އެކަނިވެލުމާއެކު އަހަރެންގެ ސިކުނޑި ވަށައިލީ ޒޭބާގެ ހަނދާންތަކުންނެވެ. ޒޭބާ ކޮބައި ބާވައޭ ހިތަށް އެރިއެވެ. އަހަރެން އެކްސިޑެންޓްވިކަން ޒޭބާއަށް އެނގޭ ހެއްޔެވެ؟ އެނގުނިއްޔާ އޭނާ ވަރަށް ރޯނެކަން އަހަރެންނަށް އެނގެއެވެ. ހޮސްޕިޓަލުގައި އޮތް އިރު އަހަރެން ދެކިލަން ޒޭބާ އައި ހެއްޔެވެ؟ ހަމައެއާއެކު ޖިނާން މަތިންވެސް ހަނދާންވެއްޖެއެވެ. ޒޭބާ ފެނުމުން ހެދުނު ގޯހަކުން އަހަރެމެން ކުރަމުން ދިޔަ ޕްލޭނިންގް ހުއްޓުމަކަށް އައީއެވެ. އާ ފެށުމަކުން އަނެއްކާވެސް ނިމާލް ރުހުން ހޯދަން މަސައްކަތް ފަށަންވީއޭ އަހަރެންގެ ހިތް ބުންޏެވެ. ނަމަވެސް އެފަހަރު ކުރިއަށް ދާން ވިސްނީ ވަރަށް ވިސްނައިގެންނެވެ. އެގޮތުން ރޭވުން މެދުކެނޑުނު ހިސާބުން ފަށަން އަހަރެން ގަސްދުކުރީމެވެ. އެއީ ނައުރާއަށް ކައިވެންޏަށް ހުށައެޅުމެވެ.
މާ ލަސް ތަކެއް ނުކޮށް އެކަންވެސް ކުރީމެވެ. ދުވަހުގެ ގިނަ ވަގުތު ނައުރާ ކައިރީގައި ހޭދަ ކުރަން ފެށީމެވެ. އޮފީސް ނިންމުމަށްފަހު ރޭގަނޑު އެކެއް ޖަހަން ދެން އަހަރެން ހޭދަ ކުރަމުން ދިޔައީ ނައުރާ ކައިރީގައި އެގޭގައެވެ. ބައެއް ދުވަސް ދުވަހު ނައުރާ ގޮވައިގެން އައިސް އަހަރެމެން ގޭގައިވެސް ހޭދަ ކުރަމެވެ. ކުރަން ފަސޭހަ ކަމަކަށް ނުވިޔަސް ބޭނުންވީ ވީހާ ވެސް އަވަހަކަށް އަހަރެންގެ މަޤްސަދު ހާސިލް ކުރުމަށެވެ. އަމިއްލައަކަށް އެދިގެން ނިމާލްއާ އެކު ކޮފީތަކަށް ދިއުން ގިނަ ކުރީމެވެ. ނިމާލް ބުނާ ކުދި ކުދި ކަންތައްތައް ކޮށްދެން ފެށީމެވެ. އޭގެތެރޭގައި ވަރަށް ގޯސް ކަމެއްވެސް ކުރަން ޖެހުނެވެ. ކުރެވުނު ކަންތަކާ އަހަރެން ފަޙުރުވެރިއެއް ނުވަމެވެ. އެކަމުގެ އަދަބުވެސް އަހަރެންނަށް ދިނުން ހައްޤެވެ. އެކަމަށް ތައުބާވެސް ވީމެވެ. ނިމާލްއަށް އޭނާގެ މަޅީގައި އަހަރެން ޖެހިއްޖެ ކަމުގައި އިތުރަށް ޔަގީންކޮށް ދިނުމަށް ނައުރާ ކައިރިން އަގު ބޮޑެތި ހަދިޔާތައް ގަނެދިނުމަށް އެދެން ފެށީމެވެ. އޮފީހުން މަގާމުވެސް މަތިކޮށް ދިނުމަށް އެދި މުޅިންހެން އެމީހުންގެ ހިދުމަތުގައި ހޭދަ ކުރަން ފެށީމެވެ.
ދެމަސް ދުވަސް ފާއިތުވެގެން ދިޔައިރު އަހަރެންގެ މަސައްކަތަށް އަލިމަގެއް ފެންނަން ފެށިއެވެ. ނިމާލް އޭނާގެ ގޭންގުގައި އަހަރެން ބައިވެރި ކުރިއެވެ. އަހަރެންނަކީ އޭނާގެ އެއް އަތް ކަމުގައި ހެދިއެވެ. އެއްކޮޅުގައި ފަހުދް ހުރިއްޔާ އަނެއްކޮޅުގައި ހުންނަނީ އަހަރެންނެވެ. އެމީހުންނަށް ކުޑަވެސް ޝައްކެތްވެ ނުދިނުމަށްޓަކައި ޖިނާން އާއި ޒޭބާއަށް ގުޅަން އެއްވެސް މަސައްކަތެއް ނުކުރަމެވެ. އުއްމީދު ކުރަމުން ދިޔައީ އަހަރެން ކުރަމުން ދިޔަ މަސައްކަތާއި އިންތިޒާރުގެ ނިމުން ފޮނިވާނެ ކަމަށެވެ. އެދުވަހަކުން ނިމާލްއާއި ނައުރާއަށް އެމީހުން ކުރި ކުށުގެ ހައްޤު އަދަބު ލިބޭނެ ކަމަށެވެ. ކުރީގެ ދިރިއުޅުން އަނބުރާ ލިބޭނެކަމަށެވެ.
ނިމާލްގެ ކޮމްޕިއުޓަރާއި ފޯނު ކުޑަ ވަގުތު ކޮޅަކަށްނަމަވެސް އަހަރެންގެ އަތަށް އަރާތޯ އެތައް މަސައްކަތެއް ކުރަމުން ދިޔައީމެވެ. އެކަން ހާސިލް ނުވެގެން އުޅެނިކޮށް ކައިވެނީގެ ވާހަކަ ދެކެވެން ފަށައިފިއެވެ. ވީހާވެސް އަވަހަކަށް ކައިވެނި ކުރަން ބޭނުންވާކަމަށް ނައުރާ ބުނަން ފެށިއެވެ. އެހިސާބުން ނިމާލްވެސް އެކަން އަވަސް ކުރުމަށް އަހަރެންނަށް ނަސޭހަތްތެރިވާން ފެށިއެވެ. އެކަމަށް އިންކާރު ކުރާކަށް އަހަރެންނަކަށް ނުކެރުނެވެ. ކުރެވޭ އެންމެ ކަމެއްގެ ސަބަބުން ދެމަސް ދުވަހު ކުރި މަސައްކަތް ފެނަށް ގޮސް ދާނެތީއެވެ. އަހަރެން ހުރީ ޖިނާންގެ ހިޔާލަކަށް ވަރަށް ބޭނުންވެފައެވެ. ނަމަވެސް އެކަމުންވެސް ދެރައެއް ލިބިދާނެތީ ކުރާކަށް ނުކެރުނެވެ. އެންމެ ފަހުން އަހަރެންނަށް ޖެހުނީ ރަން ކިޔަން އެއްބަސް ވާށެވެ.
ހިތް ކުދި ކުދި ވަމުން ދިޔަ ހާލު އެކަންވެސް ކުރީމެވެ. ކައިވެނި ކުރަން ހަމަޖެހުނީ ހަފްތާއެއް ފަހުންނެވެ. ކަންތައްތައް ވަމުން ދިޔައީ ހީކުރި ވަރަށް ވުރެ އަވަހަށެވެ. އެހެންވެ ވީހާވެސް އަވަހަކަށް އަހަރެން މަޤްސަދު ފުރިހަމަ ކުރުމަށް ގޮތެއް ވިސްނަން ފެށީމެވެ. އެގޮތުން ނިމާލް ފޯނާ ކުޅޭ ވަގުތު އޭނާގެ ޕާސްވޯޑަކީ ކޮބައިކަން ބެލީމެވެ. އެއްދުވަހު ނިމާލް ފެންވަރަށް ވަން ގަޑީއާ ދިމާކޮށް އޭނާގެ ކޮޓަރިއަށް ވަނީމެވެ. އޭރު ޒުހުދާ ވީ އޭނާގެ އެކުވެރިންތަކަކާއެކު ބޭރަށް ގޮހެވެ.
ކޮޓަރިއަށް ވަންއިރު ކޮމްޕިއުޓަރ ހުޅުވާފައި ހުރުމުން އެ ހާވަން އަހަރެންނަސް ފަސޭހަވެގެން ދިޔައެވެ. އަޑެއް ނީއްވާވޭތޯ މަސައްކަތް ކުރަމުން އެ ވީޑިއޯ ހޯދަން ފެށީމެވެ. ފަސޭހަ ކަމާއެކު ވީޑިއޯ ފެނުމުން އަހަރެންނަށް ލިބުނީ ބުނަން ނޭނގޭ ފަދަ ހިތްހަމަޖެހުމެކެވެ. އަވަހަށް ޑިލީޓް ކުރުމަށްފަހު އެހެން ތަނެއްގައިވެސް އެވީޑިއޯ އިން ތޯ ބެލީމެވެ. ފާހާނައިން މާގަނޑު ނިވުނު އަޑާއެކު އަހަރެން އަވަހަށް އެތަނުން ނިކުތީއެވެ.
ދެން އަހަރެން މަސައްކަތް ފެށީ ކޮންމެވެސް ގޮތަކުން ނިމާލްގެ ފޯނުގައިވާ ވީޑިއޯ ޑިލީޓް ކުރުމަށެވެ. ފަސޭޙައިން ނިމާލްގެ ފޯނު އަހަރެން އަތަށް ލިބޭނެ ގޮތަކާމެދު ވިސްނަން ފެށީމެވެ. މާ ބޮޑު މަސައްކަތެއް ނުކޮށް އެކަންވެސް ކާމިޔާބު ވާނޭ މަގު ފަހިވިއެވެ. އެދުވަހު ދިޔައީ މަސް ދަތުރެއްގައެވެ. ނިންމާފައި އަންނަމުން ބޯވަނަގަން ފައިބާން ނިމާލް ބޭނުންވެއްޖެއެވެ. އަހަރެން ނިމާލްގެ ފޯނު ނެގީ އެތަންވަޅު ބަލާފައެވެ. އޭނާގެ މީހުން ދޯނީގައި ތިބިނަމަވެސް އެކަކުވެސް އަހަރެންނަށް ޝައްކެއް ނުކުރެއެވެ. ފަސޭހަ ކަމާއެކު އަހަރެންނަށް ފޯނުގައި އިން ވީޑިއޯވެސް ފެނުނެވެ. ޑިލީޓް ކުރުމަށްފަހު އެހެން މީހަކަށް އެވީޑިއޯ ފޮނުވާފައި އިން ތޯ މީސްމިޑިއާގެ ހުރިހާ އެކައުންޓެއް ޗެކް ކުރީމެވެ. ނެތްކަމުގެ ޔަގީނާ އެކު އަހަރެން އެފޯނު ބޭއްވުމަށްފަހު ހިތްހަމަޖެހުމުގެ ނޭވައެއް ދޫކޮށްލީމެވެ. މިނިވަންކަމުގެ އިހުސާސުން އަހަރެންގެ ހިތް ނަށަމުން ދިޔައެވެ. ގެއަށް އައި ގޮތަށް ފެންވަރާލައިގެން ދިޔައީ ޖިނާންގެ ގެއަށެވެ. އޭނާއަށް އެޙަބަރު ދިނުމަށެވެ. އެތައް ދުވަހަކަށްފަހު ޖިނާން އާ ބައްދަލުވުމުން އެންމެ ފުރަތަމަވެސް އޭނާ ގައިގާ ބައްދާލެވުނީއެވެ. ހިނިގަނޑެއް ޖަހައިލަމުން އަހަރެން ބުރަކަށީގައި ޖިނާން ދެފަހަރަކު ޖަހައިލިއެވެ.
"ގަދަ ކަލޭ.. ދެން އަވަހަށް ތިކަން ނިންމާލަން އުޅޭ.. ނޫނީ ޒޭބާ ފަކީރުގެ ދުވަސް ގޮސްދާނެ.." ޖިނާން ބުނެލިއެވެ.
"ކޮބާ މިހާރު ޒޭބާ..؟ އޭނާއަށް ހުރިހާ ވާހަކައެއް ކިޔައިދިނިންތަ؟ " އަހަރެން އެހީމެވެ.
"އާނ!! ވަރަށް ރުއި.. އަހަރެން ވަރަށް ވިސްނައިދިން.. " ޖިނާން ބުންޏެވެ.
"އަހަރެން އެކްސިޑެންޓްވިކަން ޒޭބާއަށް އެނގޭތަ؟ " އަހަރެން އަހައިލީމެވެ.
"ޒޭބާ ފަކީރު މޮޔަ ނުވީ ކިރިޔާ.. ހޮސްޕިޓަލަށް ދާން ވަރަށް މަސައްކަތް ކުރި.. އަހަރެންނާއި ޒޭބާގެ މައިންބަފައިންގެ މަސައްކަތުން އޭނާ ހުއްޓުވީ.. ޒޭބާގެ ލައިފްގަ ވަރަށް ކަންތައްތައް ގޯސްކޮށް އުޅެނީ.. ހިޔެއް ނުވޭ މާގިނަ ދުވަހު ޒޭބާއަށް އިޒާންގެ އިންތިޒާރުގައި ހުރެވޭނެހެނެއް.. އޭނާގެ މައިންބަފައިން އުޅެނީ ގަދަކަމުން ޒޭބާ އެހެން މީހަކާ ކައިވެނި ކުރުވަން ވެގެން.. " ޖިނާން ކިޔައިދިނެވެ.
"ނޫން.. އަހަރެން ތިކަން ވިޔަކަ ނުދޭނަން.. އަޅޭ ޖިނާ ކޮންމެވެސް ގޮތަކުން ޒޭބާ އެގެއިން ނެރެދީބަލަ.. އަހަރެން ވަރަށް ބޭނުން ޒޭބާއާ ބައްދަލުކޮށްލަން.. ޒޭބާގެ މައިންބަފައިންނަށް ވިސްނައިދެވޭނީ ޒޭބާއާ ބައްދަލުކޮށް ވާހަކަ ދެއްކުމަށް ފަހުގައި.. " އަހަރެން ބުނީމެވެ.
"ތިކަން ކުރަން ވަރަށް އުނދަގޫވާނެ.. އިޒާންދެކެ ވަރަށް ރުޅިއައިސްފައި އެމީހުން ތިބީ.. އެކަމަކު ތިކަން ކޮށްދެވޭތޯ ބަލާނަން.. ދެން އިހަށް މިވަގުތު ހިނގާބަލަ ސެލެބްރޭޓްކޮށްލަން.. ހާދަ ދުވަހެއް ފަހުންނޭ މިދިމާވީ.. މިހާ ދުވަސް ވަންދެން ދުވަހަކުވެސް ހަބަރެއްނުވެ ނުތިބެމެއްނު.. " ޖިނާން ބުންޏެވެ. ޕިއްޒާ އޯޑަރ ކުރުމަށްފަހު އަހަރެމެން ދެމީހުންގެ ފެވަރިޓް ވީޑިއޯ ގޭމް ކުޅެން ފެށީމެވެ.
ޖިނާންމެން ގެއިން އަހަރެން ނިކުތީ މެންދަމުން އަލިވީ ފަހުންނެވެ. ގެޔަށް ދިޔަ މަގުމަތީގައި ނިމާލް އަހަރެންނަށް ދިން ފޯނު ނިއްވާލުމަށްފަހު ލީ މަގުމަތީގައި ހުރި ޑަސްބިނަށެވެ. ނިމާލްގެ ކިބައިން ސަލާމަތް ވެވުނު ކަމަށްޓަކާ ފަހުރުވެރިވެ ހުރެ ގެއަށް ދިޔައީ އެތައް ދުވަހަކަށް ފަހު އަރާމުގައި ނިދާލަން ނިންމައިގެންނެވެ. ގެއަށް ދިޔަ ގޮތަށް އެނދުމައްޗަށް ވެއްޓިގަތީ ޒޭބާއާ އެކު ފޮނި ހިޔާލުތަކެއް ކުރަމުންނެވެ. ނަމަވެސް....... ދެން ކަންތައްވެގެން ދިޔައީ އަހަރެން އެންމެ ހީނުކުރާ ގޮތަށެވެ. އެދުވަހަކީ ޖިނާންއާ ވާޙަކަ ދެކެވޭ އެންމެ ފަހު ރެއެއް ވެދާނެއެކޭ އަހަރެންގެ ހިތަށްވެސް ނާރައެވެ.
އެރޭ ނިދީގައި ޒޭބާއާއެކު ފޮނި ހުވަފެނުގައި ވަނިކޮށް ހޭލެވުނީ ކައިރިން ކޮންމެވެސް މީހަކު ގޮވާ އަޑަށެވެ. ލޯ ހުޅުވާލިއިރު ކައިރީގައި ހުރި ފަހުދް ފެނީ އަހަރެން ދިޔައީ ސިއްސައިގެންނެވެ. ހުވަފެނެއް ކަމަށް ހީކޮށް އަމިއްލަ އަތުގައި ވިކައިވެސްލީމެވެ.
"ތެދުވޭ!! ކަލޭ ބަލާ މިއައީ ނިމާލް ބުނެގެން.. " އަމުރުވެރި ރާގެއްގައި ފަހުދް ބުންޏެވެ.
"މީ ކޮންގަޑިއެއްކަން އެނގޭތަ؟ " ގަޑިއަށް ބަލައިލަމުން އަހަރެން ބުނީމެވެ.
"ބޭކާރު ވާހަކަ ނުދައްކާ އަވަސް ކުރޭ.. އެހެން ނޫނީ ގަދަބާރުން ގެންދަން ޖެހޭނީ.. " ފަހުދް ވާހަކަ ދެއްކި ގޮތުން ކޮންމެވެސް ގޯހެއްވެއްޖެކަން އަހަރެންނަށް އެނގުނެވެ. އެހެންވެ ތެދުވެގެން އަވަހަށް ކޮނޑުގައި އަޅުވާފައި އޮތް ޓީޝާޓު ބޮލަށް މަހާލައިގެން ފަހުދްއާއެކު ނިކުތީމެވެ.
"ކަމެއް ގޯސްވީތަ؟ " ކާރުގައި ދަމުން ފަހުދް ކައިރީގައި އަހަރެން އެހީމެވެ. ފަހުދްގެ ތުންފަތަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ.
"އަމިއްލަ މީހާއާ ތިސުވާލުކުރަންވީނު.. " ފަހުދް ބުނެލިއެވެ. އެހިސާބުން އަހަރެން ކުރި ކަންތައް ނިމާލްއަށް އެނގުނީކަން ޔަގީންވިއެވެ. ނަމަވެސް އަހަރެން ހާހެއް ނުވިއެވެ. އަހަރެންނާ ދެކޮޅަށް ނިމާލްއަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނޭ ހިތަށް އެރިއެވެ. ނިމާލްއާ ކުރިމަތިލާން އަހަރެން އިނީ ތައްޔާރުވެގެންނެވެ.
އަހަރެން ގޮވައިގެން ގޮސް ފަހުދް ވަނީ ނިމާލްގެ ގޭގައި ހުރި ފާޑެއްގެ ކޮޓަރިއަކަށެވެ. އެތަނުގައި ނިމާލްގެ ގޭންގު ހުރިހާ އެންމެން ކަހަލަ ގޮތަކަށް ތިއްބެވެ. ޕްރޮޖެކްޓަރަކާ ސްކްރީނެއް ހުރުމުން އަހަރެން ހައިރާންވިއެވެ.
"އަނހަ.. މިއޮއް އައީއެއްނު އަހަރެންގެ ލެފްޓު ހޭންޑް... ގޭންގު ހަމަވީ ދޯ.. އާދޭ އިޒާން.. މިރޭގެ ހާއްސަ މެހުމާނު ތީ.. ފަހުދް!! ނިކަން ގޮސް އިޒާން އޭނާއަށް ޚާއްސަ ގޮނޑީގައި ބައިންދާބަލަ.. " ނިމާލް ބުންޏެވެ. އެހިނދު ފަހުދް އަހަރެން އަތުގައި ހިފައިގެން ގެންގޮސް ވަކިން ހުރި ގޮނޑިއެއްގައި ބޭންދިއެވެ. ސިހިގެން ދިޔައީ އެތަނުން ދެމީހަކު އައިސް އަހަރެން އަތް ފައި ބަންނަން ފެށުމުންނެވެ. ބަހެއް ކިޔަން އަނގަހުޅުވާލި ތަނުން ފަހުދް އަހަރެންގެ އަނގަމަތީގައި ފޮތިގަނޑެއް ބަނެވެ.
"ކޮބާ އިށީނދޭ އެންމެން.. ފިލްމު ބަލާ ގަޑި ޖެހުނީ.." ނިމާލް އަންގައިލިއެވެ. އެވަގުތު އެންމެން އެކި ތަންތަނުގައި އިށީންނަން ފަށައިފިއެވެ. ނިމާލް ޕްލޭކޮށްލި ވީޑިއޯއާއެކު ކަރުބުޑުން އަހަރެންނަށް ހަޅޭއްލަވައިގަނެވުނެވެ. އަހަރެން ހިތުން ޑިލީޓްކޮށްލި ވީޑިއޯ މިހާރު އެހުރީ އެންމެންގެ ކުރިމަތީގައި އަޅުވާފައެވެ. އެތަނުގައި ޒޭބާއާ ބެހޭގޮތުން މީހުން ދައްކަމުން ދިޔަ ވާހަކައިން އަހަރެންގެ ލޭހޫނުވަމުން ދިޔައެވެ.
"އަދި އެއްފިލްމު ބަލާނަންތަ؟ އެކަމަކު މިފަހަރު ހީރޯއަކީ އަހަރެން އެނގޭ.. " ނިމާލް ބުނެލިއެވެ. އަހަރެން ނިމާލްއާ ދިމާލަށް ބަލައިލީ އަލިފާނުގެ ބެލުމަކުންނެވެ. ނުލަފާ ގޮތަކަށް ހިނިގަނޑެއް ޖަހައިލަމުން އޭނާ ދެވަނަ ވީޑިއޯ ޕްލޭ ކޮށްލިއެވެ. އެންމެ ފުރަތަމަވެސް އަހަރެންގެ ކަންފަތުގައި އައިސް ޖެހުނީ ޒޭބާގެ ހަޅޭކުގެ އަޑެވެ. ފެންނަމުން ދިޔަ މަންޒަރުން ރުޅިއައިސްގެން އަހަރެންގެ މުޅި ހަށީގަނޑުގައި ތުރުތުރުއަޅައެވެ. ކަރުބުޑުން ހަޅޭއްލަވަމުން ދިޔައިރު އެހެން އެންމެން ހެނީއެވެ.
ނުނިމޭ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް