އެހެން ނަމަވެސް އައިލީންގެ ހަނދާންތަކުން ދުރުނުވެވިގެން އުޅޭ ސަބަބެއް މިފްޒާލް އަކަށް ނޭނގުނެވެ.
ހެނދުނު ހޭލައިގެން އާދައިގެ މަތިން ތައްޔާރުވެލައިގެން ސައިބޮއިގެން މިފްޒާލް ދިޔައީ އޮފީހަށެވެ. އޮފީހަށް ގޮސް ވަނުމަށްފަހު ފޮޓޯތައް ކުރަހާ ނިމުނު ވާހަކަ ބުނެލަން އައިލީންއަށް ގުޅާލުމަށް މިފްޒާލް ބޭނުންވިއެވެ. އެހެން ނަމަވެސް އެހާ ހެނދުނު ގުޅުމަކީ ރަނގަޅު ކަމެއް ކަމުގައި ނުފެންނާތީ އޮފީސް މަސައްކަތް ކުރިއަށް ގެންދިޔައެވެ.
"ކޮބާ މިއަދު ސައިބޯކަށް ނުދާނަންތަ....؟' ހުމެއިދު އައިސް އަހާލިއެވެ.
"އާނ....! މިއަދު މިއައީ ގެއިން ސައިބޮއިގެން.....! ހުމެއިދު ދޭ ސައިބޯން....! މަގޭ ބަނޑުގައި ދެފަހަރަށް ސައިބޯނެ ޖާގައެއް ނެތޭ....!" ހިނިތުންވެލަމުން މިފްޒާލް ބުނެލިއެވެ.
"އާނ.... ދެން އެކަނިދާނީ....! ހެނދުނު ހޭލާއިރު ސައިހަދާފަ ބަހައްޓާދޭނެ ތިހާ ރަނގަޅު އަތްންބަކު އަހަރެންގެ ނެތޭ....!" މިފްޒާލް އާއި ދިމާއަށް ބަލާލުމަށްފަހު ހީނލާފައި ހުމެއިދު ބުނެލިއެވެ.
"ހަމަ ތިހެން ހުއްޓަކާ އަތްންބަކު ނުލިބޭނެޔޭ....! ހޯދަން އުޅުނީމައޭ ލިބޭނީ....! ހުމެއިދުވެސް ރަނގަޅު ކުއްޖަކު ހޯދައިގެން ކައިވެނިކޮށްބަލަ....! އޭރުން ހެނދުނު ހޭލާއިރު ސައި ހަދާދީފަ ހުންނާނެއޭ....!" ހުމެއިދު އާއި ދިމާއަށް ބަލާލުމަށްފަހު ހީނލާފައި މިފްޒާލް ބުނެލިއެވެ.
މެންދުރުވީ ފަހުން މިފްޒާލް އައިލީން އާއި ގުޅާލިއެވެ.
"ދެފޮޓޯ ކުރަހާ ނިމިއްޖެ....! ކުޑަކޮށް ޓަޗްކޮށްލަންޖެހޭ ތަންތަންކޮޅު މިހާރު ހުންނާނީ..... ކުރަހާލީމަ ހީވޭ އަސްލު ފޮޓޯއަށްވުރެވެސް ރީތިހެން...." ހީނލާފައި މިފްޒާލް ބުނެލިއެވެ.
"މިފްޒާލްގެ ކުރެހުމާ ދޭތެރޭ އައިލީން ޝައްކެއް ނުކުރަމޭ.....! މަޢުރަޒަށް ކުރެހި ފޮޓޯ ފެނުނީމަވެސް އެނގުނޭ ތިއީ އާދައިގެ މީހެއް ނޫންކަން....!؟ މަޖާ ރާގަކަށް އައިލީން ބުނެލިއެވެ.
"ތިހެން ކިޔާފަ ދެން ހައްދާ....!" މިފްޒާލް ކުޑަކޮށް ހީނލަމުން ބުނެލިއެވެ.
"މި ހައްދަނީކީ ނޫނޭ....! ތިންސަތޭކައެއްހާ ފޮޓޯ ބައިވެރިކުރި މަޢުރަޟަކުން އެފޮޓޯއަށް މުޅި މަޢުރަޟުން އެއްވަނަ ލިބުނީވެސް ގައިމު ކަމެއް ވީމަތާ....!" އައިލީން ބުނެލިއެވެ.
"އެ ވެދާނެއެއްނު ފޮޓޯގައި ހުރި ކުއްޖާގެ ރީތި ކަމުން ކަމަށްވެސް.....!" ސަމާސާ ރާގަކަށް މިފްޒާލް ބުނެލިއެވެ.
"އެންމެ ރަނގަޅޭ....! ދެން ކޮން އިރަކުން ކުރެހުންތައް ލިބޭނީ....! މިހާރު ބަލާލާހިތުން ހުރެވޭ ވަރެއްވެސް ނޫން....!" އައިލީން އަވަސް އަވަހަށް ބުނެލިއެވެ.
"އަދި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކުދިކުދި ތަންކޮޅުކޮޅު އެބަހުއްޓޭ....! އޮފީސް ނިންމާލާފައި ގެޔަށްގޮސް އެތަންތަންކޮޅު ނިންމާލާފައި ތިގެއަށް ގެންގޮސްދޭންވީތަ....؟" މިފްޒާލް އަހާލިއެވެ.
"މިފްޒާލް ބޭނުން ގޮތެއް....! އައިލީން ގޮސްދާނަމޭ ތިގެއަށް ބަލާވެސް....!" ސަމާސާ ރާގަކަށް އައިލީން ބުނެލިއެވެ.
"ނޫނޭ...! އައިލީން ތިހާބޮޑު ބުރައެއް އުފުލާނެ ކަމެއް ނެތް....! އަހަރެން ގޮސްދާނަން ހިފައިގެން.....!" އައިލީން އެގެއަށް ގޮސްގެން މައްސަލަ ގޯސްވާކަށް މިފްޒާލް ބޭނުން ނުވާތީ ބުނެލިއެވެ.
"އެންމެ ރަނގަޅު...! އެހެންވީމާ ކުރެހުންތައް ގެނެސްދީ...." އައިލީން ބުންލިއެވެ.
"ކޮން ގަޑިއަކު ދާންވީ....؟" ކެތްމަދުވެފައި މިފްޒާލް ސުވާލުކޮށްލިއެވެ.
"މިގަޑީގައި ޑިއުޓީއަށް މިދަނީ..... ސިކްސްގެ ފަހުން މިރޭ ދެންއެކީ ގޭގައި އުޅޭނީ....!" އައިލީން ބުނެލިއެވެ.
"އެގަޑީގައި އަނެއްކާ ރާއިފު އުޅޭނެތަ....؟" އަވަސް އަވަހަށް މިފްޒާލް ސުވާލުކޮށްލިއެވެ.
"އަންނަން ތިއުޅެނީ ރާއިފު ހޯދަންތަ....؟ ރާއިފު އެގަޑިޔަކު ގެޔަކު ނޫޅޭނެ....! އެކަމަކު މިފްޒާލް ބޭނުމިއްޔާ ރާއިފު ކައިރީ ބުނެފާނަން އެގަޑީގައި ގެޔަށް އަންނަން...." ހިނިތުންވެލާފައި އައިލީން ބުނެލިއެވެ.
"ސާބަސް...! އައިލީން ހޯދަން ދާން މިއުޅެނީ....! ދިޔުމުގެ ކުރިން ގުޅާލާނަން...." ހީނލާފައި މިފްޒާލް ބުނެލިއެވެ.
ފޯނު ބޭއްވުމަށްފަހު އައިލީން ވިސްނާލިއެވެ. އަނެއްކާ މިފްޒާލް ގެޔަށް ގެނައުމަކީ ރަނގަޅު ކަމަކަށް ނުވާނެއެވެ. ފޮޓޯ ކުރަހަން މިފްޒާލް ގެޔަށް ގެނެވުނީ ރާއިފު ގާތުގައި ވަރަށް ގިނަ ވާހަކަތައް ދައްކައިގެންނެވެ. އެވަރުންވެސް ފަހުން އޮތީ އެތައް މައްސަލައެއް ޖެހިފައެވެ. އެވާހަކަ މިފްޒާލް ކައިރީގައި އައިލީން ނުދެއްކީއެވެ. އިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު އައިލީން މިފްޒާލް އަށް ގުޅާލިއެވެ.
"ހީވަނީ މިރޭ ތަންކޮޅެއް ލަހުންހެން ޑިއުޓީ ނިމޭނީ.... އެހެންވީމާ...." އައިލީން ބުނަން އުޅުނު ވާހަކަ މެދުކަނޑާލީ މިފްޒާލް އެވެ.
"އެހެންވީމާ ތަންކޮޅެއް ލަހުން ދާންވީތަ....؟ ތިއީ އަދި މާސަޅި ގޮތެއްނު....." ހީނލާފައި މަޖާ ރާގަކަށް މިފްޒާލް ބުނެލިއެވެ.
"ނޫނޭ.....! އަސްލު ބުނަން މިއުޅެނީ އައިލީން އޮފީސް ނިންމާލާފަ ގެއަށް އަންނަމުން ތި ކުރެހުން ނަގައިގެން އައުން ކިހިނެތްވާނެ ހެއްޔޭ...! ކޮންތާކު ސްޓޫޑިއޯ ހުންނަނީ....؟" އައިލީން ސުވާލު ކޮށްލިއެވެ.
"ސްޓޫޑިއޯ ހުންނަނީ ގޭގައި....! ގެ ހުންނަނީ ހަމަ ހުޅުމާލޭގައި.... ! އެކަމަކު އައިލީން ގެއަށް އައުން އެހާ ރަނގަޅެއް ނުވާނެ....!" އަފްޒަލް ހާސްވެފައި ބުނެލިއެވެ.
"ދެން ކިހިނެތް ހަދާނީ....؟ އައިލީން ބޭނުން މިރޭ ކުރެހުން ބަލާލަން....! އައިލީން ގުޅީމާ މިފްޒާލް އަށް އޮފީސް ކައިރިއަށް ކުރެހުންތައް ގެނެސްދެވޭނެ ގޮތެއް ނޯންނާނެތަ.....؟" ޕްލީސް....! އަޅެ ގެނެސްދޭންވީނު....!" އައިލީން ދެރަވެފައިވާ ގޮތް ދައްކާލަމުން ބުނެލިއެވެ.
"ދެން ތިހާ ދެރަވެފަ ބުނީމަ އަހަންނަކަށް ނުކެރޭނެތާ ތިކަމަށް ނޫނެކޭ ބުނާކަށް....." ވިސްނާލުމަށްފަހު މިފްޒާލް ބުނެލިއެވެ.
"ތީގެ މާނައަކީ މިރޭ ކުރެހުންތައް އޮފީހަށް ގެނެސް ދޭނަމޭ ދޯ....! ތެންކްޔޫ ސޯމަޗް....! ވަރަށް އުފާވެއްޖެ....! އަހަރެން އިންތިޒާރު ކުރާނަން....!" ފޯނު ބާއްވަމުން އައިލީން ބުނެލިއެވެ.
"އަހަރެން އިންތިޒާރު ކުރާނަން...." އައިލީންގެ މި ޖުމްލައިން މިފްޒާލްއަށް ކޮންމެވެސް އުއްމީދެއް ލިބުނު ކަހަލައެވެ. އިރުއޮއްސުމުގެ ކުރިން މިފްޒާލް ފެންވަރާ ރީތި ވެލައިފިއެވެ. ސްކައިބްލޫ ޖިންސަކާއި، ލައިޓް ބްރައުން ކުލައިގެ ޓީޝާޓެއް ލައިގެން ވަރަށް ފުރިހަމައަށް ތައްޔާރު ވެލައިގެން މިފްޒާލް އިންތިޒާރު ކުރަމުންދިޔައީ އައިލީންގެ ފޯނު ކޯލަށެވެ. ގަޑިން ހަތެއް ޖަހައިފިއެވެ. އަށެއްވެސް ޖަހައިފިއެވެ. އެހެން ނަމަވެސް އައިލީންގެ ޚަބަރެއް ނުވިއެވެ. މިފްޒާލް އިރުއިރުކޮޅާ ފޯނަށް ބަލާލައެވެ. ފޯނުގައި އެއްވެސް މައްސަލައެއް އުޅޭތޯއެވެ. ގަޑިން ނުވައެއް ޖެހިއިރުވެސް އައިލީންގެ އެއްވެސް ޚަބަރެއް ނުވިއެވެ. މިފްޒާލް އިނީ ހިސާބަކަށް ހިތްހަމަ ނުޖެހިފައެވެ.
"ކާން ދާންވީނު....! ތަނަކަށްދާންތަ ރެޑީވެގެން ތީނީ.....؟" މިފްޒާލް، ސޯފާގައި އިންދާ އަންޖަލް އައިސް އަހާލިއެވެ.
"އާނ...! ބޭރަށްދާން ކަމަށް ރެޑީވީ....! އެކަމަކު މިހާރު ދާހިތެއްނެތް....! ހިނގާ ކާންދާން....! ކޯއްޗެއް މިރޭހުރީ....؟" މިފްޒާލް ސޯފާއިން ތެދުވަމުން ސުވާލުކޮށްލިއެވެ.
"ނޫޑްލްސް ހެދީ...! ކުކުޅުފައިވެސް ފިހެފަ ހުންނާނެ...! ވަރަށް ދުވަސް ވެއްޖެއެއްނު ނޫޑްލްސް ނުކާތާ....! އެހެންވެ ހިތަށް އެރީ މިރޭ ނޫޑްލްސްއޭ ހަދާނީ....!" ހިނގައިގަންނަމުން އަންޖަލް ބުނެލިއެވެ.
ކައި ނިމިގެން އައިސް، އައިލީންއަށް ފޯނު ކުރަން މިފްޒާލް ހިތަށްއެރިއެވެ. ނަމަވެސް އައިލީން އެގޮތަށް ކަންތައް ކުރުމުން މިފްޒާލް ހިތްހަމަ ނުޖެހިފައި ހުރުމާއެކު އެއްޗެހި ބަދަލުކޮށްލައިގެން ސިޓިން ރޫމަށް ނިކުމެ ޓީވީ ހުޅުވާލިއެވެ. އެހެން ނަމަވެސް އަދިވެސް އިރުއިރުކޮޅާ ފޯނަށް ބަލާލައެވެ. އެންމެ ފަހުން ނީނދެވިގެން އައިލީންގެ ނަންބަރަށް މިފްޒާލް ގުޅާލިއެވެ. ފޯނުއޮތީވެސް ނިވަލާފައެވެ.
ޖެހިގެން އައިދުވަހު މިފްޒާލް ހެނދުނު އޮފީހަށް ދިޔުމަށްފަހު މެންދުރުވާން އުޅެނިކޮށް އަނެއްކާވެސް އައިލީންގެ ނަންބަރަށް ފޯނު ކޮށްލިއެވެ. އޭރުވެސް ފޯނު އޮތީ ނިއްވާލާފައެވެ. ދެން މިފްޒާލް އޮފީސް ފޯނުން ގުޅާލީ އައިލީންމެން ގޭގައި ހުންނަ ލޭންޑް ލައިންއަށެވެ. އެނަންބަރަށް ގުޅާލުމުން ފޯނުނެގީ އައިލީންގެ ފިރިމީހާ ރާއިފު އެވެ. މިފްޒާލް އަވަސް އަވަހަށް ފޯނު ބޭއްވުމަށްފަހު އަނެއްކާވެސް އޮފީހުގެ މަސައްކަތުގައި އުޅުމަށްފަހު ގެޔަށް ދިޔުމުގެ ކުރިން އެންމެ ފަހު ފަހަރު ލޭންޑް ލައިނަށް ގުޅާލިއެވެ. އެފަހަރުވެސް ރާއިފު ފޯނު ނެގުމާއެކު މިފްޒާލް ފޯނު ކަނޑާލިއެވެ. އަދި އިރުކޮޅެއްފަހުން ގެޔަށް ދާން ތެދުވި ވަގުތު އޮފީހުގެ ފޯނު ރިންގވާން ފެށިއެވެ.
"އައްސަލާމް ޢަލައިކުން...." މިފްޒާލް ފޯނު ނެގުމަށް ސަލާމް ގޮވާލިއެވެ.
"މިފްޒާލްތަ އިރުއިރުކޮޅާ މިފޯނަށް ތިގުޅަނީ....؟ ރާއިފު ވަރަށް ރުޅިއައިސްފަ ހުރީ.....!" އެކޮޅުން ވާހަކަދެއްކީ އައިލީން އެވެ.
"ރާއިފު ވަރަށް ރުޅިއައިސްފައޭ ހުރީ....؟ އަދިވެސް ރާއިފުތަ ރުޅިއަންނަންވީ....؟ ތިއީ ރޭގަ ގުޅާނަމޭ ބުނި މީހާ....! އަހަރެން ހާދަ ކަމެއް ހުއްޓާލާފައި އައިލީން ގުޅާނެ ކަމަށް ހުރީމޭ....! އެންމެ ކުޑަމިނުން ވީގޮތެއް އަންގާލީކީވެސް ނޫން....! މަށެއް ނޫންތަ ރުޅިއަންނަންވީ.....؟ އަހަރެން އިންތިޒާރު ކުރާނަމޭ ބުނެފަ، ގުޅަން ބޭނުން ނެތިއްޔާ ގުޅާނަމޭ ބުނީ ކީއްކުރަން....؟ އަހަރެން ތަޅުވަންތް ތިއުޅެނީ.....؟ ޖަވާބު ދީބަލަ....!" މިފްޒާލް ހަމައިން ނެއްޓުނު ކަހަލައެވެ.
"އައްދޭ....! ހާދަވަރެއް ތިވީ....!" އައިލީން ތަންކޮޅެއް ބާރަށް ބުނެލިއެވެ.
މިފްޒާލް ހޭވެރިކަންވީ އެހާ ހިސާބުންނެވެ. މިފްޒާލް އަށް އެގޮތަށް އެ އަޑުގަދަ ކުރެވުނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ. އޭނާއަކީ ދުރުހިލޭ މީހެކެވެ. އެފަދައިން އައިލީން އާ ދިމާއަށް ހަޅޭއްލަވައިގަތުމުގެ ޙައްޤެއް މިފްޒާލްއަކަށް ނޯންނާނެކަން އޭނާއަށް ވިސްނުނެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 26 މެއި، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް