ވާހަކަ : މިހިތުގެ ލޯތްބޭ ތީ - ފަނަރަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... އިޒްވާ އެ އެޕާޓްމެންޓުން ނިކުތްއިރު ލިފްޓު ތެރޭގައި ދޮރު ލެއްޕުނަ ނުދީ ހިފަހައްޓާއިގެން އަރްހާން ހުއްޓެވެ. އެހެންކަމުން އަވަހަށް ހިނގާފައި ގޮސް އިޒްވާ ލިފްޓަށް އެރިއެވެ. އެންމެ...

14 Feb 2023 | 17:37

ކުރީގެ އަދަދާއި ގުޅޭ...

އިޒްވާ އެ އެޕާޓްމެންޓުން ނިކުތްއިރު ލިފްޓު ތެރޭގައި ދޮރު ލެއްޕުނަ ނުދީ ހިފަހައްޓާއިގެން އަރްހާން ހުއްޓެވެ. އެހެންކަމުން އަވަހަށް ހިނގާފައި ގޮސް އިޒްވާ ލިފްޓަށް އެރިއެވެ. އެންމެ ތިރިއަށް ދާން ފިތައިލުމަށްފަހު އަރްހާން ދެޖީބަށް އަތް ޖަހާލައިގެން ހުއްޓެވެ. އަނެއްފަރާތުގައި އިޒްވާ ހުރީ ދެއަތް އުރާލައިގެންނެވެ. ތަނަށްވެރިވެފައިވީ ހަމަހިމޭންކަމުގެ ތެރެއިން އިވެނީ ދެމީހުންގެ ނޭވާގެ އަޑެވެ. އަރްހާން ހުރީ އިޒްވާއާ ވާހަކަ ދައްކާލަން އިންތިހާއަށް ބޭނުންވެފައެވެ. އިރުއިރުކޮޅާ އިޒްވާއާ ދިމާލަށް ބެލެމުން ދިޔައީ އެހެންވެއެވެ. އަރްހާންގެ ބެލުން އިސްޖަހައިގެން ހުރި އިޒްވާއަށް ފާހަގަވެ އޭނާގެ އަތްފައި ފިނިވެފައިވިއެވެ. އޭނާ އެހުންނަނީ އިސް އުފުލާލަންވެސް ނުކެރިފައެވެ. ކުރެވެމުން ދިޔަ ގޮތް ނޭނގޭ އިހުސާސަކުން އޭނާގެ ހިތަށް ބިރުވެރިކަމެއް ލިބިފައިވިއެވެ. އެންމެ ތިރިޔަށް ލިފްޓު ނުދަނިސް ކުއްލިއަކަށް ކަރަންޓު ކަނޑައިގެން ގޮއްސިއެވެ. އެއާއެކު ލިފްޓުވެސް ހުއްޓިއްޖެއެވެ. ގަތް ބިރާއެކު އިޒްވާއަށް ތެޅި ގަނެވުނެވެ. ކުއްލިއަކަށް އެއްލި އަތާއެކު ހިފުނީ އަރްހާންގެ އަތުގައެވެ.

"ކިހިނެއް އެވީ؟ ކީއްވެ ލިފްޓު ހުއްޓުނީ..؟ " ބިރުގަނެފައި ހުރެ އިޒްވާ އެހިއެވެ.

"ކަރަންޓު ދިޔައީ ކަންނޭނގެ.. އިރުކޮޅަކުން ރަނގަޅުވެދާނެ.. ކަންބޮޑުނުވޭ.. " އަރްހާން ބުންޏެވެ.

"ނޫން.. ފިލްމުތަކުން ފެނޭ.. އަހަރެން ވަރަށް ބިރުގަނޭ އެބަ؟ " އިޒްވާއަށް ރޮވުނެވެ. ގަނެފައިވާ ބިރާއެކު އަރްހާންގެ އަތުގައި ހިފަހައްޓައިގެން ހުރި ތަނަށް ބާރުލެވެމުން ދިޔައެވެ. ތަދުވިނަމަވެސް އަރްހާން އެކަން ނުދައްކާވޭތޯ މަސައްކަތް ކުރިއެވެ. އަނެއް އަތުގައި ޖީބުގައި އޮތް ފޯނު ނަގާ ބައްތި ދިއްލާލިއެވެ. އެއާއެކު ފަނޑު އައްޔެއް ތަނަށް ވެރިވިއެވެ. އެހިނދު އިޒްވާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް ލިފްޓު ހުއްޓިފައި ހުރުމުން އަދިވެސް ކޮންމެވެސް ވަރެއްގެ ބިރެއް ހުއްޓެވެ. އަރްހާންގެ އަތުގައި ހިފަހައްޓައިގެން ހުރެވުނުކަންވެސް ރޭކާލީ ދެނެވެ. އެހެންވެ އަވަސް އަވަހަށް އެއަތުން ދޫކޮށްލިއެވެ.

"އަހަރެން ވަރަށް ބިރުގަނޭ އެބަ.. ޕްލީޒް ކޮންމެވެސް މީހަކަށް ގުޅާބަ.. އަހަރެންގެ ފޯނުގައި ލާރިއެއް ނެތް.." އިޒްވާ ބުނެލިއެވެ.

"ގުޅާނަމޭ! އިހަށް އަހަރެން ބުނާ ބަހެއް އަހަންޏާ ހަމަޖެހިލައިގެން ހުރެބަލަ.. ކަރަންޓު ދިޔައިމަ ލިފްޓު އެހުއްޓުނީ.. ވިހި މިނެޓަށް ވުރެ ގިނައިރު ވަންޏާ އެހީއަކަށް އެދި ގުޅާނީ.. " އަރްހާން ބުންޏެވެ.

"މިރޭ ކައިގެންތަ ތިހުރީ؟ " އަނެއްކާވެސް އަރްހާން އަހައިފިއެވެ.

"މިގަޑީގައި އަހަން ފެންނަ ވާހަކައަކީ ތީ ތަ؟ މިތަނުން ނިކުމެވޭނެ ގޮތެއް ހޯދޭތޯ ބަލާބަލަ" އިޒްވާއަށް އެހެން ބުނެވުނީ ތަންކޮޅެއް ރުންކުރު ކޮށެވެ.

"މިކަހަލަ ގަޑި ގަޑީގައި ވާހަކަ ދެއްކުމަށްވުރެ މޮޅު ކަމެއް ނޯންނާނެ.. ވާހަކަ ދެއްކީމަ ހުރިހާ ބިރެއް ފިލާ ގޮސްދާނެ.. " އަރްހާން ބުނެލިއެވެ. އިޒްވާ ވިސްނާލިއެވެ. އިއްޔައިންސުރެ ފެށިގެން ހިތަށް އުނދަގޫ ކުރަމުން ދިޔަ ސުވާލުކޮށްލަން ހިތަށްއެރިއެވެ.

"އެހެން ވިއްޔާ އަހަރެން ވާހަކައެއް އަހާލަންތަ؟ " ވަރަށް ވިސްނަން ހުރުމަށްފަހު އިޒްވާ އެހިއެވެ. އަރްހާން ހުމްމް އަޅުވައިލިއެވެ.

"ކީއްވެ އަހަރެން ކައިރީ ދޮގު ހެދީ..؟ ޝިވަން ދިނޭ ކިޔާފައި އަހަރެންނާ ފޯނަކާއި ލާރި އަދި ހެދުން ގަނެދިނީ ކީއްވެ؟ " ތަނަށް ވެރިވެފައިވާ ފަނޑު އަލީގައި އިޒްވާއަށް ޖެހިލުމެއް ނެތި ސުވާލުކުރުމަށް ފަސޭހަ ވެގެން ދިޔައެވެ. އަރްހާން ޖަވާބުދޭން ތައްޔާރުވެލަމުން ކަރުކެހިލިއެވެ.

"އަހަރެންގެ ފެމިލީ އަށް ކޮށްދިން ކަމެއް އެއީ.. އިޒްވާގެ ކުރިމަތީގައި އެމީހުންގެ އަގުވެއްޓެން ބޭނުންނުވާތީ ދޮގު ހަދަން މަޖުބޫރުވީ.. އެކަމާ އިޒްވާ ހިތްހަމަނުޖެހިފައި ހުރިއްޔާ މާފަށް އެދެން. " އަރްހާން ބުނެލިއެވެ. އިޒްވާއަށް ދެފަރާތަށް ބޯހޫރައިލެވުނުއިރު ދެބުމަ ގޮށް ޖެހިފައިވިއެވެ. ޙުދު އަރްހާންގެ ދުލުން ބުނުމުންވެސް ޤަބޫލުކުރަން އުނދަގޫ ވަނީ ކީއްވެހެއްޔޭ ހިތަށް އެރިއެވެ.

"ދެން ނެތްތަ އަހާލާނެ އެހެން ވާހަކައެއް... " އިޒްވާ އެވިސްނުމަށް ގެއްލިފައި ހުއްޓާ އަރްހާން އެހިއެވެ.

"އުނހު އެބައޮތް.. ޖާނޫ ބުނި ކައިލްއާއި އަރްހާން ތީ ކުރިން ބެސްޓް ފްރެންޑުންނޭ.. ޝީ ޓޯލްޑް ދެޓް ޔޫ ފުލީ ގޯސްޓެޑް ހިމް.. އެއީ ކީއްވެ؟ އެއްވެސް ކަމަކާ ނުލާ ރަޙުމަތްތެރިން ދުރުކޮށްލަން ވެދާނެތަ؟ ޤަބޫލުކުރަން އަރްހާން ތަޖުރިބާ ކުރީ ވަރަށް ދަތި އުނދަގޫ ދުވަސްތަކެއްކަން.. އެކަމަކު އެކަމުގަ ކައިލް ކުރާނީ ކޮންކަމެއް.... ނަސޭޙަތް ދޭނެ އެއްވެސް ހައިސިއްޔަތެއް ނެތް ކަންނޭނގެ.. އެކަމަކުވެސް ރަނގަޅު ނަސޭހަތެއް ދޭނަން.. އަހަރެންނަށް ފެންނަނީ ކައިލްއާ އަލުން ރަހުމަތްތެރިކަން ބާއްވަން.. އެކަހަލަ އެކުވެރިން ކޮންމެ ކޮންމެ މީހަކަށް ނުލިބޭނެ.. އެކަހެރިވެގެން ތިއުޅޭ އުޅުން ދޫކޮށްލާފައި މީހުން ތެރެއަށް ނިކުމެ އާއިލާއާއެކު ކަންކަމުގައި މަޝްޢޫލްވެ އުޅެންވީ.. ކުއްލި ކުއްލިއަށް ތިއަންނަ ރުޅިވެސް އޭރުން މަޑުވެދާނެ.. އާއިލާގެ އެންމެންވެސް ދައްކަނީ އެއް ވާހަކައެއް.. އަރްހާން އެމީހުންނާ ދުރު ވާހަކަ.. " އިޒްވާ ކިޔަމުން ދިޔައިރު އަރްހާން ކަނުލާ އަޑުއަހަން ހުއްޓެވެ. އިޒްވާގެ ފަރާތުން އެފަދަ ބަސްތަކެއް އިވުނީތީ ބުނަން ނޭނގޭ ފަދަ ހިތްހަމަޖެހުމެއް ލިބިފައިވިއެވެ. އެއާއެކު އިޒްވާ ބުނި ފަދައިން ކައިލްއާ މެދު ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން އިހުސާސްވިއެވެ. އިޒްވާ ބުނިހެން ކައިލްއަކީ ދެވަނައެއް ނުވާނެ ފަދަ އެކުވެރިއެކެވެ.

"ދެން ޕްލީޒް މީހަކަށް ގުޅާބަލަ މިހާރު ވިހި މިނިޓަށްވުރެ ގިނައިރު ވެއްޖެ ކަންނޭނގެ.. " އިޒްވާ ބުންޏެވެ. އަރްހާން ފޯނުގެ ބައްތި ނިވައިލުމަށްފަހު ޑަޔަލް ޕެޑަށް ފިތައިލިއެވެ. ކައިލްއަށް ގުޅަން ނަމްބަރުތަކަށް ފިތަނިކޮށް އިސާހިތަކު ކަރަންޓު އައިސްފިއެވެ. ލިބުނު ހިތްހަމަޖެހުމާއެކު އިޒްވާ ހެއްދެވި ފަރާތަށް ހަމްދުކޮށްލި އަޑު އަރްހާނަށް އިވުނެވެ. އެވަގުތު އިޒްވާގެ މޫނަށް އަރްހާން ބަލައިލިއެވެ. އިޒްވާގެ ނަޒަރުވެސް އަރްހާންއާ ސީދާވެލި ހިނދު އަވަސް އަވަހަށް އިސްޖަހައިލިއެވެ.

އިޒްވާ ކައިރީގައި ގޭގެ ދޮރުމަތީގައި މަޑުކުރުމަށް ބުނުމަށްފަހު އަރްހާން ދިޔައީ ތަންކޮޅެއް ދުރު ހިސާބެއްގައި ޕާކު ކޮށްފައިވާ ކާރު ބަލައެވެ. ވައިގަދަވެފައި ވުމުން ވާރޭ ވެހެން އުޅެނީކަމުގެ އިހުސާސް އިޒްވާއަށް ކުރެވުނެވެ. ހީކަރުވައިލި ހިނދު ދެއަތް މެޔާ ގާތް ކޮށްލެވުނެވެ. އަރްހާން ކާރުގައި އައިސް ކުރިމައްޗަށް މަޑުކޮށްލުމުން ލަސްނުކޮށް އިޒްވާ ކާރަށް އެރިއެވެ.

ގެއަށް ދިއުމަށް ދަތުރު ފެށުނީއްސުރެން ކާރު ތެރެއަށް ވެރިވެފައިވީ ހިމޭންކަމެވެ. އެހާ އަވަހަށް ގެއަށް ދާން އަރްހާންގެ ހިތް އެއްބަހެއް ނުވިއެވެ. ބޭނުންވީ އަދި ކުޑަވަގުތުކޮޅެއް އިޒްވާއާ އެކު ހޭދަކޮށްލުމަށެވެ. އެހެންވެ ކާރު މާ ދުރު މަގަކުން ދުއްވަން ފެށިއެވެ. އިޒްވާއަށް އެކަން ފާހަގަ ނުވޭތޯ އަރްހާން އިނީ ހިތާ ހިތުން ދުއާ ކޮށްލަ ކޮށްލައެވެ.

"އަދިވެސް ނޫޅޭތަ ދެވޭކަށް.. ކުރިން ދަނީ މި މަގުން ނޫން ހެން ހީވަނީ.. " އިޒްވާ ބުނެލައިފިއެވެ.

"އާނ މި މަގުން ދާން ތަންކޮޅެއް ދިގުވާނެ ދަތުރު.. ކޮންމެވެސް ކަމެއް ކުރާތީ ބައެއް މަގުތައް ބަންދުކޮށްފަ ހުރީމަ.. " އަރްހާން ގަސްދުގައި ދޮގެއް ހަދައިލިއެވެ. އިޒްވާ ވަރަށް ފަސޭހައިން އެވާހަކަ ޤަބޫލުކުރުމުން އަރްހާންގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. ބައި ގަޑިއިރު ވީ ފަހުން ގެއަށް ދިއުމަށް އަރްހާން ކާރު އަނބުރާލައިފިއެވެ. އެއަށްވުރެ ލަސްވެއްޖެ ނަމަ ޔަގީނުންވެސް ނުބައެއް އުޅެނީ ކަމުގައި އިޒްވާއަށް ޔަގީން ކުރެވޭނެއެވެ. ގެ ހުންނަ މަގަށް އަޅުވައިލިތަނުން ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ. ހަމައެއާއެކު ކާރުވެސް ހުރި ހިސާބުން ހުއްޓިއްޖެއެވެ.

"ކިހިނެއް އެވީ... ؟" އިޒްވާ އެހިއެވެ.

"ނޭނގެ... ބަލާލަން ޖެހޭނީ.. " އެހެން ބުނެ އަރްހާން ކާރުން ނިކުންނަން އުޅުނެވެ.

"އުނހު.. ވާރޭ ވެހެނީނު.. ރޭގަނޑު ތެމިއްޖިއްޔާ ރޯގާ ޖެހިދާނެ.. އަރްހާން ބަލިވެއްޖިއްޔާ ރައިހާނާއްތަ ވަރަށް ކަންބޮޑުވާނެ.. އެހެން ޑްރައިވަރަކަށް ގުޅާފައި ބުނަންވީނު ކާރު ތަނަކަށް ހަދަން ދޭން.. " އިޒްވާ ހިޔާލެއް ދިނެވެ. އަރްހާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވީ ރައިހާނާގެ ނަމުގައިވިޔަސް އޭނާއާ މެދު ކަންބޮޑުވާކަން ފާޅު ކުރުމުންނެވެ.

"ދެން ގެއަށް ނުގޮސް މިކާރުގައި ތިބޭނީތަ؟ ހިނގާ ދުވެފައި ދަމާ.. ގެ އެހުރީ ފެންނާކަށްނު.. ނިކުމޭ އަވަހަށް.." އިޒްވާއަށް ވާހަކަ ދައްކާނޭ ފުރުސަތެއްވެސް ނުދީ އަރްހާން ކާރުން ނިކުތެވެ. އަރްހާން ފޭބިއިރުވެސް އިޒްވާ ނުފައިބާތީ އެފަރާތަށް ގޮސް ދޮރު ހުޅުވާލުމަށްފަހު އިޒްވާގެ އަތުގައި ހިފާ ނެރުނެވެ. އިޒްވާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ބޯވާރޭ ގަނޑު ތެރޭގައި އިޒްވާގެ އަތުގައި ހިފައިގެން ގެއާ ދިމާލަށް ދުއްވައިގަތެވެ. ހައިރާންވެފައި ހުރި އިޒްވާއަށް ބެލެމުން ދިޔައީ އަރްހާންއަށެވެ. ކުރެވެމުން ދިޔަ ތަފާތު އިހުސާސުން ކައިރީގައި ވާ އެއްވެސް ކަމެއް އޭނާއަށް އިހުސާސް ނުވާ ކަހަލައެވެ. އެހެން ދިމާލަކަށް ބަލައިލަން އިޒްވާ ނުކުޅެދިފައިވިއެވެ. އިހުސާސްވަމުން ދިޔައީ އަރްހާންއަކީ އޭނާގެ ހިތާ ވަރަށް ގާތް މީހެއް ކަމުގައެވެ. އަރްހާން ހުއްޓުނީ ގޭގެ ޕޯޓިކޯ ތެރެއަށް ވަދެވުމުންނެވެ. ފުންނޭވައެއް ދޫކޮށްލާ އުނަގަނޑުގައި އަތް އަޅުވައިލަމުން އަރްހާން އިޒްވާއަށް ބަލައިލިއެވެ. ހައިރާންވެފައި އިޒްވާ ބަލަހައްޓައިގެން ހުރިތަން ފެނުމުން ނިތް އަރުވައިލަމުން ކިހިނެއްވީތޯ އަހައިލިއެވެ. ނަމަވެސް އިޒްވާއަށް ޖަވާބެއް ނުދެވުނެވެ. އަރްހާންގެ މޫނަށް ބަލަހައްޓައިގެން ހުރީ ކަމެއް ދެނެގަންނާން މަސައްކަތް ކުރާ ފަދައަކުންނެވެ. އެހެން ހުއްޓާ އަނެއްކާވެސް އަރްހާން ކިހިނެއްވީތޯ ސުވާލުކޮށްލައިފިއެވެ. އިޒްވާ ދެފަރާތަކަށް ބޯ ހޫރައިލުމަށްފަހު އެތެރެއަށް ވަދެގެން ކޮޓަރިއާ ދިމާލަށް ދުއްވައިގަތެވެ. އިޒްވާއަށް ވީ ގޮތެއް ނޭނގޭތީ އަރްހާން ދެކޮނޑު އަރުވައިލުމަށްފަހު އެތެރެއަށް ވަންނަން ހިނގައިގަތެވެ. އިޒްވާއާ އެކު އެތައް ވަގުތެއް ހޭދަކޮށްލެވުމުން އޭނާ ވަނީ އިންތިހާއަށް ހިތްހަމަޖެހިފައެވެ. އިޒްވާ އެއީ އޭނާގެ ބޭބެގެ ވާން އުޅޭ އަންހެނުންކަން އަރްހާން ހަނދާންވެސް ނެތް ކަހަލައެވެ. އިޒްވާއަށް އޭނާގެ ހިތް ލެނބެމުން ދިޔައީ ނުވެސް އެނގޭ ހާލުގައެވެ.

**********

މިރޭވެސް އިޒްވާ ރޭގެ ނިދިން މަހުރޫމް ވެފައިވަނީ އަރްހާންގެ ސަބަބުންނެވެ. ކޮޓަރީގައި ދެކޮޅަށް ހިނގަމުން ދިޔައިރު ސިކުނޑީގައި ބުރުޖަހަމުން ދިޔައީ މިރޭ އަރްހާންއާއެކު ހޭދަ ކުރެވުނު އެކި ވަގުތުތަކެވެ. ލިފްޓް ތެރޭގައި ކަރަންޓު ދިއުމާއެކު އަރްހާންގެ އަތުގައި ހިފާލެވުނުގޮތެވެ. އެތަނުގައި އަރްހާންއާ ދެކެވުނު ވާހަކަތަކެވެ. އަރްހާން އޭނާގެ އަތުގައި ހިފައިގެން ވާރޭ ތެރޭގައި ދުވަމުން ދިޔަ ވަގުތެވެ. އިޚްތިޔަރާކާނުލާ އަރްހާންއާ މެދު އަބަދު ވިސްނެނީ ކީއްވެބާއޭ ހިތަށް އެރިއެވެ. ޝިވަން އަތްލުމުން އުނދަގޫވެފައި އަރްހާން އަތްލުމުން އެއްވެސް ކަހަލަ އުނދަގުލެއް ނުވަނީ ކީއްވެބާއޭވެސް ހިތަށް އެރިއެވެ. ވާން އުޅޭ ފިރިމީހާ ކައިރީގައި އުޅޭއިރު ނުލިބޭ ހިތްހަމަޖެހުމެއް އެހެން މީހެއް ކައިރީ ހުރުމުން ލިބެނީ ކީއްވެ ހެއްޔެވެ؟ ޝިވަން ކައިރީގައި ހުރުމަށްވުރެ އަރްހާން ކައިރީގައި ހުރެގެން މާބޮޑަށް ރައްކާތެރިކަންވެސް އިހުސާސް ކުރެވެނީއެވެ. ޝިވަންއަށް ވުރެ ބޮޑަށް ވާހަކަ ދައްކަންވެސް ފަސެހާވަނީ އަރްހާންއާއެވެ.

މިފަދަ ވިސްނުމެއްގައި ހުއްޓާ އިޒްވާއަށް ސިހުން ގެނުވީ ކޮޓަރިން ބޭރުން މީހެއްގެ ފިޔަވަޅުތަކެއްގެ އަޑު އިވިފައެވެ. ގަޑި ބަލައިލިއިރު މެންދަމުން އަނބުރާ ތިނެއް ޖަހައިފިއެވެ. މިވަގުތު ގޭތެރޭގައި އުޅެނީ ކާކުބާއޭ ހިތަށް އެރުމުން ދޮރު ހުޅުވާލާފައި ނިކުމެއްޖެއެވެ. އިޒްވާ ހިނގައިގަތީ ސުވިޗް ބޯޑުތަކާ ދިމާލަށެވެ. އޭރު ހިތް ބުނަމުން ދިޔައީ ގެއަށް ވަގެއް ވަނީ ކަމުގައެވެ. އަވަސް އަވަހަށް ގޮސް ސްވިޗްތައް އޮން ކޮށްލުމާއެކު މުޅި ތަނަށް އަލިވެގެން ދިޔައެވެ. މަރިޔަމްގެ ކޮޓަރީ ދޮރުމަތީގައި ހުރި ޝިވަން އިޒްވާގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. ގަމީހުގެ ބައެއް ގޮށްތައް ނެއްޓިފައި ހުރިއިރު ޝިވަން ހުރީ ދާހިއްލާލާފައެވެ. ޝިވަން ވަރުބަލިވެފައި ހުރިކަން އެނގެނީ އޭނާ ފުންނޭވާތަކެއް ލަމުން ދިޔަ ގޮތުންނެވެ.

"އިޒްވާ ނުނިދަންތަ؟ " ވަރުބަލިވެފައިވާ އަޑުން ޝިވަން އަހައިލިއެވެ.


ނުނިމޭ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް