ވާހަކަ: މިހިތުގެ ލޯތްބޭ ތީ – ހަތަރުވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "ދެން ހެޔޮ!! ހުއްޓާލާ އައިދަން.. ހުއްޓާލާ!! " ކެތްތެރިކަން ކޮޅުންލާ އިޒްވާއަށް ބުނެވުނެވެ. ދުވަމުން ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. އިޒްވާގެ ކޮޓަރިއާ ދިމާލަށް ބަލަ...

31 Oct 2022 | 11:20

ކުރީގެ އަދަދާއި ގުޅޭ...

"ދެން ހެޔޮ!! ހުއްޓާލާ އައިދަން.. ހުއްޓާލާ!! " ކެތްތެރިކަން ކޮޅުންލާ އިޒްވާއަށް ބުނެވުނެވެ. ދުވަމުން ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ. އިޒްވާގެ ކޮޓަރިއާ ދިމާލަށް ބަލަން ހުރުމަށްފަހު އައިދަން އޭނާގެ އަތުގައި އޮތް ފޯނު ޖީބަށްލިއެވެ. ފުންނޭވައެއް ދޫކޮށްލުމަށްފަހު ހިނގައިގަތީ މަރިޔަމްގެ ކޮޓަރިއާ ދިމާލަށެވެ.

ކޮޓަރިއަށް ވަދެވުނީ ކިރިޔާއެވެ. އިޒްވާގެ ބަޑި ފަޅައިގެން ގޮސް ރޮއެ ގަނެވިއްޖެއެވެ. އައިދަންގެ ފޯނުން އިރުކޮޅެއްކުރިން ފެނިގެން އެދިޔަ މަންޒަރުތަކުން އޭނާގެ ހިތްކަތިލެވިއްޖެއެވެ. ކައިސަން އެފަދަ ކަމެއް ކޮށްފާނެ ކަމަށް ޤަބޫލުކުރަން ދަތިވިޔަސް ފެނިގެން އެދިޔަ މަންޒަރު ދޮގުކުރާނީ ކިހިނެއް ހެއްޔެވެ؟ ކައިސަންގެ ސިފަ އިޒްވާއަށް އޮޅުމަކުންވެސް ނޯޅޭނެއެވެ. ބާރަށް ރޮމުން އިޒްވާ ހުރި ދިމާލުން ތިރިވިއެވެ. ވީޑިއޯއިން ފެނުނު މަންޒަރުން އޭނާގެ ލޯމަތީގައި ފިލްމެއްގައި ސިފައިގާ ޕްލޭވާ ކަހަލައެވެ. އެއަންހެންކުއްޖާއާ ކައިސަން ގައިގޯޅިވާ މަންޒަރު ފެނި އިޒްވާގެ ހިތް ކުދިކުދިވެ އޭގެ އެތިކޮޅުތައް އެކި ދިމާލަށް ބުރައިގެން ގޮއްސިއެވެ. މޭގައި އަތް އަޅާ ބާރުކޮށްލީ މެޔަށް ތޫނުތަދެއް އިހުސާސް ކުރެވުމުންނެވެ.

" ކައި... ކީއްވެ؟ ކީއްވެ އޮޅުވާލީ.. ކައި ދުނިޔޭގައި ނެތް އިރު ޝަކުވާ ކުރާކަށްވެސް ބޭނުމެއްނޫން.. އެކަމަކު މިހިތަށް ކެތްކުރަން ދަތިވަނީ.. ކައި ކީއްވެތަ ލޯބިނުވާއިރު އަހަރެންނާ ކައިވެނި ކުރީ.. އެންމެ ފަހަރަކުވެސް އަހަރެން ކައިރީ ބުނެލިނަމަ.. އޭރުން އެއްވެސް ޝަކުވާއެއް ނެތި އަހަރެން ދުރަށް ދިޔައިމުސް.. ކައިގެ އުފަލަށްޓަކައި އަހަރެން ކޮށްފަ ނުކުރާނެކަމެއް ނޯންނާނެކަން އެނގެއެއްނު.. ކައި ބުނެބަލަ މިޝަކުވާތައް ހިތުގައި ބާއްވައިގެން އަހަރެންގެ ދިރިއުޅުން ކުރިއަށް ގެންދާނެ ގޮތެއް.. " އިޒްވާ މަޑުމަޑުން ކިޔަމުން ދިޔައެވެ. ރޮވޭ ވަރުން އޭނާގެ އަޑުވެސް ނިކުންނަނީ ކިރިޔާއެވެ. އިޒްވާ އަށް ކުއްލި ސިހުމެއް ގެނުވީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވިފައެވެ. ސިހިފައި އެނބުރި ބަލައިލިއިރު އައިދަން ވަދެގެން އަންނަނީއެވެ. އަވަސް ހަރަކާތަކާއެކު އެކު އިންތަނުން ތެދުވެ ދެލޯ ކައިރި ފޮހެމުން މީހާ ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރިއެވެ. ދެވަނަ ސިހުމެއް އިޒްވާއަށް ލިބުނީ ފަހަތުން އައިދަން އައިސް އޭނާގެ ކޮނޑުގައި އަތް އަޅައިލުމުންނެވެ. ސިހިފައި އިޒްވާ ދުރަށް ޖެހިލިއެވެ.

" ޓަކި ޖަހާފައި ވަންނާކަށް ނޭނގޭތަ؟ ދެވަނަ ފަހަރަށް ތިގޮތަށް އަހަރެން ގައިގަ ނާތްލައްޗެ..! " ބޭނުންނުވިޔަސް އިޒްވާއަށް ވާހަކަ ދެއްކުނީ ރުންކުރުކޮށެވެ.

" ސޮރީ..! އިޒީގެ ހާލަތު ހުންނާނެ ގޮތް އެނގޭތީ ހާލު ބަލައިލަން ނައިސް ކެތްނުވީ.. " އައިދަން ބުންޏެވެ.

" އައިދަން ޕްލީޒް އިހަށް މިތަނުން ދޭ.. އަހަރެން ބޭނުމީ އެކަނިވެލަން.. " އިޒްވާ ބުންޏެވެ.

އައިދަންއަށް އެއަޑު ނީވޭ ކަހަލައެވެ. އަނެއްކާވެސް އައިސް އިޒްވާގެ އަތުގެ މުލައްދަނޑީގައި ހިފައިފިއެވެ. އިޒްވާ އައިދަން އަށް ބަލައިލީ ރުޅިވެރި ބެލުމަކުންނެވެ. އެއަތް ފޮޅުވާލަމުން އައިދަންއާ ދުރަށް ޖެހިލިއެވެ.

" އެއްފަހަރު ބުނީމަ އަޑު ނީވެނީތަ؟ ބުނެފީމެއްނު އަހަރެން ގައިގަ އަތްނުލާށޭ.. " އިޒްވާ ހިތްހަމަނުޖެހިފައި ބުންޏެވެ.

" އިޒީ ޕްލީޒް..!! އަހަރެންނާ ތިގޮތަށް ވާހަކަ ނުދައްކަފާނަންތަ؟ " އައިދަންގެ އަޑުގައި މޮޅިވެރިކަމެއްވިއެވެ. " އަހަރެން ވަރަށް ދެރަވޭ "

އިޒްވާއަށް އައިދަންގެ ފަރާތުން ތަފާތު ކަމެއް ފާހަގަވާން ފެށީ ދެނެވެ. ހަޤީޤަތުގައިވެސް އައިދަންގެ މޫނުމަތިން މޮޅިވެރިކަން ފެންނަން ހުއްޓެވެ. އައިދަންގެ ބެލުމުގައި ހުރީ ރަހުމަތްތެރިއަށް ބަލާފަދަ ގޮތެއް ނޫނެވެ. ކުއްލިއަކަށް އިޒްވާ ހަނދާންވާން ފެށީ ރޭގައި ހިނގައިދިޔަ ކަންތަކެކެވެ. އޭނާއަށް ޝައްކު ކުރެވުނު ގޮތަށް އެކަމުގެ ފަހަތުގައިވާ މީހަކީ އައިދަން ހެއްޔެވެ؟

" އައިދަނ.......... " އިޒްވާ ބުނަން އުޅުނެވެ. ނަމަވެސް ކުއްލި ހަރަކާތަކާއެކު އައިދަން އިޒްވާ ގާތަށް ޖެހިލާ އޭނާގެ ތުންފަތުގައި އިނގިލި ހުރަސްކޮށްލިއެވެ. އެހިނދު ލިބުނު ސިހުމާއެކު އިޒްވާގެ މުޅި ހަށިގަނޑަށް ފިނިވެގެން ދިޔައެވެ.

' ޝްޝްޝް.. އިޒީ.. އެބައިވޭތަ އަހަރެންގެ މިހިތުގެ ތެޅުމުގެ އަޑު.. " އައިދަންގެ އަޑުގައި މަސްތުކަމެއް އެކުލެވިގެންވިއެވެ. " އެއީ އިޒީއަށްޓަކައި ތެޅޭ ތެޅުމެއް.. "

" އައިދަން... ކިހިނެއްވެގެންތަ ތިއުޅެނީ.. ؟ " އިޒްވާ ހަޅޭއްލަވައިގަންނަމުން އައިދަންގެ މޭގައި އަތް އަޅާ ދުރަށް ކޮއްޕާލިއެވެ.

" އަހަރެންނަށް ކުރެވުނުހާވެސް ކަމަކީ އިޒީދެކެ އިންތިހާއަށް ލޯބިވެވުން.. ކައިސަންއަށްވުރެ ކުރިން އިޒީދެކެ ލޯބިވެވުނީ އަހަރެންނަށް.. ނަމަވެސް އިޒީ ކާމިޔާބު ކުރީ ކައިސަން.. އަހަރެން އެއްވެސް ޝަކުވާއެއް ނުކުރަން.. އިޒީގެ އުފަލަކީ އަހަރެންނަށްވެސް ލިބޭ އުފަލަކަށްވާތީ.. އިޒީ މަތިން ހަނދާން ނައްތާލެވޭތޯ އަހަރެންނަށް ކުރެވުނުހާ މަސައްކަތެއް ކުރިން. ކައިސަން އިޒީއަށް ޗީޓް ކުރާކަން އެނގުނު ހިސާބުން އަނެއްކާވެސް މިހިތް އިޒީ ހާސިލު ކުރުމަށް ގޮވަން ފެށި.. ކައިސަންގެ ބޭވަފާތެރިކަމުގެ ވާހަކަ އިޒީއަށް ކިޔައިދޭން އެތައް ފަހަރަކު ހިތަށް އެރި.. އެކަމަކު އިޒީގެ އުފާވެރިކަން ފެނި ކޮންމެ ފަހަރަކުވެސް ފަސްޖެހެވެނީ.. އެކަމަކު މިހާރު އަހަރެމެންގެ މެދުގައި އެއްވެސް ހުރަހެއް ނެތެއްނު. އިޒީގެ އިއްދައިގެ ދުވަސްވެސް ހަމަވެއްޖެ.. އަހަރެން އިޒީގެ ފަރާތުން އެދެނީ އެންމެ ފުރުސަތަކަށް.. އިޒީ ވަރަށް އުފަލުގައި ގެންގެޅޭނެ ކަމުގެ ޔަގީންކަން ދެން.. " އައިދަންގެ ވާހަކަތަކާއެކު ފަހަރަކަށްވުރެ ފަހަރަށް އިޒްވާއާ ކައިރިއަށް ޖެހެމުން ދިޔައެވެ.

" ޗި އައިދަން!!! ކައި މަރުނުވެގެން ލަސްވެފައި ދޯ ހުރީ.. ލަދެއްވެސް ނުގަނޭތަ އެންމެ ގާތް އެކުވެރިޔާގެ ހުވަފަތް އަންހެނުންނާ ތިގޮތަށް ވާހަކަ ދައްކަން.. މިހާރު އަހަރެންނަށް ޔަގީންވެއްޖެ ރޭގައި އަހަރެންގެ އިއްފަތްތެރިކަން ނަގާލަން އުޅުނު މީހަކީވެސް އައިދަންކަން.." އިޒްވާ ދެތިން ފިޔަވަޅު ފަހަތަށް ޖެހިލިއެވެ.

" އިޒީ އިޒީ!! އެއީ އަހަރެން ފަހަރެއްގައިވެސް ބޭނުންވެގެން ކުރި ކަމެއް ނޫން.. އަހަރެން އައީ އިޒީ ދެކޭ ހިތުން ނުހުރެވިގެން.. އިޒީ ނިދާލާފަތް އޮތް ލޯބިކަމުން އަހަރެންގެ އިހުސާސްތައް ހަމައިން ނެއްޓުނީ.. ގޯހެއް ހެދި ދާނެތީ ކޮޓަރިން ނިކުމެފައިވެސް ކެތްނުވީ.. އިޒީ ގަދަ ނުހެދިނަމަ އަހަރެން އުޅުނީހީ ވަރަށް ލޯބިން.. " އައިދަން ދައްކަމުން ދިޔަ ވާޙަކަތަކުން އިޒްވާ މޭނުބައިކުރަން ފެށިއެވެ. ކައިސަންގެ އެންމެ ގާތް އެކުވެރިޔާ އެހާ ވިހަގަދަ ހަރުފައަކަށް ވެދާނެކަމަކަށް އޭނާއަށް ހީކުރެވިފައެއް ނެތެވެ. އައިދަން ކުއްލި ހަރަކާތަކާއެކު އައިސް އިޒްވާގެ ދެއަތުގެ ފަލަމަސްގަނޑުގައި ހިފާ ބާރުކޮށްލީ އިޒްވާ އެކަމަށް ނުވެސް ވިސްނާ ހުއްޓައެވެ.

" އައިދަން.. ދޫކުރޭ!! ދޫކުރޭ އަހަރެން ގައިން.. އަހަރެން އައިދަންއާ މެދު ދުވަހަކުވެސް އެފަދަ ނަޒަރަކުން ނުދެކެން.. ނުވެސް ދެކޭނަން.. މިއަދު އަހަރެންގެ ފައިދާ ނެގިދާނެ.. އަހަރެންނަކީ ނިކަމެތި އެއްވެސް އާރެއް ބާރެއް ނެތް މީހަކަށް ވީމަ.. އެކަމަކު އަހަރެންގެ ލޯބި ދުވަހަކުވެސް އައިދަންއަކަށް ހާސިލެއް ނުވާނެ.. " އައިދަން އަތުން ސަލާމަތްވާން މަސައްކަތް ކުރަމުން އިޒްވާ ބުންޏެވެ. ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ އަޑުގައި ތުރުތުރުއަޅަމުން ދިޔުމުން އެނގެނީ އޭނާ ބިރުގަނެފައި ހުރި މިންވަރެވެ.

" ކައިސަން އިޒީ ދެކެ ލޯތްބެއްނުވޭ.. އިޒީ ދެކެ ލޯބިވަނީ އަހަރެން.. އިޒީ އާދޭސްކޮށްފައި ބުނަން އަހަރެންނަށް އެންމެ ފުރުސަތެއް ދީ.. އަހަރެން މިހިރީ ހޭބަލިވެފައޭ ބުންޏަސް ހެޔޮ.. އިޒީ...! ރީތިކޮށް ހުރެބަލަ.. އަހަރެންނަށް ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ދީބަލަ.. " ކުރިއަށްވުރެވެސް ބޮޑަށް އައިދަން ކައިރިވާން ފެށިއެވެ. އައިދަންގެ އަތުން ސަލާމަތްވުމަށް އިޒްވާ ތެޅެން ފެށިއެވެ. ނަމަވެސް އައިދަން ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. އިޒްވާގެ ދެއަތުން ދޫކޮށްލާ މުޅި ހަށިގަނޑު އޭނަގެ އަތުތެރޭގައި ފިއްތައިލިއެވެ. އައިދަންގެ ހޫނު ނޭވާ އިހުސާސްވާން ފެށުމާއެކު ގޮތް ހުސްވެ އިޒްވާ ބާރަށް ރޯން ފެށިއެވެ. ސަލަމާތަށް އެދި ގޮވަން ފެށިއެވެ. އައިދަންގެ ފަރުވާލެއް ނެތް ކަހަލައެވެ. އޭނާ މަސްގަނޑަށް ދަހިވެތިވެފައިވާ ބުޅަލެއް ފަދައެވެ. އިޒްވާ ރޮއެފައި ކުރާ އާދޭސްތަކުން އޭނާގެ ހިތަށް ކުޑަވެސް އަސަރެއް ކުރާހެން ހިޔެއް ނުވެއެވެ.

ކުއްލިއަކަށް ކޮންމެވެސް މީހަކު އައިދަންގެ ގެ ގިރުވާނުގައި ހިފައި އިޒްވާއާ ދުރުކޮށްފިއެވެ. އައިދަންގެ އަތުގައި ހިފާ އަނބުރުވައިލަމުން ކޯތާފާތުގައި ހޫނުއެތިފަހަރެއް އަޅުވައިލިއެވެ. އެއާއެކު އައިދަންގެ ތުންފަތުގެ ކަނަކުން ފަޅައިގެން ގޮސް ލޭ އަންނަން ފެށިއެވެ. އެމީހަކަށް އައިދަން އަށް ބަލައިލެވުނީ ދެނެވެ. ރުޅި އައިސްރަތްވެފައި ހުރި ޝިވަންގެ ދަތްކުޑިވިކެއެވެ. ޝިވަންގެ ފުރަގަހަށް ވަދެ އިޒްވާ ނިވައިވެލިއެވެ. ގަނެފައި ހުރި ބިރުން އޭނާގެ ހަށިގަނޑު ތުރުތުރުއަޅައެވެ.

" ހުރި ލަދުކުޑަކަން ބަލާބަލަ!! އައިދަންގެ އެންމެ ގާތް އެކުވެރިޔާއެއް ނޫންތަ ކައިސަން އެއީ.. އޭނާގެ ހުވަފަތް އަނބިމީހާއާ މެދު ތިގޮތަށް ކަންތައް ކުރާކަށް ލަދެއް ނުގަނޭތަ؟ ނިކަމެތި އަންހެންކުއްޖެއްގެ ތިގޮތަށް ފައިދާ ނަގާކަށް ބިރެއް ނުގަނޭތަ؟ ﷲ ގެ ކޯފާ ކޮންމެ ފަދަ ވަގުތެއްގައިވެސް އައިސްދާނެ ކަމަށް ޖެހިލުމެއް ނުވޭތަ؟ " ޝިވަން ވާހަކަ ދެއްކީ ރުޅިއައިސްފައި ނަމަވެސް މަޑުމައިތިރިކަމާއެކުއެވެ.

" ޝިވަން ސަރ އަށްވެސް ހަޤީޤަތް އެނގެއެއްނު.. ކައިސަން އޭނާގެ ކެބިންއަށް އަންހެން ކުއްޖަކު ވައްދައިގެން އުޅެނިކޮށް ސަރއަށް ވެސް ފެނުނެއްނު.. އިޒީ ދެކެ ލޯބިވަނީ އަހަރެންކަމަށް ޤަބޫލުނުކުރީމަ މިހެން ވީ.. " އައިދަން ބުންޏެވެ.

" ހުރި މުޑުދާރުކަން ބަލާބަލަ.. ކައިސަން ކުރިކަމެއްގަ އިޒްވާގެ ކުށަކީ ކޮބާ.. ތިހާ މުޑުދާރު އަމަލު ހިންގާ މީހުންނަށް އަހަރެންގެ އޮފީހަކު ނޫޅެވޭނެ.. މިހާރު މިވަގުތުން ފެށިގެން ތިހިރީ ވަޒީފާއިން ވަކިކޮށްފައި.. އެންމެ ހިނދުކޮޅަކު މިތާ މަޑުކޮށްލިޔަސް ފުލުހުންނަން ގުޅާނީ.. " ޝިވަން އިންޒާރު ދިނެވެ. އައިދަން ޝިވަން އަށް ބަލައިލީ ނަފްރަތުގެ ބެލުމަކުންނެވެ. އެއްފަހަރު އިސްޖެހިފައި ހުރި އިޒްވާއަށް އަނެއްފަހަރު ޝިވަންއަށް ނަޒަރެއް ދިނުމަށްފަހު އައިދަން އެތަނުންއ ނިކުންނަން ހިނގައިގަތެވެ.

" މިއަދަށްފަހު އިޒްވާއާ ވައިއެޅުނަސް ނިމުނީ.. އަހަރެންނަކީ ނުލަފާ މީހުންނަށް އެއަށްވުރެ ނުލަފާ މީހެއްކަން އަންގާލަ ދޭނަން.. މުޅި އުމުރުދުވަސް ކަލޭ ޖަލުގެ ތޭރިތަކުގެ ފަހަތުގައި ބާއްވަން އަހަރެންނަށް ކުރެވުނުހާ މަސައްކަތެއް ކުރާނަން.." އައިދަން ނިކުތުމުގެ ކުރިން ޝިވަން އިއްވައިލިއެވެ. އަޑުއިވޭ ކަމަށްވެސް ނުހަދާ އައިދަން އެތަނުން ނިކުމެގެން ދިޔައީއެވެ.

ޝިވަންގެ ފުރަގަހުގައި ހުރި އިޒްވާއަށް ދިމާލަށް އޭނާ އެނބުރުނެވެ. ހަމަޖެހެން ފުންނޭވައެއް ދޫކޮށްލުމަށްފަހު އިޒްވާ އިސް އުފުލާލައި ޝިވަންއާ ދިމާލަށް ބަލައިލިއެވެ.

" ވަރަށް ބޮޑަށް ސޮރީ އިޒްވާ ތިކަހަލަ ކަމަކާ ކުރިމަތިލާން ޖެހުނީތީ.. އަހަރެންނަށް ކޮށްދެވޭނެ ކަމެއް އޮތިއްޔާ ބުނާތި.." ޝިވަން ބުންޏެވެ.

" އަހަރެން ސަލާމަތްކޮށްދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ!! ޝިވަންއަށް ނޭނގުނަސް ތިކޮށްދެވުނީ ވަރަސް ބޮޑުކަމެއް.. އެކަމުގެ އަގު އަދާކޮށްދޭނީ ކިހިނެއްކަމެއްވެސް އަހަރެންނަކަށް ނޭނގޭ.. މީގެ ކުރިން ޝިވަންއާ މެދު ކަންތައް ކުރެވިފައި ހުރި ގޮތުން މައާފަށް އެދެން.. " އިސްޖަހާލައިގެން ހުރެ އިޒްވާ ބުންޏެވެ.

" އެއީ އެވަރުކަމެއް ނޫން.. އިޒްވާ މައާފަށް އެދޭކަށް ނުޖެހޭނެ.. ކުށް ކުރެވުނީ އަހަރެންނަށް.. އިހަށް އިޒްވާ ފެންފޮދެއް ބޯލަން ދާންވީނު.. " ޝިވަން އެދުނެވެ.

" އޯކޭވާނެ.. އަސްލު ޝިވަން މިގެއަށް އައީ ކީއްކުރަން..؟ ކަމަކުތަ؟ " އިޒްވާ އަހައިލިއެވެ. ޝިވަންގެ ޖީބުން ނެގީ ކުޑަ ހާޑް ޑިސްކެކެވެ. އޭތި އިޒްވާއަށް ފެނުމުން އެއީ ކައިސަންގެ އެއްޗެއްކަން އެނގުނެވެ.

" މީ ކައިސަން އަހަރެންނަށް ދިން އެއްޗެއް.. މީގަ ހުރި ބައެއް އިސްލާމިކް ލެކްޗާރސް އަޑުއަހާލަން ދިނީ.. " ޝިވަން ބުންޏެވެ. އިޒްވާ އޭގައި ހިފަމުން ހިނިތުންވާން މަސައްކަތް ކުރިއެވެ.

" އިޒްވާ އަތުގައި އަހަރެންގެ ބިޒްނަސް ކާޑު އޮންނާނެ.. ކަމެއް ޖެހިއްޖިއްޔާ ނުގުޅާ ނުހުންނާތި..؟ " ޝިވަން ބުންޏެވެ. އިޒްވާ ބޯޖަހައިލުމުން ޝިވަން އެތަނުން ނިކުމެގެން ގޮއްސިއެވެ.

ޝިވަންއާ މެދު ވަރަށް ފުންކޮށް އިޒްވާ ވިސްނައިލިއެވެ. މީހުންގެ ހަޤީޤަތް ދެނެގަތުމުގައި އިޒްވާއަށް ވަނީ ވަރަށް ބޮޑަށް އޮޅިފައެވެ. އެއްވެސް މީހަކު އޭނާ ހީކުރި ފަދަ މީހަކަށް ނުވިއެވެ. އެންމެ ފުރަތަމަ ކައިސަން އެވެ. އިޒްވާދެކެ އެންމެ ލޯބިވާ މީހަކީ އެއީ ކަމުގައި ހީކުރެވުނެވެ. އެންމެ ވަފާތެރި ހެޔޮލަފާ ފިރިއެއް ކަމުގައި ހީކުރެވުނެވެ. ނަމަވެސް ކަންތައްވީ ހިކުރި ގޮތާ މުޅިން ހިލާފަށެވެ.  ދެން ހުރީ އައިދަން އެވެ. ކައިސަންގެ ދެދުނިޔޭގ ރަޙުމަތްތެރިއެއް ކަމުގައި ހީކުރެވުނެވެ. ދެކެވުނީ އަމިއްލަ ބޭބެއެއް ފަދައިންނެވެ. ނަމަވެސއް އިރުކޮޅެއް ކުރިން އައިދަންގެ އަސްލު ސިފަ ފެނިގެން ހިނގައްޖެއެވެ. ދެން ޝިވަންއެވެ. އަންހެން ކުދި ހިތި މުއްސަނދި ކިބުރުވެރި ފިރިހެނެއްގެ ގޮތުގައި ދެކެވުނީއެވެ. ނަމަވެސް އާޚިރު ކަން ނިމުނުއިރު ޝިވަން މިވީ އެއެންމެންނަށް ވުރެ ހެޔޮ މީހަކަށެވެ. ހުރިހާ ގޮތުން ބެލިޔަސް ޝިވަންއަކީ އެއްވަނައިގެ މީހެކެވެ. އަންހެން ކުދިންނަށް އިޚްތިރާމް ކުރުމުގެ އިތުރުން ފަގީރުންނަށް ހެޔޮ އެދޭ އެހީތެރިއެވެ.

****************

ޝިވަން ދުއްވަމުން ދިޔަ ކާރު ގޭޓާ ކައިރިވުމާއެކު ގޭޓު ކައިރީ ވާހަކަ ދައްކަން ތިބި ދެ ސެކިރިޓީ ގާޑުން ހަރަކާތްތައް އަވަސްކޮށްލާ ދުވެލާފައި އައިސް ގޭޓު ހުޅުވާދިނެވެ. ކާރު ދުއްވަން ހަދާފައި އޮތް ހަނިމަގުން ޕޯޓިކޯއާ ދިމާލަށް ދަމުން ކާރު ލޯގަނޑު ތިރިކޮށްލިއެވެ. ގެއަށް ވަދެވުމަށްފަހު އަބަދުވެސް އެއީ ޝިވަންގެ އާދައެވެ. ބަގީޗާގައި އިންދާފައިވާ މާގަސްތަކުން ދުވާ މީރުވަހުން ލިބެނީ ތަފާތު ހިތްހަމަޖެހުމެކެވެ.

ކާރު ޕާކުކޮށްލުމަށްފަހު އިނގިލީގައި ތަޅުދަނޑި އަނބުރަމުން ޒިވަން ގެއަށް ވަންނަން ދިޔައެވެ. އެހިނދު ނިކުންނަން އައި މައިރާއާއި ލައި ނުގަތީ ހަމަކިރިޔާއެވެ.

" ވޯހް.. ކެއަރފުލް .. " ޝިވަން އަށް ބުނެވުނެވެ.

" ހައި ޝިވަން ސަރ... ރަނގަޅުތަ؟ " ހިނިތުންވެލަމުން މައިރާ އަހައިލިއެވެ. މައިރާ އަކީ ޝިވަންގެ ކޮއްކޮ އަރްހާންގެ ކަންތައްތައް ބެލުމަށްޓަކައި އެގެއަށް ގެނެސްފައި ހުންނަ ނަރުހެކެވެ. މައިރާގެ ސުވާލުގެ ޖަވާބުގައި ޝިވަން ހަމައެކަނި ބޯޖަހައިލުމަށްފަހު އެތެރެއަށް ވަދެގެން ދިޔައެވެ. ސިޓިންގްރޫމުގައި ބެހެއްޓިފައިވާ ބޮޑު ސޯފާތައް ހުރަސްކޮށް މަތީބަޔަށް އަރަން ހުންނަ ލިފްޓާ ދިމާލަށް ޝިވަން ހިނގައިގަތެވެ. އެވަގުތު ބަދިގޭ ކުޑަދޮރުން ބޭރުގައި ގަސްތަކަށް ފެން ދޭން ހުރި މަންމަ ރައިހާނާ ޝިވަންގެ ލޮލުގައި އަޅައިގަތެވެ. އޭނާ ހުރިގޮތުން އެހުރީ ވަރަށް ބޮޑު ވިސްނުމެއްގައިކަން އެނގުނެވެ. ކޮޓަރިއަށް ދިއުމުގެ ހިޔާލު ދޫކޮށްލުމަށްފަހު ބަދިގެއިން ބޭރަށް ނިކުމެވެން ހުންނަ ދޮރާ ދިމާލަށް ޝިވަން ހިނގައިގަތެވެ.

ކަޅުކުލައިގެ ބޮޑު ހެދުމާއެކު އަޅާފައިވާ ބޮޑު ބުރުގާ ތެރެއިން ރައިހާނާ މާޔޫސްވެފައިވާ ދޮން މޫނު ފެންނަން ހުއްޓެވެ. ޝިވަން މަންމާއޭ ކިޔާ ގޮވައިލުމުން ރައިހާނާ ބަލައިލީ ސިހިފައެވެ.

" މަންމަ ކޮންކަމަކާ އެހާވަރަށް ތިވިސްނަނީ؟ މަންމަ ބަލީތަ؟ " ރައިހާނާ ކައިރިއަށް ޖެހިލާ ކޮނޑުގައި އަތް އަޅުވާލަމުން ޝިވަން އެހިއެވެ. ރައިހާނާ ފެންހޮޅި ތިރީގައި ބޭއްވުމަށްފަހު އެތަނުން ނޯކަރަކަށް ގޮވާ އިސްކުރު ބަންދުކުރަން ގޮވައިލިއެވެ.

" މަންމަ މިވިސްނަނީ އަރްހާންއާ މެދު.. އޮޕަރޭޝަން ކުރި ފަހުން އަރްހާންއަށް އައިސްފައި އެވަނީ ހާދަ ބޮޑު ބަދަލު ތަކެކޭ.. މިހާރުދެން މަންމަ ކަންބޮޑުވާ ހިސާބަށް ގޮއްސި.. އެއްގޮތަކަށް ކޮޓަރިން ނުނިކުމޭ.. މިހާރު ލޮލަށް ނުފެންނަތާވެސް ދެދުވަސްވީ.. ކަނީއެއްވެސް ނޫން.. ނޭނގެ ކޯންޗެއް ކައިގެން ކަމެއްވެސް އެތާ އެއޮންނަނީ.. ބޭސްތައްވެސް ކާ ކަމެއް ނޭނގޭ.. މިއަދުވެސް މައިރާ އެދިޔައީ އެވަރަށް ގޮވާފައި.. މަންމަ ގޮވާ ގޮވާ އެއްގޮތެއް ނުވީމަ ބުނާ އަޑު އިވޭ މިވަގުތު އެއްވެސް މީހަކާ ވާހަކަ ދައްކާ ހިތެއް ނެތޭ.. " ރައިހާނާ ޝިވަންގެ އަތުގައި ހިފައިގެން ގަސްތަކުގެ ތެރޭ ހިނގަމުން ވާހަކަ ދެއްކިއެވެ.

" ކަންބޮޑުވާންޖެހޭ ކަމެއް ނެތް ހެން އަހަރެންނަށް ހީވަނީ.. ކޮއްކޮއަށް އައިސްފައި ހުރީ ރަނގަޅު ބަދަލުތަކެއް.. ކުރިން އަބަދު މިއުޒިކު އިވެމުންދާ އެކޮޓަރިން މިހާރު އަޑެއް ބަޑެއް ނީވޭ.. ރައްޓެހިންނާއެކު ދަންވަރު ބޭރުގައެއް ނޫޅެއެއްނު.. ހަފްތާއަކު އެއްފަހަރު ރައްޓެހިވެގެން އުޅޭ ކުއްޖާ ބަދަލު ކުރާ މީހާ މިހާރު އަންހެންކުއްޖަކާ ވާހަކައެއް ދައްކާ ހެނެއްވެސް ހިޔެއް ނުވޭ.. ދެން ނުކައިގެން ކަންބޮޑުވާކަށް ނުޖެހޭނެ.. އެކޮޓަރީގައި ހުރި މިނީ ބާރ ގައި ހުންނާނެ ޗޮކްލެޓް އައިސް ކްރީމް އަދި ފްރުޓްސްވެސް... ދެން ތިދައްކަނީ މައިރާގެ ވާހަކަ.. އަހަރެންވެސް ނުލާހިކު ފޫހިވޭ އޭނަ އުޅޭ ގޮތުން.. އަމުދުން އޭނާގެ ހެނދުން އެޅުމުގައި އެހުންނަ ނިވާކަން ކުޑަގޮތުން ލަދުން ބަލާލަން ނުކެރޭ.. މަންމަ ބުނެގެން އޭނަ ވަޒީފާގައި ބަހައްޓާފައިވެސް އެހުންނަނީ.. " ޝިވަން ބުންޏެވެ.

" އެންމެން ޝިވަން ބޭނުންވާހާ ގޮތަކަށް ނޫޅޭނޭ.. " ރައިހާނާ ބުނެލިއެވެ. އެވަގުތު ތެޅެމުން ފޮޅެމުން އެމީހުންނަށް ގޮވަމުން އައި ރާޖާ އަންނަތަން ފެނުމުން ދެމީހުން އަވަސް އަވަހަށް އައިސް އެތެރެއަށް ވަނެވެ. ރާޖާ އަކީ އެގޭ ބަދިގެއާ ތަންތަން ފޮޅާ ސާފުކުރަން ހަވާލުވެ ހުންނަ ނޯކަރެވެ.

" މެޑަމް.. ސަރ.. އަރާހަން ކޮއްކޮ.. އަރްހާން ކޮއްކޮ ބާރަށް އަޑުގަދަ ކުރަނީ.. ކޮޓަރިން ބާރު އަޑު އިވެނީ.. " މައިނޭވާ އަޅަމުން ރާޖާ ބުންޏެވެ. ކަމުގެ ސީރިއަސްކަން އިހުސާސް ކުރެވި ރައިހާނާއާއި ޝިވަން ލިފްޓާ ދިމާލަށް ދުއްވައިގަތެވެ.

ނުނިމޭ... ވާހަކައިގެ އާ ބައެއް، ދޭއް ނޮވެމްބަރ ވާ ބުދަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް