ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – އަށާރަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... އެވަގުތު ގަސްތަކުގެ ތެރެއިން ބާރު އަޑުފައްގަނޑެއް އިވިގެން ދިޔައެވެ. އަނދިރިކަން ވެރިވެފައިވާ ގަސްތަކާ ދިމާއަށް ޤާދިރު ބަލާލުމަށްފަހު ހިނގުން ބާރުކޮށްލިއެވެ. މަޑުމަޑުން ވައި ގަ...

15 Oct 2023 | 07:20

ކުރީގެ އަދަދާއި ގުޅޭ...

އެވަގުތު ގަސްތަކުގެ ތެރެއިން ބާރު އަޑުފައްގަނޑެއް އިވިގެން ދިޔައެވެ. އަނދިރިކަން ވެރިވެފައިވާ ގަސްތަކާ ދިމާއަށް ޤާދިރު ބަލާލުމަށްފަހު ހިނގުން ބާރުކޮށްލިއެވެ. މަޑުމަޑުން ވައި ގަދަވާން ފެށުމާއެކު ވާންއުޅެނީ ކީއްކަން ޤާދިރަށް އިޙްސާސްވި ކަހަލައެވެ. އެއްވެސް އަލިކަމެއް ނެތް އެހަނިހަނިމަގުން ބާރުބާރަށް ހިނގާފައި ކުރިއަށްދިޔައިރު އެއަޑުވެސް ބާރުވަމުން އަންނަކަން ފާހަގަވަމުންދިޔައެވެ. އެމަގަކީ ޤާދިރު ކުރިންވެސް ހިނގާއުޅޭ މަގެކެވެ. ނަމަވެސް ކުރިއަށް ދިޔަވަރަކަށް ދެފަރާތުން ހެދިފައިވާ ގަސްތައް ބޯކަމުން މަގުހަނިވަމުންދާހެން ޤާދިރަށް ހީވިއެވެ. އެންމެ ފަހުން ކުރިމަތިން ޤާދިރަށް ފެނުނީ ގަސްތައް ބޯވެގެން ގޮސް މަގު ބެދިގެން ދިޔަތަނެވެ.  ގަސްތަކާހެދި އެއްގޮތަކަށްވެސް ކުރިއަށް ނުދެވިގެން މަގު ބަދަލުކޮށްލުމަށްޓަކައި އެތަނުން ނުކުތުމަށް ޤާދިރު ފަހަތަށް އެނބުރިލިއެވެ. އެވަގުތު ޤާދިރު ދިޔައީ ސިހިގެންނެވެ. ފަހަތުން ދާތި ގާތުގައި އެހެރީ ކަޅުބިޔަ މީހެކެވެ. މުޅި ހަށިގަނޑުން ދަވަތަކެއް ފާޑުއެއްޗެއް ފައިބަ ފައިބާ ހުއްޓެވެ. ރަތްކުލައިގެ ދިއްލިފައިހުރި ބޮޑު ދެލޯހުރިއިރު އަނގަމަތިން އަލިފާން ކަހަލަ އެއްޗެއް ނުކުމެނުކުމެ ހުއްޓެވެ. ޤާދިރު ފަހަތަށް ޖެހިލިއެވެ.

"ކަލޭގެ ތި މަސައްކަތް ހުއްޓާލާ..... ހުއްޓާލާ..... އެހެން ނޫނީ ކަލެއަކަށް ސަލާމަތެއް ނުވެވޭނެ.... ސަލާމަތެއް ނުވެވޭނެ. ދުވަސް ދުއްވާލާނަން...." ބާރު އަޑެއް މުޅިތަނަށް އިވިގެން ދިޔައެވެ.

"ތިޔައީ ހަމަހީވާގޮތް... އެއްގޮތެއްވެސް ނުހެދޭނެ... ކަލޯމެންނަށް ހީވަނީތަ ކަލޯމެން އަތުގައޭ ހުރިހާ ބާރެއް އޮންނަނީ... އަހަރުމެން އިންސާނުންނަށް ކަލޯމެންނަށް ބޭނުންހާ ގޮތެއް ހެދިދާނެއޭ.... ނުހެދޭނެ... އެއްވެސް ގޮތެއް ނުހެދޭނެ.... ކަލޯ މެންނަށްވުރެ އަހަރުމެން އިންސާނުން ކުޑަޔަސް ބާރުގެ ގޮތުން ކުޑަތަންކޮޅެއްވެސް ދަށެއް ނުވާނެއެވެ... ކަލޯ ކުރަމުން ތި ގެންދާކަންކަން ހަމަ މިހާރު ހުއްޓާލާ... ހުއްޓާނުލާނަމަ ކަލޯ މިދުނިޔެއިން ނައްތާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިރެއިން މިރެއަށް އަހަރެން ފަށާނަން.... " ޤާދިރު ޔަޤީން ކަމާއެކު ބުނެލިއެވެ.

އެވަގުތު ކުރިމަތީގައި ހުރި އެ ބިރުވެރިމީހާ އިސްކޮޅުން ދިގުވާތަން ޤާދިރަށް ފެނުނެވެ. ޤާދިރު އޭނާގެ އަތުގައި އަޅާފައިއޮތް ތަވީދުގައި އަތްޖެހޭތޯ އަތްހާކާލިއެވެ. ތަވީދަކު އަތެއް ނުޖެހުނެވެ. ރަނގަޅަށް ބަލާލިއިރު އަބަދުވެސް އަތުގައި އަޅާފައި އޮންނަ ތަވީދު ނުވެސް ނެތެވެ. ތަވީދަށް ވީގޮތެއްވެސް ނޭގުނެވެ. ޤާދިރު ތުރުތުރު އަޅަންފެށިއެވެ. ގަސްތަކާދިމާއަށް ދުއްވައިގަތެވެ.

"ކޮބާހީވޭ ކަމެއްހެން... ތަވީދެއްވެސް ނެތެއްނު..... ތީ ތި އިންސާނުންގެ ހާލަކީ.... މޮޅެތި ބަސްބުނެލަން އިނގޭނީ... އެއްވެސް ކަމެއް ނުކުރެވޭނެ..... އަހަރެން ބޭނުން ކަމެއް ކޮށްލާނަން.... މިރެއިން މިރެއަށް ކަލޭގެ ދުވަސް ދުއްވާލާނަން.... ކަލޭ ކުރަންތިއުޅޭ ކަންކަން ކަލެއަކަށް ނުވާނެ...." ބިރުވެރި ގުގުރިއެއް ޖެހިފަދަ ބާރުގަދަ އަޑެއް ޤާދިރު ފަހަތުން އިވެގެން ދިޔައެވެ.

ޤާދިރަށް އިތުރުގޮތެއް ނެތްކަން އެނގުމާއެކު ގައިގައިހުރިބާރެއް ލާފައި ގަސްތަކުގެ ތެރެއަށް ދުއްވައިގަތެވެ. ޖެހެމުންދިޔަ ވައި ބާރުވަމުންދިޔައެވެ. މުޅި ޖައްވުގައި ބިރުވެރި ނާމާން އަޑެއް ގުގުމަމުންދިޔައެވެ. ޖެހޭގަދަ ވައިގެ ސަބަބުން އެންމެފަހުން ޤާދިރު ގަސްތަކުގެ ތެރެއަށް ވެއްޓުނެވެ. ހަމަ އެވަގުތު ފަހަތުން ޤާދިރުގެ ކަރުގައި މީހަކު ހިފުމަށްފަހު ކުއްލިއަކަށް މައްޗަށް ހޫރާލިއެވެ. ޤާދިރު ދިޔައީ މައްޗަށް ވިއްސައިގެންނެވެ. އެސަރަޙައްދުގައި ހެދިފައިހުރި ދިގު ރުއްތަކަށްވުރެ މައްޗަށް އެރުމަށްފަހު ބާރު އަޑުފައްގަނޑަކާއެކު ޤާދިރުގެ ހަށިގަނޑު ކުދިކުދިވެގެން ލޭތަކާއެކު އެކިދިމަދިމާއަށް ބުރަބުރައިގެން ދިޔައެވެ. އެވަގުތު އެ ކަޅުމީހާ ދުންގަނޑެއްހެން މައްޗަށް އަރައިގެންގޮސް ގެއްލުނެވެ.

ރޭގަނޑު އަށެއްވެސް ޖަހައިފިއެވެ. ޤާދިރުބޭގެ އިންތިޒާރުގައި ޚާލިދު ގޭތެރޭގައި ހުއްޓެވެ. ވަރަށް ގިނަފަހަރު ޤާދިރުބޭގެ ފޯނަށްވެސް ގުޅައިފިއެވެ. ނަމަވެސް ފޯނަކަށް ނުގުޅެއެވެ. އެންމެފަހުން ޤާދިރުބޭގެ އަންހެނުންގެ ފޯނު ނަންބަރު ހޯދުމަށްޓަކައި ނާޞިރަށް ގުޅާލިއެވެ.

"ނާޞިރު... އަދިވެސް ޤާދިރުބޭ ނައިސްގެން މިއުޅެނީ..... ނަމާދުކޮށްލައިގެން އަންނާނަމޭ ބުނެފައޮތީ..... މިހާރު އަށެއް ޖަހަނީ... ވަރަށް ގިނަފަހަރު ފޯނަށްވެސް ގުޅައިފިން.... ފޯނު ނިވިފަ އޮތީ... އެހެންވެ ޚަބަރު ބަލާލަންވެގެން ޤާދިރުބޭގެ އަންހެނުންގެ ނަންބަރު މެސެޖްކޮށްލަދީބަލަ... " ޚާލިދު ސިޓިން ރޫމް ތެރޭގައި ދެކޮޅަށް ދެކޮޅަށް ހިނގަމުން ވާހަކަ ދެއްކިއެވެ.

"އާނ.... ވެދާނެ ބޮޑުކަމެއް ދިމާވީ ކަމަށް... ޤާދިރުބެއަކީ ގަޑިއަށް ވަރަށް ފަރުވާތެރި މީހެއް... ބުނާ ގަޑިއަކަށް އަންނާނެ... ނަންބަރު މެސެޖް ކޮށްލާނަން... " ނާޞިރު ބުނެލިއެވެ.

"މިހާރު ޢާއިޝާ ކިހިނެއްތަ ..... ؟" ޢާއިޝާގެ ހާލު އޮޅުން ފިލުވާލުމަށް ޚާލިދު ސުވާލު ކޮށްލިއެވެ.

"ޑޮކްޓަރ ބުނަނީ މަޑުމަޑުން ރަނގަޅުވާނެޔޯ... އެހެން އޮވެފަ ބައެއްފަހަރު ކުޑަކުޑަކޮށް ލޯ ހުޅުވާލާ... އެކަމަކު އެއްވެސް އިޙްސާސެއް ވާހެނެއް ހީއެއްނުވެ... ލޯހުޅުވާލާ ވަގުތު ގޮވާލިއަސް ކަޅިވެސް ހިންގާނުލާ... " ޢާއިޝާގެ ހާލު ނާޞިރު ސާފުކޮށްދިނެވެ.

"އިރާދަކުރެއްވިޔާ ޑޮކްޓަރ ބުނުއްވިހެން މަޑުމަޑުން ރަނގަޅުވާނެ.... ކޮންއިރަކު އިންޑިޔާއަށް ފުރުން އޮތީ...." ފުރާދުވަސް ސާފުކޮށްލުމުގެ ގޮތުން ޚާލިދު ސުވާލުކޮށްލިއެވެ.

"ހީވަނީ އަދި ދެ ދުވަހެއްވާނެހެން... މިކޮޅުން ގެންދާ ލިޔުންތަކާއި، އެކޮޅުގެ ހޮސްޕިޓަލާއި ގުޅިގެން ކުރަންޖެހޭ ކަންކަން ނުނިމޭތީ ލަސްވަނީ... މިކޮޅުން ނަރުހެއްވެސްދާ ގޮތަށް މިހާރު ހަމަޖެހިފައިހުރީ..... ލިޔުންތަކުގެ ކަންކަން ނިމޭއިރަށް ދެދުވަހެއްގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފުރޭނެ... ނަޞީބަކުން ގޮއްސަ މާލޭގައި މަޑުނުކޮށް ސީދާ އިންޑިއާ އަށް ދެވޭ ކަހަލަ ގޮތަކަށް ފްލައިޓެއް އެބައޮތް.... މޯލްޑިވިއަން ފްލައިޓްގައި ގޮއްސަ އެއަރޕޯޓްގައި ތިން ގަޑިއެއްހާއިރު މަޑުކޮށްލަން ޖެހޭނީ... " ނާޞިރު ބުނެލިއެވެ.

"ތިއީ ވަރަށް ރަނގަޅު ގޮތެއް... ވަރަށްބޮޑުތަން ވަގުތު ސަލާމާތްވެފައި ކަންކަން ފަސޭހަވެސް ވާނެ... އޯކޭ... ޤާދިރުބޭ އަންހެނުންނާ ގުޅޭތޯ މިބަލަނީ... " ޚާލިދު ފޯނު ބާއްވަމުން ބުނެލިއެވެ.

ޚާލިދު ފޯނު ބޭއްވުމަށްފަހު ނާޞިރު ފޮނުވި ނަންބަރަށް ގުޅާލިއެވެ. އެކޮޅުން ޤާދިރުބޭގެ އަންހެނުން ފޯނު ނެގުމާއެކު ޤާދިރުބޭ ކޮބާތޯ ސުވާލުކޮށްލުމުން މަޣުރިބު ނަމާދުން ގެޔަސް އައިސް ބޭރަށް ދިޔަގޮތަށް އަދި ގެއަށް ނާންނަކަމަށް ޤާދިރުބޭގެ އަންހެނުން ބުންޏެވެ. ޚާލިދު ފޯނު ބޭއްވުމަށްފަހު ބޭރަށް ނިކުތީ މާޔޫސްވެގެންނެވެ. މިރޭ މިއީ ރުޤުޔާ ފަށަން ހަމަޖެހިފައިވާ ރޭ ކަމުގައި ވިޔަސް މިރޭވެސް އެކަން ނުފެށުނީމައެވެ. ޚާލިދު ބޭރަށް ނުކުތްއިރު ބޭރުޖޯލީގައި ވާހަކަފޮތެއް ހިފައިގެން ހުމޭދާ އިނެވެ.

"ދަރިފުޅާ... ޤާދިރުބޭގެ ޚަބަރެއް ނުވެއަދި.... ފޯނަކަށްވެސް ނުގުޅެ.... ޤާދިރުބޭ އަންހެނުން ބުނި މަޣުރިބު ނަމާދުކޮށްލައިގެން ބޭރަށް ދިޔަގޮތަށް އަދިގެއަކަށް ނާދެޔޯ.... އެހެންވެ ބޭބެ މިދަނީ ޤާދިރުބޭ ފެނޭތޯ ބަލާލާން އިނގޭ... މަންމަ އެބައުޅޭ ބަދިގެތެރޭގައި..... ދޭބަލަ މަންމައަށް އެހީވެލަން... " ޚާލިދު ބޭރަށް ނިކުންނަމުން ހުމޭދާއަށް ބުނެލިއެވެ.

ހުމޭދާ ބަދިގެއަށް ދިޔައިރު ހަސީނާ އުނދުން ކައިރީގައި ހުއްޓެވެ.

"ދަރިފުޅު ކޮންއިރަކުން ކާނީ... ކާންވާއިރަށް މި ރިހަކޮޅު ހޫނުކޮށްލަނީ... ޤާދިރުބޭ ނައިސްގެން ބޭބެ އެދިޔައީ ޤާދިރުބޭ ފެނޭތޯ ބަލާލަން... " ރިހަތެލި އުނދުންމަތިން ބާލަމުން ހަސީނާ ބުނެލިއެވެ.

"ހަވީރު ތަންކޮޅެއް ލަހުން ސައިބުއީމަ އަދި އެހާ ބަނޑުހައެއްނުވެ... އެހެންވީމަ ކާނީވެސް ތަންކޮޅެއް ފަހުން... " ހުމޭދާ ކޮޓަރިއަށް ދިއުމަށްޓަކައި ސިޑިއާ ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ.

"އެހެންވިއްޔާ މަންމަވެސް ދެންދާނީ ފެންވަރާލަން... ބޭބެ ގެއަށް އައިމަ ކާނީ.... " ހަސީނާވެސް ސިޑިއާ ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ.

ހުމޭދާ ކޮޓަރީގައި އިންދާ ހުމޭދާގެ ބޭބެ ތިރިން ގޮވާލިއަޑު އިވުނެވެ. ހުމޭދާ ހީކުރީ ޤާދިރުބޭ ގޮވައިގެން އައިކަމަށެވެ. އަވަސް އަވަހަށް ވާހަކަފޮތް ބޭއްވުމަށްފަހު ލޯގަނޑު ކައިރިއަށް ހުއްޓި ކުޑަކޮށް ބޯ ރީތިކޮށްލުމަށްފަހު ކޮޓަރިން ބޭރަށް ނުކުމެގެން ސިޑިން ވަކި ހިސާބަކަށް ފޭބުމަށްފަހު ސިޓިން ރޫމަށް ބަލާލިއިރު ބޭބެ ފެންނަން ނެތުމާއެކު އެއީ ހުމޭދާއަށް ހީވި ހީވުމެއް ކަމަށް ނިންމުމަށްފަހު އަނެއްކާވެސް ސިޑިން މައްޗަށް އެރުމަށް އެނބުރިލިވަގުތު ބޭބެގެ އަޑު އިވުނެވެ. ބޭބެ އަޑު އިވުނީ ގޯތިތެރެއިންނެވެ. ބޭބެމެންތިބީ ޖޯލިފަތީގައި ކަމަށް ހީކޮށް ހުމޭދާ ސިޑިން ފައިގެން އައިސް ސިޓިންރޫމް ދޮރުހުޅުވާލާފައި ގޯތިތެރެއަށް ނުކުތެވެ. އެކަމަކު ގޯތި ތެރޭގައިވެސް ބޭބެއެއް ނެތެވެ. އަނެއްކާވެސް ހުމޭދާއަށް ހީވިގޮތް ކަމަށް ނިންމާލުމަށްފަހު އެތެރެއަށް ވަންނަން އެނބުރިވަގުތު މީހަކު ދޮރޯށި ހުޅުވާލި އަޑު އިވިގެން ހުމޭދާ އެނބުރިލާފައި ބަލާލިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، އޮކްޓޯބަރ 17، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް