ޓެރޭސްގެ އެއް އަރިއެއްގައި ރެއިލިންގ ކައިރީގައި ހުއްޓިހުރި އިޒްވާ ފެނުމުން އަނެއްކާވެސް އަރްހާން ގޮވައިލިއެވެ. އެހިނދު އިޒްވާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވއްޖެއެވެ. އެހިނިތުންވުމުގެ ޖާދޫގައި ޖެހި އަރްހާން އެހެން ހުރިހާ ކަމެއް މަތިން ހަނދާން ނެތުނު ފަދައެވެ. އިޒްވާ އަރްހާންއާ ދިމާލަށް އަތް ދިއްކޮށްލުމާއެކު އަރްހާނަށް އެއަތުގައި ހިފަން ހިނގައިގަނެވިއްޖެއެވެ. ނަމަވެސް އަރްހާނަށް އެހިސާބަށް ނުދެވެނީސް އިޒްވާ ފަހަތަށް އަރިއަޅާލައިފިއެވެ. ބަލަބަލާ ހުއްޓާ އިޒްވާ ޓެރޭސް އިން ތިރިއަށް ވެއްޓިއްޖެއެވެ. އެވަގުތު އަޑު ނެތްކޮޅަށް އަރްހާނަށް އިޒްވާއަށް ގޮވައިލެވުނެވެ.
އަރްހާނަށް ހޭވެރިކަންވީއިރު އިނދެވުނީ އެނދުމަތީގައި އިށީނދެގެންނެވެ. ފެނުނީ ހުވަފެނެއްކަން އެނގުނު ހިނދު ފުން ނޭވައެއް ދޫކޮށްލެވުނެވެ. ނެގި ނެގިފައި ޖެހެމުން ދިޔަ ހިތް ހަމަޔަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން މޭގައި ފިރުމާލެވުނެވެ. ސިކުނޑީގައި ބުރުޖަހަމުން ދިޔައީ ނިދީގައި އެފެނުނު ހުވަފެނެވެ. ހީވީ ހަޤީޤަތެއް ހެންނެވެ. އިޒްވާ ވެއްޓުނު ހިނދު ކުރެވުނު އިހުސާސް އަދިވެސް މުޅިއަކުން ފިލާ ނުދެއެވެ. އިޒްވާގެ އެފަދަ ހުވަފެނެއް ފެންނަންވީ ކީއްވެބާއޭ ހިތަށް އެރިއެވެ. ނިތްކުރިމަތިން ހިއްލާލާފައިވާ ދާތިކިތައް އަތުގެ ނުފުށުން ފޮހެލުމަށްފަހު އަނެއްކާވެސް އޮށޯތެވެ. އެހުވަފެން އެފެނުނީ މާގިނައިން އިޒްވާއާ މެދު ވިސްނާތީ ވާ ގޮތެއް ކަމަށް ބުނެ ހިތަށް ވިސްނައިދެމުން އަލުން ނިދޭތޯ ދެލޯ މަރައިލިއެވެ. ނަމަވެސް އޭރު ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ދަންވަރުގެ އެހަމަހިމޭން ވަގުތުގައި އަނެއްކާވެސް ތަފާތު ހިޔާލުތައް އަރްހާނަށް އުނދަގޫކުރަން ފެށިއެވެ. އަބަދުހެން އިޒްވާއާ މެދު ވިސްނޭތީ އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނެވެ. އިޒްވާއަކީ ވާން އުޅޭ ފަހަރިކަން އެތައް ފަހަރެއްގެ މަތިން އޭނާގެ ސިކުނޑި އޭނާއަށް ވިސްނައިދީފިއެވެ. ނަމަވެސް އޭނާގެ ހިތް އެގޮތް ޤަބޫލުނުކުރަނީ ކީއްވެބާއޭ ހިތަށް އެރިއެވެ. އިޒްވާއާ މެދު އޭނާގެ ހިތުގައި އުފެދިފައިވާ ރަޙުމާއި ޙަމްދަރުދީ އަދި ކުލުނު އެހެން އެއްވެސް މީހަކާ މެދު މީގެ ކުރިން އުފެދިފައެއް ނުވެއެވެ. އެންމެ ކަންބޮޑުވަނީ އިޒްވާ ފެންނަ ކޮންމެ ފަހަރަކު އޭނާއަށް ކުރެވޭ ތަފާތު އިހުސާސުންނެވެ. ހިތް ތެޅި ގަންނަ ގޮތުން ހީވަނީ މޭފަޅާލާފައި ނިކުންނަން އުޅޭހެންނެވެ. މިހާރު އޭނާއަށް ވަމުން މިދާ ގޮތްތަކަކީ މީގެ ކުރިން ދުވަހަކުވެސް ނުވާފަދަ ގޮތްތަކެކެވެ. ފަތިސް ނަމާދަށް ބަންގި ގޮވީވެސް އަރްހާން އެފަދަ ހިޔާލުތަކެއްގައި ވަނިކޮށެވެ. އިތުރަށް ނިދަން ގަސްދު ނުކޮށް އޮތްތަނުން ތެދުވެގެން ހަރުގައި އަޅުވާފައިވާ ތުވާލި ހިފައިގެން ގޮސް ފާހާނާއަށް ވަނެވެ.
***********
ހުކުރު ދުވަސް ކަމުން ތެދުވި ގޮތަށް އިޒްވާ ދިޔައީ ޖަނާން މެން ގެއަށެވެ. ޖަނާންގެ އެދުމުގެ މަތިން އެދުވަހު އެގޭގައި މަޑުކުރުމަށްފަހު ނިދަންވާއިރަށް އަންނާށެވެ. ޗުއްޓީ ދުވަހެއް ކަމުން އެދުވަހު ކައިލްވީ އޭނާގެ އޮފީސް ކުދިންނާއެކު މަސްދަތުރެއްގައި ގޮހެވެ. ޖަނާން ކައިވާއަށް ކާންދެމުން ދިޔައިރު މޭޒު ކައިރީގައި ފަތް އެއްޗެއް ކޮށަންވެގެން އިޒްވާ އިނެވެ. ކައިވާއަށް ކާން ދެމުން ދިޔައިރު އިރު އިރުކޮޅުން ޖަނާން އިޒްވާއަށް ބަލައިލަނީ އޭނާ އިން ގޮތުންނެވެ. އެދިމާލަކަށް ކަޅި ހުއްޓިފައި އިން ގޮތުން ކޮންމެވެސް ކަމަކާ ވިސްނަނީކަން އެނގުނެވެ. ކައިވާއަށް ކާން ދީ ނިންމާލާ ކުޅެން ބޭންދުމަށްފަހު ޖަނާން އައިސް އިޒްވާ ކައިރީގައި އިށީނެވެ.
" އޭތް!! ކިހިނެއްވެފަ ތިއިންނަނީ..؟ " އިޒްވާގެ ކޮނޑުގައި ޖަހައިލަމުން ޖަނާން އެހިއެވެ. ކުޑަކޮށް ސިހުނު އިޒްވާ އަވަސް އަވަހަށް ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކުރުވަމުން އެއްވެސް ކަމެއް ނުވާ ކަމުގައި ބުންޏެވެ.
" އަދިވެސް ނުބުނަމެއްނު މިހާ ބޮޑު ފަތް އެއްޗެއް ކޮށަނީ ކީއްވެކަން؟ " މޫނުމަތީގެ ކުލަވަރު ޖަނާންއަށް ފޮރުވަން މަސައްކަތް ކުރަމުން އިޒްވާ އެހިއެވެ.
" ތި އިހަށް ބަހައްޓާފައި އަހަރެން މިކުރާ ސުވާލަށް ޖަވާބު ދީބަލަ.. " ޖަނާން އިޒްވާ އަތުން ވަޅި އަތުލާ ބޭއްވުމަށްފަހު އިޒްވާގެ އަތުގައި ހިފަހައްޓާލިއެވެ.
" އަޅޭ ކަމެއް ނުވެޔޭ.. " އިޒްވާ ބުނެލިއެވެ.
" އެހެންތަ؟ އިޒީ އަހަރެންނަށް ސިއްރުކުރަންތަ ތި އުޅެނީ.. ބުނެބަލަ ދެން.. ކަމެއްވީތަ؟ އެގޭ މީހަކު އެއްޗެއް ބުނީތަ؟ ދެން ބުނަން ބޭނުންނުވަންޏާ އޯކޭ... " ޖަނާން ހިތްހަމަނުޖެހޭ ކަމަށް ހެދެމުން އިޒްވާ އަތުން ދޫކޮށްލިއެވެ. ޖަނާން ދެރަވެއްޖެކަން އެނގުމުން އިޒްވާ ކަންބޮޑުވިއެވެ. އެތައް އަހަރެއް ފަހުން އަލުން ބައްދަލުވި އެންމެ ގާތް އެކުވެރިޔާ އެއްވެސް ހާލެއްގައި ގެއްލޭކަށް އިޒްވާ ބޭނުމެއް ނުވެއެވެ. އެންމެ ފަހުން ޖެހުނީ ހުރިހާ ވާހަކައެއް ކިޔައިދޭށެވެ.
" ވިސްނަންވީ ކިހިނެއްކަމެއް އެއްގޮތަކަށްވެސް ނޭނގޭ.. އަރްހާން ކީއްވެބާ އަހަރެން ކައިރީ ދޮގު ހެދީ ޝިވަން ދިން އެއްޗެކޭ ކިޔާފައި.. " ކިޔައިދީ ނިންމާލުމަށްފަހު އިޒްވާ ބުންޏެވެ. ޖަނާން ކުއްލިއަކަށް ހަނދާންވީ ކައިލް ދެއްކި ވާހަކަތަކެވެ. ހަޤީޤަތުގައިވެސް އަރްހާން އިޒްވާ ދެކެ ލޯބިވަނީ ބާއޭ ހިތަށް އެރިއެވެ.
" ވެދާނެއްނު ޝިވަން ބުނިހެން އެމީހުންގެ ޤަދަރު ކުޑަވެދާނެތީ އަރްހާން ކުރި ކަމަކަށްވެސް.. އެވަރުގެ ކުޑަ ކުޑަ ކަމަކާތަ ވިސްނަނީ.. " ހިތުގައި ކައިލް ބުނި ވާހަކަ ފޮރުވަމުން ޖަނާން ބުންޏެވެ. އިޒްވާއަށް ކަންބޮޑުވުމެއް ދޭން ބޭނުންނުވާތީއެވެ.
" ނޫނޭ.. ނޭނގެ ކީއްވެ ކަމެއް..؟ އަހަރެންނަށް އެގޮތަށް ޤަބޫލުކުރަން އުނދަގޫވަނީ.. " އިޒްވާ ބުންޏެވެ.
" ދެން؟ ދެން ކީކޭ އިޒީ ހިތަށް އަރަނީ... " ވަރަށް ފުން ނަޒަރަކުން އިޒްވާގެ މޫނަށް ބަލަހައްޓައިގެން އިނދެ ޖަނާން އެހިއެވެ. އިޒްވާއަށް ވަކި ޖަވާބެއް ނުދެވުނެވެ. ޖަވާބު ދެވޭނީ އެސުވާލުގެ ޖަވާބު ޙުދު އޭނާއަށްވެސް އެނގިގެންތާއޭ ހިތަށް އެރިއެވެ.
" ދެން ތި ބޭކާރު ކަންކަމާ އެވަރަށް ނުވިސްނާ ހިނގާބަލަ މަޖާ ގަނޑެއް ތައްޔާރުކޮށްލަން.. މޫދަށް ނުދެވުނަސް ގޭގައި ކުޅި މަޖާގަނޑެއް ތައްޔާރުކޮށްލައިގެން ކެވިދާނެއްނު.. ފިލްމެއް ބަލަމުން... ލައިކް އޯލްޑް ޓައިމްސް ހަނދާން ވޭތަ؟ " ވާހަކައިގެ މިސްރާބު ބަދަލުކޮށްލަން ވިސްނައިގެން ޖަނާން އެހިއެވެ. އިޒްވާވެސް ހިނިގަނޑެއް ޖަހައިލަމުން ބޯޖަހައިލިއެވެ.
*****************
މުޅި ދުވަހު އިޒްވާ ނުފެންނާތީ އަރްހާންގެ ހިތް ބޭޤަރާރުވެފައިވިއެވެ. އެތައް ފަހަރެއްގެ މަތިން ރައިހާނާ ކައިރީގައި އަހާލަންވެސް ހިތަށް އެރިއެވެ. ނަމަވެސް ފަސްޖެހެވުނީއެވެ. އަސުރު ނަމާދުކޮށްގެން އައިއިރު ރައިހާނާއާއި ފާރިހާ ސޯފާގައި ވާހަކަ ދައްކަން ތިބިތަން ފެނި އަރްހާންވެސް އެމީހުން ކައިރީގައި އިށީނެވެ. ކްލައިންޓުން ތަކަކާއެކު ކޮފީއަކަށް ގޮސްފައި އައި ޝިވަންވެސް އައިސް ވަނީ އެވަގުތުއެވެ.
" މި ދަރި އަކީ ހުކުރެއް ހޮނިހިރެއްވެސް އޮންނަ ދަރިއެއް ނޫން ދޯ.. އަބަދުވެސް ކޮންމެވެސް މަސައްކަތެއްގައި.. މިކަހަލަ ދުވަހެއްގައި އަޅެ ވާން އުޅޭ އަނބިމީހާ ގޮވައިގެން ހިނގާލަން ދިޔައިއްޔާ ކިހިނެއް ވާނީ.. " ފާރިހާ ބުނެލިއެވެ. ޝިވަން ހިނިގަނޑެއް ޖަހާލަމުން އައިސް ފާރިހާ ކައިރިއަށް ސޯފާއަށް ވެއްޓިގަތެވެ.
" ކައިވެނީގެ ކުރިން އެގޮތަށް އުޅުމަކީ އަހަރެން އެހާ ބޭނުންވާކަމެއް ނޫން.. " ޝިވަން ބުނެލިއެވެ.
" ދެން އެކަމަކު އާއިލާ ކައިރީގައިވެސް މިފަދަ ދުވަހެއް ހޭދަ ކުރެވިދާނެ ދޯ.. ޝިވަން ފެނުނީނަމައޭ މި ހަނދާންވީވެސް އަހާލަން.. ކޮބާތަ އިޒްވާ؟ " ފާރިހާ އަހައިލިއެވެ. ފާރިހާގެ އެސުވާލާއެކު ފޯނާ ކުޅެން އިން އަރްހާންގެ ހިތުގެ ހިނގުން އަވަސްވެލިއެވެ. ހުރިހާ ސަމާލުކަމެއް ހުއްޓުވާލައިގެން އިނީ ރައިހާނާ ދޭނެ ޖަވާބަކަށެވެ.
" މިއަދު ވަރަށް ހެނދުނާ ހިނގައްޖެ ޖަނާން ކައިރިއަށް.. ބުނި މިރޭ ނިދަން ވާއިރަށް އަންނާނަމޭ.. ހުންނާނެ ބަނބުކެޔޮކޮޅެއް ބޯކުރަން ތައްޔާރުކޮށްފައި.. ޖަންނައަށް ވަރަށް މީރު އެއްޗެއްނު.. ފާރި ދާއިރު ހިފައިގެން ދާންވީނު ޖަންނައަށް އެތިކޮޅެއް ހިފައިގެން.. " ރައިހާނާ ބުންޏެވެ.
" އަހަރެން ދާ ގޮތަށް ދާނީ ހޮސްޕިޓަލަށް.. ޝިވަން ފޮނުވަބަލަ ދީފަ.. " ފާރިހާ ބުންޏެވެ.
" އަހަރެން ވަރަށް ވަރުބަލި.. ރޭގައިވެސް ރަނގަޅަށް ނުނިދޭ.. އެހެންވެ މިދަނީ ނިދާލަން.. " މިހެން ބުނެ ޝިވަން އިންތަނުން ތެދުވެގެން އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.
" އަހަރެން ދަންތަ ހިފައިގެން... " އަރްހާން ބުނެލިއެވެ. ހައިރާންވީ ވަރުން ރައިހާނާއާއި ފާރިހާއަށް ބަލައިލެވުނީ އެކުއެކީގައެވެ.
" ކިހިނެއްވީ؟ އަހަރެންނަށް ގެންގޮސްނުދެވޭނެތަ؟ " އެދެމީހުން ބަލަން ތިބިގޮތުން އަރްހާން އަހައިލިއެވެ.
" ނޫން އެހެނެއްނޫން.. އިރުކޮޅަކުން މަންމަ ބަދިގެއަށް ގޮސް ތައްޔާރުކޮށްލާފައި ބުނާނަން.. " ރައިހާނާ ބުންޏެވެ.
***********
އެތައް އިރަކު ޖަނާންމެން ގޭގައި ހޭދަކުރުމަށްފަހު އިޒްވާ ގެއަށް ދާން ތައްޔާރުވީ ރޭގަނޑު ކައިގެންނެވެ. ކޮނޑުގައި ބޭގް އަޅުވައިލުމަށްފަހު އެނދުމަތީގައި ފުންމަން ހުރި ކައިވާ ގެނެސް އެކުއްޖާއާ ލޯބި ކޮށްލުމަށްފަހު ދައްތަ ދަނީ ކަމުގައި ބުނެލިއެވެ. އެހިނދު އެކުއްޖާ ބާއީ އޭ ބުނެލުމަށްފަހު އިޒްވާގެ ކޮލުގައި ބޮސްދިނެވެ. ކައިވާގެ އެހަރަކާތުން ޖަނާންއާއި އިޒްވާ އެއްކޮށް ހިނިތުންވެލިއެވެ.
" ޝިވަން ކައިރީ ބުނަންވީނު ބަލާ އަންނަން.. ކައިލް ހުރި ނަމައެއްނު އިޒީ ލާން ފޮނުވާނީ.. " އިޒްވާ ގޮވައިގެން ސިޓިންގްރޫމަށް ނިކުންނަމުން ޖަނާން ބުންޏެވެ.
" އިޓްސް އޯކޭ.. ހިނގާލާފަ ދާނީ.. ދާ މަގުމަތީ ފިހާރައަކަށްވެސް ވަދެލާފައި ދާން ކަމަށް " އިޒްވާ ބުނެލިއެވެ. އެވަގުތު އެގޭ ބެލް އަޅައިލި އަޑުއިވުނެވެ. ޖަނާން ގޮސް ދޮރު ހުޅުވިއިރު ކުރިމަތީގައި ކޮތަޅެއް ހިފައިގެން ހުރީ އަރްހާންއެވެ. ޖަނާންގެ ފަހަތުގައި ހުރި އިޒްވާއަށް އަރްހާން ފެނުމާއެކު މެޔަށް ފިނިވެލިއެވެ.
" މީ މަންމަ ޖަންނައަށް ފޮނުވި އެއްޗެއް..؟ " ޖަނާން އަތަށް ކޮތަޅު ދިއްކޮށްލަމުން އަރްހާން ބުންޏެވެ.
" ވަންނަންވީނު އެތެރެއަށް.. ކައިލްވެސް އަންނަން އުޅޭނެ މިހާރު... " ކޮތަޅުގައި ހިފަމުން ޖަނާން ބުންޏެވެ. އެތައް ދުވަހަކަށްފަހު އަރްހާން އެގެއަށް އައުމުން ޖަނާން ހުރީ އުފަލުންނެވެ.
" އުނހު.. ދާން ވެގެން މިދަނީ.. އިޒްވާ ގެއަށް ދާން ތަ ތި ދަނީ..؟ ހިނގާ ގެންގޮސްދޭނަން.. " އިޒްވާއަށް ބަލައިލަމުން އަރްހާން ބުނެލިއެވެ. ދޭނެ ޖަވާބެއް އިޒްވާއަކަށް ނޭނގުނެވެ. އެހިނދު ޖަނާންވެސް އިޒްވާއަށް ބަލާލައިފިއެވެ. އިޒްވާއަށް ވަކި އެއްޗެއް ނުބުނެވެނިސް އަރްހާން ހިނގައިގަތެވެ.
" ދަނީ......... " ޖަނާން ގައިގާ ބައްދާލަމުން އިޒްވާ ބުންޏެވެ. ޖަނާންގެ ކުރިމަތީގައި ނުދާނަމޭ ބުނެ އަރްހާން ލަދުގަންނަވާލަން އެހިތް އެއްބަހެއް ނުވިއެވެ.
އިޒްވާ އެ އެޕާޓްމެންޓުން ނިކުތްއިރު ލިފްޓު ތެރޭގައި ދޮރު ލެއްޕުނަ ނުދީ ހިފަހައްޓާއިގެން އަރްހާން ހުއްޓެވެ. އެހެންކަމުން އަވަހަށް ހިނގާފައި ގޮސް އިޒްވާ ލިފްޓަށް އެރިއެވެ. އެންމެ ތިރިއަށް ދާން ފިތައިލުމަށްފަހު އަރްހާން ދެޖީބަށް އަތް ޖަހާލައިގެން ހުއްޓެވެ. އަނެއްފަރާތުގައި އިޒްވާ ހުރީ ދެއަތް އުރާލައިގެންނެވެ. ތަނަށްވެރިވެފައިވީ ހަމަހިމޭންކަމުގެ ތެރެއިން އިވެނީ ދެމީހުންގެ ނޭވާގެ އަޑެވެ. އަރްހާން ހުރީ އިޒްވާއާ ވާހަކަ ދައްކާލަން އިންތިހާއަށް ބޭނުންވެފައެވެ. އިރުއިރުކޮޅާ އިޒްވާއާ ދިމާލަށް ބެލެމުން ދިޔައީ އެހެންވެއެވެ. އަރްހާންގެ ބެލުން އިސްޖަހައިގެން ހުރި އިޒްވާއަށް ފާހަގަވެ އޭނާގެ އަތްފައި ފިނިވެފައިވިއެވެ. އޭނާ އެހުންނަނީ އިސް އުފުލާލަންވެސް ނުކެރިފައެވެ. ކުރެވެމުން ދިޔަ ގޮތް ނޭނގޭ އިހުސާސަކުން އޭނާގެ ހިތަށް ބިރުވެރިކަމެއް ލިބިފައިވިއެވެ.
އެންމެ ތިރިޔަށް ލިފްޓު ނުދަނިސް ކުއްލިއަކަށް ކަރަންޓު ކަނޑައިގެން ގޮއްސިފައެވެ. އެއާއެކު ލިފްޓުވެސް ހުއްޓިއްޖެއެވެ. ގަތް ބިރާއެކު އިޒްވާއަށް ތެޅި ގަނެވުނެވެ. ކުއްލިއަކަށް އެއްލި އަތާއެކު ހިފުނީ އަރްހާންގެ އަތުގައެވެ.
" ކިހިނެއް އެވީ؟ ކީއްވެ ލިފްޓު ހުއްޓުނީ..؟ " ބިރުގަނެފައި ހުރެ އިޒްވާ އެހިއެވެ.
ނުނިމޭ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް