"އަހަރެން ޔާން ދެކެ ދުވަހަކުވެސް ރުޅިއެއް ނާންނާނެ.. އަހަރެންގެ މިހިތް ކުދި ކުދި ކޮށްލާފައި މުށުތެރެއަށްލާ ފުނޑުކޮށްލިޔަސް އަހަރެންގެ މިހިތް އަބަދުވެސް ޔާންއަށް ހެޔޮވާނެ.. ދުއާ އަކީ ޔާންގެ ލޯބި ޔާންއަށް ލިބުން.. ރާނީއާ ޔާން ވަރަށް ގުޅޭ.. " މިހެން ބުނެ އެތަނުން ދިއުމަށް ރަފާ ހިނގައިގަތެވެ. ކީއްވެ ކަމެއް ނޭނގުނެވެ. ރަފާގެ އަތުގައި ހިފަން ޔާނިޝްއަށް އަތެއް އެއްލެވުނެވެ. އެހެނަސް އެއަތުގައި ނުހިފުނެވެ. ރަފާ ދާ ދިމާލަށް ބަލަހައްޓާއިގެން ހުރިއިރު އާދަޔާ ހިލާފު ގޮތަކަށް އޭނާގެ ހިތް ތެޅެމުން ދިޔައެވެ. އޭނާއަށް މޭގައި އަތް އަޅައިލެވުނީ ހިތަށް ކުރަމުން ދިޔަ ފުންއަސަރުންނެވެ.
***************
"ބުނަންތަ ވާހަކައެއް ހާރޫން.. މިގޭގައި ހުރެވޭނީ ހާޖަރަށް ވިއްޔާ ހާޖަރު އަހަރެން ވިއްޔާ އަހަރެން.. ހާޖަރާ އެއްފުރާޅެއްގެ ދަށުގައި އުޅޭކަށް އަހަރެން ބޭނުމެއްނޫން.. " ހާރޫން ކޮޓަރިއަށް އައިސް ވަނުމާއެކު ނީޒާ ހަޅޭއްލަވައި ގަތެވެ. ރުޅިއައިސްގެން އޭނާ ފަޅައިގެން ގޮސްދާނެ ފަދައެވެ.
"ހަޅޭއްނުލަވާ ނީޒާ.. އަހަރެންގެ ކަންފަތް ބީރެއް ނޫނޭ.. " އެނދުމައްޗަށް އަތުގައި އޮތް ބްރީފްކޭސް އެއްލައިލުމަށްފަހު ޓައީ އަށް ދޫކުރަމުން ހާރޫން އަލަމާރި ކައިރިއަށް ޖެހުނެވެ.
"ހަޅޭއްލަވާނަން.. ހާރޫންގެ ކުދިންގެ މަންމަގެ ހައިސިއްޔަތުން އަހަރެން މިގެއިން ނުނެރެވޭނެ.. މިވީހާ ދުވަހު އަހަރެންނާ އެއްކޮޅަށް ހުރެފަ ކުއްލިއަކަށް ރާގު ބަދަލުކޮށްލީ ކީއްވެ؟ "
"ހެޔޮ ވިސްނުން ލިބުނީ.. ކުރެވުނު ކުށް ފާފަތަކަށް އަހަރެން ތައުބާ ވެއްޖައިން.. އެންމެ ބޮޑު ފާފައަކަށް އަހަރެންނަށް ކުރެވުނު ކަމަކީ ނީޒާގެ ހަޤީޤަތް އެންމެންނަށް ފޮރުވުން.. މިގެއިން ނީޒާ ދަންޏާ ދިޔަސް އަހަރެންނަށް މައްސަލައެއް ނެތޭ.. އެކަމަކު މިގެއިން ހާޖަރަށް ޖެއްސުންކޮށް ނެރެލަން ގަސްދުކޮށްފިއްޔާ ނީޒާގެ ހަޤީޤަތް އަހަރެން މުޅި ދުނިޔެއަށް ހާމަކޮށްދޭނަން.. " ނީޒާއާ ކުރިމަތިލަމުން ހާރޫން ސާބިތުކަމާއެކު ބުނެލިއެވެ. އެހިނދު ނީޒާގެ މޫނުމަތިން ޖެހިލުންވުމުގެ ކުލަވަރު ފެނުނެވެ.
"އަހަރެން ފަޅާއަރުވާލައިފިއްޔާ ހާރޫންވެސް ބެދޭނެ.. " ޖެހިލުން ނުވާ ކަން ދައްކަމުން ނީޒާ ބުނެލިއެވެ.
"އަހަރެން ބެދޭވަރުގެ ކަމެއް ނުކުރަން.. ހުރިހާ ކަމެއް ކުރީ ނީޒާއާއި އެޒި......... " އެހިސާބަށް ބުނުމަށްފަހު ހާރޫން ހުއްޓުނެވެ. " އޭރު އަހަރެން ނީޒާއާ އެއްކޮޅަށް ހުރީ އަހަރެންގެ ޔާނިޝްއަށްޓަކައި.. މަންމައެއްގެ ލޯތްބާ ނުލާ އެކުއްޖާ ބޮޑުވާން އަހަރެން ބޭނުމެއް ނުވީ.. އަހަރެންގެ ޔާނިޝްގެ މަންމަ ދުނިޔެއަށް ބޭޒާރުކޮށްލަން ބޭނުންނުވީ.. ފަހުން އެވާހަކަތައް އެނގި ޔާނިޝް ލަދުގަނެ ދެރަވާނެވަރު އެނގޭތީ.. އެކަމަކު މިހާރު ދެން އަހަރެންނަށް ކެތްކުރެވިއްޖެ.. ޔާނިޝްވެސް އެހުރީ ބޮޑުވެފައި.. އަނޫޝާއަށް ވެސް ހެޔޮވިސްނޭނެ.. ނީޒާގެ ހަޤީޤަތް އެނގުމުން އެމީހުން ނީޒާއަށް ނަފްރަތުކުރާނެ.. ކަމާ ބެހޭ ފަރާތާ ހަވާލުވެސް ކުރާނެ.. އެހެންވެ މިބުނީ ތި އަނގަ ގަނޑު މައިތިރިކޮށްގެން ރީތި ކޮށް ހުރެވޭތޯ ބަލާށޭ.. " އިންޒާރުގެ ބެލުމެއް ނީޒާއަށް ދިނުމަށްފަހު ހާރޫން ގޮސް ފާހާނައަށް ވަނެވެ. ދަތްކުނޑި ވިކާލަ ވިކާލާ ނީޒާ ހުރީއެވެ.
********************
ބަދޫރާގެ ކޮޓަރިން ނިކުމެގެން ރާނީ އާއި ރަޔަން މިސްރާބު ޖެހީ ހާޖަރުގެ ކޮޓަރިއާ ދިމާލަށެވެ. ދެމީހުން އެކަނިވުމުން އެންމެ ފުރަތަމަވެސް ރާނީ އަހައިލީ ރަޔަންގެ ހާލެވެ.
"މިހާ މައްސަލަ ބޮޑުއިރު ކިހިނެއް ރަނގަޅުވާނީ.. " ރަޔަން ބުނެލިއެވެ.
"އަސްލު ކީއްވެ މަންމަ މިކޮޅަށް އައީ.. އަހަރެން މިގޭގަ ހުރިކަން އެނގިގެންތަ؟ ބައްޕަ ބުނީތަ؟ "
"މަންމައަށް ކޮންމެވެސް ގޮތަކުން އެނގުނީ.. މިހާ ގިނަ ކަންތައްތައް ހިނގާދިޔައިރުވެސް ރާނީ އަހަރެން ކައިރީ ނުބުނަމެއްނު.. " ރަޔަން ޝަކުވާކޮށްލިއެވެ.
"އަސްލު ބުނަން ބޭނުންވި.. އެކަމް އޭރުގައި ރަޔަން އުޅުނީ މާ ބޮޑު ޓެންޝަނެއްގަ.. އެހެންވެ ނުބުނީ..؟ މިހާރު ޔައު ގެ މަންމަމެން އޯކޭ ވެއްޖެތަ؟ " ރާނީ އެހިއެވެ. ރަޔަން ބޯޖަހައިލިއެވެ.
"އެމީހުން އެބަ އާދޭ މިކޮޅަށް.. އައިހާ އަވަހަކަށް ކައިވެނިކުރާނީ.. ހިޔެއްވެސް ނުކުރަން އަހަރެންގެ މިހާ ބޮޑު އާއިލާއެއް އޮންނަ ކަމަކަށް.. އެނގުނީމަ ވަރަށް ސަޕްރައިޒްވީ.. އެންމެ ދެރަވީ ރާނީ ތީ އަހަރެންގެ........ " ރަޔަން ބުނަން އުޅެފައި ހުއްޓުނެވެ.
"ހާފް ސިސްއެއްކަން އެނގުނީމަ.. " އެބައި ފުރިހަމަކޮށްދިނީ ރާނީއެވެ. އެއަށްފަހު އޭނާ ހިނިތުންވެލަމުން ރަޔަންގެ ބުރަކަށީގައި ޖަހައިލިއެވެ.
"އަދި ރާނީއަށް ވުރެ ބޮޑަށް އެހެން ދައްތައެއް ހުންނަކަން އެނގުނީމަ.. " ރަޔަން އިތުރުކޮށްލިއެވެ.
"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަހަރަމެންގެ ދައްތަ ހޯދާނަން.. " ރާނީ ބުނެލިއެވެ. އިތުރަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ރާނީގެ ފޯނު ރިންގުވާން ފެށިއެވެ. ލޫކަންގެ ނަން ސްކްރީނަށް އަރާފައި އޮތްތަން ފެނުމާއެކު ސައިލެންޓަށް ލާފައި އަލުން ފޯނު ޖީބަށް ލިއެވެ. ރަޔަން ހުއްޓާ ވާހަކަ ދައްކަން ބޭނުންނުވާތީއެވެ.
"އޯވްހް އަދިވެސް ލޫކްއާ ގުޅުން އެބައޮތް ދޯ. " ރަޔަން ބުނެލި ވާހަކައިން ރާނީ ހައިރާންވެފައި ބަލައިލިއެވެ. ކުރިންވެސް ރަޔަންއަށް ލޫކަންގެ ވާހަކަ އެނގެނީތާއޭ ހިތަށް އެރިއެވެ.
"އަހަރެންނަށް އެނގެޔޭ ރާނީ ލޫކް ކިޔާ ކުއްޖަކާ ޑޭޓް ކުރާކަން.. އެހެއްނުވާނީ އެވަރަށް ގުޅާ ވިއްޔާ.. " ރަޔަން ސަމާސާ ރާގަކަށް ބުނެލިއެވެ. ހާޖަރުގެ ކޮޓަރިއާ އަރާ ހަމަވުމާއެކު އަނެއްކާ ލޫކަން ގުޅިއެވެ. މިފަހަރުވެސް ރާނީ ފޯނު ސައިލެންޓަށް ލުމަށްފަހު ޖީބަށް ކޮއްޕާލިއެވެ.
"އަހަރެން ވަރަށް ނާވަސް.. މަންމަ ހުރީ އަހަރެން ދެކެ ވަރަށް ރުޅި އައިސްފައި ދޯ.. " ދޮރުގައި ޓަކި ޖެހުމުގެ ކުރިން ރާނީ އެހިއެވެ.
**************
ރިޒާ ހޭ އެރި ހަބަރު ލިބި ދުންޔާވެސް އައިސް ހުރީ އެގޭގައެވެ. ދުންޔާ ފެނުމާއެކުވެސް ރިޒާ ފެށީ ކައިވެނީގެ ވާހަކައެވެ. އެދުނީ ކައިވެނި ވީހާވެސް އަވަސްކޮށްދިނުމަށެވެ. އެހިނދު ދުންޔާއަށް ގޮތް ހުސްވެފައި ހުރި ލޫކަންއާ ދިމާލަށް ބަލައިލެވުނެވެ. ޑޮކްޓަރު ދެއްކި ވާހަކަތައް ދުއާ ލޫކަންއަށް ކިޔައިދިން ފަހުން ލޫކަން އެހުންނަނީ ދެން ހަދާނެ ގޮތަކާމެދު ގޮތް ހުސްވެފައެވެ. ހިޔާލެއް ހޯދުމަށް ރާނީއަށް އެތައް ފަހަރަކު ގުޅިއްޖެއެވެ.
އެނދު ކައިރީގައި ރިޒާގެ އަތުގައި ހިފާލައިގެން އިން ދުއާގެ ނަޒަރު ހުއްޓިފައިވަނީ އަރާމު ނިންޖަކުން ނިދާލާފައި އޮތް ރިޒާގެ މޫނަށެވެ. އޭނާގެ ސިކުނޑީގައި ދައުރުވަމުން ދިޔައީ އާރަވްއެވެ. ދިއްލުނު ކުޑަ ކުޑަ އުއްމީދުގެ ހުޅުކޮޅުވެސް ނިވުނީއެވެ. އޭނާއާ އާރަވްއާ ގުޅެން ތަޤުދީރުގައި ނެތީއެވެ. އެހެންނޫނަމަ މަންޒިލަށް ވާސިލްވާން ބޭނުންވާ ރާސްތާގައި މިހާ އަޑިގުޑަންތައް ނުވީހެވެ. އެންމެ ފަހު މިވަނީ މަގު ބަންދުވެފައެވެ. ދެން އިތުރަށް އެއްވެސް ކަމެއް ކުރެވޭނެ ކަމުގެ އުއްމީދެއް ނެތެވެ. އެހެން ހުރިހާ ކަމަކަށްވުރެ ދުއާއަށް މުހިންމީ ރިޒާއެވެ. ރިޒާގެ އުމުރުގައި ބާކީ އޮތް މަދު ދުވަސްކޮޅުގައި އެއްވެސް ކަހަލަ ހިތާމައެއް އޭނާއަށް ދޭކަށް ދުއާ ބޭނުމެއް ނުވެއެވެ. އަމިއްލަ ހިތް ފިސްފިސްކޮށްލާފައިވެސް ރިޒާގެ ހައްޤުގައި ލޫކަންއާ ކައިވެނިކުރަން ދުއާ ބޭނުންވެއެވެ.
"ދެން ކިހިނެއް ހަދާނީ މަންމާ..؟ އަނެއްކާ ރާނީގެ ހިތްހަލާކު ކޮށްލާނެހާ ހިތްވަރެއް އަހަރެންގެ ކިބަޔަކު ނެތް.." ކޮޓަރީގެ ދޮރުމަތީގައި ހުރި ދުންޔާ ކައިރީ ލޫކަން އަހައިލީ މަޑުމަޑުންނެވެ.
"މަންމައަށް މާފުކުރޭ ލޫކް.. ހާލަތު ތަންދޭ ގޮތުން މަންމައަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް.. " ކުރެހިފައިވާ އަޑަކުން ދުންޔާ ބުންޏެވެ.
"މަންމަ ތިކަމާ ދެރަނުވޭ.. އަހަރެން ރާނީއާ ވާހަކަ ދައްކާނަން.. ކާފަ ބޭނުންވާ ގޮތަށް ދުއާ އާ ކައިވެނި ކުރާނަން.. އެކަމަކު ރާނީ އެއްބަސްވިއްޔާ އަހަރެން ބޭނުން ރާނީވެސް އަހަރެންގެ އަނތްބަކަށް ހަދަން.. " ލޫކަން ވަރަށް ވިސްނާފައި ގޮތެއް ނިންމި ކަހަލައެވެ.
"އޭރުން ދުއާ!!؟ އޭނަ ޤަބޫލުވާނެތަ؟ ދެއަނބިންގެ ހައްޤު ދަރިފުޅަށް އަދާކޮށްދެވޭނެތަ؟ "
"ދެން މިނޫން ގޮތެއް ނެތޭ މަންމާ.. ރާނީ ދޫކޮށްލާނެހާ ހިތްވަރެއް އަހަރެންގެ ކިބަޔަކު ނެތޭ.. ރާނީވެސް ކިހާ ދެރަވާނެ.. އަހަރެންނަކަށް ނޭނގެ މަންމާ އަހަރެންގެ ބޯގޮވާން އުޅޭ ކަހަލަ.. އިހަށް ބޭނުމީ އެކަނިވެލަން.. އަމިއްލަ ނަފްސު ހަމަޔަކަށް އެޅުނީމަ އަހަރެން އަންނާނަން.. " މިހެން ބުނެ ލޫކަން އެތަނުން ދިޔުމަށް ހިނގައިގަތެވެ. ދުންޔާ ލޫކަން ހުއްޓުވަން އުޅެފައި މަޑުޖެހުނެވެ. މިވަގުތަށް އެންމެ ރަނގަޅުވާނީ ލޫކަން އެކަނިވާން ދޫކޮށްލުންކަން އިހުސާސްވުމުންނެވެ.
ރިޒާ ކައިރީގައި އިނދެފައި ދުއާ ކޮޓަރިއަށް އެގާރަ ޖަހަން ގާތްވެފައި ވަނިކޮށެވެ. ރިޒާއާ އެކު އެހާ ދުވަސް ފަހުން ރޭގަނޑުގެ ކެއުމަށް އިންސާފުކޮށްލެވުމުން ދުއާ ހުރީ ހިތްހަމަޖެހިފައެވެ. ކާހިތް ކެނޑިފައިވީނަމަވެސް ގަދަކަމުން ކެއީ ރިޒާގެ ހައްޤުގައެވެ.
ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ދުއާ އަށް ލިބުނީ ސިހުމެކެވެ. އެނދުމަތީގައި އިން އާރަވް ފެނިފައެވެ. އެހުރިހާއިރު އާރަވް ގެއަށް ނުދަނީބާއޭ ހިތަށް އެރިއެވެ.
"ރެވް.. !! އަހަރެން ހީކުރީ ރެވް ދިޔައީ ކަމަށް... " ކުރިއަށް ފިޔަވަޅެއް އަޅަމުން ދުއާ ބުންޏެވެ. އާރަވްވެސް އެނދުމަތިން ތެދުވެ ދުއާ އާ ދިމާލަށް ފިޔަވަޅެއް އެޅިއެވެ. ދުއާ ކައިރިއަށް އައިސް ހުއްޓެމުން އޭނާގެ ދެއަތުގައި ހިފަހައްޓާލިއެވެ. އެއަށްފަހު ދުއާގެ ނިތުގައި ބޮސްދިނެވެ.
"ސޮރީ އެނގޭ އެގަޑީ އެތަނުން ނިކުމެގެން އާދެވުނީމަ.. މަންޒަރު ބަލަން ކެތްނުވީ.. ހިނދުކޮޅަކަށް އިހުސާސްވީ ދުއާ ގެއްލުނީއޭ.. " އާރަވް ބުނެލިއެވެ. އެހިނދު ދުއާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އެމަންޒަރު ފެނި އާރަވް ދުއާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލަމުން އަތުގެ ބޮޑުވާ އިނގިލިން ދުއާގެ ދެލޯ ފޮހެލަ ދިނެވެ.
"ރެވް...!! އަހަރެންނަށް މާފުކުރޭ.. " އާރަވްގެ ދެއަތް މަޑުމަޑުން ތިރިކޮށްލަމުން ދުއާ ބުންޏެވެ.
"ނޯ ލަވް.. !! އެއީ ދުއާގެ ކުށެއް ނޫން.. " ހަޤީޤަތް ނޭނގި ހުރެ އާރަވް ނުހަނު ލޯބިން ބުނެލިއެވެ.
"ނޫން ރެވް.. ސޮރީ.. އަހަރެންނަށް ރެވްއާ މެރީ ކުރެވޭކަށް ނެތް.. ރެވްއާ ދުރުވުން އަހަރެންނަށް މަޖުބޫރު.. އެންމެ ރަނގަޅުވާނީ މިކަން މިހިސާބުން ނިންމާލުން.. " ދުއާގެ އަޑި ކުރެހުނެވެ. އިތުރަށް ވާހަކަ ދައްކަން ދަތިވެ ގިސްލެވެން ފެށުނެވެ. އާރަވް ފަހަތަށް ފިޔަވަޅެއް އަޅާލަމުން ދެފަރާތަކަށް ބޯހޫރައިލިއެވެ. އެވާހަކަ ޤަބޫލުކުރަން އޭނާ ބޭނުމެއް ނުވެއެވެ. ދުއާ ކުރިއަށް ފިޔަވަޅެއް އަޅާލާ އާރަވްގެ އަތުގައި ހިފަހައްޓާލިއެވެ.
"ލިސެން ޓު މީ ރެވް!! އަހަރެން ރެވް ދެކެ ވަރަށް ލޯބިވޭ.. އަބަދުވެސް ލޯބިވާނަން.. އެކަމަކު ކާފަގެ ހައްޤުގައި ލޫކްއާ ކައިވެނި ކުރަން އަހަރެންނަށް މަޖުބޫރުވެއްޖެ.. " ދުއާ ބުނެލިއެވެ. އާރަވް ދުއާގެ އަތް ފޮޅުވާލަމުން ދުރަށް ޖެހުނެވެ.
"ލޯބިވާނަމަ އަހަރެންނާ މެދު ތިގޮތަށް ކަންތަކެއް ނުކުރާނެ.. ހިނދުކޮޅަކަށް އުފާ ދިނުމަށްފަހު ތިގޮތަށް އެހެން މީހަކާ ކައިވެނި ނުކުރާނެ.. " ލޮލުގައި ކަރުނަ ވީ ނަމަވެސް އާރަވްގެ އަޑުގައި ރުޅިވެރިކަމެއް ހުއްޓެވެ.
"ނޫން ޕްލީޒް ތިހެން ނުބުނޭ ރެވް.. ޑޮކްޓަރުން ބުނީ ކާފަގެ ހިތް ފެއިލްވަނީ ކަމަށް.. ކާފަ ބޭނުންވަނީ ވީހާވެސް އަވަހަށް ކައިވެނިކުރުވަން.. ކާފަ ރަނގަޅުވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް އިރު އަހަރެން ކިހިނެއް ކާފަ ހިތުގައި ޖެހޭފަދަ ނޫނީ ނުރުހޭ ފަދަ ކަމެއް ކުރާނީ.. ރެވް ބުނެބަލަ އަހަރެން ހަދަންވީ ގޮތެއް.. އަހަރެން މުޅިން ގޮތް ހުސްވެއްޖެ.. ރެވްއާ ދުރުވުމަކީ އަހަރެންނަށްވެސް ބަރުދާސްތު ކުރެވޭ ވަރުގެ ކަމެއް ނޫނޭ.. އެކަމަކު އަހަރެންނަށް ކުރެވޭނެ ކަމެއް އެބައޮތްތަ..؟" ދުއާ ރޯންފެށިއެވެ. " މިކަމާ ވިސްނާ ވިސްނާ އަހަރެން މުޅިން ވަރުބަލި ވެއްޖެ.. މިއަށްވުރެ މާ ރަނގަޅުވާނެ އަމިއްލައަށް މަރުވިޔަސް.. "
ދުއާ ރޮމުން ދައްކަމުން ދިޔަ ވާޙަކައިން އާރަވްގެ ހިތަށް އިންތިހާއަށް އަސަރުކޮށްފިއެވެ. ކުރިއަށް ޖެހިލާ ދުއާ މޭގައި ޖައްސައިލެވުނެވެ. ކޮޓަރިއަށް ވެރިވެފައިވާ ހަމަހިމޭންކަމުގެ ތެރެއިން އިވެމުން ދިޔައީ ދެމީހުންގެ ގިސްލުމުގެ އަޑެވެ.
ނުނިމޭ.. ވާހަކައިގެ އާ ބައެއް، އިންޝާﷲ، ހައެއް އޮކްޓޯބަރ ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް