ވާހަކަ: ލޯބީގެ ހާދިސާ - ނަވާރަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "ޕްލީޒް.. ނައުރާ ރޯތަން ބަލަން ބޭނުމެއް ނޫން.. ނައުރާ ހޮސްޕިޓަލުގައި އޮތް އިރު އަހަރެން ހީކުރީ އަބަދަށް ނައުރާ އަހަރެންނަށް ގެއްލުނީ ކަމަށް.. ބުނެއެއްނު އެއްޗެއްގެ މުހިންމުކަން...

28 Feb 2023 | 18:04

ކުރީގެ އަދަދާއި ގުޅޭ...

"ޕްލީޒް.. ނައުރާ ރޯތަން ބަލަން ބޭނުމެއް ނޫން.. ނައުރާ ހޮސްޕިޓަލުގައި އޮތް އިރު އަހަރެން ހީކުރީ އަބަދަށް ނައުރާ އަހަރެންނަށް ގެއްލުނީ ކަމަށް.. ބުނެއެއްނު އެއްޗެއްގެ މުހިންމުކަން އެނގޭނީ އެއެއްޗެއް ބީވެގެން ދިއުމުންނޭ.. އަހަރެންނަށް ވީ އެހެން.. ނައުރާ ގެއްލެން އުޅޭކަމުގެ އިހުސާސްވެ އަހަރެންނަށް ހަމަވިސްނުން ލިބިއްޖެ.. ދެން ދުވަހަކުވެސް އަހަރެން ނައުރާ ހިތުގައި ނުޖައްސާނަން.. ދެމީހުން އުޅޭނީ ވަރަށް ލޯބިން.. ދޯ؟" ނައުރާގެ ކޯތާފަތުގައި ފިރުމާލަމުން އަހަރެން ބުނީމެވެ. ނައުރާ ހިނިތުންވެލަމުން ބޯޖަހައިލުމަށްފަހު ޖޫސްތަށިން ކޯވަރެއް ބޯލިއެވެ.

"އަހަރެން ވާހަކައެއް އަހާލަންތަ އިޒާން... ؟ ޕްލީޒް އެއްޗެކޭ ހީނުކުރައްޗެ.." ތަށި ތިރިކޮށްލަމުން ނައުރާ ވާހަކަ ދެއްކިއެވެ.

"ނައުރާ ވާހަކަ ދައްކަން އަހަރެން ކައިރީ އަހާކަށް ނުޖެހޭނެ.. އަހަރެންނަކީ ހަމައެކަނި ނައުރާގެ ހައްޤެއް.. ނައުރާ ބޭނުން ވާހަކައެއް ބޭނުން ގަޑިއެއްގައި ދެއްކުމުގެ ހުއްދަ އޮންނާނެ އަބަދުވެސް.. " ނައުރާގެ އަތުގައި ހިފާލަމުން އަހަރެން ބުނީމެވެ.

"އިޒާން... އިޒާން.. އަދިވެސް ޒޭބާ... މިސްވޭތަ؟ " ލަސްލަހުން ނައުރާ އެހިއެވެ.

'ހަބަރުދާރު!! ޒޭބާގެ ނަންވެސް ކަލޭގެ ތިމުޑުދާރު ދުލުން ނުކިޔާތި.. ' އެބަސްތައް ވީ އަހަރެންގެ ހިތުގައެވެ. މޫނުގެ ކުލައޮއްސެން އުޅޭހެން ހީވުމުން އަހަރެން ވަގުތުން ކުލަވަރު ބަދަލުކޮށްލީމެވެ.

"ކީއްވެ ތިހެން ތިއެހީ.. ؟ ޒޭބާއާ އަހަރެން ރައްޓެހިވިކަން ކިހިނެއް ނައުރާއަށް އެނގެނީ.. ގައިމުވެސް އަހަރެންނެއް ނުބުނަން.. " ވަރަށް ފުން ނަޒަރަކުން ނައުރާއަށް ބަލަން އިނދެ އަހަރެން ބުނީމެވެ. ބޭނުންވީ އޭނާގެ މޫނަށް އަރާ ކުލަވަރު ބަލާލާށެވެ. ހީކުރިގޮތަށް ނައުރާގެ މޫނުމަތިން ކަންބޮޑުވުން ފާޅުވެލިތަން އަހަރެން ދުށީމެވެ.

"އެއީ.. އޭރު ސްކޫލް އުޅުނުއިރު އެކަން ނޭނގޭ މީހަކު އުޅޭނެހެން ހީވޭތަ؟ " ނައުރާ ބުންޏެވެ.

"ތިދައްކަނީ އޭރުގެ ވާހަކަ.. މިހާރު އެކަހަލަ އެއްވެސް ކަމެއް ނެތް.. ނައުރާ  ނޫން މީހަކާ ދޭތެރެ އަހަރެން އެފަދަ ގޮތަކަށް ނުވިސްނަން.. ކިހިނެއްވީ ތިހެން އަހަން ޖެހުނީ.. އެކަހަލަ ކަމަކަށް ޝައްކުވާ ކަމެއް އަހަރެންނަށް ކުރެވުނީތަ؟ " ދެރަވާ ކަމަށް ހެދެމުން އަހަރެން އެހީމެވެ.

"ނޫން.. ނޫން އިޒާން!! މިދޭތެރެއިން އިޒާން އުޅުނު ގޮތުން... ހީކުރީ އިޒާން އަނެއްކާވެސް..... " ނައުރާ އެހިސާބަށް ބުނުމަށްފަހު ހުއްޓާލިއެވެ.

"ޒޭބާ ކައިރީއަށް ދިޔައިއްޔޭ... އެހެންނު.." އެބައި ފުރިހަމަ ކޮށްދިނީ އަހަރެންނެވެ. އެހިނދު ނައުރާ މަޑުމަޑުން ބޯޖަހާލައިފިއެވެ. އަހަރެން ކުރިއަށްވުރެވެސް ބޮޑަށް ނައުރާއާ ކައިވެރިވެލީމެވެ. ބޭނުންވީ ކަރުގައި ހިފާ ނޭވާ ހާސްކޮށްލާށެވެ. ނަމަވެސް ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުން އޭނާ ގެނެސް ޖައްސާލީ މޭގައެވެ.

"ވީގޮތް އަހަރެން ބުނެދިނީމެއްނު.. ވޯކް ސްޓްރެސް.. އަސްލު އަހަރެން އެއްވެސް ވާޙަކައެއް ނުދައްކަން ހުންނަނީ ދެކެވޭ ވާހަކައަކުން ނައުރާ ދެރަވެދާނެތީ.. ނައުރާ އޮފީހަށް ނާންނާތީ އަހަރެންގެ ވޯކް ލޯޑް ބޮޑުވީ.. ނޭވާލާނެ ފުރުސަތެއް ނުލިބޭ.. އަނެއްކޮޅުން.............. " އެހިސާބަށް ބުނެފައި އަހަރެން ހުއްޓާލީ ގަސްދުގައެވެ. ބޭނުންވީ ނައުރާ ބާކީބައި އަހަރެން ކައިރިން އަހާށެވެ.

"އަނެއްކޮޅުން..؟ އަނެއްކޮޅުން ކިހިނެއްވީ...؟ " އަހަރެންނާ ދުރުވެލާ މޫނަށް ބަލައިލަމުން ނައުރާ އެހިއެވެ.

"ދެން އަޅާނުލާ ނައު... އެއްވެސް ވާހަކައެއް ދައްކައިގެން ނައު ދެރަކުރާކަށް އަހަރެން ބޭނުމެއްނޫން.. " އަހަރެން ބުނީމެވެ.

"ނޫން ޕްލީޒް ބުނެބާ އިޒާން.. އޮފީހުގައި ކަމެއްވީތަ؟ ސްޓާފެއް އެއްޗެކޭ ބުނީތަ؟ " ނައުރާ އެހިއެވެ. އަހަރެން ދެފަރާތަކަށް ބޯހޫރައިލީމެވެ.

"ބުނެބަލަ އިޒާން ޕްލީޒް.. ދޮންބެ ފަރާތުން ކަމެއް ދިމާވީތަ؟ " ނައުރާ އެހިއެވެ. އަހަރެން ވަކި އެއްޗެއް ނުބުނެ ނައުރާއާ ދިމާލަށް ބަލަހައްޓައިގެން އިނީއެވެ. އެހިސާބުން އަހަރެންނަށް ބުނާކަށް ނުޖެހުނެވެ. ނިމާލް ކޮންމެވެސް ކަމެއް ކުރީކަން ނައުރާއަށް އެނގިއްޖެއެވެ.

"ޕްލީޒް ނައު.. ދޮންބެއާ ދިމާލަށް އެއްވެސް އެއްޗެއް ނުބުނާތި.. އޭރުން އަހަރެން ދެކެ ހައްތަހާ ރުޅި އަންނާނީ.. ނޭނގެ ކީއްވެ ކަމެއް.. ނައުގެ ދޮންބެ ހިތްހަމަޖެހޭގޮތަށް އަހަރެންނަށް އެއްވެސް ކަމެއް ނުކުރެވޭ.. ކިތަންމެ ރަނގަޅަކަށް ކަން ކަން ކުރިޔަސް ދުވަހަކު ރަނގަޅެއް ނުކުރެވޭ.. އެހެން މީހުންގެ ކުރިމަތީގައި އަބަދުވެސް އަހަރެންގެ އަގު ވައްޓާލެވޭތޯ މަސައްކަތް ކުރަނީ.. ދެބަހުން އެއްބަހަށް އަހަރެންގެ މަންމަމެން މިގޭ އުޅޭތީ އެކަމާ އެއްޗެކޭ ބުނެލާނެ.. ވެދާނެ ނައުގެ ދޮންބެ އަހަރެން ދެކެ އެހާ ރުޅި އަންނަނީ އަހަރެންނަކީ ނިކަމެތި ފަގީރަކަށް ވީމަ ކަމަށްވެސް.. " އަހަރެން ވާހަކަ ދެއްކީ އިސްޖަހައިގެން އިނދެއެވެ. އެހެންވެ ނައުރާގެ މޫނުމަތީގެ ކުލަވަރު އަހަރެންނަކަށް ނުފެނެއެވެ.

"އަހަރެން ނުބުނާނަން ދޮންބެ ތިކަހަލަ ކަމެއް ނުކުރާނެއެކޭ.. އެއީ ދޮންބެއަކީ ކޮންކަހަލަ މީހެއްކަން އަހަރެންނަށް ރަނގަޅަށް އެނގޭތީ... ހިތަށް އަރާހާ އެއްޗެއް ވިސްނާލުމެއް ނެތި ދުލުން ބޭރުކޮށްލާނެ.. އިޒާން ތިކަމާ ކަންބޮޑުނުވޭ.. އަހަރެން ދޮންބެއާ ވާހަކަ ދައްކާނަން..." އަހަރެންގެ އަތުގައި ހިފާލަމުން ނައުރާ ބުންޏެވެ.

"އުނހު.. އޭރުން ކަމަކު ނުދާނެ.. އޭރުން ބުނާނެ އަހަރެން ނައުރާ ދޮންބެއާ ޖައްސަން މަސައްކަތް ކުރަނީއޭ.. އަހަރެން ބޭނުންވަނީ މަސްލަހަތު ނުގެއްލޭނެހެން ކަންތައްތައް ކުރަން.. އެހެންވެ މިއުޅެނީ މަންމައާއި ބައްޕަ މިތާ ކައިރިން އެޕާޓްމެންޓެއް ހިފާފަ ބަދަލުކޮށްލަން.. ފަހަރެއްގައި ވަޒީފާވެސް ޗޭންޖުކޮށްލަން ކަމަށް މިވިސްނަނީ.. އަހަރެންގެ މައިންބަފައިންނާއި ނައުރާ ބެލެއްޓޭނެހާ ފެންވަރު އަހަރެންގެ އެބަހުރި.. އަހަރެންނަށް ލިބޭ މުސާރައިން ނައުރާވެސް އަދި މަންމަމެންވެސް އަހަރެންނަށް ގެންގުޅެވޭނެ.. " އަހަރެން ބުނީމެވެ.

"އެކަމަކު.... " ނައުރާ ބުނަން އުޅުނެވެ. ނަމަވެސް އަހަރެން ވާހަކަ ދައްކަން ފެށީއެވެ.

"ޕްލީޒް ނައު.. މިދެއްކި ވާހަކަތަކާ މެދު އެވަރަށް ނުވިސްނާ.. ނައު އެހާ ވަރަށް އެހީމަ އަހަރެން މިބުނީވެސް.. ދެން އަރާމުކޮށްލާ.. އެބައަންނަން ރައްޓެއްސަކާ އެކު ބޭރަށް ގޮސްލާފައި.. " މިހެން ބުނެ އަހަރެން ނައުރާގެ އަތުގައިވާ ތަށި ހިފައިގެން ތެދުވީމެވެ. ނައުރާއަށް ފުރަގަސް ދެމުން ކޮޓަރީގެ ދޮރުން ނިކުންނަން ދިޔައިރު އަހަރެން ތުންފަތުގައިވީ ފަތަހައިގެ ހިނިތުންވުމެކެވެ.

************

"ރޭގަނޑުގެ ކެއުމުގައި ބައިވެރިވާން ދާން އަހަރެން ނައުރާ ގޮވައިގެން ކޮޓަރިން ނިކުތީމެވެ. ނައުރާއަށް ފޯނެއް އައީ އެވަގުތުއެވެ. އެބައަންނަމޭ ބުނުމަށްފަހު ނައުރާ އަލުން ކޮޓަރިއަށް ވަނެވެ.

"އިޒާން ދޭ.. އަހަރެން ފާހަނަ ކޮށްލައިގެން އެބަ ދަން.." ކޮޓަރީގެ ދޮރު ލެއްޕުމުގެ ކުރިން ނައުރާ ބުންޏެވެ. ނައުރާ ކުއްލިއަކަށް އެތެރެއަށް އެވަނީ ކީއްވެބާއޭ ހިތަށް އެރިއެވެ. އެހެންޏާވެސް ނައުރާ އަކީ ފޯނެއް އައުމުން ދުރަށް ދާ މީހެއް ނޫނެވެ. ނަމަވެސް އެފަހަރު ދުރަށް ދިއުމުން އަހަރެން ވަރަށް ބޮޑަށް އެކަމެއް ހޯދުމަށް ޝައުޤުވެރިވިއެވެ. ނައުރާ ދައްކާ ވާހަކައެއް އަޑުއަހާލުމަށް އަހަރެން ދޮރު ކައިރިއަށް ޖެހިލާ ދޮރުގައި ކަންފަތް ޖަހާލީމެވެ. ހަމައެވަގުތުއެވެ. ނިމާލް އަހަރެންނަށް ގޮވައިލި އަޑުއިވުނެވެ. އަހަރެންނަށް ދުރަށް ޖެހެވުނީ ސިއްސައިގެން ގޮހެވެ. ދެވަނަ ފަހަރަށް ގޮވާލުމާއެކު އަވަސް އަވަހަށް އެދިމާލަށް ދިއުމަށް ހިނގައިގަތީމެވެ.

ކާމޭޒު ކައިރީގައި އިން ނިމާލްގެ މޫނުމަތިގައިވަނީ ހިތްހަމަނުޖެހުމެވެ. ވާން އުޅެނީ ކީއްކަން އަހަރެންނަށް އެނގެއެވެ. އެހެންނަމަވެސް ކިހިނެއްވީތޯ އަހަރެން ސުވާލު ކުރީމެވެ.

"ކިހިނެއްވީހޭ.. ބަލަ ކާކު އޯޑަރަކަށް ކަލޭ މިމުދާތައް މިއަގުގަ ވިއްކުމަށް ބުނެ މެއިލް ކޮށްފަ މިއޮތީ.. އެނގޭތަ ކަލޭގެ ސަބަބުން ކިތައް ރުފިޔާގެ ގެއްލުންވެއްޖެކަން.. ކަލޭ ކައިރީ އަހަރެން ބުނީ ގެނައި އާ ބެޑްރޫމްސެޓްތައް ތިރީސް ހާހާއި ސާޅިސްހާހުގެ އަގުގައި ވިއްކުމަށްބުނެ އެމީހުންނަށް މެއިލް ކުރުމަށް.. ކަލޭ ފޮނުވި މިމެއިލްގެ ސަބަބުން މިމީހުން މިއޮތީ އެސެޓްތައް ތިން ހާސް އަދި ހަތަރު ހާހަށް ވިއްކާފަ.. ދެން އިތުރަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް.. ހުރިހާ ސެޓް ތަކެއް ވިކި ގޭގެއަށް ޑެލިވަރކޮށް ރާވައިވެސްފި.. ކަމެއް ހަވާލުކޮށްފިއްޔާ އެއްޗެކޭ ނުބުނާ ގޮތަކަށް ކަލެއަކަށް ކަންތަކެއް ނުކުރެވޭ.. " ނިމާލް ހިތްހަމަނުޖެހިފައި ބުންޏެވެ. ހިތާހިތުން އަހަރެން ދިޔައީ ހެމުންނެވެ. އަހަރެން އެގޮތަށް ކަންތައްކުރީ ހަމަ ގަސްދުގައެވެ. ނިމާލްއަށް ލިބޭ ކޮންމެ ގެއްލުމެއް އެއީ އަހަރެންނަށް ލިބޭ އުފަލެކެވެ.

"މާފުކުރޭ.. ޓައިޕިންގް މައްސަލައެއްހެން ހީވަނީ... " އަހަރެން ކަންބޮޑުވާކަމަށް ހެދެމުން ބުނީމެވެ.

"ކަލޭތީ ނުކިޔަވާ ހުރި މީހެއްތަ ޓައިޕިންގް މައްސަލަ ޖެހެން.. އެހެންނޫނަސް މެއިލް ރަނގަޅަށް ކިޔާފަ ދޯ ފޮނުވަން ޖެހޭނީ.. ދެން ކާކު މިލިބުނު ގެއްލުން ފޫބައްދަނީ.. ކަލޭ ބައްޕަތަ؟ " ނިމާލް ބުނެލިއެވެ.

"ހުއްޓާލާ ދޮންބޭ!! " އަހަރެންގެ ފަހަތުން އިވިގެން ދިޔައީ ނައުރާގެ ބާރު އަޑެވެ. އަހަރެން ބަލައިލިއިރު ހިތްހަމަނުޖެހިފައި ހުރެ ނައުރާ ކުރިއަށް އާދެއެވެ.

"އިޒާންގެ އަތުން ވީ ގެއްލުމުގެ ބަދަލުގައި އަހަރެން ދީފާނަން.. އަލަކަށް ނޫނެއްނު އަގު އޮޅިގެން ނުބައި އަގެއްގަ ވިއްކެނީ.. މީހަކަށް ކުށެއް ކުރެވިދާނެ.. އޭގެ މާނައެއް ނޫން ތިމޭރުމުން ވާހަކަ ދައްކާށޭ.. އެމީހެއްގެ މައިންބަފައިންނާ ހަމައަށް ދާށޭ..  އަހަރެން ހީކުރީ އަހަރެންގެ ފިރިމީހާއަށް ވީތީ ދޮންބެ އިޒާންއަށް އިޚްތިރާމް ކުރާނެ ކަމަށް.. ނަމަވެސް މިއަދު ދޮންބެ ތިކަންތައް ކުރި ގޮތުން އަހަރެން ވަރަށް ދެރަވެއްޖެ.. އިޒާން އަކީ ދޮންބެ ގެންގުޅޭ ނޯކަރެއް ނޫން.. އަހަރެންގެ ފިރިމީހާ.. އިޒާންއަށް އިޚްތިރާމް ކުޑަކޮށް ކަންތައް ކުރަންޏާ އަހަރެން މިގެއިން ނިކުމެގެން ހިނގައިދާނަން.. " މިހެން ބުނެ ނައުރާ އަހަރެންގެ އަތުގައި ހިފައިގެން ހިނގައިގަންނަން އުޅުނެވެ. ނަމަވެސް ހުއްޓި އަނެއްކާވެސް ނިމާލްއަށް ބަލައިލިއެވެ. އޭރު ހައިރާންވެ އަންތަރީސްވެފައި ނިމާލް ހުއްޓެވެ.

"އަދި އެއްވާޙަކަ.. މީގެ ފަހުން އަހަރެން އޮފީހަކަށް ނުދާނަން.. އަހަރެންގެ މަގާމުގައި ދެން ހުންނާނީ އިޒާން.. " ނައުރާ ބުނެލިއެވެ.

"ވަޓް؟؟ ތިނިންމުން ނައުރާއަށް އަމިއްލައަށް ނުނިންމޭނެ.. " ނިމާލް ހިތްހަމަނުޖެހިފައި ބުންޏެވެ.

"ހުރިހާ ބޯޑް މެމްބަރުން ސޮއި ކޮށްފައިވާ އެއްބަސްވުން އަހަރެން އިންނާނެ ދޮންބެއަށް މެއިލް ކޮށްފަ.. އޭތި ރަނގަޅަށް ކިޔާލާ.. " މިހެން ބުނެ ނައުރާ އަހަރެންގެ އަތުގައި ހިފައިގެން އެތަނުން ދިއުމަށް ހިނގައިގަތެވެ. އަހަރެން އެނބުރި ނިމާލްއަށް ބަލައިލީމެވެ. ރުޅި އައިސްފައި ހުރި ނަމަވެސް ނިމާލްގެ މޫނުމަތިން މާޔޫސްކަން ފެންނަން ހުއްޓެވެ. އެމަންޒަރު ފެނި އަހަރެންގެ ހިތަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ބޭނުންވީ އިތުރަށް ނިމާލް ރުޅި އަރުވާށެވެ. އެހެންވެ އޭނައަށް ބަލައިލަމުން އެއްމިޔަކަނުން ހިނިތުންވެލީމެވެ. އަހަރެން މޮޅުވަނީ ކަން އަންގައި ދިނުމުގެ ގޮތުންނެވެ. އެހިނދު ނިމާލް މުށް ބާރުކޮށްލިތަން އަހަރެންނަށް ފެނުނެވެ.

"ނައު ކީއްތިކުރީ.. ދޮންބެއާ ތިގޮތަށް ވާހަކަ ދެއްކީމަ ކިހާ ދެރަވާނެ.. ކުށް ކުރެވުނީމަ ރުޅިވެސް އަންނަން ހުރީ ދޮންބެއެއްނު.." ކޮޓަރިއަށް ވަދެވުމާއެކު އަހަރެން ބުނީމެވެ.

"ހެޔޮ.. ދޮންބެއަކާ ނުޖެހޭނެ އިޒާންއާ އެގޮތަށް ވާހަކަ ދައްކާކަށް.. މިސްޓޭކެއް ހެދުނީމަ ވާހަކަ ދައްކަން ޖެހޭ ގޮތަކީ އެއީ އެއް ނޫން.. އެއަށްވުރެ ރީތިކޮށްވެސް ބުނެވޭނެ.. އެއްވެސް މީހަކު އިޒާންއާ އެގޮތަށް ވާހަކަ ދައްކަންދެން އަހަރެން ނުހުންނާނަން އަޑުއަހާކަށް.. އެހެޔޮ އަހަރެންގެ ބައްޕައަށް ވި ނަމަވެސް.. " ނައުރާ ބުނެލިއެވެ.

"އެކަމަކު ތިކުރި ކަމަކުން ދެން ކިހިނެއް ދޮންބެއާ ފޭސްކުރާނީވެސް.. އަހަރެންނާ މަޝްވަރާ ކޮށްލާފައި ކަންތައްތައް ކުރި ނަމަ.. " އަހަރެން ބުނީމެވެ.

"ދެން އެކަމާ ނުވިސްނަބަލަ އިޒާން.. އަހަރެން އިޒާންއަށް އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް އިތުބާރުކުރަން.. އަހަރެން ބޭނުންވަނީ އިޒާންގެ ދަރިން ބަލަން ގޭގައި އިންނަން.. އެދަރިންނަށް ހެޔޮ ތަރުބިއްޔަތު ދީގެން ބޮޑުކުރަން.. " ނައުރާ ބުނެލިއެވެ. އަހަރެން ވަކި އެއްޗެއް ނުބުނެ ނައުރާ ގެނެސް މޭގައި ޖައްސާލީމެވެ. ނިމާލްއާ ދެކޮޅަށް ލިބުނު ފުރަތަމަ ކާމިޔާބާ އެކު އަހަރެން ހިތް އުފަލުން ނަށަމުން ދިޔައެވެ. މަޑުމަޑުން ނިމާލް އޭނާ ލޯބިވާ ހުރިހާ އެއްޗަކާ އަދި މީހުންނާ ދުރުކުރުމަކީ އަހަރެންގެ މިހާރުގެ އެންމެ ބޮޑު ލަނޑުދަނޑިއެވެ.


ނުނިމޭ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް