ވާހަކަ: މަންޒިލް ތިޔޭ – ނަވާވީސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... "ސީ ދުއާ!! ތީ އަހަރެންގެ ދަރިއެއް.. ގަބޫލުކުރިޔަސް ނުކުރިޔަސް ދުއާ އަށް ދެރަގޮތެއް ވާކަށް އަހަރެން ނޭދެން.. ލޫކް އަކީ ރަނގަޅު ކުއްޖެއް.. އޭނަ ދުއާ ވަރަށް އުފަލުގައި ބަހައްޓާނެ ...

04 Aug 2022 | 17:39

ކުރީގެ އަދަދާއި ގުޅޭ...

"ސީ ދުއާ!! ތީ އަހަރެންގެ ދަރިއެއް.. ގަބޫލުކުރިޔަސް ނުކުރިޔަސް ދުއާ އަށް ދެރަގޮތެއް ވާކަށް އަހަރެން ނޭދެން.. ލޫކް އަކީ ރަނގަޅު ކުއްޖެއް.. އޭނަ ދުއާ ވަރަށް އުފަލުގައި ބަހައްޓާނެ ކަމާމެދު އަހަރެން ޝައްކެތް ނުކުރަން.. އަހަރެން ދުނިޔެ ހުރިހާ ދުވަހަކު ދުއާ އަށް ދެރަގޮތެއް ވިޔަ ނުދޭނަން.. އަހަރެން ބޭނުންވަނީ އެންމެ ކަމެއް.. އޭގެ ބަދަލުގަ ދުއާ ބުނި ކޮންމެ ކަމެއް ކޮށްދެން އަހަރެން މިހިރީ ތައްޔާރަށް.. ” ޒިލާލް ބުންޏެވެ.

” ކޮންކަމެއް..؟ ” ދުއާ އެހިއެވެ. ޒިލާލް ގޮނޑީގައި ލެގިލަމުން ޖަވާބު ދޭން ތައްޔާރުވިއެވެ.

*************************

ރަފާއަށް ގެއަށް ވަދެވުނީ ރާނީއާ އެކުއެކީގައެވެ. ކޮންތާކުން އައީތޯ އެހުމުން ހަމައެކަނި ބޭރަށް ގޮސްލާފައި ކަމަށް ބުނެ ރަފާ އަވަސް ހިނގުމެއްގައި ރާނީއަށް ވުރެން ކުރިން ގެއަށް ވަދެގެން ދިޔައެވެ. ރަފާގެ އާދަޔާ ހިލާފު ހަރަކާތްތައް ފެނި އޭނާއަށް ކޮންމެވެސް ކަމެއް ވެފައި ހުރިކަން ރާނީ ދެނެގަތެވެ. އަމިއްލަ ކޮޓަރިއަށް ދިއުމުގެ ބަދަލުގައި އޭނާ ގޮސް ރަފާގެ ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އެނދުގައި ރޯން އިން ރަފާ ފެނި ރާނީއަށް ލިބުނީ ހައިރާންކަމެވެ. ކަންބޮޑުވެ، ވީ ކިހިނެއްތޯ ސުވާލު ކޮށްލިއެވެ. ރަފާ އަވަސް އަވަހަށް ދެލޯ ފޮހެލަމުން ކަމެއް ނުވާ ކަމަށް ބުނުމަށް ދެފަރާތަށް ބޯހޫރައިލިއެވެ.

" ތިހެން ބުންޏަސް އަހަރެން ކިހިނެއް ޤަބޫލުކުރާނީ.. ދެލޯ ތިހުރީ ރޮއެ ރޮއެ ރަތްވެފައެއްނު.. ކިހިނެއްވީތަ؟ ބުނެބަލަ.. ހަމަގައިމުންވެސް ރަފާ މަންމަ ހިތުގައި ޖެހޭ ފަދަ އެއްޗެއް ނުބުނާނެ.. މާމަ އެއްޗެއް ބުނެގެނެއް ނޫން ބޭރުން އައިސް ރޯންފަށާނީ.. ޔާން އެއްޗެއް ބުނީތަ؟ " ރާނީކޮށްލި ސުވާލާއެކު ރަފާ ސިހިފައި ބަލައިލިއެވެ. ރާނީއަށް އެހާ ފަސޭހައިން އެނގުނީތީ ހައިރާންވެފައެވެ. ރަފާ ބަލަހައްޓައިގެން އިން ގޮތުން ރާނީ ކައިރިއަށް ހިނިއައެވެ.

" ކިހިނެއްވީ؟ އަހަރެންނަށް އެނގެޔޭ ސާރާއްތަ ނޫނީ މާމަ ފިޔަވާ ދެން މީހަކު އެއްޗެއް ބުނެގެން ރަފް ރޮންޏާ ރޯނީ ޔާނިޝް އެއްޗެކޭ ބުނީމަކަން.. ރަފްގެ ހިތުން ޔާނިޝްއަށް ދެވިފައިވާ މަގާމް އަހަރެންނަކަށް ސިއްރެއް ނުވޭ.. ދެންވެސް ތިހެން ބަލަން ނީނދެ ވީގޮތް ކިޔާދީބަލަ.. ޔާނިޝް ކުރިކަމެއް ނޫނީ ބުނި އެއްޗެއް ބުނެބަލަ.. "

" ކިހިނެއް ރާނީއަށް އެނގުނީ.. ހަމަ އެހާ އޮބްވިއަސްތަ އަހަރެން އުޅޭ ގޮތުން.. " ރަފާގެ މޫނުމަތިން ކަންބޮޑުވުމެއް ފެނުނެވެ.

" އޮބްވިއަސް ވެގެން ދޯ އަހަރެންނަށް އެނގޭނީ.. "

" އަޅެ އެކަމް އެ ޔާންއަކަށް ނުވިސްނެޔެއްނު.. އެއްފަރާތުން ވެވޭ ލޯތްބަކަށް ވީމަ ކަންނޭނގެ.. ޔާން އަހަރެންނާ މެދު ދެކޭގޮތް މިއަދު ޔަގީން ވެއްޖެ.. އޭނައަށް ރަނގަޅީ އަހަރެން އަވަސްވީގޮތަކުން މީހަކާ އިނދެގެން މިގެއިން ދިޔައިއްޔާ.. " ރަފާ، ރާނީއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ރަފާއަށް ހަމްދަރުދީ ވުމުގެ ބަދަލުގައި ރާނީ ފެށީ ހޭށެވެ.

" ރާނީ ހެނީތަ އަދިވެސް.. ސާފު ބަހުން އެބުނީނު އޭނަ ބޭނުންވާ ގޮތް.. " ރަފާއަށް ގިހެއް ލެވުނެވެ.

" ހޭނެއްނު ރަފާ މޮޔަކަމުންވެސް.. އޭނަ ބުނާއެއްޗެއް ވިއްޔާ ތި އަޑުއެހީ... އަމަލުތައް ހުރި ގޮތް ރަނގަޅަށް ދިރާސާ ކުރިނަމަ އެނގުނިސް ޔާނިޝް އެހެން އެބުނީ ކީއްވެގެން ކަން.. ތިކިޔައިދިން ވާހަކަތަކުން އަހަރެންނަށް އިހުސާސްވީ އެހެން ކަމެއް.. ރަފާ އެހާ ކަމްފަޓެބްލް ކޮށް ފިރިހެނަކާ ވާހަކަ ދައްކާތަން ފެނި ޔާނިޝް ޖެލަސްވީހެން އަހަރެންނަށް ހީވަނީ.. ބައެއް ފިރިހެނުން އުޅޭނެ އެހެން.. ޖެލަސްވީމަ ދެން ބަލާނީ އަނެއް މީހާ ދެރަކޮށްލެވޭތޯ.. އެއީ އޭނައަށް އެކަމުން މާބޮޑު އަސަރެއް ނުކުރާކަން ދައްކަންވެގެން.. " ރަފާގެ ބޮލުގައި ޖަހާލަމުން ރާނީ ބުންޏެވެ.

" ތިބުނީ ޔާންވެސް އަހަރެން ދެކެ...؟ ނޯ..ވޭ.. އަހަރެންގެ އުއްމީދުތައް އާލާ ކުރުވަން ނޫޅޭ.. ޔާން ބޭނުންވާ ގޮތަށް އަހަރެން ބޭނުމީ މީހަކާ އިނދެގެން މިގެއިން ދާން. އެއްވެސް މީހަކަށް އުނދަގޫކުރަން ހުންނާކަށް ބޭނުމެއް ނޫން.. " ރަފާގެ ގިސްލުން ވީ އިތުރެވެ.

" ހާދަ އަވަހަކަށް ތި ދެރަ ގަބޫލު ކުރަނީ..؟ ހަޔާތުގައި ލޯބި ހާސިލްކުރަން މަސައްކަތް ނުކުރެވުނިއްޔާ ދެން ވަކި ކުރެވޭނެ ކަމެއް ނޯންނާނެ.. ކަންކަން ކާމިޔާބު ވާނީ ކޮންމެވެސް ވަރެއްގެ މަސައްކަތެއް ކޮށްގެން ދޯ.. "

" ޔާންގެ ލޯބި ހާސިލް ކުރަން އަހަރެން ކީއްކުރަންވީ.. ބޭކާރު މަސައްކަތެއް ކުރެވޭނީ.. ޔާން ދެކެނީ އަހަރެން މީ ހަމައެކަނި ދެބެންގެ ދެދަރި ކުއްޖެއްގެ ގޮތުގަ.. "

" އަހަރެން ބުނާކަމެއް ކުރަން ކެރޭނެތަ؟.. އެކަން ކޮށްފިއްޔާ އިރާދަކުރެއްވިއްޔާ ކާމިޔާބު ވާނެ.. " ރާނީ ބުނެލިއެވެ.

" ފަންޑިތަ ހަދަންވީތަ؟ " ރަފާ ސިއްރުން އެހިއެވެ.

" ސުބްޙާނަﷲ.. ތިކަހަލަ ގޯސްކަމެއް ކުރަން ވެދާނެތަ؟ ރަފް ހިތަށް އަރަނީތަ އެހެން.. ހެހެ.. އަޅެ ގޮތެއް ބަލާލަންވެސް އަހަރެން ބުނާކަމެއް ކޮށްބަލަ.. " ރާނީ ބުންޏެވެ. ރަފާ ދެލޯ ފޮހެމުން ފުންނޭވައެއް ދޫކޮށްލިއެވެ.

" ކޮންކަމެއް ކުރަންވީ.." ރަފާ ބުންޏެވެ. ރާނީ ހިނިތުންވެލަމުން ވާހަކަ ދައްކަން ފެށިއެވެ.

" ހީވަނީ ރާނީގެ ވަރަށް ތަޖުރިބާ ހުރިހެން.. ވާހަކައެއް އަހާލަންތަ؟" ރާނީ ކިޔައިދީ ނިމުމުން ރަފާ އެހިއެވެ. ރާނީ ބޯޖަހައިލިއެވެ.

" ރާނީ ވަރަށް ލޯބިވާ ކުއްޖަކު ހުރޭ ދޯ.. ؟ ރަފާ އެހިއެވެ. އެހިނދު ރާނީގެ ހިތުގައި ލޫކަންގެ ތަސްވީރު ކުރެހިގެން ދިޔައެވެ.

" ކީއްވެ ތިހެން ތިއެހީ..؟ " ރާނީ އެހިއެވެ.

" އަހަރެންގެ އިހުސާސްތައް ރާނީއަށް އޮބްވިއަސް ވީ ގޮތަށް އަހަރެންނަށްވެސް ރާނީގެ އިހުސާސްތައް އޮބްވިއަސް ވީ.. ވަރަށް ގިނައިން ފެނޭ ރާނީ ހިޔާލަކަށް ގެއްލިފައި އިންނަތަން.. ޕްލީޒް ބުނެބާ.. މިހާރު އަހަރެންގެ އެންމެ ބޮޑު ސީކްރެޓްވެސް ރާނީއަށް އެނގެއެއްނު.. " ރަފާ ބުންޏެވެ.

" ރަނގަޅަށް ތިބުނީ.. އަހަރެން ވަރަށް ލޯބިވާ ކުއްޖަކު އެބަހުރި.. އެކަމަކު... އޭނަ އެއީ އެހެން މީހެއްގެ ހައްޤެއް.. އަހަރެންނަށް ބޭވަފާތެރިވެ އޮޅުވާލުމުން އޭނަ ދެކެ ކިތަންމެ ރުޅި އަންނަން ބޭނުންވިޔަސް އެކަމެއް ނުވި.. މިހިތުން އޭނައަށް ދެވިފައިވާ ލޯބިން ޒައްރެއްގެ މިންވަރުވެސް މަދު ނުވި.. ލޯތްބަކީ ވަރަށް ވޭން ހުރި އެއްޗެއް ރަފާ.. އެންމެންނަށް ރަފާ ގޮތަށް ލޯބި ހާސިލް ކުރަން ފުރުސަތު ލިބުމުގެ ނަސީބު ނުލިބިދާނެ.. އެހެންވީމަ ލިބިފައިވާ ފުރުސަތު ނަގާނުލާ.. " ރާނީގެ އަޑުގައިވި ރިހުން ރަފާއަށް އިހުސާސްވެ ރާނީގެ ކޮނޑު މަތީގައި އަތް ބާއްވައިލިއެވެ.

" އެއީ ކާކުތަ؟ ޑުބާއީގަ އުޅޭ ކުއްޖެއްތަ؟ " ރަފާ އެހިއެވެ. ލޮލަށް ކަރުނަ ޖަމާވާން އުޅޭހެން ހީވުމުން ރާނީ ހިނިތުންވާން މަސައްކަތް ކުރަމުން ދެފަރާތަކަށް ބޯހޫރައިލިއެވެ.

" އޭނަ ގެ ވާހަކަ އަހަރެން ކޮންމެވެސް އެހެން ވަގުތަކު އަހަރެން ކިޔައިދޭނަން.. އިހަށް ހިނގާބަލަ ރަފާގެ ކަންތަޖާ އުޅެން.. " އަޑަށް ޖޯޝެއް ގެންނަން މަސައްކަތް ކުރަމުން ރާނީ ބުންޏެވެ.

**************

" ހާރޫން މަންމައާ ވާހަކަ ދައްކަން އުޅެބަލަ.. ރާނީ ވަރުގެ ކުއްޖެއް ޅީދަރިއެއްގެ ގޮތުގައި ދެން ލިބޭނެ ހެނެއް ހިޔެއް ނުވޭ.. ރާނީ އަކީ ނުލާހިކު ރީތި ކުއްޖެއް.. މިހާރުވެސް ނޭނގެ ކިތައް ފިރިހެނުންކަމެއް އެމަންޖެ ފަހަތުން އުޅޭނީ.. މިހެން ތިއްބާ ރާނީ އެތަނުން މީހަކާ ލޯބިގެ ގޮތުން ގުޅުނިއްޔާ ކިހާ ދެރަ.. " ހާރޫން އޮފީހުން އައިސް ވަނުމާއެކު ނީޒާ ފެށި އެވާހަކައެވެ. ހާރޫންގެ ބޮލުގައި ރިއްސާލި ވަރުން ނިތުގައި ހިފަހައްޓާލިއެވެ.

" އަހަރެންނަށް އެނގޭ މިހެން ކިޔާތީ ހާރޫން ބޮލަށް އުނދަގޫވާކަން.. ދެން އަހަރެން މިވަރަށް ކިޔާއިރު ހާރޫންވެސް އެންމެ ރަނގަޅެއްނު މިކަމަށް އަމަލީ ސިފައެއް ގެންނަން... "

" ރަންކޮޅާ ދޫންޔާ ހެޔޮނުވާނެ..! ފެންވަރައިގެން ނިކުމެ މަންމައާ ވާހަކަ ދައްކަން ދާނީ.. " ހިތްހަމަނުޖެހުމުގައި ރާގެއްގައި ބުނުމަށްފަހު ހާރޫން ތުވާލި ހިފައިގެން ގޮސް ފާހާނައަށް ވަނެވެ.

************

ކާރުގައި އިން ހާޖަރު ފެންނަނީ ހިމޭންވެފައި އިންތަނެވެ. ކާރު ދުއްވަން އިން އަމާން އިރުއިރުކޮޅުން ހާޖަރަށް ބަލާލައެވެ. ކޮންމެވެސް ކަމަކާ ހާޖަރު ވިސްނާހެން އަމާންއަށް ހީވާތާ ދެދުވަސްވަރު ވެއްޖެއެވެ.

" ހާޖަރު!! ހާޖަރު..!! " އަމާން ދެފަހަރަކު ގޮވައިލުމުން ސިހިފައި ކީކޭ ހެއްޔޭ ހާޖަރު އެހިއެވެ.

" ކޮންކަމަކާ މާބޮޑަށް ތިވިސްނަނީ.. ތިހާ ވަރަށް ވިސްނީމަ ކަމަކު ނުދާނެ..  " އަމާން ބުންޏެވެ. ހާޖަރު ފުންނޭވައެއް ދޫކޮށްލަމުން ކުރި ބަލައިލިއެވެ. ރަޔަން ދެއްކި ވާހަކަތައް ހާޖަރު އަމާންއަށް ކިޔައިދިނެވެ.

" އަހަރެންނަށްވެސް ހީވި ރަޔަން ކަމަކާ ދެރަވެފައި ހުންނަހެން..ދެން އެކަމުގައި އަހަރެމެންނަށް ކޮށްދެވޭނީވެސް ކޮންކަމެއް... ؟ " އަމާން ބުންޏެވެ.

" ނޫން އަމާން.. އަހަރެންގެ އުފަލަށްޓަކައި ރަޔަން އެވަރުގެ ބޮޑު  ޤުރުބާނީއެއް ވާން އަހަރެން ނޭދެން.. އަހަރެންގެ ގޮތްދޫނުކުރުމެއްގެ ސަބަބުން ދަރިންގެ ދިރިއުޅުން ބަރުބާދުވާތަން ބަލަން ހުންނާކަށް އަހަރެންނަށް ކެތެއް ނުވާނެ.. އެހެންވެ އަހަރެން ނިންމައިފިން ޔައުލާގެ މައިންބަފައިން ބޭނުންވާ ގޮތަށް ރާއްޖޭގަ ކައިވެނި ކުރުވަން..  އަހަރެންގެ ނުތަނަވަސްކަމާ ބިރު އެއްފަރާތް ކޮށްފަ ރަޔަންގެ އުފަލަށްޓަކައި އަހަރެންނަށް އެވަރުގެ ކަމެއް ކޮށްދެވިދާނެއްނު.. " ހާޖަރު ބުންޏެވެ. އަމާންގެ މޫނުމަތިން ކަންބޮޑުވުމެއް ފާޅުވެގެން ދިޔައެވެ. ހާޖަރު މާލެ ގޮސްފިނަމަ ރާނީ އުޅޭތަން އެނގޭނެއެވެ. އެހެންވެއްޖެނަމަ ރާނީގެ ހުރިހާ ރޭވުން ފެނަށް ދާނެއެވެ.

***********************

ނީޒާ އާއި ހާރޫން ހީކުރި ގޮތާ ހިލާފަށް ބަދޫރާ އެކަމަށް ލޮލުން ބޮލުން ޤަބޫލުވިއެވެ. ޙުދު އޭނާވެސް އެފަދަ ވިސްނުމެއް ގެންގުޅޭތާ ދުވަސްކޮޅެއް ވެދާނެ ކަމަށް ބުންޏެވެ. ބަދޫރާވެސް ރާނީ އޭނާގެ ޅީދަރިއަކަށް ހަދަން ބޭނުންވާ ވާހަކަ ބުނުމުން ނީޒާ ހުރިހާ ދަތްތަކެއް ފެންނަވަރަށް ހިނިތުންވެލިއެވެ. އޭނާ އެދުނީ ވީހާވެސް އަވަހަކަށް ރާނީ ކައިރީގައި އެވާހަކަ ދެއްކުމަށެވެ. ބަދޫރާ އެކަމަށް އެއްބަސްވަމުން އޭނާ ރާނީއާ ވާހަކަ ދައްކާނަން ކަމުގައި ބުންޏެވެ. ނުތަނަވަސް ކަމެއް ލިބިފައިވީ ހާރޫނަށެވެ. އޭނާގެ ހިތާއި ސިކުނޑިއަށް އުނދަގޫ ކުރަމުން ދިޔަ ކަންތައް ބަދޫރާ އާއި ނީޒާގެ ކުރިމަތީގައި ފާޅުކުރާކަށް އޭނާއަކަށް ނުކެރުނެވެ.

*************

ދުއާ ކޮޓަރިއަށް ވަންއިރު އެނދުމަތީގައި އިން ތާރާ ފެނި ލިބުނީ ސިހުމެކެވެ. ނަރުހުންގެ ޔުނީފޯމުގައި އިން ތާރާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަނުޖެހުމެވެ. ދުއާ ފެނުމާއެކު ތާރާ އިންތަނުން ތެދުވިއެވެ.

" އަހަރެން އަންނަން ދެން މަޑުކޮށްލާށޭ ބުނީމަވެސް ކޮންތާކަށް ދިޔައީ.. ގައިމު ލޫކް އާ އެކީގައެއް ނޫން.. ކީއްވެތަ އަހަރެން ގުޅީމަ ފޯނު ނުނަގަނީ.. ގެއަށްވެސް ތިއައީ ދެންމެގަ.. ކޮންތާކަސް ދިޔައީ.. " ތާރާ ޝަކުވާ ކޮށްލިއެވެ. ދުއާ ހީނލަން މަސައްކަތް ކުރަމުން ކޮނޑުގައި އޮތް ދަބަސް ޑްރެސިންގް ޓޭބަލް މަތީގައި ބެހެއްޓިއެވެ.

" ޔޫ ސައުންޑް ލައިކް އަ ހަޒްބަންޑް.. " ދުއާ ބުނެލިއެވެ.

" މަޖާވާން ނޫޅެބަލަ ދުއާ.. ވަޓްސް ގޮއިން އޮން.." ދެއަތް އުރާލަމުން ތާރާ އެހިއެވެ.

" ނޭނގެ ތާރާ ތިދައްކަނީ ކޮން ވާހަކައެއް ކަމެއް.. " ދުއާ އެނދަށް ބަންޑުން ވެއްޓިގަތެވެ. މަޑު ތަންމަތީގައި ހަށިގަނޑު ޖެހުމުން ވީ އަރާމާއެކު ދެލޯ މަރައިލެވުނެވެ.

" ނޭނގޭ ކަމަށް ނުހަދާ ދުއާ!! އަހަރެންނަށް ރެވް ހުރިހާ ވާހަކައެއް ކިޔައިދީފި.. " ތާރާގެ ޖުމްލައާއެކު ދުއާ ސިހިފައި ދެލޯ ހުޅުވައިލިއެވެ.

" ކޮ.. ކޮންވާހަކައެއް.." އަވަސް އަވަހަށް ތެދުވެ އިށީންނަމުން ދުއާ އެހިއެވެ.

" ދެރައީ އަހަރެންނަށް އެއްވެސް ވާހަކައެއް ދުއާ ކިޔައި ނުދިނީތީ.. އަހަރެން ހަމަ އެހާ ދުރުކޮށްލީތަ؟ " ތާރާ ދުއާ އަށް ފުރަގަސް ދިނެވެ.

" ނޫން އެހެނެއްނޫން ތާރާ.. " ދުއާ އިންތަނުން ތެދުވިއެވެ. " އެހާ ކަޑަކަމެއް ކުރެވުނީމަ ބުނަން ނުކެރުނީ.. އެއީ އަހަރެން ގަސްދުގަ ކުރިކަމެއް ނޫން.. "

ދުއާ އެދައްކަނީ ކޮން ވާހަކައެއް ކަމެއް ނޭނގި ސުވާލުކުރަން ތާރާ އުޅުނެވެ. ނަމަވެސް އޭގެ ކުރިން ދުއާ ވާހަކަ ދައްކަން ފަށައިފިއެވެ.

" ވެގެން ނުވާނެ ވަރަކަށް ރެވްއާ ގާތްވެވެވުނީ އިޙްތިޔާރަކާ ނުލާ.. " ދުއާ ބުންޏެވެ. ތާރާގެ ދެލޯ ބޮޑުވެ އަނގަ ހުޅުވުނެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، ހަތެއް އޯގަސްޓް ވާ އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް