ވާހަކަ: މި ހިތުގެ ލޯތްބޭ ތީ – ހަ ވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "އިޒްވާ!! އަހަރެން މިދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާބަލަ!! ދުލުން ހެޔޮ އެއްޗެއް ކިޔޭތޯ ބަލާ.. މަދަދަށް އެދި ދަންނަވަން ވާނީ ހެއްދެވި ފަރާތަށް.. އެފަރާތުން އެއްވެސް މުއުމިނު އަ...

29 Nov 2022 | 16:19

ކުރީގެ އަދަދާއި ގުޅޭ...

"އިޒްވާ!! އަހަރެން މިދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާބަލަ!! ދުލުން ހެޔޮ އެއްޗެއް ކިޔޭތޯ ބަލާ.. މަދަދަށް އެދި ދަންނަވަން ވާނީ ހެއްދެވި ފަރާތަށް.. އެފަރާތުން އެއްވެސް މުއުމިނު އަޅަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވަވާނެ.. އެކަލާންގެއަށް ވަކީލުކޮށްލާ.. އޭރުން ތިހިތަށް ހަމަޖެހުން ލިބޭނީ.. އަހަރެން މިހާރު ތިގެއާ ވަރަށް ކައިރިވެއްޖެ.. ޕްލީޒް ހިތްވަރު ކުރޭ... ކެތްތެރިވޭ! ކެތްތެރިންނާއެކު ﷲ ވޮޑިގެންވޭ.. އައި ޕްރޮމިސް މިރޭ މީ އައިދަންއަށް ތިގެއަށް ވަދެވޭނެ އެންމެ ފަހު ރޭ.. އުމުރުގެ ބާކީބައި އޭނަ ޖަލުގައި ބޭއްވުމަށް އަހަރެންނަށް ކުރެވުނުހާ މަސައްކަތެއް ކުރާނަން.. ދެން ހަމަ އެންމެ ދެތިން މިނިޓް ވާނީ.. ވަރަށް ކައިރީގައި މިއޮތީ.. " ޝިވަން ބުނި އަޑުއިވުނެވެ. އިޒްވާއަށް އެއްޗެއް ނުބުނެވިގެން އުޅޭނިކޮށް ދޮރުފަތުގައި ބާރަށް ޓަކިޖަހަން ފަށައިފިއެވެ. އެވަގުތު ސިހުނުވަރުން އިޒްވާއަތުން ދޫވެގެން ފޯނު ބިންމައްޗަށް ވެއްޓުނެވެ. ފޯނު ހޯދަން އިޒްވާއަކަށް ނޫޅެވުނެވެ. ފަހަތަށް ޖެހެމުން ގޮސް ފާރުގައި ލައްވެވުނެވެ. ދޮރުގައި ތަޅަމުންދިޔަ އަޑު ފަހަރަކަށްވުރެ ފަހަރެއް ދިޔައީ ބާރުވަމުންނެވެ. ގަނެފައިވާ ބިރާއެކު ހުރި ދިމާލުން ތިރީގައި އިށީނދެވުނެވެ. ކަންފަތްމަތީ އަޅައިގެން ހުރެ އިޒްވާ ރޯންފެށިއެވެ. ދުރުދުރުން ފުލުހުންގެ ސައިރެންގެ އަޑު އިވެން ފެށިއެވެ. ދޮރުގައި ތަޅާއަޑު އެހިސާބުން ކެނޑިއްޖެއެވެ. އެމީހަކު ދުއްވައިގަތް އަޑުވެސް އިނެވެ. ކަންފަތްމަތިން އަތް ނެގުމަށްފަހު އިޒްވާ ހަމައަކަށް އެޅޭތޯ މަސައްކަތް ކުރިއެވެ. ދެލޯ ފޮހެލުމަށްފަހު އިޒްވާ ތެދުވިއެވެ. ސައިރެންގެ އަޑު ކައިރިވަމުން ގޮސް އެގޭ ކައިރީގައި މަޑުކުރިހެން އިޒްވާއަށް ހީވިއެވެ. އެހެނަސް ވީގޮތެއް ބަލަން ދޮރު ހުޅުވާކަށް ނުކެރުނެވެ. ބިންމަތީގައި ވެއްޓިފައި އޮތް ފޯނު ނަގައިގެން ގޮސް އެނދުމަތީގައި އިށީނެވެ. އަދިވެސް ތުރުތުރު އަޅަމުން ދިޔަ އަތުން ފޯނު ހުޅުވާ ބަލައިލިއެވެ. އެހިނދު ދޮރުގައި ޓަކި ޖަހައިލި އަޑުއިވިފައި އިޒްވާ ސިހިއްޖެއެވެ. ނަމަވެސް މިފަހަރު ޓަކި ޖެހީ މަޑުންނެވެ. ދެވަނަ ފަހަރަށް ޓަކި ޖަހައިލުމުންވެސް އިޒްވާއަށް ދޮރު ހުޅުވާކަށް ނުކެރުނެވެ. ދޮރާ ދިމާލަށް ބަލަހައްޓައިގެން އިނދެވުނީއެވެ.

" އިޒްވާ!! ހުޅުވަބަލަ... މީ ޝިވަން.. " އިވުނު ޝިވަންގެ އަޑާއެކު އިޒްވާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ދުވެފައި ގޮސް ދޮރު ހުޅުވިއެވެ. ޝިވަން ފެނުމާއެކު އިޒްވާ ރޯންފަށައިފިއެވެ.

" ނުރޮއެ އިޒްވާ!! ދެން އައިދަންގެ އުނދަގުލެއް ނުވާނެ.. މިގެއިން ނިކުމެގެން ދުއްވައިގަތްތަނުން ފުލުހުން އޭނަ ހައްޔަރު ކޮށްފި.. " ޝިވަން ބުންޏެވެ. އިޒްވާ ދެލޯ ފޮހެލަމުން ބޯޖަހައިލިއެވެ.

" މާމަ ރަނގަޅުތަ؟ " އެހެން ބުނަމުން އެކޮޓަރިއާ ދިމާލަށް ދާން އިޒްވާ ހިނގައިގަތެވެ.

" މާމަ ނިދާފަ އޮތީ!! އަހަރެން މިއައީ ބަލާފައި.. " ޝިވަން އެހެން ބުނި އަޑަށް އިޒްވާ ހުއްޓުނެވެ.

" ގޭގެ ބޮޑުދޮރު ތަޅު ހަލާކު ކޮށްލައިގެން އައިދަން ވަދެފަ ހުރީ.. މާދަން އިރުއެރީމަ އާ ތަޅެއް ލެވޭނީވެސް.. " ޝިވަން ބުންޏެވެ.

" އެންމެ ރަނގަޅު!! ދެން އެހެންވީއިރު މިރޭ ނުނިދާނަން.. އަނެއްކާވެސް އައިދަން ކަހަލަ ނުލަފާ މީހެއް މިގެއަށް ވަދެދާނެ ކަމަށް އަހަރެން ބިރުގަނޭ.. " އިޒްވާ ބުންޏެވެ.

" ނޫން އެހެން ކަމަކު ނުދާނެ.. އިޒްވާ ހެނދުނާ ތެދުވެ ވަޒީފާއަށްވެސް ދާން ޖެހޭނެ.. އެންމެ ދުވަހެއްވެސް ވެއްޓުނަ ނުދީ ވަޒީފާ އަދާކުރަންވާނީ.. އޭރުން ލިބޭ އެއްޗަކުން ނުކެނޑޭނީވެސް.. އިޒްވާގެ ހުއްދަ އޮތިއްޔާ އަހަރެން މިގޭގަ މަޑުކޮށްލާނަން.. " ޝިވަން އެހެން ބުނުމާއެކު އިޒްވާ ޝިވަންގެ މޫނަށް ބަލައިލިއެވެ.

" ޑޯންޓް ވޮރީ އަހަރެން އިޒްވާއަށް އިޚްތިރާމްކުރަން.. އަހަރެން ސޯފާގައި އިންނާނީ.. އިޒްވާ ދޭ ނިދަން.. " ޝިވަން ބުންޏެވެ. އިޒްވާ ވިސްނާލަން ހުރުމަށްފަހު ބޯޖަހައިލިއެވެ. މިވަގުތު ގޭގައި އިތުބާރުކުރެވޭ ފިރިހިނެއް ހުރުމުން ހިތްހަމަޖެހިލައިގެން އޮވެވޭނެއެވެ. ހިނިތުންވާން މަސައްކަތް ކުރަމުން އިޒްވާ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިއެވެ.

އެނދުމަތީގައި އެތައް އިރެއް ވަންދެން އޮތްނަމަވެސް އިޒްވާއަށް ނުނިދުނެވެ. ތިންގަޑި ބައިވެ ހަތަރެއް ޖަހަން ގާތްވެފައި ވަނިކޮށް އިޒްވާ ތެދުވިއެވެ. ދަމު ނަމާދުކޮށްލަން ހިތާއެވެ. ފާހަނާއަށް ވަދެ ވުޟޫކޮށްލައިގެން ނިކުމެ ނަމާދަށް އެރިއެވެ. ނަމާދުކޮށް ނިންމާލުމަށްފަހު ތެދުވެގެން ދިޔައީ ހަތިމު ނަގާށެވެ. ޝިވަން މަތިން ހިތަށް އެރީ ކުއްލިއަކަށެވެ. މަޑުމަޑުން ދޮރު ހުޅުވާލާފައި ބަލައިލިއެވެ. ފެނުނު މަންޒަރުން އިޒްވާގެ ހިތް ވިރިގެން ދިޔަ ކަހަލައެވެ. ސޯފާ ކައިރީގައި ޝިވަން ހުރީ ނަމާދަށެވެ. ނިތް ޖަހާ ހިސާބު އޮތީ ރުމާލެއް ބާއްވާފައެވެ. މާގިނައިރު ބަލަން ހުންނާކަށް އިޒްވާއަށް ނުކެރުނެވެ. އަލުން ދޮރު ލައްޕާލުމަށްފަހު ވިސްނާލިއެވެ. ކައިސަން ބުނިހެން ޝިވަން އަކީ ދީންވެރި މާތް މީހެއްކަން މިރޭ ސާބިތު ވެއްޖެއެވެ. އިޒްވާގެ ހިތް ޝިވަންއަށްޓަކައި އިޚްތިރާމުން ފުރުނެވެ.

ފަތިސް ނަމާދުކޮށްލައިގެން އިޒްވާ ކޮޓަރިން ނިކުތެވެ. ފޯނަށް ބަލަހައްޓައިގެން އިން ޝިވަން އިޒްވާއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އިޒްވާވެސް ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށްފަހު ގޮސް ބަދިގެއަށް ވަނެވެ. ދެކޮފީ ތަށި ތައްޔާރު ކޮށްލައިގެން އައިސް އިޒްވާ އެއްތަށީ ޝިވަންއަށް ދިއްކޮށްލިއެވެ. ޝުކުރު އަދާކުރަމުން ޝިވަން އެތަށީގައި ހިފިއެވެ. އިޒްވާ ގޮސް އިށީނީ ސޯފާއާއި މާދުރުނޫން ހިސާބެއްގައި ހުރި ކާމޭޒު ކައިރީގައެވެ.

" ޝިވަންގެ ތި ހެޔޮ ކަމަށް ޝުކުރު އަދާ ކުރާނެ ގޮތެއްވެސް ނޭނގެ.. " އިޒްވާ ބުނެލިއެވެ.

" މީ އެއްވެސް ކަމެއް ނޫން އިޒްވާ.. މީހުންނަށް އެހީތެރިވެދިނުމަކީ އަހަރެންނަށް އިންތިހާއަށް އުފާ ލިބޭ ކަމެއް.. " ޝިވަން ބުންޏެވެ. އިޒްވާ ހިނިތުންވެލަމުން އިސް ޖަހައިލިއެވެ.

" އަހަރެން ވާހަކައެއް އަހާލަންތަ؟ " އަނެއްކާވެސް އިސްއުފުލާލައި އިޒްވާ އަހައިލިއެވެ.

" އަހަރެންނަށް އެނގޭ ކަންނޭނގެ ކޮންވާހަކައެއްކަން އަހަން ތިއުޅެނީ.. އަހަރެންނަކީ މީހުންގެ ވާހަކަ ދައްކާ މީހެއް ނޫން.. ޚާއްސަކޮށް މަރުވެފައިވާ މީހެއްގެ.. އެކަމަކު މިވަރު ބުނެދެވިދާނެ.. އިޒްވާ ހިތްހަމަޖެހޭކަހަލަ ޖަވާބެއް ނޫން އަހަރެން ދޭން އޮތީ.. " ޝިވަންގެ ޖަވާބު އިވިފައި އިޒްވާގެ މޫނުމަތި މިލައިގެން ދިޔައެވެ. ކައިސަންގެ ވާހަކަ ޝިވަން ކައިރީ އަހައިލަން އުޅުނީ ފަހަރެއްގައި ޝިވަންގެ ފަރާތުން އައިދަން ދެއްކި ވާހަކަ ތަކަކީ ދޮގު ވާހަކަތަކެއްކަން ސާބިތު ވެދާނެތީއެވެ. ނަމަވެސް ޝިވަންގެ ވާހަކަ ތަކުން ހަޤީޤަތަކީ ކޮބައިކަން އެނގި ސާފުވެއްޖެއެވެ. އިޒްވާ އިސް އުފުލައިލިއެވެ. އެހިނދު ޝިވަންގެ ތޫނު ނަޒަރު އަމާޒުވެފައި ހުރި ގޮތުން އިޒްވާއަށް އެސްފިޔަ ޖަހައިލެވުނެވެ. އެބެލުމުން ދެނެގަންނަންވީ ކޮންކަމެއްކަން އިޒްވާއަށް ނޭނގުނެވެ. އަނެއްކާވެސް ޝިވަންއާ މެދު ކުށްހީއެއް ކުރެވިދާނެތީ އިޒްވާ އިސްޖަހައިލިއެވެ. އެހިނދު ޝިވަން ކަރުކެހިލި އަޑު އިވުނެވެ. ކޮފީ   ހުސްކުރި ތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު ޝިވަން ތެދުވިއެވެ.

" ދެން ގޮސްލީ މި.. ފަހަރެއްގައި މިއަދު ފުލުސް އޮފީހުން އިޒްވާއަށް ގުޅާނެ.. ބަޔާން ނަގަން.. އެހީ އަކަށް ބޭނުންވިއްޔާ އަހަރެންނަށް ގުޅާތި.. " ލައިގެން ހުރި ސޯޓުގެ ޖީބަށް އަތް ޖަހައިލަމުން ޝިވަން ބުންޏެވެ. އިޒްވާ ހިނިތުންވާން މަސައްކަތް ކުރަމުން ބޯޖަހައިލިއެވެ.

************

އާދައިގެ މަތިން ފަތިސް ނަމާދު ކުރުމަށްފަހު ރައިހާނާ ބަދިގެއަށް ވަނެވެ. އެންމެ ފުރަތަމަ ކަމަކަށް ޝިވަން ޖިމަށް ދިއުމުގެ ކުރިން އޭނާގެ ޕްރޮޓީން ޝޭކް ތައްޔާރުކުރަން ފެށިއެވެ. އެ ތައްޔާރު ކުރަމުން ދިޔައިރު ބަދިގޭ އޭނާއާ އެކު ހަރަކާތްތެރިވަމުން ދިޔަ ސާލިހާއަށް ދުވަހުގެ ކެއުމަށް ތައްޔާރުކުރާނެ އެއްޗެހި އޮޅުންފިލިވައިދެމުން ދިޔައެވެ. ސާލިހާ އަކީ އެގޭ ކެއްކުމާ ހަވާލުވެ ހުންނަ ޕާކިސްތާނުގެ މީހެކެވެ. ޝިވަންގެ ޕްރޮޓީން ޝޭކް ތައްޔާރުކޮށް ނިންމާލުމަށްފަހު ކޮފީ އެއް ހަދައިގެން ރައިހާނާ އައިސް މޭޒު ކައިރީގައި އިށީނެވެ. މަޑުމަޑުން ކޮފީތައްޓަށް އިންސާފުކުރަމުން ދިޔައިރު އަނެއް އަތުގައި އޮތް ފޯނުން ކޮންމެވެސް ހަބަރެއް ކިޔަމުން ދިޔައެވެ. ގޭގެ ދޮރު ހުޅުވުނު އަޑަށް ރައިހާނާ ބަލައިލިއެވެ. އެތެރެއަށް ވަދެގެން އައި ޝިވަން ފެނުމުން އޭނާއަށް ލިބުނީ ހައިރާން ކަމެކެވެ. އޭނާ ހުރި ގޮތުން އެއައީ ފަތިސް ނަމާދަށް ގޮސްފައި ނޫން ކަން އެނގުނީ ޓީޝާޓަކާއި އެކު ބޮޑު ސޯޓެއް ލާފައި ހުރުމުންނެވެ. ނަމާދަށް ދާއިރު އަބަދުވެސް ޝިވަން ދާނީ ފެންވަރާ ތާޒާ ވެލައިގެން ރީތި ގަމީހަކާއި ފަޓުލޫނެއްގައެވެ. ޝިވަން އައި ގޮތަށް އައިސް ރައިހާނާ ކައިރީގައި ހުރި ގޮނޑި ދަމާލާފައި އިށީނެވެ. ރައިހާނާއަށް ބަލާލާފައި ހިނިތުންވެލިއިރު އެމޫނުން ހިނިތުންވުމެއް ފެންނަން ހުއްޓެވެ.

" ޝިވަން!! މިއޮއް ހެނދުނާ ކޮންތާކުން ތިއައީ.. މިސްކިތަށް ނުދަނީތަ؟ " ރައިހާނާ އެހިއެވެ.

" އާނ މިސްކިތަކަށް ނުދެވުނު.. އެކަމަކު ފަތިސް ނަމާދުކުރިން.. " ގޮނޑިއަށް ހަށިގަނޑު ދޫކޮށްލިއިރު ޝިވަންގެ އަޑުގައި ވަރުބަލިކަމެއްވިއެވެ.

" ކިހިނެއްވީތަ ޝިވަން؟ ބޮޑުކަމެއްވީތަ؟ " މޭޒުމަތީގައި އޮތް ޝިވަންގެ އަތްމަތީގައި އަތްބާއްވައިލަމުން ރައިހާނާ އެހިއެވެ. ޝިވަން ހަށީގަނޑު ސިދާކޮށްލާ މޭޒުމަތީގައި އޮތް ދެއަތް ޖޯޑުކޮށްލަމުން ފުންނޭވައެއް ދޫކޮށްލިއެވެ.

" ކީކޭ ބުނާނީ މަންމާ!! ވަރަށް ބޮޑު ކަމަކާ ދިމާވީ.. އެނގެއެއްނު އަހަރެމެންގެ ކުންފުނީގަ މައްސައްކަތް ކުރި ކައިސަން.. މިގެއަށް ވެސް އަންނާނެ ވަރަށް ގިނައިން.. " ޝިވަން ރައިހާނާއަށް އިޒްވާގެ ވާހަކަ ފެށިގެން ނިމެންދެން ކިޔައިދިނެވެ.

" ހާދަ ހާލެއްގައި އޭ ދޯ އެއުޅެނީ އެފަކީރު.. " އިޒްވާއަށް ޙަމްދަރުދީ ވާ ހާލު ރައިހާނާ ބުންޏެވެ. ރައިހާނާއަށް އެހެން ކަމެއްވެސް ފާހަގަވިއެވެ. އިޒްވާގެ ވާހަކަތައް ދެއްކިއިރު ޝިވަންގެ މޫނުމަތިން ފެނުނު ތަފާތު ކަމެވެ. އެއީ ހަމައެކަނި ޙަމްދަރުދީއެއް ނޫންކަން ރައިހާނާއަށް އެނގުނެވެ.

" މަންމަ ވާހަކައެއް އަހާލަންތަ؟؟ ޝިވަން އިޒްވާއާ ގަޔާވޭ ދޯ..؟ " ފަސްޖެހުމެއް ނެތި ރައިހާނާ އަހައިލިއެވެ. ޝިވަން ތުންފަތްމަތިން ފުރަތަމަ ރަކި ހިނިތުންވުމެއް ފެނުނު ނަމަވެސް ފަހުން އެމޫނުމައްޗަށް ސީރިއަސްކަން ވެރިކުރުވައިފިއެވެ.

" ނޭނގެ ތިއެއް ބުނާކަށް މަންމާ!! އިޒްވާ އަކީ ވަރަށް ރަނގަޅު ކުއްޖެއް.. އަނތްބެއްގެ ގޮތުގައި ދެވަނައެއް ނުވާނެކަން ޔަގީން.. ފަހަކަށް އައިސް އިޒްވާއާ މެދު ވަރަށް ވިސްނޭ.. " ޝިވަން ވެސް ލަދު ކަނޑުވާލާފައި ރައިހާނާގެ ކުރިމަތީގައި އޭނާގެ ހިތް އޮތް ގޮތް ހާމަކުރިއެވެ. އެހިނދު ރައިހާނާގެ ތުންފަތްމަތިން ހިނިތުންވުމެއް ފާޅުވެލިއެވެ.

" މިހާރު ދަރިފުޅުވެސް ތިހިރީ މީހަކާ އިންނަ އުމުރަށް ގޮސްފައި.. ހަޔާތުގައި ފުރަތަމަ ފަހަރަށް އަންހެން ކުއްޖެއްގެ ވާހަކަ ދެއްކުމުން މަންމައަށް އެނގިއްޖެ އިޒްވާ ދަރިފުޅަށް ވަރަށް ޚާއްސަވެއްޖެ ކަން.. "

" ހީކުރީ މަންމައަށް އިޒްވާ ކަމުނުދާނެ ކަމަށް.. ހުވަފަތް އަންހެނަކަށް ވީމަ.. " ޝިވަން އިސްޖަހައިލަމުން ބުންޏެވެ.

" ތިހެން ބުނާއިރުވެސް ދަރިފުޅަށް އެނގޭނަ މަންމައަކީ އެކަހަލަ މީހެއް ނޫންކަން.. ދީނަށް ލޯބިކުރާ މީހެއް ފަހުން ތިކަހަލަ ވިސްނުމެއް ނުހުންނާނެ.. " ރައިހާނާ ބުންޏެވެ.

" އެކަމަކު މަންމާ އިޒްވާއެއީ ވަރަށް ތަފާތު ކުއްޖެއް.. އޭނަ ކައިރީ އެފަދަ ވާހަކައެއް ދައްކަން އަޅުގަނޑު ޖެހިލުންވޭ..." ކޯމަތީގައި ފިރުމާލަމުން ޝިވަން ބުންޏެވެ. ހަނދާންވީ އިޒްވާގެ ފަރާތުން އޭނާގެ ކޯތާފަތަށް އަރައިގެން ދިޔަ ހޫނު އެތިފަހަރެވެ.

" ދަރިފުޅަށް ނުކެރެންޏާ މަންމަ ގޮސްދާނަން އިޒްވާ ކައިރީ އެވާހަކަ ދައްކަން.. " ރައިހާނާ ހިޔާލެއް ދިނެވެ. ޝިވަން އިރުކޮޅަކުން ވިސްނަން އިނުމަށްފަހު ބޯޖަހައިލީ އެއީ ރަނގަޅު ވިސްނުމެއްކަމަށް ފެންނާތީއެވެ.

************

ދުވަހަކީ ހުކުރު ދުވަސް ކަމުން އިޒްވާ އުޅުނީ މަރިޔަމް ގޮވައިގެން ބޭރަށް ނިކުމެލާށެވެ. ކަޅުކުލައިގެ ބޮޑު އަބާޔާ ހެދުމާއެކު އަޅައިގެން ހުރި މުށި ކުލައިގެ ޝޯލްތެރެއިން އިޒްވާގެ ކުޑަ ކުޑަ ދޮން މޫނު ފެންނަލެއް ވަރަށް ހިތްގައިމެވެ. މޫނުގައި މޭކަޕެއް ނެތް ނަމަވެސް ރީތިކަން ފަނޑެއް ނުވެއެވެ.

މަރިޔަމް ގޮނޑިއަށް ލައިގެން ނިކުންނަން ދޮރުހުޅުވާލިއިރު ކުރިމަތީގައި ހުރީ ކުރިން ދުވަހަކުވެސް ދެކެފައި ނުވާ މީހެކެވެ. ކަޅުކުލައިގެ ހެދުމާއި ކަޅުކުލައިގެ ބޮޑު ބުރުގަލުގައިވާ އެއަންހެން މީހާގެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ.

"އިޒްވާ އެބައުޅޭތަ" އަންހެންމީހާ ސުވާލުކޮށްލީ އިޒްވާއަށް އިތުރު ހައިރާންކަމެއް ދެމުންނެވެ. ދުވަހަކުވެސް ދެކެފައި ނުވާ މި އަންހެންމީހާ އިޒްވާ ހޯދަނީ ކީއްވެހެއްޔެވެ.

"އަޅުގަނޑަކީ އިޒްވާ.. ތީ ކޮންބޭފުޅެއްތޯ؟.." އިޒްވާ ހައިރާންވެފައި ހުރެ ސުވާލުކޮށްލިއެވެ.

"މާޝާﷲ.. މާޝާﷲ " އިޒްވާގެ މޫނަށް ކަޅިޖަހާވެސް ނުލާ ބަލަމުން ދިޔަ އަންހެން މީހާއަށް ބުނެވުނީ މިވަރަށެވެ. އިޒްވާ ހައިރާންވެފައިވީ ނަމަވެސް މެހުމާންދާރީ އަދާ ކުރަން ހަނދާން ނައްތައެއް ނުލައެވެ. އެތެރެއަށް ވަންނަން ބުނުމުން ޖަޒާކިއްﷲ ޙައިރް އޭ ބުނެ އެއަންހެން މީހާވެސް އެތެރެއަށް ވަދެ އިށީނެވެ.

" އަޅުގަނޑަށް ކިޔަނީ ރައިހާނާ.. މީ ޝިވަންގެ މަންމަ " ރައިހާނާގެ ޖުމްލައިން އިޒްވާގެ ހައިރާން ކަން އިތުރު ވިއެވެ. ޝިވަންގެ މަންމަ އިޒްވާ ހޯދަން އަންނަންވީ ކީއްވެ ހެއްޔެވެ.

" ކައިސަން ނިޔާވި ހަބަރު ލިބުނީމަ ވަރަށް ދެރަވި.. ޝިވަން އާއި އެކު ވަރަށް ގިނައިން ގެއަށް އަންނާނެ.. އިޒްވާގެ ވާހަކަވެސް ދައްކާނެ.. ޖަނާޒާގަ ބައިވެރި ނުވެވުނީތީ ވަރަށް ދެރަވި.. އަންނަން ބޭނުންވި ނަމަވެސް ނާދެވުނީ ޝިވަންގެ ކޮއްކޮ އަރްހާންގެ ހިތުގެ އޮޕަރޭޝަނެއް ކުރާތީ" ރައިހާނާ ދެރަވެފައި އިނދެ ބުންޏެވެ. ޝިވަން އާއި ކައިސަން އެހާ ގާތްކޮށް އުޅުނުކަމެއް ކުރިއަކުން އިޒްވާއަކަށް އެނގިފައެއް ނެތެވެ. ކައިސަން ވެސް އިޒްވާ ކައިރީގައި އެކަހަލަ ވާހަކައެއް ދައްކާފައެއް ނުވެއެވެ. ނަމަވެސް އިޒްވާ އެކަމާ ހައިރާނެއް ނުވެއެވެ. އެހެނީ ކައިސަން ކުރިން ނުބުނާ އެތައް ވާހަކައެއް އިޒްވާއަށް ވަނީ އެނގި ހާމަވެފައެވެ.

"އަހަރެން މިއަދު މިއައީ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން " އިޒްވާ ހިނިތުންވެލުމުން ރައިހާނާ އޭނާގެ ވާހަކައާއިގެން ކުރިއަށް ދިޔައެވެ.

" އަހަރެންގެޝިވަން އަށް މިހާރު އަށާވިސް އަހަރުވެއްޖެ.. ކައިވެނީގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ބުނާނެ ކަމުދާ ކަހަލަ ކުއްޖަކު ނުފެންނަ ވާހަކަ އަހަރެން ޝިވަންގެ ކައިވެންޏެއް ކުރާނެ ދުވަހަކަށް އިންތިޒާރިކޮށްކޮށް ވަރުބަލިވި ފަހުން  ޝިވަން ފުރަތަމަ ފަހަރަށް އަހަރެން ކައިރީ ކައިވެނި ކުރާން ބޭނުންވާ ވާހަކަ ބުނެފި.. އެނަސީބުވެރިޔަކީ ކާކުތޯ އެހުމުން ދިން ޖަވާބު މިއަދު އަހަރެންގެ ކުރިމަތީގައި މިއިނީ" އިޒްވާ ދެއަތްތިލާގައި ހިފާ ބާރުކޮށްލަމުން ބުނި ޖުމްލައިން އިޒްވާ ދެލޯ ބޮޑުވިއެވެ.

" އެކަމަކު... އެކަމަކު އަޅުގަނޑަކީ ހުވަފަތް ވެފައި އިން މީހެއް.. ފިރިމީހާ ނިޔާވިތާ އަދި ކިރިޔާ ހަމަސް ވީ.. ޝިވަން އަށް އަޅުގަނޑަށް ވުރެ މާ ރަނގަޅު މީހުން ލިބޭނެ.. ކާކުތޯ ބޭނުންވަނީ ބާއޮޑިޔަކަށް އަރަން " މިހެން ބުނިއިރު އިޒްވާގެ އަޑުގައި ތުރުތުރެއްވިއެވެ.

" އަހަރެންގެ ޝިވަން އަކީ އެހާ ހިތްމޮޅު ކުއްޖެއް ނޫން.. ވަރަށް ހިތްތިރި އާދައިގެ ދިރިއުޅުމަކަށް ލޯބިކުރާ އިންސާނެއް އެއީ.. ދީނީ ކަންތައްތަކަށް ލޯބިކުރާ އަހަރެންގެ ޝިވަން އަކީ ކީރިތި ރަސޫލާ ﷺ ގެ ސުންނަތަށް ލޯބިކުރާ ކުއްޖެއް.. ހުވަފަތް މީހުންނާ އިނުމަކީ ކިހާ މާތް ކަމެއްކަން ކީރިތި ރަސޫލާ މުހައްމަދު ﷺ ސުންނަތުން ސާބިތުވޭ.. ޝިވަން އެހާ ހެޔޮކަމެއް ކުރަން އުޅޭއިރު އިޒްވާ ކީއްވެ އެކަމަށް މަނާ ކުރަންވީ.. މާތްﷲ އަށްޓަކާ ކުރަން ކިހާ ރަނގަޅުކަމެއް އެއީ.. މީހުންނާ އިނުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ އެކަކު އަނެކަކުގެ ދީން ފުރިހަމަކޮށްދިނުމެއް ނޫންތަ.. ޝިވަން އިޒްވާއަށް ދުވަހަކުވެސް ގޮތެއް ނުހަދާނެ.. " ރައިހާނާ ޔަގީންކަން ދޭ ފަދަ ގޮތަކަށް ބުންޏެވެ. އިޒްވާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ބަލައިލެވުނީ ކައިރީގައި އިން މަރިޔަމްއަށެވެ. އެހިނދު މަރިޔަމްގެ މޫނު ފެނިފައި އިޒްވާގެ މޭފިތުނުހެން ހީވިއެވެ. މަރިޔަމް ކަރު އެލުވާލައިގެން އިންއިރު އެމޫނުމަތި ވަނީ މޮޅިވެފައެވެ. އިޒްވާ އޭނާ ދޫކޮށް ދާން އުޅޭ ކަމަށް މަރިޔަމް ދެރަވީކަން އިޒްވާއަށް އެނގުނެވެ.

" އަހަރެން އިޒްވާއަށް މަޖުބޫރުކުރާކަށް ނެތިން.. އެނގޭ ކުއްލިއަކަށް ޖަވާބެއް ނުދެވޭނެ ކަންވެސް.. އިޒްވާގެ މާމަ އާ މެދުވެސް އިޒްވާ ކަންބޮޑުވާކަށް ނުޖެހޭނެ.. އިޒްވާ ދާ ތަނަކަށް މާމަވެސް ގެންދެވޭނެ.. އިޒްވާގެ މާމަ ބެލުމަކީ އަހަރެމެންނަށް އުނދަގޫކަމަކަށް ނުވާނެ އިންޝާﷲ.... މާދަމާ ރޭ އަހަރުމެން ގޭގަ އެބައޮތް އާއިލާ މީހުންނަށް ބާއްވާ ކުޑަކުޑަ ކެއުމެއް.. އިޒްވާގެ ޖަވާބަކީ އަހަރެން އަދި ޝިވަން ހިތްހަމަޖެހޭފަދަ ޖަވާބަކަށް ވެއްޖެނަމަ އަހަރެން މިދައުވަތު ގަބޫލުކޮށް ގެއަށް އަންނާނެ.. އަދި ނުކުރިނަމަވެސް އަހަރެންގެ ހިތް އަބަދުވެސް އިޒްވާއަށް ހެޔޮވާނެ.." ރައިހާނާ އިންތަނުން ތެދުވިއެވެ.

"ދެން ގޮސްލަނީ.. އިޒްވާ ހިތްހަމަނުޖެހޭ ވާހަކައެއް ދެއްކުނިއްޔާ އެކަމަށް ނިހާޔަތަށް މާފަށް އެދެން.. ފީ އަމާނިއްﷲ" އައްސަލާމް އަލައިކުމް.." މިހެން ބުނެ އިޒްވާ އާއި މަރިޔަމް އަށް ހީލުމަށްފަހު ރައިހާނާ އެގެއިން ނިކުންނަން ހިނގައިގަތެވެ. އިޒްވާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޝިވަން އޭނާއާ ކައިވެނިކުރަން ބޭޏުންވެދާނެ ކަމަށް ފަހަރެއްގައިވެސް ހީކުރެވިފައެއް ނެތެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 30 ނޮވެމްބަރު ވާ ބުދަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލަށްވާ ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް