އިޒާންގެ ނަޒަރުން
"ވަޓްސް ހެޕަނިންގް ނައުރާ؟ ކީއްވެ އަހަރެން މިތަނަށް ތިގެނައީ އަހަރެން އެހީމެވެ.
"ދެން އަހަރެންނަށް އިތުރަކަށް ކެތެއް ނުކުރެވޭނެ އިޒާން! ވަގުތު ފާއިތުވުމުގެ ކުރިން އަހަރެން ބޭނުން މިވާހަކަ އިޒާން ކައިރީ ބުނަން.. އަމުދުން މިހާރު އިޒާން އަހަރެންނާ މެދު ދެކެނީ ކޮންގޮތަކަށްކަން އެނގޭއިރު.. ” ނައުރާ އަހަރެންގެ ދެއަތުގައި ހިފާލަމުން ބުންޏެވެ. އެވަގުތު އަހަރެންގެ ހިތާއި ސިކުނޑު ދެމުން ގެންދިޔައީ ނުރައްކާތެރި އިންޒާރެކެވެ.
"ނައުރާ ކީކޭ ތިކިޔަނީ.. ” އަހަރެން މަޑުމަޑުން ނައުރާގެ އަތު ތެރެއިން އަހަރެންގެ އަތް ދަމައިގަތީމެވެ.
"އިޒާން ބުނަން ދެން ކެތްނުވާތީ އަހަރެން މިބުނަނީ... އަހަރެން އިޒާން ދެކެ ވަރަށް ލޯބިވޭ.. އިޒާން އަހަރެންދެކެ ވާ ވަރަށް ވުރެވެސް ބޮޑަށް... " ނައުރާ ބުނެލި ވާހަކައިން އަހަރެންނަށް ލިބުނީ ކުޑަވަރެއްގެ ޝޮކެކެވެ. ވަގުތުން ދެފިޔަވަޅު ފަހަތަށް އަޅައިލެވިއްޖެއެވެ. ކަންތައް އެވީ އަހަރެން ދުވަހަކުވެސް ހީނުކުރާ ގޮތަކަށް ވިއްޔާއެވެ.
"ނައުރާ ކީކޭތަ ތިކިޔަނީ؟ އަހަރެންނަކަށް ނުވިސްނޭ... " ހަޤީޤަތުގައިވެސް އަހަރެން ހުރީ އޮޅުން ބޮޅުން ވެފައެވެ. ފެނި އިވެމުން މިދަނީ ހަޤީޤަތެއްބާއޭ ހިތަށް އަރާފައެވެ.
"ހަމަ ރަނގަޅަށް ތިއިވުނީ.... މިބުނީ އަހަރެންވެސް އިޒާން ދެކެ ވަރަށް ލޯބިވެޔޭ... " ލަދުވެތި ހިނިތުންވުމެއްގައި ހުރެ ނައުރާ ތަކުރާރު ކޮށްލިއެވެ.
"ނައުރާ އަހަރެންނާ ސަމާސަ ކުރަނީތަ؟ ތިކަހަލަ ސަމާސާ އަހަރެންނަށް ކަމަކު ނުދޭ.. " އަހަރެންނަށް ޤަބޫލުކުރަން ދަތިވަނީއެވެ.
"ހަޤީޤަތަށް މިބުނަނީ އިޒާން.. ޤަބޫލުކޮށްބަލަ.. އައި ލަވް ޔޫ.. އައި ލަވް ޔޫ އަލޮޓް... " ނައުރާ ބުންޏެވެ.
"ސްޓޮޕް އިޓް ނައުރާ! " އަހަރެންގެ އަޑަށް ހަރުކަށި ކަމެއް ވެރިވިއެވެ. އެހިނދު ނައުރާގެ ތުންފަތްމަތީގައިވާ ހިނިތުންވުން ފަނޑުވެލިއެވެ. " އަހަރެން ނައުރާ އާ މެދު ތިފަދަ ނަޒަރަކުން ދުވަހަކުވެސް ނުދެކެން.. ނުވެސް ދެކޭނަން.. "
"އިޒާން! ތިހެން ވާހަކަ ނުދައްކަބަލަ! އަހަރެން ދެރަވޭ! ގަސްދުގަ ދެރަކުރާކަށްނު ތިއުޅެނީ.. " ނައުރާއަށް ވެސް އަހަރެން ބުނި ބަސް ޤަބޫލެއް ނުކުރެވުނެވެ.
"އެއްވެސް މީހަކު ދެރަކުރާކަށް އަހަރެން ނޫޅެން.. އަހަރެން ނައުރާ ދެކެ ލޯތްބެއްނުވޭ.. އަހަރެން ލޯބިވާ އެހެން ކުއްޖަކު ހުރޭ.. އަދި މިއުޅެނީ ވަރަށް އަވަހަށް އެކުއްޖާއާ ކައިވެނި ކުރަން ވެގެން.. " އަހަރެން ބުނީމެވެ. ވަގުތުން ނައުރާގެ ދެލޯ ފެންކަޅިވިތަން އަހަރެން ދުށީމެވެ.
"އެކަމަކު އިޒާ......!! " ނައުރާ ބުނަން އުޅުނެވެ. ނަމަވެސް އަހަރެން އަތުގެ އިޝާރާތުން އެކަން މަނާ ކުރީމެވެ.
އަހަރެން އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫން.... ދަނީ! " މިހެން ބުނެ އަހަރެން އެތަނުން ދާން ހިނގައިގަތީމެވެ. ނައުރާ ދެފަހަރަކު ގޮވައިލި އަޑު އިވުނެވެ. ނަމަވެސް އަހަރެން ފަހަތް ބަލާވެސް ނުލަމެވެ. އަހަރެންނަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ އެގެއިން ނިކުމެވުނު ފަހުންނެވެ. ނަމަވެސް ލިބިފައިވާ ހާސްކަން ފިލާ ގޮތެއް ނުވިއެވެ. ސައިކަލުގައި ދިޔަ ގޮތަށް މަޑުކުރީ ޒޭބާގެ ކައިރިއަށެވެ. ޓަކި ޖަހާލުމާއެކު ހުޅުވީ ޒޭބާގެ ބައްޕައެވެ. ޒޭބާގެ ބައްޕަގެ މޫނުމަތިން ފެނުނީ ނުރުހުމެވެ. އައީ ކީއްކުރަންތޯ އަހާލީ ވަރަށް ރުންކުރު ކޮށެވެ. ޒޭބާއާ ބައްދަލުކޮށްލަން ބޭނުން ވާހަކަ ބުނުމުން އެކަމަކަށް އިންކާރުކޮށް އަހަރެންގެ މޫނުމައްޗަށް ދޮރުލައްޕައިލިއެވެ. ފުރަތަމަ ފަހަރަށް ޒޭބާގެ ބައްޕަ ދެކެ އަހަރެންނަށް ރުޅި އާދެވުނެވެ. އެއްޗެތި ގޮވައިގަންނަން ހިތަށް އެރިއެވެ. ނަމަވެސް އަހަރެން ކެތްތެރިވީމެވެ. ޒޭބާއަށް ޓަކައެވެ.
ގެއަށް ވަންނަ އިރަށް މަންމަ ކާން ބުނެފިއެވެ. އަހަރެން ދެބަހެއް ކާމޭޒު ކައިރީގައި އިށީނީ ބަނޑުހައިވެފައި ހުރިލެއް ބޮޑުކަމުންނެވެ.
"އިޒާން ރަނގަޅުތަ؟ މަންމަ ހީކުރީ ޕާޓީއިން ކައިގެން ކަމަށް އަންނާނީ.. " އަހަރެންގެ ތައްޓަށް ބަތް އަޅައިދެމުން މަންމަ ބުންޏެވެ. ކަންތައްވެގެން ދިޔަ ގޮތް މަންމައަށް އަހަރެން ކިޔައިދިނީމެވެ. ދެން އިތުރަށް އެވަޒީފާއަށް ދާން ބޭނުންނުވާކަމަށް ބުނީމެވެ. މަންމަ ނަސޭހަތް ދިނީ އެއްވެސް ހާލެއްގައި ޒޭބާއަށް ބޭވަފާތެރި ނުވުމަށެވެ. އަމުދުން އޭރު ކަންތައްވެފައި އޮތް ގޮތުންނެވެ. ނަމަވެސް ވަޒީފާ ދޫކޮށްލުމަށް މަންމަ ނުރުހުނެވެ. ޒާތީ ކަންކަމާއި ވަޒީފާގެ ކަންތައްތަކަކީ މުޅިން ތަފާތު ދެކަމެއް ކަމަށް މަންމަ ބުނެދިނެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް މަންމަ ދިން ނަސޭހަތް ޤަބޫލުކުރަން އަހަރެން ފަސްޖެހުނެވެ. ނަމަވެސް އަހަރެންނާ ޒޭބާގެ ކައިވެނި އެހާ ގާތްވެފައި ވަނިކޮށް ވަޒީފާއިން ވަކިވެއްޖެނަމަ ވަރަށް ދަތިތަކަކާ ކުރިމަތިލާން ޖެހިދާނެތީ އެހިޔާލު ދޫކޮށްލަން އަހަރެންނަށް މަޖުބޫރިވިއެވެ.
ޒޭބާއަށް ނައުރާގެ ވާހަކަ ކިޔައިދިނުމާމެދު އަހަރެން ވިސްނުމަށްފަހު އެވާހަކަ ޒޭބާއަށް ނުކިޔައިދޭން ނިންމީމެވެ. ކިޔައިދީފިނަމަ އެންމެ ދުވަހަކުވެސް އަހަރެން އެއޮފީހަށް ދާން ޒޭބާ ނުރުހޭނެއެވެ. އޭރަށް ހުރަސްއެޅޭނީ އަހަރެމެންގެ ވާން އުޅޭ ކައިވެންޏަށެވެ.
ޖިނާން އާ އަހަރެން ބައްދަލުކުރީ ކެފޭއަކުންނެވެ. ވެގެން އުޅޭ ގޮތް ޖިނާންއަށް ކިޔައިދިނުމުން އޭނާ ޖަހައިލީ ހިނިގަނޑެކެވެ. އިރުގަނޑެއް ވަންދެން އަހަރެންނާ ޖެއްސެވުމަށްފަހު އޭނާގެ މޫނުމައްޗަށް ސީރިއަސްކަން ވެރިވިއެވެ. އޭނާވެސް ނަސޭހަތްތެރިވީ ވަޒީފާއިން ވަކިނުވުމަށެވެ. ޒާތީ މައްސަލަތައް އޮފީހުން ބޭރުގައި ބޭއްވުމަށެވެ.
"އަހަރެންނަށް ޔަގީން އެވަރުގެ ކަމަކާ ނައުރާ އިޒާން ވަޒީފާއިން ކަނޑާނުލާނެކަން.. އެއީ އެއަށްވުރެ މާ ހަމަޖެހޭ ކުއްޖެއް.. " ޖިނާން ބުންޏެވެ.
"ތިކަން އެނގޭ.. އެކަމަކު ނައުރާ އަހަރެންނާ މެދު އެފަދަ ނަޒަރަކުން ދެކޭކަން އެނގިހުރެ ދެން ވަރަށް އުނދަގޫވާނެ އޭނާގެ ދަށުން މަސައްކަތް ކުރަން... މިބުނީ ވަރަށް އޯކްވާޑް ވާނޭ.. " އަހަރެން ބުނީމެވެ.
"އިޒާން ހީކުރީތަ އިޒާން އޭނާގެ ލޯތްބަށް އިންކާރުކުރުމުން މިހާރު އޭނާ އޮންނާނީ ރޮއެ ރޮއެ އަވަދިވެފައޭ.. ހަހަހަ.. ތީ އެހާ ވެސް ރީތި މީހެއް ނޫން އިނގޭ.. އޭރުވެސް އަހަރެން ބުނީމެއްނު ނައުރާގެ ނަމްބަރު އަހަރެންނަށް ދޭށޭ.. ދިން ނަމަ މިއަދު ނައުރާ ހުންނާނީ އިޒާންގެ ފަހަރިއެއްގެ މަގާމުގައި.. އަދިވެސް ލަހެއް ނުވޭ އިނގޭ.. އަދިވެސް އަހަރެންނަށް ނައުރާ ސެޓްކުރެވޭނެ.. " ޖިނާން ބުނެލިއެވެ.
"ކަޓް ދި ކްރެޕް ޖިނާ.. ކޮންމެ ގޮތަކަށް ކަންތައްވިޔަސް އައި ސްޓިލް ރެސްޕެކްޓް ހަރ.. އިސްލާހުވާން އުޅެބަލަ ޖިނާ.. ރަނގަޅު ކުއްޖެއް ހޯދައިގެން އިންނަން އުޅެބަލަ ދުވާލަކު ކުއްޖެއް ނުގެންގުޅި.. ތިހެން އުޅެނިކޮށް ރީތި ލަނޑެއް ލިބިދާނެ.. " އަހަރެން ބުނެލީމެވެ.
"އަހަރެން ވަރުގެ އިސްލާހުވެފައި ހުރި މީހަކު މުޅި ދުނިޔޭގައިވެސް ހުންނާނެހެން ހިޔެއްނުވޭ.. ސީރިއަސް ރިލޭޝަންޝިޕަކަށް ދާން އަދި އަހަރެން ބޭނުމެއްނޫން. އޭގެ ކުރަން ހާސިލްކުރަން ބޭނުންވާ ބައިވަރު ލަނޑުދަނޑުތައް އެބަހުރި.. ބޭނުންވަނީ މަޝްހޫރު ނޫނަސް މީހުން ދަންނަ ކަހަލަ މީހަކަށް ވާން.. އަހަރެންގެ މައިންބަފައިން ފަޙުރުވެރި ވާ ފަދަ މީހަކަށް ވާން.. " ހުވަފެނީ ގޮތަކަށް ޖިނާން ބުންޏެވެ. ޖިނާންގެ އެބަސްތައް ހަނދާންވުމުން މިހާރު އަހަރެންނަށް ރޮވެއެވެ. އޭނާގެ ހުވަފެންތަކުގައި ކުލަޖެހުމުގެ ކުރިން ތާއަބަދަށް ލޯމަރައިލާން ޖެހުނީ އަހަރެންގެ ސަބަބުންނެވެ. އޭނާ ބޭނުންވި ފަދަ މީހަކަށް ޖިނާން ނުވިޔަސް ގައިމުންވެސް އޭނާއަކީ ދެވަނައެއް ނުވާ ފަދަ ރަޙުމަތްތެރިއެކެވެ. އޭނާގެ ފުރާނަ ޤުރުބާންކޮށްލީ އެންމެ ގާތް ރަޙުމަތްތެރިޔާއަށްޓަކައެވެ.
"ދެން ޒޭބާ ކައިރީ އެވާހަކަ ބުނީތަ؟ " ޖިނާން އެހިއެވެ.
"ނުބުނަން.. ކިހިނެއް ބުނާނީ ކައިވެނި މިހާ ކައިރިވެފައި ވަނިކޮށް.. ޒޭބާ ބޭނުމެއްނުވާނެ އަހަރެން ދެން އެއޮފީހަށް ދާކަށް.. އަހަރެން ކެނޑެން އުޅެގެން މިމަހުގެ މުސާރަ ނުދީފިއްޔާ ދެރައެއްނު.. އަނެއްކޮޅުން މިދުވަސްކޮޅު ވަޒީފާ ގެއްލިއްޖެނަމަ ޒޭބާގެ ބައްޕަ އޭނަ ގޮވައިގެން އެހެން ގައުމަކަށް ގޮސްދާނެ.. މިހާރުވެސް އަހަރެން ފެނުނީމަ ބުޅާ މަސްގަނޑަށް ބަލާހެން ބަލާނީ.. އެއްވެސް ހާލެއްގައި ޒޭބާ ގެއްލޭކަށް އަހަރެން ބޭނުމެއް ނޫން.. " ބޮލުގައި އަތް ފުނާ އަޅައިލަމުން އަހަރެން ބުނީމެވެ.
"ހަހަހަ.. އެހެން ދޯ ވާނީ.. އަހަރެންވެސް ހިޔެއް ނުކުރަން ތިއޮއް ވިސްނޭ މީހުން އެކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް.. "
"މަޖަލެއް ނޫނޭ ޖިނާ.. ކުރެވުނު ކަންތަކާ އަހަރެން އުފަލެއް ނުވެޔޭ.. ވަގުތާ ހާލަތުގެ ގޮތުން ވީކަމެއް އެއީ.. " އަހަރެން ބުނީމެވެ.
"ނޫނޭ.. ވަގުތާ ހާލަތު ކުށްވެރިކުރަން ނޫޅޭ.. " ޖިނާން ބުނެލިއެވެ.
"ފައިން!!! އަހަރެމެން ދެމީހުންނަށް ވިސްނާނުލެވުނީމަ ވީކަމެއް އެއީ.. ހެޕީ؟ " އަހަރެން ހިތްހަމަނުޖެހޭ ގޮތްވިއެވެ.
"ހޫމް އެހެންވީމަ ޒޭބާގެ ބައްޕަ ރުޅިއައުން ހައްޤެއްނު.. ތިކައިވެނި ލަސްވެދާނެ ގޮތަކަށް ކަންތައްނުކޮށް އަވަހަށް އިދެވޭތޯ ބަލާ.. ޒޭބާ ބަނޑުބޮޑުވެ މުޅި ދުނިޔެއަށް ފަލީހަތްވެއްޖެ ނަމަ ދެރައެއްނު.. " ޖިނާން ބުންޏެވެ.
"ޖިނާއަށް ވުރެ ބޮޑަށް ތިކަމާ އަހަރެން ވިސްނާނެ ދޯ.. " އަހަރެންވެސް ބުނެލީމެވެ.
************
ޖެހިގެން އައި ދުވަހު އަހަރެން އޮފީހަށް ދިޔައީ ތަންކޮޅެއް ލަސްވިފަހުންނެވެ. ކުރިން ގޮސްފިނަމަ ނައުރާއާ ބައްދަލުވެދާނެތީއެވެ. ކެބިންއަށް ވަންގޮތަށް އަހަރެން ނިކުތީ ގެއަށް ދާ ގަޑި ކައިރިވިފަހުންނެވެ. ނައުރާއާ ކުރިމަތިލާން ބޭނުންނުވާތީ ބްރޭކް ގަޑީގައިވެސް ނުނިކުމެ އިނީއެވެ. އޮފީހުން ނިކުމެ ޕާކުކޮށްފައިވާ ސައިކަލާ ދިމާލަށް ދާން އުޅުނު ގަޑީ އަހަރެންގެ ކުރިމައްޗަށް އައިސް މަޑުކޮށްލީ ނިމާލްގެ ކާރެވެ. ނިމާލް ކާރުގެ ލޯގަނޑު ތިރިކޮށްލަމުން އެދުނީ އެކާރަށް އެރުމަށެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަނުޖެހުމުގެ ކުލަވަރުތަކެވެ. އެންމެ ފުރަތަމަވެސް އަހަރެންގެ ހިތަށް އައިސްވަނީ ނައުރާގެ ނަމެވެ. ނައުރާ އޭނާގެ ބޭބެއަށް ހުރިހާ ވާހަކައެއް ކިޔައިދިނީބާއޭ ހިތަށް އެރިއެވެ. އެހެންވެގެން ނިމާލް އެއުޅެނީ އަހަރެން ވަޒީފާއިން ކަނޑާލާށޭވެސް ހިތަށް އެރިއެވެ.
ޖެހިލުންވެފައި ހުރެ ނިމާލްގެ ކާރަށް އަރާ އަހަރެން އިށީނީމެވެ. އެއާއެކު ވަކި ބަހެއް ނުބުނެ އޭނާ ކާރު ދުއްވާލައިފިއެވެ.
" ކޮންތާކަށްތޯ މިދަނީ.. " ނާހަން އިނދެފައިވެސް އަހަރެން އެހީމެވެ. ނިމާލްގެ ފަރާތުން ވަކި ޖަވާބެއް ނައެވެ. އިރުކޮޅަކުން ހޮސްޕިޓަލެއްގެ ކައިރިއަށް ކާރު މަޑުކޮށްލައިފިއެވެ.
"ސަރ ކީއްކުރަންތޯ މިތަނަށް ދުރުވީ... ؟ " ހައިރާންވެފައި އިނދެ އަހަރެން އެހީމެވެ. މިފަހަރުވެސް ނިމާލް ވަކި ޖަވާބެއް ނުދިނެވެ. ނިމާލް ކާރުން ފޭބުމުން އަހަރެންވެސް ކާރުން ފޭބީމެވެ. އަނެއްކާވެސް ސުވާލެއް ކޮށްލަން އުޅެނިކޮށް ނިމާލް އައިސް ހިފީ އަހަރެންގެ ގިރުވާނުގައެވެ. ހައިރާންވީ ވަރުން ބުނާނެ އެއްޗެއްވެސް އަހަރެންނަށް ނޭނގުނެވެ. ގިރުވާނުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް އޭނާ އަހަރެން ގެންގޮސް ހޮސްޕިޓަލް ތެރެއަށް ވެއްދިއެވެ.
"ސަރ.. ސަރ ކީއްތިކުރަނީ..؟ މީހުން އެބަ ބަލާ ޕްލީޒް ދޫކޮށްލާ.. " ލަދުގަތްވަރުން އަހަރެން ބުނަމުން ދިޔައީމެވެ. ނަމަވެސް ނިމާލްއަށް އެއަޑު އިވޭހެނެއްވެސް ހިޔެއް ނުވެއެވެ. އޭނާ އަހަރެން ގެންގޮސް ކޮއްޕާލީ ހޮސްޕިޓަލްގެ ރޫމެއްގެ ކުރިމައްޗަށެވެ. ވެއްޓެން ދިޔަ ހިނދު ފަރިތަކަމާއެކު އަހަރެންގެ ހަޑިގަނޑު ކޮންޓްރޯލް ކޮށްލީމެވެ. އަހަރެން ކައިރިއަށް ރުޅި އައީ އެހިސާބުންނެވެ. މަސައްކަތް ކުރާތަނުގެ ވެރިޔާއެއް ކަމަކު ވީގޮތެއް ނުބުނެ އެހެން ނުހެދޭނޭ ހިތަށް އެރިއެވެ. ފަތިވަރު ގޮވައިގަންނަ އަނގަ ހުޅުވައިލިތަނުން ކުރިމަތީގައި ހުރި ކޮޓަރީގެ ދޮރު ނިމާލް ހުޅުވައިލިއެވެ. ފެނުނު މަންޒަރުން އަހަރެންގެ ދެލޯ ބޮޑުވެ އަނގަ ތަންމިނަށް ހުޅުވުނެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 17 ޖެނުއަރީ ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް