ވާހަކަ: އަބަދުވެސް އިންތިޒާރު ކުރާނަން – ފުރަތަމަ ބައި

ދުވަހުގެ އިރުއޮއްސެމުންދިޔައިރު އުޑުމަތިން ފެންނަމުންދިޔަ ރަތްވިލާތަކަށް ބަލަހައްޓައިގެން ރަސްފަންނުގެ ޖޯއްޔެއްގައި ނާޝިދު އިނީ ފުން ހިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. އިރުއޮއްސުމާއެކު ރަސްފަންނުގައި ކ...

29 Aug 2023 | 06:52

ދުވަހުގެ އިރުއޮއްސެމުންދިޔައިރު އުޑުމަތިން ފެންނަމުންދިޔަ ރަތްވިލާތަކަށް ބަލަހައްޓައިގެން ރަސްފަންނުގެ ޖޯއްޔެއްގައި ނާޝިދު އިނީ ފުން ހިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. އިރުއޮއްސުމާއެކު ރަސްފަންނުގައި ކުޅެން އުޅުނު ކުޑަކުދިންތައްވެސް މަދުވަމުން ދިޔައެވެ. އުޑުމަތިން ފެންނަމުންދިޔަ ރަތްވިލާތައް މަޑުމަޑުން ކަޅުވިލާތަކަށް ބަދަލުވެ އުޑުމަތި ބައްދަމުންގޮސް މާހައުލަށް ތެތްފިނިކަން ފެތުރެމުންދިޔައެވެ. ވައިރޯޅިވެސް ދިޔައީ ބާރުވަމުންނެވެ. ހީވަނީ ދެންމެ ދެންމެ ވާރޭ ވެހެންފަށާފާނެހެންނެވެ. ނަމަވެސް ނާޝިދަށް މިއިން އެއްވެސްކަމެއް އިޙްސާސްވާ ހެނެއް ހީއެއްނުވެއެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ ކުރިމަތިން ފެންނަންއޮތް ވިލިނގިއްޔާ ދިމާއަށެވެ. މާގިނަ އިރުތަކެއްނުވެ ނާޝިދުގެ ލޮލަށް ކަރުނަތައް ޖަމާވާންފެށުމުން މަޑުމަޑުން ދެލޯ މަރާލުމާއެކު ލޮލުން ފޭބި ކަރުނަތައް ދެއަތުން ފޮހެލުމަށްފަހު ނާޝިދުގެ ކަނާއަތުގެ ކަށިއިނގިލީގައި އަޅާފައިވާ ރިހި އަނގޮޓިއަށް ބަލާލިއެވެ. އެވަގުތު އަނެއްކާވެސް ނާޝިދުގެ ލޮލުން ކަރުތައް ފައިބަންފެށުމާއެކު ނާޝިދަށް ދެލޯމަރާލެވުނީ އޭނާގެ މާޒީގެ ހަނދާންތައް އާވާން ފެށުމުންނެވެ. މެރިގެންދިޔަ ދެލޮލުގެ ތެރެއިން ނާޝިދަށް އޭނާގެ މާޒީގެ އެކިއެކި މަންޒަރުތައް ސިފަވާން ފެށިއެވެ.

އެއީ މީގެ ތިންއަހަރު ކުރިއެވެ. ހިތްގައިމު ހަވީރެކެވެ. ވިލިނގިލީގެ ހިތްގައިމު އަތިރިމަތީގައި ހުރި ޖޯއްޔެއްގައި ނާޝިދު އިށީނދެލައިގެން އިނީ މޫދުގައި ސަރަކާތްޖަހަމުންދާ ތަފާތު އުމުރުފުރައިގެ މީހުންނާއި ކުދިންނަށް ބަލަހައްޓައިގެންނެވެ. ދޮންވެލިގަނޑުގެ މައްޗަށް ބީއްސާލަމުންދާ ރާޅުން މަޑުމަޑު މިޔުޒިކެއްގެ އަޑު މުޅި މާހައުލަށް ފެތުރިފައިވެއެވެ. ނާޝިދު އިނީ އޭނާގެ އެކުވެރި ރާއިދުގެ އިންތިޒާރުގައެވެ. ނާޝިދުއާއި ރާއިދު އަކީ ވަރަށް ކުޑައިރުންސުރެ ދެ ރަޙްމަތްތެރިންނެވެ. ގްރޭޑް ހަތަކުން ފެށިގެން ސްކޫލް ނިމެންދެން އެއް ކްލާހެއްގައި ކިޔަވަމުންދިޔަ ދެ އެކުވެރިންނެވެ. މާގިނައިރުތަކެއް ނުވެ ރާއިދު އަތުވެއްޖެއެވެ.

"ހާދަލަހުން ތިޔައީ.. މިހާރު ހަތަރުގަޑިބައި އެވަނީ... ހަތަރެއް ޖަހާއިރަށް ގަޑިކިޔާފަ" ނާޝިދު ފޯނަށް ބަލާލުމަށްފަހު ޝަކުވާގެ ރާގެއްގައި ބުނެލިއެވެ.

"ސާބަސް..... މާގިނައިރެއް ނުވެއެއްނުއަދި.. ހިނގާ ދަމާ... " ނާޝިދުގެ ބުރަކަށީގައި ޖަހާލުމަށްފަހު ރާއިދު ބުނެލިއެވެ.

"އިނގޭތަ މާދަން މީ ކޮން ދުވަހެއްކަން" ނާޝިދު ތެދުވަމުން ބުނެލިއެވެ.

"މާދަމާ މީ އަންގާރަ ދުވަސް... ޖުލައި މަހުން އަށާވީސް ވަނަ ދުވަސް.. ކިހިނެއްވީ" ރާއިދު ހެވިފައިބުނެލިއެވެ.

"ހޫން... ޖުލައި އަށާވީހަކީ ކޮންދުވަހެއްކަން ހަމަ ހަނދާނެއްނެތްދޯ.. އޯކޭ ހަނދާން ނެތަސް.. ހިނގާބަލަ މާލެއަށް ގިފްޓެއް ގަންނަން... " ނާޝިދު ހީލާފާބުނެލިއެވެ.

"އޯ އޯ.... މާދަން ހުމޭގެ އުފަންދުވަސްދޯ... މަ ހަނދާނެއްވެސް ނެތް.. ހިނގާދާން.. މަވެސް ގިފްޓެއް ގަންނަންވާނެއެއްނު ދޯ..." ސަމާސާ ރާގަކަށް ރާއިދު ބުނެލިއެވެ.

ނާޝިދު ހުމޭދާ އާއި ފުރަތަމަ ބައްދަލުވީ ކޮލެޖުންނެވެ. އެދުވަސް އަދިވެސް ނާޝިދު ހަނދާން އެބަހުއްޓެވެ. ކޮލެޖްގެ ގޯތިތެރޭގައި ބަހައްޓާފައިހުރި މޭޒެއްގެ ދޮށުގައި ނާޝިދު އިނީ ފިލާވަޅެއް ހަދާށެވެ. ކުއްލިއަކަށް ނާޝިދުގެ ނޭފަތުގައި ޖެހުނީ ގުޑްގާރލް ސެންޓްގެ މީރުވަހެވެ. ނާޝިދު ފިލާވަޅު ހަދަން އިނުމަށްފަހު އެ ވަސް ދުވުމާއެކު އިސްއުފުލާ ބަލާލިއެވެ. އެވަގުތު ކައިރިން ހިނގާފަ ދިޔަ އަންހެން ކުއްޖާގެ ދޯފައްޓާ ވަޔާ ވިހުރެމުންގޮސް ނާޝިދުގެ މޫނުގައި ހޭކިލިއެވެ. އެ ދޯޕައްޓާއިންވެސް ދުވީ ހަމަ ގުޑްގާރލްގެ މީރުވަހެވެ. އޭގެފަހުން ފާއިތުވެގެންދިޔަ ފަސްމަހެއްހާ ދުވަހުގެ ތެރޭގައި ކޮލެޖް ތެރެއިންނާއި ކޮލެޖްގެ ބޭރުން ދިމާވެ ނާޝިދާއި، ހުމޭދާގެ އެކުވެރިކަންވަނީ ވަރަށްބޮޑަށް ބަދަހިވެފައެވެ. ކޮންމެ ދުވަހަކު ކޮލެޖުން ދިމާވުމާއި، ހުސްވަގުތު އެކުގައި ތަފާތު ވާހަކަތައް ދައްކަން ތިބުމާއި އެކުގައި ސައިބޯން ދިޔުންފަދަ ކަންކަން ކުރަމުންދިޔައެވެ. އަދި ބައެއް ފަހަރު ރާއިދުވެސް އެކުގައި ދެއެވެ. މިހެން އުޅުމުގެ ތެރޭގައި ނާޝިދުގެ ހިތުގައި ހުމޭދާއަށް ޚާއްޞަ މަގާމެއް ދެވެން ފެށުނީ ކީއްވެކަމެއް ހުދު ނާޝިދަކަށްވެސް ނޭގެވެ. ހުމޭދާ އާއެކު ގިނަ ވަގުތުތައް ހޭދަކުރަން ނާޝިދު ބޭނުންވާން ފެށިއެވެ. ހުމޭދާގެ ހިޔާލުގައި ބައެއް ރޭރޭގެ ނިދި ގެއްލޭން ފެށިއެވެ. މިވާހަކަތައް ނާޝިދު ކިޔާދިނީ ހަމައެކަނި އޭނާގެ އެކުވެރި ރާއިދަށެވެ. ހުދޭމާއަކީ އަޚްލާޤު ރަނގަޅު، މަޑުމައިތިރި އަދި ނާޝިދާ ވަރަށް ގުޅޭ ކުއްޖެއް ކަމަށާއި، ތި ގުޅުން ލޯބީގެ ގުޅުމަށް ބަދަލު ކުރުމަކީ ރަނގަޅު ކަމެއް ކަމުގައި ރާއިދު ބުނަމުން ގެންދިޔައެވެ. ނާޝިދު ހުމޭދާއަށް ލޯބި ހުށަހަޅާނެ ރަނގަޅު ވަގުތަކަށް ބަލަބަލާ ހުއްޓާ ހުމޭދާއަށް ވިހި އަހަރުފުރޭ އުފަންދުވަހު ލޯބި ހުށަހެޅުމަށް ޚިޔާލުދިނީވެސް ރާއިދުއެވެ. ޖުލައި އަށާވީސް ވަނަ ދުވަހަކީ ހުމޭދާގެ ވިހި ވަނަ އުފަންދުވަހެވެ.

ކެތްތެރިކަމެއްނެތި ނާޝިދު އިންތިޒާރު ކުރަމުން އެދަނީ ދަންވަރު ބާރަ ޖަހާނެ ވަގުތަކަށެވެ. ހުމޭދާގެ ވިހި ވަނަ އުފަންދުވަހު އެންމެ ފުރަތަމަ އުފަންދުވަހުގެ ތަހުނިޔާ ކިޔާމީހަކަށް ނާޝިދުވާން ބޭނުމެވެ. އަދި ލޯބި ހުށަހެޅުމަށްވެސް ނާޝިދު ބޭނުންވެއެވެ. ގަޑިން ދިހައެއް ޖެހީންސުރެ ބާރަޖަހާނެ ވަގުތެއްގެ އިންތިޒާރުގެ ނާޝިދު އެނދުގައި އޮށޯވެލައިގެން އޮތެވެ. އިރުއިރުކޮޅާ ފޯނުން ގަޑި ބަލާލައެވެ. މިރޭ ގަޑިހިނގަނީވެސް މާލަހުން ކަމުގައި ނާޝިދަށް ހީވާކަހަލައެވެ. ކުއްލިއަކަށް ނާޝިދު ސިއްސައިގެން ގޮސް ގަޑިއަށް ބަލާލިއެވެ. ބާރަގަޑި ދެމިޓް ހިގަނީއެވެ. ބާރަޖަހާނެ ވަގުތެއްގެ އިންތިޒާރުގައި އޮއްވާ ނާޝިދަށް ނިދުނީއެވެ. އަވަސް އަވަހަށް ފޯނުނަގާ ހުމޭދާގެ ނަންބަރަށް ގުޅާލިއެވެ. ހުމޭދާގެ ފޯނު ބިޒީއެވެ. ދެވަނަ ފަހަރަށްވެސް ނާޝިދު ހުމޭދާއަށް ގުޅާލިއެވެ. ފޯނު ބިޒީއެވެ.

ނާޝިދު ވަރަށްބޮޑަށް މާޔޫސްވެއްޖެއެވެ. އެންމެ ފުރަތަމަ އުފަންދުވަހުގެ ތަހުނިޔާ ކިޔަން ތައްޔާރުވެގެން ހުއްޓާ އެފުރުޞަތު ގެއްލުނު ކަމުގެ އިޙްސާސް ނާޝިދަށް ކުރިއެވެ. އަނެއްކާވެސް ހުމޭދާއަށް ގުޅޭތޯ ނާޝިދު މަސައްކަތް ކުރިއެވެ. މިފަހަރު ފޯނު ރިންވާން ފެށިއެވެ.

"ވަރަށް އުފާވެރި އުފަންދުވަހަކަށް އެދެން" ހުމޭދާ ފޯނު ނެގުމާއެކު ނާޝިދު ބުނެލިއެވެ.

"ޝުކުރިއްޔާ.... ހުމޭ ހީކުރީ އެންމެ ފުރަތަމަ ހުމޭއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާނީ ނާޝިދުކަމަށް" ހުމޭދާ ޝަކުވާކޮށްލިއެވެ.

"ހުމޭ.. ވަރަށްބޮޑަށް ސޮރީ.. އެންމެ ފުރަތަމަ ތަހުނިޔާ ކިޔާށޭހުރީ... އެކަމަކު... ގުޅިއިރު ފޯނު އެންގޭޖުވެފަ ހުރީ... ކާކު އެންމެ ފުރަތަމަ ވިޝްކުރީ" އެންމެ ފުރަތަމަ ވިޝްކުރީ ކާކުތޯ ބެލުމަށް ނާޝިދު ބޭނުންވިއެވެ.

"ބާރަޖެހިއިރު ކްލާސް ކުއްޖަކު ގުޅާފަ ވިޝްކޮށްފި... ކުޑައިރުކޮޅަކު ވާހަކަދައްކާލަން ހުރެވުނީ... ބަރާބަރު ގަޑިއަށް ވިޝްކުރާނީ ވަރަށް މުހިންމު މީހުންނޭ ބުނެއެއްނުދޯ..... ނާޝިދަށް ތިގުޅުނީ ދެވަނައަށް" ހުމޭދާ މަޖާރާގަކަށް ބުނެލިއެވެ.

ހުމޭދާގެ އެޖުމްލައިން ނާޝިދަށް ކޮންމެވެސް ވަރަކަށް އަސަރުކުރިއެވެ. އަދި ނާޝިދު ނިންމައިގެން ހުރި ގޮތަށް އެވަގުތު ހުމޭދާއަށް ލޯބި ހުށަހެޅުމަށް ކޮންމެވެސް ވަރަކަށް ޖެހިލުންވިއެވެ. ނަމަވެސް ނާޝިދު ވާހަކަ ދައްކަން ފެށިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 31 އޯގަސްޓް ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް