އިޒާންގެ ނަޒަރުން
"ތިކޮށްދިން ކަންތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ ދޮންބޭ... ދޮންބެ އިޒާން އަށް ނަގައި ތިދިނީ ވަރަށް ބޮޑު ފިލާވަޅެއް.. ދެން އިރާދަކުރެވިއްޔާ އެއްވެސް މީހަކަށް އަހަރެންނާ އިޒާން ދުރުނުކުރެވޭނެ.. ޒޭބާއަށްވެސް.... " ނައުރާ ދުލުން ބޭރުވި ޖުމްލަތައް އިވި އަހަރެންނަށް ލިބުނީ ބޮޑު ސިހުމެކެވެ. މިކަމުގައި ނިމާލްއެކޭ އެއްވަރަށް ނައުރާވެސް ބައިވެރިވާކަން އެނގި އަހަރެންނަށް ލިބުނީ ކުޑަވަރެއްގެ ޝޮކެކެވެ. އިންތިހާއަށް ރުޅި އައި ނަމަވެސް އެވަގުތު އަހަރެންގެ ސިކުނޑި ބުނަމުން ގެންދިޔައީ އެކަން އަހަރެންނަށް އެނގޭ ކަމަށް ނުހެދުމަށެވެ. އޭރުން އަހަރެމެންގެ ޕްލޭން ނާކާމިޔާބު ވެދާނެތީއެވެ. އެތާ އިރުކޮޅަކު މަޑުކޮށްލުމަށްފަހު އަހަރެން ދޮރުގައި ޓަކި ޖަހާލީމެވެ. ނައުރާއާއި ނިމާލް ބަލައިލީ އެކުއެކީގައެވެ.
"ކާރުގެ ތަޅުދަނޑި ބާއްވަފައި ދެވުނީ.. " ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކުރުވަން މަސައްކަތް ކުރަމުން އަހަރެން ބުނީމެވެ.
"މިއޮތީ ތަޅުދަނޑި.. އަހަރެން ހީކުރީ ބޭނުން ނެތިގެން ބާއްވާފައި ދިޔައީ ކަމަށް.. " ސަމާސާ ރާގެއްގައި ނިމާލް ބުނަމުން އަހަރެން އަތަށް ތަޅުދަނޑި ދިއްކޮށްލިއެވެ.
"ކީއްވެ ބޭނުންނުވަންވީ.. މިހާ މޮޅު ކާރެއް މިޒަމާނުގައި ކޮންމެ ކޮންމެ މީހަކަށް ލިބިދާނެތަ؟ " އަހަރެން ވާހަކަ ދެއްކީވެސް ނިމާލް ވާހަކަ ދެއްކި ރާގުގައެވެ. އަހަރެން އެމީހުންގެ މީހަކަށް ވަނީކަން އޭނާއަށް ޔަގީންކޮށް ދެވޭނެ ގޮތަކީ އެއީއެވެ.
"ނައު ރެޑީވެގެން ހުންނައްޗެ!! އަންނާނަން ބަލާ... " 'ނައު' އޭ ކިޔާ އެހާ ގާތް ނަމަކުން މުޚާތަބު ކުރީވެސް އަހަރެން ހަޤީޤަތުގައިވެސް ނައުރާ ބަލައިގެންފިކަން އަންގައިދިނުމުގެ ގޮތުންނެވެ. ނިމާލްގެ ކޮނޑުގައި ޖަހާލަމުން ދަނީ ކަމުގައި ބުނެ އަހަރެން އެތަނުން ހިނގައިގަތީއެވެ.
***********
ނައުރާގެ ނަޒަރުން
ކުރިމަތިން ފެންނަމުންދާ މަންޒަރުން އަހަރެން މިއިނީ އިންތިހާއަށް ދެރަވެ ހިތުގައި ޖެހިފައެވެ. ހަޤީޤަތް އިޒާންއަށް އެނގޭނެ ނަމައެވެ. އަހަރެންނަށް ފެންނަމުން މިދާ މަންޒަރު އޭނާއަށް ފެންނާނެ ނަމައެވެ. އޭރުން ޔަގީނުންވެސް އަހަރެން ހެދީ ދޮގެއް ނޫން ކަން އިޒާންއަށް އެނގޭނެއެވެ.
އަހަރެން މިއިނީ މުޅިން ބަލިވެފައެވެ. ގައިގާ އެއްވެސް ވަރެއް ނެތެވެ. މިތާ އިށީނދެގެންވެސް މިއިނދެވެނީ ކިރިޔާއެވެ. އަހަރެންގެ ލޮލުން ކަރުނަ ހިކޭ އެންމެ ހިނދުކޮޅެއް ނާދެއެވެ. ހަޤީޤަތުގައިވެސް ކަންތައްވީ އެހެންކަން އަހަރެންނަށް ޤަބޫލުކުރަން ދައްޗެވެ. އިޒާންގެ ބޭވަފާތެރިކަން އެނގިވެސް އަހަރެން ހުރީ އޭނައާ އެއްކޮށް އުޅޭށެވެ. އިޒާންގެ ކޮންމެ އުފަލަކީ އަހަރެންގެ އުފަލެއް ކަމުގައި ހެދީމެބެ. ނަމަވެސް...... އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ އިޒާންދެކެ އިންތިހާއަށް ލޯބިވުން ހެއްޔެވެ؟ ބަދަލުގައި އިޒާން އަހަރެންނަށް ދިނީ ކިހާ ބޮޑު އަނިޔާއެއް ހެއްޔެވެ؟ ގައިގެ އެތަން މިތާގައި މަލަން އަޅާފައި މިވަނީ އިޒާން އަހަރެންނަށް ދިން ބޮޑު އަނިޔާއަކުންނެވެ. އެކަމަކު އަހަރެން މިދައްކަނީ މި އަނިޔާގެ ވާހަކައެއް ނޫނެވެ. މިއަނިޔާއިން ލިބިފައިވާ ޒަޚަމްތައް އިސާހިތަކު ރަނގަޅުވެދާނެއެވެ. ނަމަވެސް އަހަރެންގެ ހިތަށް ލިބިފައިވާ މިވާ ފުން ޒަޚަމް ދުވަހަކުވެސް ފަސޭހަވާނެ ކަމެއް ނޭނގެއެވެ. އެހާވެސް އިޒާން އަހަރެންގެ ހިތުގައި ޖައްސައިފިއެވެ. ބުނި ބަސްތަކުން އަހަރެންގެ ހިތުން ލޭ އޮހޮރުވާލައިފިއެވެ. މިހިތް ކަތިލާ ކުދި ކުދި ކޮށްލައިފިއެވެ. އެކަމަކުވެސް އަހަރެންނަށް އޭނާ ދެކެ ރުޅިއެއް ނާދެވުނެވެ. އަދިވެސް މިހިތުގައި އެލޯބިވަނީ ބިންވަޅު ނެގިފައެވެ. މިހިތުގައި ޖަހާ ކޮންމެ ވިންދަކީ އެލޯތްބަށްޓަކާ ޖަހާ ވިންދެކެވެ. އަދިވެސް ބޭނުމީ އިޒާންއެވެ.
އެންމެ ފުރަތަމަ އިޒާން އަހަރެންނަށް ފެނުނީ ސުކޫލުންނެވެ. ފުރަތަމަ ނަޒަރުންވެސް އަހަރެންނަށް އިޒާން ވަރަށް ކަމުދިޔައެވެ. އިޒާންއަށް ނޭނގުނު ނަމަވެސް އޭނާގެ ކޮންމެ ހަރަކާތަކަށް އަހަރެންގެ ނަޒަރު ހުއްޓިފައިވިއެވެ. އިޒާންގެ ކޮންމެ އަދާއަކަށް އަހަރެން ހިތް ފިދާވަމުން ދިޔައެވެ. އިޒާންއާ ވާޙަކަ ދައްކާލުމަށް އަހަރެން ހިތް އެދި ގޮވަމުން ދިޔައީ އިންތިހާއަށެވެ. ހިތުގެ އެދުން ފުރިހަމަ ކުރަން ލިބުނު ހިނދު އަހަރެން ލަސް ނުކޮށް އިޒާންއާ ދިމާލަށް ދިޔައީމެވެ. އޭރު އިޒާން އިނީ ކެންޓީންގެ މޭޒެއްގެ ކައިރީގައެވެ. އިޒާންއަށް އެންމެ މީރު ވައްތަރުގެ ކޮފީ ދަޅެއް ހިފައިގެން އަހަރެން އޭނާއާ ދިމާލަށް ދިޔައިރު އަހަރެންގެ ހިތުގެ ހިނގުން އަވަސްވެފައިވިއެވެ. ހިތުގެ އެންމެ ބޮޑު އެއް އެދުން ފުރިހަމަ ވާން އުޅޭތީއެވެ. އަހަރެން ކުރި އުއްމީދު ވިއްސިވިހާލި ވެގެން ދިޔައީ އިޒާން އިން މޭޒާ ދެތިން ފިޔަވަޅު ދުރުގައި ވަނިކޮށެވެ. އައި ނައި ތަނެއް ނޭނގި އެތަނަށް އައި އަންހެން ކުއްޖަކު އިޒާންގެ އަތުގައި ހިފައި އިންތަނުން ނަގައިގެން ދުރަށް ހިނގައިގަތެވެ.
"ޒޭބާ! ކޮންތާކަށް ތިގެންދަނީ.. " އިޒާން ބުނި އަޑު އިވުނެވެ.
"ހިނގާބަލަ ޖިނާ ކޮށްގެން އުޅޭ މަޖާ ކަމެއް ދައްކާލާނަން.. " ޖަވާބުގައި ޒޭބާ ބުންޏެވެ.
ޒޭބާ ދެކެ އަހަރެންނަށް ރުޅި އާދެވުނީ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. އޭނާގެ ސަބަބުން އަހަރެންނަށް އިޒާން އާ އެކަނިން ވާހަކަ ދައްކާލާނެ ފުރުސަތެއް ނުލިބެއެވެ. އަބަދުވެސް ހުންނަނީ އިޒާން ކައިރީގައި ތަތްވެގެންނެވެ. އިޒާންގެ ސަމާލުކަމެއް ހޯދަން އަހަރެން ކުރި ހުރިހާ މަސައްކަތެއް ވީ ބޭކާރެވެ. ޒޭބާގެ ސަބަބުންނެވެ. އޭގެ އަހަރެއްހާ ދުވަސްފަހުން އަހަރެންނަށް އިވުނު ވާހަކައަކުން އިންތިހާއަށް ދެރަވެ ރޮވުނެވެ. އިޒާން ޒޭބާއާ ރައްޓެހިވި ޙަބަރު އަހަރެންނަށް އިވުނީ އެހެން ދެކުއްޖަކު އެމީހުންނާ ބެހޭގޮތުން ވާހަކަ ދެއްކި ގަޑީގައެވެ. އެހިސާބުން އަހަރެން އިޒާން ހާސިލް ކުރުމުގެ ހިޔާލު ދޫކޮށްލީމެވެ. އިޒާން ދެކެ ކިތަންމެ ލޯބިވިޔަސް ދެމީހުންގެ ދޭތެރެއަށް ވަދެ ގުޅުމެއް ހަލާކުކޮށްލާ މީހަކަށް ވާން އަހަރެން ބޭނުން ނުވީއެވެ. އޭގެ ފަހުން އަހަރެން އިޒާންއާ މެދު ނުވިސްނާވޭތޯ މަސައްކަތް ކުރަމުން ހުރިހާ ސަމާލުކަމެއް ކިޔެވުމަށް ދެވޭތޯ ބެލީމެވެ. ނަމަވެސް އެހުރިހާ މަސައްކަތެއް ވީ ބޭކާރެވެ. އުޅެ އުޅެވެސް އިޒާން މަތިން ހަނދާން ނައްތައެއް ނުލެވުނެވެ. އަނެއްކާވެސް އިޒާން އުޅޭ ނޫޅޭ ގޮތް ދުރު ދުރުން ބެލެން ފެށުނީ ބޭއިޚްތިޔާރުގައެވެ. ގިނަ ދުވަސް ދުވަހު އިޒާން ކޮލެޖުން ނިކުންނައިރު ކާރުގައި އޭނާއާ ދިމާލަށް ބަލަހައްޓައިގެން އިންނަމެވެ. އެގޮތުންވެސް ހިތަށް ލިބޭ ހަމަޖެހުމަކުންނެވެ. އެހެން އުޅެނިކޮށް އަހަރެންނަށް ފާހަގަވި ކަމަކީ އޭރު އިޒާންއާ އެކު ޒޭބާ ނޫޅޭ ކަމެވެ. އެއްގޮތަކަށްވެސް އިޒާންއާ އެކު އަހަރެންނަކަށް ޒޭބާއެއް ނުފެނެއެވެ. އެހިސާބުން އުއްމީދުގެ ހުޅުކޮޅެއް ރޯވި ކަހަލައެވެ. ހިތްބުނަމުން ޒޭބާއާ އިޒާން ރުޅިވީ ކަމުގައެވެ.
ދޮންބެ ކައިރީގައި ހިތުގެ އިހުސާސްތައް ބަންޑުންކޮށްލީ އެހިސާބުންނެވެ. އިޒާން ދެކެ ވަރަށް ލޯބިވާ ކަމާއި އިޒާންއާ ނުލާ ނޫޅެވޭނެ ކަމުގައި ބުނީމެވެ. ކޮންމެ ގޮތަކުންވިޔަސް އިޒާން އަހަރެންގެ މިލްކަކަށް ހަދަން ބޭޏުންވާ ވާހަކަވެސް ބުނީމެވެ.
"އިރާދަކުރެއްވިއްޔާ އިޒާން ވާނީ ނައުރާގެ މީހަކަށް... އެ ކަމަށް އަހަރެންގެ ފަރާތުން ބޭނުންވާ ހުރިހާ އެހީތެރިކަމެއް ލިބޭނެ.. ނައު ބުނިއްޔާ ދޮންބެ އިޒާން ކިޑްނެޕް ކޮށްގެން ގެނެސްވެސް ދީފާނަން.. " ދޮންބެ އެހެން ބުނެލި ގޮތުން އަހަރެން ކައިރިއަށް ވަރަށް ހިނިއައެވެ.
"އޯކޭ.. ފުރަތަމަ ބޭނުންވަނީ އިޒާންއާ ރަޙުމަތްތެރިވާން.. އެއަށްފަހު އިޒާންގެ ހިތް އޮތްގޮތެއް ބަލާފައި އެހެން ގޮތެއް ނިންމަން އެނގޭނީ.. " އަހަރެންވެސް ބުނީމެވެ.
"އޮފީހުން ވަޒީފާ ދިނުން ކިހިނެއް ވާނެ " ދޮންބެ ހިޔާލެއް ދިނެވެ.
"ހަމަ ހުރެލާފަ ވަޒީފާ ދިނީމަ ކިހިނެއްވާނީ.. ކޮންމެވެސް އެހެން ކަމެއް އުޅެނީކަން ޔަގީން އެނގޭނެކަން.. " އަހަރެން ބުނީމެވެ.
"ނައު އަހަރެމެންގެ ކޮމްޕެނީ އަންޑަރ އެސްޓިމޭޓް ނުކޮށްބަލަ.. ކިޔަންވާ ނިންމާލުމަށްފަހު ވަން ޑޮލަރ ކުންފުނިން ވަޒީފާ ބޭނުންވެގެން ނޫޅޭނީ ކާކު..؟ " ދޮންބެ އެހެން ބުނީ ފޮނިގޮތަކަށެވެ. އަހަރެންނަށް ހެވުނެވެ.
"ދެން ތިޔެއްވެސް އެނގިދާނެތާ " އަހަރެންވެސް ބުނެލީމެވެ.
ކަންތައްވީ ދޮންބެއަށް ހީވި ގޮތަށެވެ. އިޒާން ވަޒީފާ އެދިފައި އޮތް ފޯމު ފެނުމުން އަހަރެންގެ ދެލޯ ވިދައިގަތެވެ. ވީ އުފަލުގައި ފުންމައިގަނެވުނެވެ. އިންޓަވިއު އަށް އަހަރެމެން ކީވެސް އިޒާންއަށް އެކަންޏެވެ. އިންޓަވިއު އޮތް ދުވަހު އަހަރެން އޮފީހަށް ދާން ގެއިން ނިކުތީ ވެވުނު އެންމެ ރީއްޗެއް ވެގެންނެވެ. އޭގެ ކުރިން ދުވަހަކުވެސް އެހާ ރީތިވި ހަނދާނެއް ނުވެއެވެ. ފުރަތަމަ ފަހަރަށް އިޒާންއާ ވާހަކަ ދެކެވެން އުޅޭތީ އަހަރެންނަށް ވީ ތަފާތު ޖޯޝެއް ލިބިފައެވެ.
ކެބިންއަށް އަހަރެން ވަންއިރުވެސް ދޮންބެ އިނެވެ. އިޒާން އަންނަން އުޅޭތީ ސަމާސާ ކޮށް އަހަރެންނާ ޖެއްސެވުނެވެ. ދޮންބެ ސެކެޓްރީއަށް އިޒާން ގެނައުމަށް އެނގުމުން އަހަރެންގެ ހިތުގެ ހިނގުން އިންތިހާއަށް އަވަސްވެލިއެވެ. އަތްފައި ފިނިވިއެވެ. ދޮންބެ ސެކެޓްރީ އިޒާން ގޮވައިގެން އައިސް ދޮރުގައި ޓަކި ޖަހާލުމާއެކު އަހަރެންގެ ހިތް ހީވީ ފުންމައިގެން ނިކުމެދާނެ ހެންނެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ކުޑަވަގުތު ކޮޅަކަށް އަހަރެން އެނބުރުނީ އަނެއް ފަރާތަށެވެ.
“ނައުރާ!! ހީ އިޒް ހިއަރ.." ދޮންބެ ބުނި އަޑުއިވުނެވެ. އެހިނދު އަހަރެން ހިތްވަރުކޮށްލާފައި އެދިމާލަށް އެނބުރުނީމެވެ. އެހާ ކައިރިން އިޒާން ފެނުމުން އަހަރެންގެ ދެލޯ ވިދައިގަތެވެ.
“ތެންކްސް ދޮންބޭ. ނިންމާފައި ގުޅާނަން.. ” ދޮންބެގެ ކޮނޑުމަތީގައި ޖަހައިލަމުން އަހަރެން ބުނީމެވެ.
“ބޭނުން ފުދުނީމަ އަހަރެން ފޮނުވާލަނީ ދޯ.. އޯކޭ އޯކޭ.. ވާގޮތެއް އަންގާލާތި.. ”ދޮންބެ އެހެން ބުނުމުން އަހަރެން ކައިރިއަށް ވަރަށް ހިނިއައެވެ. ލަދުވެސް ގަތެވެ. އިޒާންއަށް ހިންޓެއް ލިބިދާނެބާއޭ ހިތަށް އެރިއެވެ. މޭޒުމަތީގައި އޮތް އަވި އައިނު ހިފައިގެން ދޮންބެ ނިކުތުމުން އަހަރެން އެގޮނޑީގައި އިށީނދެ ހަމަޖެހިލީމެވެ. ސެކެޓްރީ ފޮނުވާލުމަށްފަހު އަހަރެން އިޒާންއާ ވާހަކަ ދައްކަން ތައްޔާރުވީމެވެ.
"ކިހިނެއްތަ އިޒާން؟ " އަހަރެން އެހެން އެހި ހިނދު އިޒާންގެ މޫނުމަތިން ހައިރާންކަމެއް ފެންނަން ހުއްޓެވެ. ކިތަންމެ ޕްރޮފެޝަނަލް ކޮށް އަހަން އުޅުނު ނަމަވެސް އަހަރެންގެ ރާގު ހުރީ އެންމެ ގާތް މީހެއް ކައިރީގައި އަހާލާ ފަދައަކުންނެވެ.
“ވަރަށް ވެސް ރަނގަޅު އަލްހަމްދުލިﷲ…” އިޒާން ބުނެލިއެވެ.
" އަލްޙަމްދުލިﷲ.. އަހަރެން ކިހިނެއްތޯ ނާހާނަންތަ އިޒާން.. " އަހަރެން ބުނެލީމެވެ. އިޒާންގެ މޫނުމަތިން މިފަހަރުވެސް ފެނުނީ ހައިރާންކަމެވެ. ހިނދުކޮޅެއް ވަންދެން އިޒާން އިނީ ދޭނެ ޖަވާބެއް ނޭނގިފައެވެ. އެހާ ދުވަހު އެއް ސުކޫލެއްގައި އުޅުނުއިރުވެސް އިޒާންއަށް އަހަރެން ނޭނގުނީތީ ކުޑަކޮށް ހިތުގައި ޖެހުނެވެ. ނަމަވެސް ތުންފަތްމަތީގައިވާ ހިނިތުންވުމަށް ކުޑަވެސް ފަނޑުކަމެއް ނުގެންނަމެވެ.
“ސޮރީ.. އަހަރެން ހަނދާން ނެތުނީ.. ބައެއް މީހުންނަށް އަހަރެންނަކީ އިންވިޒިބަލް މީހެއް. ޚާއްސަކޮށް ސްކޫލް ދައުރުގައި… އިޒާން ހަމަ ހަނދާނެއް ނުވޭދޯ! ހަތަރު އަހަރު ދުވަހު އެއް ކްލާހެއްގައި އުޅުނުއިރު ކުޑަކޮށްވެސް އަހަރެންގެ މޫނު ހަނދާނެއް ނުވޭތަ؟ ” ފަހު ޖުމްލަ ބުނެލިއިރު ހަޤީޤަތުގައިވެސް އަހަރެން އިނީ ދެރަވެފައެވެ.
“ތިހެން ބުނީމަ ކުޑަކޮށް ހަނދާންވެއްޖެ ކަންނޭނގެ. ނައުރާ ކިހިނެއްތަ؟ ” އިރުކޮޅަކު ވިސްނަން އިނުމަށްފަހު އިޒާން ބުންޏެވެ. ކިތަންމެ ކުޑަކޮށް ނަމަވެސް އިޒާން އަހަރެންގެ މަތިން ހަނދާން ހުރީތީ ހިތަށް އުފާވެރިކަން އިހުސާސްވިއެވެ.
“ނޭނގުނަސް އެއީ މައްސަލައެއް ނޫނޭ. އަހަރެންނަކީ ކުލާގައި ވަރަށް މަޑުމަޑުން އިންނަ ކުއްޖެއް.. ޖިނާން އާއި އިޒާން ދުވެ ދުވެފަ އުޅޭ ގޮތަށް އުޅޭކަށް އަހަރެންނަކަށް ނުކެރޭ އުޅޭކަށް.. ދެން އިހަށް ޕާސަނަލް ވާހަކަތައް ބާއްވާފައި ހިނގާ ޖޮބްގެ ވާޙަކަ ދައްކަމާ.. ” މޭޒުމަތީގައި އަހަރެންގެ ދެއަތް ޖޯޑުކޮށްލަމުން ބުނީމެވެ. އަހަރެން ބޭނުންވީ އިޒާންއަށް ޝައްކު ނުވާނާހެން ހުރިހާ ކަމެއްވެސް ކުރިއަށް ގެންދާށެވެ.
ނުނިމޭ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް