"އަހަރެންނަށް އަބަދުވެސް ރީތީ ރަތް ކުލަ.. ކަލެއަށް އެނގެއެއްނު.. " އަރްހާން ބުނެލިއެވެ. އިޒްވާއާ ތަންކޮޅެއް ދުރުގައި ހުރި އަރްހާން އެހެން ބުނެލި އަޑު އިޒްވާއަށް އިވިއްޖެއެވެ. ކީއްވެކަމެއް ނޭނގުނެވެ. އޭނާގެ ހިތްވެސް ރަތްކުލަ ނެގުމަށް ބުނަން ފަށައިފިއެވެ.
"ރަތްކުލަ ނަގަމާ ދޯ.. އޯކޭ މި ފައިނަލް.. "ރަތް ކުލައިގެ ފޮތިގަނޑު ނަގަމުން އިޒްވާ ބުންޏެވެ. އެހިނދު ކައިލްގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. އަރްހާންއަށް އެމަންޒަރު ދައްކާލުމުން އަރްހާން ތުންފަތަށްވެސް ވެރިވީ ހިނިތުންވުމެކެވެ. ކައިލް އެކުރީ ކީއްކަން ނަގައިގަނެވުނީ އަދި ކިރިޔާއެވެ.
ވިޔަފާރިކޮށް ނިންމާލުމަށްފަހު އެންމެން އެކީގައި އައީ ރައިހާނާމެން ގެއަށެވެ. އެންމެން އެއްތަނެއްގާ ތިބެގެން ހެދުން ފަހާނެ ޑިޒައިން ފައިނަލް ކުރެވުނެވެ. އެކަމާ ބެހޭގޮތުން ވާހަކަ ދެކެވެން ފެށުމުން ކައިލްއާއި އަރްހާން ހިނގައިގަތީ އަރްހާންގެ ކޮޓަރިއާ ދިމާލަށެވެ. އެއަށްފަހު ދެން ދެކެވެން ފެށުނީ އެތައް ދުވަހަކަށް ފަހު އެންމެން އެކީގައި ދަތުރު ދާ ވާހަކައެވެ. އެންމެންވެސް ބޭނުންވީ ހުޅުމާލޭގައި ހުންނަ ރައިހާނާމެންގެ ފާމް ހައުސްއަށް އޯވަރ ނައިޓަކަށް ދާށެވެ. ޝިވަން އައިސް ގެއަށް ވަނީ އެންމެން އެކަމާ ބެހޭގޮތުން ވާހަކަ ދައްކަނިކޮށެވެ.
"އެންމެ މުހިންމު މީހާ މޫނު ދައްކާ އެލީ އަދި ކިރިޔާ.. ހޮނިހިރު ދުވަހު ކޮން އޮފީހަކަށް ދާކަށްތަ އަޅެ.. ވެޑިންގް ޝޮޕިންގްއަށް ޝިވަންބެ ވެސް ޖެހޭނެއްނު އިޒްވާއާ އެކު ދާން " އީލާކް ބުނެލިއެވެ.
"އެބުނާހެން ޝިވަންބޭ.. އަންނާނަމޭ ކިޔާފައިވެސް ކީއްވެ ނައީ..؟ " ޖަނާން އެހިއެވެ.
"އިޒްވާ ނުގުޅީމަ ކަންނޭނގެއެއްނު.. " އީލާކް އެހެން ބުނުމުން ޝިވަން ހެމުން ހެމުން އައިސް އެމީހުން ކައިރިން ގޮނޑިއެއްގައި އިށީނެވެ.
"އުނހު އިޒްވާ މެސެޖް ކުރި.. ކްލައިންޓުން ތަކަކާއެކު ތިބީމަ ނާދެވުނީ... ސޮރީ.." ރައިހާނާ ކޮނޑުގައި އަތް އަޅުވާލަމުން ޝިވަން ބުންޏެވެ.
"އަހަރެން ކައިރީގައެއް މާފަށް އެދެންވީ.. އިޒްވާ ކައިރިން.. " ކުޑަކޮށް ޝިވަންގެ ކަންފަތުގައި ހިފާކަމުން ރައިހާނާ ބުންޏެވެ.
"އޯކޭ.. ސޮރީ އިޒްވާ.. އަހަރެންނަށް މާފުކުރާނަންތަ؟ " އިޒްވާއަށް ބަލައިލަމުން ޝިވަން އެހިއެވެ. އިޒްވާއަށް ޝިވަންއާ ހަތަރުކަޅި ހަމަކުރަން އުނދަގޫވިއެވެ. ގަދަކަމުން ހިނިތުންވެލަމުން ބޯޖަހައިލިއެވެ.
"އުނހު.. ކަމަކު ނުދާނެ.. އިޒްވާ ރުއްސަން ޝިވަންބެ ޖެހޭނީ އިޒްވާ ޑިނަރ އަކަށް ގެންދަން.. ދޯ އިޒްވާ.." އީލާކް ބުންޏެވެ. ފާރިހާ އާއި ރައިހާނާ ތިބީ ހިނލަ ހީނލައެވެ.
"އެހެންތަ؟ އީލާކްއަށް ދޯ އެނގެނީ.. ހީވަނީ އިޒްވާއަށްވުރެ ބޮޑަށް އީލާކް ކެއުމެއް ބޭނުންވެގެން އުޅޭހެން.. ތިކަންވެސް ކޮށްދީފާނަމޭ.. މެންދުރު ނަމާދުކޮށްގެން އެންމެން ރެޑީވޭ.. މިއަދު މެންދުރު ކެއުން ކާނީ ބޭރުން.." ޝިވަން ބުނެލިއެވެ. އީލާކްއާއި ޖަނާން އަތް ޖަހައިލިއެވެ.
"ކޮބާ އަރްހާން؟ އޭނަ ކައިރީވެސް ބުނައްޗެ..." އިންތަނުން ތެދުވަމުން ޝިވަން ބުންޏެވެ.
"އަރްހާންއާއި ކައިލް ވެއްޖެ އަރްހާންގެ ކޮޓަރީގައި.. " ރައިހާނާ ޖަވާބު ދިނެވެ.
"އަސްލުތަ؟ ތިއީ ސެލެބްރޭޓް ކުރަންޖެހޭ ވަރުގެ ކަމެއް.. ހާދަ ދުވަހެއް ފަހުންނޭ އެދެމީހުން އެއްތަން އެވީ.." އޭނާގެ ކޮޓަރިއާ ދިމާލަށް ދަމުން ޝިވަން ބުންޏެވެ.
އެވީހާއިރު ބަހެއް ނުކިޔައި އިން އިޒްވާ ފުންނޭވައެއް ދޫކޮށްލިއެވެ. ހަޤީޤަތުގައި އެމީހުން ދެއްކީ ކޮންވާހަކައެއް ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ވިސްނެމުން ދިޔައީ ހަމަ އެންމެ ކަމަކާއެވެ. އޭނާގެ ހިތް ކުރަމުން ދިޔައީ އެންމެ ސުވާލެކެވެ. އަރްހާނަށް އެންމެ ރީތި ކުލަ ނަގަން ބޭނުންވީ ކީއްވެ ހެއްޔެވެ؟ ކައިވެނި ކުރެވެން އުޅެނީ ޝިވަންއާއެވެ. ވީއިރު އަރްހާންއަށް އެންމެ ކަމުދާނެހެން ކަންތައްތައް ކުރަންވީ ކީއްވެ ހެއްޔެވެ؟ އަރްހާންގެ ނަން އިވޭ ނުވަތަ އޭނާ ފެންނަ ކޮންމެ ފަހަރަކު ނުވަތަ އޭނާއާ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު އިޒްވާއަށް ތަފާތު ގޮތްތަކެއް ވަނީ ކީއްވެ ހެއްޔެވެ؟ އަބަދުވެސް އަރްހާން ކައިރީގައި ހުރުމަށް އޭނާގެ ހިތްއެދެނީ ކީއްވެ ހެއްޔެވެ؟ ފަހަކަށް އައިސް އަރްހާންއާ ގުޅޭގޮތުން މިފަދަ އެތައް ސުވާލުތަކެއް އިޒްވާއަށް އުނދަގޫކުރަން ފަށައިފިއެވެ.
************
"ހަމަ ހިތަށް އަރަނީ މިކުރެވެނީ ރަނގަޅުކަމެއްބާއޭ.. " ކައިލްއަށް ދަޅެއް ދިއްކޮށްލަމުން އަރްހާން ބުންޏެވެ.
"އިޒްވާ އަރްހާން ދެކެ ލޯބިވަންޏާ ތިކުރެވެނީ ހަމަ އެންމެ ރަނގަޅުކަމެއް.. މިހާރު ފަންސަވީސް ޕަސެންޓް އެކަން ޔަގީންވެސް ވެއްޖެ.. އެހެންނޫންނަމަ އިޒްވާ ކީއްކުރަން އަރްހާންއަށް އެންމެ ރީތި ކުލަ ޗޫޒް ކުރަންވީ.. " ދަޅު ކަނޑަމުން ކައިލް ވާހަކަ ދެއްކިއެވެ.
"ވެދާނެއްނު ހަމަ އިއްތިފާގަކަށްވެސް.. އަހަރެން ހަމަ އެންމެ ރީތި ކުލަ ބުނެލާއިރަށް އިޒްވާވެސް ގަސްދުގަ އެކުލަ ބުނާނެއޭ އަހަރެންގެ ހިތެއް ނުބުނޭ.. ހަމަ އިއްތިފާޤެއް.." އަރްހާން އެހެން ބުނި ނަމަވެސް އޭނާގެ ހިތް އެކަމެއް އެއްބަހެއް ނުވެއެވެ. އޭނާގެ ހިތްވެސް ބުނަނީ ކައިލް އެބުނާހެނެވެ.
"ދެން ތިއެއްވެސް އެނގިދާނެތާ.. އިޒްވާ އަރްހާންދެކެ ލޯބިވަންޏާ ގުޅެން ޖެހޭނީ ތިދެމީހުން.. ޝިވަންބެއަށްޓަކައި ދެރަވިޔަސް ކުރާނެ ކަމެއް ނެތް.. ހަޤީޤަތް އެނގުމުން ޝިވަންބެވެސް އެކަން ޤަބޫލުކުރާނެކަން ޔަގީން.. އަސްލު އަހަރެންނަށް ވަރަށް ފަސޭހައިން އިޒްވާގެ ހިތް އޮތް ގޮތް ބެލިދާނެ.. އެކަމަކު އަރްހާން އެގޮތަށް އެއްބަހެއް ނުވާނެ.."
"އެއީ ކޮން ގޮތެއް..؟ "
"ޖަންނަ ކައިރީ ބުނެފިއްޔާ ވަރަށް ފަސޭހައިން އެކަން އެނގޭނެ.. ކުރިން ދުވަހުވެސް އަހަރެމެން ތިދެމީހުންގެ ވާހަކަ ދެއްކީމޭ.. " ކައިލް ބުންޏެވެ.
"އުނހު... ޖަންނަ ކައިރީ ބުނެގެން ކަމަކުނުދާނެ.. ކައިލް ދެންމެ ތިކުރި ކަހަލަ ޓެސްޓުތައް ކޮށްގެން ދެނެގަންނާނީ.. " އަރްހާން އެހެން ބުނި ވަގުތު ބަންގިވެސް ގޮވަން ފަށައިފިއެވެ.
"ދެން އިހަށް ވާހަކަތައް ބަހައްޓާފައި ހިނގާ ނަމާދަށް.. " އަރްހާން ކައިލް އަތުން ހުސްވެފައިވާ ދަޅު އަތުލުމަށްފަހު ގެންގޮސް ޑަސްބިނަށް ލިއެވެ.
"އަސްލު ކަލެއަށް އައިސްފައި ތިހުރި ބަދަލުތަކުން ވަރަށް ހައިރާންވޭ.. ކުރިން އަހަރެން ބުންޏަސް ނަމާދަކަށް ނާރާނެ.. އެކަމަކު މިހާރު ކުރިން ބައިމަތިން ތިބުނަނީ ހިނގާށޭ ނަމާދަށް ދާން.. އައިމް ސޯ ހެޕީ ފޯރ ޔޫ ބްރަދަރ" އަރްހާންގެ ކޮނޑަށް އަތްވައްޓާލައިގެން ހިނގައިގަންނަމުން ކައިލް ބުންޏެވެ. އެކަމާ ގުޅުވައިގެން އަރްހާން ވަކި އެއްޗެކޭ ނުބުނެއެވެ.
**************
މެންދުރުގެ ކެއުމަށް އާއިލާ އެއްކޮށް ޖަމާވެފައި އޮތެވެ. އަލައިކާއާއި އީލާކްގެ ފިރިމީހާވެސް އައެވެ. ތަނުން އިވެނީ ހުނުމާއި ސަކަރާތުގެ އަޑެވެ. މައިގަނޑު ވާހަކައަކަށް އޮތީ ޝިވަންއާއި އިޒްވާގެ ކައިވެނީގެ ވާހަކައެވެ. އެމީހުން ދައްކަމުން ދިޔަ ވާހަކައާއި ޝިވަން ބައިވެރިވަމުން ދިޔަނަމަވެސް އިޒްވާ އިނީ ހިމޭންވެފައެވެ. ބައެއް ފަހަރު ބުނާ އެއްޗަކަށް ހީލިޔަސް ރަނގަޅަށް ބަލައިފިނަމަ އެއީ އަސްލު ހިނިތުންވުމެއް ނޫންކަން އެނގޭނެއެވެ. އެކަން އެންމެ ބޮޑަށް ފާހަގަވީވެސް އިޒްވާއަށް އިރުއިރުކޮޅާ ބަލަމުން ދިޔަ އަރްހާން އަށެވެ.
"އަހަރެމެން ނިންމައިފިން އަންނަ ހުކުރު ދުވަހު ހުޅުމާލެ ފާމް ހައުސްއަށް އޯވަރ ނައިޓަކަށް ދާން.. ހުރިހާ އެންމެންވެސް ދާން ވާނެ.. އެއްވެސް ކުއްޖަކަށް އެކްސްކިއުޒެއް ނޯންނާނެ.. " ރައިހާނާ ބުންޏެވެ.
"ޔެސް.. ތޭންކްގޯޑް.. ތިކަހަލަ ދަތުރަކަށް އަހަރެން ހުރީ ވަރަށް ބޭނުންވެފައި.. ކޮލެޖް އާއި އޮފީސް ބެލެންސް ނުކުރެވިގެން އަހަރެން މިއޮއް ހަނާވަނީ.. ބޯހަމަޖައްސާލަން ރަނގަޅު ކަމެއް ތީ... އެކަމަކު ބުނަން އަހަރެން ބޭނުމީ އެކަނި މަޖާކުރަން.. ބަދިގެއަށް ވަދެ ކައްކާކަށް ނޫޅެވޭނެ.." އަލައިކާ ބުންޏެވެ.
"ނޫޅެމޭ އަލައިކާއާ ކައްކަން ޖައްސާކަށްވެސް.. އަހަރެންނާ އިޒްވާ އަދި ޖަންނަ ކޮށްލަފާނަން.. އަލައިކާ ހުރޭ ކުދިންކޮޅު ބަލަން.. " އީލާކް ބުންޏެވެ.
"ނޯ ވޭ.. ތިއަދި މާ އުނދަގޫކަމެއް.. އެމީހުން ބެލުމެކޭ އެއްހާސް ކުދި މީދާ ބެލުމެކޭ އެއްވަރު.. އަހަރެން ދާނީ ކައިލް ދޮންބެއާ އަރްހާންއާ އެކު މަސް ބާނަން.. ދޯ؟ " އަލައިކާ އެދެމީހުންނަށް ބަލައިލަމުން ބުންޏެވެ.
"އެކަނިން ދޭ މަސްބާނަން.. އަހަރުމެންގެ އަމިއްލަ ޕްލޭންސްތަކެއް އެބަހުރި.. ދޯ ކައިލް.." އަރްހާން ބުނެލިއެވެ. ކައިލް ބޯޖަހައިލުމުން އަލައިކާ ތުން އަނބުރާލިއެވެ.
"އެކަކު އެއްކަމެއްވެސް ކުރާނެ ކަމެއް ނެތް.. އެދުވަހު އެއީ އާއިލީ ދުވަހެއް.. ކުރާ ކަމެއް ކުރާނީ އެންމެން އެކީގައި،، ދާތަނަކަށް ދާނީވެސް އެންމެން އެކީގައި.. އެއްވެސް މީހަކާ ކައްކާކަށް ނުޖެހޭނެ.. އެއިންތިޒާމް އަހަރެން ހަމަޖައްސާނަން.. ދޯ ޝިވަން.. " ރައިހާނާ ޝިވަންއަށް ދޯ ދިނެވެ. އެވީހާއިރު ހިޔާލަކަށް ގެއްލިފައި އިން ޝިވަން ބޯޖަހައިލިއެވެ. ފޯނަށް ބަލަހައްޓައިގެން އިންއިރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސް ކަމެވެ.
"ކުޑަކޮށް ރިނޮވޭޓްކޮށްލަން ޖެހޭނެހެން ހީވަނީ.. ވަރަށް ދުވަސްވެއްޖެއްނު މީހަކު އެތަނަށް ނުދާތާ.." ޝިވަން ބުނެލިއެވެ.
"މީހަކު ނުދަންޏާ އެއްވެސް ތަނެއް ހަލާކު ވެގެން ނުވާނެއްނު.." ރައިހާނާ ބުންޏެވެ.
"ހަލާކުނުވިޔަސް އެހާ ދުވަސް ވަންދެން ހުރި ތަނެއް ފޮޅާ ސާފުކުރަންޖެހޭނެއްނު... " ޝިވަން ބުންޏެވެ.
"ތީ ދެން އަހަރެމެން ބަލަން ޖެހޭ ކަމެއް ނޫން.. އަހަރެންނަށް ހެޔޮ ސާފު ނުކޮށް ހުއްޓަސް އަހަރެން ބޭނުން ދާން.. " އަލައިކާ އެހެން ބުނުމާއެކު އެންމެން ހޭންފެށިއެވެ.
************************************************
ކުއްލިއަކަށް ކަމެއް ޖެހިއްޖެ ކަމުގައި ބުނުމަށްފަހު ކައި ނުނިމެނިސް ޝިވަން އެތަނުން ހިނގައްޖެއެވެ. ކައި ނިމިގެން އެންމެން ދާން ތެދުވި ތަނުން ރައިހާނާގެ ފޯނަށް ޑިޒައިނަރު ގުޅައިފިއެވެ. އެދުނީ މިން ނަގަން އެގަޑީގައި އިޒްވާ ފޮނުވައިދިނުމަށެވެ.
"ކިހިނެއް މިގަޑީ ދާނީވެސް.. އަހަރެންވެސް އެބަޖެހޭ އެން ޖީ އޯ ކަމެއްގައި ދާން.. " ރައިހާނާ ބުންޏެވެ. " "އަހަރެން ދިޔައިމުސް... އެކަމަކު ކައިވާ މިހާރުވެސް މިއޮއް ރޮނީ ނިދި އައިސްގެން.. " ޖަނާންވެސް ބުންޏެވެ. ޑޮކްޓަރަކަށް އެޕޮއިންޓްމެންޓް އިނުމުން އީލާކް އަދި ފާރިހާއަށްވެސް ދެވޭ ގޮތެއް ނުވިއެވެ. އެވަގުތު ކައިލް އަވސް އަވަހަށް އަރްހާން ގައިގާ ކޮއްޓާލައިފިއެވެ. ފުރުސަތުގެ ބޭނުންހިފާށޭ ބުނާ ފަދަ ގޮތަކަށެވެ. އަރްހާންއަށް ވިސްނުނީ އެހިސާބުންނެވެ.
"އަހަރެން ގޮސްދާނަން އިޒްވާ ގޮވައިގެން.. " އަރްހާން ބުނެލިއެވެ. އެވަގުތު އިޒްވާވެސް އަރްހާންގެ މޫނަށް ބަލާލައިފިއެވެ.
"އިޒްވާ އޯކޭތަ އަރްހާންއާ އެކު ދާން.. " ރައިހާނާ އަހައިލިއެވެ. އިޒްވާ ނޫނެކޭ ބުނަން ބޭނުންވިއެވެ. މިހާރުވެސް އަރްހާންއާ މެދު ވިސްނޭވަރުން އޭނާ އެހުންނަނީ ބޯގޮވާ ވަރު ވެފައެވެ. ހިތާ ދެކޮޅަށް ނަމަވެސް އިޒްވާ ބޯޖަހައިލިއެވެ.
***********
ކާރަށް ވެރިވެފައިވާ ހިމޭންކަން ފޫއަޅުވާލަމުން އަރްހާން އިޒްވާއަށް ގޮވައިލިއެވެ. އިޒްވާ ހަމައެކަނި ހޫމް ލައްވާލިއެވެ.
"ސުވާލެއް ކޮށްލަންތަ؟ " އަރްހާން އެހިއެވެ.
"އަހާބަލަ..." އިޒްވާ ބުނެލިއެވެ.
"އިޒްވާ ހެޕީތަ؟ " އަރްހާން ސުވާލުކުރިއެވެ. ކުއްލިއަކަށް އެކަހަލަ ސުވާލެއް ކުރުމުން އިޒްވާ ސިހިފައި އަރްހާންއަށް ބަލައިލިއެވެ.
"ކީއްވެ ތިހެން ތިއެހީ... " އިޒްވާވެސް ކުރީ ސުވާލެކެވެ.
"ހެޕީ ހެން ހީނުވާތީ.. އިޒްވާގެ ކިބައިން އެއްވެސް އުފާވެރިކަމެއް ނުފެންނާތީ... " އަރްހާން ބުންޏެވެ.
"ތީ ހަމަ ހީވާގޮތް.. ދެވަނަ ކައިވެންޏެއް ކުރުމަކީ ފަސޭހަކަމަށް ނުވާތީ އެހެން އިނދެވެނީ.. ކުރީގެ ކައިވެނީގެ މަތިން ހަނދާންވުމަކީވެސް ވެދާނެ ކަމެއް.. " އިޒްވާ ވާހަކަ ދެއްކީ ކުރި ބަލަހައްޓައިގެން އިނދެއެވެ. ބޭނުންވި ޖަވާބު ނުލިބުމުން އަރްހާންގެ މޫނުގެ ކުލަ އޮއްސުނެވެ.
ނުނިމޭ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް