ވާހަކަ: މަންޒިލް ތިޔޭ – ތިރީސް ނުވަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... އެހިތުގައި އާރަވްއަށްޓަކައި އޮތް އިންތިހާ ލޯބި އިހުސާސްވީ އަދި ކިރިޔާއެވެ. ޖަޒުބާތުގައި ޖެހި ދުއާ އަށް އާރަވްއަށް ބާރަށް ގޮވައިލެވިއްޖެއެވެ. އެހިނދު އާރަވް އެނބުރުނެވެ. އާރަވްއ...

22 Sep 2022 | 16:46

ކުރީގެ އަދަދާއި ގުޅޭ...

އެހިތުގައި އާރަވްއަށްޓަކައި އޮތް އިންތިހާ ލޯބި އިހުސާސްވީ އަދި ކިރިޔާއެވެ. ޖަޒުބާތުގައި ޖެހި ދުއާ އަށް އާރަވްއަށް ބާރަށް ގޮވައިލެވިއްޖެއެވެ. އެހިނދު އާރަވް އެނބުރުނެވެ. އާރަވްއާ ދިމާލަށް ދުއާއަށް ދުއްވައިގަނެވުނީ ބޭއިޙްތިޔާރުގައެވެ. ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި އާރަވް ހުއްޓާ ދުއާ އައިސް އޭނާގެ ގައިގާ ބައްދައިގަތެވެ. އެހިނދު ހަށިގަނޑު ކޮންޓްރޯލް ކުރުމަށް އޭނާ ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ.

" އަހަރެން ބޭނުމެއް ނޫން ރެވްއާ ދުރުވާކަށް.. އައި ލަވް ޔޫ.. އައި ލަވް ޔޫ ވެރީ މަޗް.. " އާރަވްގެ މޭގައި މޫނު ފޮރުވާލައިގެން ހުރެ ދުއާ ބުންޏެވެ. ދުއާގެ ދުލުން ބޭރުވި ލަފްޒު އާރަވްއަށް ގަބޫލެއް ނުކުރެވުނެވެ.

" ކީކޭ؟ އަދި އެއްފަހަރު ބުނެބަލަ... އަހަރެންނަށް ހަމަ ރަނގަޅަށްތަ އަޑި މިއިވުނީ..؟ " ދުއާ އޭނާގެ ގަޔާ ދުރުކޮށްލާ އޭނާގެ ލޮލާ ނަޒަރު ސީދާކޮށްލަމުން އާރަވް އެހިއެވެ.

" އާނ! އަހަރެންވެސް ރެވް ދެކެ ލޯބިވޭ.. އެނގޭ މިހާރު މާ ބޮޑަށް ލަސްވެސް ވެއްޖެކަން.. ލަސްވިޔަސް ލޯބި ވެވިއްޖެ.. ވަރަށް ބޮޑަށ ވެވިއްޖެ.. ހިތުގައި އުފެދެން ފެށި ޖަޒުބާތަށް އަހަރެންގެ އަމަލުތަކުންނާއި ބަހުން އިންކާރު ކުރެވޭތޯ އެތައް މަސައްކަތެއް ކުރިން. ނަމަވެސް އެހުރިހާ މަސައްކަތެއް ވީ ބޭކާރު.. ރެއާއި ދުވާލު އަހަރެންގެ ހިތާއި ސިކުނޑި ހިޞާރުކޮށްފައިވަނީ ރެވްގެ ހިޔާލުތަކުން. ދެން އިތުރަށް މިއިހުސާސަށް އިންކާރު ކުރާނެހާ ހިތްވަރެއް އަހަރެންގެ ކިބަޔަކު ނެތް. ދެން އިތުރަށް ރެވްއާ ދުރުގައި ހުންނާނެހާ ހިތްވަރެއްވެސް ނެތް. އަހަރެން ރެވް ދެކެ ވަރަށް ލޯބިވޭ..! ވަރަށް ބޮޑަށް ލޯބިވޭ..! " ތުރުތުރުއަޅަމުން ދިޔަ އަޑުން ދުއާ ބުންޏެވެ. ވެހެމުން ދިޔަ ބޯވާރެއިން ދެ ނަފްސު ތެމި ފޯވަމުން ދިޔައިރުވެސް އެއިހުސާސް އެދެމީހުންނަށްވެސް ވާހެނެއް ހިޔެއް ނުވެއެވެ. ދުއާގެ ވާހަކަތަކުން ލިބުނު ހިތްހަމަޖެހުމުގައި އާރަވްގެ ތުންފަތްމަތިން ހިނިތުންވުމެއް ފާޅުވެލި ހިނދު އެދެލޮލުން ފާއްދާލީ އުފާވެރިކަމުގެ ކަރުނައެވެ. ކުއްލި ހަރަކާތަކާއެކު އަލުން ދުއާ ގެނެސް އަތުތެރެއަށްލާ ބޮނޑިކޮށްލިއެވެ. ހިތާއި ސިކުނޑިއާއި އޭނާގެ ނަފްސު ކުރަމުން ދިޔަ ހަނގުރާމަ ނިމުނުކަމުގެ ފޮނި އިހުސާސުން ދުއާއަށްވެސް ލިބިފައިވަނީ އާދަޔާ ހިލާފު ހިތްހަމަޖެހުމެކެވެ. އާރަވްގެ އަތު ތެރޭގައި އިތުރަށް ބޮނޑިވެލީ އެކަމުން އޭނާއަށް ލިބެމުން ދިޔަ ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނެވެ.

*********************

ކާރު ދުއްވަމުން ގޮސް ލޫކަން މަޑުކޮށްލީ ހުޅުމާލޭގެ ހިތްގައިމު ބީޗްއެއް ކައިރިއަށެވެ. ކައިރީގައި އިން ރާނީއަށް ބަލައިލަމުން އޭނާގެ އުނގުމަތީގައި އޮތް މަޑުއަތްތިލައިގާ ލޫކަން ހިފައިލިއެވެ. ރާނީ ލޫކަންއަށް ހިނިތުންވުމެއް ހަދިޔާކޮށްލި ހިނދު ލޫކަން ރާނީގެ އަތް ގެނެސް އޭނާގެ ތުންފަތުގައި ޖައްސައިލިއެވެ.

" އަހަރެން ދެން ދުވަހަކުވެސް ބޭނުމެއް ނޫން ރާނީއާ ދުރުވާކަށް.. އެއީ ކިހާ ބޮޑު ވޭނެއްކަން ފާއިތުވި ދުވަސްތަކުގައި އަހަރެންނަށް އިހުސާސް ވެއްޖެ.. " ރާނީގެ އަތް ތިރިކޮށްލާ އަތުގެ ބޮޑުވާއިނގިލިން ރާނީގެ އަތުގައި ފިރުމަމުން ލޫކަން ބުންޏެވެ.

" އަހަރެންވެސް ބޭނުމެއް ނޫން ލޫކްއާ ވަކިވާކަށް.. އެހާ ދުރުން އަހަރެން ދަތުރު ފެށީވެސް މަންޒިލަށް ވާސިލް ވެވޭތޯ.. ހީކުރި ގޮތާ ހިލާފަށް ރާސްތާގައި ކިތަންމެ ވިހަ ކަށިތަކަކާ ކުރިމަތިލާން ޖެހުނު.. އެހެނަސް އެކަމާ ދެރަވާ ވަރަށް ވުރެ މިރޭ އަހަރެންނަށް ލިބިފައިވާ އުފާވެރިކަން މާ ބޮޑު.. މިރޭ އަހަރެންގެ މަންޒިލަށް ވާސިލް ވެވިއްޖެ.. ދުއާ އަކީ ދެން ދުވަހަކުވެސް ލޫކްއާ ވަކިވާން ޖެހޭނެ ފަދަ ކަމެއް މެދުވެރި ނުކުރެއްވުން.." ރާނީ ބުންޏެވެ. އެހިނދު ލޫކަންގެ މޫނުމަތީގެ ކުލަވަރު ފަނޑުވެލިއެވެ. ލޫކަން އިސްޖަހައިލި ހިނދު އޭނާ އެވިސްނަނީ ކޮންކަމަކާ ކަން ދެނެގެންނަން ރާނީއަށް އުނދަގުލެއް ނުވިއެވެ.

" ދުއާ އާ މެދު ދޯ ތިވިސްނަނީ.. ދުއާ ދެރަވާނެކަން އެނގޭ.. އެކަމަކު އެންމެންނަށްވެސް ރަނގަޅުވާނީ މިގޮތް.. ލޫކް ދުއާ އާ ކައިވެނިކޮށްގެން ތިން މީހުންގެ ހަޔާތް ބަރުބާދު ކޮށްލުމަށްވުރެ ދުއާ ދެރަކޮށްލުންވެސް މާ ރަނގަޅުހެން ހީވަނީ.. ފަހުން ކައިވެނިކޮށްގެން ދުއާއަށް ދޭންވާ ލޯބި ނުދެވި ލޫކް ލޯބިވަނީ އެހެން މީހަކު ދެކެކަން އެނގުނިއްޔާ އޭރުން ދުއާ މާ ދެރަވާނެ.. އަހަރެންނާއި ލޫކް އެކަކު އަނެކަކު ދެކެ ލޯބިވާކަން އެނގުނީމަ ދުއާ ފަހަތަށް ޖެހޭނެކަން އަހަރެންނަށް ޔަގީން.. " ރާނީ ބުންޏެވެ.

" ހަމައެކަނި ދުއާ މެދުގައެއް ނޫން ވިސްނެނީ.. ކާފައާ މެދުގައިވެސް.. އަހަރެންނާއި ދުއާ ކައިވެނި ކުރުމަކީ ކާފަގެ ވަރަށް ބޮޑު އެދުމެއް.. " ލޫކަން ބުންޏެވެ.

" ތިކަމާ އެއްޗެއް ބުނާކަށް އަހަރެންނަށް ނޭނގެ.. އަހަރެންނަށް އެނގެނީ ކޮންމެ ފަދަ ހާލަތެއް ކުރިމަތިވިޔަސް އަހަރެން އަބަދުވެސް ލޫކް ދެކެ ލޯބިވާނަން ކަން.. ދެމީޙުންނަށް އެކުގައި ނޫޅެވުނަސް އަހަރެންގެ ހިތުން ލޫކްއަށް ދެވިފައިވާ މަގާމަށް ބަދަލެއް ނާންނާނެކަން.. " ރާނީގެ އިސްޖެހުނެވެ.

" ދެރަވީތަ؟ ފަހުން ވާނެ ގޮތަކާ މެދު ނުވިސްނާ މިވަގުތަށް ލިބިފައި މިވާ އުފާވެރިކަން ސެލެބްރޭޓް ކުރަމާ!.. ހިނދުކޮޅެއްވެސް ރާނީއާއެކު އުފަލުގައި ހޭދަކޮށްލަން ބޭނުމީ.. ބޭނުމީ ހަމަހިމޭން ތަނެއްގައި މޫދުގެ ލޮނުގަނޑު ފެންނަ ހިސާބުގައި ރާނީގެ އުނގުގައި ބޯއަޅާލައިގެން އޮވެ ތި މޫނަށް ހިތް ފުރޭވަރަށް ބަލައިލަން.. " ލޫކަން ބުންޏެވެ.

" އަހަރެން ލަސްވިއްޔާ މާމަ ވަރަށް ހިތްހަމަ ނުޖެހޭނެ.. އެހެންނޫނަސް ކަނޑުގެ ލޮނުގަނޑު ފެންނަ ހިސާބުގައި އިނދެވޭނީ ވާރޭ ހުއްޓި އިރަކުންނު.. މިހާރުވެސް އެތައް ވަގުތެއް ލޫކްއާ އެކު ހޭދަ ކުރެވިއްޖެ.. "ރާނީ އުޒުރުވެރިވިއެވެ.

" ތިހެން ބުނީމަ އަދި މި ހަނދާންވީ.. ދުއާ ބުނި ރާނީ ހުންނަނީ ފެމިލީ ބައެއް ކައިރީގައޭ.. އެކަމަކު އަހަރެންނަށް އެނގިފައި އޮތް ގޮތުން މިކޮޅުގައި ތިބޭ ރާނީގެ ފެމިލީ މީހުން ރާނީއަށް ނޭނގޭއެއްނު.. " ކުއްލިއަކަށް ހަނދާންވެގެން އަހާލާ ފަދަ ގޮތަކަށް ލޫކަން އެހިއެވެ.

" ތީ ވަރަށް ދިގު ވާހަކައެއް.. އެހެން ފަހަރަކުން ކިޔައިދޭނަން... އިހަށް އަހަރެން ގެއަށް ލައިދީ.. މިހާރު މާ ލަސްވެސް ވެއްޖެ.. " އަތުކުރީ އޮތް ގަޑިއަށް ބަލައިލަމުން ރާނީ ބުންޏެވެ. ލޫކަންވެސް ދެބަހެއް ނެތި ބޯޖަހައިލުމަށްފަހު ކާރު ސްޓާޓް ކޮށްލިއެވެ.

****************

ވެހެމުންދިޔަ ބޯވާރޭގެ އިހުސާސް ދުއާ އާއި އާރަވްއަށް ކުރެވުނީ އެހެން ތިބޭތާ އިރުގަނޑެއް ފަހުންނެވެ. ދުއާގެ އަތުގައި ހިފައިގެން އާރަވް ދުއްވައިގަތީ ޓޭރޭސްގައި ހުރި ކުޑަ ގެގަނޑެއް ކަހަލަ ތަނަކާ ދިމާލަށެވެ. އެގެގަނޑުގެ ފުރާޅު ހުރި ގޮތުން އެދެމީހުން ހިޔާވާނެ ތަން ހުއްޓެވެ. ޖައްވުގައި ހިފާލާފައިވާ ގަދަ  ފިނީގެ ސަބަބުން ދުއާ ހީކަރުވައިލިއެވެ. އެހިނދު އޭނާ މޭގައި ދެއަތް ހުރަސްކޮށްލާ އެއް އަތުން އަނެއްއަތުގައި ބާރަށް ހިފަހައްޓައިގެން ހުއްޓެވެ. އާރަވްވެސް އޭނާގެ ދެއަތްތިލަ ޖީބަށް ޖަހައިގެން ހުއްޓެވެ.

" ރެވް!! ލޫކް ކައިރީ މިވާހަކަ ބުނާނީ ކިހިނެއް؟ ދުންޔާ މަންމަ ބުނާނީ ކީކޭ؟ ކާފަ އަށް ކިހިނެއްވާނީ..؟ " ދުއާގެ އޭނާގެ ހިތަށް އުނދަގޫ ކުރަމުން ދިޔަ ސުވާލުތައް އޮއްސާލިއެވެ. އާރަވް ދުއާ ގެނެސް އޭނާ ގައިގާ ލައްކޮށްލިއެވެ.

" ހުރިހާ އެންމެން ކައިރީވެސް ބުނަން އޮތީ އެންމެ ވާހަކައެއް.. އެއީ އަހަރެންނާ ދުއާ އެކަކު އަނެކަކު ދެކެ ލޯބިވާ ވާހަކަ.. ތިބުނި ހުރިހާ އެންމެންނަކީވެސް ހެޔޮ ނުބައި ވިސްނޭ މީހުން.. ލޯބި ނުވާ މީހަކާއެކު ނޫޅެވޭނެކަން އެމީހުންނަށް ވެސް އެނގޭނެ.. ދުއާގެ ކާފައަށް ދުއާގެ އުފާތަކަށްވުރެ މުހިންމު ވާނެ އެހެން ކަމެއް އޮންނާނެ ހެނެއް ހިޔެއް ނުވޭ.. " އާރަވް ބުނެލިއެވެ. ދުއާ އާރަވްގެ ކޮނޑުގައި ބޯއަޅައިލިއެވެ. އާރަވް އެހެން ބުންޏަސް ރިޒާގެ ގޮތް އޭނާއަށް ވުރެ ބޮޑަކަށް ނޭނގޭނޭއެވެ. ދުއާއާ އެއްވަރު ނުވިޔަސް ލޫކަންގެ ދެކެވެސް އިންތިހާއަށް ރިޒާ ލޯބިވެއެވެ. ލޫކަންއަށް ދެރަ ގޮތެއް ވާން ރިޒާ ހަމަހިލާ ނޭދޭނެއެވެ. ޙުދު އޭނާވެސް ލޫކަންއަށް ދެރަ ގޮތެއް ވާކަށް ނޭދެއެވެ.

******************

ގެކައިރީ ކާރު މަޑުކޮށްލުމާއެކު ރާނީ ފޭބިއެވެ. ރާނީއާ އެކު ލޫކަންވެސް ކާރުން ފައިބާ އައިސް ރާނީ ގާތުގައި މަޑުކޮށްލިއެވެ. ރާނީގެ ދެއަތުގައި ހިފާލުމަށްފަހު ގެނެސް ތުންފަތުގައި ޖައްސާލިއެވެ. ރާނީ ހިނިތުންވެލިއެވެ.

" އެނގޭތަ ކިހާ ވަރަކަށް ކަން މިއަދު އަހަރެންގެ އަތަށް ލޫކް ބޮސްދިނީ.. " ސަމާސާ ރާގެއްގައި ރާނީ ބުނެލިއެވެ.

" ނުގުނަން.. އަހަރެން ބޭނުމެއް ނޫން ރާނީ ފޮނުވާލަން.. މިރޭ އެއްކޮށް ރާނީއާ އެކު ހޭދަކުރަން ބޭނުންވަނީ.." ލޫކަން ބުނެލިއެވެ.

" ބޭނުންހާ ކަމެއްވެސް ނުވާނެއްނު.. ހެހެހެ.. ދެން ދޫކޮށްލާ.. ލޫކް ބޭނުމީ މިރޭ ލޫކްއާ ހެދި މިރޭ އަހަރެން މިގެއިން ނެރެލެންތަ؟ " ރާނީ ބުންޏެވެ.

" އާނ!! އޭރުން އަހަރެންނާ އެކީ އަހަރެންގެ ގެއަށް ދާނީ.. އޭރުން އަބަދުމެ އަހަރެންގެ ކުރިމަތީގައެއްނު ހުންނާނީ.." ލޫކަން ހީނލަމުން ބުންޏެވެ.

" ސާބަސް ލޫކް.. ދެން ޕްލީޒް ދޫކޮށްލަބަ.. " ރާނީ ބުންޏެވެ.

" ރާނީ ހަމަ ދާންވީ... އަހަރެން ހަމަ މަޑުމަޑުން މިއަތުގައި ހިފާލައިގެން ހުރިކަން.. އެއްވެސް ގަދަ ބާރެއް ނެތެއްނު.. އަހަރެންނަށް އެނގޭ ރާނީވެސް ދާން ބޭނުންނުވަނީ ކަން.. " ލޫކަން އެހެން ބުނުމާއެކު ރާނީ ހޭން ފެށިއެވެ. ލޫކަން ރާނީ އަތުން ދޫކޮށްލުމަށްފަހު އިސްތަށިގަނޑުގައި ފިރުމައިލުމަށްފަހު އަވަހަށް އެތެރެއަށް ވަނުމަށް ބުންޏެވެ. ރާނީވެސް ރޭގަނޑުގެ ސަލާމް ކުރުމަށްފަހު އެތެރެއަށް ވަންނަން ހިނގައިގަތެވެ. ރާނީ އެތެރެއަށް ވަންނަންދެން ބަލަހައްޓައިގެން ހުރުމަށްފަހު ލޫކަން ކާރަށް އަރާ ނައްޓާލިއެވެ.

****************

ރަހުމަތްތެރިންނާއެކު ކޮފީއަކުން ނިމިގެން ޔާނިޝް ސައިކަލަށް އަރާ ދުއްވާލަން އުޅުނެވެ. ނަމަވެސް އެވަގުތު ފެނުނު މަންޒަރަކުން އޭނާ މަޑުކޮށްލިއެވެ. އަންހެންކުއްޖެއްގެ އަތުގައި ހިފައިގެން ކެފޭއަށް ވަންނަން އެއަންނަނީ ދެވަނަ އެހެން މީހެއް ނޫނެވެ. އެއީ ރަފާގެ ލޯބިވެރިޔާ ހުޝާމްއެވެ. ހުޝާމްއަކީ މިފެންވަރުގެ މީހެއްކަން އެނގުނުނަމަ ރަފާ އޭނައާ ވައިވެސް އެޅުނަ ނުދިނީހެވެ. ރަފާއަށް ހުޝާމްގެ ބޭވަފާތެރިކަން އެނގޭބާއެވެ. އެނގުމުން ކިހާ ދެރައެއްވާނެ ހެއްޔެވެ؟ މިކަންކަމާ ވިސްނާލެވުމާއެކު ޔާނިޝް ކައިރިއަށް އަމަށަކު ރުޅިއެއް ނޫނެވެ. އެއްވެސް މީހަކު ރަފާއަށް މިފަދަ ގޮތަކަށް ދެރައެއް ދިނުމަކީ އޭނާއަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަލުން ސައިކަލުން ފޭބުމަށްފަހު ކެފޭއަށް ވަންނަން ޔާނިޝް ހިނގައިގަތެވެ. ކެފޭތެރެއަށް ވަދެ އޭނާ ހުޝާމް ހޯދަން ފެށިއެވެ. ކަނެއްގާ ހުރި މޭޒެއްގައި އަންހެން ކުއްޖާގެ އަތުގައި ހިފާލައިގެން ހެވިފައި ވާހަކަ ދައްކައިން ހުޝާމްއާ ދިމާލަށް ޔާނިޝް ހިނގައިގަތެވެ. އިންޒާރެއްވެސް ދިނުމަކާ ނުލާ އެދިޔަ ގޮތަށް ގޮސް ހުޝާމްގެ ގިރުވާނުގައި ހިފާފައި ނެގިއެވެ. އެހިނދު ސިހިފައި ހުޝާމް ކައިރީގައި އިން އަންހެންކުއްޖާވެސް ތެދުވިއެވެ.

" ބަލާބަލަ ހުރި މަކަރުވެރިކަން... " ޔާނިޝް ހުޝާމްގެ ކޯތާފަތް މަތީގައި ވިހެލިއެވެ.

" އޭތް ކިހިނެއްވެގެންތަ ތިއުޅެނީ.." އައި ރުޅީގައި ހުޝާމް ޔާނިޝް ފަހަތަށް ކޮއްޕާލިއެވެ. ހުޝާމް އިތުރަށް ކުރިއަށް ދިޔަ ނުދިނުމަށް އަންހެންކުއްޖާ ހުޝާމްގެ އަތުގައި ހިފެހެއްޓިއެވެ.

" ކަލޭ ރަފާއަށް ކިހާ ބޮޑު ދެރައެއް ތިދިނީ.. ރެޔާ ދުވާލު އޭނަގެ ދުލުގައި ތިނޫން ނަމެއް ނޯވޭ.. ހުޝާމް ހުޝާމް.. އެކަމަކު ކަލޭ އޭނައަށް ބޭވަފާތެރި ތިވީ.. ކޮބާ އޭނަގެ ކުށަކީ..؟ އެކަމް ދެން މިނިމުނީ.. މީގެ ފަހުން ރަފާ ފެންނަ ހިސާބަށް އަޔަސް އަހަރެންނަށްވުރެ ނުބައި މީހަކު ނެތްކަން އަންގާލާނަން.. " ޔާނިޝް ބުނެލިއެވެ.

" ތިކިޔޭ އެއްޗެއް އެބަ އެނގޭތަ؟ ރަފާ އާއި އަހަރެންގެ ދެމެދު އޮންނާނީ ހަމައެކަނި ރަޙުމަތްތެރިކަން.. އިތުރު އެހެން ގުޅުމެއް ނޯންނާނެ.. " ހުޝާމް ބުންޏެވެ.

" ލޯބިވެރިޔާ ކައިރީގައި ހުރީމަ ނޭނގޭކަމަށް ހެދޭނެކަމެއް ނެތް... ބަލަ އަހަރެން އެއްދުވަހު ރަފާ ކައިރީގައި ހުއްޓައޭ ކަލޭ އައިސް އޭނަ ކައިރީ ކޮފީއަށް ދާން ބުނީ.. " ޔާނިޝް ބުންޏެވެ.

" އަހަރެން އެދުވަހު ރަފާ ކައިރީ ކޮފީއަށް ދާން ބުނީ... " ހުޝާމް ވާހަކަ ދައްކަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން ހުޝާމް ކައިރީގައި އަންހެންކުއްޖާ ވާހަކަ ދައްކަން ފެށިއެވެ.

" ތީ ތަ ޔާނިޝްއަކީ.. ؟ އަހަރެންނަށް ކިޔަނީ ޒުހާ.. ރަފާގެ އެކުވެރިއެއް.. ރަފާއާއި ހުޝާމްއާ މެދު އޮތީ ރަޙުމަތްތެރިކަމުގެ ގުޅުން އެކަނި.. މިތަނުގައި ތިހާ ބޮޑު ޑްރާމާ ގަނޑެއް އުފެއްދީތީ ވާޙަކައެއް ބުނެލާނަން.. ހުޝާމްއާ ރައްޓެހިވެގެން ކަމަށް ބުނެ އޭނަ އެހަދަނީ ހުސްދޮގު.. އޭނަ އެދޮގު ހަދަން މަޖުބޫރު ކުރި މީހަކީ ތީ.. " ޒުހާ ބުންޏެވެ.

" ވަޓް؟ އަހަރެންނޭ..  " ހައިރާންވެފައި ޔާނިޝް ބުންޏެވެ.

" އާނ!! ޔާނިޝް.. އެއީ ކީއްވެގެންކަން އަހަރެންނަށް އެނގޭ އެކަމަކު ނުބުނާނަން.. ޔާނިޝް ގޮސް ރަފާ ކައިރީ އަހާ.. " ޒުހާ ބުންޏެވެ. އެއަށްފަހު ހުޝާމްގެ އަތުގައި ހިފައިގެން އޭނާ އެތަނުން ދިއުމަށް ހިނގައިގަތެވެ. ހައިރާންވެ އަންތަރީސްވެފައި ޒުހާ އެބުނި އެއްޗަކާ މެދު ވިސްނަން ޔާނިޝްއަށް ހުރެވުނެވެ.


ނުނިމޭ... ވާހަކައިގެ އާބައެއް، އިންޝާﷲ، 25 ސެޕްޓެމްބަރ ވާ އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް