ވާހަކަ: މަންޒިލް ތިޔޭ - ތިރީސް އެއްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... " އަހަރެން މީތި ގެންދިޔަ ވާހަކަ ނީޒާ ކައިރީގައި ނުބުނާތި.. " އެމީހާ އެ އަލްބަމްގައި ހިފަމުން ބުންޏެވެ. މޫމިނާ ބޯޖަހައިލުމުން އެމީހާ އަލްބަމް ހިފައިގެން އެތެރެއަށް ހިނގައިގަތެވެ...

11 Aug 2022 | 18:57

ކުރީގެ އަދަދާއި ގުޅޭ...

" އަހަރެން މީތި ގެންދިޔަ ވާހަކަ ނީޒާ ކައިރީގައި ނުބުނާތި.. " އެމީހާ އެ އަލްބަމްގައި ހިފަމުން ބުންޏެވެ. މޫމިނާ ބޯޖަހައިލުމުން އެމީހާ އަލްބަމް ހިފައިގެން އެތެރެއަށް ހިނގައިގަތެވެ.

**************

ރޯން އިން ރާނީގެ އެއްފަރާތުގައި ސާރާ އޭނާއަށް ހިތްވަރު ދޭން އިނެވެ. އަނެއް ފަރާތުން ފެންތައްޓެއް ހިފައިގެން އައިސް ރަފާ ރާނީއަތަށް ދިއްކޮށްލިއެވެ. ފެންތަށީގައި ހިފުމަށް އިންކާރު ކުރަމުން ރާނީ ދެފަރާތަކަށް ބޯހޫރައިލިއެވެ.

" ތިހާ ހިތްވަރު ދެރަވެގެން ކިހިނެއް ހަޤީޤަތް ހޯދަނީ.. ތިކަހަލަ ކިތަންމެ ކަމަކާ އަދި ކުރިމަތިވާނެ... އެހެންނޫނަސް ނީޒާގެ ގޮތް އެނގެއެއްނު.. މީހަކާ ދިމާލަށް ބުނަން ވަކި އެއްޗެއް ނޯންނާނެ.. ދައްތަ އޭރުވެސް ބުނީމެއްނު އެ އަލްބަމް އެތަނަށް ލި މީހަކީވެސް ނީޒާއޭ.. ހެޔޮނުވާނެ ދެން ހުއްޓާލަބަލަ ރާނީ.. " ސާރާ ބުންޏެވެ.

" ނީޒާ އެއްޗެހި ކިޔައިގެންނޭ ކިޔާފަ އަހަރެން ދެރައެއް ނުވޭ.. ދެރަވަނީ އަހަރެންގެ މަންމަގެ ފޮޓޯތަކަށް އެހާ އިހާނެތި ކޮށް ހިތީމަ.. މަޖުބޫރީއެއްގައި ބަނދެވި އަހަރެންނަށް އެއްވެސް ކަމެއް ނުކުރެވި ބަލަހައްޓައިގެން ހުންނަން ޖެހުނީމަ.. އަހަރެންގެ މަންމަގެ އަމިއްލަ މީހުން.... މާމަ އާއި ބޮޑުބެވެސް ބަލަހައްޓައިގެން ހުރިއިރު އެމީހުންގެ ހިތަށް ކުޑަވެސް އަސަރެއް ކުރިހެނެއް ހިޔެއް ނުވޭ.. އަހަރެންގެ މަންމަގެ ކުށަކީ ކޮބާ.. ލޯބިވާ މީހާއާ ކައިވެނި ކުރުންތަ؟ " ރާނީ ގިސްލަމުން ސާރާގެ ކޮނޑުގައި ބޯ އަޅައިލިއެވެ.

" ކެތްތެރިވޭ ދަރިފުޅާ! ހަޤީޤަތް އެނގެންދެން ކެތްކޮށްލާ.. " ރާނީގެ ބޮލުގައި ފިރުމަމުން ސާރާ ބުންޏެވެ.

" އެހެންވީމަ ރާނީގެ ދައްތަގެ މަރާލީ ނީޒާ ކަމަށް ބަލަންވީތަ؟ " ވަރަށް ވިސްނަން އިނދެފައި ރަފާ އެހިއެވެ.

" ނޫން!! އަދި ޔަގީން ކުރެވޭކަށް ނެތް.. އެކަމަކު ނުކުރެއެކޭވެސް ނުބުނެވޭނެ.. މަންމައަށް އެވަރުގެ ނަފްރަތެއް ކުރާ މީހަކު މަންމަގެ ދަރިއަކަށް ކޮންމެ ފަދަ ގޮތެއްވެސް ހަދައިފާނެ.. " ދެލޯ ފޮހެމުން ރާނީ ބުންޏެވެ.

***************

ނީޒާ ފެންވަރައިގެން ނިކުމެ ނިދާ ހެދުން ލިއެވެ. އަތަށް ލޯޝަން ކޮޅެއް އެޅުމަށްފަހު ދެއަތުގައި ހާކަމުން އައިސް އެނދަށް އެރިއެވެ. ފޯނަށް ނަޒަރު ހުއްޓާލައިގެން އޮތް ހާރޫންއަށް އިރުއިރުކޮޅާ ނީޒާއަށް ބަލައިލެވެއެވެ. މިއަދު ހިނގައިދިޔަ ކަންތައްގަނޑަށްފަހު ހާރޫން އޮންނަނީ ހިމޭންވެފައެވެ. އޭނާގެ ސިކުނޑި ހިޞާރުކޮށްފައިވާ ކަމަކާމެދު ނީޒާއަށް ޝައްކެވެ. މާގިނައިރު އަނގައިން ނުބުނެ ނީޒާއަށް ނީނދެވުނެވެ.

" ކިހިނެއްވެފަ ތިއޮންނަނީ.. އަހަރެން ދެކެ ހިތްހަމަ ނުޖެހިފަތަ؟ " ނީޒާގެ އަޑުގައި ރުންކުރު ކަމެއްވިއެވެ.

" އަހަރެން ހިތްހަނަނުޖެހިފަ އޮތަސް އެކަމުން ނީޒާއަށް ލިބޭނެ ދެރައެއް އޮންނާނެހެން ހިޔެއްނުވޭ.." ހާރޫން ފޯނަށް ބަލަހައްޓައިގެން އޮވެ ބުނެލިއެވެ.

" އާނ! ހާރޫން ކިތަންމެ ހިތްހަމަނުޖެހުނަސް އަހަރެން ބުނަން ބޭނުންވާ އެއްޗެއް ބުނާނަން.. ހާރޫން ހަނދާން ނެތުނަސް އަހަރެން އެއްވެސް ކަމެއް ހަނދާނެއް ނުނެތޭ.. ހާޖަރުގެ ސަބަބުން ލިބުނު ގެއްލުމެއް ލިބުނީ އަހަރެންނަށާއި އަހަރެންގެ އާއިލާއަށް.. އެއީ އަހަރެންގެ ބޭބެގެ ޤާތިލް.. އެކަން އަބަދުވެސް އަހަރެން ހަނދާން ބަހައްޓާނަން.. އަހަރެންނަށް ވެގެން ވަންޏާ އެހާޖަރުގެ ވަސްވެސް........... " ނީޒާ ބުނަން އުޅެފައި ހުއްޓުނެވެ.

" ހުއްޓާލާ ނީޒާ ހެޔޮނުވާނެ.. ޤަބޫލުކުރަން ހާޖަރު ކަންތައް ކުރީ ރަނގަޅަށް ނޫންކަން.. އަހަރެމެންގެ ހަޔާތުން ހާޖަރަށް ދެވޭނެ ޖާގައެއް މިހާރަކު ނެތް.. އެކަމަކު ލޭގެ ގުޅުން ކެނޑޭނެތަ؟ ކިތަންމެ މަސައްކަތެއް ކުރިޔަސް އެއީ އަހަރެންގެ ކޮއްކޮއަށް ނުވާ ކަމަކަށް ނުވާނެ.. އެއީ އަހަރެންގެ އެއްބަނޑުއެއްބަފާ ހުރި ހަމައެކަނި މީހަކީ.. ކިތަންމެ ރުޅިއަޔަސް އޭނާއޭ ކިޔައިގެން ތިގޮތަށް ވާހަކަ ދައްކަންދެން އަހަރެންނަށް އަޑުއަހާކަށް ނޯވެވޭނެ.. މިއަދު ނީޒާ ހެދި ގޮތުންވެސް އަހަރެން ވަރަށް ދެރަވި.. އެއްޗެކޭ ނުބުނީ މީހުންގެ ކުރިމަތީގައިވީމަ.. ނީޒާއަށް އިޙްތިރާމް ކުރާތީ.. " ހާރޫން ހިތްހަމަނުޖެހިފައި ބުންޏެވެ.

" ކޮއްކޮއޭ.!!. މިހާރުތަ ކޮއްކޮކަން އިހުސާސްވީ.. ކޮއްކޮ ކަން އޭރު އޭނަގެ ދަރިޔާ ވަކި ކުރިއިރަކު އިހުސާސެއް ނުވޭތަ؟ ކޮއްކޮ ކަން އޭރު ކޯޓުގައި އޭނައާ ދެކޮޅަށް ހެކިބަސް ދިންއިރު އިހުސާސެއް ނުވިތަ؟ " މަލާމާތުގެ ރާގެއްގައި ނީޒާ ބުންޏެވެ.

" އަހަރެންގެ ދުލުގައި ހިފާ ދަމަން ނޫޅޭ ނީޒާ.. އިތުރަށް ދެން އެންމެ ބަހެއް ބުންޏަސް އަހަރެން މިތަނުން ނިކުމެގެން ދާނަން.. " ފޯނު އެނދުމައްޗަށް އެއްލާލުމަށްފަހު އަނެއްފަރާތަށް ހާރޫން އެނބުރުނެވެ. ނީޒާވެސް ތުން އަނބުރައިލުމަށްފަހު އަނެއްފަރާތަށް އެނބުރި ބާލީހުގައި ބެއްދިއެވެ.

****************

ލެޕްޓޮޕް ކައިރީގައި މަސައްކަތެއް ކުރަން އިނުމަށްފަހު އާރަވް ނިދަން ވެގެން އެނދަށް ދިޔައިރު މެންދަމު އެކެއްޖަހާ ބޮޑުވެއްޖެއެވެ. ރަނގަޅަށް ލޯމަރާ ނުލެވިގެން އުޅެނިކޮށް ދޮރުގައި ޓަކި ޖަހާ އަޑުއިވިއްޖެއެވެ. ދާން މަސައްކަތަށް އޮތްތަނުގައި އޮވެ ކާކުތޯ އާރަވް ސުވާލުކުރިއެވެ. ވަކި ޖަވާބެއް ނުދީ އަނެއްކާވެސް ޓަކި ޖެހުމުން ކަންނެތް ކަމާއެކު އޮތްތަނުން ތެދުވެގެން ގޮސް އާރަވް ދޮރު ހުޅުވިއެވެ.

" ތާރާ..؟؟ މިގަޑީގަ..؟؟ " ދޮރުމަތީގައި ދެއަތް އުރާލައިގެން ހުރި ތާރާ ފެނުމުން އާރަވް ބުންޏެވެ.

" ބޭރަށް އާދެބާ.. ވާހަކައެއް ދައްކާލަން ބޭނުން.. " ތާރާ ބުންޏެވެ.

" ސީރިއަސްލީ.. މިގަޑީގައި؟ ތިވާހަކަ މާދަން ދައްކަން މަޑެއް ނުކުރެވޭނެތަ؟ " ގަޑިއަށް ބަލައިލުމަށްފަހު އާރަވް ބުންޏެވެ.

" ރެވް!!!! ނައު!! " ތާރާގެ އަޑުގައިވަނީ ސީރިއަސްކަމެވެ. އެދެލޮލުން ހިތްހަމަނުޖެހުން ފެންނަން ހުއްޓެވެ.

" ފައިން...... ތިކިޔާ އެއްޗެއް އަވަހަށް ކިޔާ.. އެންމެ ފަސް މިނެޓް ލިބޭނީ.. " ދޮރު ލައްޕައިލުމަށްފަހު އާރަވް ނިކުތެވެ.

" މިދައްކާ ވާހަކަ ވަރަށް ރަނގަޅަށް އަޑުއަހާތި!! ދުއާ އަހަރެންނަށް ހުރިހާ ވާހަކައެއް ކިޔައިދީފި... އެރޭގަ ތިދެމީހުންގެ ދެމެދުގައި ހިނގި ހުރިހާ ކަމެއް.. އަހަރެން ހިޔެއް ނުކުރާނަން ރެވް ތީ ތިހާ އަމިއްލަ އެދުން ބޮޑު މީހެއްކަމަކަށް... އެރޭ ދުއާ އިނީ ހަމެހޭގަ ނޫނަސް ރެވް އިނީ ހަމަހޭގަ ނޫންތަ؟ ރެވް އެރޭ ދުއާގެ ފައިދާ ނެގީ.. ރަހުމަތްތެރިޔަކާ މެދު އެގޮތަށް ކަންތައް ކުރަން ވެދާނެތަ؟ ޔޫ އާރ ސޯ ޗީޕް އާރަވް.. "

" ޝަޓް އަޕް ތާރާ.. ތިކިޔޭ އެއްޗެއް އެބައިނގޭތަ؟ ދުއާ ތަ ބުނީ އަހަރެން އޭނަގެ ފައިދާ ނެގީއޭ.. އަހަރެންނަށްވުރެ ކަލޭމެންގެ ވިސްނުން ޗީޕް ކަންނޭނގެ.. " އާރަވް ކައިރިއަށް ރުޅި އަންނަ ގޮތްވިއެވެ.

" ޔޫ ޝަޓް އަޕް އާރަވް..!! ހީނުކުރާތި ދުއާ އެކަނިން އުޅޭ ކުއްޖަކަށްވީމަ އޭނައަށް ބޭނުން ގޮތެއް ހެދިދާނޭ.. އެއްވެސް މީހަކު ނެތަސް އަހަރެން އަބަދުވެސް އޭނައާއެކު ހުންނާނަން.. އަހަރެން ވަރަށް ބޭނުން މިވާހަކަ ލޫކްއަށް ކިޔައިދޭން.. އެކަމަކު އޭނައަށް އެނގިއްޖިއްޔާ އިންތިހާއަށް ދެރަވާނެ.. އަހަރެން މިދިނީ އިންޒާރެއްތާ.. އޭނަ އަތް ފައިވެސް އިސްކޮށްފާނެ... އެހެންވީމަ ޖަސްޓް ސްޓޭ ދަ ހެލް އަވޭ ފްރޮމާ ހާރ.. " އާރަވްއާ ދިމާލަށް އިނގިލި ދިއްކޮށްލަމުން ދަތްކުޑިވިކާލައިގެން ހުރެ ތާރާ ބުންޏެވެ. އެއަށްފަހު ބާރު ހިނގުމެއްގައި ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިފިއެވެ. ދެއަތް މުށްކެވި އާރަވްގެ ދަތްތަކަށް ބާރުވެގެން ދިޔައީ އައި ރުޅިއެއްގެ ސަބަބުންނެވެ.

***************

ނިދަން އޮވެފައި ދުންޔާއަށް ހޭލެވުނީ ފާހާނައަކަށް ދާން ޖެހިގެންނެވެ. ފާހާނައަށް ގޮސްފައި އައިސް އެނދަށް އަރަން އުޅުނު ވަގުތު ޓީވީގެ އަޑުއިވިފައި ދުންޔާ މަޑުޖެހުނެވެ. ގަޑިން ދޭއް ޖަހަން އުޅެނީއެވެ. މިވަގުތު ލޫކަން ހޭލާ ކީއްކުރަނީބާއޭ ހިތަށް އަރާފައި ދުންޔާ މަޑުމަޑުން އޭނާގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި ނިކުތެވެ. ދުންޔާއަށް ފެންނަނީ ސޯފާގައި އިން ލޫކަންގެ ފުރަގަހެވެ. މަޑުމަޑުން ކުރިއަށް ދަމުން ދުންޔާ ލޫކަންގެ ނަމުން ގޮވާލިއެވެ. އެހެނަސް ލޫކަންގެ ހަބަރެއް ނުވިއެވެ. ނިދާފައި ބާއޭ ހިތަށް ދުންޔާގެ ހިތަށް އެރިއެވެ. ސޯފާގެ ފުރަގަހުން ހުއްޓެމުން ދުންޔާ ބޯއަރިކޮށްލާފައި ބަލައިލިއެވެ. ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިންނަމަވެސް އޭނާ ޓީވީ ބަލަނީ ނޫންކަން ދުންޔާއަށް އެނގުނީ ލޮލުގައި ވިދަމުން ދިޔަ ކަރުނަތައް ފެނިފައެވެ. ހިތަށް ކުރި ފުން އަސަރާއެކު ދުންޔާ ލޫކަންގެ ކޮނޑުގައި އަތްއަޅައިލިއެވެ. އެވަގުތު ސިހިފައި އަތުގެ ނުފުށުން ލޫކަން ދެލޯ ފޮހެލިއެވެ.

" މަންމާ..!! ކިހިނެއްވީ؟ " ލޫކަން ކަންބޮޑުވެފައި އެހިއެވެ.

" ކަމެއްނުވޭ... ޓީވީގެ އަޑުއިވޭތީ މަންމަ ނިކުތް އިރު ލޫކް އިންތަން ފެނުނީމަ އައީ.. ކިހިނެއްވީ މިގަޑީ މިތާ ތިއިނީ.. ނުނިދަނީތަ؟ ހެނދުނާ ހޭލަން ޖެހެއެއްނު.. " އޭނާއަށް ކަމެއް އެނގޭކަމަށް ނުހަދާ ދުންޔާ ބުންޏެވެ.

" ހަވީރު ނިދުނީމަ ނިދި ނައިސްގެން.. މިހާރު ނިދަން  ދާން ވެގެން މިއުޅެނީ.. މަންމަވެސް ދޭ އަވަހަށް ނިދަން.." ލޫކަން ޓީވީ ނިއްވާލަފައި ތެދުވިއެވެ. އޭނާ ގޮސް ކޮޓަރިއަށް ވަންނަންދެން ދުންޔާ ބަލަހައްޓައިގެން ހުއްޓެވެ. އަންހެން ކުއްޖަކަށްޓަކައި އޭނާގެ ދަރިފުޅު އެވަނީ ދީވާނާ ވެފައެވެ. އެކުއްޖާއަށްޓަކައި މިހާރަކަށް އައިސް އަބަދު އެދަރިފުޅު ކަރުނަ އޮއްސާ މަންޒަރު އޭނާއަށް ފެނެއެވެ. ލޫކަންއަކީ ކަންކަމުގައި ވަރަށް ހިތްވަރުގަދަ ކުއްޖެކެވެ. އެކުއްޖާއަށްޓަކައި އޭނާގެ ލޮލުން ކަރުނަ އޮހަރާނީ ހިތުގައި އެކުއްޖާއަށްޓަކައި ސާފު ތެދުވެރި ލޯބިވާތީކަން ކަށަވަރެވެ.

************

ހެނދުނުގެ ނާޝްތާ ކުރަން ތިބިއިރު ތަނަށް ވެރިވެފައިވަނީ ހިމޭންކަމެވެ. މޭޒުގެ މެދަށް ވާ ގޮތަށް އަމާން އިރު އެއްފަރާތުގައި އިން ރަޔަން ހިމޭންކަމާއެކު ކަމުން ދިޔައެވެ. އަނެއްފަރާތުގައި ހާޖަރު ވާހަކައެއް ދައްކަން ބޭނުންވެގެން އުޅޭ ފަދައަކުން އިރުއިރުކޮޅުން ރަޔަންއަށް ބަލައިލައެވެ.

" ރަޔަން... !! ދަރިފުޅު ތިގޮތަށް ދެރަވެފައި އިންނާތީ މަންމަ ވަރަށް ދެރަވޭ... " އެންމެ ފަހުން ހާޖަރު ބުނެލިއެވެ.

" އަހަރެން ދެރައެއްނުވެޔޭ މަންމާ.. ތީ ހަމަ ހީވާގޮތް.. ރާނީގެ ހަބަރެއްވިތަ މަންމާ..؟ " ވާހަކައިގެ މިސްރާބު ބަދަލުކޮށްލަން މަސައްކަތް ކުރަމުން ރަޔަން އެހިއެވެ.

" ދަރިފުޅު ތިހެން ދެރަވެފައި އިންނާކަށް ނުޖެހޭނެ.. ރާނީއާއި ރަޔަންގެ އުފަލަށްވުރެ މުހިންމު ކަމެއް މަންމައަކަށް ނެތް.. އެހެންވެ މަންމަ ނިންމައިފިން ޔައުލާގެ މައިންބަފައިން ބޭނުންވާ ގޮތަށް ރާއްޖެއަށް ދާން އެއްބަސްވާން.. " ހާޖަރުގެ ފަހު ޖުމްލައާއެކު ރަޔަން ހުރިހާ ދަތްތަކެއް ފެންނަވަރަށް ހިނިތުންވެލިއެވެ.

" އަސްލުވެސްތަ މަންމާ..؟ " ޖޯޝާއެކު ރަޔަން އެހިއެވެ. ހާޖަރު ބޯޖަހައިލިއެވެ.

" އެކަމަކު އަދި ރާނީ ކައިރީ ނުބުނައްޗެ.. ސަޕްރައިޒްއެއް ދޭނީ.. " ހާޖަރު ބުންޏެވެ. ރަޔަން ހިނިތުންވެގެން އިނދެ ބޯޖަހައިލިއެވެ. ހިނިތުންވެލައިގެން އިނަސް އަމާންގެ ހިތްވަނީ ނުތަނަވަސް ވެފައެވެ. ކޮންމެ ގޮތެއް ހަދާފައިވިޔަސް އޭނަ ޖެހޭނީ ހާޖަރު އެކުރަން އުޅޭ ކަންތައް ހުއްޓުވާށެވެ. އެކަމަކު އެހެން ހަދައިފިނަމަ ރަޔަންގެ ހިތް ހަލާކު ވާނެއެވެ. ދެދަރިންވެސް އަމާންއަށް މުހިންމެވެ. އެހެނަސް ރަޔަން އުފާތައް ކަތިލާފައި ނަމަވެސް އޭނަ ރާނީއަށް އެއްބާރުލުން ދޭނެއެވެ. ކުރިން ވައުދުވެވުނީ ރާނީ ކައިރީގައެވެ. ރާނީ ކުރަން އެއުޅެނީވެސް ނުލާހިކު މުހިންމު ކަމެކެވެ. އެކަން ކާމިޔާބު ވެއްޖެނަމަ ހާޖަރު ރާއްޖެ ދިއުމަށް އެއްވެސް ހުރަހެއް ނުވާނެއެވެ. ލަހެއް ނުވެ ހާޖަރު އޭނާއާ ދުރުވެފައިވާ ދަރިފުޅު ލިބިދާނެއެވެ. އަމާން ބަހެއް ބުނުމުގެ ކުރިން ހިނިތުންވެފައިވާ ރަޔަން އަށް ބަލައިލިއެވެ. އެދަރިފުޅުގެ ހިތްހަލާކު ކޮށްލަން ޖެހޭތީ އޭނާގެ ހިތް ރޯލިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް އިންޝާﷲ،14 އޯގަސްޓް ވާ އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް