ދުއާ ރޮމުން ދައްކަމުން ދިޔަ ވާޙަކައިން އާރަވްގެ ހިތަށް އިންތިހާއަށް އަސަރުކޮށްފިއެވެ. ކުރިއަށް ޖެހިލާ ދުއާ މޭގައި ޖައްސައިލެވުނެވެ. ކޮޓަރިއަށް ވެރިވެފައިވާ ހަމަހިމޭންކަމުގެ ތެރެއިން އިވެމުން ދިޔައީ ދެމީހުންގެ ގިސްލުމުގެ އަޑެވެ.
*******************
ރާނީ ހާޖަރުގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލިއެވެ. އެތެރެއަށް ވަނުމަށް ގޮވައިލީ އަމާންއެވެ. ދޮރު ހުޅުވާލާފައި ކުރިން އެތެރެއަށް ވަނީ ރަޔަންއެވެ. ރަޔަންގެ ފަހަތުން ރާނީ ވަންއިރު އެނދުމަތީގައި އިށީނދެލައިގެން އިން ހާޖަރު ފެނުނެވެ. ހާޖަރު ކައިރީގައި އަމާންވެސް އިނެވެ. ރާނީ ހާޖަރާ ދިމާލަށް ބަލައިލީ ކުށްވެރިއަކު ފަދައިންނެވެ. ނަމަވެސް ހާޖަރުގެ މޫނުމަތީގައި ރުޅިވެރިކަމެއް ނެތެވެ. ފެންނަނީ މޮޅިވެރިކަމެވެ. ރާނީ ބާރަށް ހިނގާލާފައި އައިސް ހާޖަރު ކުރިމަތީގައި ކުރުފައި މައްޗަށް އިށީނދެ އުނގުގައި އޮތް ހާޖަރުގެ ދެއަތްތިލައިގާ ހިފާލިއެވެ.
" ސޮރީ މަންމާ..!! މަންމައަށް ސިއްރުން އެއްވެސް ކަމެއް ކުރުމަކީ އަހަރެން ބޭނުންވާ ކަމެއް ނޫން.. ހާލަތު ތަން ދިން ގޮތުން ސިއްރުކުރަން އަހަރެންނަށް މަޖުބޫރުވީ.. " ރާނީ ބުންޏެވެ. ހާޖަރު ރާނީ ނަގާ އޭނާ ކައިރީ އެނދުގައި ބޭންދިއެވެ. އޭރު އެމީހުންގެ ފަހަތުގައި ރަޔަން އުއްޑުން ހުރަހަށް އޮށޯވެލައިގެން އޮތެވެ.
" މަންމަ ރާނީ ދެކެ ރުޅިއެއް ނާދޭ.. ހަޤީޤަތް ރާނީގެ ކުރިމައްޗަށް އައީ މަންމަ ހީކުރި ފަދަ ގޮތަކަށް ނޫން.. މިވީހާ ދުވަހު ރާނީއަށް ހަޤީޤަތް އޮޅުވައިލެވުނީތީ މަންމަ ރާނީގެ ކިބައިން މައާފަށް އެދެން.. ރަޔަން ކިބައިންވެސް." ހާޖަރު ބުންޏެވެ.
" ފުރިހަމަ ހަޤީޤަތަކީ ކޮބައިކަން އަހަރެންނަށް އަދިވެސް ނޭނގޭ މަންމާ.. އެކަމަކު މަންމައަށް ތި އާދެވުނީ އަހަރެންނަށް ހަޤީޤަތް އެނގުމާ ނުލާހިކު ގާތްވެފައި ވަނިކޮށް.. " ރާނީ ބުނެލިއެވެ. ހާޖަރާއި އަމާން އެކަކު އަނެކަކަށް ބަލައިލިއެވެ.
" ރާނީ އެހާ ބުރަ މަސައްކަތެއް ކުރާނެ ކަމެއް ނެތް. މަންމަ ރާނީ އާއި ރަޔަންއަށް ހުރިހާ ވާހަކައެއް ކިޔައިދޭނަން.. " ހާޖަރު ބުންޏެވެ. ހާޖަރަށް ހިތްވަރު ދިނުމުގެ ގޮތުން އަމާން ހާޖަރުގެ އަތްތިލައިގާ ހިފަހައްޓާލިއެވެ. ރަޔަންވެސް ވާހަކައަށް ސަމާލުވެލަމުން ކުރުއަތް މައްޗަށް އޮށޯވެލިއެވެ.
" ރާނީގެ ބައްޕައަށް ކިޔަނީ ޒިލާލް.. ޒިލާލް އަހުމަދު ރިޒާ.. " ހާޖަރުގެ ފުރަތަމަ ޖުމްލައާ އެކު ރާނީއަށް އޭނާގެ ގެއްލިފައިވާ ދައްތައަކީ ކޮބައިކަން އެނގިއްޖެއެވެ. ސިހުމެއް ލިބުނު ހިނދު ވާންވީ އުފާ ކަމެއް ނޫނީ ދެރަކަމެއް ރާނީއަކަށް ނޭނގުނެވެ. އެންމެ ފުރަތަމަވެސް ހިތަށް އައިސް ވަނީ ލޫކަންގެ ނަމެވެ. އަމިއްލަ އުފަލަށްޓަކައި އެއްބަނޑު ދައްތަގެ ހިތްހަލާކު ކޮށްލަންވީ ހެއްޔެވެ؟
" ޒިލާލްއާ އަހަރެން ދިމާވީ އެއްކޮށް ކިޔަވާން އުޅުނު ދުވަސްވަރު.. އޭނާއާ އިންނަން ބުނުމުން މަންމަމެން ނުގަބޫލުވީ.. އެމީހުން ބޭނުންވީ ނީޒާގެ ބޭބެ މިސްބާހުއާ އަހަރެން ކައިވެނިކުރަން.. އެމީހުން އަހަރެން ގަދަކަމުން މިސްބާހުއާ ކައިވެނިކުރުވަން އުޅުމުން އަހަރެން ގެއިން ނިކުތީ.. މިސްބާހު އަމިއްލައަށް މަރުވި ހަބަރު ލިބުމުން އަހަރެން ދެރަވި.. އެކަމަކު އެއީ އަހަރެންގެ ކުށޭ އަހަރެން ނުބުނާނަން.. ނީޒާ އަހަރެން ދެކެ އެހާ ރުޅި އަންނަނީ އެހެންވެ. މިސްބާޙުގެ ގާތިލަކީ އަހަރެން ކަމަށް ބުނެ.. " ހާޖަރު ވާހަކަ ދައްކަމުން އިންތަނުން ތެދުވެ ކުރިއަށް ޖެހިލިއެވެ. ދައްކަމުން އެދާ ވާހަކަތަކީ އޭނާއަށް އެވާހަކަ ދެއްކުމަށް ފަސޭހަ ވާހަކަތަކެއް ނޫނެވެ.
" ޒިލާލްއާ އިނދެގެން އަހަރެންނަށް އުފަލުގައި އުޅެވުނީ ކުޑަ ދުވަސްކޮޅަކު.. ވަޒީފާއިން ކެނޑެއް ޒިލާލް އަހަރެންނަށް މަޖުބޫރު ކުރަމުން ދިޔަ. އުފާ އާއި ދުއާ ލިބުމުން އެކުދިން ބަލަން ގޭގަ އިންނާށޭ ބުނީ އަންހެނުންގެ މަގާމަކީ އެއީ ކަމަށް ބުނެ.. އެންމެ ފަހުން އަހަރެންނަށް އަނިޔާވެސް ކުރަން ފެށީ.. އަހަރެންނަށް ޝައްކުކޮށް މީހުންނާ އަޅުވާ ކިޔަން ފެށީ.. އެންމެ ފަހުން މީހުންނަށް ފެންނަ ހިސާބުގައިވެސް އަހަރެންނަށް އަނިޔާ ކުރަން ފެށީ.. އެކަމާ ނުރުހިގެން ޒިލާލްގެ ބައްޕަ ނަސޭހަތްތެރިވުމުންވެސް ޒިލާލްއަކަށް ބަދަލެއް ނައި.. އަހަރެން ހިތަށް އެރި ކުރިން އަހަރެންނަށް ޒިލާލްގެ އެސިފަ ނުފެނުނީ ކީއްވެބާއޭ.. އަހަރެން ކުރާ ހިތާމަތައް ބަލަން ޒިލާލްގެ ބައްޕައަށް ކެތް ނުވެގެން އެންމެ ފަހުން އަހަރެންނަށް ނަސޭހަތްދިނީ ގެއިން ނިކުމެގެން އަހަރެންގެ މަންމަމެން ކައިރިއަށް އަންނަން.. މިގެއަށް އައިއިރު ހިތަށް އެރި އަހަރެންގެ ހާލަތި ފެނުމުން މިގޭ މީހުން އަހަރެންނާ މެދު ޙަމްދަރުދީ ވާނޭ.. އެކަމަކު އެހެނެއްނުވި.. މިގޭގައި އަހަރެންނާ ހެޔޮ ބަހެއް ބުނެލަން ހުރީ ހަމައެކަނި ސާރާ.. ނީޒާގެ ކަމަކީ އަބަދާއި އަބަދު އަހަރެންނާ އަހަރެންގެ ކުދިންނާ ދިމާލަށް އެއްޗެހި ގޮވުން.. މަންމަވެސް ރުހުމުގެ ލޮލަކުން އަހަރެންނަށް ބަލާނުލާ.. އަހަރެންގެ ކުއްޖަކާ އަނގައިން ބުނެނުލާ.. އެހުރިހާ ކަމަކާއެކު އަހަރެންވެސް ކެތްތެރިވިން.. ދެދަރިންނަށްޓަކާ.. އޭރުވެސް ޒިލާލް އެކި ގޮތްގޮތުން އަހަރެންނަށް ގުޅާ އިންޒާރު ދީ އެއްޗެހި ގޮވާ ހަދާ.. އަހަރެން އެގޭގައި ހުރިހާ ހިނދަކު ދަރިއެއްގެ ޙަރަދުވެސް ނުދޭނެ ކަމަށް ބުނި.. ގެއަށް އައި ފަހުން އަހަރެންނަށް އެނގުނީ އަހަރެން ތިންވަނަ ކުއްޖާ، ރާނީއަށް ބަނޑުބޮޑުކަން.. އަހަރެން އެކަކު ކައިރީވެސް އެވާޙަކަ ނުބުނަން.. އެހެން ހުއްޓާ އެއްދުވަހު................. " އެހިސާބަށް ދިޔުމާއެކު ހާޖަރުގެ އަޑުގައި ތުރުތުރެއް އުފެދުނެވެ. އިތުރަށް ކުރިއަށް ނުގެންދެވި ރޮވެން ފެށުނެވެ. އުފާގެ މަރުވެފައިވާ ހަށިގަނޑު މިހާރުވެސް އޭނާއަށް ފެންނަ ފަދައެވެ. ރާނީ އިންތަނުން ތެދުވެގެން ގޮސް ހާޖަރު ގައިގާ ބައްދާލިއެވެ.
" އިޓްސް އޯކޭ މަންމާ.. ބައްޕަ އަހަރެންނަށް ހުރިހާ ވާހަކައެއް ކިޔައިދީފި.. އެނގޭ މަންމައަށް ދައްކަން ފަސޭހަ ވާހަކަތަކެއް ނޫންކަން.. " ގިސްލަމުން ދިޔަ ހާޖަރުގެ ބޮލުގައި ފިރުމަމުން ރާނީ ބުންޏެވެ. އެހިނދު ރަޔަންވެސް ތެދުވެގެން އައިސް ފަހަތުން ހާޖަރު ގައިގާ ބައްދާލައިފިއެވެ. މަންޒަރު ބަލަން އިން އަމާން އޭނާގެ ލޯކައިރި ފޮހެލިއެވެ.
" އައި ޕްރޮމިސް މަންމައާއި ދުއާ ބައްދަލުކޮށް ހުރިހާ ހަޤީޤަތެއް ކިޔައިދޭނަން.. " ރާނީ ބުނެލިއެވެ.
****************
ދެލޮލުގައި ކަރުނައިގެ އަސަރު ނެތަސް އާރާވްގެ ދެލޮލުން ހިތްދަތިކަން ފާޅުވަމުން ދިޔައެވެ. އެތައް ހަނގުރާމައަކަށް ފަހުވެސް އާރާވްއަށް ކުރެވުނު ކަމަކީ ހަށިގަނޑުގެ ބޭރުފުށުން މީހާ ރަނގަޅުކަމަށް ދެއްކުމެވެ. އޭނާގެ މޭގެތެރޭގައި އޮތް ހިތް ރޮމުން ދިޔައިރު ފައިބާ ކަރުނަތަކުން އެތެރެހަށީގައި ދިލަގަދަ އާތްވެއް އުފެދިފައިވާ ކަހަލައެވެ. ކައިރީގައި އިނީ އޭނާ އެކުއްޖަކުދެކެ އިންތިހާއަށް ލޯބިވާ އޭނާގެ ހިތުގެ ހަމަޖެހުމެވެ. ހިމޭންކަމުގައި ހިނދުކޮޅެއް ފާއިތުވެގެން ދިޔައެވެ. ދުރަށް ބަލަހައްޓައިގެން އިން ދުއާގެ މޫނަށް އާރާވް ބަލައިލިއެވެ. ދެން ބަލައިލީ އުނގުތެރޭގައި އޮތް ދުއާގެ ދެއަތްތިލައަށެވެ. އެ އަތްތިލައިގައި ހިފާލުމަށް އާރާވްގެ ހިތްއެދުނެވެ. އެހެންނަމަވެސް އެހިތްވަރުކުރާކަށް އާރާވްއަކަށް ނުކުރެވުނެވެ. އިންތިހހާއަށް ލޯބިވިޔަސް އެހަށިގަނޑުގައި އިނގިލީ ކުރި ޖައްސާލުމުގެ ހުއްދައެއް އާރާވްއަކަށް ނެތޭ ހީވަނީއެވެ.
" އަހަރެމެންނަށް ދެން ހަމަ އެއްވެސް ގޮތެއް ނެތީތަ؟ " މޮޅިވެރި އަޑަކުން އާރަވްއަށް އަހައިލެވުނެވެ. ދުއާ ސްލަހުން އާރާވްއަށް ބަލައިލިއެވެ. އެހިނދު ދުއާގެ ތެމިފައިވާ އެސްފިޔަތައް އާރާވްއަށް ފެނުނެވެ. އެއްވެސް އުފާވެރިކަމެއް ނެތް ދުއާގެ މޫނުމަތިން އާރާވްއަށް ހުރިހާކަމެއް ސާފުކޮށް ފެނުނެވެ. ދުއާގެ ހިތުގައި އާރާވްއަށްޓަކައި ދެގޮތެއްނުވެ އޮތް ލޯބި ސާފުކޮށް އާރާވްއަށް ފެނުނެވެ.
" ދުއާ އާ ވަކިން އުޅެން އަހަރެންނަށް ކެތެއް ނުވާނެ.. އަމުދުން ދުއާ ލޯބިވަނީ އަހަރެންދެކެކަން އެނގޭއިރު.." އަސަރާއެކު އާރާވް ބުންޏެވެ.
"އަބަދުވެސް އަހަރެންގެ ހިތާ އެންމެގާތް މީހަކީ ތިއީ.. އަހަރެންނަށްވެސް އާރަވްއާ ވަކިން އުޅުމަކީ ދަތިކަމަކަށް ވާނެ. އެކަމަކު މިނޫން ގޮތެއް ނެތް.." ދުއާ ބުންޏެވެ.
އެއްވެސް އަސަރެއްނެތް ހީލުމަކުން އާރާވް ހީލިއެވެ.
އިންތަނުން މަޑުމަޑުން ތެދުވެގެން ގޮސް އާރާވް ހުއްޓުނީ ކުޑަދޮރު ކައިރީގައެވެ. ދުރުދުރުން ފެންނަން އޮތް ގުދުރަތީ މަންޒަރަށް ބަލަހައްޓައިގެން އާރާވް ހުރިއިރު އޭނާގެ ހިތުގައި އެތައް ޝަކުވާތަކަކާއި ސުވާލުތަކެއް އުފެދެމުން ދިޔައެވެ.
އެކަކު އެނެކަކުދެކެ އިންތިހާއަށް ލޯބިވާ ދެމީހުންނަށް ދިރިއުޅުމުގައި ދިމާވާ އެހެން ކަންކަން ހުރަހަކަށް ވާންވީ ކީއްވެގެން ހެއްޔެވެ؟ ލޯބިވާ މީހުންނަށް އެކީގައި ދިރިއުޅުމުގެ ދަތުރުފަށާ އެދަތުރު އެކީގައި ނިންމާ މަންޒަރު ހަގީގީ ދިރިއުޅުމުގައިވެސް އޭނާއަށް ފެނިފައި އެބަހުއްޓެވެ. އެ ނަސީބު ލިބެންވީ ވަކި ބަޔަކަށް ހެއްޔެވެ؟ އެއީ އިންސާފެއް ހެއްޔެވެ؟
ފަހަތަށް އެނބުރި އެނދުގައި އިން ދުއާއަށް އާރާވްއަށް ބަލައިލިއެވެ. މާކުރިންވެސް ދުއާ އިނީ އާރާވްއަށް ބަލަހައްޓައިގެންނެވެ. އެހާފަސޭހައިން ދެ ޒުވާނުންގެ ހަތަރުކަޅި ބައްދަލުވީ އެހެންވެއެވެ. ބަސްމޮށުންތެރިކަމެއް ނެތި އެކަކު އަނެކަކުގެ ހިތުގެ ހާލު އަންގައިދެމުން ދިޔައެވެ.
*****************
އަނެއްދުވަހު ހޮސްޕިޓަލަށް ރާނީ ދިޔައީ މުޅިން އާ އަޒުމަކާ އެކީގައެވެ. ހުރިހާ ކަމެއް ރަނގަޅު ކުރުމަށް ލިބިފައިވާ މިފުރަސަތު އެހާ ފަސޭހައިން ގެއްލުވާލާކަށް ރާނީ ބޭނުމެއް ނޫނެވެ. އެހެނަސް އެހިތުގައި ރިހުމެއްވިއެވެ. ލޫކަންއާ ދުރުވަން މިފަހަރު މަޖުބޫރުވެފައި މިވަނީ އޭނާއަށެވެ. ނޭނގެނީ އެވާހަކަ ލޫކަން ކައިރީގައި ބުނާނެ ގޮތެކެވެ. ކުރަން ފަސޭހަކަމެއް ނޫނެވެ. މިހާރުވެސް އެކަމާ ވިސްނާލިޔަސް ހީވަނީ ހިތް ފިސްފިސް ވެދާނެ ހެންނެވެ. ނަމަވެސް ހިތްމައްޗަށް ފައިން އަރާފައި ވިޔަސް ދުއާ އަށްޓަކައި އެފަދަ ޤުރުބާނީއެއް ވާން އޭނާ ބޭނުމެވެ. ދުއާ އާއި ހާޖަރު ބައްދަލުކޮށްދީ ދުއާ އަށް ހަޤީޤަތް ބުނެދޭނެ ގޮތަކާ މެދު ވިސްނަމުން ރާނީ ގޮސް ލިފްޓަށް އެރިއެވެ. އެކުގައި މީހަކު ހުރިކަންވެސް ރާނީއަށް އެނގުނީ ސަލާމް ގޮވައިލުމުންނެވެ. އެމީހަކަށް ބަލައިލި ހިނދު ރާނީ ހިނިތުންވާން އުޅެފައިވެސް ހުއްޓުނެވެ. މިފަހަރު ޒިލާލް ފެނުމުން އޭނާއަށް ތަފާތު ގޮތެއް އިހުސާސްވިއެވެ. ކުރިމަތީގައި އެހުރީ އޭނާގެ އުފަން ބައްޕައެވެ. ނަމަވެސް އެބައްޕައަށް އޭނާއަކީ ދުއާ ފަދައިން އޭނާގެ ދަރިއެއް ކަމެއް ނޭނގެއެވެ. ޒިލާލް ދެވަނަ ފަހަރަށް ރާނިއަށް ގޮވައިލުމުން ގަދަކަމުން ހިނިތުންވެލަމުން ސަލާމުގެ ޖަވާބު ދިނެވެ.
ލިފްޓުން ނިކުމެގެން ގޮސް އޭނާގެ ކެބިންއަށް ވަންއިރު ކެބިންގައި އިން ލޫކަން ފެނިފައި ސިހުނެވެ. އެންމެ ހައިރާންވީ ލޫކަން އިންގޮތުންނެވެ. އެހެން ދުވަސްދުވާހާ ހިލާފަށް މިއަދު އެހާ ތާޒާ ކަމެއް އޭނާގެ މޫނުމައްޗަކުން ނުފެނެއެވެ. އިސްތަށިގަނޑުވެސް ހުރީ ހޭވިފައެވެ. ދެލޯ ކައިރި ކަޅުވެފައި ހުރިގޮތުން ނިދިހެނެއްވެސް ހިޔެއް ނުވެއެވެ.
" އަހަރެން ހާދަ ގުޅީމޭ ރާނީއަށް.. ކީއްވެ ފޯނު ނުނަގަނީ.. " އިންތަނުން ތެދުވަމުން ލޫކަން ބުންޏެވެ.
" ލޫކް ރޭގަ ގެއަށް ނުދަނީތަ؟ " އިއްޔެވެސް ލައިގެން ހުރި ގަމީހުގައި ހުރިތަން ފެނުމުން ރާނީ އެހިއެވެ. ލޫކަން ވަކި ޖަވާބެއް ނުދީ އައިސް ރާނީގެ ދެއަތުގައި ހިފަހައްޓާލިއެވެ.
" ދުއާގެ ކާފަ ހޭއަރައިފި.. " ލޫކަން ބުނެލިއެވެ. އެހިނދު ފުޅާ ހިނިތުންވުމެއް ރާނީގެ ތުންފަތަށް ވެރިވިއެވެ.
" އަލްޙަމްދުލިﷲ... " ހަޤީޤަތުގައިވެސް ރާނީ ވަރަށް އުފާވެއްޖެއެވެ. އެއީ އޭނާގެވެސް ކާފައެވެ.
" ކާފަގެ ހިތް ފެއިލްވަމުން ދަނީ.. ރަނގަޅުވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް.. ކާފަގެ އެދުމަކީ ވޯހާވެސް އަވަހަކަށް އަހަރެންނާ.. ދުއާ.. ކައިވެނިކުރުން.. " ކަރު އެލުވާލައިގެން ހުރެ ލޫކަން ބުންޏެވެ. އެހިނދު ރާނީގެ ތުންފަތްމަތީގައިވާ ހިނިތުންވުން ފިލައިފިއެވެ.
" އަހަރެންނަށް ރާނީއާ ވަކިން ނޫޅެވޭނެ.. އަހަރެން ބޭނުން ދެވަނަ އަނތްބެއްގެ ގޮތުގައިވެސް ރާނީ އަހަރެންނާ ކައިވެނިކުރަން.. " ލޫކަން ބުނެލިއެވެ. އެހިނދު ރާނީ ލޫކަން އަތުން ދޫކޮށްލަމުން ދުރަށް ޖެހިލިއެވެ.
" ނޫން ލޫކް.. !! އެންމެ ރަނގަޅުވާނީ ލޫކް ދުއާ އާ ކައިވެނި ކުރުން. އަހަރެންގެ އެއްވެސް މައްސަލައެއް ނެތް.. ދުއާއަށްޓަކައި އަހަރެން ހުންނާނީ އުފަލުން.. " ރާނީ ބުނެލިއެވެ. ލޫކަންއަށް ލިބުނީ ހައިރާން ކަމެކެވެ. އިއްޔެއާ ހަމައަށް ރާނީ ދެއްކީ އެއްވެސް ހާލެއްގައި އޭނާއާ ވަކިވާން ބޭނުން ނުވާ ވާހަކައެވެ. ނަމަވެސް މިއަދު ރާގު ބަދަލުވީ ކީއްވެ ހެއްޔެވެ؟
ނުނިމޭ... ވާހަކައިގެ އާބައެއް، އިންޝާﷲ، ނުވައެއް އޮކްޓޯބަރ ވާ އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް