މިފްޒާލް އެގެއިން ނުކުތްއިރު އޭނާގެ ހިތްތެޅެމުންދިޔައީ އައިލީންއަށްޓަކައެވެ. އެހެން ނަމަވެސް އައިލީންގެ ހިތުގައި މިފްޒާލާމެދު ކުޑަވެސް ޝައުޤުވެރިކަމެއް އޮތްކަމެއް މިފްޒާލް އަކަށް ނޭނގެއެވެ. މިފްޒާލްއަށް އެކިގޮތްގޮތުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރާއިފު އަކީ ރާއްޖޭގެ ވަރަށް މަޝްހޫރު ރިސޯޓް އޯނަރެއްގެ ދަރިއެކެވެ. އަދި ޚުދު ރާއިފު އަކީވެސް މަޝްހޫރު ވިޔަފާރިވެރިއެކެވެ. ވީމާ، ރާއިފު ފަދަ ފިރިޔަކު ހުއްޓާ އޭނާ ދޫކޮށްލުމަށްފަހު މިފްޒާލް ކަހަލަ އާދައިގެ ދިރިއުޅުމެއް އުޅޭ މީހެއް ކައިރިއަށް އަންނާނީ މޮޔައެކެވެ. މިފަދަ ޚިޔާލުތަކެއް ކުރަމުން މިފްޒާލް ގޮސް ޓަވަރ ކައިރީގައި ކާރު ޕާކް ކުރުމަށްފަހު ގެއަށް ވަނެވެ.
"ޚަބަރެއް ނުވެ ލަސްވެގެން ދެ ފަހަރު ފޯނަށްވެސް ގުޅައިފިން....! ފޯނު ނިވިފައޮތީ....!" މިފްޒާލް ފެނުމާއެކު ޝަކުވާގެ ރާގެއްގައި އަންޖަލް ވާހަކަ ދެއްކިއެވެ.
"ނިވިފައޭ...! ނިވައެއް ނުލަން....!" ޖީބުން ފޯނުނަގަމުން މިފްޒާލް ބުނެލިއެވެ.
މިފްޒާލް ފޯނު ނަގާ ބަލާލިއިރު އަންޖަލް ބުނިހެން ފޯނު އޮތީ ނިވިފައެވެ. އެކަމަކު އޭގެ ކުޑައިރުކޮޅެއް ކުރިންވެސް މިފްޒާލް ފޯނުން އައިލީންގެ ފޮޓޯތައްވެސް ނެގިއެވެ.
"އާނ.... ފޯނު ނިވިފަ މިއޮތީ....! އެކަމަކު ނޭނގެ ފޯނަށް މިވީ ގޮތެއް....! ޗާޖުވެސް ހުންނާނެ....! ވެދާނެ ޖީބުގައި އޮތްވަ އޮފް ކޮށްލާ ފިއްތަށް ފިތިފައޮތީ ކަމަށްވެސް" މިފްޒާލް ފޯނު އޮންކޮށްލަމުން ބުނެލިއެވެ.
"ގޮސް ފެންވަރާލައިގެން އާދޭ އެއްޗެއްކާން...." އޯގާތެރިކަމާއެކު އަންޖަލް ބުނެލިއެވެ.
މިފްޒާލް ކޮޓަރިއަށްގޮސް އެނދުގައި އޮށޯވެލުމަށްފަހު ވިސްނާލިއެވެ. އަންޖަލް ކިހާ ރަނގަޅު ހެއްޔެވެ. ލަހުން ގެއަށް އާދެވުނީމަވެސް އެއްވެސް ޝަކުވާއެއް ނުކުރެއެވެ. ވާހަކަ ދެއްކުމުގައިވެސް އެހާ އޯގާތެރިއެވެ. އެކަމަކު އޭގެ ބަދަލުގައި މިފްޒާލް އަށް މިކަންތައް ކުރެވެނީ ކިހިނެތް ހެއްޔެވެ. މިފްޒާލް މިކަމާ ކޮންމެވެސް ވަރަކަށް ދެރަވިއެވެ. އަދި އަމިއްލަ ނަފްސު ދެކެ ލަދުވެސް ގަތެވެ.
"އަދިވެސް އޮތީތަ....؟ ދެން ދޭބަލަ ފެންވަރާލަން....! އޭރުން ތި ކައްނެތްކަން ފިލާފާނެ.....! އަންޖަލް އައިސް ކޮޓަރިއަށް ވަންއިރު މިފްޒާލް އެނދުމަތީގައި އޮތްތަން ފެނިފައި ބުނެލިއެވެ.
އަންޖަލްގެ މިއަޑު މިފްޒާލްއަށް އިވުނު ހެނެއް ހީއެއް ނުވެއެވެ. މިފްޒާލް އޮތީ ނިތްކުރިމަތީ އަތްބާއްވާލައިގެން ޚިޔާލެއްގެ ތެރެއަށް ގެއްލިއެވެ.
"ކިހިނެތްވީ...؟ ކަމެއް ގޯސްވީތަ...؟ ކިހިނެތްވެފަ ތިއޮތީ....؟" މިފްޒާލް އެއްވެސް އެއްޗެއް ނުބުނެ އޮތުމުން އަންޖަލް އައިސް މިފްޒާލް އަތުގައި ހިފާލުމަށްފަހު ބުނެލިއެވެ.
"އޭނ....! ކީކޭ....؟" މިފްޒާލް ސިހިފައި އަންޖަލް އާ ދިމާއަށް ބަލާލަމުން ބުނެލިއެވެ.
"ކިހިނެތްވެފަތަ ތިއޮތީ...؟ މިވަރަކަށް ވާހަކަ ދައްކާއިރުވެސް ބަލާވެސް ނުލައި، އަނގައިންވެސް ނުބުނެ އޮތީމަ....! މިފްޒާލް ގާތުގައި އެނދުގައި އިށީންނަމުން އަންޖަލް އަނެއްކާވެސް ސުވާލުކޮށްލިއެވެ.
"އަންޖޫ އެއްޗެއް ބުނި ކަމެއް ނޭނގުނޭ....! ޓަޔަރޑް ވެފަހުރީމަ ކުޑަކޮށް ރެސްޓްކޮށްލާފަ ފެންވަރަން ދާންކަމަށް މި ޖައްސާލީ....!' އަންޖަލް އާއި ދިމާއަށް ބަލާލުމަށްފަހު މިފްޒާލް ބުނެލިއެވެ.
"ފެންވަރާލީމަ، ތި ޓަޔަރޑްކަން ފިލާފާނެ....! ފެންވަރައިގެން އެއްޗެއް ކާލަން ހިނގާ....! އޭރުން ތިކަންނެތްކަން ހަމައަކަށް އެޅި އޯކޭ ވެދާނެ....!" މިފްޒާލް އާ ދިމާއަށް ބަލަން އިނދެ އަންޖަލް ބުނެލިއެވެ.
"މިފޫ ރެޑީ ވެގެން ނިކުތީމަ އަންޖޫވެސް ރެޑީވެލާ...! ރޭގައިވެސް ކާރު ދުއްވާލަން ދާން ބުނީމެއްނު....! މިރޭ ކައިގެން ކާރުދުއްވާލަން ދާނީ...." އެނދުން ތެދުވަމުން މިފްޒާލް ބުނެލިއެވެ.
"މާ ޓަޔަރޑް ވެފައި ހުރިއްޔާ ކޮންމެހެން ނުދިޔަސް އޯކޭވާނެ....! ކައިގެން އައިސް ރެސްޓްކޮށްލާނީ....!" އަންޖަލް އެނދުން ތެދުވަމުން ބުނެލިއެވެ.
"ނޫނޭ....! ރޭގަވެސް ނުދެވުނު....! މިރޭ ދާންވާނެ....! ފެންވަރާލައިގެން ނިކުމެ އެއްޗެއް ކާލީމާ އޯކޭވާނެ...! މާބޮޑަށް ބަނޑުހައިވީ ކަންނޭނެ...." މިފްޒާލް ލައިގެންހުރި ގަމީސް ބާލަމުން ބުނެލިއެވެ.
"އޯކޭ...! ރެޑީ ވެލައިގެން ބޭރަށް އާދޭ...! އަންޖޫ މިދަނީ ކާއެއްޗެއް ރެޑީ ކޮށްލަން...!" މިފްޒާލް އަތަށް ތުވާލި ދިއްކޮށްލުމަށްފަހު ހިނގައިގަންނަމުން އަންޖަލް ބުނެލިއެވެ.
ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ކާރު ދުއްވަމުން ދިޔައެވެ. ކާރު ދުއްވަމުންދިޔައިރު އަންޖަލް އާއި މިފްޒާލް ތަފާތު ވާހަކަތައް ދައްކަމުން ދިޔަކަމުގައި ވިޔަސް މިފްޒާލްގެ ހިތުގައިވަނީ އައިލީން އެވެ. އައިލީންގެ އެރީތި ހިނިތުންވުމެވެ. އަދި ރީތި ދިގު ފަން އިސްތަށިގަނޑެވެ. އަންޖަލްއަކީވެސް އައިލީންއަށް ދޫނުކުރާ ވަރުގެ ރީތި ކުއްޖެކެވެ. ދީނަށް ލޯބިކުރާ އެހާ މަޑުމައިތިރި ކުއްޖެކެވެ. މިވީ ދުވަސްތަކުގެ ތެރޭގައި އެއްވެސް ކަމަކާ ހިތްހަމަ ނުޖެހިގެން އެއްވެސް ޝަކުވާއެއް ކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އަންޖަލް ކައިރީގައި އިންނައިރުވެސް މިފްޒާލަށް އައިލީން އާއި ދޭތެރޭގައި އެވަރަށް އެ ވިސްނެނީ ކީއްވެ ކަމެއް މިފްޒާލް އަކަށް ނޭނގެއެވެ.
"ކީއްވެ ކުއްލިއަކަށް މާ ވާހަކަ މަދުވީ....؟" މިފްޒާލް އެއްޗެއް ނުބުނެ މަޑުން އިނުމާއެކު އަންޖަލް ސުވާލު ކޮށްލިއެވެ.
"އޭނ.... ކީކޭ....؟" މިފްޒާލް ހިޔާލެއްގެ ތެރެއަށް ގެއްލިފައި އިނުމާއެކު އަންޖަލްގެ ސުވާލު ކޮށްލުމުން މިފްޒާލް ސިއްސައިގެން ދިޔައެވެ.
"ކޮން ދުނިޔެއެއްގައި....؟" ހީނލާފައި ސަމާސާ ރާގަކަށް އަންޖަލް އަނެއްކާވެސް ސުވާލެއް ކޮށްލިއެވެ.
"މި ކުޑަކަމަކާ ވިސްނާލީ....! ކީކޭތަ އޭރު ބުނީ.....؟" އަންޖަލް އާއި ދިމާއަށް ބަލާލަމުން ހިނިތުންވެފައި މިފްޒާލް އަހާލިއެވެ.
"ސާބަސް....! ވާހަކަ ދައްކަދައްކާފައި އެއްޗެއް ނުބުނެ ގިނައިރުވީމާ ކުއްލިއަކަށް މާ ވާހަކަ މަދުވީ ކީއްވެހޭ އަހާލީ....." މިފްޒާލް އާއި ދިމާއަށް ބަލާލުމަށްފަހު އަންޖަލް ބުނެލިއެވެ.
"މިރޭ ކުޑަ މަސައްކަތެއް އޮތީމަ އެކަމާ މި ވިސްނާލީ...." އަންޖަލް އާއި ދިމާއަށް ބަލާލަމުން ހިނިތުންވެފައި މިފްޒާލް ބުނެލިއެވެ.
"ކޮން މަސައްކަތެއް މިރޭ އޮތީ....؟" އަންޖަލްވެސް މިފްޒާލް އާއި ދިމާއަށް ބަލާލަމުން ސުވާލު ކޮށްލިއެވެ.
މިރޭ ނިންމާލަންޖެހޭ ދެ ކުރެހުން އެބައޮތް.....! އެހެންވެ އެކަމާ މި ވިސްނާލީ...." އަންޖަލް އާއި ދިމާއަށް ބަލާލަމުން މިފްޒާލް ވާހަކަ ދެއްކިއެވެ.
"އެހެންވީމަ ގެއަށްގޮސް އަވަހަށް ތިކަމާ އުޅެންވީނު... އޭރުން ތިކަން ނިންމާލާފައި ނިދާލާނެ ވަގުތެއްވާނީ.....! ހެނދުނު އޮފީހަށްވެސް ދާންޖެހޭނެ...." މިފްޒާލް އާއި ދިމާއަށް ބަލާލުމަށްފަހު އަންޖަލް ބުނެލިއެވެ.
ގެއަށް ދިޔުމަށްފަހު ހެދުން ބަދަލުކޮށްލައިގެން އަންޖަލް އޮށޯތީ ނިދާށެވެ. އެހެން ނަމަވެސް މިފްޒާލް ހެދުން ބަދަލުކޮށްލައިގެން އައިސް އެދުގައި އޮށޯވެ ފޯނާއި ކުޅެން އޮތެވެ.
"ކުރަހާކަށް ނުދަންތަ....؟" މިފްޒާލް އެނދުގައި އޮށޯތުމާއެކު އަންޖަލް ސުވާލު ކޮށްލިއެވެ.
"ނޫނޭ.... އިރުކޮޅަކު އޮވެލާފަ ދާނީ...." ފޯނާ ކުޅެން އޮވެ މިފްޒާލް ބުނެލިއެވެ.
މިފްޒާލް މިރޭ ކުރަހަން ބޭނުންވެގެން އުޅެނީ އައިލީންގެ ދެ ފޮޓޯއެއް ކަމުގައިވާތީ، މިފްޒާލް އެނދުގައި އޮށޯތީ އަންޖަލް ނިދަންދެނެވެ. އަންޖަލް ނުނިދާ އޮއްވާ މިފްޒާލް ގޮސް އައިލީންގެ ފޮޓޯ ކުރަހަން ހުއްޓާ އަންޖަލް އެތަނަށް އަންނާކަށް މިފްޒާލް ބޭނުމެއް ނުވެއެވެ.
ގާތްގަޑަކަށް ބައިގަޑިއެއްހާއިރު އެނދުގައި އޮތުމަށްފަހު އަންޖަލް ނިދައިފިތޯ މިފްޒާލް ބަލާލިއެވެ. އަންޖަލް ނިދައފިކަން ޔަޤީން ކުރުމަށްފަހު މަޑުމަޑުން މިފްޒާލް ތެދުވެގެން ދިޔައީ ފްލެޓުގައި ހުރި އަނެއް ކޮޓަރިއަށެވެ. އެކޮޓަރިއަކީ ކުރެހުމުގެ މަސައްކަތްތައް ކުރުމަށް މިފްޒާލް ތައްޔާރުކޮށްފައިވާ ކޮޓަރިއެވެ. ކޮޓަރިއަށްވަދެ ފްރޭމްގައި ކެންވަންސް އަޅުވާލުމަށްފަހު ގޮނޑިމަތީގައި އޮތް ދަބަހުން އައިލީންގެ ފޮޓޯ ނެގިއެވެ. އަދި ފޮޓޯ ހިފައިގެން ގޮސް ފްރޭމްގެ އެއްފަރާތު ކަނެއްގައި ފޮޓޯ ހަރުކޮށްލުމަށްފަހު ފޮޓޯއަށް ބަލަހައްޓައިގެން ހުއްޓެވެ.
"މާޝާ ﷲ....! ހާދަ ފުރިހަމަ އޭ...." ފޮޓޯއަށް ބަލަންހުރެ މަޑުމަޑުން މިފްޒާލްއަށް ބުނެވުނެވެ.
ރާއިފު އަކީ ވިޔަފާރިވެރިއެއް ކަމުގައިވިޔަސް އެއްވެސް އުޅުމެއް ހުރި މީހެއް ނޫނެވެ. އެކަހަލަ އެއްވެސް އުޅުމެއް ނެތް މީހަކާ އައިލީން ފަދަ ރީތި ކުއްޖަކު މެރީކޮށްގެން އުޅެނީ ކީއްވެބާއޭ މިފްޒާލްގެ ހިތަށް އެރިއެވެ. އައިލީން އާއި ރާއިފު އެއްގޮތަކަށްވެސް ނުގުޅެއެވެ. އެކަމާ ވިސްނުމަކީ ބޭކާރު ކަމެއް ކަމުގައިވެސް މިފްޒާލް އަށް އެނގެއެވެ. އައިލީން އަކީ ރާއިފުގެ އަނބިމީހާއެވެ. އެހެން ނަމަވެސް ބައެއް ފަހަރު ބޭކާރު ކަންތައް ކުރާމީހުންވެސް މަދެއްނޫނެވެ. ހިތްހަމަ ޖެހޭ ކަމެއް ވިއްޔާ އެއީ ބޭކާރު ކަމެއްގެ ގޮތުގައެއް ނުބެލެވޭނެއެވެ. އައިލީންގެ ފޮޓޯއަށް ބަލައިގެން މިފްޒާލް ހިތްހަމަ ޖެހެންޏާ އެއީ ބޭކާރު ކަމެއް ނޫނެވެ.
އެރޭގެ ވަރަށް ގިނަވަގުތު މަސައްކަތް ކޮށްގެން އައިލީންގެ ދެފޮޓޯ މިފްޒާލް ކުރަހާ ނިންމާލިއެވެ. ކުރެހުމަކީ މިފްޒާލަށް މާގިނަ ވަގުތު ބޭނުންވާ ކަމެއް ނޫނެވެ. ހިތްހަމަ ޖެހިފައިހުރި ވަގުތެއްވިއްޔާ ކޮންމެ އެއްޗެއްވެސް ކުރަހާލާކަށް މާގިނަ ވަގުތެއް ނުނަގާނެއެވެ. ދެ ފޮޓޯ ކުރަހާލުމަށްފަހު ފޮޓޯތައް ހިކެންދެން ވަގުތުކޮޅެއް ބޭނުންވާނެތީ ފޮޓޯތައް ހުރިގޮތަށް ބެހެއްޓުމަށް މިފްޒާލް ދިޔައީ ކޮޓަރިއަށެވެ. ކޮޓަރިއަށްގޮސް ބަލާލިއިރު އަންޖަލް އޮތީ ނިދާފައެވެ. މިފްޒާލް ފާހާނާއަށް ވަދެ ކުޑަކޮށް ގައިދޮވެލައިގެން އައިސް އެދުގައި އޮށޯވެލުމަށްފަހު އަރާމު ނިންޖަލުން ނިދާލާފައިވާ އަންޖަލްގެ އެމަޢުޞޫމް މޫނަށް ބަލާލިއެވެ. ބައެއް ފަހަރަކު އައިލީން އަށްވުރެވެސް އަންޖަލް ރީތި ކަމުގައި މިފްޒަލްއަށް ހީވެއެވެ. އެހެން ނަމަވެސް އައިލީންގެ ހަނދާންތަކުން ދުރުނުވެވިގެން އޮޅޭ ސަބަބެއް މިފްޒާލް އަކަށް އެއްގޮތަކަށްވެސް ނޭނގުނެވެ.
ނުނިމޭ... ވާހަކައި އާ ބައެއް، 23 މެއި، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް