"ކައްސާލީހެން ހީވަނީ... އެކަމަކު ފާހާނާތެރޭގައި ފެނެއްވެސް ނެތް... ނޭނގެ ވީގޮތެއް..... ހިނގާ ބޭރަށް ނެރެމާ.... " ޢާއިޝާ ކޮޓަރިން ބޭރަށް ނެރެން މަސައްކަތް ކުރަމުން ނާޞިރު ބުނެލިއެވެ.
އޭރުވެސް ހުމޭދާ ތެޅިފޮޅެނީއެވެ. ދެފަހަރު ހޮޑުވެސް ލައިފިއެވެ. އެކަމަކު، ޢާއިޝާ ފާހާނާ ތެރެއިން ނެރުނުތަން ފެނުމާއެކު ހުމޭދާވެސް ބޭނުންވީ ޢާއިޝާ ކައިރިއަށް ދާށެވެ.
"ޢާ... ޢާއި... ޢާއިޝާ... ޢާއިޝާ.... " އެއްއަތުން ބޮލުގައި ހިފަހައްޓައިގެން އަނެއް އަތް ޢާއިޝާ އާއި ދިމާއަށް ދިއްކުރަމުން އެނދުން ތެދުވަން މަސައްކަތް ކުރަމުން ހުމޭދާ ގޮވަމުން ގެންދިޔައެވެ.
ހަސީނާވެސް މަސައްކަތް ކުރަމުން ގެންދިޔައީ ހުމޭދާ އެނދުން ނަގައިގެން ޢާއިޝާ ކައިރިއަށް ގެންދެވޭތޯ އެވެ. ހަސީނާ ވަރަށް މަސައްކަތުން ހުމޭދާ އެދުން ނަގައިގެން ޢާއިޝާ ކައިރިއަށް ދިޔައެވެ. އޭރުވެސް ޢާއިޝާ އޮތީ ޚަބަރު ހުސްވެފައެވެ. ހުމޭދާ މަޑުމަޑުން ޢާއިޝާގެ މޫނުގައި އަތްޖައްސާލިއެވެ. އެވަގުތު އެމްބިއުލަންސްގެ ސައިރަންގެ އަޑު އިވެން ފެށިއެވެ.
"އެމްބިއުލަންސް އެއައީ.. ހިނގާ ބޭރަށް ނެރެމާ... " ނާޞިރު، ޚާލިދާ ދިމާއަށް ބަލާލަމުން ބުނެލިއެވެ.
"ހިނގާ މަވެސް ހޮސްޕިޓަލަށް ދާނަން.... " ޢާއިޝާ ބޭރަށް ނެރުމަށް އެހީވަމުން ޚާލިދު ބުނެލިއެވެ.
ޤާދިރުބޭ ފޮނުވި ފެންފޮދު ހުމޭދާގެ ނިތްކުރިމަތީގައާއި ބޮލުގައި ހާކާލުމުން ހުމޭދާއަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބުނެވެ.
"މަންމާ... ކޮބައިތަ ޢާއިޝާ... ޚަބަރެއް ވެއްޖެތަ... ކިހިނެތްތަވީ... ؟" ހުމޭދާ އޭނާގެ މަންމަ އާއި ވާހަކަ ދެއްކިއެވެ.
"ފާހާނާއަށް ވެއްޓި ބޯފަޅައިގެންދިޔައީ... ހޮސްޕިޓަލުން އަދި ޚަބަރެއްނުވެ.. ބޭބެއާ ގުޅާވެސް ލައިފިން... " ހުމޭދާގެ ބޮލުގައި ފިރުމަމުން ހަސީނާ ބުނެލިއެވެ.
"ދީބަލަ ފޯނު.... ގުޅާލަން... " ހުމޭދާ އޭނާގެ މަންމައާ ދިމާއަށް އަތްދިއްކޮށްލަމުން ބުނެލިއެވެ.
"ނޫނޭ ދަރިފުޅާ... މިދުވަސްކޮޅު ދަރިފުޅު ފޯނު ނުގެންގުޅޭށޭ ގާދިރުބޭ ބުނެފައެއްނު އޮތީ... " ހަސީނާ ބުނެލިއެވެ.
އެވަގުތު ހަސީނާގެ ފޯނު ރިންގުވާން ފެށިއެވެ. ހަސީނާ ފޯނަށް ބަލާލިއެވެ. ގުޅަނީ ޚާލިދެވެ.
"ކޮބާ ކިހިނެތްވީ... ޢާއިޝާ ރަނގަޅުތަ...؟ ފޯނު ނެގުމާއެކު ހަސީނާ ވާހަކަ ދެއްކިއެވެ.
"އެކްސްރޭ އެއް ނަގަން ވައްދާފަވީ... އޭގެފަހުންނޯ އިނގޭނީ.. އެތެރެއަށް ލޭ އެޅިފަ ހުރިއްޔާ އޮޕަރޭޝަނެއް ކުރަންޖެހިދާނެ ކަމަށްވެސް ބުނެފި.. އަދިވެސް ހެޔެއް ނާރާ... " އެކޮޅުން ޚާލިދު ވާހަކަ ދެއްކިއެވެ.
"ހާދަ ދެރައޭ... އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ.... ޤާދިރުބޭ ފޮނުވި ފެންފޮދު އުނގުޅާލީމަ ހުމޭދާވެސް ކުޑަކޮށް ރަނގަޅުވަމުންދަނީ މިހާރު .." ހަސީނާ ފޯނު ބާއްވަމުން ބުނެލިއެވެ.
"ހިނގާ ބޭރަށް.... އެއްޗެއް ކާލެވޭތޯ.... " ހުމޭދާގެ އަތުގައި ހިފާލަމުން ހަސީނާ ބުނެލިއެވެ.
ޢާއިޝާގެ އެކްސްރޭ ނަގައިފިއެވެ. އަދި އިތުރު ދެތިން ޓެސްޓެއްވެސް ހަދައިފިއެވެ. ނަމަވެސް އަދިވެސް ޢާއިޝާ ހެޔެއް ނާރައެވެ. ޑޮކްޓަރުން ބުނެފައިވަނީ ސިކުނޑިއަށް ކޮންމެވެސް ވަރަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އެހެން ނަމަވެސް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއްކަމެއް އަދި ބުނަން ނޭނގޭ ކަމަށެވެ. މިވަގުތު ޢާއިޝާ އޮތީ ހޮސްޕިޓަލުގެ އަވަސްފަރުވާދޭ ކޮޓަރީގައެވެ.
"ޚާލިދު ގެއަށްދާންވީނު... މިތާއިނދެވޭނީ އެންމެ އެހީތެރިއަކަށޯ... ގޭގަވެސް އިތުރު ފިރިހެނަކު ނުހުންނާނެއެއްނު.. އެހެންވީމާ މަށަށް ފެންނަނީ ޚާލިދު މިރޭ ގެއަށްގޮއްސަ މާދަމާ ހެނދުނު އަންނަން... މާދަމާ އަޒާންވެސް މިކޮޅަށް އަންނާނެ..." ޢާއިޝާ އޮތް އެނދުކައިރީގައި ހުރި ގޮނޑި ދަމާލުމަށްފަހު އިށީންނަމުން ނާޞިރު ބުނެލިއެވެ.
"އެއްވެސް ކަމެއް ގޯސްވަންޏާ ފޯނުކުރާތި... " ޚާލިދު ހިނގައިގަންނަމުން ބުނެލިއެވެ.
ޖެހިގެން އައިދުވަހެވެ. ހެނދުނު ހޭލައިގެން ސައިގެ ކަންތައް ނިންމާލުމަށްފަހު ނާޞިރުގެ އަންހެނުން ޒާހިރާ ތައްޔާރުވަމުން ދިޔައީ ހޮސްޕިޓަލަށް ދިއުމަށެވެ. ކޮޓަރި ތެރޭގައި ތައްޔާރުވާން އުޅެނިކޮށް ބޭރުން މީހަކު ގޮވާލިއަޑު އިވުނެވެ.
"މަންމާ...... މަންމާ... ކޮންތާކު ތިއުޅެނީ... "
އެ އަޑު ކަންފަތުގައި ޖެހުމާއެކު އެއީ އަޒާންކަން ޒާހިރާއަށް އެނގުނެވެ. ޢާޒާންއަކީ ނާޞިރާއި ޒާހިރާގެ އެންމެ ދޮށީ ދަރިފުޅެވެ. ދިރިއުޅެމުންދަނީ މާލޭގައެވެ. ޢާއިޝާއަށް ދިމާވި ކަންތަކާ ގުޅިގެން ރަށަށް އައީއެވެ.
"މަންމާ ޢާއިޝާ ކޮއްކޮ މިހާރު ކިހިނެތް....؟ އަތުގައި އޮތް ދަބަސް މޭޒުމަތީގައި ބަހައްޓަމުން އަޒާން އަހާލިއެވެ.
"ޑޮކްޓަރ ބުނީ އަދި ދެ ދުވަހެއް ފަހުންނޯ އެއްޗެއް ބުނަން އެނގޭނީ... މަންމަ މިއުޅެނީ ހޮސްޕިޓަލަށްދާން... ދަރިފުޅުވެސް ސައިބޮއިގެން މަންމައާއެކު ހޮސްޕިޓަލަށް ދާންވީނު... " އަޒާން ގެނައި ދަބަސް ނަގަމުން ޒާހިރާ ބުނެލިއެވެ.
"ދަބަސް ދީފައި މަންމަ ދޭ ސައިހަދަން .... ކުޑަކޮށް ތައްޔާރުވެލައިގެން މިއަންނަނީ... " ދަބަސް ހިފައިގެން ހިނގައިގަންނަމުން އަޒާން ބުނެލިއެވެ.
ޒާހިރާ ސައިތައްޔާރު ކުރަންދިޔައިރު ހަސީނާވެސް ޚާލިދަށް ސައި ތައްޔާރު ކުރުމަށް ބަދިގޭގައި އުޅެއެވެ.
"ކޮބާ ހުމޭދާ... މިހާރު ރަނގަޅުތަ... ؟" ހުމޭދާގެ ޙާލު އޮޅުން ފިލުވުމުގެ ގޮތުން ޒާހިރާ އަހާލިއެވެ.
"އާން.. މިހާރު ވަރަށް ބޮޑުތަން ރަނގަޅު.. ސައިބޮއިގެން އެދިޔައީ ކޮޓަރިއަށް... ޒާހިރާ ހޮސްޕިޓަލަށްދާއިރު އަހަރުމެންވެސް ދާނަން އިނގޭ.." ސައިތަށި ޚާލިދު ކައިރީގައި ބަހައްޓަމުން ހަސީނާ ބުނެލިއެވެ.
"އާން... އަޒާންވެސް އަތުވެއްޖެ... ތައްޔާރު ވެލައިގެން ސައިބޯން އެއަންނަނީ.... އޭނަ ސައިބުއިމަ ދާންވީ... " ހަސީނާ ސައިތަށި އަޅަމުން ބުނެލިއެވެ.
އަޒާން ހޮސްޕިޓަލަށްގޮސް ޑޮކްޓަރާއި ބައްދަލުކުރިއެވެ. އަދި ޢާއިޝާއަށް ލިބިފައިވާ ގެއްލުންތަކުގެ މަޢުލޫމާތުތައް އޮޅުން ފިލުވިއެވެ. ޑޮކްޓަރ ބުނެފައިވަނީ ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބިފައިވާތީ ވަރަށް ރަނގަޅަށް ބަލަހައްޓަންޖެހޭނެ ކަމަށެވެ. މާލެ ގެންދެވެން އޮތްނަމަ މާލެ ގެންދިއުމަށްވެސް ޑޮކްޓަރ ލަފާދިނެވެ.
"އަޅުގަނޑަށް ފެންނަނީ މާލެ ގެންދިއުމަށްވުރެ ބޮޑަށް ރާއްޖޭން ބޭރަށް ގެންދެވޭތޯ ބަލަން..... އިންޑިއާގެ ނަވަލޯކާ ހޮސްޕިޓަލުގައި ހުންނާނެ އަޅުގަނޑު ދަންނަ ޑޮކްޓަރެއް... އޭނައާއި ވާހަކަ ދައްކައިގެން އެތާނގެ ސިކުނޑީގެ ޚާއްޞަ ޑޮކްޓަރަކަށް އެޕޮއިންޓްމަންޓެއް ހެދޭތޯ އަޅުގަނޑު ބަލާނަން..." އަޒާން އޭނާގެ ބައްޕައާއި ވާހަކަ ދެއްކިއެވެ.
"ތީގައޮތީ ދަރިފުޅު ބޭނުންގޮތެއް... ބައްޕައާއި މަންމަ ތިކަމާ ދެކޮޅެއް ނަހަދާނަން.. "
އިރުއޮއްސިއްޖެއެވެ. މަޣުރިބު ނަމާދުން ފައިބައިގެން ޤާދިރު ހިނގައިގަތީ ނާޞިރުމެންގެއަށް ދިއުމަށެވެ. ހުމޭދާގެ ރުޤްޔާ ފެށުމަށެވެ. ޢިޝާ ނަމާދަށް ވަގުތު ކުޑަތަންވާތީ މަގު ކުރުކޮށްލުމަށްޓަކައި ޤާދިރު ގަސްދުކުރީ ހެދިފައިވާ ގަސްތަކުތެރޭން އަލަށް ހަދަމުންދާ މަގުން ދިއުމަށެވެ. އެމަގު އޮންނަގޮތުން އެމަގުން ގޮއްސިނަމަ ވަރަށް ބޮޑުތަން މަގު ކުރުވެގެން ދާނެއެވެ. ނަމަވެސް އެމަގަކީ އަދި މުޅިން ހަދާ ނިމިފައިވާ މަގެއްނޫނެވެ. ދެފަރާތުގައި ހެދިފައިވާ ބިޔަގަސްތައް ކޮށާ ނިމިފައިނުވާތީ މަގުގެ ބައެއް ހިސާބުތައް އަދިވެސް އޮތީ ކޮންމެވެސް ވަރަށް ގަސްތައް ހެދިފައެވެ. އެހިސާބުގައި މަގަށް އަލިވާގޮތަށް އެއްވެސް ކަހަލަ ހޮޅިބުރިއެއް އަދި ނުހުރެއެވެ. މުޅިމަގު އޮންނަނީ އަނދިރިކޮށެވެ. ގާދިރުބޭ އެއްއަތުން މުންޑުގެ އެއްކަނުގައި ހިފައިގެން މުންޑު ކުޑަކޮށް ހިއްލާލައިގެން ބާރުބާރަށް ހިނގަމުންދިޔައެވެ. ގަސްތަކުގެ ތެރޭންނާއި، ބިންމަތީގައި ހިކިފައިވާ ފަތްތަކުގެ ތެރެއިން އިވެމުންދިޔައީ ފާޑުފާޑު ދޫންޏާއި ފަނިފަކުސާގެ ގޮވާ އަޑުތަކެވެ. ކުއްލިއަކަށް ކުރިމަތީގައިހުރި ބޮޑު ކަށިކެޔޮ ގަހަކުން ވާލެއް އުދުހިގެން އައިސްޖެހުނީ ޤާދިރުގެ ގައިގައެވެ. ގާދިރަށް ބޭއިޚްތިޔާރުގައި ހަޅޭއްލަވައިގަނެވުނެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 15 އޮކްޓޯބަރ، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް