ވާހަކަ: މިހިތުގެ ލޯތްބޭ ތީ - ސޯޅަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ.... އިޒްވާ ހިނގައިގަތީ ސުވިޗް ބޯޑުތަކާ ދިމާލަށެވެ. އޭރު ހިތް ބުނަމުން ދިޔައީ ގެއަށް ވަގެއް ވަނީ ކަމުގައެވެ. އަވަސް އަވަހަށް ގޮސް ސްވިޗްތައް އޮން ކޮށްލުމާއެކު މުޅި ތަނަށް އަލިވެގެނ...

15 Feb 2023 | 17:01

ކުރީގެ އަދަދާއި ގުޅޭ....

އިޒްވާ ހިނގައިގަތީ ސުވިޗް ބޯޑުތަކާ ދިމާލަށެވެ. އޭރު ހިތް ބުނަމުން ދިޔައީ ގެއަށް ވަގެއް ވަނީ ކަމުގައެވެ. އަވަސް އަވަހަށް ގޮސް ސްވިޗްތައް އޮން ކޮށްލުމާއެކު މުޅި ތަނަށް އަލިވެގެން ދިޔައެވެ. މަރިޔަމްގެ ކޮޓަރީ ދޮރުމަތީގައި ހުރި ޝިވަން އިޒްވާގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. ގަމީހުގެ ބައެއް ގޮށްތައް ނެއްޓިފައި ހުރިއިރު ޝިވަން ހުރީ ދާހިއްލާލާފައެވެ. ޝިވަން ވަރުބަލިވެފައި ހުރިކަން އެނގެނީ އޭނާ ފުންނޭވާތަކެއް ލަމުން ދިޔަ ގޮތުންނެވެ.

"އިޒްވާ ނުނިދަންތަ؟ " ވަރުބަލިވެފައިވާ އަޑުން ޝިވަން އަހައިލިއެވެ.

"ހޭލެވުނު ގަޑީ ގޭތެރޭގައި މީހަކު އުޅޭހެން ހީވާތީ މިނިކުތީ.. ޝިވަން ކީއްކުރަނީ ނުނިދާ؟ " އިޒްވާ އަހައިލިއެވެ. ޝިވަން ހުރި ގޮތުން އޭނާގެ ހިތުގައި ވަނީ އެތައް ސުވާލެއް އުފެދިފައެވެ.

"މި.. އޮފީހުން އަހަރެންވެސް އައީ ވަރަށް ލަސްވީ ފަހުން.. ކޮޓަރިއަށް ވަންތަނުން އަހަރެންނަށްވެސް ހީވީ ގޭތެރޭގައި މީހަކު އުޅޭހެން.. ނިކުމެ ބަލައިލިއިރު ފެނުނީ ހިޔަންޏެއްހެން ހުރި މީހެއް.. އަހަރެން ފެންނައިރަށް ދުއްވައިގަތީ.. އަހަރެންވެސް އެމީހާ ފަހަތުން ދުވަމުން އައީ.. އެކަމަކު މިހާރު ނޭނގޭ ދިޔަ ތަނެއް.. ވެދާނެ ބިރުން ފިލީ ކަމަށްވެސް.. " ޝިވަން ކިޔައިދިނެވެ.

"އޯވްހް.. ނަސީބެއްނު ޝިވަންއަށް އަޑުއިވުނުކަން.. އެކަމަކު.... މިއަދު ހުކުރެއްނު.. ހުކުރު ދުވަހުވެސް އޮފީހަށް ދާން ޖެހޭތަ؟ " އިޒްވާ އެހިއެވެ.

"އަ... އާނ... އުނހު.. މިބުނީ މިރޭ ކުއްލިއަކަށް ބައްދަލުވުމަކަށް ދާން ޖެހުނީ.. އިޒްވާ ދެން ދޭ ނިދަން.. އަހަރެން އަދި ތަން ތަން ހޯދާލާފައި ދާނީ.. " ޝިވަން ބުންޏެވެ. ބޯޖަހައިލުމަށްފަހު އިޒްވާ ގޮސް ކޮޓަރިއަސް ވަދެ ދޮރު ލެއްޕިއެވެ.

***********

ހެނދުނުގެ ނާޝްތާ ކޮށް ނިންމައިލިތަނުން އިޒްވާ ކައިރިން ރައިހާނާ އެދުނީ ތައްޔާރުވެގެން އައުމަށެވެ. ކޮންތާކަށްތޯ އެހުމުން ބުނީ ރަން ކިޔުމުގެ ހަފްލާއަށާއި ކައިވެންޏަށް ހެދުން ފަހަން އެންމެން ޝޮޕިންގްއަށް ދާ ވާހަކައެވެ. އިޒްވާ ތައްޔާރުވެގެން ނިކުތްއިރު ފާރިހާއާއި އީލާކް އަދި ޖަނާންވެސް އައިސް ތިއްބެވެ.

"އަރްހާން ނުދާނަންތަ؟ " ނިކުތުމުގެ ކުރިން ސޯފާގައި ފުޓުބޯޅަ މެޗެއް ބަލަން އިން އަރްހާން ކައިރީގައި ރައިހާނާ އަހައިލިއެވެ.

"ހުރިހާ އަންހެނުން ދާ ތަނަކަށް އަހަރެން ކީއްކުރަން ދަނީ.. މަންމަމެން ގޮސްލާ.. " އަރްހާން ބުންޏެވެ. ހަޤީޤަތުގައި އަރްހާން އިނީ ދާން ބޭނުންނުވެފައެވެ. އިޒްވާއާއި ޝިވަންގެ ކައިވެނީގެ ވާހަކަ ދެކެވުމުން އޭނާގެ ހިތަށް ލިބެމުން ދިޔައީ ތަކުލީފެވެ. އިޒްވާ ވެސް ހަމަ އެފަދައެވެ. ކައިވެންޏޭ ބުންޏަސް އޭނާގެ ހިތް ނުތަނަވަސް ވާން ފަށައެވެ.

އެންމެން ދިއުމުން އަރްހާން ކައިލްއަށް މެސެޖް ކުރިއެވެ. ބައްދަލުކުރަން ބޭނުންވާ ވާހަކަ ބުނެފައެވެ. އޭނާގެ ހިތާއި ސިކުނޑިއަށް އުނދަގޫ ކުރަމުންދާ ކަންތައްތައް އެހެން މީހަކާ ހިއްސާ ނުކޮށްފިއްޔާ އޭނާ މޮޔަ ވެދާނެއެވެ. އޭނާގެ އިހުސާސްތައް އެންމެ ރަނގަޅަށް ދެނެގަނެވޭނެ އެކަކީ ކައިލްއެވެ. އެކަމަށް ހައްލެއްވެސް ހޯދައިދެވޭނީ ހަމައެކަނި ކައިލްއަށެވެ. ކައިލްގެ ޖަވާބު އައީ އިރުކޮޅެއް ފަހުންނެވެ. ބައި ގަޑިއެއްހާ އިރުފަހުން ކާރުގައި އެގޭ ކައިރިއަށް ބަލާ އައުމަށް ކައިލް ބުނެފައި އޮތެވެ.

އަރްހާންއަށް އެގޭ ކައިރިއަށް ދެވުނުއިރު ކައިލް ނިކުމެ މަގުމަތީގައި ހުއްޓެވެ.

"މިއަދު ކޮންގޮތަކަށް އިރުއަރައިގެން ތިއުޅެނީ.. އަނެއްކަ ހުމާތަ ތިއިނީ.. " ކާރަށް އަރާ އިށީނދެ ސަމާސާ ރާގެއްގައި ކައިލް ބުންޏެވެ. އަރްހާން ހޭންފެށިއެވެ.

"ސޮރީ ބްރަދަރ... ސަބަބެއް ނެތި އެވޮއިޑް ކުރެވުނީމަ.. އިޓްސް ޖަސްޓް.. " އަރްހާން ބުނަން އުޅުނެވެ.

"އަހަރެންނަށް އެނގޭ ހުރިހާ ކަމެއްވެސް.. އެހެންވެ އަހަރެންގެ ހިތް ވަރަށް ސާފު.. ދެން ބުނެބަލަ ކީއްކުރަން ބައްދަލުކުރަން ބުނީ..؟ " ކައިލް އެހިއެވެ.

"އިހަށް ހިނގާ ތަނެއްގަ ހަމަޖެހިލައިގެން ވާހަކަ ދައްކަމާ.. " މިހެން ބުނެ އަރްހާން ކާރު ކުރިއަށް ދުއްވައިލިއެވެ.

މޫދުގެ ހިތްގައިމު މަންޒަރު ފެންނަ ހިސާބުގައި ހުރި ކެފޭއެއްގައި އަރްހާންއާއި ކައިލް ގޮސް އިށީނެވެ. ދެމީހުންވެސް އޯޑަރ ދިނީ މިލްކު ކޮފީއަކަށެވެ.

"ދެން ކިޔާބަލަ ކިހިނެއްވީއޭ.. ؟ " ގޮނޑީގައި ހަމަޖެހިލަމުން ކައިލް ބުންޏެވެ. އަރްހާނން ފުން ނޭވައެއް ދޫކޮށްލިއެވެ. އެވާހަކަ ފަށާނެ ގޮތަކާ މެދު ވިސްނާލިއެވެ. ކޮންމެ ގޮތެއްވިޔަސް ދެކެވެން މިއުޅެނީ ރީތި ވާހަކައެއް ނޫނެވެ.

"ކީކޭ ބުނާނީ ކައިލް! ވަރަށް އެހެން ކަހަލަ ކަމެއް ވެގެން މިއުޅެނީ.. އޭނައާ މެދު ނުވިސްނޭތޯ ވަރަށް މަސައްކަތް ކުރިން.. ހިތަށް އެތައް ގޮތަކުން ވިސްނައިދިނިން.. އެކަމަކު އޭނަ އެންމެ ފުރަތަމަ ފެނުނު ދުވަހު ފުރަތަމަ ފެނުނު ހިނދުން ފެށިގެން އަހަރެންގެ ހިތަށް ގޮތްތަކެއް ވާންފެށި.. މިހާރު އަހަރެންނަށް ޔަގީން ވެއްޖެ އޭނަ ދެކެ އަހަރެން ލޯބިވާކަން.. " އެއްފަރާތަކަށް ނަޒަރު ހުއްޓާލައިގެން އިނދެ އަރްހާން ކިޔަމުން ދިޔައެވެ.

"އިޒްވާގެ ވާހަކަ ދޯ ތިދައްކަނީ؟ " ކައިލްގެ ޖުމްލައިން އަރްހާންއަށް ލިބުނީ ސިހުމެކެވެ. ކައިލްއަށް އެނގުނީ ކިހިނެއްބާއޭ ހިތަށް އެރިއެވެ.

"ކަލެއަށް ކިހިނެއް އެނގުނީ އަހަރެން މިދައްކަނީ އިޒްވާގެ ވާހަކަ ކަމެއް..." ހައިރާންވެފައި އަރްހާން އެހިއެވެ.

"އެންމެ ފުރަތަމަ ދުވަހު އަރްހާން އިޒްވާއަށް ބަލަހައްޓައިގެން ހުރި ގޮތުންވެސް އަހަރެންނަށް އެނގުނު އެކަން.. ހަނދާންވޭތަ ދިމާވެސް ކުރީމެއްނު.. އެކަމަކު ޝިވަންބެގެ ވާން އުޅޭ އަނބިމީހާ ކަން އެނގުނު ހިނދުން ފެށިގެން އަހަރެން ނިންމިން ދުވަހަކުވެސް އެހެން ކިޔާފައި އަރްހާންއާ ދިމާ ނުކުރަން.. ތިކަހަލަ ކަމެއް ނުވޭތޯ ހިތާހިތުން ދުއާވެސް ކުރިން.. އެކަމަކު ކީއްކުރާނީ.. ވާނެ އެއްޗެއް ތިއޮތީ ވެ ނިމިފައި.. " ކައިލް ބުނެލިއެވެ.

"ދެން ކިހިނެއް ހަދާނީވެސް.. އިޒްވާ އަހަރެންގެ ފަހަރިއަށް ވާކަށް އަހަރެން ބޭނުމެއް ނޫން.. " އަރްހާން ބުންޏެވެ.

"ދެން އެހެންވީއިރު ރީތި ކޮށް ޝިވަންބެ ކައިރީ އެވާޙަކަ ބުނަންވީނު ލަސް ނުވަނިސް.. " ކައިލް ހިޔާލެއް ދިނެވެ.

"ކިހިނެއް ބުނާނީ.. ދޮންބެއަށްވެސް ވަރަށް ކަމުގޮސްގެން ދޯ ކައިވެނި ކުރަން ބޭނުންވެގެން އެއުޅެނީ.. މީގެ ކުރިން ދުވަހަކުވެސް އަންހެންކުއްޖަކާ މެދު ދޮންބެ އެގޮތަކަށް ނުވިސްނާ.. އަނެއްކޮޅުން އިޒްވާގެ ހިތް އޮތް ގޮތްވެސް އެނގެނީއެއް ނޫނެއްނު.. "

"ތިކަން ވެސް އޮތީ ތިހެން.. ތިކަމުގައި ފުރަތަމަ ވީ އިޒްވާގެ ހިތް އޮތް ގޮތް ބަލަން.. އޭނަވެސް އަރްހާން ދެކެ ލޯބިވަންޏާ އެންމެ ރަނގަޅުވާނީ އެކައިވެނި ނުކުރަން.. އޭރުން އެތަކެއް ދިރިއުޅުމެއް ބަރުބާދުވެގެން ހިނގައިދާނެ.. ނަމަވެސް އިޒްވާ ޝިވަންއާ ގަޔާވާނަމަ އަރްހާން ޖެހޭނީ ފަހަތަށް ޖެހެން.. އެއީ ބައެއްގެ ދިރިއުޅުން ހަލާކުކޮށްލާ މީހަކަށް އަރްހާން ވާން ނޭދޭތީ.. އަނެއްކާ ކަލޭ އިޒްވާއާ ސީރިއަސްތަ؟ ކުރިންވެސް ކިތައް ކުދިން ދެކެ ލޯބިވެގެން އުޅުނިން..؟ " ފަހު ޖުމްލަ ބުނެލިއިރު ކައިލްގެ އަޑުގައި ލާނެތް ކަމެއް ހުއްޓެވެ.

"އެއިން އެއްވެސް ކުއްޖަކާ އިޒްވާއާ އެއްހަމަވެގެން ނުވޭ.. ހަޤީޤަތުގައިވެސް އަހަރެން އިޒްވާ ދެކެ ވަރަށް ލޯބިވޭ.. މީގެ ކުރިން ދުވަހަކުވެސް މިގޮތަކަށް ފީލްއެއް ނުވޭ.. އިހުސާސް ވަނީ އިޒްވާއަކީ މާކުރިންވެސް އަހަރެންނާ ގުޅިލާ މެހިފައިވާ މީހެއްހެން.. ހަމަ ރަނގަޅަށް މިބުނަނީ ކައިލް.. އަހަރެން އިޒްވާ ބޭނުން.. ވަރަށް ބޮޑަށް ބޭނުން.. " އަރްހާންގެ އަޑުގައިވީ އަސަރުން އޭނާ އެހަދަނީ ދޮގެއް ނޫންކަން ކައިލްއަށް އެނގުނެވެ.

"ދެން އެހެންވީއިރު އިޒްވާ ކައިރީ ބުނަންވީނު ލޯބިވާ ވާހަކަ.. އޭރުން އޭނަ ދެކޭ ގޮތެއް ވެސް އެނގިދާނެއްނު.."

"ނޫން ނުކެރޭނެ.. އެވާހަކަ ނުބުނެ އިޒްވާ ލޯބިވޭތޯ ބަލަން ބޭނުންވަނީ.. ތެދަށް ބުނަންޔާ ހިޔެއް ނުވޭ އިޒްވާ އަހަރެން ދެކެ ލޯބި ވެދާނެހެން.. އަހަރެން ދެކެ އިޒްވާ ލޯބިވާންވީ އެއްވެސް ސަބަބެއް ނެތް ވިއްޔަ.. " އަރްހާން އެހެން ބުނިއިރު އޭނާގެ އަޑުގައި މޮޅިވެރިކަމެއްވިއެވެ.

"ހާދަ އަވަހަށް ބަލި ޤަބޫލުކުރީ.. ކިހިނެއް އެނގޭނީ.. ފުރަތަމަ ނަޒަރުން އަރްހާންއަށް ލޯބިވެވުނު ގޮތަށް އިޒްވާއަށް ވެސް ވެވިދާނެއްނު.. އުއްމީދު ގެއްލުވާނުލާބަލަ.. " ކައިލް ބުނެލިއެވެ.

"ރަނގަޅުކަމެއްތަ މިކުރެވެނީ.. މިކަން އެނގުނިއްޔާ ޝިވަން ދޮންބެ ކިހާ ކަޑަވާނެ.. "

"ތިވެސް ރަނގަޅު ވާހަކައެއް. އެކަމަކު އޮޅުމެއްގެ ތެރޭގައި ބައެއްގެ ހަޔާތް ބަރުބާދުވުމުގެ ކުރިން ހަޤީޤަތް އެނގުން މުހިންމު.. އިޒްވާ އާއި އަރްހާން އަދި ޝިވަންބެއަށް ވެސް ރަނގަޅުވާނީ އެގޮތް.. ޝިވަންބެ އަހަރެން ވަރަށް ރަނގަޅަށް ދަންނަން.. އަރްހާންދެކެ އިންތިހާއަށް ޝިވަން ދޮންބެ ލޯބިވޭ.. ޔަގީން މިހާރުވެސް އަރްހާން ގޮސް އިޒްވާ ދެކެ ލޯބިވާ ވާހަކަ ބުނެފިއްޔާ ހިތުން ރުހުމު އިޒްވާ އަރްހާންއަށް ދޭނެކަން.. " ކައިލް ބުންޏެވެ. ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށީ އެވަގުތުއެވެ.

"ޖަންނަ އެގުޅަނީ.. މަޑުކޮށްލައްޗެ.. " ފޯނު ނަގާ ކަންފަތުގައި ޖެހުމުގެ ކުރިން ކައިލް ބުންޏެވެ. މިދަނީއޭ ބުނުމަށްފަހު އެހާ އަވަހަށް ފޯނު ބާއްވައިފިއެވެ.

"ކިހިނެއްވީ؟ ހާދަ އަވަހަށް ފޯނު ބޭއްވީ.." އަރްހާން އެހިއެވެ.

"އެމީހުން ބާޒާރު ކުރީމަ އަހަރެންވީ ކޮތަޅުތަކުގައި ހިފައިދޭން ދާން.. ބާޒާރު ކުރަން ނިކުމެއްޖިއްޔާ އަންނާނީ ފިހާރަ އެއްކޮށް ހިފައިގެން ވިއްޔާ.. ހިނގާ ދާން.. " ވޮލެޓުން ފައިސާ ނަގާ މޭޒުމަތީގައި ބޭއްވުމަށްފަހު ކައިލް ބުންޏެވެ.

"މަށެއް ނުދާނަން.. ކައިލް ދޭބަލަ.. އަހަރެން ދާނީ ގެއަށް.. " އަރްހާން ބުންޏެވެ.

"ތިހެން އުޅެގެން ކިހިނެއް ކަމެއް ކާމިޔާބުވާނީ.. ހިނގާ ދާން.. އިޒްވާގެ ކޮތަޅުތަކުގައި ހިފައިދޭން ޖެހޭނެއްނު.." ސަމާސާ ރާގެއްގައި އެހެން ބުނަމުން ކައިލް އަރްހާންގެ އަތުގައި ހިފާ އިންތަނުން ނެގިއެވެ.

"ދެން ޖަންނަ ކައިރީ ކިޔާނީއެއް ނޫން.. ކިޔައިފިނަމަ އެހިސާބުން އެކަން އެއޮތީ އިޒްވާއަށް އެނގިފައި ކަމުގައި ބަލާ.. " އަރްހާން ބުނެލިއެވެ. ކައިލް ހިނިގަނޑެއް ޖަހައިލިއެވެ.

*************

އަރްހާން ކާރުގައި ގޮސް މަޑުކޮށްލީ އެމީހުން ބުނި ފިހާރައިގެ ދޮރުމައްޗަށެވެ. އެމީހުން ފެންނަން ނެތުމުން ކައިލް ގުޅާފައި ކޮބާތޯ އެހިއެވެ.

"އެތެރެއަށް ވަންނާށޯ.. " ފޯނު ބޭއްވުމަށްފަހު ކައިލް ބުނެލިއެވެ. ދެމީހުން ގޮސް ސިޑީން މައްޗަށް އަރަން ފެށީ އެމީހުން  ތިބީ މަތީގައި ކަމަށްވާތީއެވެ.

"މިއޮއް އައީނު.. އަރްހާންވެސްތަ... " އެތައް ދުވަހަކަށް ފަހު ކައިލްއާއެކު އަރްހާން ފެނުމުން އެންމެންނަށްވެސް ލިބުނީ ހައިރާން ކަމެކެވެ. އެމަންޒަރު ފެނުމުން އެންމެ އުފާވި އެކަކީ އިޒްވާއެވެ. އޭނާގެ ނަސޭހަތް އަރްހާން ޤަބޫލުކުރީތީ އޭނާ ވަރަށް ހިތްހަމަޖެހިއްޖެއެވެ.

"މިއުޅެނީ މިއިޒްވާގެ ރަންކިޔުމުގެ ހަފްލާއަށް ކުލައެއް ފައިނަލް ނުވެގެން.. އިޒްވާއަށް ރަތް ވެސް ނޫ ކުލަވެސް ރީއްޗޯ... މި ފެއްސާ މި ފެހިވެސް ވަރަށް ކަމުދެޔޯ.. މިތިބަ މީހުންނާ ހެދި އިޒްވާ މުޅިން ކޮންފިއުޒްވެފަ އެހުންނަނީ.. ދެމީހަކު އެކައްޗެކޭ ނުކިޔާ ވިއްޔާ.. ތިމީހުން ބުނެބަލަ ކޮންކުލައެއްތަ ރީތީ. " ޖަނާން ބުންޏެވެ. އެހިނދު ކައިލްއަށް މޮޅު ހިޔާލެއް އައެވެ.

"އަހަރެމެންނަކަށް ނޭނގެ ތިކަމަކާ އަހަރެމެން ނުބެހޭނަން.. އޭ އަރްހާން އާދެބަލަ މިހިރީ ހާދަ ރީތި ޓީޝާޓް ތަކެކޭ.. " ކައިލް އަރްހާންގެ ކޮނޑަށް އަތް ވައްޓާލައިގެން ގަމީސްތަކާ ދިމާލަށް ހިނގައިގަތެވެ.

"އެމީހުން ބަހައްޓާ.. އިޒްވާ ދެން ބުނެބަލަ ކޮންމެވެސް ކުލައެއް.. " ފާރިހާ ބުނެލިއެވެ. އެހިނދު އިޒްވާ ފޮތިތަކަށް ބަލަން ފަށައިފިއެވެ.

"ކަލެއަށް ރީތީ ކޮން ކުލައެއް ޓީޝާޓެއް މިތަނުން ނޫ ކުލަ ތަ ފެހި ތަ؟ " އަރްހާނަށް އެންމެ ރީތި ކުލަ އެނގި ހުރެ ކައިލް އެހިއެވެ. ކައިލް އެކުރަނީ ކީއްކަން ނޭނގޭ ހާލު އަރްހާން ބަލައިލީ ދެބުމަ ގޮށް ޖަހާލަމުންނެވެ.

"އަހަރެންނަށް އަބަދުވެސް ރީތީ ރަތް ކުލަ.. ކަލެއަށް އެނގެއެއްނު.. " އަރްހާން ބުނެލިއެވެ. އިޒްވާއާ ތަންކޮޅެއް ދުރުގައި ހުރި އަރްހާން އެހެން ބުނެލި އަޑު އިޒްވާއަށް އިވިއްޖެއެވެ. ކީއްވެކަމެއް ނޭނގުނެވެ. އޭނާގެ ހިތްވެސް ރަތްކުލަ ނެގުމަށް ބުނަން ފަށައިފިއެވެ.

"ރަތްކުލަ ނަގަމާ ދޯ.. އޯކޭ މި ފައިނަލް.. "ރަތް ކުލައިގެ ފޮތިގަނޑު ނަގަމުން އިޒްވާ ބުންޏެވެ. އެހިނދު ކައިލްގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. އަރްހާންއަށް އެމަންޒަރު ދައްކާލުމުން އަރްހާން ތުންފަތަށްވެސް ވެރިވީ ހިނިތުންވުމެކެވެ. ކައިލް އެކުރީ ކީއްކަން ނަގައިގަނެވުނީ އަދި ކިރިޔާއެވެ.


ނުނިމޭ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް