"އެއްވެސް ކަމަކާ ދުއާ އެކަނިން ކުރިމަތިލާކަށް ނުޖެހޭނެ.. އަހަރެން އަބަދުވެސް ދުއާ އާ އެކުގައި ހުންނާނަން.." ދުއާގެ ކޮނޑަށް ފިތައިލަމުން އާރަވް ބުންޏެވެ. ދުއާ ހިނިތުންވެލަމުން ކޮނޑުމަތީގައި އޮތް އާރަވްގެ އަތުގައި އޭނާގެ ކޯ ޖައްސައިލިއެވެ. ދަބަހުގައި އޮތް ދުއާގެ ފޯނު ރިންގުވާން ފެށީ އެވަގުތުއެވެ. ތަންކޮޅެއް ދުރުގައި ހުރި ދުއާގެ ދަބަސް ކައިރިކޮށްލަ ދިނީ އާރަވް އެވެ. ދަބަހުން ފޯނު ނަގާ ބަލައިލިއިރު ގުޅަނީ ޒިލާލްއެވެ.
" ބައްޕަ!! " ދުއާ އަށް ބުނެވުނެވެ.
" ނަގާބަލަ!! " އާރަވް ބުންޏެވެ. އެހިނދު ދުއާ ފޯނު ނެގުމަށްފަހު ސްޕީކަރަށްލިއެވެ. ދުއާއަށް ހަލޯއޭ ނުބުނެވިގެން އުޅެނިކޮށް އެކޮޅުން ޒިލާލް ބުނި ވާހަކައިން ދުއާއަށް ފުންމައިގެން ތެދުވެވިއްޖެއެވެ. އާރަވްވެސް ތެދުވިއިރު އޭނާގެ މޫނުމަތިން ހިނިތުންވުމެއް ފެންނަން ހުއްޓެވެ. ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީނލައިގެން ހުރެ އާރަވްއަށް ބަލައިލިއިރު އެދެލޮލުން އެދެލޮލުން އުފާވެރިކަމުގެ ކަރުނަ ފެންނަން ހުއްޓެވެ.
" ހަމަ އަސްލުވެސްތަ ބައްޕާ..!! އަހަރެން ހަމަ މިހާރު މިދަނީ.. " މިހެން ބުނެ ދުއާ ފޯނު ކަނޑައިލިއެވެ. އާރަވް ގައިގާ ބައްދާލެވުނީ ވީ އުފަލުންނެވެ.
" ދެންވެސް ހިނގާ އަވަހަށް ދާން.. " ދުއާގެ އަތުގައި ހިފާލަމުން އާރަވް ބުނެލިއެވެ.
************
ލަކުޑި ދޮރުގައި ދެއަތް އަޅާ ކޮއްޕާލުމާއެކު ދެފަރާތަށް ހުޅުވިގެން ދިޔައެވެ. ދޮރުމަތީގައި ހުއްޓި ހުރެ ކޮޓަރިތެރެއަށް ހާޖަރު ނަޒަރު ހިންގާލިއެވެ. ބަދޫރާ ބުނީ ތެދެކެވެ. އެކޮޓަރި އެހުރީ އޭނާ ދޫކޮށްފާ ދިޔަ ގޮތަށެވެ. ހަމަ އެ ވަރުނީސް ކުލައިގެން އެނދާއި ދެދޮރުފަތް ލީ އަލަމާރިއެވެ. އަލަމާރިމަތީގައި އޭނާ އޭރު އެއްކުރި އެކި ވައްތަރުގެ ސެންޓު ހުސްފުޅި ތަކެވެ. އެނދުގެ ބޯލާ ކޮޅާ ދިމާލުން މަތީގައި ވަނީ ހާޖަރުގެ ސްކޫލް ދައުރުގެ ބޮޑު ފޮޓޯ ލޯގަނޑެކެވެ. އެނދުމަތީގައި އަޅާފައި ވަނީ އާ ބެޑްޝީޓެކެވެ. ދޮރުފޮތިތައްވެސް އާކޮށްލާފައިވާހެން ހީވެއެވެ. ހާޖަރު ހައިރާންވެ އަންތަރީސްވިއެވެ. ބަދޫރާ އޭނާއަށް އެހާ ނަފްރަތު ކުރާއިރު މިކޮޓަރި އެހާ ރީއްޗަށް ބެހެއްޓުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ. ފަހަތުގައި ހުރި އަމާން ހާޖަރު ކޮނޑުގައި އަތް ބާއްވައިލުމާއެކު އޭނާ ސިހުނެވެ.
" ކީއްވެ އެތެރެއަށް ނުވަންނަނީ؟ " އަމާން އެހިއެވެ. ދެފަރާތަށް ބޯހޫރާލުމަށްފަހު ހާޖަރު ކުރިއަށް ހިނގައިގަތެވެ. ހާޖަރު ގޮސް ކުޑަ ދޮރު ކައިރީގައި ހުއްޓުމުން އަމާން ގޮސް އެނދުމަތީގައި އިށީނދެ ބޫޓު ބާލަން ފެށިއެވެ. ކުޑަދޮރު ހުޅުވާލުމާއެކު ފުރަތަމަވެސް ފެނުނީ ގޭގެ ބިއްދޮށުގައި ހުރި ބޮޑު ހިރުނދު ގަހެވެ. އެތަނުގައި އެލުވާލެވިފައިވާ އުނދޯލިތަކެވެ. ކުޑައިރު ގިނަ ދުވަސް ދުވަހު ފިލާވަޅު ދަސްކުރަން ހާޖަރު އޮންނަނީ އެތަނުގައެވެ. އެހާރުގެ ހަނދާންވުމާއެކު ހާޖަރަށް ހިނިތުންވެވުނެވެ. ނަމަވެސް ވާތް ފަރާތަށް ނަޒަރު ދަތުރުކޮށްލި ހިނދު ހާޖަރުގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ފިލައިގެން ދިޔައީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. މިހާރު އެތަން ސިމެންތި ޖަހާ ބަންދުކޮށްފައި ހުއްޓަސް އެއީ ކޮންތަނެއްކަން ހާޖަރަށް ދުވަހަކުވެސް ނޯޅޭނެއެވެ. އުފާގެ މަރުވެފައިވާ ހަށިގަނޑު ނެރުނީ އެތަނުގައި ހުރި ވަޅެއްގެ ތެރެއިން ނަގައިގެނެވެ. އެހިނދުކޮޅު ހިތަށް ގެނެވުމާއެކު ތެޅިގަނެފައި ހާޖަރަށް ފަހަތަށް ޖެހެވިއްޖެއެވެ. އެހަނދާންތަކުން އޭނާގެ ދެލޯ ކަރުނަ ފާއްދާލައިފިއެވެ.
" އަހަރެން ހީކުރީ ހާޖަރުގެ މަންމަ ވަރަށް ހަރުކަށިވާނެ ކަމަށް.. އެކަމަކު އަހަރެންނަށް އެއަންހެންމީހާގެ ދެލޮލުން ފެނުނީ ހާޖަރާއި ހާޖަރުގެ ދަރިންނަށްޓަކައި އިންތިހާއަށް ލޯބި.. " އެނދުގައި ހުރަހަށް އޮށޯންނަމުން އަމާން ބުންޏެވެ. ހާޖަރު ވަކި އެއްޗެއް ނުބުންޏެވެ. ވެފައި ހުރި ވަރުބައްޔާއެކު އޭނާވެސް އައިސް އެނދުގައި އިށީނެވެ.
**************
ރަޔަންއާއި ރާނީ ގޮވައިގެން ގޮސް ބަދޫރާ އޭނާގެ ކޮޓަރިއަށް ވަނެވެ. އެތައް އިރެއްވަންދެން އެމީހުންނާ ވާހަކަ ދެއްކިއެވެ. ޙާއްސަކޮށް ރަޔަންއާއެވެ.
" މާމާ.. އަހަރެން ވާހަކައެއް އަހާލަން ބޭނުން.. " ރާނީގެ ސިކުނޑިއަށް އުނދަގޫ ކުރަމުން ދިޔަ ސުވާލުކޮށްލަން އޭނާ ތައްޔާރުވެލިއެވެ.
" ކުރީގެ ވާހަކަ ދައްކާނެ ކަމެއް ރާނީ.. އަހަރެންނާއި ރާނީގެ މަންމައާ ދެމެދުގައި ހިނގައިދިޔަ ކަންތައް ތިދެކުދިންނާ ޙިއްސާ ކުރާކަށް ބޭނުމެއް ނޫން.. އެއީ ބޮޑެތި މީހުންގެ މައްސަލަ.. އެކަމުގެ ތެރެއަށް ކުދިވެރިން ނުވަނުން ރަނގަޅުވާނީ.. " ބަދޫރާ ބުނެލިއެވެ.
" އެކަހަލަ ވާހަކައެއް ނޫނޭ.. މާމައަށް އެނގެއެއްނު އަހަރެމެންގެ އެއްބަނޑު އެއްބަފާ ދައްތައެއް ހުންނަކަން.. އޭނަ ކޮބާ.. އޭނަ ވީ ތަނެއް، އުޅޭ ގޮތެއް، ހާލެއް މާމަ ނުބަލަންތަ؟ އެވެސް ހަމަ މާމަދަރިއެއްނު.. " ރާނީ ބުންޏެވެ. އެހިނދު ބަދޫރާ އިސްޖަހައިލިއެވެ. އޭނާގެ ސިކުނޑީގައި ކުރެހިގެން ދިޔައީ ހާޖަރުގެ ދޮށީ ދެކުދިންނެވެ. އުފާގެ މަރުވެފައިވާ ހަށީގަނޑެވެ. ދެން ހުރި ކުއްޖާގެ ބައްޕަ އޭނާ ގަދަކަމުން ގެންގޮސް ކާރަށް އެރުވި ތަނެވެ. އެކާރުގެ ފަހަތުން ރޮމުން ހާޖަރު ދުވި މަންޒަރެވެ. މިހުރިހާ ކަމެއް ހަނދާންވުމާއެކު ބަދޫރާއަށް ދެފަރާތަށް ބޯހޫރައިލެވިއްޖެއެވެ.
" މާޒީގައި މާމައަށް ކަންތައް ކުރެވިފައި ހުރީ ރަނގަޅަށް ނޫން ކަމުގައި ވެދާނެ.. އެކަމަކު މާމަ ހިތުން މާމަ ކުރިކަމެއް ކުރީ ހާޖަރަށް ހެވަކަށް އެދިގެން.. އެކުއްޖާ ވީތަނެއް ހޯދަން މާމަ ބޭނުންނުވީ.. އެއީ އެކުއްޖާ ހުންނާނީ އުފަލުގައި ތަނަވަސް ދިރިއުޅުމެއްގައިކަން އެނގޭތީ.. " ބަދޫރާ ބުނެލިއެވެ.
" ތިޔެއް ކިހިނެއް އެނގެނީ މާމާ.. ކިތަންމެ ތަނަވަސް ދިރިއުޅުމެއް އުޅުނަސް މަންމައެއްގެ ލޯބި ބޭނުންވާނެ.. " ރާނީ ބުނެލިއެވެ.
" މާމަ ވިސްނާލަބަލަ އެވެސް މާމަގެ ދަރިއެކޭ.. އަހަރެމެން ގޮތަށް.. ރަފާއާއި ޔާނިޝް އަދި އަނޫޝާ ގޮތަށް.. އޭނަ ވީ ތަނެއް މާމައަށް އެނގެންޏާ އަހަރެންނަށް ބުނެދީބަލަ.. ޕްލީޒް.. އަހަރެން ބޭނުން އަހަރެންގެ ދައްތަ ހޯދަން.. " ރާނީ އެދުނެވެ.
" މިގަޑީ ތިވާހަކަ ނުދައްކާ!! ކާ ގަޑި ޖެހެންވާއިރަށް ދެކުދިން ދޭބަލަ ނަމާދުކޮށްގެން އަންނަން.. " ބަދޫރާ ބޭނުންވީ ވާހަކައިގެ މިސްރާބު ބަދަލުކޮށްލާށެވެ. އެއްވެސް ހާލެއްގައި އެކުދިންނާ ދެބަސްވާކަށް އޭނާ ނޭދެއެވެ. އިތުރަށް ވާހަކަ ކުރިއަށް ގެންދަން ރާނީވެސް ބޭނުމެއް ނުވިއެވެ. ބަދޫރާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބޭނެތީއެވެ. އެއްކަމެއް މިރޭ އޭނާއަށް އިހުސާސްވެއްޖެއެވެ. ބަދޫރާ ބޭރުން ކޮންމެ ކަހަލަ ސިފައެއް ދެއްކިޔަސް އޭނާގެ އެތެރެ އޮތީ މަޑު ކަފަކޮޅެއް ހެނެވެ.
**********
ދުވަމުން ކަހަލަ ގޮތަކަށް ދުއާ އައިސް ރިޒާ އޮންނަ ކޮޓަރިއަށް ވަނެވެ. އޭރު އެނދުގެ އެއްފަރާތުގައި ޒިލާލްއާއި ލޫކަން ތިއްބެވެ. ރިޒާގެ ބްލަޑް ޕްރެޝަރު ބަލަން ޒިލާލް ހުރިއިރު ރިޒާގެ އަތުގައި ހިފަހައްޓާލައިގެން ލޫކަން ހުއްޓެވެ. އާރަވްއަށް އެތަނަށް ވަދެވުނުއިރު ދުއާ ގޮސް ރިޒާގެ އަނެއް ފަރާތުން ހުއްޓެނީއެވެ. ލޯ ހުޅުވައިގެން އޮތް ރިޒާ ފެނުމާއެކު ދުއާއަށް ހުރިހާ ދަތްތަކެއް ފެންނަވަރަށް ހިނިތުންވެލެވިއްޖެއެވެ.
" ކާފަގެ ޕްރިންސެސް.. " ދުއާ ފެނުމާއެކު ރިޒާއަށް ބަލި އަޑަކުން ބުނެވިއްޖެއެވެ. އެއާއެކު ދުއާ ރިޒާ ގައިގާ ބައްދާލައިފިއެވެ. އޭނާގެ ލޮލުން އޮހޮރެމުން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ.
"ބަލައިގެން ދުއާ.. ކާފަ އަދި އެހާ ފިޓެއް ނޫން.. " ލޫކަން ބުނެލިއެވެ. އެހިނދު ދުއާ ދެލޯ ފޮހެލަމުން ތެދުވިއެވެ.
" އަލްޙަމްދުލިﷲ.. އަހަރެން މިއަދު ވަރަށް އުފާވެއްޖެ.. " ރިޒާގެ އަތުގައި ހިފާލަމުން ދުއާ ބުންޏެވެ. ރިޒާ އެއްފަހަރު ލޫކަންއަށް ބަލައިލުމަށްފަހު އަނެއް ފަހަރު ދުއާ އަށް ބަލައިލިއެވެ.
" އެނގޭތަ ކާފަ އެންމެ ފުރަތަމަވެސް ކުރީ ކޮން ސުވާލެއްކަން..؟ " ޒިލާލް ބުނެލިއެވެ. " ލޫކަންއާ ދުއާ ކައިވެނި ކުރީ ހެއްޔޭ..؟
އެހިނދު ދުއާގެ ތުންފަތްމަތީގެ ހިނިތުންވުން ފަނޑުވެލިއެވެ. އޭނާއަށް ބަލައިލެވުނީ ދުރުގައި ހުރި އާރަވް އަށެވެ. އެހިނދު އާރަވް އިސްޖަހާލައިފިއެވެ. ލޫކަންއަށްވެސް ވީ އެފަދަ ގޮތެކެވެ. ޙުދު އޭނާވެސް އެހުންނަނީ ރިޒާ ހޭއަރާނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެކަމަކު މިހާރު ހޭއަރާފައި އޮތުމުން އެވާހަކަ ދައްކަން އޭނާ ޖެހިލުންވެފައި ހުރި ކަހަލައެވެ. އެހެން ތިއްބާ ރިޒާ ދުއާއާއި ލޫކަންގެ އަތް އުފުލައިލިއެވެ. އެކަކު އަނެކަކުގެ ބއަތު ތެރެއަށް ލައިދިނެވެ.
" ކާފަގެ އެދުމަކީ ވީހާވެސް އަވަހަކަށް ތިދެކުދިންގެ ކައިވެނިވުން.. މިއަދު ކުރެވެންޏާ މިއަދުވެސް ކުރަންވީ.. " ރިޒާ ބުނެލިއެވެ. އެހިނދު ސިހިފައި އާރަވް އިސްއުފުލާ ބަލައިލިއެވެ. ދުއާ އާރަވްއަށް ބަލައިލީ ގޮތް ހުސްވެފައިވާ މީހަކު ފަދައިންނެވެ. އާރަވް އެތަނުން އެނބުރިދާން ހިނގައިގަތެވެ. ހިނދުކޮޅަކަށް އިހުސާސްވީ ދަލު ބޭރުން ޖެހިގެން އެތަނުގައި ހުރި މީހަކު ފަދައިންނެވެ. އާރަވްގެ ފަހަތުން ދާން ދުއާ ބޭނުންވިއެވެ. އެހެންނަމަވެސް ރިޒާ އޭނާގެ އަތުގައި ހިފައިގެން ހުރުމުން ހުރިތަނުން ގުޑިލަންވެސް ނުކެރިފައި ހުރެވުނެވެ.
" ދުއާ!! " އެތެރެއަށް ވަދެގެން އައި ރިޒާގެ ޙާއްސަ ޑޮކްޓަރު ގޮވައިލިއެވެ. " ރިޒާއާ ދެމީހުންނާ ވާހަކައެއް ދައްކާލަން ބޭނުން.. "
ރިޒާއާއި ދުއާ އެކަކު އަނެކަކުގެ މޫނަށް ބަލައިލުމަށްފަހު ޑޮކްޓަރުގެ ފަހަތުން ހިނގައިގަތެވެ. އެމީހުން ގޮސް ވަނީ ރިޒާގެ ސްޓަޑީއަށެވެ. ޑޮކްޓަރުގެ މޫނުމަތިން ސީރިއަސްކަމެއް ފެނި ދުއާގެ ހިތް އަވަސްވެލިއެވެ.
" ކިހިނެއްވީ އަނެއްކާ.. ކާފަގެ މައްސަލައެއް އުޅެނީތަ؟ " ދުއާ އެހިއެވެ.
" ރިޒާ ހޭއެރުމަކީ މިރޭކްލްއެއް ކަހަލަ ކަމެއް.. ހަޤީޤަތަކީ ރިޒާ ހޭއަރާފަ އޮތަސް އަސްލުގަ ހާލު އެހާ ރަނގަޅެއް ނޫންކަން.. ނޭނގޭ ސަބަބަކާ ހުރެ ރިޒާގެ ހިތް ވަނީ ފެއިލްވާން ފަށާފައި.. ސަބަބަކީ ކޮބައިތޯ ބަލަން ވަރަށް ގިނަ ތަހުލީލު ތަކެއް އެބަކުރަން.. އަބަދުވެސް އޮކްސިޖަންގަ ބާއްވަން ޖެހޭ.. އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި އެހާ ބޮޑަށް ތަންތަނަށް މޫވް ނުކުރަންވީ.. ވަކިން ޙާއްސަކޮށް ދެރަވެ ކަންބޮޑުވާ ފަދަ ކަމެއް ނުކުރަންވީ.. " ޑޮކްޓަރު ނަސޭހަތްތެރިވިއެވެ. ދުއާގެ ދެލޯ ފެންކަޅިވާން ނެގީ ހިނދުކޮޅެކެވެ.
" ކާފަ ރަނގަޅުވާނެތަ؟ " ކުރެހިފައިވާ އަޑަކުން ދުއާ އަށް އަހައިލެވުނެވެ.
" ތަހުލީލުތައް ކޮށްފަ ލިބޭ ނަތީޖާއަކުން ފަރުވާއެއް ފެށޭނީ.. ޓިލް ދެން ޓޭކް ގުޑް ކެއަރ އޮފް ހިމް.. " މިހެން ބުނުމަށްފަހު ޑޮކްޓަރު އެތަނުން ދިއުމަށް ހިނގައިގަތެވެ.
********************
ވެރެންޑާގައި ބޭރު ބަލަހައްޓައިގެން ރަފާ ހުއްޓެވެ. އަބަދުވެސް ހިނިތުންވެފައި ހުންނަ ރަފާގެ މޫނުމަތިން މިހާރު އެއްވެސް ދިރުމެއް ފެންނާކަށް ނެތެވެ. ދެއަތް އުރާލައިގެން ހުރިއިރު ޖެހޭ ލުއި ވައި ރޯޅިން އޭނާގެ އިސްތަށިގަނޑު ދޭތެރެއަކުން ނަށާލައެއެވެ.
" އަހަރެން ދެކެ ރުޅި އައިސްފަތަ ތިހުރީ.. " ކައިރިއަށް އައިސް ހުއްޓެމުން ޔާނިޝް އެހިއެވެ. އޭނާވެސް ރަފާއާ އެއްހަމައެއްގައި ހުއްޓެމުން ދެޖީބަށް އަތް ޖެހިއެވެ.
" ރާނީ!! އެއީ ދޯ ޔާން ލޯބިވާ ކުއްޖަކީ...؟؟ " ކުއްލިއަކަށް ރަފާ ކޮށްލި ސުވާލުން ހައިރާންވެފައި ޔާނިޝްއަށް ބަލައިލެވުނެވެ. އެސުވާލުގެ ޖަވާބު ދޭން ނުކެރިފައި ރަފާ މޫނަށް ބަލަހައްޓައިގެން ޔާނިޝް ހުއްޓެވެ. އެހެން ހުއްޓާ ރަފާ އޭނާއާ ދިމާލަށް ބަލައިލިއެވެ. އޭނާގެ ތުންފަތްމަތީގައި ހިނިތުންވުމެއް ވިޔަސް ލޮލުން ވިދަމުން ދިޔަ ކަރުނަތައް ޔާނިޝްއަށް ސިއްރެއް ނުވިއެވެ. އެމަންޒަރު ފެނި އޭނާގެ މޭގައި ރިއްސާލީ ކީއްވެކަމެއް ނޭނގުނެވެ.
" ކީއްވެ އަހަރެންނަށް ސިއްރުކުރީ.. އެންމެ ގާތް ރަހުމަތްތެރިޔާއެއްނު އަހަރެންމީ.. އޭރުން ފަހަރެއްގަ މިހާރު އަހަރެންގެ ހިތަށް މިތަދުވާ ވަރަކަށް ނުތަދުވީސް.. " ރަފާ އޭނަގެ ދެލޯ ފޮހެލިއެވެ.
" ރަފާ.......... " ޔާނިޝްއަށް ގޮވައިލެވުނެވެ.
" އަހަރެން ޔާން ދެކެ ދުވަހަކުވެސް ރުޅިއެއް ނާންނާނެ.. އަހަރެންގެ މިހިތް ކުދި ކުދި ކޮށްލާފައި މުށުތެރެއަށްލާ ފުނޑުކޮށްލިޔަސް އަހަރެންގެ މިހިތް އަބަދުވެސް ޔާންއަށް ހެޔޮވާނެ.. ދުއާ އަކީ ޔާންގެ ލޯބި ޔާންއަށް ލިބުން.. ރާނީއާ ޔާން ވަރަށް ގުޅޭ.. " މިހެން ބުނެ އެތަނުން ދިއުމަށް ރަފާ ހިނގައިގަތެވެ. ކީއްވެ ކަމެއް ނޭނގުނެވެ. ރަފާގެ އަތުގައި ހިފަން ޔާނިޝްއަށް އަތެއް އެއްލެވުނެވެ. އެހެނަސް އެއަތުގައި ނުހިފުނެވެ. ރަފާ ދާ ދިމާލަށް ބަލަހައްޓާއިގެން ހުރިއިރު އާދަޔާ ހިލާފު ގޮތަކަށް އޭނާގެ ހިތް ތެޅެމުން ދިޔައެވެ. އޭނާއަށް މޭގައި އަތް އަޅައިލެވުނީ ހިތަށް ކުރަމުން ދިޔަ ފުންއަސަރުންނެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ ހަތަރެއް އޮކްޓޯބަރ ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް