"ކޮން ކޮއްކޮއެއްގެ ވާހަކަ ތިބުނީ..... ނާޝިދުގެ ކޮއްކޮއެއް ނުހުރެއެއްނު....." ނާޝިދުއާއި ދިމާއަށް ބަލާލުމަށްފަހު ހުމޭދާ ބުނެލިއެވެ.
"ތިމާގެ ކުއްޖެއް އެއީ.... ވަރަށް ރަނގަޅު ކުއްޖެއް... އޭނަ ބުނެފައޮތީ ރަނގަޅު ކުއްޖެއް ހޯދައިދޭންވެސް.... އެއީ ކިޔަވައިގެން ހުރި ވަރަށް އިންޓެލިޖެންޓް ކުއްޖެއް....." ހުމޭދައާއި ދިމާއަށް ބަލާލުމަށްފަހު ނާޝިދު ބުނެލިއެވެ.
ދެން ޢާއިޝާ ދެރަނުވާ ގޮތަކަށް ތިކަމާ ނާޝިދު، ޢާއިޝާއާ ވާހަކަ ދައްކާ....." ނާޝިދުގެ ވާހަކައަށް ހުމޭދާ ޖަވާބު ދިނެވެ.
ދުވަސްތައް ހަފުތާތަކަށް ބަދަލުވަމުންގޮސް އެންމެފަހުން ނާޝިދު އާއި ހުމޭދާގެ ކައިވެނި ކުރެވިއްޖެއެވެ. ކުޑަކުޑަ ރަސްމިއްޔާތަކާއެކު ކައިވެރި ކުރެވުނީ އިންޑިއާގައި އިސްލާމްދީނުގެ ހަމަތަކާއި އެއްގޮތަށް ކައިވެނީގެ ކަންކަން ކޮށްދޭ ކޯޓަކުންނެވެ. މި ކައިވެނީގެ އުފަލުގައި ބައިވެރިވާކަށް މާގިނަ ބަޔަކު ނެތެވެ. ނާޝިދުގެ ޢާއިލާއިން އެއްވެސް މީހަކަށް މި ކައިވެނީގައި ބައިވެރިވެވޭގޮތެއް ނުވިއެވެ. ގޭގައި އުޅޭ މީހުންގެ އިތުރުން މިކައިވެނީގައި ބައިވެރިވީ އެވަގުތު އިންޑިއާގައި ތިބި ހަސީނާގެ ރައްޓެއްސެއްގެ ޢާއިލާއެއް އެކަންޏެވެ. މީގެ އިތުރުން ނާޝިދު ތިމާގެ ކުއްޖެއް ކަމުގައިވާ ލާމިހް މިކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވިއެވެ. ކައިވެނީގެ ޕާޓީއަށް ނާޝިދު، ލާމިހް ގެނައީ ޢާއިޝާ އަށް ދައްކާލުމަށެވެ. ލާމިހް އަކީ ނާޝިދުގެ ތިމާގެ ކުއްޖެއް ކަމުގައިވާތީ ބަލާބެލުމަށް ދެމީހުންގެ ވައްތަރު ކަމެއް ހުރެއެވެ. ނާޝިދުއާއި ހުމޭދާގެ ކައިވެނީގެ ކުޑަކުޑަ ރަސްމިއްޔާތު ނިންމާލުމަށްފަހު ގެއަށް އައިސް ގޭގައި ކުޑަކުޑަ ސަޔެއް ބޭއްވުނެވެ. މަޖަލާއި ސަކަރާތުގައި ކުޑަވަގުތުކޮޅެއް ހޭދަކުރުމަށްފަހު ހަސީނާގެ ރައްޓެހިން ދިޔައީ އެމީހުން ތިބޭ ހޮޓަލަށެވެ. ލާމިހް އަކީ ނާޝިދުގެ ކޮއްކޮ ކަމުގައިވާތީ އޭނާ ހުރުމަށް ހަމަޖެހިފައިވަނީ އެގޭގައެވެ. ކައިވެނިކޮށްގެން ގެޔަށް އައިންސުރެ ހުމޭދާހުރީ ފާޑަކަށެވެ.
"ހުމޭ ކިހިނެތްވެފައި.....؟" އެންމެން ސައިގެ ކަންކަމުގައި މަޖަލާ ހުނުމުގައި އުޅެމުންދާއިރު އެއިން އެއްވެސް ކަމަކާ ބައިވެރިނުވެ ސޯފާގައި އިށީނދެލައިގެން އިންތަންފެނިފައި ނާޝިދު އަހާލިއެވެ.
"އެހާދުރަށް ކާރުދުއްވީމަ ކަންނޭނގެ....." ފާޑަކަށް ބޮލަށް ބަރުވެފައި ހޮޑުލެވޭގޮތްވެފައި..... ބޮލުގަވެސް އެބަރިއްސާ....." ބޮލުގައި އަތްޖައްސާލަމުން ހުމޭދާ ބުނެލިއެވެ.
"މާ ވަރުބަލިވީ ކަންނޭނގެ..... އެއްޗެއް ކާލައިގެން ކުޑަކޮށް ރެސްޓުކޮށްލީމަ ރަނގަޅުވެދާނެ....." ހުމޭދާގެ ބޮލުގައި ފިރުމާލަމުން ނާޝިދު ބުނެލިއެވެ.
"މިރޭ ކިހިނެތް ރެސްޓުކުރާނީ...." ނާޝިދުއާއި ދިމާއަށް ބަލާލުމަށްފަހު ހިނިތުންވެލާފައި ހުމޭދާ ބުނެލިއެވެ.
"މިހާރު ހުމޭވެސް ހާދަ ކޮލިފައިޑް ވެއްޖެއޭދޯ....." ހުމޭދާގެ ކޮނޑުގައި ނާޝިދުގެ ކޮނޑު ޖައްސަލަމުން ހީނލާފައި ބުނެލިއެވެ.
"ކޮބާ ޢާއިޝާ.... ލާމިހުގެ ވާހަކަ ޢާއިޝާ އާ ދައްކާލައިފިންތަ.....؟" ހުމޭދާ ނާޝިދު ކުރެން އަހާލިއެވެ.
"ދުރުދުރުން ސުރުޙީ އަޅާލައިފިން..... ރާއިދުގެ ކަންތައްތައް ކިޔައިދިނީމަ ވަރަށް ދެރަވެފަހުރީ..... އެކަމަކު ބުނި ތިކަން އެނގުނުކަން ރަނގަޅޭ.... ލާމިހް ގެ ވާހަކަ އެވަގުތު ބުނެލިން....." ސޯފާގައި ހަމަޖެހިލަމުން ނާޝިދު ބުނެލިއެވެ.
"ކީކޭ ބުނީ ދެން....." ޢާއިޝާ ބުނި އެއްޗެއް ސާފުކުރުމުގެ ބޭނުމުގައި ހުމޭދާ އަހާލިއެވެ.
"ކާކުކަން ނޭނގި ރާއިދުގެ ކަންތައްވެސް ކުރެވުނީމަޔޯ މިހެން މިވީ.... އެހެންވީމަ ލާމިހްއަކީވެސް ކާކުކަމެއް ނޭނގޭނޫންހޯ...." ނާޝިދު ހީނލާފައި ބުނެލިއެވެ.
"އެހެންތާ ވާނީ.... ލާމިހް އަކީ ކޮންކަހަލަ ކުއްޖެއް ކަމެއް އަދި ހުމޭއަކަށްވެސް ނޭނގެ....." ހުމޭދާ، ނާޝިދު އާއި ދިމާއަށް ބަލަންއިނދެ ބުނެލިއެވެ.
"ހަމަގައިމުވެސް ރާއިދު ކަހަލަ ކުއްޖެއް ނޫން ލާމިހް އަކީ..... ލާމިހް އަކީ ނާޝިދު ކަހަލަ ކުއްޖެއް. ނާޝިދު ކަހަލަ މީހަކުދެކެ ލޯބި ވެއްޖިއްޔާ ދުވަހަކުވެސް އެމީހަކު ދޫކޮށްނުލާނެ ކުއްޖެއް.... ނާޝިދުގެ މީހަކަށް ހުމޭ ހެދުމަށް ވަރަށް ގިނަ އުނދަގޫތައް ގިނާކޮށް ވަރަށް ބޮޑެތި ޤުރުބާނީތަކެއްވިން.... އެންމެފަހުން ނާޝިދު ހުމޭ ކާމިޔާބު ކުރިން.... ހުމޭ، ނާޝިދުގެ މީހަކަށް ހެދުމަށް ނާޝިދު ކުރި މަސައްކަތްތައް ހުމޭއަށް ވިސްނާލަންވެސް ނޭނގޭނެ.... ލާމިހް އެއީ ނާޝިދުގެ ކޮއްކޮއެއްނު.... އެހެންވީމާ ލާމިހް ވެސް އެހާ ހިތްވަރު ގަދަވާނެ.... ލޯބީގައި ގިރާކުރަންޖެހޭ ހުރިހާ ހަރުފަތެއް ގިރާކުރަން ހުންނާނީ ތައްޔާރަށް..... މީހެއްގެ އެހީތެރިކަމެއް ބޭނުމެއްނުވާނެ.... އެއީ ނާޝިދު ކަހަލަ މުލައްދަނޑީގައި ވަރަށް ބާރުގަދަ ކުއްޖެއް...." ނާޝިދު އަތުގެ މުލައްދަނޑި ދައްކާލަމުން ބުނެލިއެވެ.
"ފޮނިގަނޑު..." ހުމޭދާ ނާޝިދު ބޮލުގައި މަޑުމަޑުން ޖަހާލަމުން ބުނެލިއެވެ.
"ފޮނިތޯ.... ލޮނުތޯ.... މިރޭ އިނގޭނެ ދެން....." ނާޝިދު ހީނލާފައި ބުނެލިއެވެ.
"ދެންހެވޭ.... ޢާއިޝާވެސް، ލާމިހްވެސް ނުފެނެ..... ދެމީހުންކުރެ މީހަކު އެއްޗެއް ކާލަންވެސް ނާދެ....." ހުމޭދާ ގޭތެރެއަށް ނަޒަރު ހިންގާލަމުން ބުނެލިއެވެ.
"ނާޝިދަށް ކޮންމެކޮންމެ އެއްޗެއް ކެވުނަސް ލާމިޙް އަކަށް އަދި ކޮންމެ ކޮންމެ އެއްޗެއް ނުކެވޭނެ.... އޭނަކާނީ ވަކިއެއްޗެއް.... ދުވަސްކޮޅަކުން އެކަމަކު ހޭނިދާނެ....." ގޭތެރެއަށް ބަލަން އިނދެ ނާޝިދު ބުނެލިއެވެ.
"މިގޭގައި މިހުންނަނީ ހަމަ އަހަރުމެން މާލޭގައިވެސް ކާއެއްޗިހި... ދެން ކީއްވެ ނުކެވެންވީ.... ލާމިހް ބޮޑުކޮށްފަހުރީ ވަކި އެއްޗެއް ކާންދީގެންތަ....؟" ހުމޭދާ ސަމާސާ ރާގަކަށް ބުނެލިއެވެ.
"އާނ..... ލާމިހްގެ މަންމަ ލާމިހްދެކެ ވަރަށް ލޯބިވާނެ.... ބޭނުން ކޮންމެ ކަމެއް ކޮށްދޭނެ.... ބޭނުން ކޮންމެ އެއްޗެއް ކާންވެސް ދޭނެ.... އެހެންވީމާ ވާގޮތް އެއީ...." ނާޝިދު ސޯފާއިން ތެދުވެ ހިނގައިގަންނަމުން ބުނެލިއެވެ.
ޖެހިގެން އައިދުވަހުގެ ހަވީރެވެ. ވަގުތަކީ ވައިމަޑު ވަގުތަކަށްވާތީ، ގޮނޑުދޮށަށް ބީއްސަމުން ގެންދާރާޅުތައް ވަނީ ހިމޭން ވެފައެވެ. އުދަރެހުގައި ފެވިފައި ވަނީ ހިތްގައިމު ރަން ކުލައެވެ. އަނގުރު އަލިފާން ކޮޅެއް ފަދައިން އަނދަމުންދިޔަ، އިރު އުދަރެހުން ގެއްލިގެން ހިނގައްޖެއެވެ. އެހެން ނަމަވެސް އޭގެ ދޯދިތައް މާ ދުރަށް ދާންދެން ރަންކުލައިން ފެވިފައި ހުއްޓެވެ. ނާޝިދު އާއި ހުމޭދާއާއި ކާރު ދުއްވާލަން ނުކުތީ ޢާއިޝާ އާއި ލާމިހްވެސް ގޮވައިގެންނެވެ. ގެއިން ބޭރުގައި އެމީހުން ވާހަކަ ދައްކާލާނެ ވަގުތުކޮޅެއް ހޯދައި ދިނުމުގެ މަޤްޞަދުގައެވެ. މަގުގެ ވަކި ހިސާބަކަށް ކާރު މަޑުކޮށްލުމަށްފަހު ހަތަރު މީހުން ކާރުން ފައިބައިގެން މަގުގެ އަނެއްފަރާތުން ގޮނޑުދޮށުގައި މަޑުމަޑުން ހިނގަމުން ދިޔައެވެ. ވާހަކަ ދައްކަމުން ގެންދިޔައީ ހަމައެކަނި ނާޝިދު އާއި ހުމޭދާ އެވެ. ޢާއިޝާ އާއި ލާމިހް ހިނގަމުންދިޔައީ އިސްދަށަށް ޖަހާލައިގެންނެވެ.
"އެކަކު އެކައްޗެއްވެސް ހަމަނުބުނާނަންތަ....؟" އެންމެފަހުން ނާޝިދުއަށް ނުހުރެވިގެން ވާހަކަ ދެއްކިއެވެ.
"ހިނގާ މިއަދުވެސް ޕާނީޕޫރީ ކާން.... ޢާއިޝާ ގޮވައިގެން ޕާނީޕޫރީ ކާކަށް އަދި ނާންނަމެއްނު....." ޢާއިޝާ އާއި ދިމާއަށް ބަލާލަމުން ހުމޭދާ ބުނެލިއެވެ.
"މިކޮޅަށް އައިފަހުން އަދި ތިކަހަލަ އެއްޗެއް ކާލާކަށް ނުލިބެ.... ހިނގާ ދާން...." ޢާއިޝާވެސް ޕާނީޕޫރީ ކާހިތްވެފައިހުރި ވަރުން ބުނެލިއެވެ.
"ލާމިހް އަށް ޕާނީޕޫރީ މީރުތަ...." ބައެއް ބޯއީސް ވަރަށް ނުކާއެއްޗެއްވީމާ މިއަހާލީ....." ލާމިހްއާއި ދިމާއަށް ބަލާލުމަށްފަހު ހުމޭދާ ބުނެލިއެވެ.
"ހުމޭމެން ތިކާކަހަލަ ފާޑުފާޑުގެ އެއްޗިއްސެއް ނުކާނެ އޭނައެއް..... ހުމޭމެން ނުކާކަހަލަ ތަންކޮޅެއް ތަފާތު އެއްޗެހި އޭނާ ކާނީ...." ލާމިހްގެ ބަދަލުގައި ހުމޭދާގެ ސުވާލަށް ޖަވާބުދިނީ ނާޝިދެވެ.
"އެހެންތަ....؟ އެހެންވީމާ ހަމަ ބޯއީއެއްދޯ...." ހުމޭދާ މަޖާ ރާގަކަށް ބުނެލިއެވެ.
ހުމޭދާގެ ހިނގުން މަޑުމަޑުން ހުއްޓުނެވެ. އަދި ހުމޭދާ، ނާޝިދުގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. އެވަގުތު ކޮންމެވެސް ކަމެއް ވެއްޖެކަން ނާޝިދަށް ވިސްނުނެވެ.
"ކިހިނެތްވީ.....؟" ނާޝިދު ހުމޭދާއާއި ދިމާއަށް ބަލާލުމަށްފަހު ސުވާލުކޮށްލިއެވެ.
"ބަލާބަލަ....." ކުރިމަތިން ހިނގަމުންދިޔަ ލާމިހް އާއި ދިމާއަށް އިނގިލި ދިއްކޮށްލުމަށްފަހު ހުމޭދާ ބުނެލިއެވެ.
"ކޯޗެއް.... ކިހިނެތްވީ....." ހުމޭދާ އިނގިލި ދިއްކޮށްގެން ހުރި ދިމާއަށް ބަލާލަމުން ނާޝިދު ބުނެލިއެވެ.
"ލާމިހްއަށް ބަލާބަލަ....." ހުމޭދާ ހުއްޓިހުރެ ނާޝިދުގެ އަތުގައި ބާރަށް ހިފަހައްޓަމުން ބުނެލިއެވެ.
"ފެނެއޭ އެބަ..... ކިހިނެތްވީ.... ހުމޭގެ އަތް ތުރުތުރުއަޅަނީ ކީއްވެ.....؟" ހުމޭދާއާއި ދިމާއަށް ބަލަންހުރެ ނާޝިދު އަހާލިއެވެ.
ނުނިމޭ.. ވާހަކައިގެ އާ ބައެއް، 21 ޖަނަވަރީ 2024، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް