ވާހަކަ: މިހިތުގެ ލޯތްބޭ ތީ - އަށާރަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "އަހަރެން ގޮސްދާނަން އިޒްވާ ގޮވައިގެން.." އަރްހާން ބުނެލިއެވެ. އެވަގުތު އިޒްވާވެސް އަރްހާންގެ މޫނަށް ބަލާލައިފިއެވެ. "އިޒްވާ އޯކޭތަ އަރްހާންއާ އެކު ދާން.." ރައިހާނާ އަހައިލިއެވ...

22 Feb 2023 | 18:13

ކުރީގެ އަދަދާއި ގުޅޭ...

"އަހަރެން ގޮސްދާނަން އިޒްވާ ގޮވައިގެން.." އަރްހާން ބުނެލިއެވެ. އެވަގުތު އިޒްވާވެސް އަރްހާންގެ މޫނަށް ބަލާލައިފިއެވެ.

"އިޒްވާ އޯކޭތަ އަރްހާންއާ އެކު ދާން.." ރައިހާނާ އަހައިލިއެވެ. އިޒްވާ ނޫނެކޭ ބުނަން ބޭނުންވިއެވެ. މިހާރުވެސް އަރްހާންއާ މެދު ވިސްނޭވަރުން އޭނާ އެހުންނަނީ ބޯގޮވާ ވަރު ވެފައެވެ. ހިތާ ދެކޮޅަށް ނަމަވެސް އިޒްވާ ބޯޖަހައިލިއެވެ.

***********

ކާރަށް ވެރިވެފައިވާ ހިމޭންކަން ފޫއަޅުވާލަމުން އަރްހާން އިޒްވާއަށް ގޮވައިލިއެވެ. އިޒްވާ ހަމައެކަނި ހޫމް ލައްވާލިއެވެ.

"ސުވާލެއް ކޮށްލަންތަ؟ " އަރްހާން އެހިއެވެ.

"އަހާބަލަ..." އިޒްވާ ބުނެލިއެވެ.

"އިޒްވާ ހެޕީތަ؟ " އަރްހާން ސުވާލުކުރިއެވެ. ކުއްލިއަކަށް އެކަހަލަ ސުވާލެއް ކުރުމުން އިޒްވާ ސިހިފައި އަރްހާންއަށް ބަލައިލިއެވެ.

"ކީއްވެ ތިހެން ތިއެހީ... " އިޒްވާވެސް ކުރީ ސުވާލެކެވެ.

"ހެޕީ ހެން ހީނުވާތީ.. އިޒްވާގެ ކިބައިން އެއްވެސް އުފާވެރިކަމެއް ނުފެންނާތީ... " އަރްހާން ބުންޏެވެ.

"ތީ ހަމަ ހީވާގޮތް.. ދެވަނަ ކައިވެންޏެއް ކުރުމަކީ ފަސޭހަކަމަށް ނުވާތީ އެހެން އިނދެވެނީ.. ކުރީގެ ކައިވެނީގެ މަތިން ހަނދާންވުމަކީވެސް ވެދާނެ ކަމެއް.. " އިޒްވާ ވާހަކަ ދެއްކީ ކުރި ބަލަހައްޓައިގެން އިނދެއެވެ. ބޭނުންވި ޖަވާބު ނުލިބުމުން އަރްހާންގެ މޫނުގެ ކުލަ އޮއްސުނެވެ.

"އެހެންވީއިރު އެހެން ވާހަކައެއް އަހާލަންތަ؟ " އަނެއްކާވެސް އަރްހާން އެހިއެވެ. އެހާ އަވަހަށް ހިތްވަރު ދެރަކުރާކަށް އޭނާ ބޭނުމެއްނުވިއެވެ. އިޒްވާ މިފަހަރުވެސް އަހާށޭ ބުނެލިއެވެ.

"ކީއްވެ ރަތް ކުލަ ޗޫޒް ކުރީ.. ؟ އަހަރެންނަށްވެސް އެންމެ ރީތި ކުލައަކީ އެއީ.. އަހަރެން އެހެން ބުނި ގަޑީގައި އިޒްވާ ރަތްކުލަ ޗޫޒް ކުރީމަ މިއަހާލީ.." އަރްހާންގެ ސުވާލުން އިޒްވާ ލަދުގަންނަ ގޮތްވިއެވެ. އަރްހާން އެކަން ފާހަގަ ކޮށްފާނެއޭ އޭނާގެ ހިތަކަށްވެސް ނާރައެވެ. ނުތަނަވަސް ކަން މޫނުމައްޗަށް ވެރިވި ހިނދު ހިތްވެސް އަވަސްވެލިއެވެ. މޫނުމައްޗަށް އަރަމުން ދިޔަ ކުލަވަރު އަރްހާންއަށް ނުދައްކާވޭތޯ މަސައްކަތްކުރަމުން އިޒްވާ ވާޙަކަ ދައްކަން ފެށިއެވެ.

"ތީ ކޮންކަހަލަ ސުވާލެއް.. ؟ ވަކި މީހަކަށް ރީތިވީމައެއް ނޫން އެކުލަ ނެގީ.. އަހަރެންނަށް އެވަގުތު އެންމެ ކަމުދިޔަ ކުލަ އެއީ.. އަހަރެންނަކަށް ނުވެސް އެނގޭ އަރްހާން އެހެން ބުނި ކަމެއްވެސް.. " އޮޅުވާލަން މަސައްކަތް ކުރަމުން އިޒްވާ ބުންޏެވެ. އަރްހާންގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. އިޒްވާ ކިތަންމެ ފޮރުވަން މަސައްކަތް ކުރިނަމަވެސް އޭނާ މޫނުމައްޗަށް އަރާ ފޭބި ހުރިހާ ކުލަވަރެއް އޭނާ ދުއްޓެވެ.

"މިއަދު ކީއްވެ އެހެންކަހަލަ ސުވާލުތަކެއް ތިކުރަނީ...؟ " އަރްހާން އިތުރު ސުވާލެއް ކުރުމުގެ ކުރިން އިޒްވާ ބުންޏެވެ.

"ކަމެއްނުވޭ... އިޒްވާއާ ރަތް ކުލަ ވަރަށް ގުޅޭނެކަން ޔަގީން.. " އިޒްވާގެ މޫނަށް ނަޒަރު ހުއްޓާލަމުން އަރްހާން ބުންޏެވެ. އޭރު އިޒްވާއަށްވެސް އިނދެވުނީ އަރްހާންއާ ދިމާލަށް ބަލަހައްޓައިގެންނެވެ. އަރްހާންގެ ތޫނު ބެލުމުގެ ޖާދޫގައި ޖެހިފައި އިރުކޮޅަކު އިޒްވާއަށް އިނދެވުނެވެ. އެހެން ތިބެފާ އެންމެ ފުރަތަމަ ނަޒަރު ވަކިކޮށްލީ އިޒްވާއެވެ.

"އަދިވެސް ދެވޭކަށް ނޫޅޭތަ؟ " އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އިޒްވާ ބުންޏެވެ.

"އުނހު.. މިއާދެވުނީ.. " އެހެން ބުނެ އަރްހާން ކާރު ޕާކް ކުރަން ފެށިއެވެ.

*************

ކައިލްގެ މޭމަތީގައި ކައިވާ ނިދާފައި އޮތެވެ. އެއް އަތުން އެކުއްޖާ ގައިގާ ބައްދާލައިގެން އަނެއް އަތުން ފޯނާ ކުޅެން އޮތްއިރު ކައިލްގެ ތުންފަތުގައި ހިނިތުންވުމެއްވިއެވެ.

"ކޮން ބިޓަކާ ވާހަކަ ދައްކާފައި ތިހެނީ..؟ " ތުވާލި އޮޅާލައިގެން ފާހާނައިން ނިކުތް ޖަނާން އެހިއެވެ. ކޮނޑުގައި އަޅުވާފައިވާ ނިދާ ހެދުން ގަޔަށް މަހާލުމަށްފަހު ގައިގާ ލޯޝަން ހާކަމުން އޭނާ އައިސް އެނދުގެ އަނެއްފަރާތުގައި އިށީނެވެ.

"މި އަރްހާން ކިޔާ އެއްޗަކުން މިހެވެނީ... " ފޯނަށް ބަލަހައްޓައިގެން އޮވެ ކައިލް ބުންޏެވެ. ޖަނާން ގޮސް ކައިލްގެ މޭމަތީގައި އޮތް ކައިވާ ނަގައިގެން ގެންގޮސް އޭނާއަށް ޚާއްސަ އެނދުގައި ބާއްވައިލިއެވެ. ކޮޓަރީގެ ނިދާ ބޮކި ދިއްލުމަށްފަހު އަނެއްފަރާތުން އެނދަށް އަރާ އޮށޯވެ ކައިލް ގައިގާ ބައްދާލިއެވެ. އެހިނދު އެމީހުން ދައްކަމުން ދިޔަ ވާހަކަ ޖަނާންއަށް ފެނިދާނެތީ ކައިލް ފޯނު ތިރިކޮށްލިއެވެ.

"ތިދެމީހުން އަލުން ފްރެންޑްވީތަ؟ ވަރަށް އުފާވި މިއަދު ދެމީހުން އެކުގައި އުޅުނު މަންޒަރު ފެނުނީމަ..." ޖަނާން ބުންޏެވެ.

"އަހަރެމެން ކޮންއިރަކު ރުޅިވީ.. ކިތަންމެ ގާތް އެކުވެރިޔައަކަށްވިޔަސް ޕާސަނަލް ސްޕޭސް ބޭނުންވާ ހިނދު ދޭންވާނެ. އަހަރެންނަށް އެނގޭ އަރްހާން އަހަރެން ދެކެ ރުޅި އައިސްގެން ވާހަކަ ނުދައްކާ ހުންނަނީ ނޫންކަން..އޭނާއަށް އެގޮތް ކޮމްފަޓެބަލްވީމަ އެހެން އުޅުނީ.. އަހަރެން އެކަމާ އެއްވެސް ޝަކުވާއެއް ނުކުރަން.. ހިތްވެސް ގޯހެއް ނުކުރަން... " ކައިލް ބުންޏެވެ.

"އަރްހާން ކުރީގެ ސެލްފަށް އެނބުރި އަންނާތީ ހަޤީޤަތުގައިވެސް އަހަރެން އުފާކުރަން.. " ޖަނާން ބުންޏެވެ.

"އަހަރެން ވާހަކައެއް އަހާލަންތަ؟ ޖަންނަ ގެ ބެސްޓް ފްރެންޑާ ބެހޭގޮތުން... " ކައިލް އެހިއެވެ.

"ކިހިނެއްވީ؟ ކަމެއް ގޯސްވީތަ؟ " އަވަސް އަވަހަށް ޖަނާން އެހިއެވެ.

"ނޫނޭ.. އެކަމަކު އަހަރެންނަށް ކީއްވެ ހީވަނީ މިކައިވެންޏާ މެދު އިޒްވާ އެހާ ހެޕީއެއް ނޫން ހެން.. އަބަދުވެސް ވަރަށް ދެރަވެފައި އިންނަހެން ހީވަނީ.. " ކައިލް ދުރުދުރުން ވާހަކަ ފެށިއެވެ. ބޭނުންވީ އިޒްވާ އަރްހާންގެ އެއްވެސް ވާހަކައެއް ޖަނާން ކައިރީގައި ދައްކާފައި ވޭތޯ ބެލުމެވެ.

"ޅައުމުރުގައި އިޒީއަށް ދިމާ އެވީ ވަރަށް ހިތްދަތި ކަމެއް ދޯ.. ކައިސަންއާއި އިޒީ އުޅުނީ ވަރަށް ލޯބިން.. އިޒީ ވަރަށް ލޯބިވާނެ ކައިސަން ދެކެ.. ކައިސަން ނިޔާވިތާ އަދި އަހަރެއްވެސް ނުވެއެއްނު.. ވެދާނެއްނު ކައިސަން މަތިން އަދިވެސް ހަނދާންވަނީ ކަމަށް.. " ޖަނާން ބުންޏެވެ.

"ހީވޭތަ އިޒްވާއަށް ޝިވަންބެއާ އެކު އުފަލުގައި އުޅެވިދާނެހެން.. ލޯބިނުވިޔަސް އިޒްވާ ހަމަ ބޭނުންވެގެންތަ ޝިވަންބެއާ މެރީ ކުރަން އެއުޅެނީ.. " ކައިލް އެހިއެވެ.

"އިޒީއަކީ އާއިލާ އިތުރު މީހަކު ހުރި މީހެއް ނޫން.. އަހަރެން ފަދައިން އިޒީވެސް އުޅެ ބޮޑުވީ ޔަތީމުޚާނާއެއްގައި.. ކައިސަން އެއީ އިޒީގެ ހުރިހާވެސް މީހަކީ.. ކައިސަން ވަކިވުމަށްފަހު މުސްކުޅި މާމައެއް ގޮވައިގެން އެކަނި އުޅެން ޖެހުމަކީ އަސްލު ވަރަށް ބޮޑު ޗެލެންޖެއް.. ވަރަށް ހާލުގައި އުޅެނިކޮށް ދިމާވި ކަމަކުން އަސްލު މަޖުބޫރުވީ އެ ސްޓެޕް ނަގަން.. " ޖަނާން ކިޔައިދިނެވެ.

"އެއީ ކޮންކަމެއް..؟ ކޮން ކަމެއް ދިމާވީ..؟ " އަވަސް އަވަހަށް ކައިލް އެހިއެވެ. އިޒްވާއާ ބެހޭގޮތުން ޖަނާން ކައިރީ ސުވާލުކޮށްދިނުމަށް އެދުނީ އަރްހާންއެވެ.

"އެއީ އުޅޭނެ ކައިސަންގެ އެންމެ ގާތް އެކުވެރިޔާ.. އައިދަން ކިޔާނީ.. ކައިސަންއާ އެއް އޮފީހެއްގައި ޝިވަންބެމެންގެ އޮފީހުގައި މަސައްކަތް ކުރާނީ.. އިޒީގެ ނިކަމެތިކަމުގެ ފައިދާ ނަގަން އޭނަ އުޅުނީ.. ތިން ފަހަރު މަތިން އިޒީގެ އިއްފަތްތެރިކަން ނަގާލަން އޭނަ މަސައްކަތް ކުރި.. އެފަދަ ހާލެއްގައި އުޅެނިކޮށް އެހީތެރިކަމެއްގެ އަތެއް ދިއްކޮށްލި މީހަކީ ޝިވަންބެ.. އަނެއްކޮޅުން ކައިވެންޏަށް އެދެން ދިޔައީވެސް ހުދު ރައިހާނާއްތަ.. އިޒްވާ ޝިވަންބެއާ އިންނަން އެއްބަސްވީ އެހެން މީހެއްގެ އެހީތެރިކަމަށް ބޭނުންވާތީ.. އެކަނިން އުޅޭ އަންހެނުންނަށް މުޖުތަމައުގައި ދިމާވާ ނުރައްކާތަކުން ސަލާމަތްވާން ވެގެން.. ޝިވަންބެ އާއި ރައިހާނައްތަގެ ހެޔޮކަމުގެ ބަދަލެއްގެ ގޮތުން... " ޖަނާން ކިޔައިދިން އިންއިރު ކަނުލާ އަޑުއަހަން ކައިލް އޮތެވެ. އިޒްވާއަށް ދިމާވި ކަންތައްތައް އެނގުމުން އޭނާވެސް ދެރަވިއެވެ. އިޒްވާ އެދިމާވި ކަންތައް އެއްވެސް އަންހެނަކަށް ހައްޤެއް ނޫނެވެ. މުޖުތަމައުގައި އަންހެނުންނަށް ރައްކާތެރިކަމެއް ނެތީ އައިދަން ކަހަލަ ނުބައި ނުލަފާ ޝައިތާނުންގެ ސަބަބުންނެވެ.

"އެހެންވީމަ އިޒްވާ ޝިވަންބެ ދެކެ ލޯތްބެއް ނުވޭދޯ..؟ ޖަންނައަށް ހީވޭތަ އިޒްވާއަށް އެހެން މީހެއް ދެކެ ލޯބިވެވިދާނެ ހެން.." ކައިލް އެހިއެވެ.

"ކީއްވެ ނުވާންވީ... ﷲގެ އިރާދަފުޅުގައި ހުރިއްޔާ ކޮންމެ ކަމެއްވެސް ވެދާނެ.. ހިތްތަކުގައި ލޯބި ޖައްސަވާ ފަރާތަކީ އެއީ.. އެންމެ ހީނުކުރާ މީހާ ދެކެވެސް ލޯބިވެވިދާނެ.. ދެވަނަ ފަހަރަށް އެހެން މީހެއް ދެކެ ލޯބިވެވުމަކީ ވެދާނެ ކަމެއް.. " ޖަނާންގެ ބުނެލިއެވެ.

**************

މަރިޔަމް ކައިރީގައި ވާހަކަ ދައްކަން އިޒްވާ އިނެވެ. ރައިހާނާމެންގެ އާއިލާ މީހުންގެ ވާހަކަތަކާއި ކައިވެންޏަށް ވަމުންދާ ތައްޔާރީތައް މަރިޔަމްއަށް ކިޔައިދެމުން ދިޔައިރު އިޒްވާ ކިޔާހާ އެއްޗަކަށް އާނ ހޫން ލައްވަމުން މަރިޔަމް ދިޔައެވެ. އެމީހުންގެ ރަނގަޅު ވާހަކައިން ފެށިގެން ރައިހާނާގެ ފިރިމީހާއަށް ދިމާވި ހިތްދަތި ހާދިސާވެސް އިޒްވާ މަރިޔަމްއަށް ކިޔައިދިނެވެ. ކައިވެންޏަށް ހެދުން ފަހާން ދިން ވާހަކައާއި އަންނަ ހުކުރު ދުވަހު އެއްރޭ ކޮށްފަ އަންނަން ހުޅުމާލެއަށް ދާން އުޅޭ ވާހަކަވެސް ބުންޏެވެ.

"މާމަ ބޭނުންތަ މިގޭ މީހުންގެ ފޮޓޯތައް ބަލާލަން.. ހުރޭ.. ރައިހާނާއްތަ އަހަރެންނަށް ދީފައި އެބައޮތް އަލްބަމެއް އެބަ އަންނަން ހިފައިގެން.. " އިޒްވާ ބުންޏެވެ. ކޮޓަރިއަށް ގޮސް އަލްބަމް ހިފައިގެން އައިސް މަރިޔަމްއަށް ދައްކަން ފެށިއެވެ. އަރްހާންގެ ފޮޓޯ ފެނުމާއެކު މަރިޔަމް އެފޮޓޯގައި އަތް ޖައްސާފައި ކައިސަންއޭ ކިޔަން ފެށިއެވެ. އެއީ ކައިސަންއެއް ނޫނޭ އަރްހާންއޭ ބުނަން ބޭނުންވިނަމަވެސް މަރިޔަމް ދެރަވެދާނެތީ ބުނާކަށް އިޒްވާއަށް ނުކެރުނެވެ. އެހެން ޖެހިގެން އޮތް ގަނޑަށް އެއްލިއެވެ.

"މި ރައިހާނައްތަގެ ފިރިމީހާ.. ޝިވަންގެ ބައްޕަ... " އިޒްވާ ދެއްކިއެވެ. އިޒްވާއަށް ނުފެނުނު ނަމަވެސް އެފޮޓޯ ފެނުނު ވަގުތު މަރިޔަމްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެހެން އޮވެފައި ކުއްލިއަކަށް ރޯން ފެށުމުން އިޒްވާ ދިޔައީ ސިހިގެންނެވެ.

"މާމާ.. ކިހިނެއްވީ...؟ ކީއްވެ ތިރޮނީ.. ތަނަކަށް ތަދުވަނީތަ؟ " ހާސްވެފައި އިޒްވާ އެހިއެވެ. މަރިޔަމް ދެފަރާތަކަށް ބޯހޫރައިލިއެވެ. އިޒްވާ އެތައް ފަހަރެއްގެ މަތިން އެތަކެއް ސުވާލެއް ކުރުމުންވެސް މަރިޔަމްއަށް ވީ ގޮތެއް ނޭނގުނެވެ. މަރިޔަމް ރުއިން ހުއްޓާލީ އެތައް ގޮތަކުން އިޒްވާ ވާހަކަ ދައްކައިގެންނެވެ.

**************

ކައިލްގެ އޮފީސް ބްރޭކް ގަޑީގައި އަރްހާންއާ ދެމީހުން ވާހަކަ ދައްކަން ތިބީ ކެފޭއެއްގައެވެ. އިޒްވާއާ ގުޅޭ ގޮތުން ޖަނާން ކިޔައިދިން ވާޙަކަތައް އަރްހާނަށް ކައިލް ކިޔައިދިނެވެ. އެހިނދު އަރްހާންގެ ލޭ ހޫނުވެގެން ދިޔައީ އެއްވެސް އިޚްތިޔާރެއް ނެތިއެވެ.

"ކޮބާޔޯ މިހާރު ތިބުނާ އައިދަންއެއް.. ހުވާ މިބުނީ ދުވަސްދުއްވާލާނަން.. " އަރްހާން ރުޅި އައިސްފައި ބުންޏެވެ.

"ޖަންނަ ބުނި ޝިވަންބެ އޭނަ ފުލުހުންނާ ހަވާލުކުރި ވާހަކަ.. އެކަމަކު އަހަރެންނަކަށް ހިޔެއް ނުވޭ އެކަހަލަ ކަމެއް ވެގެން އެހާ ދުވަހު ޖަލުގައި ބާއްވަފާނެހެނެއް.. ހަމަޖެހިބަލަ.. ﷲ އިރާދަފުޅުން އިޒްވާ އެހުރީ އޭނަގެ ކިބައިން ސަލާމަތްވެފަ " ކައިލް ބުންޏެވެ.

"ނޫން.. އެފަދަ ނަޒަރަކުން އަހަރެންގެ އިޒްވާއާ ދިމާލަށް މީހަކު ބަލާލަންވެސް އަހަރެން ބޭނުމެއް ނޫން.. އޭނަ ހުރި ތާކުން އަހަރެން އޭނަ ހޯދާނަން.. " އަރްހާން ބުންޏެވެ.

"ރިލޭކްސް.. ދެން މިހާރު ނިމިފައި އޮތް ކަމެއް އެއީ.. އެހެންނޫނަސް އަދި ކަލޭގެ އިޒްވާއަކަށް ނުވެއެއްނު.." ކައިލް މަސައްކަތް ކުރީ އަރްހާންގެ ރުޅިގަނޑު ފިނި ކުރާށެވެ. އެހެން ބުނެވުނުކަންވެސް އަރްހާންއަށް ރޭކާލީ ދެނެވެ. ހަޤީޤަތުގައިވެސް ' އަހަރެންގެ އިޒްވާ ' އޭ އޭނާއަށް ބުނެވުނީ އެއްވެސް އިޚްތިޔާރެއްނެތިއެވެ. މިކަހަލަ ކަމަކާ އޭނާ އެހާ ރުޅި އައިސްދާނެކަމަކަށްވެސް ހީނުކުރެއެވެ. ކައިލް އެވާހަކަތައް ދެއްކީންސުރެ އޭނާގެ ހަމަޖެހުން ވަނީ ގެއްލިފައެވެ.


ނުނިމޭ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް