"ދެން..... ނާޝިދު އުޅޭގޮތެއް....." ނާޝިދުގެ ގައިގައި ކުޑަކޮށް ޖަހާލަމުން ހުމޭދާ ބުނެލިއެވެ.
"ކީއްވެތަ ދެން ތިޖެހީ..... ނާޝިދުގެ ވާންއުޅޭ އަނބިމީހާއާއި ދިމާއަށް ނާޝިދަށް އެކަހަލަ އެއްޗެހި ބުނުގެ ޙައްޤު އޮންނާނެޔޭ...." ނާޝިދު ތެދުވެ މޫދާ ދިމާއަށް ދުއްވައި ގަންނަމުން ބުނެލިއެވެ.
"ދެން ނާޝިދޫ....." ނާޝިދާ ދިމާއަށް ވެލިމުށެއް އުކާލަމުން ތެދުވެ ނާޝިދު ފަހަތުން ދުއްވައިގަންނަމުން ހުމޭދާ ބުނެލިއެވެ.
ނާޝިދު ފަހަތުން ދުވެފައި ހުމޭދާވެސް މޫދަށް އެރިގެން ދިޔައެވެ. އުނަގަނޑާއި ހަމައަށް މޫދަށް އެރިގެންގޮސް ނާޝިދު ފީނާލިއެވެ. އެވަގުތު ކުއްލިއަކަށް ހުމޭދާގެ ފައިގައި ވަރަގަދަ އަތަކުން ހިފާލިއެވެ. ބޭއިޚުތިޔާރުގައި ހަޅޭއްލައިގެންފައި ހުމޭދާ ފައި ދަމައިގަތެވެ. ކުރީ ދުވަހު ގޮނޑިގައި އިންދާ ގޮނޑިދަށުން ބާރުގަދަ އަތަކުން ހުމޭދާގެ ފައިގައި ހިފިއިރު ދިލަ ނަގަމުން ދިޔަގޮތަށް ދިލަ ނަގަމުން ދިޔައެވެ. ހުމޭދާ ހަޅޭއްލައިގަން އަޑު އިވިގެން މޫދު އަޑީގައިއޮތް ނާޝިދު ފުންމައިގެން ތެދުވިއެވެ.
"ކިހިނެތްވީ.....؟" ނާޝިދު މޫދު އަޑިން އެރިގޮތަށް ހުމޭދާއާއި ސުވާލު ކޮށްލިއެވެ.
"ކުރީ ދުވަހުހެން އަނެއްކާވެސް މޫދު އަޑިން ކޮންމެވެސް މީހަކު ހުމޭ ފައިގައި ވަރަށް ބާރަށް ހިފައިފި.... ނާޝިދު ދޯ...." ނާޝިދަށް ބަލަންހުރެ ހުމޭދާ ޖަވާބު ދިނެވެ.
ހުމޭދާ ޖަވާބު ދިނުމާއެކު އެއްވެސް އެއްޗެއްނުބެ ހަމަ އެދިމާއިން ނާޝިދު މޫދު އަޑިއަށް ފީނާލިއެވެ. ނާޝިދުއަށް އެދިމާ އަޑިން ފެނިދެންދިޔައީ މޫދުއަޑިން ދުރަށް ދިޔަ ބޮޑު އަނދިރިގަނޑެކެވެ.
"ހިނގާ އެއްގަމަށްދަމާ....." މޫދު އަޑިން ބޯހިއްލާލުމަށްފަހު ހުމޭދާގެ އަތުގައި ހިފައިގެން އެއްގަމާ ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ.
"ކިހިނެތްވީ....؟ ހުމޭ ބިރުގަންނަވާލަން ވެގެން ނާޝިދު ދޯ އަޑިއަށްގޮސް ހުމޭ ފައިގައި ހިފީ.... އެކަމަކު ހާދަ ބާރަކަށޭ ތިހިފީ.... ވަރަށް ދިލަނަގާ އިނގޭ އެބަ.... ތީއީ ދެން ހާދަ ފިރިހެންވަންތަ ބާރުގަދަ އަތެކޭދޯ....." ސަމާސާ ރާގަކަށް ހުމޭދާ މަޖާވެލާފައި ބުނެލިއެވެ.
ހުމޭދާގެ މިވާހަކަ ތަކަށްވެސް ނާޝިދު ޖަވާބެއް ނުދެއެވެ. ނާޝިދު ބޭނުންވީ ހުމޭދާ ގޮވައިގެން އަވަހަށް އެއްގަމަށް އަރާށެވެ. ވީ ކިހިނެތްކަން ނާޝިދަށް އެނގުނެވެ.
އެއްގަމަށް އެރުމަށްފަހު ހުމޭދާ ފަޔަށް ބަލާލިއެވެ. ފައިގެ އެހިސާބުގެ ބައެއް ތަންތަން ކުޑަކޮށް މަށައިގެންގޮސްފައިވެސް ހުއްޓެވެ.
"މިހިރީ ހަލާކުވެސް ވެފައި..... އެހެންވެ އެހާބޮޑަށް ދިލަނަގަނީ......" ހުމޭދާ މަޑުމަޑުން ފައިގައި އަތްޖައްސާލުމަށްފަހު ބުނެލިއެވެ.
ނާޝިދު ހުމޭދާގެ ފަޔަށް ބަލައިލިއެވެ. ބޮޑަށް މަށައިގެންދިޔަ ދެ ތަނަކުން ކުޑަކޮށް ލޭއައިސްފައި ހުއްޓެވެ. ނާޝިދު ވަރަށް ދެރަވިއެވެ. އަދި ކޮންމެވެސް ވަރަކަށް ރުޅިވެސް އައެވެ. ހުމޭދާއަށް ކުޑަވެސް ގެއްލުމެއް ލިބުމަކީ ނާޝިދު އެއްގޮތަކަށްވެސް އެދޭ ކަމެއް ނޫނެވެ. އެއަށްވުރެ ބޮޑަށް ނާޝިދު ހުމޭދާ ދެކެ ލޯބިވެއެވެ.
"ދައްކަބަލަ ލޭތައް ފޮހެލަން.... އޭރުން ދިލަނެގުން ރަނގަޅުވެދާނެ....." ހުމޭދާގެ ފައިގައި ބޮޑަށް ހަލާކުވެފައިވާ ތަންތާނގައި ނާޝިދު އަތް ޖައްސާލުމަށްފަހު މަޑުމަޑުން ލޭތައް ފޮހެލަމުން ބުނެލިއެވެ.
"އާނ.... ލޭތައް ފޮހެލީމާ ދިލަނެގުން ހުއްޓިއްޖެ....." ހުމޭދާ ނާޝިދަށް ބަލާލަމުން ބުނެލިއެވެ.
"މިއަދު ދެން މޫދަށް އެރޭނެކަމެއް ނެތް..... މަންމަމެން ނިމިގެން އައިމާ ގެއަށްދާނީ ދެން..... މިތާ އިށީނދެބަލަ...." ދޮންވެލިގަނޑުމަތީ ބިންމަތީގައި އިށީންނަމުން ނާޝިދު ބުނެލިއެވެ.
މޫދުން އަރައިގެން އެންމެން އައި އިރުވެސް ޢާއިޝާ ހުރީ ނާޝިދުއާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ފަހަކަށް އައިސް ނާޝިދު ފެންނަ ކޮންމެ ފަހަރަކު ނާޝިދުއަށް ބަލަން ހުރެގެން، ނާޝިދު އާއި ދިމާވީ ކިހިނެއްތޯ ޢާއިޝާ ހަނދާން ކުރަމުން ގެންދެއެވެ.
ހުމޭދާއިނީ ސިޓިންރޫމްގައި ޓީވީ ބަލާށެވެ.
"ދަރިފުޅު ކޮބާ މަންމަ ދެއްކި ވާހަކަ އަށް ވިސްނާލައިފިންތަ.....؟" ހަސީނާ އައިސް ސޯފާގައި އިށީންނަމުން ބުނެލިއެވެ.
"ކޮންވާހަކައެއް މަންމާ.....؟" ހުމޭދާ، ހަސީނާއާއި ދިމާއަށް އެނބުރި ބަލާލުމަށްފަހު ސުވާލުކޮށްލިއެވެ.
"އަބަދު ނޭނގޭ ކަމަށް ނުހަދަބަލަ.....! މަންމަ މިދައްކަނީ ދަރިފުޅުގެ ކައިވެނީގެ ވާހަކައޭ....!" ހުމޭދާގެ ކޮނޑުގައި ހިފަހައްޓާލަމުން ހަސީނާ ވާހަކަ ދެއްކިއެވެ.
ހަސީނާގެ ވާހަކަތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ހުމޭދާ ހަސީނާގެ މޫނަށް ބަލާލިއެވެ.
"ދަރިފުޅާ.....! މި ޒަމާނުގައި ނާޝިދު ކަހަލަ ކުއްޖަކު ކޮންތާކުން ހޯދާނީ.... މީހުން ބުނާއަޑެއް ނާހަންތަ ކޮންމެ މީހަކަށް އެމީހެއްގެ ނަޞީބު އެއްފަހަރު އަތުގައި ހިފާނެޔޭ..... ނާޝިދު އެއީ ދަރިފުޅުގެ ނަޞީބު.... ދަރިފުޅާ، މިކަމަށް އާއެކޭ ބުނެބަލަ.... މިކަމަށް ފުރަގަސް ދީފިއްޔާ މުޅި އުމުރަށް ދަރިފުޅަށް ރޯންވެސް ޖެހިދާނެ....." އަނެއްކާވެސް ހުމޭދާގެ ކޮނޑުގައި ހިފާލަމުން ހަސީނާ ވާހަކަ ދެއްކިއެވެ.
"މަންމާ.....! ތިކަމަކަށް ނޫނެކޭ ނުބުނަމެއްނު..... ތިކަމާ ޤަބޫލޭ...." ހުމޭދާ، ސަމީރާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
"އެހެންތަ.....؟ މަންމަ ވަރަށް އުފާވެއްޖެ...." ހުމޭދާގައިގައި ބައްދާލަމުން ހަސީނާ ބުނެލިއެވެ.
ހުމޭދާ ނިދަން އޮށޯތީ ވަރަށް އުފަލުންނެވެ. ކައިވެނީގެ ވާހަކަ ނުދައްކާ ހުމޭދާ ހުއްޓާ މަންމައާއި ބޭބެގެ ރުހުން އެކައިވެންޏަށް ލިބުނީމައެވެ. ހުމޭދާ މަޑުމަޑުން ދެލޯ މަރާލިއެވެ.
ރޭގަނޑުގެ ހަލަބޮލިކަން ދަންވަރުގެ ހަމަހިމޭން ކަމަށް ބަދަލުވިއެވެ. ފަނިފަކުސާ އެ ސޮރުމެންގެ ބަހުރުވައިން ފާޑުފާޑަށް ލަވަކިޔާ އަޑު ފިޔަވައި އެހެން އަޑެއް ނީވެއެވެ. ދެން އިވެމުންދާ އަޑަކީ ކޮޓަރީގައިހުރި ފަންކާއިން އިވޭ މަޑުމަޑު އަޑެވެ. ހުމޭދާ އޮތީ ނިދާފައެވެ. ކުއްލިއަކަށް ހުމޭދާގެ ގައިމަތީގައި އަޅާފައިއޮތް ރަޖާގަނޑު މަޑުމަޑުން ކެހެން ފެށިއެވެ. ނިދާފައިވާ ހުމޭދާ ލޯ ހުޅުވާލިއެވެ. ނަމަވެސް ނިދިން ހޭލާ ގޮތަކަށް ނޫނެވެ. އޭނަގެ ދެ ލޯ ތަންމިނަށް ހުޅުވާލީ ކުއްލިއަކަށެވެ. އަދި އެއްކަށްޓަކަށްހުރެ ތެދުވިއެވެ. ހުމޭދާގެ ކަޅި ޙަރަކާތެއް ނުކުރެއެވެ. އެނދުން ތެދުވުމާއެކު ނުކުންނަ ދޮރާ ދިމާއަށް ހިނގައިގަތެވެ. ހުމޭދާ ހިނގައިގަތުމާއެކު ކޮޓަރީގެ ދޮރު ހުޅުވުނީ އަމިއްލައަށެވެ. އަދި ހުމޭދާ ކޮޓަރިން ނުކުތުމާއެކު ދޮރު އަމިއްލައަށް ލެއްޕުނެވެ. ހުމޭދާ ހިނގައިގަތީ ބޭރަށެވެ. ހުމޭދާގެ މުޅިހަށިގަނޑު އެހެން މީހެއްގެ ބާރުގެ ދަށުގައި ވާ ކަހަލައެވެ. އެވަގުތަކީ ފެންފޮދެއް ބޯންވެގެން ނާޝިދު ތިރިއަށް ފޭބި ވަގުތެވެ. ނާޝިދު ސިޑިން ތިރިއަށް ފައިބަފައިބާ ހުއްޓާ ހުމޭދާ ބޭރަށް ނުކުންނަތަން ނާޝިދަށް ފެނުނެވެ. ފުރަތަމަވެސް ވެގެން އުޅޭގޮތް ނާޝިދަށް އެނގުނެވެ. ނާޝިދު ދުވެފައިކަހަލަ ގޮތަށް ބޭރަށް ނުކުތެވެ. އެހެން ނަމަވެސް މަގުމަތިން ހުމޭދާ ފެންނާކަށް ނެތެވެ. ހުމޭދާ އެކަނިމާއެކަނި ފަޅު މަގުގެ މެދުން ހިނގާފައި ދަތުރުކުރަމުން ދިޔައީ ކޮންތާކަށް ކަމެއް ހުމޭދާއަކަށް ވެސް ނޭނގެއެވެ. މަގުގެ ދެ ފަރާތަކަށް ނުވަތަ ހިނގާ މަގަކަށް ވެސް އޭނަ ނުބަލައެވެ. އޭނާ ހުރީ ހުސްފައިގައެވެ. ހިނގަހިނގާ ހުރެފައި، ކުއްލިއަކަށް މަގުގެ އެއްފަރާތުން ފެންނަންހުރި ގަސްތަކުގެ ތެރެއަށް މިސްރާބު ބަދަލުކޮށްލިއެވެ. ނާޝިދުއަށް ހުމޭދާ ފެނުނެވެ. ކުއްލިއަކަށް ނާޝިދު ހުމޭދާއާއި ދިމާއަށް ދުއްވައިގަތެވެ. ބޯ ގަސްތަކުގެ ތެރެއަށް ވަދެގެން ހުމޭދާ ހިނގަމުންދިޔައިރު، އެ އަނދިރީގެ ތެރެއިން އޭނާއަށް ތަންތަން ފެންނަ ކަހަލައެވެ. އެއްވެސް އެއްޗެއްގައި އަޅައިނުގަނެ ހުމޭދާ ހުރި ސީދަލަށް ހިނގަމުންދިޔައެވެ. ނާޝިދު ހުމޭދާއަށް ގޮވަމުން ހުމޭދާ ފަހަތުން ދުވަމުންދިޔައެވެ. ކުއްލިއަކަށް ވަކި ހިސާބަކުން ނާޝިދަށް ހުމޭދާ ގެއްލުނެވެ. އެހެން ނަމަވެސް ނާޝިދު ދުވަމުން ކުރިއަށް ދިޔައެވެ. ނާޝިދަށް އެދެވެނީ ހުމޭދާ އާއި ކައިރިއަށް ކަމެއް ނުވަތަ ހުމޭދާއާއި ދުރަށް ކަމެއް ނޭގެއެވެ. ކުއްލިއަކަށް ކައިރީގައިހުރި ގަސްތަކުގެ ތެރެއިން ހުމޭދާ ނިކުތްތައް ނާޝިދަށް ފެނުނެވެ. ނާޝިދު ދިޔައީ ސިއްސައިގެންނެވެ. އެހެންނަމަވެސް ނާޝިދު ކުރިމަތިން ލާފައި ހުމޭދާ ދިޔައީއެވެ. ނާޝިދު ދުވެފައިގޮސް ހުމޭދާއާއި އަރާ ހަމަކުރިއެވެ. ހޫމޭދާގެ މޫނުމަތިން ނާޝިދު އަތް ހޫރާލިއެވެ. ލޯ ހުޅުވިފައި ހުއްޓަސް ހުމޭދާއަށް އެއްވެސް އެއްޗެއް ނުފެންނަކަން ނާޝިދަށް އެނގެއެވެ. އެވަގުތު ނާޝިދު ހުމޭދާގެ ގައިގައި ހިފާފައި ތަޅުވައިގަތެވެ. ކުއްލިއަކަށް ހުމޭދާ ހޭވެރިކަން ވިއެވެ. ބިރުގެންފައިހުރެ ވަށައިގެން ހޯދަން ވެސް ފެށިއެވެ.
"ކޮންތާކު މަ މިހިރީ؟ ކޮންތާކު މަ މިހިރީ؟" ހުމޭދާ ވާހަކަދައްކަން ފެށިއެވެ.
"ހާސްނުވޭ ހުމޭ..... ހިނގާ ގެއަށްދާން......." ހުމޭދާގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން ނާޝިދު ބުނެލިއެވެ.
ހުމޭދާ ގޮވައިގެން ނާޝިދު ހިނގައިގަތްއިރު ކުރިމަތީގައި ކަޅު ބޮޑު ހިޔަންޏެއް ފެންނަން ހުއްޓެވެ. އެއީ ރެސްޓޯރަންޓް ތެރޭގައި ތިބި އިރު މޫދު ތެރެއިން ފެނުނު ކަޅު ހިޔަންޏެވެ. އަދި މޫދަށް އެރުނު ދުވަހު ހުމޭދާގެ ފައިގައި ހިފި ބޮޑު ކަޅު ހިޔަންޏެވެ. ނާޝިދު ހިތްހަމަ ނުޖެހިފައިހުރެ ލޯބޮޑުކޮށްލާފައި އެހިޔަންޏާ ދިމާއަށް ބަލާލުމަށްފަހު ހިނގައި ގަތެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 19 ޑިސެމްބަރު، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް