ވާހަކަ: މަންޒިލް ތިޔޭ – އަށާވީސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... އަހަރެންގެ އިހުސާސްތަކާ ކުޅުން ހުއްޓާލާ!! ޕްލީޒް... " މިހެން ބުނުމަށްފަހު ދެލޯ ފޮހެމުން ބާރު ހިނގުމެއްގައި ރާނީ އެތަނުން ނިކުންނަން ދިޔައެވެ. ޑްރައިވަރަށް ގުޅުމަށްފަހު ކާރު އަނ...

31 Jul 2022 | 17:41

ކުރީގެ އަދަދާއި ގުޅޭ...

އަހަރެންގެ އިހުސާސްތަކާ ކުޅުން ހުއްޓާލާ!! ޕްލީޒް... " މިހެން ބުނުމަށްފަހު ދެލޯ ފޮހެމުން ބާރު ހިނގުމެއްގައި ރާނީ އެތަނުން ނިކުންނަން ދިޔައެވެ.

ޑްރައިވަރަށް ގުޅުމަށްފަހު ކާރު އަންނަންދެން މަޑުކޮށްގެން ދުއާ ހުއްޓެވެ. ބޭނުންވެފައި ހުރީ އަވަހަށް ގެއަށް ދާށެވެ. ތާރާ ޑިއުޓީއަށް އަންނަންދެން މަޑުކުރަން ބުނުމުންވެސް ދުއާ ބޭނުންވީ ގެއަށް ދާށެވެ. އޭނާގެ މޫނު ފެނުމުން ކޮންމެވެސް ގޯހެއް އުޅޭކަން ތާރާއަށް ޔަގީންވާނެކަން އެނގޭތީއެވެ. އާރަވް ސައިކަލުގައި އައިސް މަޑުކޮށްލީ ދުއާގެ ކުރިމައްޗަށެވެ.

" ހިނގާ ގެއަށް ގެންގޮސްދޭނަން.. " އާރަވް ބުންޏެވެ.

" ނޯ ތެންކްސް.. އަހަރެންގެ ކާރު އެބަ އާދޭ... " ދުރު ބަލަން ހުރެ ދުއާ ބުންޏެވެ.

" ޕްލީޒް އަރާބަލަ ފަހަތަށް.. އަހަރެން ވަރަށް ބޭނުން ދުއާ ގޮވައިގެން ދުއްވާލަން ދާން.. " އާރަވްގެ އަޑުގައިވަނީ ލާނެތްކަމެވެ.

" ކިހިނެއްވެގެންތަ ތިއުޅެނީ.. އަހަރެންނަށް ތިގޮތަށް ޖެއްސުން ކުރުމުގެ ބޭނުމަކީ ކޮބާ؟ އަހަރެން ބޭނުމެއްނޫން ތި ސައިކަލު ފަހަތަށް އަރާކަށް.. "

" ކޮބާ އަހަރެންދެކެ ތިހާ ރުޅިއެއް އައުމުގެ ސަބަބަކީ..؟ " އާރަވްގެ އަޑަށް ބަދަލުއައެވެ. އެސުވާލަށް ދޭނެ ޖަވާބެއް ހުދު ދުއާއަކަށްވެސް ނޭނގުނެވެ. އާރަވް ދެކެ ރުޅި އައުމުގެ ހައްޤު އޭނާއަކަށް ލިބިގެނެއް ނުވެއެވެ. ކުށް ކުރެވުނީ އޭނާއަށެވެ. އޭނާ އާރަވްއާ ރުޅި އައިސްފައި ވާހަކަ ދެއްކި ނަމަވެސް ހިތުގައި އާރަވްއާ މެދު އެއްވެސް ރުޅިވެރިކަމެއް ނުވާކަން ދުއާއަށް އިހުސާސް ކުރެވެއެވެ. ދުއާއަށް ވަކި ޖަވާބެއް ނުދެވިގެން އުޅެނިކޮށް ދުއާގެ ނަމުން ޒިލާލް ގޮވައިލި އަޑަށް އެދިމާލަށް ބަލައިލީ ދުއާ އާއި އާރަވް އެކީގައެވެ.

" ބައްޕަ މިދަނީ ގެއަށް ދާން.. ބައްޕައާއެކު ދާން އަންނަންވީނު.. " ކާރުގެ ލޯގަނޑު ތިރިކޮށްލައިގެން އިނދެ ޒިލާލް ބުންޏެވެ. މިހާރަކަށް އައިސް ޒިލާލްގެ ފަރާތުން އެކަހަލަ މަންޒަރުތައް ފެންނާތީ އެއީ އާކަމަކަށް ދުއާއަކަށް ނުވިއެވެ. ނަމަވެސް އާރަވް އިނީ ހައިރާންވެ އަންތަރީސްވެފައެވެ. ދުއާއާ އެހާ ގާތްގޮތަކަށް ޒިލާލް ވާހަކަ ދައްކަނިކޮށް އިވުނު މީ ފުރަތަމަ ފަހަރެވެ. އާރަވްއަށް ވީގޮތް ދުއާ ދެނެގަތެވެ. ނަމަވެސް އެކަމާ އާރަވް ކައިރީ އެއްޗެކޭ ބުނާކަށް ގަސްދެއް ނުކުރިއެވެ. އާރަވްގެ ކިބައިން އަވަސްވީ ގޮތަކަށް ސަލާމަތްވާން ބޭނުންވެ ދުއާ ޒިލާލްގެ ކާރާ ދިމާލަށް ހިނގައިގަތެވެ.

************

ގެއަށް ދިއުމުގެ ބަދަލުގައި ޒިލާލް ކާރު މަޑުކޮށްލީ ރެސްޓޯރެންޓެއްގެ ކުރިމައްޗަށެވެ. ގެއަށް ނުދިޔައީތީ ދުއާ ދުވާލުކުރުމުން ޒިލާލް ބުނީ ގެއަށް ދާނީ ހަވީރުގެ ސައި ބޯލައިގެން ކަމުގައެވެ. އެކަމާ ދެކޮޅު ހަދަން ބޭނުންވިޔަސް އެހިތްވަރެއް ދުއާއަށް ނުލިބުނެވެ. ޒިލާލް އެއުޅެނީ ކޮންމެވެސް ވާހަކައެއް ދައްކަންވެގެންކަން އޭނަ އުޅޭގޮތުން ދުއާ އަށް އޮތީ އެނގިފައެވެ. ނޭނގެނީ ކޮންވާހަކައެއް ކަމެވެ. މިއަދު ޒިލާލްއަށް އެފުރުސަތު ދޭން ދުއާ ނިންމީ ޒިލާލްގެ ދެއްކުންތެރިކަމުގެ ކުލަވަރު އިތުރަށް ބަލަން ކެތްނުވާނެތީއެވެ. ސީ ވިއު ރެސްޓޯރެންޓްގެ މަތީބައިގައި އެމީހުން އިށީނީ ރެއިލިންގްއާ ކައިރީގައި ހުރި މޭޒެއްގައެވެ. ގެންނަންވީ އެއްޗިއްސަށް އޯޑަރު ދިނީ ޒިލާލްއެވެ. ދުއާ ބޭނުންވީ ހަމައެކަނި ކޮފީ ތައްޓެކެވެ.

" ކޮބާ ކޮންއިރަކުން ދުއާ އާއި ލޫކްގެ ކައިވެނި އޮތީ..؟ ދުވަހެއް ނިންމައިފިންތަ؟ " ޖޯޑުކޮށްލެވިފައިވާ ދެއަތް މޭޒުމަތީގައި ބާއްވައިލަމުން ޒިލާލް އެހިއެވެ.

" އަދި ނޭނގެ.. އެވާހަކަ ނުދައްކަން... " ދުއާގެ ޖަވާބު ކުރެވެ. އޭނާ އިނީ ޒިލާލް އަސްލު މައުޟޫއަށް ދާނެ އިރެއްގެ އިންތިޒާރުގައެވެ.

" އެހެންތަ؟ ބައްޕަ އެބަ ވިސްނަން ދުއާއަށް ޕްރޮމޯޝަނެއް ދޭން.. ދުއާ ތީ މިއާއިލާ ދަމަހައްޓަން ހުރި ހަމައެކަނި މީހަކީ.. ބައްޕަ މިވިސްނަނީ އަތޮޅު ތެރޭގައި ހުރި ކްލިނިކްތަނުން ކްލިނިކެއްގެ ސީ އީ އޯކަން ދުއާ އަށް ދޭން.. " ވަރަށް ހަމަޖެހިލާފައި ވެއިޓަރު ގެނެސް ބެހެއްޓި ތަށިން ގުޅައެއް ނަގައިގެން ހަފަމުން ޒިލާލް ބުންޏެވެ. އެހިސާބުން ދުއާގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. އޭނާގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ.

" ބައްޕާ ޕްލީޒް.. ތިހާ ނައިސް ނުވިޔަސް އޯކޭ ވާނެ.. ބައްޕަ ބުނަން ބޭނުންވެގެން ތިއުޅޭ ވާހަކަ ބުނެބަލަ!! ކޮންކަމެއް ބޭނުންވަނީ...؟ އަހަރެން މިތަނުން ފޮނުވާލާފަ ކާފަ މަރާލަންތަ؟ އެހެންވިއްޔާ ބުނެލަން ބޭނުން ތިކަމެއް ނުވާނެ!! ކާފަ ދޫކޮށްފަ އަހަރެން އެހެން ރަށަކަށް ކީއްކުރަން.. މިއަވަށް ދޫކޮށްފައިވެސް ނުދާނަން.. " ދެއަތް އުރާލަމުން ސާބިތުކަމާއެކު ދުއާ ބުންޏެވެ.

" މިހާރު ދުއާވެސް ރުޅި ހުންނަނީ ނަރުގަނޑު ކޮޅުގަ ޖެހިފަދޯ.. " ޒިލާލް ހީނލަމުން ބުންޏެވެ.

" ބައްޕަގެ ގޮތެއްނު ދަރިން ގައިގަވެސް ހުންނާނީ.. " ދުއާވެސް ބުންޏެވެ. ޒިލާލްއާ ވާހަކަ ދެއްކޭ ގޮތުން ޙުދު އޭނާވެސް އިނީ ހައިރާންވެފައެވެ. މިފަހަރުވެސް ޒިލާލް ހޭންފެށިއެވެ.

" ދުއާއަށް ތި ހީކުރެވެނީ ގޯސްކޮށް.. ކިތަންމެ ނުބައި މީހަކަށްވެސް ހެޔޮ ވިސްނުން ލިބިދާނެއްނު.. ތިކަހަލަ މުޑުދާރު ވިސްނުން މިހާރު އަހަރެން ނުގެންގުޅެން.. އެކަމަކު އަސްލު ހަމަ ތި ހީވި ގޮތަށް ވަރަށް މުހިންމު ވާހަކައެއް ދައްކަންވެގެން މިއުޅެނީ... " ޒިލާލްވެސް ވަރަށް ހަމަޖެހިލާފައި ދެއަތް އުރައިލިއެވެ. އޭނާގެ މޫނުމަތިން އެއްވެސް ވަރެއްގެ ކަންބޮޑުވުމެއް ފެންނާކަށް ނެތެވެ.

" އަހަރެންނަށް އޭރުވެސް ބައްޕަ އެދުމެއް ނެތި ވެދުމެއް ނުކުރާނެކަން. " ދުއާ އޭނާގެ އަމިއްލަ ނަފްސަށް އިވޭވަރަށް ބުންޏެވެ.

" އޯކޭ!! ސޯ ލެޓްސް ޓޯކް އެބައުޓް ބިޒްނެސް.. " ޒިލާލް އޭނާގެ ދެއަތް މޭޒުމަތީގައި އަޅުވައިލުމަށްފަހު ވަރަށް ފަރުވާތެރިކަމާއެކު ދުއާއަށް ބަލައިލިއެވެ. ޒިލާލް ވާހަކަ ދައްކާނެ އިރެއްގައި ދުއާ ކެތްމަދުވެފައި އިނެވެ. ދެމީހުން ދެމިހުންނަށް ބަލަހައްޓައިގެން އިން ގޮތުން ހީވަނީ ދެހަތުރުން ހެނެވެ.

****************

ރަސްފަންނު ސަރަހައްދުން ހިނގާލާފައި ދިޔަ ރަފާއާއި ޔާނިޝްގެ އަތުގައި އައިސް ކްރީމްތައްޓެއް ވިއެވެ. ރަފާ އެކި ވާހަކަތައް ދައްކަމުން ދިޔައިރު ޔާނިޝް ހުރީ ހިމޭންވެފައެވެ. އެކަން ރަފާއަށް ފާހަގަވާން އިރުކޮޅެއް ނެގިއެވެ. މިހާރަކަށް އައިސް ޔާނިޝް ހިމޭންވެފައި ހުންނަކަން ވިސްނާލުމުން ރަފާއަށް އެނގުނެވެ. އެހެން ހުރެލާފައި ރަފާ ކުއްލިއަކަށް ޔާނިޝްގެ އަތުގައި ވިކާލައިފިއެވެ. ތަދުވީވަރުން ޔާނިޝްއަށް ' އަދިއްޔޯތް.' އޭ ބުނެވުނެވެ.

" ކިހިނެއްވެފަތަ ތިހުންނަނީ.. އަހަރެން ވާހަކަ ދައްކާ ދައްކާ ވަރުބަލި ވެއްޖެ.. ތިހާ މަޑުމަޑުން އޮންނަން ބޭނުންވިއްޔާ ކީއްކުރަން އަހަރެން ގޮވައިގެން ތިނިކުތީ..؟ އެކަނިން ނިކުތް ނަމައެއްނު.. " ރަފާ ބުންޏެވެ.

" އެކަނިން ނިކުންނަން އުޅުނީ.. ދެން ހިތަށް އެރީ އެކަނި ނިކުމެފިއްޔާ އަންހެންކުއްޖަކު އަހަރެން ޖަހައިގެންފާނޭ.. ބަލާބަލަ މިހާރުވެސް އަންހެން ކުދިން ބަލާވަރު.. " ލާނެތް ގޮތަކަށް ޔާނިޝް ބުންޏެވެ. އެއާއެކު ރަފާ ހޭންފަށައިފިއެވެ.

" ހޭއި ރަފް... " ފަހަތުން ފިރިހެނެއްގެ އަޑު އިވުނެވެ. ރަފާ އާއި ޔާނިޝް އެކުއެކީގައި އެދިމާލަށް ބަލައިލިއެވެ. ޒުވާން ފިރިހެނެއް ކުޑަކޮށް ދުވެލާފައި އައިސް އެމީހުންނާ އެއްހަމަ ކުރިއެވެ.

" ހޭއި ހުޝާމް..! ކޮންއިރަކު މާލެ އައީ.. " ދެލޯ ބޮޑުކޮށްލަމުން ރަފާ ބުނެލިއިރު އޭނާގެ ތުންފަތްމަތިން ހިނިތުންވުމެއް ފެންނަން ހުއްޓެވެ. އެއީ ރަފާ ދަންނަ މީހެއްކަން ޔާނިޝްއަށް އެނގުނީ އެހިސާބުންނެވެ.

" ދުވަސްކޮޅެއް ވެއްޖެ.. ރަފްގެ ނަމްބަރު ހޯދަން ވަރަށް އުޅުނިން.. އެކަމް ލިބޭގޮތެއް ނުވި.. ކޮބާ ކިހިނެއް؟ " މައިނޭވާ އަޅަމުން ހުޝާމް ވާހަކަ ދެއްކިއެވެ.

" ރަނގަޅު ހަމަ... ޔާން މީ އަހަރެންގެ ކުރީގެ ކްލާސްމޭޓެއް.. ހުޝާމް.. މީ އަހަރެންގެ ކަޒިންއެއް.. " ރަފާ ތައާރަފް ކޮށްދިނެވެ. ޔާނިޝްއާއި ހުޝާމް އެކަކު އަނެކަކަށް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ރަފާ އޭނާގެ ނަމްބަރު ހުޝާމްއަށް ދިނެވެ. އެމަންޒަރު ފެނި ޔާނިޝްގެ ހިތްހަމަނުޖެހުނު ނަމަވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ.

" ކޮފީއަކަށް ދާން ގުޅާނަން އެނގޭ.. " މިހެން ބުނެ ހުޝާމް އެތަނުން ދިޔައެވެ.

" ފެންނަހާ މީހަކަށް ނަމްބަރު ދޭން ޖެހޭތަ؟ އެވެސް ރަނޑު އަންހެނެއްހެން ހީވާ މީހަކަށް.. " ޔާނިޝް ބުނެލިއެވެ. ރަފާ މައުނަވީ ބެލުމަކުން ޔާނިޝްއަށް ބަލައިލިއެވެ. ޔާނިޝް ޖެލަސްވީބާއޭ ހިތަށް އެރިއެވެ.

" މީހުން ހުންނަ ސިފައަށް ފާޑުކިޔަން ވެދާނެތަ؟ އަހަރެންނަށް ނުލާހިކު ރީތި ހުޝާމް.. ނުލާހިކު ރަނގަޅަށް ކިޔަވައިގެން ހުރި މުއްސަނދި ސޮރެއް އެއީ.. އިންނަންޏާ ބޭނުންވަނީ އެކަހަލަ ސޮރެއް.. " ޔާނިޝްއަށް ވާގޮތެއް ބަލައިލަން ރަފާ ބުންޏެވެ.

" އަސްލުވެސް ރަފް ވަރަށް ލައިކްވޭތަ އޭނަ ދެކެ.. ހަމަ ގައިމުވެސް އޭނަ ވަރަށް ލައިކްވޭ ކަންނޭނގެ ރަފް އާ.. އެހެންނޫނީ ކޮފީއަކަށް ދާން ނުބުނާނެ.. " ޔާނިޝް ހަމަޖެހިލާފައި ބުންޏެވެ. އޭނާގެ މޫނުމަތިން ވަކި އަސަރެއް ނުފެނުމުން ރަފާ ތުން އަނބުރައިލިއެވެ.

" އެހެންވީއިރު ޔަގީނުންވެސް އަހަރެން ކައިރީ އޭނަ އިންނަން އަހައިފިއްޔާ އާއެކޭ ބުނާނަން.. " ދެރަ ނުވާންވެގެން ރަފާވެސް ބުންޏެވެ.

" ދެން ބުނަންވީނު އާއެކޭ.. އަހަރެންނަށް ހެޔޮ މިހާރު ބުންޏަސް.. އިންފެކްޓް... އަހަރެންނަށް ރަނގަޅީވެސް ރަފް މެރީ ކޮށްގެން އަވަހަށް ދިޔައިއްޔާ.. " ޔާނިޝް ބުންޏެވެ. ރަފާ ދެރަވެ އިސްޖަހައިލިއެވެ.

" ހަމަ އެހާ ބޭނުންވޭތަ އަހަރެން ފޮނުވާލަން.. " ހިންދިރުވާލަމުން ރަފާ އެހިއެވެ.

" ތިދެން އަހާކަހަލަ ވާހަކައެއްވެސް ނޫނެއްނު.. މިހާރުވެސް ރަފް ނުގޮސްގެން ލަސްވެފަ މިހުންނަނީ.. " ޔާނިޝް ބުންޏެވެ. ރަފާގެ ފިޔަވަޅުތައް މަޑުޖެހުނީ ބޭއިޙްތިޔާރުގައެވެ. ހިތުގައި ޖެހި އޭނާގެ ދެލޮލުން ކަރުނަ ހިލުނެވެ. ރަފާ އަށް ބަލައިލަމުން ޔާނިޝް ކިހިނެއްވީތޯ ސުވާލުކުރިއެވެ.

" އަހަރެން އެހެން މީހަކާ އިނިއްޔާ ޔާން ދެރައެއްނުވާނެތަ؟ " ރަފާ ވަރަށް ފުން ނަޒަރަކުން ޔާނިޝްގެ މޫނަށް ބަލަހައްޓައިގެން ހުރެ ރަފާ އެހިއެވެ.

" އަހަރެން ކީއްވެ ދެރަވާންވީ.. ރަފް ގޮސްގެން ދެރަވާނެ މީހަކު ހުންނާނެތަ؟ " ޔާނިޝް ހީނލަމުން ބުންޏެވެ. ރަފާގެ ހިތުގައި ޖެހުނީ އިންތިހާއަށެވެ.

" ޔޫ އާރ ސޯ މީން... " ރަފާ ޔާނިޝްއާ ދިމާލަށް އޭނާ އަތުގައި އައިސްކްރީމް ތަށި އެއްލިއެވެ. އޭތި އައިސް ޔާނިޝްގެ ގައިގައި ޖެހިފައި އައިސްކްރީމްތައް އޭނާގެ ގަޔަށް ބުރައިގެން ދިޔައެވެ. މަޑުކުރުމެއްނެތި ރަފާ އައިކޮޅަށް ދާން ދުއްވައިގަތެވެ. ޔާނިޝް ކޮނޑުއަރުވައިލަމުން ގަމީހުގައި ހުރި އައިސްކްރީމްތައް އިނގިލިން ފޮހެލުމަށްފަހު ލޮވެލިއެވެ.

*************

" ސީ ދުއާ!! ތީ އަހަރެންގެ ދަރިއެއް.. ގަބޫލުކުރިޔަސް ނުކުރިޔަސް ދުއާ އަށް ދެރަގޮތެއް ވާކަށް އަހަރެން ނޭދެން.. ލޫކް އަކީ ރަނގަޅު ކުއްޖެއް.. އޭނަ ދުއާ ވަރަށް އުފަލުގައި ބަހައްޓާނެ ކަމާމެދު އަހަރެން ޝައްކެތް ނުކުރަން.. އަހަރެން ދުނިޔެ ހުރިހާ ދުވަހަކު ދުއާ އަށް ދެރަގޮތެއް ވިޔަ ނުދޭނަން.. އަހަރެން ބޭނުންވަނީ އެންމެ ކަމެއް.. އޭގެ ބަދަލުގަ ދުއާ ބުނި ކޮންމެ ކަމެއް ކޮށްދެން އަހަރެން މިހިރީ ތައްޔާރަށް.. " ޒިލާލް ބުންޏެވެ.

" ކޮންކަމެއް..؟ " ދުއާ އެހިއެވެ. ޒިލާލް ގޮނޑީގައި ލެގިލަމުން ޖަވާބު ދޭން ތައްޔާރުވިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް އިންޝާﷲ، ދޭއް އޯގަސްޓް ވާ ހޯމަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް