"ދެން އެކަމާ ނުވިސްނަބަލަ އިޒާން.. އަހަރެން އިޒާންއަށް އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް އިތުބާރުކުރަން.. އަހަރެން ބޭނުންވަނީ އިޒާންގެ ދަރިން ބަލަން ގޭގައި އިންނަން.. އެދަރިންނަށް ހެޔޮ ތަރުބިއްޔަތު ދީގެން ބޮޑުކުރަން.. " ނައުރާ ބުނެލިއެވެ. އަހަރެން ވަކި އެއްޗެއް ނުބުނެ ނައުރާ ގެނެސް މޭގައި ޖައްސާލީމެވެ. ނިމާލްއާ ދެކޮޅަށް ލިބުނު ފުރަތަމަ ކާމިޔާބާ އެކު އަހަރެން ހިތް އުފަލުން ނަށަމުން ދިޔައެވެ. މަޑުމަޑުން ނިމާލް އޭނާ ލޯބިވާ ހުރިހާ އެއްޗަކާ އަދި މީހުންނާ ދުރުކުރުމަކީ އަހަރެންގެ މިހާރުގެ އެންމެ ބޮޑު ލަނޑުދަނޑިއެވެ.
އަހަރެން ނައުރާ ގެންގޮސް އެނދުގައި ބޭންދެމުމަށްފަހު އޭނަ ކައިރީގައި އިށީނީމެވެ. ވަރަށް ލޯބިން އޭނާގެ ދެއަތުގައި ހިފާލުމަށްފަހު މައުސޫމު މޫނެއް އޭނާއަށް ދައްކާލީމެވެ.
"އަހަރެން ބޭނުމެއްނޫން އެއްވެސް މަތީ މަގާމެއް.. ބޭނުންވަނީ ހަމައެކަނި ނައުރާ.. އަދި ނައުރާގެ ވަފާތެރި ކަމާއި.. ކުލުނާއި ލޯބި.. އެހުރިހާ ކަމެއްގެ ކުރިމަތީގައި ފައިސާއަކީ އަހަރެންނަށް އެއްވެސް މުހިންމު އެއްޗެއް ނޫން.. އަހަރެންގެ ސަބަބުން ނައުރާއާއި ދޮންބެގެ މެދު މައްސަލަ ޖެހުނީތީ އެކަމަށް މާފަށް އެދެން.. " އަހަރެން ބުނީމެވެ.
"އިޒާން މާފަށް އެދެން ނުޖެހޭނެ.. އަހަރެންގެ ދޮންބެގެ ގޮތް އިޒާންއަކަށް ނޭނގޭނޭ.. ދޮންބެގެ ހަޤީޤަތް ޙުދު އަހަރެންނަށްވެސް އެނގުނީ އިހަކަށް ދުވަހު.. " ނައުރާ ބުނެލިއެވެ. ފަހު ޖުމްލައާއެކު އަހަރެން ހައިރާންވިއެވެ. ނައުރާ އެބުނީ ކޮން ހަޤީޤަތެއްގެ ވާހަކަބާއޭ ހިތަށް އެރިއެވެ.
"ތިބުނީ؟ ދޮންބެގެ ކޮން ހަޤީޤަތެއް...؟ " ހައިރާންވެފައި އިނދެ އަހަރެން އެހީމެވެ. އެހިނދު ނައުރާގެ މޫނުމަތިން ޖެހިލުންވުމެއް ފެނުނުހެން އަހަރެންނަށް ހީވިއެވެ. ނުވަތަ އެއީ އަހަރެންނަށް ހީވިގޮތް ކަމަށްވެސް ވެދާނެއެވެ. ހުދު އެހެންމީހުންނަށް ބިރުދައްކާ ދިރިއުޅުން ބަރުބާދުކޮށްލާ މީހެއްގެ މޫނުމަތިން ޖެހިލުންވުން ފެނިދާނެ ހެއްޔެވެ؟
"ދެން ތިވާހަކަ ދައްކާނީ ފަހުން.. މީގެ ފަހުން އިޒާންއަށް އޮފީހުގައި އެއްވެސް ދަތިކަމަކާ ކުރިމަތިލާން ނުޖެހޭނެ ކަމުގެ ޔަގީންކަން އަހަރެން ދެން.. " ނައުރާ ބުންޏެވެ. އެވާހަކަ އިތުރަށް ނުދެއްކިނަމަވެސް އަހަރެން އެއީ ކޮންކަމެއްތޯ ބަލަން ބޭނުންވިއެވެ. މިހާރު ނައުރާއާއި ނިމާލްގެ ދެމެދުގައި ޖެހޭ ކުދި ކުދި މައްސަލަތައްވެސް ބެލުން އަހަރެންނަށް މުހިންމު ވެއްޖެއެވެ. އެކަންތައް އެނގުމުން އެއީ އަހަރެންގެ ކާމިޔާބީއަށް ކުރާ މަސައްކަތަށް އިތުރުވާ ބޯނަސް ޕޮއިންޓަކަށް ވާނެތީއެވެ.
ނައުރާގެ ނަޒަރުން
އޭރު އިޒާންއާއި ޒޭބާގެ ގުޅުމެއް އޮތްކަން އަސްލުގައިވެސް އަހަރެން ނޭނގެއެވެ. ކުރިންވެސް ބުނިހެން އިޒާންއާއެކު ޒޭބާ ނުފެންނާތީ އަހަރެން ހީކޮށްގެން ހުރީ އެމީހުން ރުޅިވީކަމުގައެވެ. އިޒާން މީހަކާ އިންނަން ވިސްނަންތޯ ވެސް އެހީ އެކަން އިތުރަށް ޔަގީން ކުރުމަށްޓަކައެވެ.
"ދެން ކޮންމެވެސް ދުވަހަކުން މީހަކާ އިންނަންވާނެތާ… މިހާރު ދެން ރަނގަޅު ވަޒީފާއެއް ލިބުނީ އެކަމާވެސް ވިސްނަންވީ.." އިޒާންގެ އެޖަވާބުން ރޯވަމުން ދިޔަ އުއްމީދުގެ ހުޅުކޮޅު އިތުރަށް ވަރުގަދަވިއެވެ. އިޒާންއާ އިތުރަށް ގުޅުން ބަދަހި ކުރުމަށް ހިތްވަރަކަށް އެކަން ވެގެން ދިޔައެވެ. ގިނަގިނައިން ކޮފީތަކަށް ގޮސް ހެދީ ގުޅުން ބަދަހި ކުރަން ބޭނުންވީ ވަރުންނެވެ. ގިނަ ފަހަރަށް ކުރިން ދައުވަތު ދެނީ އަހަރެން ކަމުގައިވިޔަސް އިޒާންގެ އަހަރެންގެ ދައުވަތުތައް ޤަބޫލުކުރާތީ އަހަރެންނަށް ހީވެފައި އޮތީ އިޒާންވެސް އަހަރެންނާ ގަޔާވާން ފެށީހެނެވެ. ފަހުން ފަހުން އައިސް އިޒާންވެސް އަހަރެންނާ ވާޙަކަ ދައްކާ ގުޅުން އުފައްދަން ބޭނުންވެގެން އުޅުނުހެން ހީވިއެވެ. އެތައް ދުވަހެއް ވަންދެން އިންތިޒާރުކުރި ލޯބި ލިބެން އުޅޭތީ އަހަރެންނަށް ލިބިފައިވަނީ ދުވަހަކުވެސް ނުލިބޭ ފަދަ އުފާވެރި ކަމެކެވެ. އަހަރެންގެ ހިތް އުދުހެމުން ދިޔައީ އާސްމާނުގައެވެ. އެހާވެސް އަހަރެން ހުރީ އުފަލުންނެވެ. ނަމަވެސް ދެން ދިމާވިކަމަކުން އަހަރެންގެ ހިތް އަނެއްކާވެސް މަރުވާން އުޅޭހެން ހީވިއެވެ.
އިޒާން އަހަރެންނާ ދުރުމިނެއް ބަހައްޓަން ފެށިއެވެ. އެކި ބަހަނާތައް ދައްކައި އަހަރެންގެ ދައުވަތުތަކަށް ފުރަގަސްދެމުން ދިޔައެވެ. ގިނަ ފަހަރަށް އަހަރެން ގޮވީމަވެސް އަޅާވެސް ނުލާ ދަނީއެވެ. އިޒާންއަށް ނީވުނީ ކަމުގައި އަހަރެން ހިތަށް ވިސްނައިދޭން ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް އެއީ އިޒާން ގަސްދުގައި ކުރާކަމެއްކަން އަހަރެންނަށް ޝައްކުވަނީއެވެ. އަހަރެން ވަރަށް ދެރަވިއެވެ. އިޒާން އެގޮތަށް ކަންތައް އެކުރަނީ ކީއްވެގެންކަން އެނގެން ބޭނުންވިއެވެ. ފަހުން ފަހުން އައިސް އަހަރެންވެސް އިޒާންއާ އެހާވަރަށް ވާހަކަ ދައްކާކަށް ނޫޅެމެވެ. އިޒާން ވަގުތު ބޭނުންވަނީ ކަމަށް ހީކޮށެވެ. ނަމަވެސް މާގިނަ ދުވަހަކު އަހަރެންނަށް އެގޮތުގައި ކެތެއް ނުކުރެވުނެވެ. ހިތްވަރުކޮށްފައި އިޒާންއާ ވާހަކަ ދެއްކުމަށް ނިންމީމެވެ.
އެދުވަހު އިޒާން އޮފީހަށް އައި އިރު އަހަރެން އިނީ އޭނާ ކެބިންގައެވެ. އެގޮތަށް ކުއްލިއަކަށް އަހަރެން ފެނުމުން އިޒާން ސިހުނުތަން އަހަރެން ދުށީމެވެ.
“ނައުރާ! އިޒް އެވްރީތިންގް އޯކޭ..؟ ” މޭޒު ކައިރިއަށް ހުއްޓެމުން އިޒާން އެހިއެވެ. މަޑުމަޑުން ތެދުވެގެން ގޮސް އަހަރެން ހުއްޓުނީ އިޒާންގެ ކުރިމަތީގައެވެ.
“އިޒާން ބުނެބަލަ! ހުރިހާ ކަމެއް ރަނގަޅުތަ؟ ” އަހަރެންވެސް އަހައިލީމެވެ.
“އާނ! ކީއްވެ ތިހެން ތިއެހީ… ” އިޒާން އެހިއެވެ. އިޒާން އެހެދީ ދޮގުކަން އަހަރެންނަށް ވަގުން އެނގުނެވެ. އިޒާންއަށްވުރެވެސް ބޮޑަށް އަހަރެންނަށް އިޒާން ވަނީ ދަސްވެފައެވެ.
“ދޮގު! ހުރިހާ ކަމެއް ރަނގަޅު ނޫންކަން އަހަރެންނަށްވެސް އިޒާންއަށްވެސް ރަނގަޅަށް އެނގޭ.. އިޒާން އަހަރެން އެވޮއިޑް ކުރަނީ ކީއްވެ ކަމެއް ނޭނގޭ.. އެކަމަކު އިޒާން ތިގޮތަށް ކަންތައް ކުރާތީ އަހަރެން ވަރަށް ދެރަވޭ.. ” އެހެން ބުނެލިއިރު އަހަރެންނަށް ނުރޮވި ހުރީ ކިރިޔާއެވެ. އިޒާން ކަންތައް ކުރާ ގޮތުން އަހަރެންގެ ހިތަށް ވީ ފުން އަސަރުތަކެއް ކޮށްފައެވެ. ނުރޮއެ ވޭތޯ ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް ކުރި ހުރިހާ މަސައްކަތެއް ވީ ބޭކާރެވެ. ދެން ވާހަކަ ދައްކަން ފެށިއިރު ރޮވޭވަރުން އަހަރެންނަށް ވާހަކަ ދެއްކުނީވެސް ވަރަށް އުނދަގުލުންނެވެ.
“އިޒާން ތީ އަހަރެންގެ ހުރި ހަމައެކަނި ރަހުމަތްތެރިޔާއޭ ބުންޏަސް ދޮގަކަށް ނުވާނެ.. ކުޑައިރުއްސުރެން މީހުންގެ ނަޒަރުގައި އަހަރެންނަކީ ނެތް މީހެއް ފަދަ. ސްކޫލްގައިވެސް އަހަރެން އިންނަނީ ބާކީވެފައި. ފުރަތަމަ ފަހަރަށް ރަނގަޅު ރަޙުމަތްތެރިއެއް އަހަރެންނަށް ލިބުނީ އިޒާންގެ ސިފައިގާ.. އިޒާން އަހަރެންނަށް ގެއްލޭކަށް ބޭނުމެއް ނޫން. ” އަހަރެން ބުނީ މުޅިއަކުން ދޮގު ވާހަކައެއް ނޫނެވެ. ނަމަވެސް ފުރިހަމަ ހަޤީޤަތެއްވެސް ނޫނެވެ. ސުކޫލް ދައުރުއްސުރެން އަހަރެންގެ ހިތުގައި ބިންވަޅުނެގިފައިވީ އިޒާންއޭ ބުނަން ބޭނުންވިއެވެ. ކެތްތެރިކަމާއެކު އަދިވެސް އިންތިޒާރު ކުރަމުން ދަނީ އިޒާންގެ ލޯތްބަށޭ ބުނަން ބޭނުންވިއެވެ. ނަމަވެސް އަހަރެންނަށް އެވަގުތު އެހިތްވަރެއް ނުލިބުނެވެ.
“ވަރަށް ބޮޑަށް ސޮރީ ނައުރާ! އަހަރެންނަށް އެގޮތަށް ކަންތައް ކުރަން މަޖުބޫރުވީ.. ނައުރާއަށް ނޭނގުނަސް މިއޮފީސް ތެރޭގައި އަހަރެމެންނޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ އެބަ ދެކެވޭ.. ނައުރާއަކީ މިއޮފީހުގެ ވެރިޔާ.. އަހަރެންނަކީ އާދައިގެ މުވައްޒަފެއް.. ވެއްޓޭނީ އަހަރެންގެ އަގު.. ” އިޒާން ބުންޏެވެ. އަހަރެން ހައިރާންވެ ކަންބޮޑުވިއެވެ. ކާކު ކީކޭތޯ ކީ އަހަރެން އެހީމެވެ. އިޒާން އަހަރެންނަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އެމީހުން ދެކެ ރުޅިއައުމުގެ ބަދަލުގައި އަހަރެންނަށް ރުޅި އާދެވުނީ އިޒާން ދެކެއެވެ. އެހެންވެ އިޒާންއާ ދިމާލަށް ފަތިވަރު ގޮވައިގަނެވުނެވެ. މީހުން ދައްކާހާ ވާހަކާ އަޑުއަހާ ގުޅުން ކަނޑާލަން އުޅޭތީއެވެ. އިޒާން އަހަރެންނާ ދުރުމިނެއް ބެހެއްޓީ އެހެންވެކަން އެނގުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް އިޒާންއަށް ފިލާވަޅެއް ދޭން ނިންމީމެވެ. އަހަރެންގެ ވާޙަކަތައް ބެހެއްޓީ ވީހާވެސް އިޒާން ދެރަވާ ކަހަލަ ގޮތަކަށެވެ. އުއްމީދު ކުރަމުން ދިޔައީ އިޒާން އަހަރެން ކައިރިން މައާފަށް އެދުމަށެވެ. އަހަރެން ރުޅި އައުމުން އިޒާން އުޅޭ ގޮތެއް ބަލާލުމަށެވެ.
ދުވަހުގެ ބާކީބައިގައި މަސައްކަތްތައް ކުރިއަށް ގެންދިޔައިރު އިރުއިރުކޮޅުން އަހަރެންނަށް ކެބިންއަށް ބަލައިލެވެއެވެ. ދޮންބެ ފައިލްއެއް ހިފައިގެން އައިސްވަނީ އަހަރެން އެފަދަ ހާލެއްގައި ވަނިކޮށެވެ.
"މީގަ އެބަ ބޭނުންވޭ ނައުރާގެ ސިގްނޭޗަރ.. " ދޮންބެ އައިސް އިށީނީ އަހަރެންގެ ކުރިމައްޗަށް ވާ ގޮތަށެވެ.
"މިތާ ބާއްވާލާ.. އަހަރެން ފަހުން ބަލައިލާނަން.." އަހަރެން ބުނީމެވެ. ދޮންބެ އަހަރެންނަށް ބަލަހައްޓައިގެން އިރުކޮޅަކުން އިނުމަށްފަހު ކަމެއްވީތޯ ސުވާލުކުރިއެވެ. ނޫނެކޭ ބުނުމުންވެސް ދޮންބެ އެކަން ޤަބޫލެއް ނުކުރިއެވެ. އަހަރެންނަށް ކަމެއްވެއްޖިއްޔާ އެންމެ އަވަހަށް އެނގޭ މީހަކީ ދޮންބެއެވެ. ދޮންބެ އަހާވަރުން އެންމެ ފަހުން އަހަރެންނަށް ޖެހުނީ ހުރިހާ ވާހަކައެއް ކިޔައިދޭށެވެ. ދޮންބެ ކައިރިއަށް އިންތިހާއަށް ރުޅިއައެވެ. ނަމަވެސް އެމީހުން ވަޒީފާއިން ވަކިކޮށްފާނެ ކަމަކަށް ހިޔެއް ނުކުރަމެވެ. އެކަން އަހަރެންނަށް އެނގުނީ އިޒާން ވަދެ އަހަރެންނާ ދިމާލަށް އެއްޗެހި ކިޔަން ފެށުމުންނެވެ. އެވަގުތު ދޮންބެއަށް އެހުރިހާ ވާހަކައެއް އަޑުއިވި އިޒާންއަށް ބަވައިލިއެވެ. ދޮންބެ އަކީ ރުޅި ގަދަވެއްޖެ ނަމަ ހެދޭ ނުހެދޭއެއް ނުވަތަ ކިޔޭ ނުކިޔޭއެއް ނޭނގޭ މީހެކެވެ. އެހެންވެ އަވަހަށް އަހަރެން އިޒާން އެތަނުން ފޮނުވާލިއެވެ.
ދޮންބެއަށް އަހަރެން ވަރަށް ވިސްނައިދިނީމެވެ. އެވަރުގެ ކަމަކާ އެމީހުން ވަޒީފާއިން ވަކިކުރަން ނުޖެހޭނެ ކަމުގައި ބުނެދިނީމެވެ. އަބަދުވެސް އަހަރެން ދައްކާ ވާހަކަ ޤަބޫލުކުރާ ފަދައިން އެދުވަހުވެސް ދޮންބެ އަހަރެންގެ ވާހަކަތައް ޤަބޫލުކުރިއެވެ. ނަމަވެސް އެމީހުންނަށް އަނބުރާ ވަޒީފާ ދޭން ދެކޮޅު ހެދިއެވެ.
އަނެއްދުވަހުވެސް އޮފީހަށް އައިސް އަހަރެން އިންތިޒާރު ކުރަމުން އައީ އިޒާން އަހަރެން ކައިރިއަށް މާފަށް އެދެން އަންނާނެ އިރަކަށެވެ. އެހެން އިންދާ އިޒާން އަހަރެންގެ ކެބިންއާ ދިމާލަށް އަންނަތަން ފެނުނީ ސީސީޓީވީ ފުޓެޖްތަކުންނެވެ. އަހަރެންގެ ހިތް އަވަސްވެލިއެވެ. އިޒާން ދޮރުގައި ޖަހައިލުމާއެކު މަސައްކަތެއްގައި އިންކަމަށް ހެދުނީމެވެ.
“އަހަރެންނާއެކު ބްރޭކްފާސްޓް ނަގަން ދާނަންތަ؟ ” އިޒާން ބުނެލިއެވެ. އަހަރެންގެ ހިތް އުފަލުން ނަށާލިއެވެ. އިޒާން އެއައީ އަހަރެން ރުއްސަންށޭ ހީވެ ފޮނިކޮމެއް ލިބުނެވެ. ނަމަވެސް އަހަރެން ހުރީ އެހާ ފަސޭހައިން ގޮތް ދޫކުރަން ނިންމައިގެނެއް ނޫނެވެ.
“އަހަރެން މުވައްޒަފުންނާއެކީ ކެފޭތަކަށް ގޮސް ނޫޅެން.. އެހެންނޫނަސް މިވަގުތު އަހަރެން ވަރަށް ބިޒީ.. ދޮންބެއާއެކު ބްރޭކްފާސްޓަކަށް މިދަނީ.. ” އިޒާންގެ މޫނަށް ބަލައިލުމެއް ނެތި އަހަރެން ބުނީމެވެ. އެއަށްފަހު އެތާ މަޑުކުރަން ނުހަދާ މޭޒުމަތީގައި ހުރި ދަބަސް ހިފައިގެން އެތަނުން ނިކުންނަން ދިޔައިމެވެ. މަޑުކޮށްލާށޭ ބުނެ އިޒާން އަހަރެންގެ އަތުގައި ހިފައިލިގޮތުން އަހަރެންނަށް ހީވީ ކަރަންޓް ޝޮކެއް ލިބުނުހެނެވެ. އިސާޙިތަކު މުޅި ހަށިގަނޑުގައި ކަރަންޓްގެ އޮއެވަރެއް ހިނގާލައިފިއެވެ. އަހަރެން މީ އިޒާންއަށް ވަރަށް މުހިންމު މީހެއް ކަމުގައި އެވަގުތު އިހުސާސް ކުރެވުނެވެ.
“ވަރަށް ބޮޑަށް ސޮރީ ނައުރާ! އަހަރެންނަށް ކަންތައް ކުރެވުނު ގޮތުންނާއި ކިޔުނު އެއްޗެހިން ނިހާޔަތަށް މައާފަށް އެދެން.. އަހަރެންގެ ލޯ ހުޅުވައިދިނީތީ ނައުރާއަށް ޝުކުރުވެރިވަން.. ” އިޒާން އެހެން ބުނީ ވަރަށް ދެރަވެފައެވެ. ހަކުރުކޮޅެއްހެން އަހަރެންގެ ހިތްވިރިގެން ދިޔަ ފަދަ އިހުސާސެއް ކުރެވުނެވެ. ޖަޒުބާތުގައި ޖެހި އަހަރެންގެ ދެލޯ ފުރިގެން އައެވެ. ސޮރީ ބުނުމަކީ އިޒާންއަށް ވަރަށް ފަސޭހަ ކަމެއް ދޯ އޭ ބުނެލީމެވެ.
“ދެން އަހަރެން ކިހިނެއް ހަދަންވީ ނައުރާ! ވީކަމެއް ބަދަލެއް ނުކުރެވޭނެއްނު.. ނައުރާ ކަހަލަ ރަޙުމަތްތެރިއެއް އަހަރެންނަށް ކުރެވުނު މޮޔަކަމެއްގެ ސަބަބުން ގެއްލޭކަށް ބޭނުމެއް ނޫން.. ދެން ދުވަހަކުވެސް އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށް އަހަރެން ވައުދުވަން.. ޕްލީޒް ނައުރާ އަހަރެންނަށް މާފުކުރޭ.. " އިޒާން ބުނެލިއެވެ. އަހަރެން ފަދައިން އިޒާންވެސް އަހަރެން ބޭނުންވާ ކަމުގައި އިހުސާސް ކުރެވުނެވެ. އެވަގުތު ބޭނުންވީ އިޒާންގެ އަތުގެ ހިމާޔަތް ހޯދާށެވެ. އިޒާންގެ މޭގައި ލައްވެލައިގެން ހުރެ ޝަކުވާ ކޮށްލާށެވެ.
ނުނިމޭ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް