ވާހަކަ: ލޯބީގެ ހާދިސާ – ފަސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... އިޒާންގެ ނަޒަރުން:- ކައި ނިމިގެން ނައުރާ ގެއަށް ލުމަށްފަހު އަހަރެން އަވަހަށް ގެއާ ދިމާލަށް މިސްރާބުޖެހީމެވެ. ގެ ކައިރީގައި ސައިކަލު ޕާކު ކުރުމަށްފަހު ޖީބުގައި އޮތް ފޯނު ނަގައިގ...

09 Jan 2023 | 08:24

ކުރީގެ އަދަދާއި ގުޅޭ...

އިޒާންގެ ނަޒަރުން:-

ކައި ނިމިގެން ނައުރާ ގެއަށް ލުމަށްފަހު އަހަރެން އަވަހަށް ގެއާ ދިމާލަށް މިސްރާބުޖެހީމެވެ. ގެ ކައިރީގައި ސައިކަލު ޕާކު ކުރުމަށްފަހު ޖީބުގައި އޮތް ފޯނު ނަގައިގެން އެހުޅުވަން މަސައްކަތް ކުރަމުން އަހަރެން ގެއަށް ވަނީމެވެ. ކޮޓަރިއަށް ވަންތަނުން ލިބުނީ ސިހުމެކެވެ. ގޮނޑީގައި އެއްފައި މައްޗަށް އަނެއްފައި ލައިގެން  ދެއަތް އުރާލައިގެން އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން އިނީ ޒޭބާއެވެ.

" ވަޓް އަ ސަޕްރައިޒް ބޭބް.. " ދެއަތް ހުޅުވައިގެން ހުރެ އަހަރެން ޒޭބާއާ ދިމާލަށް ހިނގައިގަތީމެވެ. އެހާ ކުއްލި ގޮތަކަށް ޒޭބާ ފެނުމުން ހަޤީޤަތުގައިވެސް އަހަރެންނަށް ލިބިފައިވާ އުފަލުގެ ކޮޅެއް ނެތެވެ. ޒޭބާ އިންތަނުން ތެދުވިއެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ސީރިއަސްކަމެވެ. އަހަރެންނާ މެދު ހިތްހަމަނުޖެހިފައި ހުރިކަމެވެ. އެހެންކަމުން އަހަރެން ދެއަތް ތިރިކޮށްލަމުން ޖީބަށް ކޮއްޕައިލީމެވެ.

" ގަޑިން ވީއިރެއް އެނގޭތަ އިޒާންއަށް...؟ " އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ޒޭބާ އެހިއެވެ. " ގަޑިން އެކެއް ޖަހަން އުޅެނީ.. އިޒާން ތީ މިހާ ދަންވާއިރު ބޭރަށް ގޮސް އުޅޭމީހެއްވެސް ނޫނެއްނު.. އުޅުނަސް އުޅޭނީ ޖިނާއާ އެކު.. އެކަމަކު މިރޭ ހަމަ ޔަގީނުންވެސް ތިއައީ ޖިނާއާ އެކު އުޅެފައެއް ނޫން.. ޖިނާ އަހަރެން ކައިރީ ދޮގެއް ނުހަދާނެ.. ބުނެބަލަ އިޒާން! ކޮންތާކަށް ގޮސްފަ ތިއައީ..؟

" މި.. މި.. މިއައީ... ރައްޓެހި... އޮފީސް ކުދިންނާ އެކު ސިނަމާއަށް ގޮސްފައި... " އަހަރެން ބުނީމެވެ. ފުރަތަމަ ފަހަރަށް  ޒޭބާ ކައިރީ ދޮގެއް ހަދަން ޖެހުމުން އަހަރެންނަށް ލިބިފައިވާ ނުތަނަވަސް ކަން އިންތިހާއެވެ. ޒޭބާ އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން ހުރީ ޤަބޫލުނުކުރެވިފައެވެ.

" ކީއްވެ ދޮގު ތިހަދަނީ އިޒާން! ކޮން ކަމެއް ސިއްރު ތިކުރަނީ..؟ ބުނެބަލަ! " ޒޭބާގެ އަޑުގައި ރުޅި އާއި ހިތާމަ އެކުލެވިފައިވިއެވެ. އަހަރެން އިސްޖަހައިލީމެވެ. އިތުރަށް ޒޭބާ ކައިރީ ދޮގު ހަދަން ބޭނުންނުވާތީ ހަޤީޤަތަށް ބުނީމެވެ.

" ސޮރީ ޒޭބާ! ޒޭބް ރުޅި އައިސްދާނެތީ ހަޤީޤަތަށް ބުނަން ނުކެރުނީ..." ޒޭބާއާ ހަތަރުކަޅި ހަމަކުރަން ނުކެރި ހުރެ އަހަރެން ބުނީމެވެ.

" ހިތް ނިޔަތް ރަނގަޅުނަމަ ދޮގެއް ނުހަދާނެ.. އިޒާންގެ ހިތުގެ ނިޔަތް ނޭނގިނަމަވެސް ރަނގަޅުނުވީމާ އަހަރެން ކައިރީ ތިވަރުގެ ބޮޑު ދޮގެއް ހަދަން ތިޖެހުނީ.. ހިތަށް އެރީ އިޒާންއަށް ސަޕްރައިޒެއް ދޭނީއޭ.. އޭރުން އިޒާން ވަރަށް އުފާވާނޭ.. އިޒާންއާ އެކު އުފާވެރި ދުވަސްތަކެއް ހޭދަކުރުމުގެ އުއްމީދުގައި އައީ.. އެކަމަކު އިޒާން އަހަރެންނަށް އެންމެ ބޮޑު ސަޕްރައިޒް ތި ދިނީ... " ޒޭބާގެ ދެލޯ ފެންކަޅިވި ތަން ފެނި އަހަރެންގެ ހިތުގައި ޖެހުނެވެ. ޒޭބާއާ ކައިރީ ވެލާ އޭނާގެ އަތުގައި ހިފާލަން އުޅުނީމެވެ. ނަމަވެސް ޒޭބާ އަހަރެންގެ އަތް ދުރަށް ލުމަށްފަހު ގޮނޑިމަތީގައި އޮތް އޭނާގެ ދަބަސް ހިފައިގެން ނިކުންނަން ހިނގައިގަތެވެ. ޒޭބާއަށް ގޮވަމުން އަހަރެން ފަހަތުން ދިޔައީމެވެ. އެހާ ދަން ގަޑިއެއްގައި އެކަނި ނުގޮސް އަހަރެން ސައިކަލު ފަހަތުގައި ދިއުމަށް ބުނަމުން ދިޔައީމެވެ. ނަމަވެސް ޒޭބާ އެއަޑެއް ނޭހިއެވެ. ޒޭބާ އެކަނި ފޮނުވަން އަހަރެންގެ ހިތެއް އެއްބަހެއް ނުވިއެވެ. އެހެންކަމުން އަހަރެން ސައިކަލުގައި ދިޔައީ މަޑުމަޑުން ޒޭބާއާ އެއްވަރަށް ދުއްވަމުންނެވެ. ޒޭބާ ގެއަށް ވަނުމުން އަވަސް އަވަހަށް ސައިކަލު ޕާކު ކުރުމަށްފަހު ޒޭބާގެ ފަހަތުން ވަންނަން ދަނިކޮށް ޒޭބާ ބާރަކަށް ދޮރު ލައްޕާ ތަންޑު އަޅުވައިފިއެވެ. އަމިއްލަ މީހާ ކުށްވެރި ކުރާ ހާލު މާޔޫސްވެފައި ހުރެ އަހަރެން އަނބުރާ އައީ ގެއަށެވެ.

********

ޖެހިގެން އައީ ހުކުރު ދުވަސްކަމުން އަހަރެން ހެނދުނު ހެނދުނާ ޒޭބާގެ ގެއަށް ދިޔައީމެވެ. ވަރަށް ހާލުން އެތައް ވާހަކަ ދައްކައިގެން ޒޭބާ ރުހުނެވެ. އެންމެ ޝަރުތެއްގެ މަތިންނެވެ. ކިތަންމެ ގާތް އެކުވެރިއެއް ނަމަވެސް ނައުރާއާ ވަކި ދުރުމިނެއް ބެހެއްޓުމެވެ. ހުކުރު ނަމާދަށް ފަހު ޒޭބާ ގޮވައިގެން އަހަރެން ދިޔައީ ވިލިގިއްޔަށެވެ. ރެސްޓޯރެންޓަކުން މެންދުރު ކެއުމަށްފަހު ދިޔައީ މޫދަށެވެ. ވަރަށް ބޮޑަށް ވިއްސާރަވެ ދުނިޔެ މަތި އަނދިރިކޮށްލީ އަހަރެމެން މޫދުގައި ތިއްބައެވެ. މާބޮޑަށް އޮއެވަރު ބާރުވެ ވައިގަދަވާން ފެށުމުން އަހަރެމެން މޫދުން އަރާ މިސްރާބުޖެހީ ފެރީ ޓާމިނަލްއާ ދިމާލަށެވެ. ނަމަވެސް މާބޮޑަށް ކަނޑުގަދަވެ ވިއްސާރަވުމުން ފެރީގެ ހިދުމަތް އޮތީ މެދުކަނޑާލެވިފައެވެ.

އިތުރު ގޮތެއް ނެތުމުން ފިހާރައަކަށްވަދެ ދެމީހުން ލާނެ އަންނައުނު ގަނެގެން އަހަރެމެން މިސްރާބުޖެހީ ގެސްޓް ހައުސްއަކާ ދިމާލަށެވެ. ނަސީބު ދިމާކުރި ގޮތުން ލިބެން އިނީ އެންމެ ކޮޓަރިއެކެވެ. އެހެންކަމުން ދެމީހުންވެސް މަޑުކުރަން ޖެހުނީ އެއްކޮޓަރީގައެވެ. އެއީ އަހަރެމެންނަށް ހެދުނު އެންމެ ބޮޑު ގޯހެވެ. ޖަޒުބާތުގައި ޖެހި ފާފައަކަށް އަރައިގަނެވުނީ އިޚްތިޔާރަކާ ނުލައެވެ. ކައިވެނީގެ ކުރިން އެފަދަ ބޮޑު ފާފައަކަށް އަރައިގަނެވުނީތީ އަހަރެމެން އިންތިހާއަށް ހިތާމަ ކުރީމެވެ. އަހަރެންނަށް ވުރެ ބޮޑަށް ޒޭބާ ހުރީ ހާސްވެ ކަންބޮޑުވެފައެވެ. އެތައް އިރެއްވަންދެން ޒޭބާ ރުއިމުގައި ހޭދަކުރިއެވެ. ދެމީހުންގެ ހިތަށްވެސް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބުނީ ކުރެވުނު ފާފައަށް ތައުބާވުމުންނެވެ. ވީހާވެސް އަވަހަކަށް ޒޭބާއާ ކައިވެނި ކުރުމަށް އަހަރެން ނިންމީ އެހިސާބުންނެވެ. ޒޭބާ ކިޔަވާ ނުނިމުނަސް ކައިވެނި ކުރަން އަހަރެމެންނަށް މަޖުބޫރުވީ ކުރެވުނު ބޮޑު ފާފައިގެ ސަބަބުންނެވެ.

ޒޭބާގެ މައިންބަފައިންނާ ވާހަކަ ދެއްކީ ހުދު އަހަރެންނެވެ. އެމީހުން އެންމެ ފުރަތަމަ ނުޤަބޫލުވީ ނަމަވެސް އަހަރެމެންނަށް ހެދުނު ގޯހުގެ ވާހަކަ ބުނުމުން އެމީހުންނަށްވެސް މަޖުބޫރުވީ ހިތްހަމަނުޖެހިފައި ހުރެވެސް  އެއްބަސްވާށެވެ. ނަމަވެސް އެމީހުންގެ ޝަރުތެއް ވިއެވެ. ކައިވެނި ކުރެވެންދެން އަހަރެމެން އެކަކު އަނެކަކާ ބައްދަލުކުރުން މުޅިން މަނާ ކުރިއެވެ. އެއީ އެންމެ ރަނގަޅު ގޮތްކަމުގައި ފެންނާތީ އަހަރެމެން އެކަމަށް ވަގުތުން އެއްބަސްވީމެވެ. ކައިވެނި ކުރަން ހަމަޖެހުނީ ދެހަފްތާ ފަހުންނެވެ. އެހެންކަމުން އަހަރެންވެސް އަދި ޒޭބާވެސް ތިބީ ހިތްހަމަޖެހިފައެވެ. އަންނަން އުޅޭ ބޮޑު ނުރައްކާތެރި ތޫފާނުގެ އިހުސާސްވެސް ނުވާ ހާލުގައެވެ.

**********

އާދިއްތަ ދުވަހު އަހަރެން އޮފީހަށް ދިއުމުން ނައުރާމެންގެ ގެއަށް ދާން އަހަރެންނަށް އެންގިއެވެ. ނިމާލްގެ އެދުމުގެ މަތިންނެވެ. ނައުރާވެސް އޮފީހަށް ނާންނަކަން އެނގުމުން ކިހިނެއްވީބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ނިމާލްމެން ގެއަށް ދިއުމުން ގޭޓު ކައިރިން އަހަރެންނާ މަރުހަބާ ކީ ނައުރާއެވެ. އާދަޔާ ހިލާފަށް އެގޭތެރޭގައި މީހުން ހަރަކާތްތެރިވާތަން އަހަރެންނަށް ފެނުނެވެ. ޕޫލް ކައިރީގައި ހުރި ކުޑައެއްގެ ދަށުގައި މޮހީޓޯ ތައްޓެއް ހިފައިގެން އިން ނިމާލް ކައިރިއަށް ނައުރާ އަހަރެން ގޮވައިގެން ދިޔައެވެ. ލޮލުގައިވާ އަވި އައިނު ނަގަމުން ނިމާލް އަހަރެންނާ ދިމާލަށް ބަލައިލިއެވެ. އެބެލުމުގައި ވަނީ ކޮންކަހަލަ އަސަރުތަކެއް ކަމެއް ދެނެގަންނާނަކަށް އަހަރެންނަކަށް ނޭނގުނެވެ. ނަމަވެސް އަހަރެންނަށް ކުރެވުނީ ނުރައްކާތެރި އިހުސާސެކެވެ. ހިތްނުތަނަވަސް ވާން ފެށި ކުއްލިއަކަށެވެ.

" އަޅުގަނޑު އަންނަން ބުނީމަ މިއައީ.. " ނިމާލް ކައިރިއަށް ހުއްޓެމުން އަހަރެން ބުނީމެވެ. ނިމާލް އޭނަގެ ކުރިމަތީގައި ހުރި ގޮނޑިއަށް އިޝާރާތް ކޮށް އިށީނުމަށް އަހަރެން ކައިރީގައި ބުންޏެވެ. އަހަރެން އިށީނުމުން ނައުރާވެސް އެތަނުން ގޮނޑިއެއްގައި އިށީނދެއްޖެއެވެ.

" ދޮންބެ ކައިވެނި ކުރަން އުޅޭތީ އަހަރެން ވަރަށް ހެޕީ... " ނިމާލްގެ އަތުގައި ހިފާލަމުން ނައުރާ ބުންޏެވެ. ގޭތެރޭގައި އެހާ މީހުން ގިނަވެފައިވާ ސަބަބު އަހަރެންނަށް އެނގުނީ އެހިސާބުންނެވެ.

" ނައުރާ ބުނި އިޒާން ތީ އިވެންޓްތައް މެނޭޖް ކުރަން ވަރަށް މޮޅު މީހެކޭ.. ނައުރާގެ ސްކޫލް ފެއަރ ވެލް ޕާޓީއަށް އަހަރެންވެސް ދިޔައިން.. ހުރިހާ އިންތިޒާމްތަކެއްވެސް ވަރަށް ފުރިހަމަކަން އަހަރެންނަށް ފާހަގަ ކުރެވުނު. އެ އިވެންޓް މެނޭޖްކުރީ އިޒާން ކަމަށް އަހަރެން ކައިރީ ބުނީ ނައުރާ.. އެހެންވެ އަހަރެން ބޭނުމީ އަހަރެންގެ ކައިވެނީގެ ހަފްލާވެސް އިޒާން މެނޭޖްކުރަން.. މިތިން ދުވަހު އިޒާން އޮފީހަށް ނުދިޔަސް އެންމެ ރަނގަޅުވާނެ.. ފަހަރެއްގައިވެސް ހީނުކުރާތީ ނައުރާގެ ގާތް އެކުވެރިއަކަށްވީމަ ހިލޭ ކުރުވާ ކަމެކޭ.. މިމަހުގެ އިޒާންގެ މުސާރަ ބޮޑުވާނެ މިމަސައްކަތް ކުރާ މަތިން.. " ނިމާލް ބުންޏެވެ. ނައުރާ އަހަރެންނަށް ބަލާލާފައި ހިނިތުންވެލިއެވެ. އެކަމަކަށް އަހަރެން ވަގުތުން އެއްބަސްވީމެވެ. އަހަރެންނާއި ޒޭބާގެ ކައިވެނިވެސް އެންމެ ފުރިހަމަ ގޮތުގައި ކުރަން ބޭނުންވާތީ އިތުރު ލާރިއަށް އަހަރެން ހުރީ ބޭނުންވެފައެވެ.

********

ޖެހިގެން އައި ތިންދުވަހު އަހަރެން އުޅުނީ ވަރަށް ބުރަކޮށެވެ. ޒޭބާއާ ފޯނުން ވާހަކަ ދައްކާލެވޭނީ ރޭގަނޑު ގެއަށް ދާ ފަހުންނެވެ. ދުވާލު އެއްކޮށް އަހަރެން ހޭދަކުރަމުން ދިޔައީ ނައުރާމެން ގޭގައެވެ. އަހަރެން ކުރަމުން ދިޔަ މަސައްކަތުގައި ނައުރާގެ އެހީ ވަރަށް ބޮޑަށް ލިބުނެވެ. އެދުވަސްކޮޅު އަހަރެމެންގެ މެދުގައިވާ ގާތް އެކުވެރިކަން އިތުރަށް ބަދަހިވެގެން ދިޔައެވެ.

ކައިވެނި ކުރެވެން އޮތް ދުވަހު ނައުރާ އަހަރެން ގޮވައިގެން ފިހާރައަށް ދިޔައެވެ. ކައިވެނީގެ ތީމް އާ ގުޅޭނެ ގޮތަށް އަހަރެންނަށް ހެދުން ގަނެދިނެވެ. އަގު ބޮޑު ކަމުން އެ ޤަބޫލުކުރަން ބޭނުންނުވި ނަމަވެސް ނައުރާގެ އާދޭހުގެ ކުރިމަތީގައި އަހަރެން ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.

ކައިވެނި ޕާޓީއަށް ދާއިރު އަހަރެން ބޭނުންވީ ޒޭބާވެސް ގޮވައިގެން ދާށެވެ. ނަމަވެސް ނައުރާގެ މައިންބަފައިން އަހަރެމެންނަށް ކުރާ އިތުބާރު ފުނޑުފުނޑުވެފައި ވާކަމުން ޒޭބާއަށް އެހުއްދައެއް ނުދިނެވެ.

ނިމާލް އާއި އޭނާގެ ވާން އުޅޭ އަނބިމީހާއަށް ކައިވެނީގެ ހުތުބާ ލައިދެމުން ދިޔައިރު އަހަރެންނަށް ސިފަވަމުން ދިޔައީ އަހަރެންނާއި ޒޭބާ އެމަގާމުގައި ތިއްބައެވެ. ހިޔާލީ ފޮލާ ކައްކަމުންދިޔައިރު އަހަރެންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެފައިވިއެވެ. ނިމާލް އަނބި ޤަބޫލުކޮށްފީމޭ ބުނިވަގުތު ކައިރީގައި ހުރި ނައުރާ އަހަރެން އަތުގައި ހިފާލިއެވެ. އަހަރެން ސިހިފައި ނައުރާއަށް ބަލައިލިއިރު ނައުރާ ހުރީ އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން ހިނިތުންވެގެންނެވެ.

" ހިނގާބަލަ އަހަންނާ އެކު.. " މިހެން ބުނެ ނައުރާ އަހަރެންގެ އަތަށް ދަމާލިއެވެ. ދެކޮޅު ހަދަން ނުކެރި އަހަރެން ނައުރާއާ އެކު ހިނގައިގަތީމެވެ. ސިޑިން މައްޗަށް އަރަން ފެށުމުން ދަނީ ކޮންތާކަށް ތޯ އަހަރެން އެހީމެވެ. ނަމަވެސް ނައުރާގެ ފަރާތުން ވަކި ޖަވާބެއް ނައެވެ. ނައުރާ އަހަރެން ގޮވައިގެން ގޮސް ވަނީ އޭނާގެ ކޮޓަރިއަށްކަން އެނގުނީ އެކޮޓަރީގެ އެނދާ ދިމާލުން ފާރުގައި ހަރުކޮށްފައިވާ ނައުރާގެ ބޮޑު ފޮޓޯ ލޯގަނޑު ފެނުމުންނެވެ.

" ވަޓްސް ހެޕަނިންގް ނައުރާ؟ ކީއްވެ އަހަރެން މިތަނަށް ތިގެނައީ އަހަރެން އެހީމެވެ.

" ދެން އަހަރެންނަށް އިތުރަކަށް ކެތެއް ނުކުރެވޭނެ އިޒާން! ވަގުތު ފާއިތުވުމުގެ ކުރިން އަހަރެން ބޭނުން މިވާހަކަ އިޒާން ކައިރީ ބުނަން.. އަމުދުން މިހާރު އިޒާން އަހަރެންނާ މެދު ދެކެނީ ކޮންގޮތަކަށްކަން އެނގޭއިރު.. " ނައުރާ އަހަރެންގެ ދެއަތުގައި ހިފާލަމުން ބުންޏެވެ. އެވަގުތު އަހަރެންގެ ހިތާއި ސިކުނޑު ދެމުން ގެންދިޔައީ ނުރައްކާތެރި އިންޒާރެކެވެ.

" ނައުރާ ކީކޭ ތިކިޔަނީ.. " އަހަރެން މަޑުމަޑުން ނައުރާގެ އަތު ތެރެއިން އަހަރެންގެ އަތް ދަމައިގަތީމެވެ.

" އިޒާން ބުނަން ދެން ކެތްނުވާތީ އަހަރެން މިބުނަނީ... އަހަރެން އިޒާން ދެކެ ވަރަށް ލޯބިވޭ.. އިޒާން އަހަރެންދެކެ ވާ ވަރަށް ވުރެވެސް ބޮޑަށް... " ނައުރާ ބުނެލި ވާހަކައިން އަހަރެންނަށް ލިބުނީ ކުޑަވަރެއްގެ ޝޮކެކެވެ. ވަގުތުން ދެފިޔަވަޅު ފަހަތަށް އަޅައިލެވިއްޖެއެވެ. ކަންތައް އެވީ އަހަރެން ދުވަހަކުވެސް ހީނުކުރާ ގޮތަކަށް ވިއްޔާއެވެ.

ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 15 ޖެނުއަރީ ވާ އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް