"ކޮބާ އިށީނދޭ އެންމެން.. ފިލްމު ބަލާ ގަޑި ޖެހުނީ.." ނިމާލް އަންގައިލިއެވެ. އެވަގުތު އެންމެން އެކި ތަންތަނުގައި އިށީންނަން ފަށައިފިއެވެ. ނިމާލް ޕްލޭކޮށްލި ވީޑިއޯއާއެކު ކަރުބުޑުން އަހަރެންނަށް ހަޅޭއްލަވައިގަނެވުނެވެ. އަހަރެން ހިތުން ޑިލީޓްކޮށްލި ވީޑިއޯ މިހާރު އެހުރީ އެންމެންގެ ކުރިމަތީގައި އަޅުވާފައެވެ. އެތަނުގައި ޒޭބާއާ ބެހޭގޮތުން މީހުން ދައްކަމުން ދިޔަ ވާހަކައިން އަހަރެންގެ ލޭހޫނުވަމުން ދިޔައެވެ.
"އަދި އެއްފިލްމު ބަލާނަންތަ؟ އެކަމަކު މިފަހަރު ހީރޯއަކީ އަހަރެން އެނގޭ.. " ނިމާލް ބުނެލިއެވެ. އަހަރެން ނިމާލްއާ ދިމާލަށް ބަލައިލީ އަލިފާނުގެ ބެލުމަކުންނެވެ. ނުލަފާ ގޮތަކަށް ހިނިގަނޑެއް ޖަހައިލަމުން އޭނާ ދެވަނަ ވީޑިއޯ ޕްލޭ ކޮށްލިއެވެ. އެންމެ ފުރަތަމަވެސް އަހަރެންގެ ކަންފަތުގައި އައިސް ޖެހުނީ ޒޭބާގެ ހަޅޭކުގެ އަޑެވެ. ފެންނަމުން ދިޔަ މަންޒަރުން ރުޅިއައިސްގެން އަހަރެންގެ މުޅި ހަށީގަނޑުގައި ތުރުތުރުއަޅައެވެ. ކަރުބުޑުން ހަޅޭއްލަވަމުން ދިޔައިރު އެހެން އެންމެން ހެނީއެވެ.
އަހަރެންގެ ޒޭބާ ރޮއެ އާދޭސް ކުރަމުން ދިޔައިރު ނިމާލްގެ ހިތަށް ކުޑަވެސް އަސަރެއް ނުކުރިއެވެ. ޒޭބާ ކުރަމުން ދިޔަ އާދޭސްތަކަށް ބީރު ކަންފަތެއް ދެމުން ނިމާލް އޭނާގެ އިއްފަތްތެރިކަން ފޭރެމުން ދިޔައީ އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނެތިއެވެ. އެމަންޒަރު ބަލަން ކެތް ނުވެ އަހަރެން ދެލޯ މަރާ ބާރުކޮށްލީމެވެ. ނިމާލް ވީޑިއޯ ނިއްވާލިއެވެ. އެއަށްފަހު އަހަރެންގެ އަނގަމަތީގައި އަޅާފައިވާ ފޮތިގަނޑު ނައްޓާލިއެވެ.
"ނިމާލް!! އަހަރެން ކަލޭ މަރާލާނަން... !!!!" އަޑަށް ލެވުނުހާ ބާރެއް ލާފައި އަހަރެން ބުނީމެވެ. ރުޅި އައިސްގެން ގޮސް އަހަރެން ތުރުތުރު އަޅައެވެ. އަތްފައި ބަނދެފައި ނެތް ނަމަ މިހާރު ނިމާލް މަރާލައިފީމުހެވެ.
"ހަމަޖެހިބަލަ!! އަދި އަހަރެން ޒޭބާ މަރައެއް ނުލަމޭ.. އެބައޮތް ވަރަށް ރީތިކޮށް ނިދާލާފައި.. " ހަމަޖެހިލާފައި ނިމާލް ބުންޏެވެ.
"ޒޭބާގެ ކޮން ކުށެއް އޮތީ.. ކަލޭ ކޮއްކޮއެއް ކަހަލަ ކުއްޖަކަށް އެހެން ހަދާއިރު އެއްވެސް އެއްޗެކޭ ހިތަށް ނާރާތަ؟ އޭނާ ރޮމުން އާދޭސް ކުރަމުން ދިޔައިރުވެސް ކަލޭގެ ކިބައިން އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނުފެނުނު.. " އަހަރެން ބުނީމެވެ. އެވަގުތު ނިމާލް ނިކަން ރުޅި އައިސްފައި އޭތް އޭ ކިޔާ ގޮވައިލިއެވެ.
"އަހަރެންގެ ހުންނާނީ އެންމެ ކޮއްކޮއެއް.. އެއީ ނައުރާ.. އޭނާއަށް ދެރައެއް ދޭން ހިތަށް އަރުވާ ކޮންމެ މީހެއްގެ ދިރިއުޅުން އަހަރެން ނަރަކައަށް ހަދާލާނަން.. އިޒާންއަށް ރަނގަޅަށް ހޭއަރުވާލަން ބޭނުންވިނަމަވެސް އެކަން ނުކުރެވުނީ ނައުރާ އިޒާންދެކެ ލޯބިވާވަރު އެނގޭތީ.. އެހެންނޫންނަމަ ކަލޭ ތިކުރި ކަންތަކަށް ފަހު އެންމެ ކަށިކޮޅެއްވެސް މީހަކަށް ނުފެންނާނެ ވަރު ކޮށްލީމުސް.. ކަލޭގެ ދިރިއުޅުން ނަރަކައަށް ހަދާލެވޭނެ އެންމެ މޮޅު ގޮތަށް އެއޮތީ ކަންތައްކޮށްފަ.. ހިތުން އަހަރެންނަށް އޮޅުވާލަން ދޯ އުޅުނީ.. ހަހަހަހަ " ނިމާލް ހޭން ފެށިއެވެ. އޭނާއާއެކު ފަހުދްއާއި އެތާ ތިބި އެހެން މީހުންވެސް ހޭން ފެށިއެވެ.
"ކަލޭ ހީކުރީ ކަލޭ ޖައްސާ މޮޅު އެކްޓަށް އަހަރެން ހެއްލޭނެކަމަށްތަ؟ އެހާ ފަސޭހައިން އަހަރެން ހައްލާލަން ކަލެއަށް ފުރުސަތު ދޭނެކަމަށްތަ؟ އެންމެ ފަހުން މޮޔައަކަށްވެ ހެއްލުނީ އަހަރެންނެއް ނޫން ކަލޭ.. އަދި ކަލޭގެ ރަޙުމަތްތެރިޔާ ޖިނާން.. ކީކޭތަ ޖިނާން ބުނީ.. ހަހަހަ.. އައިޑިއާސް މޮޅު މީހެކޯ.. އިޒާންގެ ޕާސަނަލް ހުރިހާ ވާހަކައެއް އިވޭ ގޮތަށް އަހަރެން ހުންނާނީ އިންތިޒާމް ހަމަޖައްސާފައި. އިހަށް އެވާހަކަ ބާއްވާފައި ހިނގާބަލަ ދޯ ޖިނާންގެ މޮޅު އައިޑިއާގެ ވާހަކަ ދައްކަން.. ކޮބާތަ ޖިނާން.. ފަހުދް..! ނިކަން އޭނަ ގެނެސްބަލަ.. " ނިމާލްގެ ވާހަކަ އެހިސާބަށް ދިއުމާއެކު އަހަރެންނަށް ލިބުނީ އިތުރު ސިހުމެކެވެ. އަވަހަށް ބަލައިލެވުނީ ފަހުދްއާ ދިމާލަށެވެ. ފަހުދް އަތުން އިޝާރާތް ކޮށްލުމާއެކު ދެމީހަކު ވެގެން އަތް ބަނދެ އަނގަމަތީގައި ފޮތިގަނޑެއް ބަނދެފައިވާ ޖިނާން އެތެރެއަށް ވެއްދިއެވެ. ޖިނާން ހުރި ހާލަތު ފެނި އަހަރެންގެ ލޮލަށް ކަރުނަތައް ބޮނޑިވެގަތެވެ. އެމީހުންގެ އަނިޔާތަކުން މުޅިން ޒަޚަމްވެ ޖިނާންއަށް ކޮޅަށް ހުރެވެނީ ކިރިޔާއެވެ.
"ނިމާލް!! އޭނަ ދޫކޮށްލާ.. މިކަމުގެ ތެރެއަށް އޭނަ ނުވައްދާ.. " އަވަސް އަވަހަށް އަހަރެން ބުނީމެވެ. ޖިނާންއަށް ގޮތެއް ހަދާފާނެތީ އަހަރެން އިނީ އިންތިހާއަށް ބިރުންނެވެ.
"ތިކަމެއް ނުވާނެ.. އަހަރެން ކުރަން އުޅޭ ކޮންމެ ކަމަކަށް ހުރަސް އަޅަން އުޅޭ މީހުންނަށް ވާނީ މިހެން.. ދޯ ޖިނާން... " ޖިނާންގެ ދަތް ދޮޅީގައި ހިފާ އުފުލާލަމުން ނިމާލް ބުންޏެވެ. އެހިނދު ޖިނާންގެ ޖީބުން ނެގި ވަޅި ފެނި އަހަރެންގެ ދެލޯ ބޮޑުވިއެވެ. އަހަރެންނަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ޖިނާންގެ ހަށިގަނޑުގެ އެތަން މިތަނަން އެވަޅި ހަރައިފިއެވެ. މުޅި ތަނަށް ފެތުރިފައިވަނީ ޖިނާންގެ ވޭނީ ހަޅޭކުގެ އަޑެވެ. ވަކި ހިސާބަކުން އެއަޑު ކެނޑި ހުރި ދިމާލުން ތިރިއަށް ޖިނާން ވެއްޓުނެވެ. މިހުރިހާ ކަމެއް އަހަރެންގެ ދެލޯ ކުރިމަތީގައި ހިނގައިދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އަހަރެންގެ ހަށިގަނޑު ފިނިވެ މުޅި މީހާ ގަނޑުވެފައި އިން ފަދައެވެ. އެހިނދުކޮޅު ހަނދާންވުމުން އަދިވެސް އަހަރެން ގައިން ހީބިހަ ނަގައެވެ. ރުމާލަކުން އޭނާ ގަޔަށް ބުރާފައިވާ ލޭތައް ފޮހެމުން ނިމާލް އައިސް އަހަރެން ކުރިމައްޗަށް ހުއްޓުނެވެ. އޭރުވެސް އަހަރެންނަށް އިނދެވުނީ ބިންމަތީގައި އެއްވެސް ހަރަކާތެއް ނެތިފައި އޮތް ޖިނާންއަށް ބަލަހައްޓައިގެންނެވެ.
"ވާހަކަ މާ ދިގު ކުރާކަށް ބޭނުމެއް ނޫން.. ވަރަށް ނިދިވެސް އާދޭ އެބަ... ޒޭބާގެ މައިންބަފައިން ހިތުން ޒޭބާ ވީ އިތުރަށް ކިޔެވުމަށް ބޭރަށް ގޮސް.. އެމީހުންނަށް ކިހިނެއް އެނގޭނީ އެއަރޕޯޓަށް ނުދަނިސް އަހަރެން ޒޭބާ އަތުލައިގަތްކަން.. ޔަގީން އެއްޗެއް މިބުނަނީ އިޒާން.. ނައުރާއާ އިނުމާ ހަމައަށް މިދަފަ ކަމެއް ކުރަން އުޅެފިއްޔާ ދެން މަރުވާނީ ޒޭބާ.. އިޒާން ނައުރާއާ އިނުމަށްފަހު އަހަރެން ޒޭބާ ދޫކޮށްލާނަން.. އެހާ ދުވަސް ވަންދެން ޒޭބާ ރައްކާތެރިކަމާއެކު އަހަރެންގެ ބެލުމުގެ ދަށުގައި ހުންނާނެ.. ހަނދާން ކުރާތި!! އިތުރު މީހަކަށް މިވާހަކަ އެނގިގެން ނުވާނެ.. އޭރުން ޒޭބާގެ އިތުރުން އިޒާންގެ މަންމައާއި ބައްޕަގެ ދުވަސްވެސް އެދިޔައީ.. ފަހުދް!! ކަލޭ ތިއޮއް ޖިނާންގެ ބޮޑީއަށް ކޮންމެވެސް ގޮތެއް ހަދާ.. ކަލޭމެން އިޒާން ގެންގޮސް ރައްކާތެރިކަމާއެކު އޭނާގެ ގެއަށް ލައިދީ.." މިހެން ބުނެ ގައި ފޮހެމުން ފޮހެމުން ނިމާލް އެތަނުން ނިކުތެވެ. ކޮންމެވެސް ބަޔަކުއައިސް އަހަރެންގެ އަތް ފައި ނައްޓުވާ އަހަރެން ގެންދަން ފެށިއެވެ. އެއްވެސް ހަރަކާތެއް ކޮށްލަން ނޭނގި އަހަރެންނަށް ހުރެވުނީ ގަނޑުވެފައެވެ. ލޮލަށް ފެނިގެން ދިޔަ ކަންތައްތަކަކީ ހަޤީޤަތެއް ބާއޭ ހިތަށް އަރާފައެވެ. ގެއަށް އާދެވުނުއިރުވެސް އަހަރެންނަށް ނޭނގެއެވެ. އެވާހަކަ ބުނެލީވެސް އެތަނުން މީހެކެވެ. މަރުވެފައިވާ މައްޔިތަކު ފަދައިން ގޭތެރެއަށް ވަދެ ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހީމެވެ. ކޮޓަރިއަށް ވަން ގޮތަށް އެނދަށް އުއްޑުން ވެއްޓިގަނެވުނީއެވެ. ފިލްމެއްހެން ސިކުނޑީގައި ބުރަޖަހަމުން ދިޔައީ ޒޭބާއާއި ޖިނާންއެވެ. އެމީހުންނަށް ނިމާލް ހަދައިލި ގޮތްތަކެވެ. އެހެން އޮއްވާ އިރުއެރި އިރެއްވެސް ނޭނގުނެވެ. އަނެއްކާވެސް އަހަރެން ސިހުނީ މަންމަގެ ރުއިމުގެ އަޑަށެވެ. ތެޅިގަނެފައި އަވަހަށް ތެދުވެވުނީ ނިމާލް މަންމައަށްވެސް ގޮތެއް ހެދީ ކަމަށް ހީކޮށެވެ. މަންމަ ރޮމުން ރޮމުން އައިސް ކޮޓަރިއަސް ވަދެ އަހަރެން ކައިރީ އިށީނެވެ.
"ދަރިފުޅާ!! ދަރިފުޅާ... ޖިނާން އޭނާގެ ގޭގައި މަރާލާފައި އޮއްވާ ފެނިއްޖެޔޯ... " މަންމަ ބުނެލިއެވެ. އަހަރެންނަށް އިތުރު ހައިރާންކަމެއް ނުވަތަ ސިހުމެއް ނުލިބުނެވެ. ކުރިއަށް ނަޒަރު ހުއްޓާލަމުން ތުވާލި ހިފައިގެން ގޮސް ވަނީ ފާހާނާއަށެވެ.
އެންމެ ފަހު ފަހަރަށް ޖިނާންގެ މޫނު ދެކިލަން ބޭނުންވާތީ ސަހަރާއަށް ދިޔައީމެވެ. ހިމޭންވެފައިވާ ޖިނާންގެ މޫނު ފެނުމާއެކު އެއްވެސް ހިފެހެއްޓުމެއްނެތި އަހަރެން ދެލޮލުން ކަރުނަ އޮހިގަތެވެ. މަޑުމަޑުން ރޮވެމުން ގޮސް ބާރަށް ރޮވެން ފެށުނެވެ. އެވަގުތު ބަޔަކު މީހުން ވެގެން އަތު ލަފި ކޮށްގެން އަހަރެން އެތަނުން ނެރުނެވެ. އަނެއްބަޔަކު ކެތްތެރިވުމަށް ބުނެ އަހަރެންނަށް ނަސޭހަތްތެރިވަމުން ދިޔައެވެ. އަހަރެންނަށް ސިހުމެއް ލިބުނީ ވަރަށް ކައިރިއަށް މީހަކު އައިސް ހުއްޓި އަހަރެންގެ އަތުގައި ހިފުމުންނެވެ. ބަލައިލިއިރު ނައުރާއެވެ. އަތް ފޮޅުވާލާ ދުރަށް ކޮއްޕާލަން އަހަރެންގެ ހިތަށް އެރިއެވެ. ހަޅޭއްލަވައިގަނެ އެންމެން ތެރޭ ފަލީހަތް ކޮށްލަން ބޭނުންވިއެވެ. މިހުރިހާ ކަމެއްގެ އެންމެ އަޑީގައި ހުރި މީހަކީ ނައުރާއެވެ. ނަމަވެސް އަހަރެންގެ ޒޭބާއަށްޓަކައި ހަނުހުރީމެވެ. ޖިނާންއަށް ވިގޮތް ޒޭބާއަށް ވާން ނޭދޭތީއެވެ.
ހަފްތާއެއް ފަހުން އަހަރެންނާއި ނައުރާގެ ކައިވެނި ކުރެވުނެވެ. ނިމާލްގެ ބަހަށް ހަތިޔާރު ބަހައްޓާކަށް އަހަރެން ބޭނުމެއްނުވިއެވެ. އަހަރެން ނައުރާއާ ކައިވެނި ކުރީ ހަމައެކަނި ނިމާލް ދިން އިންޒާރަށް ބިރަކުން ނޫނެވެ. ބަދަލު ހިފުމުގެ ރޫހުގައިވެސް މެއެވެ. ޖިނާންވެސް ބޭނުންވާނީ އެގޮތް ކަމުގައިވާތީއެވެ. ކައިވެނީގެ އެއްވެސް އުފަލެއް ނައުރާއަށް ނުދޭން އަހަރެން ހުރީ ހިތުން ކަނޑައަޅައިގެންނެވެ. އަހަރެންގެ ފަރާތުން އުފަލެއް ބޭނުންނަމަ ނައުރާ ޖެހޭނީ އޭނާގެ ކުރި ކުށްތަކަށް އަހަރެންގެ ކުރިމަތީގައި އިއުތިރާފު ވާށެވެ. އަހަރެންގެ ދިރިއުޅުމުން އޭނާގެ ފޭކު މައުސޫމުކަމަށް އެއްވެސް ޖާގައެއް ނެތެވެ.
"އިޒާންއަށް އިހުސާސްވެސް ނުވާނެ އަހަރެން މިރޭ އުފާ ވާވަރު.. އިޒާން އުފަލެއް ނުވޭތަ؟ " އަހަރެން ގައިގާ ބައްދާލަމުން ނައުރާ ބުންޏެވެ. އަހަރެން ވަގުތުން ނައުރާ ދުރުކޮށްލީމެވެ.
"ނައުރާ ފެންވަރަން ދާންވީނު.. އަހަރެން އެބަ އަންނަން.. " މިހެން ބުނެ ނައުރާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި އަހަރެން އެކޮޓަރިން ނިކުތީމެވެ. އަހަރެން މިސްރާބުޖެހީ ނިމާލްގެ ކޮޓަރިއަށް ދިއުމަށެވެ. ޖެހިލުމެއްވެސް ނެތި އަހަރެން އޭނާގެ ކޮޓަރީގެ ދޮރުގައި ޓަކިޖެހީމެވެ. ރުޅި އައިސްފައި ހުރިވަރުން އަހަރެންނަށް ޓަކިޖެހުނީވެސް ތަންކޮޅެއް ބާރަށެވެ. ދޮރު ހުޅުވީ ޒުހުދާއެވެ.
"އިޒާން.. މިގަޑީގައި.. " ހައިރާންވެފައި ޒުހުދާ ބުންޏެވެ.
"ކާކުތަ ޒުހޫ.." އެތެރެއިން ނިމާލް ބުނި އަޑުއިވުނެވެ. ޒުހުދާ އަހަރެންގެ ނަން ބުނުމާއެކު ނިމާލް އަވަސް އަވަހަށް ނިކުމެއްޖެއެވެ. ޒުހުދާ ކައިރީ ނިދަން ދާން ބުނުމަށްފަހު ނިމާލް އަހަރެން ގޮވައިގެން ނިކުތީ ސިޓިންގް ރޫމަށެވެ.
"ކަލޭ އަނެއްކާވެސް ތިއުޅެނީ މަގޭ އަތުން ބޮނޑިއެއް ބޯންތަ؟ ނައުރާ ހީކުރާނީ ކީކޭ..؟ " ނިމާލް ވާހަކަ ދެއްކީ މަޑުން ނަމަވެސް އޭނާގެ އަޑުގައި ރުޅި އެކުލެވިފައިވިއެވެ.
"ނައުރާ ކޮންމެ އެއްޗެއް ހީކުރިޔަސް ވަރިހަމަ.. ބުނީމެއްނު ނައުރާއާ ކައިވެނި ކުރުމަށްފަހު ޒޭބާ ދޫކޮށްލާނަމޭ.. މިހާރު ނިމާލް ބޭނުންވި ކަންތައް މިވީ.. ދެން ޒޭބާ ދޫކޮށްލާ.. " އަހަރެން ބުނީމެވެ.
" ކަލޭ ހީކުރި އަހަރެން މީ ކަލޭ ބުނާހާ ކަމެއް ކުރަން ޖެހޭ މީހެއް ކަމަށްތަ؟ ޒޭބާ ދޫކޮށްލާނީ އަހަރެން ބޭނުންވީމަ.. ކަލޭ ޖެހޭނީ ތެޅި ތެޅި ހުންނަން.. މާ ބޭކާރު ވާހަކަ ނުދައްކާ ދާންވީ ނައުރާ ކައިރިއަށް.. ނައުރާގެ ބަނޑުން އިޒާންގެ ދަރިއަކު އުފަން ނުވާހާ ހިނދަކު ޒޭބާ ދޫކޮށެއް ނުލެވޭނެ.. އިޒާން ހީކުރީ އަހަރެންމީ މޮޔައެއް ކަމަށްދޯ.. ޒޭބާ ދޫކޮށްލާ ހިސާބުން އިޒާން އަނެއްކާވެސް އެކި ކަހަލަ ރޭވުންތައް ރާވާ ޒޭބާ ކައިރިއަށް ދާން.. " ނިމާލް ބުނެލިއެވެ.
ނުނިމޭ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް