ލަންޗަށް ދާންވެގެން ކޮންސަލްޓޭޝަން ރޫމުން ނިކުތްވަގުތު ދުއާގެ ފޯނަށް މެސެޖެއް އައެވެ. ސްކްރީނުން އާރަވްގެ ނަން ފެނުމާއެކު ތަފާތު ގޮތަކަށް ދުއާގެ ހިތް ތެޅިލިއެވެ. އަވަސް އަވަހަށް މެސެޖް ހުޅުވައިލިއެވެ. އާރަވް އެދިފައި އޮތީ ބްލޫ މޫން ހޮޓްލްގެ ރޫފްޓޮޕުން އޭނާ އާ ބައްދަލުކުރުމަށެވެ. ރޭގަނޑު ނުވަ ގަޑި ބައިގައެވެ. މިރެއަށްފަހު ދެން ދުވަހަކުވެސް ދުއާއަށް އުނދަގުލެއް ނުކުރާނަމޭ ބުނެފައި އޮތުމުން ދުއާ އަށް ހިންދިރުވައިލެވުނެވެ. ޖަވާބުގައި ދުއާ އޯކޭއޭ ލިޔެލުމަށްފަހު ފޮނުވާލިއެވެ.
***********
ރާނީ ގޮވައިގެން ގޮސް ދުންޔާ އޭނާގެ ގެއަށް ވަނެވެ. ސޯފާގައި އިށީންނަން ބުނުމަށްފަހު ދުންޔާ ގޮސް ވަނީ ލޫކަންގެ ކޮޓަރިއަށެވެ. އާވެފައި އިނދެ ރާނީ އެގޭގެ އެކި ދިމާއަށް ނަޒަރު ހިންގާލިއެވެ. ބޮޑު ނޫނަސް ރީތި ތަނެކެވެ. އިރުކޮޅެއްނުވެ ލޫކަން ކޮޓަރިން ނިކުމެގެން އައިސް ރާނީ ކައިރިއަށް ދުންޔާ ހުއްޓުނެވެ. އޭނާ ރާނީއަށް ދިއްކޮށްލި ފޮޓޯގައި ރާނީ މަޑުމަޑުން ހިފާފައި ބަލައިލިއެވެ. އޭނާއާ ލޫކަން އެކުގައިވާ އެފޮޓޯ ފެނި އޭނާ ދުންޔާއަށް ބަލައިލީ ކުށްވެރިއަކު ފަދައިންނެވެ. ދުންޔާ ރުޅި އައިސްފައިކަމަށް ހީކުރެވި ރާނީ އިސްޖަހައިލިއެވެ.
" މާފުކުރޭ.. އެކަމަކު މިހާރު އަހަރެންނާ ލޫކަންއާ މެދު އެއްވެސް ގުޅުމެއް ނެތް.. " އިސްޖަހައިގެން އިނދެ ރާނީ ބުންޏެވެ.
" އެކަން އެނގޭ..!! " ދުންޔާ ބުނެލި އަޑު އިވުނެވެ. ދެން ފެނުނީ ރާނީގެ ފައި ކައިރިއަށް ދުންޔާ ތިރިވި ތަނެވެ. ރާނީ ހައިރާންވެފައި އިންދާ ދުންޔާ ރާނީގެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ. ދުންޔާގެ ދެލޮލުން ކަރުނަ އޮހެން ފެށީ ރާނީ ބަލަބަލާ އިންދައެވެ.
" އަހަރެން ރާނީ ކައިރީ އާދޭސް ކުރަން.. އަހަރެންގެ ލޫކަންއަށް ތިހާ ހިތްދަތިކަން ނުދީ.. އޭނަ ރާނީ ދެކެ އިންތިހާއަށް ލޯބިވޭ.. " ދުންޔާގެ އަޑުގައި ތުރުތުރެއް ހުއްޓެވެ.
" ކީ.. ކީކޭ ތިކިޔަނީ..އަހަރެންނަކަށް ނުވިސްނޭ.. ލޫކް އަހަރެންނަށް އޮޅުވާލީ.. އޭނަ އަހަރެންނާއެކު ބޭއްވީ ވަގުތީ ގުޅުމެއް.. އަހަރެންނަކީ ލޫކަން ރާއްޖެއިން ބޭރުގައި ހޭދަ ކުރި ދުވަސްތަކުގައި ފޫހި ފިލުވާލަން ގެންގުޅު މީހެއް.." ރާނީގެ އަޑުގައި ރިހުމެއްވިއެވެ.
" ނޫން ރާނީ... ތީ ހީކުރަނީ މުޅިން ނުބައިކޮށް... ދުއާ އާ އޭނަ ކައިވެނި ކުރަން އުޅެނީ ފަހަރެއްގައިވެސް ދުއާ ދެކެ އެފަދަ ގޮތަކަށް ލޯބިވާތީކީ ނޫން.. އެދެމެދުގައި އޮތް ގާތް ދުވަސް ވީ އެކުވެރިކަމާއި ދުއާގެ ކާފަ ރިޒާއަށް ޓަކައި ދެވިފައިވާ އިޙްތިރާމާއި ޤަދަރެއްގެ ސަބަބުން.. ރިޒާބެ ލޫކަންއަށްޓަކައި ކޮށްދިން ކަންތައްތަކުގެ ބަދަލެއްގެ ގޮތުން.. ލޫކަން އަބަދުވެސް ލޯބިވީ ރާނީ ދެކެ.. ހަމައެކަނި ރާނީ ދެކެ.. ލޫކަން މާކުރިން އަހަރެންނަށް ރާނީގެ ވާޙަކަތައް ކިޔައިދިން.. އަހަރެންގެވެސް އެދުމާއި އެކު އޭނާ ދުއާއާ ކައިވެނި ކުރަން އެއްބަސްވީ... އެކަމަކު މިހާރު އަހަރެންނަށް އިހުސާސްވެއްޖެ މިއީ ހެދެން އުޅޭ ބޮޑު ގޯހެއް ކަން.. ރާނީއަށް އިހުސާސްވެސް ނުވާނެ ލޫކަން ރާނީ ދެކެ ލޯބިވާވަރު.. ރާނީއަށްޓަކައި ލޫކަން ކަރުނަ ނާޅާ އެންމެ ދުވަހެއްވެސް ނުދާނެ... މީގެ ކުރިން ދުވަހަކުވެސް އެއްވެސް ކަމަކާ އަހަރެންގެ ކުރިމަތި ރޮއެފާ ނުވާ ލޫކަން ރާނީއަށްޓަކައި ގިސްލަމުން ކަރުނަ އެޅިއިރު އަހަރެން ހިތް ފިސް ފިސް ނުވީ ކިރިޔާ... އޭނަ އެހުރީ ރާނީގެ ލޯބީގައި އާވާރާވެ ދީވާނާވެފައޭ ބުންޏަސް ދޮގަކަށް ނުވާނެ.. އަހަރެން ރާނީ ކައިރީ މިވާޙަކަތަށް ދައްކަން މިޖެހުނީ އެހެން ގޮތެއް ނެތިގެން.. " ވާޙަކަ ދައްކަމުން ގޮސް ދުންޔާއަށް ރޮވިއްޖެއެވެ. ރާނީގެ ރަތްވެފައިވާ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށީ ހިތަށް ކުރި ފުން އަސަރުންނެވެ. ދުންޔާ ރާނީގެ ކުރިމަތީގައި ދެއަތް ހުޅުވައިލުމުން ހައިރާންވެފައި އެ ދެއަތަށް ރާނީ ބަލައިލިއެވެ.
" އަހަރެންގެ ލޫކަންގެ އުފަލަށް އެދި ރާނީ ގާތުގައި އަހަރެން އާދޭސް ކޮށް ސަލާން ޖަހަން.. ހެޔޮނުވާނެ އަހަރެންގެ ލޫކަންއަށް އޭނާއަށް ހައްޤުވާ ލޯބި ދީ.. " އާދޭހުގެ ރާގެއްގައި ރޮމުން ދުންޔާ ބުންޏެވެ. ރާނީގެ ހިތަށް ކުރި ފުން އަސަރާއެކު ދުންޔާގެ ދެއަތުގައި ހިފާ ތިރިކޮށްލައިފިއެވެ.
" ހެޔޮނުވާނެ ތިހެން ނުބުނޭ ދައްތާ.. ތިކަމަށް މިހާރު މާ ލަސްވެއްޖެ ކަންނޭނގެ.. ދުއާ އަކީ އަހަރެންގެ ދައްތައެއް ފަދަ ހިތްހެޔޮ ގާތް އެކުވެރިއެއް.. އޭނާގެ އުފަލަށް އަހަރެން ހުރަސް އަޅާނީ ކިހިނެއް.. " ރާނީ އިންތަނުން ތެދުވަމުން ބުންޏެވެ. އެއާއެކު ދުންޔާވެސް ތެދުވެއްޖެއެވެ. ރާނީގެ ކުރިމައްޗަށް ހުއްޓެމުން އޭނާ މަޑުން މަޑުން ރާނީގެ ކޮނޑުގައި ދެފަރާތުން ހިފަހައްޓާލިއެވެ.
" ތިކަން އެނގޭ.. ދުއާ ދެރަވާނެކަން އެނގޭ.. އެކަމަކު ލޫކަންއާ އެކު އުޅެގެންވެސް އޭނާއަށް ލިބޭނީ ވަކި ކޮށް އުފަލެއް.. ލޫކަން ދުއާ އަށް ގޮތެއް ނުހަދާނެ ކަން އެނގޭ.. އެކަމަކު ލޯބި.. ؟ ލޫކަންގެ ހިތުން ރާނީ ފޮހެލާނީ ކިހިނެއް.. ރާނީ ދެކެ ވާ ލޯބި ދުއާއަށް އޭނާ ދޭނީ ކިހިނެއް.. ދުއާއަށް ހަޤީޤަތް ކިޔައިދިނުމުން އޭނާއަށް ވިސްނޭނެ.. އަހަރެން ދުއާއަށް ވިސްނައިދޭނަން.. ދުއާ އަކީ ހެޔޮ ނުބައި ވިސްނޭނެ ކުއްޖެއް.. އެހެންވީމަ އަދި ލަހެއް ނުވޭ.. އަހަރެންނަށް އެނގޭ ރާނީވެސް ލޫކަންއާ ދުރުވާން ތިއުޅެނީ ލޯބި ނުވާތީ ނޫންކަން.. ރާނީވެސް ލޫކަން ދެކެ ލޯބިވާވަރު ތިދެލޮލުން ހާމަ އެބަވޭ.. ހެޔޮނުވާނެ ރާނީ.. އަހަރެންގެ ލޫކަންއަށް ހަމަ އެންމެ ފުރުސަތެއް ދީ.. އެހެންނޫނީ ރާނީއާ ނުލާ އޭނާ ދުނިޔެއިން މޮޔަވެދާނެ.. " ރާނީއަށް ވިސްނައިދެމުން ދުންޔާ ބުންޏެވެ. ރާނީ އަށް ވަކި އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ދޮރުމަތިން ލޫކަން ގޮވައިލި އަޑު އިވުނެވެ. އެއަޑަށް ބަލައިލީ ރާނީއާއި ދުންޔާ އެކުއެކީގައެވެ. ހައިރާންވެފައި ހުރި ލޫކަން އެއްފަހަރު ދުންޔާއަށް އަނެއް ފަހަރު ރާނީއަށް ބަލައިލައެވެ. ދެމީހުންގެ ލޮލުންވެސް ކަރުނަ ފެންނާތީ ދެކެވެނީ ކޮންވާޙަކައެއް ބާއޭ ހިތަށް އަރާފައެވެ.
" ދޭ..! ލޫކް ކައިރިއަށް ދޭ!! ގޮސް ބުނޭ.. ބުނޭ ލޫކްއާ ދުރުވާކަށް ބޭނުމެއް ނޫނޭ.. މަންމަ އިންނާނަން ކޮޓަރީގައ.. " ހަމައެކަނި ރާނީއަށް އިވޭ ވަރަށް ދުންޔާ ބުންޏެވެ. ރާނީ ހިންދިރުވާލަމުން އެއްޗެކޭ ބުނަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން ދުންޔާ އަވަސް ހިނގުމެއްގައި ގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.
ރާނީ މަޑުމަޑުން ލޫކަންއާ ދިމާލަށް އެނބުރުނެވެ. އޭނާގެ ސިކުނޑީގައި ބުރުޖަހަމުން ދިޔައީ ދުންޔާ ދެއްކި ވާޙަކަތަކެވެ. ކައިވެނި ކުރަން މަޖުބޫރުވީ ކަމަށް ބުނެ ލޫކަން ބުނީ ތެދުވާހަކައެއް ކަމަށް މިހާރު ރާނީއަށް ޤަބޫލުކުރެވިއްޖެއެވެ. ލޫކަން ލޯބިވަނީ ހަމައެކަނި އޭނާ ދެކެ ކަން އަދި އެއީ ހަޤީޤީ ލޯބިކަން ދުންޔާ ދެއްކި ވާހަކަތަކުން ސާފުވެއްޖެއެވެ. އޭނާއަށް މިވީހާ ދުވަހު ލޫކަންއާ މެދު ދެކެވުނީ ކިހާ ގޯސްކޮށް ކަން އިހުސާސްވެ ދެރަވިއެވެ.
ރާނީ ބަލަން ހުރި ގޮތުން ހައިރާންވެފައި ލޫކަން ހުއްޓެވެ. ސުވާލު ކޮށްލުމަށް ކުރިއަށް ފިޔަވަޅެއް އަޅައިލިތަނުން ރާނީވެސް އޭނާއާ ދިމާއަށް އަންނަން ފިޔަވަޅު އަޅަން ފެށިއެވެ. ނުވެސް ވިސްނާ ހުއްޓާ ރާނީ އެއައި ގޮތަށް އައިސް ލޫކަންގެ ގައިގައި ބައްދާލައިފިއެވެ. ހައިރާންވެ އަންތަރީސްވެފައި ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި ލޫކަންއަށް ހުރެވުނެވެ.
" އަހަރެންނަށް މާފު ކުރޭ ލޫކް.. އަހަރެންނަށް އެނގޭ ލޫކް އަހަރެން ދެކެ ވަރަށް ލޯބިވާކަން.. އަހަރެންވެސް ލޫކްދެކެ އިންތިހާއަށް ލޯބިވޭ.. " ލޫކަންގެ ކަރުދަށުގައި މޫނު ފޮރުވައިގެން އޮވެ ރާނީ ބުނެލިއެވެ. އެހިނދު ލޫކަންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ލޮލުން ފާއްދައިލީ އުފާވެރިކަމުގެ ކަރުނައެވެ. ރާނީގެ ހަށިގަނޑުގައި އަތް ވަށާލުމާއެކު ބާރުކޮށްލިއެވެ.
" އަހަރެންނަށް ލޫކްއާ ވަކިން ނޫޅެވޭނެ.. ޕްލީޒް ދުއާ އާ ކައިވެނި ނުކުރޭ.. އަހަރެންނަށް އެނގޭ ލޫކް ދުއާ އާ ކައިވެނި ކުރަން ތިއުޅެނީ މަޖުބޫރުވެގެންކަން.. ދުއާ އާ ވާހަކަ ދައްކާނީ އަހަރެމެން ދެމީހުން.. ބުނާނީ އަހަރެމެން އެކަކު އަނެކަކު ދެކެ ލޯބިވެޔޭ.. އޭރުން ދުއާ އަށް ވިސްނޭނެ.. ޕްލީޒް ލޫކް.. ތީ ހަމައެކަނި އަހަރެންގެ މީހެއް.. ލޫކް އެހެން މީހެއްގެ ހައްޤަކަށް ވާތަން ބަލަން އަހަރެންނަށް ނުހުރެވޭނެ.. ޔޫ އާރ މައިން.. މައި ލޫކީ.. " ރާނީގެ ވާހަކަތަކުން ލޫކަންއަށް ލިބެމުން ދިޔައީ އިންތިހާއަށް އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. ވާޙަކަ ދައްކަން އަނގަ ހުޅުވާލާފައިވެސް އާހަކާއި އެކު ލައްޕައިލިއެވެ. ހަމައެކަނި ބޯޖަހައިލަމުން އޭނާ ރާނީގެ ތުނި ހަށިގަނޑު އޭނާގެ އަތުގެ ތެރޭގައި ފިއްތައިލިއެވެ.
*****************
އަސުރުކޮށްގެން ބަދޫރާ އަނެއްކާވެސް އައިސްވަނީ މަރިޔާދު ގެއަށެވެ. މިހާރަކަށް އައިސް އޭނާ އަބަދު ވަގުތު ހޭދަކުރަމުން ދާ ތަނަކީ އެއީ އެވެ. އުނދޯލީގައި އޮށޯވެ އޮވެ އޭނާ ވިސްނަމުން ދަނީ ކޮންކަމަކާ ކަން ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ. އެނގެނީ ކޮންމެވެސް ކަމެއް އޭނާއަށް އުނދަގޫ ކުރަމުން ދާކަމެވެ. އޭނާއަށް ހަމަ ނިދި ނުނިދޭތާ އެތައް ރެއެއް ވެއްޖެއެވެ. ވަރުބަލިކަމުގައި ސީލިންގާ ދިމާލަށް ނަޒަރު ހުއްޓާލައިގެން އޮއްވާ ދޮރުމަތިން ނީޒާ މަންމާއޭ ކިޔާ ގޮވައިލި އަޑުއިވުނެވެ. ވިސްނުމަކަށް ގެއްލިފައި އޮތް ބަދޫރާ ބަލައިލީ ސިހިފައެވެ. ސައި ތަބަކެއް ހިފައިގެން އައިސް ހުރި ނީޒާއަށް އެތެރެއަށް ވަނުމަށް އޭނާ އިޝާރާތް ކުރިއެވެ. ނީޒާ ތަބަށް ހިފައިގެން އައިސް އަދަރާދަ ގޮނޑިތައް ކުރިމަތީގައި ހުރި މޭޒުމަތީގައި ބެހެއްޓިއެވެ. އެއަށްފަހު އޭނާ ޖޯޑަކަށް ސައި އަޅަން ފެށިއެވެ.
" ކޮބާ ހާރޫންގެ ހަބަރެއްވިތަ؟ " އޮތްތަނުން ތެދުވަމުން ބަދޫރާ ވާހަކަ ދެއްކިއެވެ.
" ނޫން.. ގުޅީމަ ފޯނެއްވެސް ނުނަގާ.. ވެދާނެ މާ ބުރައީ ކަމަށް.. " ބަދޫރާއަށް ސައިތަށި ދިއްކޮށްލަމުން ނީޒާ ބުންޏެވެ. ބަދޫރާ ހަމައެކަނި ބޯޖަހައިލިއެވެ.
" މަންމާ.. އަހަރެން އަސްލު ވާހަކައެއްވެސް ދައްކާލަންވެގެން މިއައީ.. " ނީޒާ ބުންޏެވެ. ކުރިއަށް ގެންދާށޭ ބުނާ ފަދަ ގޮތަކަށް ބަދޫރާ ބުމަ އަރުވައިލިއެވެ.
" މަންމަ ރާނީއާ އެއްކަލަ ވާހަކަ ދައްކައިފިންތަ؟ މިހެން ހުއްޓަ ރާނީ އެހެން މީހަކާ ރައްޓެހިވިއްޔާ ކިހާ ދެރަ.." ނީޒާ ބުންޏެވެ.
" ތީ ދެން މިހާރު ބޭކާރު ވާހަކައެއްނު.. އެދުވަހު ނީޒާ ރާނީއާ ދިމާލަށް އެއްޗެތި ނުގޮވައިގަތްނަމަ އެކަންވެސް ނިމިފައި ކަންނޭނގެ އޮތީހީ.. " ބަދޫރާ ހިތްހަމަނުޖެހިފައި ބުންޏެވެ.
" ރާނީގެ ކުށެއް ނެތިއެއް ނޫނެއްނު އަހަރެން އެއްޗެހި ގޮވީއެއް.. އެވަރުންވެސް އޭނާއަކަށް ނޭނގުނު ވިއްޔާ މާފަށް އެދޭކަށް.. "
"އަހަރެން ދެކޭ ގޮތުގައި މާފަށް އެދެން ޖެހޭ ވަރުގެ ކަމެއް ރާނީ ނުކުރޭ.. ނީޒާ ކޮންއިރަކުންތަ ހިތުގައި ތިއޮތް ނަފްރަތުގެ ހުޅުކޮޅު ނިވާލާނީ.. ކޮންމެ ގޮތަކަށް ކަންތައްވިޔަސް ހާޖަރު އެއީ އަހަރެންގެ ބަނޑުންވިހޭ ދަރިއެއް. އޭނާ އެއްޗެއްސާ މެދު ތިގޮތަށް ކަންތައް ކުރާތަން ފެނުނީމަ ހިތްހަމައެއް ނުޖެހޭ.. " ބަދޫރާގެ ވާހަކައިގެ މިސްރާބު ބަދަލުވީ އޭނާއަށް އިހުސާސްވެސް ނުވާ ހާލުގައެވެ. ނީޒާއާ ދިމާލަށް އެހެން ބުނެވުނީތީ ހުދު އޭނާވެސް ހައިރާންވެއްޖެއެވެ. ނީޒާވެސް ބަދޫރާއާ ދިމާލަށް ބަލަހައްޓައިގެން އިނީ ހައިރާންވެފައެވެ. ބަދޫރާގެ ދުލުން ހާޖަރާމެދު އެހާ ހެޔޮބަހެއް އެއިވުނީ ފުރަތަމަ ފަހަރަށް ކަހަލައެވެ.
" ހޫން...!! މަންމަވެސް މިހާރު ދެން މާ އޭނާ މަތިން ހަނދާންވާ ކަމަށް ހެދޭނެ ކަމެއް ނެތް.. ކޮންމެ ގޮތެއް ވިޔަސް އަހަރެންގެ ބޭބެ މަރުވީ އޭނަގެ ސަބަބުން ނޫން ކަމުގައި ނުވާނެ.. އަހަރެން ދުވަހަކުވެސް ހާޖަރަށް މާފެއް ނުކުރާނަން.. މަންމަޔަށް ރާނީއާ ވާހަކަ ދައްކަން ނުކެރެންޏާ އަހަރެން ވާހަކަ ދައްކާނަން.. އަހަރެންގެ ދަރިންނަށް ރަނގަޅު ގޮތް ހޯދައިދޭނީ އަހަރެން.. " މިހެން ބުނެ ހިތްހަމަނުޖެހިފައި ނީޒާ އެތަނުން ނިކުތެވެ. ބަދޫރާ ދެފަރާތަށް ބޯހޫރައިލިއެވެ.
***********
ލިފްޓުގައި ހުރި ދުއާގެ ހިތްވަނީ އަވަސްވެފައެވެ. މިބައްދަލުވުން ދާނީ ކިހިނެއްބާއޭ ހިތަށް އަރާފައެވެ. ޓެރޭސްއަށް ދޮރު ހުޅުވާލުމާއެކު ދުއާ ނިކުތެވެ. ދެފަރާތް ހޯދައި ބަލައިލީ އާރަވް ކޮބައިތޯއެވެ. އެބޮޑު ޓެރޭސްގެ ހަތަރު ފަރާތުގައި ދިއްލާފައިވާ އަލިމަޑު ބޮކިން ތަނަށް ވެރިވެފައިވަނީ ފަނޑު އަލިކަމެކެވެ. ތަންކޮޅެއް ދުރުގައި ޖީބަށް އަތް ޖަހާލައިގެން އުޑާ ދިމާލަށް ބަލަން ހުރި އާރަވް ދުއާއަށް ފެނުނީ ހިޔަންޏެއް ހެނެވެ. މަޑުމަޑުން ކުރިއަށް ގޮސް ދުއާ އާރަވްގެ ފަހަތުގައި ހުއްޓުނެވެ.
" އައީތަ؟ " އާރަވް ބުނެލި އަޑުއިވުނެވެ. ދުއާ ވަކި ބަހެއް ނުބުނެއެވެ. އާރަވް ދުއާ އާ ވީ ފަރާތަށް އެނބުރުނެވެ. މަޑުމަޑުން ދުއާ އާ ކައިރިއަށް ފިޔަވަޅެއް އަޅައިލުމާއެކު ދުއާއަށް ފަހަތަށް ޖެހިލެވިއްޖެއެވެ.
" ކަންބޮޑުނުވޭ.. އަހަރެން އުޅުނީ ފަހު ފަހަރަށް ނަމަވެސް ތިއަތުގައި ހިފާލަން.. އެކަމަކު ދުއާ ނުރުހެންޏާ އަހަރެން އެކަމެއް ނުކުރާނަން. " އާރަވް އޭނާގެ އަތް ޖީބަށް ޖެހިއެވެ.
" ކީއްވެ ބައްދަލުކުރަން ބޭނުންވީ..؟ " ދުއާ އެހިއެވެ. އާރަވް އެހުރި ގޮތަށް ހުރެ އިސްޖަހާލަމުން ހިތި ގޮތަކަށް ހިނިތުންވެލިއެވެ. އެއަށްފަހު އިސްއުފުލާލައި ސީދާ ދުއާގެ ލޮލާއި ނަޒަރު ސީދާކޮށްލިއެވެ.
" އެންމެ ފުރަތަމަ ދުއާ އަހަރެންނަށް ފެނުނު ހިނދުން ފެށިގެން އަހަރެންގެ ހިތުގައި ދުއާގެ ސޫރާ ބިންވަޅު ނެގުނު. ނުވެސް އެނގި ހުއްޓާ ވެވުނު ލޯބި ދުވަހެއް ދުވަހަކަށް ދިޔައީ ވަރުގަދަވަމުން. އެލޯތްބަށް އަހަރެންނަށް ބާރެއް ނުފޯރުވުނު. ދެމީހުންގެ މެދުގައި އުފެދުނު ގާތް އެކުވެރިކަމަކީ އެލޯބި ވަރުގަދަވުމަށް މެދުވެރިވި އެންމެ ބޮޑު ސަބަބު ކަމުގައިވި. ދުއާގެ ކުރިމަތީގައި އެލޯބި ފާޅު ކުރަން ކިތަންމެ ފަހަރަކު ހިތަށް އެރި. އެހެނަސް ފަސްޖެހެވުނީ.. ލޯބި ކާމިޔާބުނުވެ އެންމެ ގާތް އެކުވެރިޔާވެސް އަބަދަށް ގެއްލިދާނެތީ. އެއްވެސް ގޮތަކުން ދުއާ އަހަރެންނަށް ގެއްލިއްޖެނަމަ އެކަން އަހަރެންނަށް ބަރުދާސްތެއް ނުކުރެވޭނެތީ. ތިލޯތްބަށް ހިތްކިޔާފައިވާލެއް ބޮޑުކަމުން އަހަރެންނަށް އިހުސާސް ނުކުރެވުނީ ތިހިތުގައި ޖަހަމުން ދިޔައީ އެހެން ވިންދެއް ކަމެއް. " އެހިސާބަށް ވާހަކަ ދިޔުމާއެކު އާރަވްގެ އަޑު ކުރެހި ދެލޮލަށް ކަރުނަ ޖަމާވިއެވެ. ދުއާވެސް ހިންދިރުވައިލިއިރު އެދެލޮލުގައި ކަރުނަ ވިދަމުން ދިޔައެވެ. އިސާހިތަކު ވައިގަދަވާން ފަށައިފިއެވެ. އުޑުމަތި ރަތްވެ ވާރޭވެހެން އުޅޭ ކަމުގެ އިޝާރާތެއް ކޮށްލިއެވެ. ނަމަވެސް އެކަން އިހުސާސްވާ ވަރަށް ވުރެ ދެމީހުންގެ ހިތާއި ސިކުނޑީގައި ދައުރުވަމުން ދިޔައީ ވަރުގަދަ ޖަޒުބާތެކެވެ.
" އެރޭ ހިނގައިދިޔަ ކަންތަކަށް އަހަރެންނަށް ދުއާ ކުށްވެރި ކުރެވުނީތީ އެކަމާ އިންތިހާއަށް ހިތާމަ ކުރަން. ހެއްދެވި ފަރާތް ދެނެވޮޑިގެންވާނެ ދުއާ އާ ދިމާލަށް ނަފްރަތުގެ ބަހެއް ބުނެލާ ކޮންމެ ފަހަރަކު އަހަރެންގެ ހިތް ކުދިކުދި ވެގެން ދޭ. އަހަރެންނަށް ބުނެވޭ ބަހެއްގެ ސަބަބުން ނުވަތަ ކުރެވޭ ކަމެއްގެ ސަބަބުން ދުއާ ދެރަވެ ރޯތަން ފެނުނީމައި އެތައް ހާސް މަރަކުން އަހަރެންގެ ހިތް މަރުވާ ކަހަލަ އިހުސާސެއް ކުރެވޭ. ދުއާ ދެރަކޮށްލާ ކޮންމެ ފަހަރަކު އެކަމުގެ އަދަބު އަހަރެންގެ އަމިއްލަ ނަފްސަށް ނުދޭ އެންމެ ދުވަހެއް ވެސް ނުދާނެ. ތި ލޯބި ހާސިލް ކުރެވޭތޯ އަހަރެން އެތައް މަސައްކަތެއް ކޮށްފިން. ތީ ހަމައެކަނި އަހަރެންގެ ހައްޤެކޭ ހިތަށް އެރި ދުވަސްކޮޅެއް ދިޔަ. އެތައް ގޮތަކުން ދުއާ ހާސިލް ކުރެވޭތޯ މަސައްކަތް ކުރިން. ނޭނގެ ކީއްވެ ކަމެއް.. ހީވީ ދުއާވެސް ލޯބިވަނީ އަހަރެން ދެކެއޭ.. އެހެންވެ އެވަރުން ތާރާ ކައިރީވެސް އެވާހަކަތައް ދެއްކީ. އެކަމަކު މިހާރު އިހުސާސްވެއްޖެ އަހަރެންނަށް ކުރެވުނީ ކުށްހީ އެއްކަން. ދުއާގެ ހިތުން ލޫކް ނޫން މީހަކަށް ޖާގައެއް ނެތްކަން އިހުސާސްވެއްޖެ. ލޯބި ހާސިލް ކުރަން އުޅެވުނީ ގަދަބާރުންކަން އެނގިއްޖެ. އެނގޭތަ؟ މިވާހަކަތައް ދެއްކުމަށްފަހު އަހަރެން ވިސްނީ ދުއާ އާ ވީހާވެސް ދުރަކަށް ދާން. އެހެން ރަށަކަށް ނޫނީ ގައުމަކަށް ދިރިއުޅުން ބަދަލުކުރާން.. އެކަމަކު. އެހިތްވަރެއްވެސް އަހަރެންގެ ކިބަޔަކު ނެތް. ދުއާ އާ ދުރުގައި އުޅެން އަހަރެންނަށް ދަސްވާނެ ހެނެއް ހިޔެއް ނުވޭ. ހިތަށް ލިބޭ އިންތިހާ ވޭނާ އެކުވެސް ބޭނުންވަނީ ދުއާ ފެންނަ ހިސާބުގައި ހުންނަން. އެކަމަކު ދެން އިރާދަކުރެއްވިއްޔާ އަހަރެންގެ ފުށުން ދުއާ ދެރަވާ ކަހަލަ އެއްވެސް ކަމެއް ނުވާނެކަމަށް ވައުދުވަން. ހަނދާން ކުރާތި.. އަހަރެން އަބަދުވެސް ދުއާގެ އިންތިޒާރުގައި ހުންނާނަން. ފަހު ނޭވަޔާ ޖެހެންދެން ތި ލޯތްބަށް އިންތިޒާރު ކުރާނަން. މަންޒިލް ކުރިމަތީގައި ވި ނަމަވެސް އެމަންޒިލަށް ދެވެން އޮތް ރާސްތާގައި އަހަރެން މަޑުކޮށްގެން ހުންނާނަން. " އާރަވްގެ ދެކޯތާފަތް ކަރުނުން ތެމިފައިވިއެވެ. ދުއާ ނުރޯން މަސައްކަތް ކުރަމުން ތުންފަތުގައި ދަތް އަޅާލައިގެން ހުއްޓެވެ. ވާރޭ އޮއްސާލީ ކުއްލިއަކަށެވެ. އޭގެއިން ސަލާމާތްވާން އެކަކުވެސް ބޭނުމެއް ނުވާ ކަހަލައެވެ. ނުވަތަ އެމީހުންނަށް އެކަމުގެ އިހުސާސްވެސް ނުވަނީއެވެ. އާރަވް މަޑުމަޑުން ދުއާ އާ ގާތަށް ޖެހިލިއެވެ. މިފަހަރު ދުރަށް ދާކަށް ދުއާ ނޫޅުނެވެ. ދުއާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލުމަށްފަހު އާރަވް ދުއާގެ ނިތުގައި ބޮސްދިނެވެ. އެހިސާބުން ކެތްތެރިކަން ކޮޅުންލައި ދުއާގެ ލޮލުން ކަރުނަ އޮހެން ފެށިއެވެ. އެވަގުތު ވާރޭ ނުވޭހެނަމަ ދުއާ ރޯކަން އާރަވްއަށް އެނގުނީހެވެ. ދުއާ ފަސްދީ އާރަވް ދާން ހިނގައިގަތެވެ. އަނގައިން އާހެއް ނިކުތުމާއެކު ދުއާއަށް ރޯން ފެށުނެވެ. އެނބުރި އާރަވް ދާ ދިމާލަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ ހިތް ފިސްފިސްވާ ކަހަލައެވެ. އެހިތުގައި އާރަވްއަށްޓަކައި އޮތް އިންތިހާ ލޯބި އިހުސާސްވީ އަދި ކިރިޔާއެވެ. ޖަޒުބާތުގައި ޖެހި ދުއާ އަށް އާރަވްއަށް ބާރަށް ގޮވައިލެވިއްޖެއެވެ. އެހިނދު އާރަވް އެނބުރުނެވެ. އާރަވްއާ ދިމާލަށް ދުއާއަށް ދުއްވައިގަނެވުނީ ބޭއިޙްތިޔާރުގައެވެ. ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި އާރަވް ހުއްޓާ ދުއާ އައިސް އޭނާގެ ގައިގާ ބައްދައިގަތެވެ. އެހިނދު ހަށިގަނޑު ކޮންޓްރޯލް ކުރުމަށް އޭނާ ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ.
ނުނިމޭ... ވާހަކައިގެ އާބައެއް، އިންޝާﷲ 22 ސެޕްޓެމްބަރ ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް