އެއްވެސް މީހަކު ފެންނާކަށްނެތެ. އެއީ ހުމޭދާއަށް ހީވި ހީވުމެއް ކަމުގައި ޔަޤީން ކުރުމަށްފަހު ގޮޑީގައި ބުރަކަށި ޖައްސާލައިގެން އިނދެ ދެލޯ މަރާލިއެވެ. ދުވަހެއްގެ ނިމުން އަނެއްކާވެސް ކައިރިވަނީއެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭންކަމަކީވެސް އަޖައިބެކެވެ. އެހާމެ މީރުވަސްދުވާ މާމެލާމެއްޔެވެ. ހުމޭދާ ލޯމަރަލައިގެން އިނީ ނާޝިދާ ދޭތެރޭގައި ވިސްނާލާށެވެ. ނާޝިދު އާއި ވާހަކަ ދައްކާލާނެ ގޮތަކާމެދުގައެވެ. ނާޝިދުގެ އެ ފިރިހެންވަންތަ އަޑު އިވުމުން ހުމޭދާގެ ސިކުނޑިއަށް އަބަދުވެސް އަރާމު ލިބެއެވެ. ނާޝިދުގެ އެ ފިރިހެންވަންތަ އަޑުން ހުމޭދާއަށް ގޮވާލާ އަޑު އަހާލަން އަބަދުވެސް ބޭނުންވެއެވެ. ކިތަންމެ ފަހަރަކު އެތެރެއަށްގޮސް މަންމަގެ ފޯނު ހިފައިގެން އައިސް ނާޝިދު އާއި ގުޅާލަން ހުމޭދާ ހިތަށްއެރިއެވެ. ހުމޭދާ ލޯހުޅުވާލުމަށްފަހު ކުރިމަތީގައި ހުރި ފިނިފެންމާ ގަސްތަކުގައި ފޮޅިފައިވާ ފިނިފެންމާތަކަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު މަޑުމަޑުން ތެދުވެގެން އެތެރެއަށްވަނެވެ.
"މަންމާ.... ފޯނުން މީހަކާ ގުޅާލިއަސް މިހާރު އޯކޭ ވާނެއެއްނު.... ގާދިރުބެއެއްވެސް މިހާރަކު ނެތެއްނު.... ބޮލުގައި ރިއްސުންވެސް އެކީ ރަނގަޅުވެއްޖެއެއްނު.... " އަޅެ ފޯނެއްކޮށްލަންތަ...." ހުމޭދާގޮސް މަންމަ ކޮނޑުގައި އަތްބާއްވާލަމުން ބުނެލިއެވެ.
"ނޫނޭ ދަރިފުޅާ.... އަޒާން އެބުނާ މީހަކަށް މާދަމާ ދައްކާލާފައި އޭނަ ބުނާއެއްޗެއް ބަލަން އަދި މަޑުކޮށްލާ...." ހަސީނާ ހުމޭދާގެ އަތުގައި ހިފަހައްޓާލަމުން ބުނެލިއެވެ.
"މިހާރު ދެން އެކީ ރަނގަޅު ވެއްޖެއޭ.... މިހާރު ކުރިން ވާކަހަލަ އެއްވެސް އުނދަގުލެއްވެސް ނުވޭ.... އިރާދަކުރެއްވިއްޔާ ދެން މިރަނގަޅުވިއްޔޭ... އެންމެ ކޯލެއް ކޮށްލިޔަސް ރަނގަޅުވާނެ އެއްނު.... " ހުމޭދާ އަނެއްކާވެސް ބުލިއެވެ.
"ދަރިފުޅާ.... ބަސް ޤަބޫލު ކޮށްބަލަ.... ހުމޭދާ މިހާރު ކުޑަކުއްޖެއްވެސް ނޫނެއްނު.... މަންމަ މިހެން މިބުނަނީ ހަމަ ދަރިފުޅަށް ރަނގަޅަކަށޭ.... މާދަމާ އެމީހާއަށް ދައްކާލީމަ ދެން ވާގޮތެއްވެސް އިނގިދާނެއެއްނު.... މިހުރިހާ ދުވަހުވެސް ފޯނުގެ އަތްނުލާ ދަރިފުޅު ހުރީނު.... އަދިވެސް ހުރެވޭނެ.... ދަރިފުޅަށް އެނގޭތަ، އަދިވެސް ޤާދިރުބޭ ނުފެނެޔޯ.... އެއްވެސް މީހަކަށް ނޭގުނު ވީގޮތެއްވެސް... މިހާރު ހޯދުންވެސް ހުއްޓާލައިފި ކަމަށްވަނީ....." ހުމޭދާގެ ބުރަކަށީގައި ފިރުމާލަމުން ހުމޭދާއަށް ވިސްނާދޭން ހަސީނާ މަސައްކަތް ކުރިއެވެ.
ހުމޭދާ، އޭނާގެ މަންމަގެ ބަސް ޤަބޫލު ކޮށްގެންގޮސް ސޯފާގައި އިށީނދެ ޓީވީ ހުޅުވާލިއެވެ. އެކިއެކި ޗެނަލްތައް ބަދަލު ކުރަމުން ދަނިކޮށް ބަދަލުކޮށްލި ޗެނަލްއަކުން ފެނިގެންދިޔައީ އާޝިޤީ 2 ގެ ލަވައެކެވެ. ސުންރަހާހެނާ ތޫ ރޯރަހީން ހޫންމޭ، ސްރަދާ ކަޕޫރުގެ މިލަވައަކީ ނާޝިދަށް އެންމެ ރީތި ލަވައެވެ. ނާޝީދުއާއި އެކީ ހުމޭދާވެސް ވަނީ އާޝިޤީ 2 އެއްފަރަހަރަށްވުރެ ގިނަ ފަހަރު ބަލާފައެވެ. އަނެއްކާވެސް ނާޝިދުގެ ހަދާންތައް އާވާން ފެށިއެވެ. ނަމަވެސް އެލަވަ ނިމެންދެން ހުމޭދާ ލަވަ ބަލަން އިނެވެ. އެ ލަވަ ނިމިގެން އަނެއްކާވެސް އަންނަންފެށީ ޝްރަދާ ކަޕޫރުގެ ލަވައެކެވެ. އަންނަމުން ދިޔަ ޕްރޮގްރާމަކީ ސްރަދާ ކަޕޫރުގެ އުފަންދުވަހާއި ގުޅިގެން ޝްރަދާ ކަޕޫރުގެ ލަވަތައް ހިމަނައިގެން ގެނެސްދޭ ޚާއްޞަ ލަވަ ޕްރޮގްރާމެކެވެ.
ޖެހިގެން އައި ދުވަހެވެ. އެރޭ ޢައިޝާ ކައިރީ ހޮސްޕިޓަލުގައި ތިބީ ޚާލިދާއި ނާޞިރެވެ. އެމީހުން ގެއަށް ފޮނުވުމަށްޓަކައި ހެނދުނު ހޮސްޕިޓަލަށް ދިޔައީ އަޒާން އެވެ.
"ބައްޕައާއި ޚާލިދުބޭ އާއި ގެއަށް ދާންވީނު.... ޑޮކްޓަރާއި ވާހަކަ ދައްކާލާފައި މިއައީ... ޑޮކްޓަރ ބުނި މިހާރު މަޑުމަޑުން ހުމޭ ކޮއްކޮގެ ހާލު ރަނގަޅުވަމުންނޯ ދަނީ... އެހެން ނަމަވެސް ދުވަސްކޮޅެއްވަންދެން ވާހަކަ ދެއްކުމުގައި ދަތިކަމެއް ހުންނާނެޔޯ...
އެކަމަކު އެކަންވެސް މަޑުމަޑުން ރަނގަޅުވެ ހުރިހާ ކަމެއް ވަރަށް އަވަހަށް ހަމައަކަށް އެޅޭނެޔޯ......." ޢާއިޝާގައި ބޮލުގައި ފިރުމާލަމުން އަޒާން ބުނެލިއެވެ.
"އަލްޙަމްދު ލިއްލާހި.... އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ވަރަށް އަވަހަށް ރަނގަޅުވާނެ... އެންމެންގެވެސް ދުޢާ އަކީ ދަރިފުޅު އަވަހަށް ރަނގަޅު ވެގެން އެންމެން އެކީ މިކޮޅުގައި މަޖާކޮށްލާފަ ރަށަށް ދިޔުން... " ނާޞިރު ޢާއިޝާއާއި ދިމާއަށް ބަލާލަމުން ބުނެލިއެވެ.
"މިއަދު، ތިނެއް ޖަހާއިރު ހުމޭދާ ގޮވައިގެން އަންނާށޯ އެމީހާ ބުނީ.... މަންމަ އަންނާނެ އެކެއް ޖަހާއިރު މިކޮޅަށް.... މަންމަ އައިމަ ގެއަށްގޮސް ހުމޭދާ ގޮވައިގެން އެމީހާ ކައިރިއަށްގޮސް ދައްކާލާނީ..... ހުމޭދާ ކައިރީގައި ބުނެލާތީ ތައްޔާރު ވެގެން ހުންނާށޭ...." ޚާލިދު އާއި ދިމާއަށް ބަލާލަމުން އަޒާން ބުނެލިއެވެ.
ގެއަށް ދިޔުމަށްޓަކައި ޚާލިދުއާއި ނާޞިރު ނިކުތީ ބޭރަށެވެ. މަގުމައްޗަށް ނިކުމެ އޮޓޯއެއް ލިބޭތޯ ބޭރުގައި މަޑުކޮށްލިއެވެ. ކާރޫބާރޫ ބޮޑު އެމަގުން ބައިވަރު އޮޓޯތަކާއި، ޓެކްސީތަކާއި ކާރުތަކާއި ބަސްތައް ދެކޮޅަށް ދަތުރު ކުރަމުން ދިޔައެވެ. މަގުމަތީގެ ހިރަފުސްކަމުންއައި ދުއްވަމުންދާ ވެހިކަލްތަކުން އަރާދުމުން މުޅި މަގު ހީވަނީ ހިރަފުސްގަނޑެއް ހެންނެވެ. ޚާލިދުމެން ހޮސްޕިޓަލްގެ ބޭރުގައި ޕޭމަންޓްމަތީގައި ތިބެގެން އެމަގުން ހުސްކޮށްދާ ކޮންމެ އޮޓޯއަކަށް އަތް ނަގަމުން ދިޔައެވެ. ނަމަވެސް އޮޓޯ ޑްރައިވަރ ކޮންމެވެސް އިޝާރާތެއް ކޮށްލާފައި ދަނީއެވެ.
"ހިޔެއްނުވެ މިގަޑީގައި އޮޓޯއެއް ލިބޭނެ ހެނެއް.... " ޚާލިދު، ނާޞިރާ ދިމާއަށް ބަލާލަމުން ބުންޏެވެ.
"އާން.... ހިނގާ ޓެކްސީއެއްގައި ދަމާ... އޭރުން މި އަރާ ދުންތަކުންވެސް ސަލާމަތްވާނެ އެއްނު.... މިއޮތީ މަގުމަތު އޮތްގޮތް... " ނާޞިރުވެސް އެކަމާ އެއްބަސްވުމުގެ ގޮތުން ބުނެލިއެވެ.
"ހިނގާ ހޮސްޕިޓަލްގެ ޓެކްސީ ކިޔޫއަށް ދާން.... އެތަނުން ޓެކްސީ ހޯދަންވެސް ތަންކޮޅެއް ފަސޭހަވާނެ..." ނާޞިރު ޓެކްސީ ކިޔޫއާއި ދިމާއަށް ހިނގައި ގަންނަމުން ބުނެލިއެވެ.
ނާޞިރުމެން ގޮސްމަޑުކޮށްލީ ހޮސްޕިޓަލްގެ ޓެކްސީ ކިޔޫ ގައެވެ. މީހުން ގިނަކަމުން މަޑުކުރަން ޖެހުނީ ކިޔޫގެ ވަރަށް ފަހަތުގައެވެ. ފަހަރަކު ޓެކްސީއަކަށް ކިޔޫގައި ތިބި މީހުން އަރަމުން ދިޔައެވެ.
"ހިޔެއްނުވެ މިތަނުންވެސް އަވަހަކަށް ޓެކްސީއެއް ލިބޭނެ ހެނެއް... މިއޮތީ ތިބިހާ މީހުން.... ޓެކްސީވެސް އެއަންނަނީ އެހާ މަދުން... " ޚާލިދު ކިޔޫގައި ތިބި މީހުންތަކާއި ދިމާއަށް ބަލާލަމުން ބުނެލިއެވެ.
"އާން... ހިނގާ މަގުމައްޗަށް ނުކުމެ ކުޑަކޮށް ހިނގާލަމާ.... ތަންކޮޅަކަށް ހިނގާލަނިކޮށް ޓެކްސީއެއް ލިބިދާނެ....." ނާޞިރުވެސް ބޭނުންވީ އަވަހަށް ގެޔަށް ދެވޭނެ ގޮތެއް ހޯދާށެވެ.
ނާޞިރުއާއި ޚާލިދު މަގުމައްޗަށް ނިކުމެ މަޑުމަޑުން ކުރިއަށް ހިނގަން ފަށާފިއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ދެމުންދިޔަ ރަތްދަކައަވި ނިވާލުމަށްފަހު ކުއްލިއަކަށް އުޑުމަތީގައި ވިލާގިނަ ވިއްސާރަ ވައްތަރު ވެއްޖެއެވެ. ވައިވެސް ކުރިއަށްވުރެ ގަދަ ވެއްޖެއެވެ. މަގުމަތީގައި ކޮޅުކޮޅަށް ހިނގާ މީހުންގެ ހިނގުންބާރުވެ ވެހިކަލްތަކުގެ ދުއްވުންވެސް ބާރުވެއްޖެއެވެ. މުޅި މަގުމަތީގައި ހިރަފުހެވެ.
"ވިއްސާރަ އަންނަނީ ކަންނޭގެ.... އަވަހަށް ހިނގާ ކާރެއް ލިބޭތޯ ބަލަން.... އެހެން ނޫނީ ތެމިފޯވާނީ...." އުޑުމައްޗަށް ބަލާލަމުން ޚާލިދު ބުނެލިއެވެ.
"މިހާރުވެސް ވާރޭ ކަނިޖަހާ އެބަ...." އުޑުމައްޗަށް ބަލާލަމުން ނާޞިރު ބުނެލިއެވެ.
ވާރޭ ކަނިޖަހަމުންގޮސް އެންމެ ފަހުން ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ. ނާޞިރާއި، ޚާލިދު ދުވެފައިގޮސް ކުރިމަތީގައި ހުރި ފިހާރައެއްގެ އަސްކަނި ދަށަށް ވަދެއްޖެއެވެ. އެތަނަކީވެސް މާބޮޑު ހިޔަލެއް އޮތްތަނެއް ނޫނެވެ. އެހެން ނަމަވެސް މަގުމަތީ ކޮޅުކޮޅަށް ހިނގަމުންދިޔަ މީހުން ވާރޭން ހިޔާވުމަށްޓަކައި އެތަނުގައިވެސް މަޑުކޮށްލައިގެން ތިއްބެވެ. ޚާލިދުމެން އަވަހަށް ގެއަށް ދިޔުމަށް ބޭނުންވާތީ މަގުންދާ އޮޓޯތަކަށާއި ޓެކްސީތަކަށް އަތް ނަގަމުންދިޔައެވެ. އެހެން ނަމަވެސް ޓެކްސީއެއްވެސް އޮޓޯއެއްވެސް ލިބޭގޮތެއް ނުވިއެވެ. އެވަގުތު ކުއްލިއަކަށް ރަތްކުލައިގެ ބީ.އެމް.ޑަބްލިޔޫ ކާރެއް އައިސް ޚާލިދުމެންތިބި ހިސާބަށް ހުއްޓާލުމަށްފަހު ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލުމަށް ކާރަށް އެރުމަށް އިޝާރާތްކޮށްލިއެވެ. ޚާލިދު، ނާޞިރުގެ މޫނަށް ބަލާލުމަށް ލިބުނު ފުރުޞަތުގެ ބޭނުން ކުރުމަށްޓަކައި ދުވެފައިގޮސް ދެމީހުން ކާރަށް އަރައިފިއެވެ. ޚާލިދު އެރޭ ކާރުގެ ކުރީ ސީޓަށެވެ. ޒާހިރު އެރޭ ކާރުގެ ފަހަތު ސީޓަށެވެ.
"ކޮންތާކަށްތޯ ގެންގޮސްދޭންވީ.... " ކާރު ދުއްވަން އިން މީހާ ޚާލިދާ ދިމާއަށް ބަލާލުމަށްފަހު ހިނތުންވެއިނދެ ދިވެހިބަހުން ފަރިތަކޮށް ސުވާލު ކޮށްލިއެވެ.
"ދިވެއްސެއްތޯ....." ޚާލިދުވެސް ޚައިރާންވެފައި އިނދެ ސުވާލެއް ކޮށްލިއެވެ.
"ލައްބަ...." ގެއަށްތޯ ދާންވީ..... " އެމީހާ އަނެއްކާވެސް ހިނިތުންވެފައި އިނދެ ސުވާލު ކޮށްލިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 29 އޮކްޓޯބަރ، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް