"އެންމެން ޝިވަން ބޭނުންވާހާ ގޮތަކަށް ނޫޅޭނޭ.. " ރައިހާނާ ބުނެލިއެވެ. އެވަގުތު ތެޅެމުން ފޮޅެމުން އެމީހުންނަށް ގޮވަމުން އައި ރާޖާ އަންނަތަން ފެނުމުން ދެމީހުން އަވަސް އަވަހަށް އައިސް އެތެރެއަށް ވަނެވެ. ރާޖާ އަކީ އެގޭ ބަދިގެއާ ތަންތަން ފޮޅާ ސާފުކުރަން ހަވާލުވެ ހުންނަ ނޯކަރެވެ.
" މެޑަމް.. ސަރ.. އަރާހަން ކޮއްކޮ.. އަރްހާން ކޮއްކޮ ބާރަށް އަޑުގަދަ ކުރަނީ.. ކޮޓަރިން ބާރު އަޑު އިވެނީ.. " މައިނޭވާ އަޅަމުން ރާޖާ ބުންޏެވެ. ކަމުގެ ސީރިއަސްކަން އިހުސާސް ކުރެވި ރައިހާނާއާއި ޝިވަން ލިފްޓާ ދިމާލަށް ދުއްވައިގަތެވެ.
ރަނގަޅަށް ލިފްޓުން ނުނިކުމެވެނިސް އަރްހާންގެ ކޮޓަރިން ތަކެތި ފުނޑި ފުނޑި ކުރާ އަޑުއިވެން ފަށައިފިއެވެ. ދޭތެރެއަކުން އަރްހާންގެ ބާރު ހަޅޭކުގެ އަޑުވެސް އިވެމުން ދިޔައެވެ. ކަންބޮޑުވެ ހުރެ ރައިހާނާ ދުވެފައި ގޮސް އަރްހާން ކޮޓަރީގެ ދޮރުގައި ތަޅަމުން އަރްހާންއަށް ގޮވަން ފެށިއެވެ. ޝިވަންވެސް ދޮރުގައި ޖަހަމުން އަރްހާންއަށް ގޮވަން ފަށައިފިއެވެ. އަރްހާން ދޮރެއް ނުހުޅުވިއެވެ. އަޑުތައް ކެނޑުނީ ކުއްލިއަކަށެވެ. ނަމަވެސް އަރްހާންގެ ފުންނޭވާތަކުގެ އަޑު އިވިއިވި ހުއްޓެވެ.
" ކިހިނެއްބާއެވީ.. މަގޭ އަރްހާނަށް ކަމެއްވީތަ؟ " ހިތަށް ވެރިވި ބިރުވެރިކަމާއެކު މެޔާ ދިމާލުން ރައިހާނާ އަތް ޖައްސައިލިއެވެ.
" ތިހެން ހީނުކުރޭ މަންމާ!! ހަމަޖެހިބަލަ.. ރާޖާ ދޭބަލަ މިކޮޓަރީގެ ޑަބަލް ކީ އިންނާނެ އަހަރެން ކޮޓަރީ އަލަމާރި ވަތްގަނޑުގައި.. ގޮސް އަވަހަށް އެ ހިފައިގެން އާދޭ.. " ޝިވަންގެ ޖުމްލަ ނުނިމެނިސް ރާޖާ ލިފްޓާ ދިމާލަށް ދުއްވައިގަތެވެ. މާގިނައިރެއް ނުވެ މައިނޭވާ އަޅަމުން ރާޖާ އައިސް ތަޅުދަނޑި ޝިވަން އަތަށް ދިއްކޮށްލައިފިއެވެ. ފާރުގައި ހިފަހައްޓާލައިގެން ފުންނޭވާތަކެއް ލަމުން ދިޔަ ގޮތުން ރާޖާ އެއައީ ދުވެފައިކަން އެނގުނެވެ. ޝިވަން ތަޅުދަނޑިން ދޮރު ހުޅުވާލުމާއެކު އެންމެ ފުރަތަމަވެސް އެތެރެއަށް ދެމިގަތީ ރައިހާނާއެވެ. ފެނުނު މަންޒަރުން އަނގަމަތީގައި އަތް އަޅައިލެވުނެވެ. އަރްހާންގެ ކޮޓަރީގައި ފައި ޖައްސާލާނެ ތަންކޮޅެއްވެސް ނެތެވެ. ކޮޓަރީގައި ހުރި ސާމާނެއް ފަހުން ހުރީ ތަޅުންގަނޑު މައްޗަށް އުކާލެވިފައެވެ. އަލަމާރީގެ ލޯގަނޑު ފުނޑިފުނޑިވެފައިވާއިރު ޓީވީ އާއި ޑްރެސިންގް ޓޭބަލްވަނީ ތިރިއަށް ވައްޓާލެވިފައެވެ. އެތަކެތި ތަޅައިގެން ގޮސް މުޅި ކޮޓަރީގެ އެކި ދިމާލުން ބިއްލޫރިތައް ފެންނަން ހުއްޓެވެ. ރައިހާނާއަށް ސިހުމެއް ލިބުނީ ޓައިލްސްތައް މަތީގައި އަލަމާރީގައި ލެގިލައިގެން އިން އަރްހާން ފެނުމުންނެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލައިގެން އިންއިރު ބިއްލޫރި އެތިކޮޅުތައް އޭނާގެ ފަޔަށް ހެރިފައި ހުއްޓެވެ. އަތާއި މޫނުންވެސް ބައެއް ތަންތަންކޮޅު ކަނޑައިގެން ގޮސް ލޭ އަންނަތަން ފެނުމުން މަގޭ ދަރިފުޅާއޭ ކިޔާ ރައިހާނާއަށް ރޮއެ ގަނެވުނެވެ. ވަރުބަލިވެފައި އިންވަރުން މައިނޭވާ އަޅަމުން ދިޔަ އަރްހާން އެހިނދު ރައިހާނާއަށް ބަލައިލިއެވެ. ދެލޮލުން ހޯސްލާފައި ކަރުނަ އަންނަމުން ދިޔައިރު އަރްހާންގެ ދެލޯ ވަނީ ރަތްވެފައެވެ. ޝިވަން ކޮޓަރީގައި ހުރި ފިހިގަނޑު ހޯދައިލިއެވެ. ބޫޓަށް އަރައިގެން ހުރުމުން މަޑުމަޑުން ބިއްލޫރި ތަކުގެ ތެރޭ ހިނގާލާފައި ގޮސް އޭނާ ފިހިގަނޑު ނެގިއެވެ. އާރަވް އިން ހިސާބުން ހުރިހާ ބިއްލޫރިތައް އެއްފަރާތަށް ކަހާލުމަށްފަހު ރާޖާ ކައިރީގައި ކޮޓަރި ސާފުކުރުމަށް ބުންޏެވެ. ދުވެލާފައި ގޮސް އަރްހާން ކައިރީގައި ކަކޫޖައްސައިގެން ރައިހާނާ އިށީނެވެ. އަރްހާންގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލިއެވެ. އޯގާތެރިކަމާއެކު ދެލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލައި ދިނެވެ. ހޭވިފައި ހުރި އިސްތަށިތައް ރީތިކޮށްލަދިނެވެ.
" ކީއްތިކުރީ ދަރިފުޅު... " ރޮވިފައި އިނދެ ރައިހާނާ އެހިއެވެ. މައިވަންތަ ކުލުނުގެ އިހުސާސް ވުމާއެކު އަރްހާން ރައިހާނާ ގައިގާ ބައްދާލައިފިއެއެވެ.
" އަހަރެންނަށް ކޮންމެވެސް ކަމެއް އެބަވޭ މަންމާ..!! ކޮންމެވެސް ކަމެއް އެބަވޭ... " އަރްހާން ކިޔަމުން ދިޔައެވެ. ގޮތް ހުސްވެފައިވާ މީހަކު ފަދައިން ރައިހާނާ ބަލައިލީ ކައިރީގައި ކޮޅަށް ހުރި ޝިވަން އަށެވެ. ޝިވަން ވަގުތުން އަރްހާންގެ ޑޮކްޓަރަށް ގުޅިއެވެ. މައިރާއަށްވެސް ގުޅުމަށްފަހު ވީހާވެސް އަވަހަށް ގެއަށް އައުމަށް ބުންޏެވެ. ޝިވަންއާއި ރައިހާނާއާ ދެމީހުން ވެގެން އަރްހާން ގެންދިޔައީ ޝިވަންގެ ކޮޓަރިއަށެވެ. މާގިނައިރު ތަކެއްނުވެ ޑޮކްޓަރުވެސް އައިސްފިއެވެ. މައިރާއަށްވެސް ވަދެވުނީ ޑޮކްޓަރާ އެކީގައެވެ. އަރްހާން ބެލުމަށްފަހު އެއްވެސް ގޯހެއް ނެތް ކަމުގައި ޑޮކްޓަރު ބުންޏެވެ. އޭރު އަރްހާން ގައިން ޒަޚަމްވެފައި ހުރި ތަންތަނުގައި ބޭސް އަޅަން މައިރާ އުޅުނެވެ.
" ހުރިހާ ކަމެއްވެސް ރަނގަޅަށް ދައްކަނީ... އަރްހާން ބުނެބަލަ ކޮންކަހަލަ އުނދަގުލެއް ވަނީ.. މޭގައި ރިއްސާތަ؟ " ޑޮކްޓަރ ވިޔާމް އެހިއެވެ.
" އެއްވެސް ތަނަކަށް ތަދެއް ނުވޭ.. " ސީލިންގަށް ބަލަހައްޓައިގެން އޮވެ އަރްހާން ބުންޏެވެ. ވިޔާމްއާއި ޝިވަން އެކަކު އަނެކަކަށް ބަލައިލީ ހައިރާންވެފައެވެ.
" ދަރިފުޅު ބުނީމެއްނު ކޮންމެވެސް ކަހަލަ އުނދަގޫތަކެއް ވަނީއޭ.. " އަރްހާން ކައިރީގައި އިށީނދެ ބޮލުގައި ފިރުމާލަމުން ރައިހާނާ އެހިއެވެ. އަރްހާން ވަކި އެއްޗެއް ނުބުނެ އޮވެ ދެލޯ މަރައިލިއެވެ.
" އައްދޯއތް" ކުއްލިއަކަށް އަރްހާން ބުނެލައިފިއެވެ. ސިހިފައި އެންމެންގެ ނަޒަރު އަރްހާންއަށް ހުއްޓުނެވެ. އަރްހާންގެ ދެލޯ އަމާޒުވެފައި ހުރީ އޭނާގެ އަތުގައި ބޭސް އަޅަމުން ދިޔަ މައިރާ އަށެވެ.
" ތަދުވެއްޖެ!! ކުރަން ނޭނގުނަސް ކުރާތި.. " އަރްހާން މައިރާގެ އަތުން އަތް ދަމައިގަތެވެ.
" ކަލޭތީ ކިހާ ގޮތެއް ފޮތެއް ނެތް އަންހެނެއްކަން ލައިގެން ތިހިރަ ހެދުމުންވެސް އެނގޭ!! ކާކު ބަލާނެ ކަމަށް ތިހާ ކަރުބޮޑު ގަޔަށް ހިފާފަ ހުންނަ ހެދުން ލައިގެން ތިއަންނަނީ.. ދޮންބޭ!! މިއަންހެނާ ކައިރީ ބުނޭ މީގެ ފަހުން އަހަރެންނަށް ކެއަރ ކުރާށޭ ކިޔާފައި މިގެއަށް އައިސްގެން ނުވާނޭ.. އޭނަ އަތުން އެއްވެސް ކަހަލަ ފަރުވާއެއް ހޯދާކަށް އަހަރެން ބޭނުމެއްނޫން.. " ރުންކުރު ގޮތަކަށް އަރްހާން ބުންޏެވެ. ރައިހާނާއާއި ޝިވަން ހައިރާންވި ވަރުން ކިޔާނެ ބަހެއް ނޭނގުނެވެ. އިސްޖަހާލައިގެން ހުރެ ދަބަސް ހިފައިގެން މައިރާ އެކޮޓަރިން ނިކުތެވެ.
*************
" ބޮޑަށް ލަފާ ކުރެވެނީ ނަފްސާނީ ކަމެއްކަމަށް... އެހާ ވަރަށް ރުޅި އައިސް ތަކެއްޗަށް ގެއްލުންދޭނީ އެހެންވެ.. ރަނގަޅު ނަފްސާނީ ޑޮކްޓަރަކަށް ދައްކާ ކައުންސެލިން ދިނީމަ ރަނގަޅުވެދާނެ ކަންނޭނގެ.. " ވިޔާމްއާއި ޝިވަން ވާޙަކަ ދައްކަން ތިބީ ސްޓަޑީ ރޫމްގައެވެ.
" ހަމަ ހުރެލާފަ ނަފްސާނީ ވޭތަ؟ ސާރޖަރީ ހެދިފަހުން އެހާ ބޮޑު ބަދަލުތަކެއް އަންނަން ފެށީ.. ބޭހުގެ ސައިޑް އެފެކްޓަކަށް ވެދާނެތަ؟ " ޝިވަން އެހިއެވެ.
" ހިޔެއްނުވޭ!! އެކަމަކުވެސް ސީނިއަރ ޑޮކްޓަރުންނާ ވާހަކަ ދައްކާ އަހަރެން ޗެކް ކޮށްލާނަން.. ފޯރ ދަ ޓައިމް ބީންގް އަރްހާން ވީހާވެސް ހިތްހަމަޖައްސައިގެން ގެންގުޅެވޭތޯ ބަލާ.. އޭނަ ނުރުހޭ ކަހަލަ އެއްވެސް ކަމެއް ނުކޮށްވޭތޯ ބަލަންވާނެ.. އަރްހާން ބުނިހެން އެނަރުސް ކުއްޖާ ނުގެނައިއްޔާ ކަންނޭނގެ ރަނގަޅުވާނީ.. " ވިޔާމް ހިޔާލެއް ދިނެވެ. ޝިވަން ބޯޖަހައިލިއެވެ.
*********************
އާދައިގެ މަތިން މިރޭވެސް މަރިޔަމްއަށް ކާންދީ ބޭސްދިނުމަށްފަހު އިޒްވާ ކޮޓަރިއަށް ނިދަން ދިޔައީ ބޮޑު ދޮރާ ބަދިގެ ދޮރު ތަޅުލާފައެވެ. ކޮޓަރިއަށް ވަދެފައިވެސް ޖެހިލުންވާވަރުން އައިސް ތިން ހަތަރު ފަހަރު ޗެކް ކުރެވުނެވެ. އައިދަން ދެވަނަ ފަހަރަށް ވަދެދާނެ ކަމަށް ނަދީމާގެ އެހީގައި ގޭގެ ތަޅުވެސް އެހުރީ ބަދަލުކޮށްފައެވެ. ކޮޓަރީގެ ބޮކި ނިއްވަން ނުކެރި އިޒްވާ އޮތީ ދިއްލައިގެންނެވެ. ބާލީހުގައި ބައްދައިގެން އެއްއަރިއަކަށް އޮތް އިޒްވާ ބަލަހައްޓައިގެން އޮތީ އޭނާގެ ފޯނު ސްކްރީނުން ފެންނަމުން ދިޔަ ކައިސަންގެ ފޮޓޮއަކަށެވެ. ބެލިބެލިހެން އޭނާގެ ދެލޯ ފުސްވަމުން ދިޔައީ ލޮލަށް ޖަމާވި ކަރުނުންނެވެ. އައިދަންގެ ފޯނުން ފެނިގެން ދިޔަ ވީޑިއޯ މިހާރުވެސް އޭނާއަށް ސިފަވާ ކަހަލައެވެ. އެވީޑިއޯއިން ފެންނަން ހުރީ އޭނާގެ ކައިސަން ކަމާމެދު ޝައްކެތް ނުކުރެވެއެވެ. އެހެނަސް އެއީ ފަހު ޓެކްނޮލޮޖީ ބޭނުންކޮށްގެން އައިދަން ހަދާފައި އިން ވީޑިއޯ އަކަށް ވެދާނެބާއޭ ހިތަށް އެރިއެވެ. ފޯނު ބޭއްވުމަށްފަހު ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލިއެވެ. ހަށީގަނޑު ސީދާ ކޮށްލުމަށްފަހު ގައިމަތީގައި އަޅާފައި އޮތް ރަޖާގަނޑު ރީތިކޮށްލިއެވެ. ނިދުމުގެ ކުރިން ކިޔާ ޒިކުރުތައް ކިޔަން ފެށުމާއެކު އިސާހިތަކު ލޮލަށް ނިދި ސަވާރުވާން ފަށައިފިއެވެ. ފިނި ނިންޖެއްގެ ތެރެއަށް ގެނބެމުން ދިޔަ އިޒްވާއަށް ކުއްލި ސިހުމެއް ލިބުނީ ގޭތެރެއިން އެއްޗެއް ވެއްޓުނު އަޑުއިވިފައެވެ. ދެވަނަ ހިނދުގައި އޭނާ އިނީ އެނދުމަތީގައި އިށީނދެގެންނެވެ. ހިތަށް ބިރުވެރިކަމެއް އިހުސާސްވީ އަނެއްކާވެސް އައިދަން ވަނީބާއޭ ހިތަށް އަރާފައެވެ. އެނދުމަތިން ތެދުވެގެން ދުވެފައި ގޮސް އިޒްވާ ކޮޓަރީ ދޮރުގައި ތަޅުލެވުނުތޯ ޔަގީން ކުރިއެވެ. ފިޔަވަޅުގެ އަޑު އިވެން ފެށުމާއެކު އިޒްވާ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ކީއްވެކަމެއް ނޭނގުނެވެ. އެވަގުތު ހިތަށް އައިސް ވަނީ ޝިވަންގެ ނަމެވެ. ދުވެފައިގޮސް އެނދުމަތީގައި އޮތް ފޯނު ނެގިއެވެ. ކަބަޑު މަތީގައި ބޭއްވި ޝިވަންގެ ކާޑު ނަގައި އޭގައި އިން ނަމްބަރަށް ގުޅިއެވެ. ދެފަހަރަކު ރިންގުވެލުމާއެކު ފޯނު ނަގައިފިއެވެ.
" ޝި.. ޝިވ... ޝިވަން.. މީ..މީ އިޒްވާ.. ކައިސަންގެ އަން.. އަންހެނުން.. އައިދަން މިރޭވެސް އައިއްސި.. އޭނަ މިގޭތެރޭ އެބައުޅޭ.. ޕްލީޒް ޕްލީޒް އަހަރެން ސަލާމަތް ކޮށްދީ.. ޕްލީޒް... " ބިރުގަނެފައި ހުރުމުގެ ސަބަބުން އިޒްވާއަށް ވާހަކަ ދެއްކުނީ ވަރަށް އުނދަގުލުންނެވެ.
" އިޒްވާ! އިޒްވާ ހަމަޖެހޭ... އަހަރެން މިހާރު މިވަގުތު މިދަނީ... ފޯނު ކަނޑާނުލާތި... އަހަރެންނަށް ދެވެންދެން ވާޙަކަ ދައްކަމުންދޭ... " ޝިވަން ބުނި އަޑުއިވުނެވެ.
" އަހަރެން.. ވަރަށް ބިރު އެބަގެނޭ.. މާމަ.. މާމަވެސް.. މާވެސް އޮތީ އެކަނިން.. " އިޒްވާއަށް ރޮވުނެވެ.
" އިޒްވާ ރިލޭކްސް.. އަހަރެން ދެން މާގިނައިރެއް ނުވާނެ.. ފުންކޮށް ނޭވާލާން މަސައްކަތް ކޮށްބަލަ.. "ޝިވަން ބުންޏެވެ. ނަމަވެސް އިޒްވާއަށް އެކަމެއް ނުއްވެވެ. ވީހާވެސް އަވަހަކަށް ޝިވަން އައުމަށް އެދެން ފެށިއެވެ. ކޮޓަރީގައި ދެކޮޅު ދެކޮޅަށް ހިނގަމުން ދިޔަ އިޒްވާއަށް ރޮވެމުން ދިޔައެވެ. ބިރުން ގޮސް އޭނާގެ މުޅި ހަށިގަނޑުގައި ތުރުތުރެއް އުފެދިފައި ހުއްޓެވެ.
" އިޒްވާ!! އަހަރެން މިދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާބަލަ!! ދުލުން ހެޔޮ އެއްޗެއް ކިޔޭތޯ ބަލާ.. މަދަދަށް އެދި ދަންނަވަން ވާނީ ހެއްދެވި ފަރާތަށް.. އެފަރާތުން އެއްވެސް މުއުމިނު އަޅަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވަވާނެ.. އެކަލާންގެއަށް ވަކީލުކޮށްލާ.. އޭރުން ތިހިތަށް ހަމަޖެހުން ލިބޭނީ.. އަހަރެން މިހާރު ތިގެއާ ވަރަށް ކައިރިވެއްޖެ.. ޕްލީޒް ހިތްވަރު ކުރޭ... ކެތްތެރިވޭ! ކެތްތެރިންނާއެކު ﷲ ވޮޑިގެންވޭ.. އައި ޕްރޮމިސް މިރޭ މީ އައިދަންއަށް ތިގެއަށް ވަދެވޭނެ އެންމެ ފަހު ރޭ.. އުމުރުގެ ބާކީބައި އޭނަ ޖަލުގައި ބޭއްވުމަށް އަހަރެންނަށް ކުރެވުނުހާ މަސައްކަތެއް ކުރާނަން.. ދެން ހަމަ އެންމެ ދެތިން މިނިޓް ވާނީ.. ވަރަށް ކައިރީގައި މިއޮތީ.. " ޝިވަން ބުނި އަޑުއިވުނެވެ. އިޒްވާއަށް އެއްޗެއް ނުބުނެވިގެން އުޅޭނިކޮށް ދޮރުފަތުގައި ބާރަށް ޓަކިޖަހަން ފަށައިފިއެވެ. އެވަގުތު ސިހުނުވަރުން އިޒްވާއަތުން ދޫވެގެން ފޯނު ބިންމައްޗަށް ވެއްޓުނެވެ.
ނުނިމޭ.. ވާހަކައިގެ އާބައެއް، އިންޝާﷲ، ހަތެއް، ނޮވެމްބަރު ވާ ހޯމަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް