ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ނަވާރަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ.... ބޭރު ދޮރޯށި ހުޅުވާލުމަށްފަހު ބޯދިއްކޮށްލީ ނާޝިދެވެ. ހުމޭދާ ދޮރާށި ކައިރިއަށް ގޮސް ހުއްޓުނެވެ. ބޯދިއްކޮށްލުމަށްފަހު ނާޝިދުހުރީ ބޭރުގައެވެ. "ނާޝިދު.... ހާދަ ނުގަޑިއެއްގަ ތިއައީ....

17 Oct 2023 | 02:50

ކުރީގެ އަދަދާއި ގުޅޭ....

ބޭރު ދޮރޯށި ހުޅުވާލުމަށްފަހު ބޯދިއްކޮށްލީ ނާޝިދެވެ. ހުމޭދާ ދޮރާށި ކައިރިއަށް ގޮސް ހުއްޓުނެވެ. ބޯދިއްކޮށްލުމަށްފަހު ނާޝިދުހުރީ ބޭރުގައެވެ.

"ނާޝިދު.... ހާދަ ނުގަޑިއެއްގަ ތިއައީ... ؟" ހުމޭދާ ދޮރާށިން ބޭރަށް ނުކުންނަމުން ބުނެލިއެވެ.

"އާނ... މިސްވީމަ ޖެހޭނީ ކޮންމެ ގަޑިޔަކުވިޔަސް އަންނާކަށްނު...! ހުމޭއާ ގުޅޭނެ ގޮތެއް އޮތީކީއެއް ނޫނެއްނު... ! އެހެންވީމަ މިސްވީމަ ހާލުބަލާލާނެ މިނޫން އެހެން ގޮތެއް މިހާރަކު ނެތެއްނު .... އެހެންވެ މިއައީ ހަމަ... " ޢާއިޝާވެސް އޮތް ހާލު އެއޮތީ......" ހުމޭދާގެ އަތުގައި ހިފާލުމަށްފަހު ނާޝިދު ބުނެލިއެވެ.

"މިރޭ ޤާދިރުބޭ އަންނަވާހަކަ ބުނެފަ އޮތީމަ ޤާދިރުބޭ އައިކަމަށް ހީކޮށް ބަލާލަންވެގެން ބޭރަށް މި ނުކުމެލީ...." ހުމޭދާ ބުނެލިއެވެ.

"ހިނގާބަލަ ހިނގާލަން.... އެއްކަލަދިމާލަށް... " ނާޝިދު ހުމޭދާގެ އަތުން ދޫކޮށްލުމަށްފަހު އުނަގަނޑުގައި ހިފަހައްޓާލަމުން ބުނެލިއެވެ.

"ނޫނޭ... ބޭބެވީ ޤާދިރުބޭ ބަލާގޮސް... ބޭބެ އަންނައިރު ގޭގަ ހުންނަން ޖެހޭނެއެއްނު... އެހެން ނޫންނަސް ޤާދިރުބޭ ބުނެފައެއްނު އޮތީ ރުޤުޔާ ކުރާއިރު އެއްގޮތަކަށްވެސް ބޭރަށް ނުނިކުންނަން... އެހެންވީމަ ކޮންމެ ރެޔަކު ބޭރަށް ދިޔުން އެހާ ރަނގަޅެއް ނޫނެއްނު... ނާޝިދުވެސް ބޭނުންވަނީ ހުމޭ އަވަހަށް ރަނގަޅުވާކަށްނު... ހުމޭ އަވަހަށް ރަނގަޅުވާނީ ޤާދިރުބޭ ބުނާގޮތް ހެދީމައެއްނު...." ހުމޭދާ ނާޝިދާ ދިމާއަށް ބަލަންހުރެ ވާހަކަދެއްކިއެވެ.

"ބޭބެ ބޭރަށްދިޔަކަން އިނގިގެންނޭ ނާޝިދު މިއައި..... މިތާ ކަންމަތީ މުގޯލިއަޅާތާ ކޮންއިރެއް މިހާރު... ބޭބެ ހަމަ ނުކުންނައިރަށް މިއައީނު.... ނާޝިދަކަށް ހިޔެއްނުވެ ރުޤުޔާ ކުރަން ތިޔަބުނާ ޤާދިރުބެއެއް އަންނާނެ ހެނެއް... އެހެންވީމަ ނާޝިދާއެކީ ހިނގާލަން ހިނގާބަލަ... ނާޝިދުއާއެކީ ގިނަ ވަގުތު އުޅެންފެށީމަ ހުމޭ ރަނގަޅު ވާނެއޭ... ހަމަ ޔަޤީން...." ނާޝިދު ހުމޭދާގެ ދަތްދޮޅީގައި ހިފާ ނާޝިދާ ކައިރިކޮށްލަމުން ބުނެލިއެވެ.

ނާޝިދުގެ އެޙަރަކާތުން ހުމޭދާ ކޮންމެވެސް ވަރަކަށް ހިތްހަމަ ޖެހުނެވެ. އެހެން ފަހަރުތަކާ ތަފާތު ކަމެއް އިޙްސާސް ވެގެން ދިޔައެވެ. ކޮންމެވެސް ވަރަކަށް ލަދުވެސް ގަތެވެ.

"ހޫނ... މިތާ މަގުމަތިން މީހަކަށް ފެނިދާނެ.... " ނާޝިދުގެ ކުޑަކޮށް ދުރުކޮށްލަމުން ހުމޭދާ ބުނެލިއެވެ.

"އެހެންވެޔޭ މިބުނީ.... ހިނގާބަލަ އެއްކަލަ ބީޗަށް.... ރުއްގުޅި މައްޗަށް ވާހަކަ ދައްކާލަން.... މާލޭގަވެސް ނުހުރެވިގެން މިރަށަށް މިއައީ.... ހުމޭ ފަހަތުން ހުމޭ ދާ ކޮންމެ ތާކަށްވެސް ނާޝިދު ދާނަން.... އެހާވަރަށް ހުމޭ ދެކެ ނާޝިދު ލޯބިވެއޭ..." އަނެއްކާވެސް ހުމޭދާގެ ދަތްދޮޅީގައި ހިފާލަމުން ނާޝިދު ބުނެލިއެވެ.

"ބޭބެ އައިސްދާނެ.... ނޫނީ މަންމަވެސް ހޯދަފާނެއެއްނު.... " ހުމޭދާ ދޮރާށިން ގޯތިތެރެއަށް ބޯދިއްކޮލަމުން ބުނެލިއެވެ.

ބޭބެއެއް ނާންނާނެ.... ތި ބުނީނު ބޭބެ ދިޔައީ ޤާދިރުބޭ ހޯދާށޭ.... ނާޝިދަކަށް ހިޔެއްނުވެ ޤާދިރުބޭވެސް އަންނާނެ ހެނެއް... މަންމައެއްވެސް ނުހޯދާނެއޭ... ގޮސްލާފަ އަވަހަށް އަންނާނީޔޭ... ހިނގާބަލަ ދެން.... " ނާޝިދު އާދޭސްކުރާ ކަހަލަ ރާގަކަށް ވާހަކަ ދެއްކިއެވެ.

ނާޝިދުގެ ރާގުހުރި ގޮތުން ހުމޭދާއަށް ކޮންމެވެސް ވަރަކަށް އަސަރުކުރިއެވެ. ހުމޭދާއާއެކީ ނާޝިދު ބޭރަށްދާން ބޭނުންވެފައިވާ މިންވަރު ނާޝިދުގެ ވާހަކަތަކުން ހުމޭދާއަށް ފާހަގަވިއެވެ.

"އޯކޭ.... އެކަމަކު، މިހެން ހުރެގެން ދާންވީ...؟ " ހުމޭދާ ލައިގެން ހުރި ހެދުމަށް ބަލާލަމުން ސުވާލުކޮށްލިއެވެ.

"ކިހިނެތްވީ....؟ ތި ހެދުންވެސް ވަރަށް ރީއްޗޭ.... ހުމޭ ކޮންމެ ހެދުމެއްގައި ހުއްޓަސް ނާޝިދަށް ހުމޭ ވަރަށް ފުރިހަމަ.... ވަރަށް ރީތި... އެހެން ނޫނަސް މީހަކަށް ނުފެންނާނެއޭ.... މަގުމަތި އެއޮތީ އަނދިރިކޮށެއްނު...." ހުމޭދާގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން ނާޝިދު ބުނެލިއެވެ.

ނާޝިދު ހުމޭދާގެ އަތުގައި ހިފައިގެން މަޑުމަޑުން ހިނގަމުންދިޔައީ ފުވައްމުލަކުގެ އުތުރުފަރާތުގެ އަތިރިމައްޗާއި ދިމާއަށެވެ. އެސަރަޙައްދަކީ މާގިނަ ލައިޓްތަކެއް ހުރި ސަރަޙައްދަކަށްނުވާތީ އެސަރަޙައްދު ފެންނަނީ ވަރަށް އަނދިރިކޮންނެވެ. އަނދިރިކޮށް އޮންނާތީ އެސަރަޙައްދަށް މާގިނައިން މީހުން އައިސްގޮހެއް ނޫޅެއެވެ.

"ހިނގާ ބީޗްގެ ދޮންވެލިގަނޑުމަތީ އިށީންނަން.... " އެތާއޮތް ރުއްގުޅިއާއި ދިމާއަށް ހުމޭދާ ހިނގާގަތުމުން ނާޝިދު ބުނެލިއެވެ.

ދެމީހުން ގޮސް އިށީނީ ހުދުކުލައިގެ ރީތި ދޮންވެލިގަނޑުމަތީގައެވެ. ރެޔަކީ ހަނދުވަރުދޭ ރެއަކަށްވާތީ ދޮންވެލިގަނޑު ފެންނަނީ ވަރަށް ސާފުކޮށެވެ. ގޮނޑުދޮށަށް ޖަހަމުންދާ ރާޅުގެ މިޔުޒިކީ އަޑުފިޔަވާ އިތުރު އެއްވެސް އަޑެއް ނީވެއެވެ. ހުމޭދާއިނީ ނާޝިދުގެ ކޮނޑުގައި ބޯ އަޅާލައިގެންނެވެ.

"ކީއްވެ އެއްޗެއްނުބެ ތީނީ... " ހުމޭދާ އެއްޗެއް ނުބުނެ އިނުމާއެކު ނާޝިދު ސުވާލުކުރިއެވެ.

"ނާޝިދު.. ނިކަން އެހެރަ ހަނދަށް ބަލާލަބަލަ... ކިހާ މިނިވަންކޮށް އެ ހަނދު އެހެރީ.... އެހަނދަށް އުނދަގޫކުރާނެ އެއްވެސް ވިލާކޮޅެއް އުޑުމައްޗަކު ނެތް... " ހަނދާދިމާއަށް ބަލަންއިނދެ ހުމޭދާ ބުނެލިއެވެ.

"ކީކޭ ތިބުނީ... ތި ބުނި އެއްޗެއް ނާޝިދަކަށް ނުވިސްނުނު.... " ހުމޭދާގެ އަތުގާ ހިފާލަމުން ނާޝިދު ބުނެލިއެވެ.

"ހީވޭތަ އެހާބޮޑު މިނިވަން ކަމަކަމާއެކު އެހަނދަށް އަބަދު އެހެން ހުރެވިދާނެހެން.... " ހުމޭދާ ކުޑަކޮން ހީލާފައި ބުނެލިއެވެ.

"އައްދެ... މިރޭ ހާދަފިލްމީ ރެޔެއް... ހުމޭ ބުނަން ތިއުޅޭ އެއްޗެއް ނާޝިދަކަށް ނުވިސްނުނު... " ހުމޭދާއާއި ދިމާއަށް ބަލަންއިނދެ ނާޝިދު ބުނެލިއެވެ.

"ހުމޭ ބުނަން މިއުޅެނީ އެއީ ވަގުތީ ކަމެކޭ.... މާގިނަ އިރުތަކެއް ނުވެ ބޮޑެތި ވިލާގަނޑުތައް އައިސް ހަނދުގެ މިނިވަންކަން ގެއްލުވާލާނެއޭ... އެއްވެސް ރަޙްމެތްނެތި ވިލާތައް ހަނދަށް ގޯނާކުރަން ފަށާނެއޭ... " ހުމޭދާވެސް ނާޝިދާއި ދިމާއަށް ބަލަންއިދެ ވާހަކަ ދެއްކިއެވެ.

"އެއީ ޤުދުރަތީ ޤާނޫނެއްނު.... އިންސާނުންނަށް ބާރުފޯރުވޭނެ ކަމެއް ނޫން އެއީ...." ނާޝިދު ހީލާފައި ހުމޭދާގެ ކޮލުގައި ޖަހާލަމުން މަޖާރާގަކަށް ބުނެލިއެވެ.

އާނ........ އެއީ ޤުދުރަތީ ޤާނޫނު... އަހަރުމެންނަކަށް ބާރެއް ނުފޯރުވޭނެ.... އެކަމަކު އަހަރުމެންގެ މި ގުޅުމަށް ހުރަހެއް އަތުވެއްޖިއްޔާ... " ހުމޭދާ އަސަރުން ފުރިގެންވާ ރާގަކަށް ބުނެލިއެވެ.

އޯ.... ތިހެން ބުނަންތަ ތިހުރިހާ ވާހަކައެއް ތިދެއްކީ.... ތިކަހަލަ ކަމެއް ދިމާއެއް ނުވާނެ.. އެއަށްވުރެ މާބޮޑަށް ނާޝިދު ހުމޭދެކެ ލޯބިވެއޭ... ހުމޭ ހާޞިލް ކުރުމަށްޓަކައި ކޮންމެ ކަމެއްވެސް ނާޝިދު ކުރާނަން... މިހާރުވެސް ކުރަމުން މިގެންދަނީ.... ހުމޭ މިކޮޅަށް އައިމަ ނާޝިދުވެސް މިހިރީ މިކޮޅަށް އައިހެއްނު... މި ލޯތްބަށް އެއްވެސް މީހެއްގެ ހިޔަންޏެއް އެޅުނަކަ ނުދޭނަން... ތިކަމާ ހުމޭއަށްވުރެ ބޮޑަށް ނާޝިދު ވިސްނަމޭ...." ހުމޭދާ ނާޝިދާއި ކައިރިކޮށްލަމުން ނާޝިދު ބުނެލިއެވެ.

"އެކަމަކު ކީތްވެތަ ހުމޭ އަބަދު ފާޑެއްގެ ބިރެއް ގަނެފަ މިހާރު މިހުންނަކީ... ހުމޭއަށް ހީވަނީ ހުމޭއަށް... " ހުމޭދާ ބުނަން އުޅުނު ޖުމްލަ ފުރިހަމަވިޔަ ނުދީ ނާޝިދު ހުމޭދާގެ އަނގަމަތީ އަތް އެޅިއެވެ.

"ހުމޭ... އާދޭސްކޮށްފަ މިބުނީ.... ދެން ތިވާހަކަ ހުއްޓާލަބަލަ... ހުމޭ އަހަންނަން އިތުބާރުކުރަންތަ... ؟" ނާޝިދު ސުވާލުކޮށްލިއެވެ.

"އާނ... ވަރަށް ބޮޑަށް އިތުބާރު ކުރަން... އަހަރެންގެ އަމިއްލަ ނަފުސަށްވުރެ ބޮޑަށް ނާޝިދަށް އިތުބާރު ކުރަމޭ... ނާޝިދަށް ނުކުރި އިތުބާރެއް ހުމޭކުރާނީ ވަކިކާކަށް... މިކަހަލަ ވާހަކަ މިދެއްކެނީ ހުމޭވެސް ނާޝިދުދެކެ ލޯބިވާތީ... ނާޝިދު އަހަރެން ދޫކޮށްލާފަ ނުދާނަންދޯ.... " ހުމޭދާވެސް ނާޝިދުގެ އަތުގާ ހިފާލަމުން ސުވާލު ކުރިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 19 އޮކްޓޯބަރ، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް