ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ސޯޅަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ހުމޭދާ ގޭތެރެއަށް ވަދެގެންދިޔައިރު ސިޓިންގ ރޫމްގައި ހުމޭދާގެ މަންމަ ހަސީނާ އާއި ބޭބެ ޚާލިދު އަދި ނާޞިރު ކޮންމެވެސް ވާހަކައެއް ދައްކަން ސިޓިންގރޫމްގައި ތިއްބެވެ. "ދަރިފުޅު ކޮބައ...

10 Oct 2023 | 14:33

ކުރީގެ އަދަދާއި ގުޅޭ...

ހުމޭދާ ގޭތެރެއަށް ވަދެގެންދިޔައިރު ސިޓިންގ ރޫމްގައި ހުމޭދާގެ މަންމަ ހަސީނާ އާއި ބޭބެ ޚާލިދު އަދި ނާޞިރު ކޮންމެވެސް ވާހަކައެއް ދައްކަން ސިޓިންގރޫމްގައި ތިއްބެވެ.

"ދަރިފުޅު ކޮބައިތޯ ދެފަރަހަކު މަންމަ ބަލާލައިފިން... ކޮންތާކުން ތިއައީ...." ހުމޭދާ އެތެރެއަށް ވަނުމުން ހުމޭދާގެ މަންމަ ހަސީނާ އަހާލިއެވެ.

"އެފަރާތު ޖޯލިފަތީގައިނީ... އެއްޗެއް ކިޔާލަން... " ހުމޭދާ ބޭރަށް ދިޔަކަން ސިއްރުކުރުމުގެ ގޮތުން ބުނެލިއެވެ.

"ދެންމެ ޤާދިރުބޭ ފޯނުކުރި... ބުނި އިރުއޮއްސެން ކައިރިވެފައި ހުއްޓައި ވަރަށް ގަދަޔަށް ހުންއައިސްގެން ތެދުވަންވެސް ނުކެރިގެނޯ މިއޮތީ ... މާދަމަރޭޔޯ ރުޤްޔާ ފަށާނީ...." ހުމޭދާ އިށީނުމަށް ގޮނޑިން ތަންކޮޅެއް ދައްކަމުން ހަސީނާ ބުނެލިއެވެ.

"ރަނގަޅުވާނެ... ގިނަދުވަހު މިރަށުގައި ހުރެވޭނެއެއްނު... " ހުމޭދާއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ.

"އައްދެ.. އަވަހަށްދާށޭ ބޭނުމީ ކިޔާފަ މިހާރު ކިހިނެތް ތިވީ... " ހުމޭދާއަށް ބަލާލަމުން ހުމޭދާގެ ބޭބެ ޚާލިދު ބުނެލިއެވެ.

"މިހާރުދެން އަވަހަށް ދާހިތެއްނުވެ.. އެކަމަކު މިކަމުން ރަނގަޅުވާން ބޭނުން... ކިތަންމެ ގިނަ ދުވަހަކު މިކޮޅުގައި ހުރެގެންވެސް ރަނގަޅު ވެއްޖިއްޔާ ކިތައްމެހާވެސް ރަނގަޅެއްނު...." ހުމޭދާ އޭނާގެ މަންމަގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

"ހުމޭދާ ބޭނުމިއްޔާ ކިތަންމެ ގިނަ ދުވަހަކުވެސް މިގޭގައި ހުރެވޭނެ... އަދި ބޭނުމިއްޔާ މިއީ އަމިއްލަ ގެއެއް ކަމުގައި ދެކިގެން މުޅި އުމުރަށްވެސް މިގޭގައި އުޅެންވީ... މަގޭވެސް ފިރިހެން ދަރިއެއް އަބަހުރިވިއްޔަ..." ސަމާސާ ރާގަކަށް ނާޞިރު ބުނެލިއެވެ.

ހުމޭދާ ބަލާލީ އޭނާގެ މަންމައާއި ބޭބެގެ މޫނަށެވެ. މަންމަގެ މޫނުމަތިންވެސް އަދި ހުމޭދާގެ ބޭބެ ޚާލިދުގެ މޫނުމަތިންވެސް ފެނުނީ ހިނިތުންވުމުގެ އަސަރެވެ. އެކަމާ ހުމޭދާ ވަރަށްބޮޑަށް ހިތްހަމަ ނުޖެހުނެވެ. ނަމަވެސް ހުމޭދާއަކީ މައިންބަފައިންނަށް ކިޔަމަންތެރި އަދި ބޮޑެތި މީހުންނަށް ގަދަރުކުރާ ކުއްޖަކަށްވާތީ ހިތްހަމަ ނުޖެހިފައިހުރި ކަމުގެ އެއްވެސް ސިފައެއް ނުދައްކައެވެ.

"ނަމާދުކޮށްލަން މިދަނީ...." ހުމޭދާ ތެދުވަމުން ބުނެލިއެވެ.

ހުމޭދާ ކޮޓަރިއަށްގޮސް ނަމާދުކޮށްލައިގެން އެނދުގައި އޮށޯވެލިއެވެ. އަދި ޚާލިދުގެ އެވާހަކަތަކަށް ވިސްނާލިއެވެ. މަންމަމެން އެގޮތަށް ބޭނުންވި ކަމުގައިވިޔަސް އެއީ ހުމޭދާއަށް ކުރެވޭނެ ކަމެއް ނޫނެވެ. އެއަށްވުރެ ބޮޑަށް ހުމޭދާވަނީ ނާޝިދު ދެކެ ލޯބިވެވިފައެވެ. އަދި ނާޝިދުވެސް ހުމޭދާ ދެކެ އެހާވަރަށް ލޯބިވާކަން އެނގެއެވެ. އެހެން ނޫންނަމަ ހުރިހާ ކަމެއް ދޫކޮށްލާފައި މިއަދު ނާޝިދު ހުމޭދާ ކައިރިއަށް އެރަށަކަށް ނައިހެވެ. ކުއްލިއަށް ހުމޭދާ ބޮލުގައި ރިއްސަންފެށިއެވެ. ކަރުދޮށުގައި އަތްޖައްސާލިއިރު ކޮންމެވެސް ވަރަކަށް ހުންވެސް އައިސްފައިހުރިހެން ހީވިއެވެ. ހުމޭދާ ތެދުވީ ފެންތައްޓެއް ބޯލަން ސިޓިން ރޫމަށް ދިއުމަށެވެ. އެނދުން ތެދުވުމާއެކު ބޮލުގެ ރިއްސުންގަދަވެ ކޮޅަށް ހުންނަން ދަތިވެގެން އަރިއަޅާލައިފިއެވެ. ވެއްޓެން ދިޔަވަގުތު ހުމޭދާއަށް ހިފަހައްޓާލެވުނީ ކޮޓަރިތެރޭގައި ހެދުން އަޅުވަން ބަހައްޓާފައިހުރި ހަރުގައެވެ. އެވަގުތު އެހަރާއެކު ހުމޭދާ އަރިއަޅާލައިގެން ކޮޓަރިތެރެއަށް ވެއްޓުނެވެ. އިވުނު ބާރު އަޑުފަށްގަނޑު ބޭރުގެ ސިޓިންރޫމުގައި ތިބި ހަސީނާމެންނަށްވެސް އިވުނެވެ. އިވުނު އަޑުގެ ބާރުކަމުން ކޮންމެވެސް ކަމެއް ވެއްޖެކަން އެނގުމާއެކު ހަސީނާއާއި، ޚާލިދު ދުވެފައިކޮޓަރިއަށް ވަނެވެ. ފަހަތުން ނާޞިރުވެސް އައެވެ. ހުމޭދާއޮތީ ކޮޓަރިތެރެއަށް ވެއްޓިފައެވެ. ބޮލުގައި ދެއަތުން ހިފަހައްޓައިގެން އޮވެ ތެޅިފޮޅެނީއެވެ.

"ދަރި...ފުޅާ... ދަރިފުޅާ.... ކިހިނެތްވީ... ؟ ވެއްޓިފައި އޮތް ހުމޭދާ ކައިރީ ބިންމަތީ އިށީންނަމުން ހަސީނާ ވާހަކަ ދެއްކުމަށް މަސައްކަތް ކުރިއެވެ.

"މަން...މާ..... މަންމާ... އަހަރެންގެ ބޮލަށް ....... ބޮލަށް ހީވަނީ ކަށިތަކެއް.. ކަށިތަކެއް ހަރާހެން.. ކޮންމެވެސް މީހަކު ކަށި.. ކަށި ހަރަނީ މަންމާ... ވަރަށް ތަދުވޭ... " ރޮމުން ރޮމުން ހުމޭދާ ވާހަކަ ދެއްކިއެވެ.

"މަގޭ ދަރިފުޅު... މަގޭ ދަރިފުޅަށް ކިހިނެތްތަ މިވަނީ.. ހުންވެސް އެހާގަދަ... " ބިންމަތިން ހުމޭދާ ނެގުމަށް މަސައްކަތް ކުރަމުން ހަސީނާ ރޮމުން ރޮމުން ބުނެލިއެވެ.

ޚާލިދުވެސް ހުމޭދާގެ ދެއަތުގައި ހިފަހައްޓައިގެން ބިންމަތިން ނެގޭތޯ މަސައްކަތް ކުރިއެވެ. އޭރުވެސް ހުމޭދާ ބޮލުގައި ދެއަތް އަޅައިގެން ރޮމުން ގެންދެއެވެ. އެއަޑަށް ނާޞިރުގެ އަންހެނުން ޒާހިރާ އާއި ޢާއިޝާވެސް ކޮޓަރިއަށް އައިސްވަނެވެ. ހުރިހާ މީހުންގެ އެހީއާއެކު ހުމޭދާ ބިންމަތިން ނަގާ އެދުގައި ބޭއްވިއެވެ. އޭރުވެސް ހުމޭދާ ރޮމުން ތެޅިފޮޅެނީއެވެ.

"މަންމާ..... މަންމާ.. އަހަރެންގެ ބޯ.. ކަށިތަކެއް ހަރަނީ... މަންމާ... " ހުމޭދާ ބޮލުގައި ހިފަހައްޓައިގެން އެނދުމަތީގައި ތެޅިފޮޅެނީއެވެ.

"ކޮންމެވެސް ގޮތެއްވޭތޯ ޤާދިރުބޭ އާއި ގުޅޭތޯ ބަލަންވީނު... " ޚާލިދު، ނާޞިރާދިމާއަށް ބަލާލަމުން ބުނެލިއެވެ.

"އާން... ޤާދިރާ ގުޅޭތޯ މިބަލަނީ..." ފޯނު ނަގައިގެން ބޭރަށް ނިކުންނަމުން ނާޞިރު ބުނެލިއެވެ.

"ދަރިފުޅާ... ދެން ނުރޮއި... އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ރަނގަޅުވާނެ.... ނާޞިރުބޭ އެދިޔައީ ޤާދިރުބޭ އާއި ގުޅޭތޯ... " ހުމޭދާގެ ބޮލުގައި ފިރުމަމުން ހަސީނާ ބުނެލިއެވެ.

"ޤާދިރުބޭވެސް ވަރަށް ގަޔަށް ހުންއައިސްގެން ތެދުވަންވެސް ނުކެރިގެންނޯ... ބުނި ފެންފޮދެއް ކިޔަވާލާފަ ވަރަށް އަވަހަށް އެބަފޮނުވަމޯ..." ކޮޓަރިތެރެއަށް ވަންނަމުން ނާޞިރު ބުނެލިއެވެ.

"މަންމާ.. ހޮޑުލަވަނީ... ހޮޑުލަވަނީ.... " ހުމޭދާ އެނދުން ތެދުވަން މަސައްކަތް ކުރިއެވެ.

"ދޭބަލަ އަވަހަށްގޮސް ފާހާނާގައި ހުރި ތަށި ހިފައިގެން އަންނަން... " ޢާއިޝާ އާއި ދިމާއަށް ބަލާލަމުން ހަސީނާ ބުނބެލިއެވެ.

ޢާއިޝާ ފާހާނާއާއި ދިމާއަށް ދުއްވައިގަތެވެ. ބޭރުން ބޮކި ދިއްލާލުމަށް ސްވިޗް އޮންކޮށްލުމަށްފަހު ކުއްލިއަކަށް ފާހާނާގެ ދޮރުހުޅުވާލިއެވެ. ބޮތްކެއް ނުދިއްލުނެވެ. ބޮކި އެނދީކަންނޭގެއެވެ. ފާހާނާ ތެރެއަށްވަދެ ތަށި ހޯދުމަށްޓަކައި އަތުގައި އޮތް ފޯނުގެ ލައިޓް ދިއްލާލިއެވެ. ލައިޓް ދިއްލާލުމަށްފަހު ތަށި ނަގަން ގުދުވެލީ ވަގުތު ފާހާނާ ތެރެއަށް ޢާއިޝާ ވެއްޓުނެވެ. ހީވީ މީހަކު ފަހަތުން ކޮށްޕާލިހެންނެވެ. އެވަގުތު ފާހާނާގެ ފެންލައިޓުން އެތެރެއަށް އަލިފާން ގަނޑެއް ފައިބައިގެން ދިޔައެވެ. ލޯ ހުޅުވާލާންވެސް އުދަނގޫވާ ވަރަށް ފާހާނާތެރެ އޮތީ އަލިވެފައެވެ. ތަށި ހިފައިގެން ޢައިޝާ ތެދުވިއިރު ކުރިމަތީގައިހުރީ ކަޅުބޮޑު މީހެކެވެ. ބޮޑުކަމުން އޭނާގެ ބޯ ސީލިންގ ގައި ޖެހެއެވެ. މުޅި ހަށިގަނޑުން ދަވަތަކެއް ފާޑު އެއްޗެއް ފައިބަފައިބާ ހުއްޓެވެ. އަނގަމަތިންވެސް ލޭ ފާޑުގެ އެއްޗެއް ފައިބަފައިވާ ހުއްޓެވެ. ޢާއިޝާ އަށް ބިރުންގޮސް ހަޅޭއްލަވައިގަނެވުނެ. އަދި ހުރިތަނަށް ވެއްޓުނެވެ. ޢާއިޝާގެ ހަޅޭކުގެ އަޑަށް ނާޞިރު ދުވެފައިގޮސް ފާހާނާ ތެރެއަށް ވަނެއެވެ. އޭރު ފާހާނާގެ ބޮކިހުރީ ދިއްލިފައެވެ. ޢާއިޝާ އޮތީ ޚަބަރު ހުސްވެގެން ފާހާނާ ތެރެއަށް ވެއްޓިފައެވެ. ފާޚާނާ ތެރޭގައި އިތުރު އެއްވެސް ކަމެއް ފެންނާކަށް ނެތެވެ. ޢާއިޝާ ވެއްޓި ޖެހުނުލެއް ބާރުކަމުން ބޯ އޮތީ ފެޅިފައެވެ. ފާހާނާ ތެރެއަށް ލޭތައް ފައިބަމުންދިޔައެވެ.

"ޢާއިޝާ ކައްސާލައިގެން ވެއްޓި ބޯފަޅައިގެން ގޮއްސަ މިއޮތީ.. އެމްބިއުލަންސަށް ގުޅާބަލަ އަވަހަށް.... " ޢާއިޝާ ނެގުމަށް މަސައްކަތް ކުރަމުން ނާޞިރު ގޮވާލިއެވެ.

ޚާލިދު އެވަގުތު ދުވެފައި ފާހާނާ ކައިރިއަށް އައެވެ. އޭރު ޚަބަރު ހުސްވެފައިއޮތް ޢާއިޝާ ނަގައިގަނެގެން ނާޞިރު ފާހާނާ ތެރެއިން ނުކުންނަނީއެވެ.

"އެމްބިއުލަންސަށް ގުޅާބަލަ... " ޚާލިދު ފެނުމުން ނާޞިރު ބުންޏެވެ.

ޚާލިދު އަވަސް އަވަހަށް އެމްބިއުލަންސަށް ގުޅުމަށްފަހު ފޮތިގަނޑެއް ހިފައިގެން އައިސް ޢާއިޝާގެ ބޮލުގައި އޮޅާލިއެވެ. އޭރުވެސް ކޮންމެވެސް ވަރަކަށް ބޮލުން ލޭފައިބަމުން ދިޔައެވެ.

"ވަރަށްބޮޑަށްތަ ފެޅިފައޮތީ.... ކިހިނެތްތަވީ... " ބޮލުގައި ފޮތިގަނޑު އޮޅަމުން ޚާލިދު ސުވާލު ކުރިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 12 އޮކްޓޯބަރ، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް