް ގިލްޓީވޭ....! ކުރެހުން ހިފައިގެން ދެން މިރޭ ދާންވީނު....." މިފްޒާލް ފަހަތަށް ޖެހިލުމަށްފަހު ބުނެލިއެވެ.

"އައްދޭ....! ކިހިނެތްވީ....؟ އަހަންނަށް އިނގޭ މިފްޒާލްވެސް އަހަރެން ބޭނުންވާ ކަން....! މަވެސް މީހަކާ އިނދެގެންނޭ އުޅެނީ.... މީގެ މައްސަލައެއް ނެތެއްނު....!" އައިލީން އަނެއްކާވެސް މިފްޒާލް އާ ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ.

"އަހަރެންގެ އަންހެނުންގެ އެއްވެސް ކުށެއްނެތި އޭނައަށް އެހާބޮޑު ލަނޑެއް ދޭކަށް އަހަންނަކަށް ނުކެރޭނެ....! ދެން ފަހުން ތި ވާހަކަ ދައްކާނީ...!" މިފްޒާލް ގޮސް ފްރޭމްގައި ހަރުކޮށްފައިހުރި ކުރެހުން ނައްޓާލަމުން ބުނެލިއެވެ.

"މަވެސް މީހަކާ އިނދެގެން އުޅޭކަން މިފްޒާލްއަށްވެސް ހަމަ ރަނގަޅށް އެނގޭނެ....! މަގޭ ފިރިމީހާ އަކީވެސް ގޯސްމީހެއް ނޫނޭ....! އޭނަ މޫޑްގައި ހުންނައިރު މަށަށް ވަރަށް ކެއަރކުރާނެ.....! އެކަމަކު ވަރަށް ކޫސަނި ކަންތަކުގައިވެސް ފާޑުފާޑުގެ މައްސަލަތައް ޖައްސައި ހަޅޭއްލަވާނެ.....!" އައިލީން ދައްކަމުން ދިޔަ ވާހަކަ ހުއްޓުވާލީ މިފްޒާލް އެވެ.

"މިރޭ ކުރެހުންތައް ހިފައިގެން ދެން ދޭ....!  އެހެން ވަގުތަކުން ވާހަކަ ދައްކާނީ.....!" ކުރެހުންތައް އައިލީން އަތަށް ދިނުމަށްފަހު ދޮރާ ދިމާއަށް ހިނގައިގަންނަމުން މިފްޒާލް ބުނެލިއެވެ.

މިފްޒާލް ކޮޓަރިން ނުކުތުމަށް ހިނގައިގަތުމުން އިތުރު އެހެން ގޮތެއް ނެތުމާއެކު އައިލީން މިފްޒާލްގެ ފަހަތުން ކޮޓަރިން ނިކުތެވެ.

"މިފޮޓޯތައް ކުރަހާ ނިމުމުން މިހާ ހިސާބުން އަހަރުމެންގެ ގުޅުން ކެނޑުނީ ކަމަށް ނުބެލުން އެދެން.....! މިއީ އަދި މި ގުޅުމުގެ ފެށުން....! ސީދާސީދާ ދިމާވަން ނުކެރެންޏާ ފޯނުން ނަމަވެސް ދިމާވާނެ ކަމަށް އުއްމީދު ކުރަން....! ފޯނު ކުރަންޏާ ގުޅާ މޯބައިލްއަށް...! ގޭގެ ފޯނަށް ނުގުޅާތި.....! ރާއިފުއަށް ފޯނު ނެގިއްޖިއްޔާ މައްސަލަ ވަރަށް ގޯސްވާނެ....!" އައިލީން ގެއިން ނުކުންނަމުން ބުނެލިއެވެ.

އައިލީން ގެއިން ނުކުތުމުން މިފްޒާލް ޖީބުން ފޯނު ނެގުމަށްފަހު ބަލާލިއެވެ. އޭރު އަންޖަލްގެ ތިން މިސްކޯލް އޮތެވެ. މިފްޒާލް އައިސް ސޯފާ އިށީނުމަށްފަހު އަންޖަލް އަށް ގުޅާލިއެވެ.

"ހާދަ ވަރަކަށް ގުޅައިފީމޭ.....! ކިހިނެތްވީ.....؟ ގެއަށް ދިޔަތަނާ ނިދުނީތަ.....؟" އަންޖަލް އޯގާތެރިކަމާއެކު ސުވާލު ކޮށްލިއެވެ.

"ނޫނޭ.....! އައިސް ޓީވީ ހުޅުވާލައިގެން މިތާ އިނީ....! އަންޖޫ ގުޅިކަން މިއެނގުނީ ދެންމެ ފޯނަށް ބަލާލީމާ....! މިފިލްމަށް ގެއްލިފައިން ވަރުން ރިންގ ވީއިރުވެސް ނޭނގުނު....!" މިފްޒާލް މަސްލަޙަތަށްޓަކައި ގަސްދުގައި ދޮގެއް ހަދަން މަޖުބުރުވިއެވެ.

"ބަލާ އަންނަން ގުޅީ.....! އާދެވޭނެތަ....؟" އަންޖަލް ބުނެލިއެވެ،

"އާނ....! ޓެން ވަރަކަށް މިނިޓްސް ތެރޭގައި ގޮއްސަ އެބަގުޅަން....." ފޯނު ބާއްވަމުން މިފްޒާލް ބުނެލިއެވެ.

އައިލީން އާއި މިފްޒާލްގެ ގުޅުން ދުވަހަކަށްވުރެ ދުވަހެއް ދިޔައީ ބަދަހިވަމުންނެވެ. އެކަކަށް އަނެކެއްގެ އޯގާތެރިކަން ލިބެމުންދިޔައެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 28 މެއި، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް