"ހުއްޓާލާ ދޮންބޭ.. އަހަރެންނަށް ވަރަށް ކެތްކުރެވިއްޖެ.. އިޒާންއާ ދެކޮޅަށް ދެން އެންމެ ބަހެއް ބުންޏަސް އަހަރެން މިގެއިން ނިކުމެގެން ދާނަން.. އިޒާން ދުވަހަކުވެސް ދޮންބެއާ ދެކޮޅަށް އަހަރެން ކައިރީ ވާހަކައެއް ނުދައްކާ.. އަބަދުވެސް ނަސޭހަތް ދިނީ ދޮންބެއާ ގުޅިގެން އުޅުމަށް.. އަހަރެންނަކަށް ނޭނގޭ ދޮންބެ ތިހާވަރަށް އިޒާންއާ ޖައްސާލައިގެން ތިއުޅެނީ ކީއްވެކަމެއް.." ނައުރާ ބުންޏެވެ. އަހަރެން ހުރީ އެތެރެއިން ހީނލަހީލައެވެ.
"ނައުރާއަށް ރަނގަޅަށް އެނގޭނެ އަހަރެން އަބަދުވެސް މަސައްކަތް ކުރީ ނައުރާއަށް ނައުރާގެ ލޯބި ހޯދައިދޭންކަން.. އެކަމަކު މިހާރު ދެން ދޮންބެ މިހެން ކިޔާނީ އޭގެ ފަހަތުގައި ކޮންމެވެސް ސަބަބެއް އޮތީމައެއްނު.." ނިމާލް ބުންޏެވެ. " އިޒާން އެއުޅެނީ އަހަރެމެންގެ ކިބައިން ބަދަލު ހިފަންވެގެން.."
ނިމާލްގެ ފަހު ޖުމްލައާއެކު އަހަރެން ސިހިފައި ބަލާލީމެވެ. ޒުވާބުކުރަން ހަދައިގެން އަހަރެންގެ ކުރިމަތީގައި އެދެމީހުން އެއުޅެނީ އަމިއްލައަށް ބޭޒާރުވާން ބާއޭ ހިތަށް އެރިއެވެ. ނައުރާގެ މޫނަށް ވާގޮތެއް ބެލުމަށްޓަކައި އަހަރެން އޭނާގެ މޫނަށް ބަލާލީމެވެ. އެހިނދު އޭނާގެ މޫނުމަތިން ފެނުނީ ހައިރާން ކަމެވެ. ނުވަތަ ހައިރާންކަން މޫނުމައްޗަށް ވެރިކުރުވީއެވެ. ފަޅާއަރާފާނެ ކަމަށް އަވަހަށް ވާހަކަ އޮޅުވައިލުމުގެ ގޮތުންނެވެ.
"ބަދަލޭ... ކޮންބަދަލެއް.. އިޒާން ދޮންބެއަތުން ހިފަންޖެހޭ ބަދަލެއް އެބައޮތްތަ.. ބުނެބަލަ އިޒާން.. އެވަރުގެ ކޮންކަމެއް ދޮންބެ އިޒާންއަށް ކުރީ.. " ނައުރާ އަހަރެންނަށް ބަލައިލަމުން ބުންޏެވެ. އެހިނދު ހިތު ހުރިހާ ވާހަކައެއް އެމީހުންނަށް ގޮވާލަން އަހަރެންގެ ހިތަށް އެރިއެވެ. އެހެނަސް އަހަރެން ކެތް ކުރީމެވެ. މިވަގުތު އެ ވާހަކަތައް ގޮވާލައިފިނަމަ އަހަރެން ހިފަން އުޅޭ ބަދަލެއް ފުރިހަމައެއް ނުވާނެއެވެ. އެހެންވެ އަހަރެން ދެފަރާތަކަށް ބޯހޫރައިލީމެވެ. ނައުރާ ބޭނުންވާނެހެން އަހަރެން ބޭނުންވީ ހުރިހާ ކަމެއް ނައުރާއަށް އެނގޭކަން އެއީ އަހަރެންނަށް ނޭނގޭ ކަމެއް ގޮތުގައި ބޭއްވުމަށެވެ. އަހަރެންނަށް ވާހަކަ ނުދެއްކިގެން އުޅެނިކޮށް ނިމާލްގެ ފޯނު ރިންގުވާން ފެށިއެވެ. އެކޮޅުން ވާހަކަ ދެއްކީ އޭނާގެ ކޮންމެވެސް ރަހުމަތްތެރިއެއްކަން އެނގުނީ މިދަނީއޭ ބުނެ ފޯނު ކަނޑައިލުމުންނެވެ.
"އަހަރެން އެނބުރި އައިސް ބޭނުން ނައުރާއާ އެކަނި ބައްދަލުކޮށް ވާހަކައެއް ދައްކަން.. މިހާރު ހުރެވޭކަށް ނެތް.. އެހެންވީމަ މިވަގުތު މިދަނީ... އިޒާން ހަނދާންކުރާތި!! ހަމަޖެހިލައިގެން މިގޭގަ ހުރެވޭނެ މަދު ދުވަސްކޮޅުގެ ކައުންޓްޑައުން ފަށާ... " މިހެން ބުނެ އަހަރެންނަށް ލޯ އަޅައިލަމުން ނިމާލް ހިނގައިގަތެވެ. ނައުރާ ޖަވާބު ދޭން އުޅުމުން އޭނާގެ އަތުގައި ހިފާ ހުއްޓުވީ އަހަރެންނެވެ. ހަމަޖެހޭށޭ ބުނަމުން އަހަރެން ނައުރާގެ ގެނެސް އަހަރެންގެ މޭގައި ޖައްސާލީމެވެ. އެހިނދު ނައުރާ ގަދަކަމުން އަހަރެންނާ ދުރުވެލިއެވެ. އޭނާ އަހަރެންނަށް ދިނީ ސީރިއަސް ނަޒަރެކެވެ.
"އަޅެ އިޒާން ދޮގު ނުހަދާ ބުނެބަލަ.. ދޮންބެއާ އިޒާންއާ ދެމެދު އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގިތަ؟ އިޒާން ބަދަލުހިފަންޖެހޭ ވަރުގެ ކަމެއް ދޮންބެ ކުރިތަ..؟ ބުނެބަލަ ޕްލީޒް.. " ނައުރާ އެހިއެވެ.
"އާނ! ކަލެއާ ކަލޭގެ ދޮންބެގެ ކިބައިން އަހަރެން ބަދަލު ހިފަން ބޭނުންވޭ.. އިރާދަކުރެވިއްޔާ ބަދަލު ހިފާފައި އަހަރެން ހުއްޓާލާނީ.. ހުރިހާކަމެއް އެނގިހުރެ ނޭނގޭކަމަށް ހެދެނީ ކަން އަހަރެންނަށް އެނގޭ.. ކަލޭމެން ދެމީހުން ވެގެން އަހަރެންގެ މުޅި ދިރިއުޅުން ހަލާކުކޮށްލައިފި.. އަހަރެންނަށް މަލާމަތްކުރަންތަ އެވަރަށް ތި އަހަނީ ބަދަލުހިފަންޖެހޭ ކަމެއްވިހޭ.. ކުޅިބަލަން ހުރޭ.. އަހަރެންގެ ބަދަލު ކާމިޔާބުވާ ދުވަހަކުން އަހަރެންވެސް އަހާނަން ބަދަލުހިފަން ޖެހުނީ ކީއްވެހޭ.. އެދުވަހު ތެދުތެދަށް ޖަވާބު ދެވޭނެތަ؟ " މިހުރިހާ ވާހަކަތަކެއްވީ އަހަރެންގެ ހިތުގައެވެ. ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން ނައުރާގެ ދެކޯތާފަތުގައި ހިފަހައްޓާލީމެވެ.
"އެއްވެސް ކަމެއް ނުވެޔޭ... ނޭނގެ ނިމާލް އެދައްކަނީ ކޮންވާހަކައެއް ކަމެއް... ދެން މިއަދު މޫޑު ހަރާބުކުރަން ނޫޅެބަލަ.. މިއަދު މީ އަހަރެންނަށް ވަރަށް މުހިންމު ދުވަހެއް.. އެއީ އަހަރެން އެންމެ ލޯބިވާ ފަރާތާއެކީ ހޭދަ ކުރެވޭތީ.. މިރޭ ވާނެ ހަނދާނުން ފޮހެލަން ދަތި ރެއަކަށް ހަދަން.. ދޯ؟ " އަހަރެން ދިން ދޯ އާއެކު ނައުރާގެ ތުންފަތަށް ލަދުރަކި ހިނިތުންވުމެއް ވެރިވި ހިނދު އެދޮން ކޯތާފަތަށް ޖަންބުކުލަ އަރައިގެން ދިޔައެވެ. ފިރިހެނުންގެ ހިތަށް ޔަގީނުންވެސް ފިދާވާނެ ފަދަ ރީތިކަމެކެވެ. ދޮގެއް ނުލާ ބުނަންޏާ އެވަގުތު ހިނދުކޮޅަކަށް ނަމަވެސް އަހަރެންގެ ހިތް ނައުރާގެ ރީތިކަމަށް ތައުރީފުކޮށްލިއެވެ. އެކަމާ ހުރެ އަހަރެންގެ އަމިއްލަ ނަފްސަށް ކުދިވެސް ކިޔައިލެވުނެވެ. ނައުރާ އެއީ އަހަރެންގެ އެންމެ ބޮޑު ދުޝްމިނުކަން އަމިއްލަ ނަފްސަށް ވިސްނައިދިނީމެވެ.
"ކިހާއިރަކު ފުރުން އޮތީ... " އަހަރެން އެހީމެވެ.
"ދެގަޑިއިރު ފަހުން.. އަސްލު ވާހަކައެއް ބުނަންވެގެން އައީ... އެބައަންނަން ބޭރަށް ގޮސްލާފައި... ވަރަށް އަވަހަށް އަންނާނަން..." ނައުރާ އެހެން ބުނެލީ ހުއްދަ ހޯދާ ފަދައަކުންނެވެ.
"އެއީ އަނެއްކާ.. އަހަރެންވެސް ދަންތަ ނައުރާއާއެކު... " އަހަރެން ބުނެލީމެވެ. ނައުރާ އަވަސް އަވަހަށް ނޫނެކޭ ބުނެލިއެވެ. އެވަގުތު ނައުރާގެ މޫނުމަތިން ޖެހިލުންވުން އަހަރެން ދުށީމެވެ. ކޮންމެވެސް ކަމެއް އަހަރެންނަށް ފޮރުވަން އުޅޭ ފަދައަކުން ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވިއެވެ.
"ކިހިނެއްވީ.. އިޒް އެވްރިތިންގް އޯކޭ..؟ " ކަންބޮޑުވާކަމަށް ހެދެމުން އަހަރެން އެހީމެވެ. ނައުރާ ބޯޖަހައިލިއެވެ.
"ހުރިހާ ކަމެއްވެސް ރަނގަޅޭ އިޒާން... އެކޮޅުގައި ކިޔަވަން އުޅުނުއިރުގެ ކްލާސްމޭޓެއް މިކޮޅަށް އައިސްފައި ހުރީމަ އޭނައާ ބައްދަލިކޮށްލަން މިދަނީ.. އޭނަ މާދަން ފުރާނެ.. އެހެންވެ ފުރުމުގެ ކުރިން ބައްދަލުކޮށްލަން މިދަނީ.." ނައުރާ ބުންޏެވެ. އަހަރެންނަށް އެވާހަކަތައް ޤަބޫލުކުރަން ފަސޭހައެއް ނުވިއެވެ. އެބުނީ ތެދަކަށް ވާނަމަ ކޮންމެހެނެއްވެސް އަހަރެންނާ ބައްދަލުކުރުވާނެއެވެ. ފޮނިކެނޑޭނީ އޭރުންތާއެވެ. ނައުރާ ކޮންމެވެސް ރޭވުމެއް ރާވަނީކަން އަހަރެންނަށް ޔަގީންވިއެވެ. އެއީ ކޮން ރޭވުމެއްކަން އެނގެން އަހަރެން އިންތިހާއަށް ބޭނުންވިއެވެ. އެފަދަ ވިސްނުމެއްގައި ހުއްޓާ ނައުރާ ނިކުމެގެން ގޮސްފިއެވެ. އޭނާގެ ފަހަތުން ފާރަލަމުން ދާން ހިތަށް އަރާފައިވެސް އަހަރެން އެހިޔާލު ދޫކޮށްލީމެވެ. އެއަށްވުރެ މުހިންމުކަމެއް ކުރަންވެފައި އޮތުމުންނެވެ.
ކޮޓަރިއަށް ވަދެ ދޮރގައި ތަޅުލީމެވެ. އެންމެ އަލަމާރި ހުޅުވާލުމަށްފަހު އޭގެ ތެރޭގައި ހުރި ކަބަޑުގެ ތަޅަށް ތަޅުދަނޑި ލައްވައިލުމަށްފަހު އަނބުރާލީމެވެ. ފަސޭހައިން ހުޅުވިގެން ދިޔައީ ކަބަޑުން އަހަރެން ނެގީ ކުޑަ ސޭފެކެވެ. ސޭފްގެ ކޯޑު ޖެހުމަށްފަހު އަހަރެންގެ ގެންގުޅޭ އަނެއް ފޯނު ނެގީމެވެ. މެސެޖް ބައި ހުޅުވާލުމަށްފަހު މަސެޖެއް ލިޔަން ފެށީމެވެ.
"ނިމާލްއަކީ ޒުހުދާ ތިހީކުރާކަހަލަ ވަފާތެރި ފިރިހެނެއް ނޫން.. އަހަރެންނާއި ޒުހުދާ ފަދައިން އޭނަ ދަނީ އެތަކެއް އަންހެނުންގެ ހަޔާތް ބަރުބާދު ކުރަމުން.. ނިމާލް ކަހަލަ ފިރިހެނަކު ޒުހުދާއަށް ޑިޒާވްއެއް ނުވޭ.. ހަޤީޤަތް އެނގެން ބޭނުމިއްޔާ ނިމާލް އެދިޔަ ރިސޯޓަށް މިރޭ އާދޭ.. އޭރުން ޒުހުދާއަށް ހުރިހާ ހަޤީޤަތެއް އެނގިދާނެ.. " މެސެޖް ލިޔެލުމަށްފަހު ޒުހުދާއަށް ފޮނުވީމެވެ. ޒުހުދާގެ ޖަވާބުގެ އިންތިޒާރު ދެކޮޅަށް ހިނގާލަ ހިނގާލާ އަހަރެން ހުރީމެވެ. ފަނަރަ މިނިޓް ފާއިތުވެގެން ދިޔައިރުވެސް ޖަވާބެއް ނައެވެ. ވަރުބަލިވެގެން އެނދުގައި އިށީނީމެވެ. އެގޮތުގައި ދިހަ މިނެޓް ހޭދަވެއްޖެއެވެ. ޖަވާބެއް ނައެވެ. ނައުރާ އައިސްދާނެތީ އަހަރެން އިރުއިރުކޮޅާ ދޮރަށް ބަލައިލަމެވެ. އެހެން އިނދެލާފައި އަނެއްކާވެސް އޮށޯވެލީމެވެ. މޭމަތީގައި އޮތް ފޯނުން ބީޕެއް އިވުނީ އެހެން އޮންނަތާ އިރުކޮޅެއް ފަހުންނެވެ. ފުންމައިގެން ތެދުވެ ފޯނު ނަގާ މެސެޖް ހުޅުވައިލީމެވެ.
"ތީ ކާކު..." މެސެޖްގައި އޮތެވެ. އަހެރެން ޖަވާބު ލިޔަން ފެށިތަނުން ދޮރުގެ ތަޅުގައި ކޮންމެވެސް މީހަކު ހިފައިފިއެވެ. ހަމައިރުކޮޅެއް ނުވެ ނައުރާ އަހަރެންނަށް ގޮވައިލިއެވެ.
"މީ ނިމާލްގެ ފަރާތުން އެތަކެއް އަނިޔާއެއް ތަހައްމަލްކޮށްފައިވާ އަދި މިހާރުވެސް ކުރަމުންދާ ނިކަމެތި މީހެއް.. ޒުހުދާއަށް ހެޔޮއެދޭ ގާތް އެކުވެރިއެއް ކަމަށް ބަލާ.. " މިހެން ލިޔެ މެސެޖް ފޮނުވައިލުމަށްފަހު ފޯނު ނިއްވާލާ ސޭފަށް ލުމަށްފަހު ކުރިން ހުރިހެން ހެދީމެވެ. އޭރު ބޭރުގައި ހުރެ ދޮރުގައި ޖަހަމުން ނައުރާ ގޮވަމުން ދިޔައެވެ. އެއަށްފަހު ހަމަޖެހޭގޮތް ދައްކަމުން ގޮސް ދޮރު ހުޅުވީމެވެ.
"އިޒާން! ކީއްތަތިކުރަނީ.. ހާދަ ވަރަކަށް ގޮވައިފީމޭ.. " ނައުރާ އެތެރެއަށް ވަންނަމުން ވާޙަކަ ދެއްކިއެވެ.
"ފާހާނައިގަ އުޅުނީ.. ހާދަ އަވަހަކަށޭ ތިއައީ..؟ " ވާހަކައިގެ މިސްރާބު ބަދަލުކުރުމަށް މަސައްކަތް ކުރަމުން އަހަރެން އެހީމެވެ.
"އާން.. އެއީ... އެއީ... ފުރާ ގަޑި ޖެހިދާނެތީ އަވަހަށް އައީ..." ނައުރާ ވާހަކަ ދެއްކީ އަހަރެންނަށް ފުރަގަސްދީގެން ހުރެއެވެ. އޭނާގެ އަޑުގައި ހުރި ޖެހިލުންވުން އަހަރެންނަށް ސިއްރު ނުވެއެއް ނުދިޔައެވެ. އިތުރު ސުވާލެއް ކުރުމުގެ ކުރިން ނައުރާ ތުވާލި ހިފައިގެން ގޮސް ފާހާނާއަށް ވަދެއްޖެއެވެ.
**************
ރިސޯޓަށް ދެވުނުއިރު ރޭގަނޑު އަށެއް ޖަހަން ގާތް ވެއްޖެއެވެ. ނައުރާ ވަރުބަލިކަން ފިލުވާލަން ކޮޓަރިއަށް ދާން އުޅުމުން އަހަރެން އޭނަ ހުއްޓުވީމެވެ.
“ކީއްކުރަން އެހާ އަވަހަށް ކޮޓަރިއަށް ދަނީ.. ކިހިނެއްވާނެ މިއޮއް ރީތި ދޮންވެލިގަނޑުގައި އަތުހިފާލައިގެން ހިނގާލަން ދާން.. " ވީހާވެސް ރޮމެންޓިކް ވެވޭތޯ މަސައްކަތް ކުރަމުން އަހަރެން ބުނީމެވެ. ބޭނުންވީ ޒުހުދާ އާދޭތޯ ބަލަން ހުންނާށެވެ.
"އައްދެ... އިޒާން މިހާރު ހާދަ ރޮމްއޭ ދޯ.. " ނައުރާ ޖެއްސުމަށް ބުންޏެވެ.
"ނޫން ރޮމް ވަނީކީ ނޫން.. ތިކަހަލަ ރީތި އަނތްބަކު ކައިރީގައި ހުރީމަ ރޮމް ވެވެނީ.. " ނައުރާގެ އަތުގައި ހިފާ ކައިރިއަށް ދަމާލާ އޭނާގެ އުނަގަނޑުގައި ހިފަހައްޓާލަމުން އަހަރެން ބުނީމެވެ. އެހިނދު ނައުރާ ހީނލިއެވެ. ނައުރާ ގޮވައިގެން ރާޅުޖަހާ ފަށުގައި ހިނގަމުން ދިޔައިރު ލަފާ މީހުން ފެންނަ ދިމާލުން އަހަރެން ދުރަކަށް ނުދަމެވެ. ކޮންމެ ލޯންޗެއް ކައިރިކުރާ ވަގުތު އަހަރެންނަށް ބަލައިލެވެނީ އޭގައިން ޒުހުދާ ފައިބާތޯއެވެ. މާގިނައިރު މަޑުކުރާކަށް ނުޖެހުނެވެ. ހަތަރުވަނައަށް ލެފި ލޯންޗުން ފައިބައިގެން އަންނަ ޒުހުދާ އަހަރެންނަށް ފެނުނެވެ. ރަށުތެރޭގައި އެކި ތަންތަން ބަލައިލުމުގެ ބަހަނާގައި އަހަރެން ނައުރާ ގޮވައިގެން ހިނގަމުން ދިޔައީމެވެ. ނިމާލް ހޯދުމަށެވެ. ނަމަވެސް ވަރަށް ހުށިޔާރުވެ ހުރެއެވެ. އެއީ ނިމާލްއަށް އަހަރެމެން ފެންނަން ބޭނުންނުވާތީއެވެ. އެރޭ ނަސީބު ހުރީ އަހަރެންނާ ވަރަށް އެއްކޮޅަށެވެ. ޤުރޫޕަކާއެކު ބާރ އާ ދިމާލަށް ދިޔަ ނިމާލް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ނައުރާ ކައިރީގައި އެބަ އަންނަމޭ ބުނުމަށްފަހު އަހަރެން ތަންކޮޅެއް ދުރަށް ޖެހިލީމެވެ. ޖީބުން އެއްކަލަ ފޯނު ނެގުމަށްފަހު ޒުހުދާއަށް މެސެޖެއް ކޮށްލީމެވެ. ތިރީހަކަށް މިނިޓް ފަހުން ބާރ އަށް އައުމަށް ބުނެއެވެ. އަނެއްކާވެސް ފޯނު ނިއްވާލުމަށްފަހު އަހަރެން ދިޔައީ ނައުރާ ކައިރިއަށެވެ.
"ހިނގާ ދެން ރޫމަށް ދާން.. އަހަރެން ވަރަށް ވަރުބަލި ވެއްޖެ.." ނައުރާ ބުނެލިއެވެ.
"އަދި މަޑުކޮށްލަބަ.. އަހަރެން ވަރަށް ބަނޑުހައި.. ހިނގާބަލަ ކާން ދާން.. " އަހަރެން ބުނީމެވެ. ރެސްޓޯރެންޓު ހުންނަނީ ބާރ ހުންނަ ފަޅި ނޫން އަނެއް ފަޅީގައެވެ. އެތަނުގައި ތިބޭއިރު ބާރ އަށް ވަދެ ނިކުންނަ މީހުން ފެންނާނެއެވެ. އަހަރެމެން ދެމީހުން ރެސްޓޯރެންޓަށް ވަންނަން ދަނިކޮށް ކުރިމަތިން ހުރަސްކޮށްފައި ބާރ އާ ދިމާލަށް ދިޔަ ޒުހުދާ ފެނުނެވެ. އަހަރެން ބުނި ގަޑިއަށްވުރެ ކުރިން ދާތީ ރޭވުން ކާމިޔާބު ނުވެދާނެތީ އަހަރެން ކަންބޮޑުވިއެވެ. އަނެއްކޮޅުން ނައުރާއަށް ފެނި ނިމާލްއަށް އިންޒާރުކުރުމުގެ ކުރިން ނައުރާގެ ސަމާލުކަން އަހަރެންނަށް ހުއްޓުވަން މަސައްކަތް ކުރީމެވެ. ނަމަވެސް އޭރު މާ ލަސްވެއްޖެއެވެ. ބާރ އަށް ވަންނަން ދިޔަ ޒުހުދާ އޭނާގެ ލޮލުގައި އަޅައިގަނެއްޖެއެވެ.
ނުނިމޭ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް