މުޅި މީހާ ހުއްޓުން އެރިއެވެ. ސާރާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެންދިޔަހެނެވެ. އިތުރަށް އެންމެ ބަހެއް ވެސް ބުނަން ނޭނގިފައި ސާރާ އިނީ މާހިރުގެ ފުރާނަ ނެތް މަސްގަނޑާ ދިމާލަށް ބަލަހައްޓައިގެންނެވެ. ޑޮކްޓަރުން އެމީހުންގެ މަސައްކަތާއިގެން އަވަދި ނެތި އުޅެމުން ދިޔައެވެ. މުޅި މާހައުލު އެއް އަޑު ކޮށްލީ ރޯ އަޑުންނެވެ. އޭރު ސާރާގެ އުރުގައި އިން ތުއްތު ދަރިފުޅު ސިއާރާވެސް ރޮމުން ދިޔައެވެ.
އެމްބިއުލާންސް އަނބުރާލާފައި ދިޔައީ ހޮސްޕިޓަލާއި ދިމާލަށެވެ. ބަލަން ޖެހޭ އިތުރު ކަންކަން ބެލުމަށެވެ.
ސާރާގެ މަންމަ ހަފީޒާ އައިސް ސާރާއަށް ނަސޭހަތް ދޭން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ސާރާއަށް ހުރެވުނީ ބުދެއް ހެންނެވެ. ދެލޯ ރަތްވެ މީހާ ތުރު ތުރު ލައެވެ. ކުއްލިއަކަށް ހަފީޒާގެ ކޮޑުމަތީގައި ސާރާ ބޯ އަޅާލިއެވެ. ހަފީޒާގެ ކޮނޑަށް ބަރުވާހެން ހީވުމުން ކައިރީގައި ހުރި ލައިސަމްއަށް ހަފީޒާ ރޮމުން އިޝާރާތް ކޮށްލިއެވެ.
"ސާރާގެ ހޭ ވެރިކަމެއް ނެތް...ލައިސަމް އާދެބަލަ"
ހަފީޒާ އަތުން އިޝާރާތް ކޮށްލަމުން ލައިސަމް އަށް ގޮވާލިއެވެ. ލައިސަމް އަވަސް އަވަހަށް އައިސް ސާރާ އަތްދަނޑި މައްޗަށް ލައިގެން ސިއްހީ މަރުކަޒު އެތެރެއަށް ވެއްދިއެވެ.
ސާރާއަށް ހޭ ވެރިކަމެއް ވީ އިރު ސާރާގެ ކޮއްކޮ ސާމާ ސާރާގެ ކައިރީގައި އިށީނދެލައިގެން އިނެވެ. ސާރާ ކުއްލިއަކަށް ތެދުވެ ދެ ފަރާތަށް ބަލާލިއެވެ.
"ކޮބާ ސިޔާރާ… ކޮބާ އެންމެން" ސާރާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް ފައިބަމުން ދިޔައެވެ.
"ހިނަވާ ގޭގަ ވީ… މަންމަ އަތުގަ ސިޔާރާވީ...ދޮންތަ އޯކޭ ނުވާތި ވަޅު ނުލާ އެ އޮތީ.. ގުޅަން ވީތަ ލައިސަމްބޭ އަށް" ސާމާ އަހާލިއެވެ.
ސާރާ ގިސްލާފައި ރޯން ފެށީ މާހިރު އުމުރަށް ގެއްލުނު ކަމުގެ އިހުސާސްތައް ކުރެވެން ފެށުމުންނެވެ. ހިނގަމުން މިދާ ވަގުތަކީ ހުވަފެނެއް ނޫން ކަން އަސްލެއް ކަން އިހުސާސް ވުމުންނެވެ. ހަޔާތަކީ ކިހާ ކުޑަ އެއްޗެއް ކަން ވިސްނުމުންނެވެ. ލައިސަމް އައިސް ސާރާ ގޮވައިގެން ހިނަވާ ގެއަށް ދިޔުމަށް ސައިކަލުގައި ދަތުރުފެށިއެވެ. އޭރު ސާރާގެ ދެ އަތުން، ސާރާގެ ލޮލުން ފައިބަމުން ދިޔައި ހުސްވުމެއް ނެތް ކަރުނަތައް ފޮހެމުން ދިޔައެވެ. ހިނަވާ ގޭ ދޮށަށް ދިޔައި އިރު ރަށު ރައްޔިތުން ވަނީ އެ ސަރަހައްދަށް އެއްވެފައެވެ. ސާރާ ފެނުމުން މީހުންތައް އައިސް ސާރާއަށް ހަމްދަރުދީވެ ފިރުމާ ނަސޭހަތް ދޭން ފެށިއެވެ. މަޑު މަޑު ހިނގުމެއްގައި ގޮސް ފުން ނޭވާއެއް ލުމަށް ފަހު ހިނަވާ ގޭ އެތެރެއަށް ވަތްން އިރު މާހިރުގެ ހަށިގަނޑު އޮތީ ހިނަވާފައެވެ. ހުދު ފޮތިގަނޑެއްގައި ކަފުނުގައި މާހިރު އޮތްތަން ބަލާކަށް ސާރާގެ ހިތަކަށް ކެތެއް ނުވިއެވެ. މާހިރުގެ ނިތުގައި ފިރުމާލަމުން އެންމެ ފަހުގެ ވަދާއީ ސަލާމް ކިޔުމަށް ސާރާ އަމިއްލަ ނަފްސަށް މަޖުބޫރު ކުރިއެވެ. އިޝާ ނަމާދަށް ފަހު ވަޅުލުމަށް ނިންމާފައިވާތީ، ވަގުތު ކުޑަވުމުން މޫނު އެޅުމަށް ރަށުގެ ދުވަސްވީ މީހުން އިރުޝާދު ދިނެވެ. މޫނުގައި ފޮތިގަނޑު އެޅުމަށް މާހިރުގެ ގާތް އެންމެންނަށް ބައިވެރިވުމަށް ފުރުސަތު ދިނެވެ. ހިތްވަރު ކޮށްފައި ސާރާވެސް އެކަމުގައި ބައިވެރިވިޔެވެ. މޫނުގައި ފޮތިގަނޑު އެޅި ވަގުތު ސާރާއަށް ބާރަށް ރޮއެ ގަނެވުނެވެ. ޖަމީލާގެ ގައި ގައި ބައްދާލައިގެން ހުރެ ދެމައިން ރޮމުން ދިޔައެވެ.
މާހިރުގެ ކަށިކަމާއި ކެމީގެ ކަންތައްތައް ނިމި ވަޅުލުމަށް ފަހު އެންމެން ގެއަށް ދިޔައެވެ. ސާރާ ދިޔައީ ސާރާގެ މަންމަ އާއި އެކު އެ ގެއަށެވެ. ގޭގެ ބޭރުގައި ބަހައްޓާފައި ހުރި ޖޯލީގައި އިށީދެލާފައި ސާރާ މޫނު މަތީގައި އަތް އެޅިއެވެ.
"ދަރިފުޅާ ހިތްވަރު ކުރޭ… ﷲ އިރާދަފުޅުން މާހިރުއަށް ސުވަރުގެ މިންވަރު ކުރައްވާނެ.. މި ވަގުތުގައި ރުޔަކަސް ވާނެ ފައިދާއެއް ނޯންނާނެ...ﷲ އަށް ދުއާ ކުރޭ"
ހަފީޒާ ސާރާގެ ބުރަކަށިމަތީގައި ފިރުމަމުން ބުނެލިއެވެ.
"އެ ކީއްވެ މަންމާ… އެ ކީއްވެ މިހެން މިވީ… މާހިރު ވަރަށް ރަގަނޅަށް ހުރީ ވެސް މިއަދު.. ބައްޔެއްވެސް ނޫން މަންމާ… އަހަރެން މީ ހާދަ ބަދު ނަސީބު މީހެކޭ.. އަހަރެންގެ ދަރިފުޅު އެވީ ޔަތީމު ކުއްޖަކަށް މަންމާ"
ސާރާ ގިސްލަމުން ހަފީޒާ ގާތު ބުންޏެވެ.
"ކޮންމެ މީހަކުވެސް މަރުވާނެ… އަޖަލު ޖެހުނީމަ ކިތަންމެ ރަގަނޅަށް ހުންނަ މީހަކުވެސް މަރުވެދާނެ… މިއީ ވަގުތީ ދުނިޔެއެއް … ދަރިފުޅު އީމާން ތެރިކަން ވަރުގަދަ ކުރަންވީ ވަގުތު މިއީ އޭރަށް މާހިރަށްވެސް ދަރިފުޅަށްވެސް ފައިދާ ވާނީ"
ސާރާ ހަމައަކަށް އެޅުވޭތޯ ހަފީޒާ މަސައްކަތް ކުރަމުން ދިޔައެވެ.
******************
ދުވަހަކަށް ފަހު ދުވަހެއް މަހަކަށް ފަހު މަހެއް ވޭތުވަމުން ދިޔައެވެ. ސާރާގެ ހިތުގައި އެވާ ފާރުގަނޑަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ސާރާއަށް ކުޑަވެސް ހިތްވަރެއް ލިބެނީ ސިޔާރާގެ ފަރާތުންނެވެ. އެ ފުރާނައަށް ޓަކައި ހިތްވަރުކޮށްފައި އުޅެވޭތޯ ސާރާ ދިޔައީ މަސައްކަތް ކުރަމުންނެވެ.
އާދައިގެ މަތިން މިރޭވެސް ދަރިފުޅު ނިންދަވާފައި ސާރާ އިނީ ވާހަކަ ފޮތެއް ނަގައިގެން ކިޔާށެވެ. މާހިރުގެ ވިސްނުން ތަކުން ކިރިޔާވެސް ދުރަށް ޖެހިލެވެނީ އެގޮތަށް ކަމުންނެވެ. ކުއްލިއަކަށް ކުޑަ ދޮރާ ދިމާލުން ހިޔަންޏެއް ވާހެން ހީވިއެވެ. އޭރު ކޮޓަރީގައި ޖަހާފައި ހުރި ފަންކާއިން ކުޑަ ދޮރުގެ ފޮތިގަނޑު ދިޔައީ ވިހުރެމުންނެވެ.ފޮތިގަނޑު ވަޔަށް ވިހުރޭ ވަގުތުގައި ބޭރު ކޮންމެވެސް ވަރަކަށް ފެނެއެވެ. ސާރާ ތެދުވެ ކުޑަ ދޮރާ ދިމާލަށް ދިޔައެވެ. މީހެއް ހުރިތޯ ބަލާލުމަށް ފަހު ފޮތިގަނޑު ރީތިކޮށްލިއެވެ.ބޮކި ނިއްވާލުމަށް ފަހު ނިދަން އޮށޯވެލިއެވެ. މާޒީގެ އެ އުފާވެރި ވަގުތު ތައް ސާރާގެ ސިކުނޑި ފުރާލިއެވެ. ސިކުނޑިތެރޭގައި އެތައް ޝަކުވާއެއް އެތައް ސުވާލެއް ވާއިރު އެ ހަށިގަނޑަށް އަރާމު ނިންޖެއް ނުލިބެއެވެ.
ދެކޮޅަށް ފުރޮޅިލަ ފުރޮޅިލާއި އޮއްވާ ނިދިއްޖެއެވެ. ފަތިހު ހޭ ލެވުނީ ފޯނު އެލާމު ވާ އަޑަށެވެ. އެލާމު ނިއްވާލުމަށް ފަހު ފާހަނައަށް ގޮސް ވުޟޫކޮށްލައިގެން އަވަސްވެގަތީ ނަމާދު ކޮށްލާށެވެ. ނަމާދުގައި އިން އިރު ސާރާގެ މަންމަ ހަފީޒާ ކޮންމެވެސް މީހަކާ ވާހަކަ ދައްކާ އަޑު އިވެމުން ދިޔައެވެ. ސާރާ ކޮޓަރިން ނިކުއިން އިރު ހަފީޒާ އޮތީ ގޭގެ ދޮރުމަތި ކުނި ކަހާށެވެ.
"މަންމަ ކާކާ މިއޮށް ފަތިހާ ތި ވާހަކަ ދައްކަނީ"
ސާރާ އަހާލިއެވެ.
"މި ޒުބޭދާއާ… އެއްކަލަ އަޒުރާ އައިސް އެ ގޭ ދޮށުގަ ހަޅޭ ލަވަޔޯ އެބަ"
ހަފީޒާ ސާރާއަށް ޖަވާބު ދިނެވެ.
"އަޒުރާއޭ! އިޝާ ގެ މަންމަތަ؟" ސާރާ ހައިރާން ވެފައި ބުންޏެވެ.
"ހޫން… އިޝާ ބަލައްޔޯ އައީ" ހަފީޒާ ޖަވާބު ދިނެވެ.
ސާރާ ކޮޓަރިއަށް ވަދެ ފޯނު ނެގުމަށް ފަހު ލައިސަމް އަށް ގުޅިއެވެ. އެހެން ނަމަވެސް ލައިސަމް ފޯނަކަށް ޖަވާބެއް ނުދެއެވެ.ސާރާ ބޭނުންވީ އެގެއަށް ދާށެވެ.
"ކޮންތާކަށް… އެގެއަށްތަ ތި ދަނީ"
ހަފީޒާ ސުވާލު ކުރިއެވެ.
"އާން.. އިޝޫ އަކީ އަހަރެންގެ ދަރިއެކޭ މަންމާ...އޭނައަކަށް އިޝޫއެއް ނުގެންދެވޭނެ"
ސާރާ އެހެން ބުނުމަށް ފަހު އެ ގެއާ ދިމާލަށް ދިޔުމަށް ހިނގައިގަތެވެ. އިލޮށިފަތި އެއް ލާލާފައި ހަފީޒާ ސާރާގެ ފަހަތުން ދިޔައެވެ. އެ ގެޔަށް ދިޔައި އިރު އަޒުރާއާއި ޖަމީލާ ދިޔައީ ޒުވާބު ކުރަމުންނެވެ.
"ކޮބާ އިޝާ "ސާރާ ޖަމީލާއާއި ސުވާލުކޮށްލިއެވެ.
ޖަމީލާ ބޮލުން އެތެރެއަށް އިޝާރާތް ކޮށްލިއެވެ.
ސާރާ ގޮސް ޓަކީ ޖެހުމުން ލައިސަމް ކޮޓަރި ދޮރު ހުޅުވިއެވެ. އޭރު ކާޓޫނު ބަލަން އިޝާ އިނެވެ. ސާރާ ފެނުމާއި އެއްކޮށް ފުންމައިގެން އިޝާ އައިސް ސާރާގެ ގައިގައި ބައްދާލިއެވެ.
"ދޮންބެދައްތާ ކޮންތާކުން ތި އައީ އިޝޫ ވަރަށް ހޯދިން... އިޝޫ ވަރަށް މިސްވި"
އިޝާ ބުނެލިއެވެ.
ސާރާ ކޮޓަރި އެތެރެއަށް ވަދެ ދޮރު ޖެހިއެވެ.
"ދޮންބެދައްތަ ބަލި ވީމަ އިނގޭ ދޫނީ… ވަރަށް ބޮޑަށް މިސްވި ދޮންބެދައްތަވެސް...ދޭބަ ކާޓޫނު ބަލާލަން...ބައްޕި އާ ވާހަކަ ދައްކާލަން ދެން"
ސާރާ އިޝާގެ ކޮލުގައި ހިފާލާފައި ބުންޏެވެ.
"ކިހިނެއް ވެގެން މި އުޅެނީ… ކުއްލިއަކަށް އަޒުރާ ކީއްވެ އިޝާ ބަލާ އެއައީ...އެވެސް މި ގަޑީގަ"
ސާރާ ލައިސަމް އާއި ސުވާލުކޮށްލިއެވެ.
"ނޭނގެ… މީހަކު އައިސް ދޮރު ވައްޓާލާ ވަރަށް ތަޅަން ފެށީމަ އަހަރެން ދޮރު ހުޅުވީ ހުޅުވި އިރު އަޒުރާ… އޭނަ އުޅުނީ ގަދަ ކަމުން ވަދެފަ އިޝާ ގެންދަން… އޭނަ ބައްޕަވެސް ގޮވައިގެން އައީ...ވަރަށް ބިރުގަނޭ އިޝާ ގެއްލި ދާނެތީ"
ލައިސަމް ބުންޏެވެ.
"އޭނަ ވަރިވެގެން އިޝާ އެއްލާލާފަ ދިޔައީނުން… ދެން ކީއްކުރަން އިޝާ ހޯދަނީ"
ސާރާ ބުންޏެވެ.
"ނޭނގެ… އިޝާ މިވަރު ވީ އިރުގައި ގުޅާވެސް ނުލާ ...ކުއްލިއަކަށް ހަނދާން ވީ ކަންނޭނގެ ދަރިއެއް ހުންނަކަން… ދެން އިޝާ ދޭންވީ ކަން ނޭނގެ އޭނައަށް" ލައިސަމް އިސް ޖަހާލަމުން ބުންޏެވެ.
"ލައިސަމް! ތި ކިޔޭ އެއްޗެއް އެބަ އިނގޭތަ..މަސްތުވާ ތަކެތި ބޭނުން ކުރި އަންހެނެއް އެއީ… އޭނައަށް އިޝޫއެއް ނުބެލޭނެ" ސާރާ ހިތްހަމަ ނުޖެހިފައި ބުންޏެވެ.
"ދެން އަހަރެންވެސް އޮފީހުގަ އެހާ ބުރަ...އިޝާއަށް ދޭންވާ ވަގުތު ނުދެވޭތީ ވަރަށް ދެރަވޭ… މަންމަ ގޮތް ވެސް އިނގޭނުން… އެހާ ރުޅިގަދަ ...އިޝޫ ކިރިޔާ ސިޔާސަ ކޮށް އުޅުނަސް މަންމަ ރުޅިގަދަވޭ.." ލައިސަމް ބުންޏެވެ.
"އެހެން ވިޔަކަސް ހެޔޮ… މިއޮށް ހާ ދުވަހުވެސް އަހަރުމެން އިޝާ ބެލީނުން" ސާރާ ބުންޏެވެ.
"އެއީ ކުރިންނޭނު… މިހާރު ސާރާއަކަށްވެސް ނުވާނޭނުން" ލައިސަމް ދެރަވެލާފައި ބުންޏެވެ.
"އަހަރެން އައިސްފާނަމޭ އިޝޫ ކަންކަން ކުރަން ކޮންމެ ދުވަހަކު" ސާރާ ބުންޏެވެ.
"އެއްކޮށް އަންނަން ވީނުން މިގެއަށް" ލައިސަމް ސާރާއަށް ބަލާލަމުން ބުންޏެވެ.
"އަހަރެން ކޮން ހައިސިއްޔަތަކުން މި ގެއަށް އަންނާނީ… މާހިރުވެސް ނެތް މިހާރު ..މީހުން ކިޔާނެ ފާޑު ފާޑުގެ އެއްޗެހިން " ސާރާ ބުންޏެވެ.
ލައިސަމް އިރުކޮޅެއްގައި ވިސްނާލަން ހުރެފައި ބޮލުގައި އަތް އަޅާލިއެވެ.
"އަހަރެންގެ އަތްންބެއްގެ ހައިސިއްޔަތުން އާދެވޭނޭނުން" ލައިސަމް ސާރާއާ ދިމާލަށް ބަލާލަމުން ބުންޏެވެ.
"ވަޓް"
ސާރާ ހައިރާންވެފައި ހުރެ ލައިސަމް ގެ މޫނަށް ބަލާލިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 22 މެއި، ބުދަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް