ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ފަންސާސް އަށްވަނަބައި

ކުރީގެ އަދަދާއި ގުޅޭ... ނާޝިދު ބޭރަށް ނުކުމެ އިރުކޮޅެއްވުމަށްފަހު ކޮޓަރިއަށް އައިސްވަންއިރު ހުމޭދާއަށްއޮތީ ނިދިފައެވެ. ނާޝިދު އަތުގައި އޮތް ކުޑަ ބިއްލޫރި ތައްޓެއްގައި ފެންފޮދެއް ހުއްޓެވެ. "ހުމޭ.....ހު...

30 Jan 2024 | 02:47

ކުރީގެ އަދަދާއި ގުޅޭ...

ނާޝިދު ބޭރަށް ނުކުމެ އިރުކޮޅެއްވުމަށްފަހު ކޮޓަރިއަށް އައިސްވަންއިރު ހުމޭދާއަށްއޮތީ ނިދިފައެވެ. ނާޝިދު އަތުގައި އޮތް ކުޑަ ބިއްލޫރި ތައްޓެއްގައި ފެންފޮދެއް ހުއްޓެވެ.

"ހުމޭ.....ހުމޭ.... ތެދުވެބަލަ މި ފެންފޮދު ބޯލަން......" ނާޝިދު ހުމޭދާގެ ކޮނޑުގައި ޖަހާލަމުން ހުމޭދާއަށް ގޮވާލިއެވެ.

"ކޯޗެއް ތީ...." ހުމޭދާ މަޑުމަޑުން ލޯ ހުޅުވާލަމުން ބުނެލިއެވެ.

"ފެންފޮދެއް.... ހުމޭގެ ބޮލުގެ ރިހުން އަދިވެސް ރަނގަޅު ނުވާތި ބޭރަށްގޮސް ފެންފޮދެއް ކިޔަވާލައިގެން މިއައީ.... މިފެންފޮދު ބޯލީމަ ބޮލުގައި ރިއްސުން ރަނގަޅުވެދާނެ...." ނާޝިދު ބިއްލޫރިތަށި ހުމޭދާ އާއި ދިމާއަށް ދިއްކޮށްލަމުން ބުނެލިއެވެ.

ހުމޭދާ މަޑުމަޑުން ބޯހިއްލާލުމުން ނާޝިދު ބިއްލޫރިތަށި ހުމޭދާގެ އަނގައިގައި ޖައްސާލުމާއެކު ހުމޭދާ ލަސްލަހުން ފެންފޮދު ބޯލިއެވެ.

"ދެން ރަނގަޅު ވެދާނެ.... މަޑުން މަޑުން ނިދާލެވޭތޯ ބަލާ...." ނާޝިދު ބިއްލޫރިތަށި ހިފައިގެން ތެދުވެ ކޮޓަރީ މޭޒުމަތީގައި ބަހައްޓަމުން ބުނެލިއެވެ.

"ނާޝިދުވެސް ދެން އާދޭ ނިދަން.... މިހާރު ވަރަށް ދަންވެއްޖެއެއްނު....." ހުމޭދާ، ނާޝިދު އާއި ދިމާއަށް ބަލަންއޮވެ ބުނެލިއެވެ.

ނާޝިދު އައިސް ހުމޭދާ ގާތުގައި އޮށޯވެ ދެލޯ މަރާލިއެވެ.

ޢާއިޝާ ނިދާފައިއޮތްވާ ހޭލުނީ ކޮންމެވެސް އަޑެއް އިވޭތީއެވެ. އެއަޑަށް ރަނގަޅަށް ވިސްނާލިއިރު އެއީ ހޯނު ޗަސްކަނޑާ އަޑުކަހަލަ އަޑެކެވެ. އާންމު ގޮތެއްގައި ހޯނު އެ އަޑު ގޮއްވާނީ ފައްޗަކަށް އެއްފަހަރުއެވެ. އެކަމަކު އިރުއިރުކޮޅާ އެ އަޑު އިވެން ފެށިއެވެ. އަދި ފަހަރަކަށްވުރެ ފަހަރެއް އަޑު ގަދަވަމުން ދިޔައެވެ. އަނެއްކާ އެއީ ހޯނެއްގެ އަޑުބާވައޭ ޢާއިޝާގެ ހިތަށްއެރިއެވެ. ޢާއިޝާގެ މިޒާޖު ހުންނަ ގޮތުން އަޑެއް އިވެންޏާ އެއީ ކޮންއަޑެއްތޯ ބެލުމަށް ޝައުޤުވެރިވެއެވެ. އަޑު އިވެނީ ކޮޓަރީގެ ބެލްކަނިން ބޭރުން ކަމުގައިވާތީ ޢާއިޝާ ތެދުވެގެން މަޑުމަޑުން ބެލްކަންޏާ ދިމާއަށް ދިޔައެވެ. ބެލްކަންޏަށް ނުކުންނަން ހުރި ދޮރުގައި ހުރީ ދޮރުފޮތި ދަމާފައެވެ. ޢާއިޝާ ގޮސް މަޑުމަޑުން އެ ފޮތިގަނޑު ކަހާލިއެވެ. ކުއްލިއަކަށް ޢާއިޝާ ސިހިގެން ދިޔައެވެ. މެޔަށް ހީވީފެންއެއްޗެއް އަޅައިލިހެންނެވެ. ބެލްކަނީގައި ދަމާފައިހުރި ޗެންޗޭނު މަތީގައި އުޑަފައިން ކަހަލަ ގޮތަކަށް އިށީނދެލައިގެން އިނީ މުސްކުޅި ފުރައިގެ ފިރިހެނެކެވެ. އޭނަ ލައިގެން އިނީ ރަތްކުލައިގެ ގޮޅިޖެހި ގަމީހެކެވެ. ދެ ލޮލުގެ ކަޅި ހުރީ ރީނދޫކުލައިގައެވެ. އަނގައިގައި ވަރަށް ދިގު ދަތްތަކެއް ހުއްޓެވެ. ޢާއިޝާއާއި ދިމާއަށް ބަލަހައްޓައިގެން އިން ގޮތުން ހީވަނީ ދެންމެދެންމެ ޢާޢިޝާއާއި ދިމާއަށް ފުންމައިގަންނަން އުޅޭހެންނެވެ. އެ ރެއަކީ ތަންކޮޅެއް ބާރަށް ވައިރޯޅިޖެހޭ ރެއެއް ނަމަވެސް އެމީހާގެ ދިގު އިސްތަށިގަނޑުން އެންމެ އިސްތަށްޓެއް ވެސް ނުހެލެއެވެ. އެ ސިކުންތުގައި ޢާއިޝާއަށް ހަނދާންވީ ޢާއިޝާ ކުޑައިރު ކާފަ ބުނެފައިއޮތް ވާހަކައެކެވެ. ކާފަ ބުނެފައި އޮންނަ ގޮތުން އަނދިރި ތަނެއްގައި ހުއްޓައި މީހަކު ގޮވާ އަޑު އިވުނަސް ބަލައިގެން ނުވާނެއެވެ. ދަންނަ މީހަކު އެފަދަ ތަނެއްގައި ހުރެގެން ގޮވިޔަސް ބަލައިގެން ނުވާނެއެވެ. އޮޅިގެންވެސް ބަލައިލާއިރު ބިރުވެރި އެއްޗެއް ފެނިއްޖެ ނަމަ، ތެޅިފޮޅިގަނެގެން ނުވާނެއެވެ. ބިރުގެންފިކަން އެނގިއްޖެނަމަ އެ އެއްޗެއް ގަޔާ ދިމާއަށް އަންނާނެއެވެ. ޢާއިޝާ ދުއްވައިގަންނަން ބޭނުންވިއެވެ. ނަމަވެސް ހުރި ގޮތަށް ހުރެފައި މަޑުމަޑުން ޢާއިޝާ އެނބުރިލީއެވެ. ހިނގާނެ ބާރު ފަޔަށް ލިބުމުން މަޑުމަޑުން ހިނގައިގަތީއެވެ. އެނދާ ހަމައަށް ޢާއިޝާއަށް ދެވުނީ ހަމަ ކިރިޔާއެވެ. އެނދުމައްޗަށް ވެއްޓިއްޖެއެވެ. ޢާއިޝާގެ ލޯ މެރެމުންދިޔަ ވަގުތު ބެލްކަނިން ފެނުނު މީހާ އެތެރެއަށް ވަންނަތަން ފެނުނެވެ. ކުރުސިކިޔޭތޯ ޢާއިޝާ މަސައްކަތް ކުރަމުން މަޑުމަޑުން ދެލޯމަރާލިއެވެ. ގައިގެ ލޭނާރުތަކުތެރޭގައި ލޭގެ ހިނގުން އަވަސްވެގެން ދިޔައެވެ. ހިތުގެ ހިނގުންވެސް އަވަސްވިއެވެ. ދެން ވީގޮތެއް ނޭނގުނެވެ. ހޭނެތުނީއެވެ.

ހެނދުނު ހޭލައިފައި ފުރަތަމަވެސް ބަލާލެވުނީ ބެލްކަންޏާ ދިމާއަށެވެ. ބެލްކަނީގެ ދޮރުހުރީ ލައްޕާފައެވެ. ޢާއިޝާ މަޑުމަޑުން ތެދުވެގޮސް ބެލްކަނިން ބޭރުބަލާލިއެވެ. އާދަޔާޚިލާފު އެއްވެސް ނިޝާނެއް ފެންނާކަށްނެތެވެ. މުޅި ދުވަހު ޢާއިޝާހުރީ ބަސްމަދުވެ ޙަރަކާތް ލަސްވެފައި ވިސްނުމެއްގެ ތެރޭގައެވެ. އެހެންނަމަވެސް އެއްވެސް މީހެއް ގާތުގައި އެ ވާހަކަ ބުނާކަށް ނުކެރުނެވެ.

"ދަރިފުޅު ހާދަފާޑަކަށް ތިހުންނަނީ.... އަނެއްކާ ބަލީތަ.... ނޫނީ ކަމަކާ ވިސްނަނީތަ....؟" ޢާއިޝާގެ މޫޑަށް އައިސްފައިވާ ބަދަލު ފާހަގަވެގެން ޒާހިރާ ސުވާލުކުރިއެވެ.

"މިއަދު މިއުޅެނީ ކުޑަކޮން ބޮލުގައި ރިއްސާތި....." މަންމައަށް ކޮންމެވެސް ޖަވާބެއް ދިނުމުގެ މަޤްޞަދުގައި ޢާއިޝާ ބުނެލިއެވެ.

ރޭގަނޑުގެ ކެޔުމަށްފަހު ޢާއިޝާ އާއި ހުމޭދާ ތިބީ ގޯތިތެރޭގައިހުރި ޖޯލިފަތީގައެވެ. ޢާއިޝާ އޮތީ ރޭގައި ދިމާވި ހާދިސާއާމެދު ވިސްނާށެވެ.

"އެއްވެސް ވާހަކައެއް ނުދައްކާ ކީއްވެ މާ ބަސްމަދުވެފައި....؟" އުޑުން ފެންނަ ތަރިތަކާ ދިމާއަށް ބަލަހައްޓައިގެން އޮވެ ހުމޭދާ، ޢާއިޝާގާތުގައި އަހާލިއެވެ.

ހުމޭދާގެ މި ޖުމްލައިގެ އަޑު ޢާއިޝާއަށް އިވުނުހެނެއް ހީއެއްނުވެއެވެ. ޢާއިޝާ އޮތީ ބަނބުކެޔޮ ގަހާދިމާއަށް ބަލަހައްޓައިގެންނެވެ.

"އޭތް... ކީއްވެފަ....؟ ޢާއިޝާގެ ކޮނޑުގައި ޖަހާލަމުން ހުމޭދާ ބުނެލިއެވެ.

އޭނ.... ކީކޭ...."؟ ހުމޭދާ ސިހިފައި އަހާލިއެވެ.

"ސާބަސް... ކިހިނެތްވެފަ ތިއޮންނަނީ އަނގައިންވެސް ނުބުނެ..... އަނެއްކާ ކަމެއް ގޯސްވީތަ....؟" ހުމޭދާ، ޢާއިޝާ އާއި ދިމާއަށް ބަލަންއޮވެ ވާހަކަ ދެއްކިއެވެ.

"ނޫނޭ... ކަމެއް ނުވެ...." ހުމޭދާ ފަރުވާކުޑަ ރާގަކަށް ބުނެލިއެވެ.

"ބުނެބަލަ..... އަނެއްކާ ލާމިހް އާއި މައްސަލައެއް ޖެހުނީތަ....؟ ޢާއިޝާ ގާތުގައި ބުނެބަލަ.... އޭރުންތާ ހެލްޕެއްވެސް ވެދެވޭނީ...." ޢާއިޝާގެ އަތުގައި ހިފާލުމަށްފަހު ހުމޭދާ ބުނެލިއެވެ.

"ކަމެއް ނުވެޔޭ.... ލާމިހް މެރީ ކުރަން ކިޔާތި ހަމަ އެކަމާ ވިސްނާލީމި...." ހުމޭދައާއި ދިމާއަށް ބަލާލަމުން ޢާއިޝާ ބުނެލިއެވެ.

"އެއީ އެހާބޮޑަށް ވިސްނަންވީ ކަމެއް ނޫނެއްނު.... މަންމައާއި ބައްޕަވެސް ތިކަމާ ޤަބޫލެއްނު.... އަނެއްކާ ލާމިޙްވެސް ކިހާ ރަނގަޅު.... ހުމޭއަށް ފެންނަނީ އަވަހަށް ތިކަން ކުރަން...." ހުމޭދާއަށް ފެންނަ ޚިޔާލެއް ހުމޭދާ ދިނެވެ.

އެވަގުތު ބޭރުން ގެއަށް އައިސްވަނީ ނާޝިދު އާއި ލާމިހް އެވެ.

"ދެމީހުން ކޮން އޮލަ ވާހަކައެއްގައި...." ނާޝިދު ޖޯލީގައި އިށީންނަމުން ބުނެލިއެވެ.

"މެރީކުރާވާހަކަ ދޯ...." ޢާއިޝާއާއި ދިމާއަށް ބަލާލުމަށްފަހު ހުމޭދާ ބުނެލިއެވެ.

"އެ ތެދެއް.... ކޮންއިރަކުން މެރީކުރަނީ...." ލާމިހްއާއި ދިމާއަށް ބަލާލަމުން ނާޝިދު ބުނެލިއެވެ.

ނާޝިދުގެ މި ސުވާލަށް ލާމިޙް ޖަވާބެއް ނުދީ އާއިޝާ ކައިރީގައި ޖެހިގެންހުރި ޖޯލީގައި އިށީނެވެ.

"މިރޭ ވަރަށް ހަނދުވަރު ރީތި ރެޔެއްނު.... ބޭރަށް ދާންވީނު...." ހުމޭދާއާއި ދިމާއަށް ބަލާލަމުން ނާޝިދު ބުނެލިއެވެ.

"ރަނގަޅު އައިޑިއާއެއް.... ހިނގާ ދަމާ....." ޢާއިޝާގެ އަތުގާ ހިފާލުމަށްފަހު ހުމޭދާ ބުނެލިއެވެ.

"ޢާއިޝާ ދާހިތެއްނެތް.... ހުމޭމެން ދޭ...." ހުމޭދާއާއި ދިމާއަށް ބަލާލަމުން ޢާއިޝާ ބުނެލިއެވެ.

"ޢާއިޝާ ކީއްވެ ނުދިޔައީ...." ހުމޭދާ އާއި ނާޝިދު ދިޔުމުން ޢާއިޝާގެ އަތުގައި ހިފާލުމަށްފަހު ލާމިހް ބުނެލިއެވެ.

"މިރޭ ބޭރަށް ދާހިތެއްނެތް...." ޢާއިޝާ މައްޗަށް ބަލަންއޮވެ ވާހަކަ ދެއްކިއެވެ.

"ވަރަށް ބޮޑަށް ސޮރީ އިނގޭ...." ލާމިހް، ޢާއިޝާގެ އަތުގައި ހިފަހައްޓާލުމަށްފަހު ބުނެލިއެވެ.

"ކޮންކަމަކާ...." ލާމިހް އާއި ދިމާއަށް ބަލާލަމުން ޢާއިޝާ ބުނެލިއެވެ.

"ލާމިހްގެ ސަބަބުން ޢާއިޝާ ހިތްހަމަ ނުޖެހޭ ކަހަލަ ކަމެއް ވެފައި އޮތިއްޔާ އެކަމަކަށް...." ޢާއިޝާ އާއި ދިމާއަށް ބަލަން އިނދެ ލާމިޙް ބުނެލިއެވެ.

"ތިކަހަލަ ކަމެއް އަދި ވީ ހެނެއް ހީއެއްނުވޭ....." ޖަވާބުގައި ޢާއިޝާ ބުނެލިއެވެ.

"އަހަރުމެންގެ ކައިވެނީގެ ވާހަކަ ފެމިލީ މީހުންނާ ދައްކާލައިފިން.... ފެމިލީ މީހުން އަހަރުމެންގެ ކައިވެންޏަށް ގަބޫލެއް ނޫން...." އިސްދަށަށް ޖަހައިގެން އިނދެ ލާމިހް ވާހަކަ ދެއްކިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 01 ފެބްރުއަރީ 2024، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް