"ހާދަ ބިރެއް ތި ގަތީ ...އަހަރެން ސަމާސާކޮށްލީއޭ"
ލައިސަމް ހެމުން ބުންޏެވެ.
"އޯކޭ އަހަރެން މިދަނީ ގެއަށް ސިޔާރާ ހޭލާފާނެ މިހާރު...ލައިސަމް އޮފީހަށް ދަމުން އިޝޫ ގެނޭ އިނގޭ"
ސާރާ އެހެން ބުނުމަށް ފަހު އިޝާގައި ގައި ބައްދާލާފައި ނިކުތެވެ.
އޭރު ޖަމީލާ ސިޓިން ރޫމުގައި ދުފަން އިނެވެ.
"ކޮޔާ ބުނަން ލަދެއް ނުގަންނަ އަންހެނެއް އެއީ… ދޮރު ޖެހީމަވެސް އެބަހުރި ދޮރުމަތީ… އަހަރެން މީނީ ފުލުހުންނަށް ގުޅައިގެން މިހާރު" ޖަމީލާ ދެކޯ ފުރާލައިގެން އިނދެ ސާރާއާއި ވާހަކަ ދެއްކިއެވެ.
"އެންމެ ރަގަނޅު ގޮތް އެއީ..މަންމާ ދަނީއޭ ސިޔާރާ ހޭލާނެ މިހާރު ހިނގަ ދާން"
ސާރާ ހަފީޒާއަށް ބަލާލަމުން ބުންޏެވެ.
ސާރާ އާއި ހަފީޒާ އެހެން ބުނުމަށް ފަހު އެ ގެއިން ނިކުތެވެ. އޭރު އެގޭ ފާރުބުރި މަތީގައި އިށީދެގެން އަޒުރާ އިނެވެ. ސާރާ އަޒުރާއާއި ދިމާލަށް ބަލާލާފައި މޫނު އަނބުރާ ލުމަށް ފަހު ގެއާ ދިމާލަށް ދިޔުމަށް ހިނގައިގަތެވެ.
"ސާރާ… ސާރާ މަޑުކޮށްބަ"
އަޒުރާ ސާރާގެ ފަހަތުން ދިޔައެވެ.
ސާރާ މަޑުކޮށްފައި ފަހަތް ބަލާލިއެވެ. އޭރު އަޒުރާ ސާރާއާއި ދިމާލަށް ހިނގަމުން އައެވެ.
"ބޭނުން ވާހަކަ ދައްކާލަން..ވަކިން"
ސާރާ ހަފީޒާއާއި ދިމާލަށް ބަލާލިއެވެ.
"މިވަގުތު ނެތް ހުރެވޭކަށް...ދަރިފުޅު ހޭލާނެ މިހާރު"
ސާރާ ހަފީޒާގެ އަތުގައި ހިފާފައި ހިނގައި ގަތެވެ.
"ވަރަށް ވަރަށް މުހިންމު ވާހަކައެއް ޕްލީޒް ސާރާ" އަޒުރާ ބުންޏެވެ.
"އަޒުރާ ދެން ކޮންކަމެއް ތީ...ދަރި ބޭނުމިއްޔާ ތި އުޅުން ރަގަނޅުކޮށްފަ ލައިސަމްއާ ގުޅެން ވީނުން ...މިހާރުވެސް ނޭނގޭ ތިޔަ މީހާ ހަމައިގަ ކަމެއް ތިހުރީ" ހަފީޒާ ކިހިލިފަތް ދަށުގައި އަތް ވިއްދާލާފައި ބުންޏެވެ.
"ސާރާގެ މަންމަ މި ދޭތެރެއަށް ނުވަނީއްޔާ ރަގަނޅު ވާނީ...އަހަރުން ދެމީހުންގެ ދޭތެރެއަށް އައި ފަންޏަކީ ސާރާ" އަޒުރާ ސާރާއަށް އިޝާރާތް ކޮށްލަމުން ބުންޏެވެ.
"މަންމާ އާދެ ދާން… ބައެއް މީހުންނަށް އުމުރު ހުސްވާއިރުވެސް ނުވިސްނޭނެ"
ސާރާ ހަފީޒާގެ އަތުގައި ހިފާފައި ހިނގައިގަތެވެ. ސާރާމެން ފަސް އެނބުރި ދިޔައި އިރުވެސް އަޒުރާ މަގުމަތީގައި ހުރެގެން ހަޅޭލަވައެވެ. އެންމެ ފަހުން އަޒުރާއާއި އަޒުރާގެ ބައްޕަ އެ ރަށުން ފޭބީ ފުލުހުން އައިސް އިންޒާރު ދިނުމުންނެވެ. އަޒުރާ އަކީ އެ ރަށާއި ވަރަށް ކައިރި ރަށަކަށް ނިސްބަތްވާ މީހެކެވެ. ލައިސަމް އާއި އިނދެގެން އެ ރަށަށް އައިސް ވަރަށް ރީތި ދިރިޅުމެއްގައި އުޅެމުން އެ ދެމީހުން ވަރިވާން ޖެހުނީ އަޒުރާ މަސްތުވާތަކެތި ބޭނުން ކުރާ މައްސަލަގައެވެ. އިޝާއަށް ތިން މަސް ކިރިޔާ ނުފުރެނީސް ވަރިވެގެން ދިޔަ ގޮތަށް އަޒުރާގެ ޚަބަރެއް ނުވެއެވެ. ސާރާ ގެއަށް ގޮސް ސިޔާރާގެ ކަންކަން ކޮށްލާފައި ސައިބޯން އިންދާ މީހަކު ސަލާން ގޮވަން ފެށިއެވެ.
"ވާލަޔަކުމް ސަލާމް"
ސާރާ ކާން އިން ރޮށިކޮޅު އަތަށް ލައިގެން ނިކުތެވެ.
ދޮރުމަތީގައި ހުރީ ލައިސަމްއާއި އިޝާއެވެ. ސާރާ ފެނުމުން އިޝާ ދުވެފައި އައިސް ސާރާގެ ގައިގައި ބައްދާލިއެވެ.
"ސައިބޮއެގެން އެ އައީ މަންމަ އާއެކު...މިއޮތީ ބޭގު މީގަ ހުންނާނެ ރީތިވާ ސާމާނު...ތަންކޮޅެއް ލަސްވެދާނެ...ހަވީރު މަހަށް ދާން ކިޔައިގެން މިއުޅެނީ"
ލައިސަމް ބުންޏެވެ.
"އޯކޭ ވާނެ ދޯ އިޝޫ ...މިއަދު އަހަރުމެން ބައްޕި ނުލާ ވާނެ ޕާކަށް ދާން ދޯ"
ސާރާ ދަބަހުގައި ހިފަމުން ބުންޏެވެ.
"ޔޭ… އައިސް ކްރީމްވެސް ބޯނަން!" އިޝާ އުފަލުން ފުންމައިގަތެވެ.
ލައިސަމް ޖީބުން ވޮލެޓް ނެގިއެވެ.
"ނޫން… އަހަރެން އަދި އެހާ ފަގީރެއް ނޫނޭ" ސާރާ ލައިސަމް ދިން ފައިސާގައި ހިފަން އިންކާރު ކުރިއެވެ.
މަޑު މަޑުން ސާރާގެ ހާލަތު އައީ ރަގަނޅު ވަމުންނެވެ. މާހިރުގެ މަރަށް މިހާރު އަހަރެއް ވާން ކައިރި ވަނީއެވެ. އެ ހަނދާންތައް ހިތުން ނުދިޔަ ނަމަވެސް މާހިރުއާއި އެކު ހޭދަކުރި އުފާވެރި ހަނދާން ތަކާއި އެކު އުޅެން ސާރާ އާދަ ވެއްޖެއެވެ.
ދެކުދިން ރީތި ކޮށްލައިގެން ހަވީރު ޕާކާ ދިމާލަށް ދިޔުމަށް ތިން މައިން ހިނގައިގަތެވެ. އޭރު އުޑުމަތި އޮތީ ކޮންމެވެސް ވަރަކަށް ބަނަ ކޮށްފައެވެ. ޕާކުގައި ކުދިންތައް ކުޅެން ދޫކޮށްލައިގެން ސާރާ އިނީ ޕާކުގެ ގޮނޑިއަކު އިށީ ދެލައިގެންނެވެ. މިހެން އިންދާ ސާރާގެ މަންމަގެ އެކުވެރި ޒަހުރާ އައިސް ސާރާ ކައިރީގައި އިށީދެލިއެވެ. ސާރާގެ ފައިކޮޅުން ފެށިގެން ބޯކޮޅަށް ޒަހުރާ ބަލާލިއެވެ.
"ދައްތާ ކިހިނެއް… ކުޑަ މީހާ ގޮވައިގެން އައިސްފަ ދޯ ދައްތަ ވެސް"
ސާރާ ހިނިތުން ވެލަމުން އަހާލިއެވެ.
"ދައްތަ ބަރާބަރު..ސާރާވެސް ވަރަށް ބަރާބަރޭ އަޑު އެހިން"
"އާން މިހާރު ވަރަށް ރަގަނޅު އަލްހަމްދުލިﷲ" ސާރާ ބުންޏެވެ.
"ރަގަނޅު ރަގަނޅު… އަހަރުމެން މަންމަ މެން ބުނާނެ އެއް ގާ ކޮޅުން ޖަހާފަ ދެ ދޫނި މަރާލަނީއޭ މި ކަހަލަ ހާލަތް ތަކުގަ"
ޒަހުރާ އެއް މިޔަކަނިން ހީލަމުން ބުންޏެވެ.
ސާރާއަކަށް ޒަހުރާ އެ މާނަ ކުރީ ކޮން ކަމެއް ކަމެއް ނުވިސްނުނެވެ.
"ނޭގުނު ދޯ...ސިއްރު ސިއްރުން ކުރިއަސް ސިއްރު ފަޅަ އަރާނެ ދުވަހެއް އަންނާނޭނުން..އެދުވަހުން ދައްތަ ދާނަން ކޮއްކޮގެ ކައިވެނި ޕާޓީގަ ކައްކަން"
ޒަހުރާ އެހެން ބުނުމަށް ފަހު ހިނިގަނޑެއް ޖަހާލިއެވެ.
"ދައްތަ ކީކޭ ތި ކިޔަނީ… ރަށު ތެރޭ އެއްޗެކޭ ކިޔަނީ ދޯ"
ސާރާ ބުނެލިއެވެ.
"ނޫނޭ… މި ފަހަރު ހަމަ ލޮލުން ދެކިފަ … ރޭ ދަންވަރު އަހަރެން މަންމަ ގޯތިން އައި މަގުމަތިން ދުށިން ލައިސަމް ތިގޭން ނިކުއިން ތަން...އެހާ ދަންވަރު ލައިސަމް ކީއްކުރަން ދިޔައީ؟"
ޒަހުރާ ސާރާގެ ފަލަމަސްގަނޑުގައި ޖަހާލަމުން ބުންޏެވެ.
"ނޫން.. ނާދޭ.. ތި ދައްތައަށް ހީވި ގޮތެއް" ސާރާ ބުންޏެވެ.
ސާރާ އެހެން ބުނުމަށް ފަހު ގޮޑިން ތެދުވީ ވިއްސާރަ އަންނަން އުޅޭތީ ގެއާ ދިމާލަށް ދާށެވެ.
ވިއްސާރާއިގައި ނުޖެހި ދެ ކުދިން ގޮވައިން ގެއަށް ދެވުނީ ހަމަ ކިރިޔާއެވެ.
ގެއަށް ދިޔައި އިރު ހަފީޒާ ފޯނު ނަގައިގެން ހުރީ ސާރާއަށް ގުޅާށެވެ.
"ވިއްސާރަ އައީމަ މަންމަ މި ގުޅަނީ… ހަމަ ކިރިޔާ ދޯ ތި އާދެވުނީ"
ހަފީޒާ އަހާލިއެވެ.
"އާން ކިރިޔާ ވަދެވުނު ކަން ، އެ އޮއްސާލީ...މަންމާ މި ޒަހުރާ މި ހާދަ ފާޑަކަށް ވާހަކަ ދައްކާ މީހެކޭ ދޯ"
ސާރާ ހަފީޒާ ގާތު ބުނެލިއެވެ.
"އާން..ކަމުދާ މީހެއް ނޫން… އޭނަ އަބަދުވެސް މީހުންގެ މަސް ކެއުމާއިގެން އުޅޭނީ"
ހަފީޒާ ބުނެލިއެވެ.
އިރުކޮޅެއްގައި ހަފީޒާއާއި ވާހަކަ ދައްކާލަން ހުރެފައި ސާރާ ދިޔައީ ދެކުދިންނަށް އެއްޗެއް ކާން ދޭން ކާ ގެއަށްށެވެ.
ހަފީޒާވެސް ސާރާގެ ފަހަތުން ކާގެއަށް ވަނެވެ.
ލައިސަމް އިޝާ ބަލާ އައީ އިޝާ ނަމާދަށް ވެސް ގޮވި ފަހުންނެވެ. ދެކުދިން ގޮވައިގެން ތެޅި ތެޅި ސާރާ ވެސް ހުރީ ވަރުބަލި ވެފައި އެވެ.
އާދައިގެމަތިން މިރޭވެސް ފެންވަރާލައިގެން ސާރާ ނިކުމެލީ ގޭ ދޮރުމަތީގައި ހުރި ޖޯއްޔަށެވެ. ރޭގަނޑު ކައިގެން އާއްމުކޮށް ގޭގެ އެންމެން ޖޯއްޔަށް ނިކުމެލާނެއެވެ. އެކި އެކި ވާހަކައިގައި އެންމެން ތިބެފައި ނިދަން ވަންނާނީ 12 ޖަހާކަންހާއިރުގައެވެ. މިރޭ ވެސް އެ ވަގުތަށް އެންމެން ގެއަށް ވަދެ ގޭގެ ދޮރު ޖެހިއެވެ.
ސާރާ ގޮސް އެނދުމަތީގައި އޮށޯވެލީ ފޯނު ހިފައިގެންނެވެ. ކިތަންމެ ވަރުބަލި ވެފައި ހުރި ނަމަވެސް މިރޭ ނިދި ނާންނާތީ ސާރާ އޮތީ ފޯނާ ކުޅޭށެވެ. ބޮކި ނިއްވާލާފައި ހުންނައިރު ކޮޓަރިތެރެއަށް ވާ އަލިކަމަކަށް ހުންނަނީ ގޭ ދޮރުމަތީގައި ދިއްލާފަ ހުންނަ ބޮކިން ކުޑަދޮރަށް އަންނަ އަލިކަން އެކަންޏެވެ.
ފޯނާ ކުޅެން އޮއްވާ ވަގުތު ހިނގައިގެން ދިޔަ ވަރުވެސް އިހުސާސް ނުވިއެވެ. ގަޑި ބަލާލި އިރު މެންދަމުން އަލިވެ 3 ޖަހާ ބޮޑުވީއެވެ.ސާރާ ފޯނު ޖެހިގެން ހުރި މޭޒުމަތީގައި ބޭއްވުމަށް ފަހު ބިއްދޮށުފަޅިއަށް އެނބުރިލިއެވެ. ކުއްލިއަކަށް ނަޒަރު ހުއްޓުނީ ކުޑަ ދޮރު ކައިރިން ވާ ހިޔަންޏަށްށެވެ.ސާރާ ކުއްލިއަކަށް ތެދުވެ މަޑު މަޑުން ބޮޑު ދޮރު ހުޅުވާފައި އެ ދިމާލަށް ނިކުތެވެ. ރޭގަ ވެސް ސާރާއަށް ކުޑަދޮރުކައިރިން މީހެއްގެ ހިލަމެއް ވާހެން ހީވުމުން މިރޭ ސާރާ ބޭނުންވީ އެއީ ކާކު ތޯ ޔަގީން ކުރާށެވެ. ދޮރު ހުޅުވާ ބަލާލި އިރު ކުޑަ ދޮރުގައި ލޯ ޖަހައިގެން ސާރާގެ ކޮޓަރި އަށް ބަލަން އޮތީ ލައިސަމްއެވެ.
"ލައިސަމް...ކީއް ތިކުރަނީ"
ސާރާ ލައިސަމްއަށް ގޮވާލި އިރަށް ލައިސަމް ސިއްސައިގެން ގޮސް ސާރާ އާއި ދިމާލަށް ބަލާލިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 27 މެއި، ހޯމަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް