ދުއާ އެދައްކަނީ ކޮން ވާހަކައެއް ކަމެއް ނޭނގި ސުވާލުކުރަން ތާރާ އުޅުނެވެ. ނަމަވެސް އޭގެ ކުރިން ދުއާ ވާހަކަ ދައްކަން ފަށައިފިއެވެ.
" ވެގެން ނުވާނެ ވަރަކަށް ރެވްއާ ގާތްވެވެވުނީ އިޙްތިޔާރަކާ ނުލާ.. " ދުއާ ބުންޏެވެ. ތާރާގެ ދެލޯ ބޮޑުވެ އަނގަ ހުޅުވުނެވެ. ތާރާ ފަހަތް ބަލައިލިއިރު ދުއާ ހުރީ އިސްޖެހިފައެވެ.
" ވަޓް ޔޫ މީން.. ގާތްވެގެން ނުވާ ވަރަކަށޭ.. ޑިޑް ޔޫ ސްލީޕް ވިތް ހިމް.." ތާރާ ދުއާގެ ކޮނޑުގައި ހިފައި ތަޅުވައިލަމުން އެހިއެވެ.
" ވަޓް!! ނޯ!!.. ވީ ޖަސްޓް ކި......" ދުއާ ބުނަން އުޅުނެވެ. ނަމަވެސް އަތުގެ އިޝާރާތުން ތާރާ އެކަން މަނާކުރިއެވެ. ދެލޯ މަރައިލަމުން ތާރާ ދެފަރާތަކަށް ބޯހޫރައިލިއެވެ. ރުޅި ގަނޑު މަތަ ކުރަން މަސައްކަތް ކުރަމުން ތާރާ ދަތްކުޑިވިކައިލިއެވެ.
" ދުއާ ދެކެ ލޯބިވާކަމަށް ބުނެ ރެވް ދިނީ ކުޑަ ޝޮކެއް.. އެކަމަކު ދުއާ ތިދިން ޝޮކުން އަހަރެން ބަސް ހުއްޓިއްޖެ... ޔޫ އެންޑް ރެވް... ފޯ ގޯޑްސް ސޭކް ތިދެމީހުންނަކީ ލޫކްގެ އެންމެ ގާތް ދެ އެކުވެރިން.. ހައު ކުޑް ޔޫ ޑޫ ދިސް ޓު ހިމް.. އަހަރެން ދުވަހަކު ހީނުކުރަން ދުއާ ތިހާ ޗީޕް ވެދާނެ ކަމަކަށް.." ތާރާގެ އަޑުގައިވަނީ ހިތްހަމަނުޖެހުމެވެ.
" ހުއްޓާލާ ތާރާ!!! އެއީ އަހަރެން ގަސްދުގަ ކުރިކަމެއް ނޫން.. އަހަރެންނާ ތިމޭރުމުން ވާހަކަ ދެއްކުމުގެ ހައްޤެއް ތާރާ އަކަށް ލިބިގެން ނުވޭ.. އެއްޗެކޭ ބުނުމުގެ ކުރިން ކަމުގެ ދެކޮޅު ހޯދާ ބަލާބަލަ.. " ތާރާ އެމޭރުމުން ވާހަކަ ދެއްކުމުން ދުއާވެސް ހިތްހަމަނުޖެހުނެވެ. ރުޅި އައިސްފައި ހުރިނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި ދެލޮލުން ކަރުނަ ފާއްދާލިއެވެ. " މިހުރިހާ ކަމެއްވީ މީގެ ދެއަހަރު ކުރިން ތާރާގެ ވާން އުޅޭ ފިރިމީހާ ކުރިކަމަކުން.. ރެވްއާ އެކު އެގޮތަށް އަހަރެންނަށް އުޅެވުނީ ހަމަހޭގައި ހުރެގެނެއް ނޫން.. އަހަރެން ހީކުރީ މިހާ ދުވަސް ވާއިރު އަހަރެންގެ ގޮތް ތާރާއަށް އެނގޭނެކަމަށް.. އަހަރެންނަށް ފުރިހަމަ އިތުބާރު އޮތް ނަމަ ފުރަތަމަވެސް ތިފަދަ ބަހެއް އަހަރެންނާ ދިމާލަށް ނުބުނާނެ... އަހަރެން މިވަގުތު އެއްވެސް މީހަކާ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން.. ތާރާ އިހަށް މިތަނުން ދޭ.. "
ދުއާ ތާރާއަށް ފުރަގަސް ދިނެވެ. ތާރާ އެއްޗެކޭ ބުނަން އުޅުނެވެ. ނަމަވެސް ހިތްވަރެއް ނުލިބުނެވެ. ފުރަތަމަވެސް ވީގޮތް ނުބަލާ ދުއާ އާ ދިމާލަށް އެހެން ބުނެވުމުން ތާރާ ދެރަވެއްޖެއެވެ. އެކުވެރިއެއްގެ ހައިސިއްޔަތުން ފެއިލް ވެއްޖެ ކަމުގައި ހީކުރެވުނެވެ. މިވަގުތު ދުއާ އާ ވާހަކަ ދެއްކުން ރަނގަޅު ނޫން ކަމުގައި އެނގުމުން ދަބަސް ހިފައިގެން މަޑުމަޑުން ތާރާ އެތަނުން ނިކުތެވެ.
**************
ހަވީރުގެ ވަގުތެވެ. ސައި ބޮއެގެން ރާނީއާއި ރަފާ ސޯފާގައި ވާހަކަ ދައްކަން ތިއްބެވެ. ޖެހިގެން އިން ގޮނޑީގައި ބަދޫރާ ވާހަކަ ފޮތެއް ހިފައިގެން އިނެވެ. ކޮޓަރިން ނިކުމެގެން އައި އަނޫޝާ ތެތްވެފައިވާ އިސްތަށިގަނޑު މައްޗަށް އައްސަމުން އައިސް ރާނީމެންނާ ތަންކޮޅެއް ދުރުން ސޯފާގައި އިށީނެވެ. ޖީބުން ފޯނު ނެގުމަށްފަހު އޭނާ ނީޒާ ގޮވއިލުމަށްފަހު އެދުނީ ޗޮކްލެޓް ޝޭކް ތައްޓެއް ގެނެސްދިނުމަށެވެ. އެހިނދު ބަދޫރާ ފޮތުން ނަޒަރު ވަކިކޮށްލުމަށްފަހު އަނޫޝާއަށް ބަލައިލިއެވެ.
" ތިބުނާ އެއްޗެއް ބުނަން ތިތާ އިނދެ ހަޅޭއްލެވުމުގެ ބަދަލުގައި ކައިރިއަށް ގޮސް ބުނެބަލަ.. އެހެންނޫނީ ތިއަށްވުރެ ތަންކޮޅެއް މަޑުން ވާހަކަ ދައްކަން ދަސްކުރަން ވެއްޖެއްނު.. އަންހެން ކުދިން ތިހާ އަޑު ބާރު ކޮށް ވާހަކަ ދެއްކުމަކީ ހަޑިކަމެއް.. ހަމަ ބުނެބުނެ ވެސް އަނޫ އެކަން ރަނގަޅު ކުރާކަށް ނޫޅުނެއްނު.. " ބަދޫރާ ހިތްހަމަނުޖެހިފައި ބުންޏެވެ. އެހިނދު ރާނީއާ ރަފާ އަނޫޝާއާ ދިމާލަށް ބަލައިލިއެވެ. އަޅާވެސް ނުލާ ފޯނާ ކުޅެން އަނޫޝާ އިން ގޮތުން އެދެމީހުން އެކަކު އަނެކަކަށް ބަލައިލިއެވެ. ދެމީހުންވެސް ވާހަކަ ނުދެއްކިއެއް ކަމަކު އަނޫޝާ އިން ގޮތުން މަޖާވެގެން ބަނޑަށް ހެނީއެވެ.
ކޮޓަރިން ނިކުމެގެން އައި ސާރާ ގެ ދެއަތުގައި ދަބަހަކާއި ފޮއްޓެއް ހުއްޓެވެ. ރާނީ ސާރާއަށް ބަލައިލި ހިނދު ދެމީހުން ލޮލުގެ އިޝާރާތުން ކޮންމެވެސް ވާހަކައެއް ދައްކައިލިއެވެ. ރާނީ ބޯޖަހައިލުމުން ސާރާ ފޮށި ހިފައިގެން އައިސް އެތަނާ ތަންކޮޅެއް ދުރުން ބެހެއްޓިއެވެ.
" ތީ ކޮންކަމެއް ސާރާ؟ " އެމަންޒަރު ފެނި ބަދޫރާ އެހިއެވެ.
" މިފޮއްޓާ ދަބަސް އަލަމާރި މަތީގައި ހުންނަތާ ކިތަންމެ ދުވަހެއް ވެއްޖެ.. ރަފާ!!! ދޭބަލަ ރާނީއާ ދެކުދިން ގޮސް މިފޮއްޓާއި ދަބަސް ގުދަން ބަޔަށް ލާފަ އަންނަން.. " ސާރާ އެދުނެވެ. ރަފާ އިނީ ސާރާ އެހެން ނުބުނެގެން ކަހަލައެވެ. ރަފާ ގޮސް ފޮށީގައި ހިފުމުން ސާރާ ރާނީއަތަށް ދަބަސް ދިއްކޮށްލިއެވެ. ގުދަން ހުންނަނީ ގޯތީގެ ބިއްދޮށުގައި ކަމަށްވުމާއެކު އެމީހުން ދިޔައީ ބިއްދޮށީ ދޮރާ ދިމާލަށެވެ.
" ހަނދާން އެބަހުރި ދޯ ޕްލޭން.. " ދަމުން ދަމުން ރަފާ ސިއްރުން ރާނީ ކައިރީގައި އަހައިލިއެވެ. ރާނީ ބޯޖަހައިލިއެވެ. ގުދަނަށް ވަންއިރު ތަނަށް ވެރިވެފައި އޮތީ އަނދިރިކަމެވެ. ހިފާލާފައި ހުރި ފިލާކުނޑި ވަހެވެ. އެއްފަރާތެއްގައި ހުރި ސްވިޗް ބޯޑަށް ފިތައިލީ ރަފާއެވެ. އެއާއެކު ތަނަށް އަލިވިއެވެ. އެގޮތް މިގޮތަށް ހުރި ބާވެފައިވާ އެތައް އެއްޗެއް އެތަނުގައި ހުއްޓެވެ. ފަރުނީޗަރުތަކާއި ހިފައި ގެންގުޅޭ ތަކެއްޗެވެ. ފޮއްޓާއި ދަބަސް އެތަނަށް ދޫކޮށްލުމަށްފަހު އެންމެ ފުރަތަމަވެސް ރަފާ ގޮސް އެތަނުގައި ހުރި ބާ އަލަމާރިއެއް ހުޅުވައިލިއެވެ. އެވަގުތު އަޑެއް ކިޔައިގެން ދިއުމުން އެ އަލަމާރި ބާވެފައި ހުރިވަރު އެނގުނެވެ. އޭގެތެރެއިން ރަފާ ނެގީ އަލްބަމެކެވެ. ކިލާ ފޮޅައިލުމަށްފަހު ރާނީ އަތަށް ރަފާ އެއަލްބަމް ދިއްކޮށްލިއެވެ. އަލްބަމް ހުޅުވައިލިއިރު އެންމެ ފުރަތަމަވެސް ފެންނަން ހުރީ އާއިލާ އެއްކޮށް ނަގާފައިވާ ފޮޓޮއެކެވެ. މާމަ އާއި ކާފަވެސް ހުއްޓެވެ. ބަދޫރާ އާއި އެންމެ ކައިރިން ހުރީ ހާޖަރެވެ. ބަދޫރާގެ އަތުގައި ހާޖަރު ހިފާލައިގެން ހުރި ގޮތުންނާއި ބަދޫރާ ހާޖަރު ކައިރިކޮށްލައިގެން ހުރި ގޮތުން އެދެމެދުގައި ވަނީ ގާތް ގުޅުމެއްކަން ދޭހަވިއެވެ. އަލްބަމްގައި ގިނައީ ހާޖަރުގެ ފޮޓޯތަކެވެ. ގުދަނަށް ލާފައި އޮތީވެސް އެހެންވެ ކަންނޭނގެއެވެ. އެއަލްބަމްގައި ގިނައިން ހާޖަރު ހުރީމައެވެ. ރާނީއަށް ނަގައިގަނެވުނީ އެގޮތަށެވެ. އެހާ ދަށު ދަރަޖައެއް އެގޭގައި ހާޖަރު ދީފައިވުމުން ރާނީ ދެރަވިއެވެ ލޮލުން ކަރުނަ ހިލުނެވެ. ހާޖަރުގެ ފޮޓޯގައި ފިރުމާލުމަށްފަހު ބޮސްދިނެވެ. އަލްބަމް ގެނެސް މޭގައި ޖައްސައިލިއެވެ. ރާނީ ދެރަވީކަން އެނގުމުން ރަފާ ރާނީގެ އަތުގައި ފިރުމައިލިއެވެ.
" އެކަމް ރާނީ.. ފޮޓޯ އަލްބަމް މެދުވެރިކޮށް ކޮންކަމެއް ދެނެގަނެވޭނީ..؟ މިބުނީ ރާނީގެ ދައްތަގެ މަރާ ބެހޭގޮތުން.." ރަފާ އެހިއެވެ.
" އެނގޭނެ.. ބޭނުންވަނީ އެކި މީހުންގެ މޫނަށް އަރާ ފައިބާ ކުލަ ބަލައިލަން.. އޭރުން އެނގޭނެ އަހަރެންގެ މަންމައަށް އެންމެ ނަފްރަތު ކުރަނީ ކާކުކަން.. " ރާނީ ބުންޏެވެ. ރަފާ ބޯޖަހައިލިއެވެ. ލައިޓު ނިއްވައިލުމަށްފަހު ދެކުދިން އެތަނުން ނިކުތެވެ.
***************
ޔާނިޝްއާއި ހާރޫން އައިސް ވަނީ އެކުއެކީގައެވެ. ދެބަފައިން އެކީގައި އޮފީހުން އައިސް ވަނުމުން ބަދޫރާ ހިނިތުންވެލިއެވެ. ހަނދާންވީ އޭނާގެ ފިރިމީހާ މަތިންނެވެ. ހާރޫންއާއި ބިލާލްވެސް ގެއަށް އަންނާނީ ބައްޕައާ އެކީގައެވެ. ވެފައި ހުރި ވަރުބައްޔާ އެކު ހާރޫން ސޯފާގައި އިށީންނަމުން ނީޒާ ކައިރީގައި ފެންތައްޓެއް ގެނެސް ދިނުމަށް އެދުނެވެ. ޔާނިޝްވެސް ހާރޫން ކައިރީގައި އިށީނީ ވަރުބަލިވެފައި ހުރުމުގެ ސަބަބުންނެވެ.
" އަނޫ ކޮބާ އިމްތިހާނަށް ތައްޔާރު އެބަވަންތަ؟ " ހާރޫން އެހިއެވެ. ފޯނަށް ބަލަހައްޓައިގެން އިނދެ އަނޫޝާ ބޯޖަހައިލިއެވެ.
" އެ ދޮގެއް ބައްޕާ.. ރޭވެސް ދަން ވަންދެން އޮތީ ފިލްމު ބަލަން.. " ޔާނިޝް އަނޫޝާއަށް ޖެއްސުމަށް ބުންޏެވެ. އެވަގުތު އަނޫޝާ ޔާނިޝްއަށް ދެލޯ އަޅައިލަމުން ހާރޫން ކައިރީގައި ޔާނިޝް އެހަދަނީ ދޮގު ކަމުގައި ބުންޏެވެ. ފަހަތު ދޮރުން ވަދެގެން އައި ރަފާއަށް ޔާނިޝް ހިނިތުންވެލިއެވެ. ރަފާ އޭނާ ޔާނިޝްއާ ރުޅިކަން އަންގައިލުމުގެ ގޮތުން އަނގަޔަށް ގޮތެއް ހަދައިލިއެވެ. އެކަމުން ޔާނިޝް ކައިރިއަށް އިތުރަށް ހިނި އައުން ނޫން ކަމެއް ނުވިއެވެ. ރާނީ އައިސް ވަނީ ރަފާ އައިތާ އިރުކޮޅެއް ފަހުންނެވެ. އަތުގައި އޮތް އަލްބަމް ބަދޫރާ ކައިރީގައި އިން ސާރާގެ ލޮލުގައި އަޅައިގަތުމާއެކު ދެއަތް ދެއަތާ މޮޑެވެން ފެށުނެވެ. ރާނީ ކުރަން އެއުޅޭ ކަމަކުން ނިކުންނާނެ ނަތީޖާއަކާ މެދު ވިސްނާފައި ކަންބޮޑު ވެގެންނެވެ.
" ރާނީ..!! ކޯންޗެއް..؟ " ރާނީ އައިސް ހުއްޓުމުން ވަރަށް ނޭނގޭ ކަމަށް ހަދާފައި ރަފާ އެހިއެވެ. އެވަގުތު އެންމެންގެ ލޯ ރާނީއަށް އަމާޒުވިއެވެ. ހާރޫން އަތަށް ފެން ތައްޓެއް ގެނެސްދިން ނީޒާވެސް އެދިމާލަށް ބަލައިލިއެވެ.
" މީ އަހަރެންނަށް އެތަނުން ފެނުނު އަލްބަމެއް.. ހީވަނީ މިގޭ މީހުން ހެން މީގަ ހުރި ފޮޓޯތަކުގަ ތިބީ.. ސާރާއްތަ މެންނާ ހާރޫންބެ މެން ޅައިރު ވަރަށް ތަފާތު.. ނީޒާއްތަވެސް ކައިވެނީގެ ހެދުމުގައި ވަރަށް ލޯބި.. އެކަމަކު މީގަ ކޮންމެ ފޮޓޯއެއްގައި އެބަހުރި އަހަރެން ނުދަންނަ މީހެއްވެސް.. މިގޭ މީހެއްކަން އެނގޭ މާމައާ ވައްތަރުކަމުން... " ރާނީ އޭގައި އިން އެންމެ ބޮޑު ފޮޓޯ ހުޅުވާލާފައި ދައްކައިލިއެވެ. އެފޮޓޯގައި ނީޒާ ހުރީ ކައިވެނީގެ ހެދުމުގައެވެ. ނީޒާގެ އެއްފަރާތުގައި ހާޖަރު ހުރިއިރު އަނެއް ފަރާތުގައި ބަދޫރާ ހުއްޓެވެ. ބަދޫރާއާ ޖެހިގެން ހުރީ ސާރާއެވެ. ބަދޫރާ މަޑުމަޑުން ހަށިގަނޑު ސީދާ ކޮށްލަމުން ލޮލުގައިވާ އައިނު ނެގިއެވެ. އޭނާގެ މޫނުމަތިން ވަކި އަސަރެއް ފެންނާކަށް ނެތެވެ. ސާރާ ބޮޑަށް ކަންބޮޑުވީވެސް އެހެންވެގެންނެވެ. ހާޖަރު ފެނުމާއެކު ނީޒާއަށް ދަތްކުޑިވިކައިލެވިއްޖެއެވެ. އެއައި ބާރު މިނުގައި އޭނާ އައިސް ރާނީ އަތުން އެ އަލްބަމް ޖަހައިގަތެވެ.
" ގޭގަ ހުންނަ ތަކެއްޗާ ހުއްދަ ނުހޯދާ އަތްލުމުގެ ހައްޤެއް ރާނީއަކަށް ނޯންނާނެ.. މިގޭގަ އުޅުނަސް ހަނދާން ނައްތާ ނުލައްޗެ ތީ މީގެ މީހެއް ނޫން.. ދުރުން އައިސް ހުރި ބޭރު މީހެއް.. އަދި ރާނީ ކުރާ ކޮންމެ ސުވާލަކަށް ޖަވާބު ދޭކަށްވެސް މިގޭ މީހުން ނުޖެހޭނެ.. މޫމިނާ!! މޫމިނާ.. " ނީޒާގެ އަޑު ބާރެވެ. ބަދޫރާވެސް ފޮތް ބޭއްވުމަށްފަހު މަޑުމަޑުން އިންތަނުން ތެދުވިއެވެ. ހާރޫން ނިތްކުރީގައި އިނގިލިތައް ހިންގާލިއެވެ. ރާނީގެ ދެލޮލުން ކަރުނަ ފާއްދާލުމުން ރަފާ ރާނީގެ އަތުގައި ހިފައިލިއެވެ.
" މަންމާ ދެން އެއީ އެހާ ވަރު ކަމެއްތަ؟ އަދި މީހަކު ރުޅި އަންނަވަރު އެއްޗެއް ރާނީ ނުބުނެއެއްނު.. " ޔާނިޝް ބުނެލިއެވެ.
" މިކަމުގެ ތެރެއަށް ޔާނިޝް އަނގަ ނުލާ... މޫމިނާ!! " އަނެއްކާވެސް ނީޒާ ބާރު އަޑުން ގޮވައިލިއެވެ. އޭނާ ރުޅި އައިސްގެން ތުރުތުރ އަޅަނީއެވެ. އެތަނުގައި އިން އަނޫޝާއަށް އުނދަގޫވީ ކަންނޭނގެއެވެ. ކުސް ތަޅަމުން އޭނާ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ހަމައެވަގުތު ތެޅެމުން ފޮޅެމުން އައިސް މޫމިނާ އެތަނަށް އައިސް ހުއްޓިއްޖެއެވެ.
" މިއަލްބަލް ގެންގޮސް އަންދާލާ.. ހަމަ މިހާރު މިވަގުތު... " އަލްބަމް ތިރިއަށް އެއްލައިލަމުން ނީޒާ އަމުރުވެރި ގޮތަކަށް ބުންޏެވެ. އެވަގުތު އެއަލްބަމް ގޮސް ޖެހުނީ މޫމީނާގެ ފައިބުޑަށެވެ. އެމަންޒަރު ފެނި ރާނީގެ ހިތުގައި ރިއްސާލިއެވެ. ދުވެފައި ގޮސް އެއަލްބަމް ނަގާ އެއީ އޭނާގެ މަންމަ ކަމުގައި ބުނަން ބޭނުންވިއެވެ. މަޑުމަޑުން ރާނީގެ ނަޒަރު ދަތުރުކޮށްލީ ބަދޫރާ އަށެވެ. އެހުރިހާއިރު ބަދޫރާ ބަހެއްވެސް ނުކިޔާ ހުއްޓެވެ. ރާނީ ބަލަ ބަލާ ހުއްޓާ އޭނާ ކިޔަން ގެންގުޅު ފޮތް ހިފައިގެން ބަދޫރާ އެތަނުން ދިއުމަށް ހިނގައިގަތެވެ. މޫމިނާ އަލްބަމް ހިފައިގެން ދިއުމުން ނީޒާ ރާނީއާ ދިމާއަށް ކަޅި އަޅައިގެންފައި އެތަނުން ދިއުމަށް ހިނގައިގަތެވެ. ހިތށް ކުރަމުން ދިޔަ ފުން އަސަރު ލޮލުން ފާޅުވެ ބޭޒާރުވުމުގެ ގޮތުން ރާނީ އޭނާގެ ކޮޓަރިއާ ދިމާލަށް ދުއްވައިގަތެވެ. ރަފާ އާއި ސާރާވެސް ރާނީގެ ފަހަތުން ދިޔައެވެ. އެމަންޒަރު ބަލަން ޔާނިޝް ދެރަވެފައި ހުއްޓެވެ.
*******************
އަލްބަމް ބިންމައްޗަށް ވައްޓައިލުމަށްފަހު އަތުގައި އޮތް ލައިޓަރު ރޯކޮށްލަން މޫމިނާ އުޅުނެވެ. އެވަގުތު ކޮންމެވެސް މީހަކު މޫމިނާއަށް ފަހަތުން ގޮވާލައިފިއެވެ. އެމީހާ ފެނުމާއެކު އަދަބުވެރިކަމާއެކު މޫމިނާ ބޯޖަހައިލިއެވެ. އޭނާ އެދުނީ އަލްބަމް އޭނާއަތަށް ދިނުމަށެވެ. އެހެންކަމުން ބަދޫރާ އަލްބަމް ނަގައި ފޮޅާ ލުމަށްފަހު އެމީހާ އަތަށް ދިއްކޮށްލިއެވެ.
" އަހަރެން މީތި ގެންދިޔަ ވާހަކަ ނީޒާ ކައިރީގައި ނުބުނާތި.. " އެމީހާ އެ އަލްބަމްގައި ހިފަމުން ބުންޏެވެ. މޫމިނާ ބޯޖަހައިލުމުން އެމީހާ އަލްބަމް ހިފައިގެން އެތެރެއަށް ހިނގައިގަތެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 11 އޯގަސްޓް ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް