ވާހަކަ: މަންޒިލް ތިޔޭ – ފަންސަވީސްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ކާރަށް އަރާ އިށީނުމަށްފަހު ދުއާ ފުންނޭވައެއް ދޫކޮށްލިއެވެ. ކުރިމަތިލާން އުޅޭ އިމްތިހާނާމެދު ވިސްނާލާފައެވެ. އެއިމްތިހާނުން ނަތީޖާ ކޮންމެ ގޮތަކަށް އައި ނަމަވެސް އެކަން ޤަބޫލުކުރ...

24 Jul 2022 | 17:31

ކުރީގެ އަދަދާއި ގުޅޭ...

ކާރަށް އަރާ އިށީނުމަށްފަހު ދުއާ ފުންނޭވައެއް ދޫކޮށްލިއެވެ. ކުރިމަތިލާން އުޅޭ އިމްތިހާނާމެދު ވިސްނާލާފައެވެ. އެއިމްތިހާނުން ނަތީޖާ ކޮންމެ ގޮތަކަށް އައި ނަމަވެސް އެކަން ޤަބޫލުކުރުން ނޫން ގޮތެއް ނެތެވެ. މިވީހާ ދުވަހު އެކުގައި އުޅުނު ރަޙުމަތްތެރިންނާއި އެމީހުންގެ ރަހުމަތްތެރިކަމަށް އޭގެ ނޭދެވޭ އަސަރުކުރާނެކަން ޔަގީނެވެ. އެހެނަސް ލޫކަން ކައިރީ އެވާހަކަ ބުނުން ދުއާ އަށް މަޖުބޫރެވެ. ނޫނީ ދުވަހަކުވެސް އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

******

ލޫކަން އުޅޭ އެޕާޓްމެންޓްގެ ދޮރުގައި ބެލްއަޅާލުމާއެކު އެތެރެއިން ދޮރު ހުޅުވީ ދުންޔާއެވެ. ދުއާ ފެނުމުން ދުންޔާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެއްޖެއެވެ. ދުއާވެސް ހިނިތުންވެލަމުން ދުންޔާގެ ގައިގާ ބައްދާލައިފިއެވެ.

" ކިހިނެއްވީ އަނެއްކާ މިހާ ހެނދުނާ ތިއައީ؟ ކާފަ ރަނގަޅުތަ؟ " ދުއާ އާއި ދުންޔާ ގޮސް ސޯފާގައި އިށީނެވެ.

" ކާފަ ރަނގަޅު.. ކޮބާ ލޫކް..؟ " ދުއާ އަހައިލިއެވެ. ވަގުތުން ދުންޔާގެ މޫނުމަތި މިލައިގެން ދިޔަތަން ދުއާ ދުއްޓެވެ.

" ލޫކް ނިދާފަ އޮތީ.. " ދުންޔާގެ އަޑުގައިވި ރިހުން އިހުސާސްވެ ދުއާ ކަންބޮޑުވިއެވެ. ލޫކަންއަށް ކަމެއްވީބާއޭ ހިތަށް އެރިއެވެ.

" ކިހިނެއްވީ އަނެއްކާ..؟ ލޫކް ރަނގަޅުތަ؟ " ދުއާ އަހައިލިއެވެ. ދުންޔާގެ ދެލޮލަށް ބޮނޑިވެގަތް ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބާގަތެވެ. އެމަންޒަރު ފެނުމުން ދުއާ ނުހަނު ކަންބޮޑުވެއްޖެއެވެ. އަސްލަށްވެސް ލޫކަންއަށް ކަމެއްވީ ކަމުގައި ހީކުރެވުނެވެ.

" މަންމާ!! ލޫކް ބަލިވީތަ؟ ކީއްވެ ތިރޮނީ..؟ ބުނެބަލަ..!! " ދުއާ އަހަމުން ދިޔައެވެ. ދުންޔާ ދުއާގެ އަތްތިލައިގާ ހިފައި ބާރުކޮށްލިއެވެ.

" އަހަރެންނަށް ދުވަހަކުވެސް ކަމެއް ކޮށްދެންޏާ އަހަރެންގެ ލޫކްއަށް ދެރަގޮތެއް ނުހަދައްޗެ ދުއާ.. އެއީ އަހަރެންގެ މުޅި ޒިންދަގީ.. އޭނައަށް ހިތްދަތިކަމެއް ކުރިމަތިވާތަން ބެލުމަކީ އަހަރެންނަށް ކެތްވާނެ ކަމެއް ނޫން.. މިދުނިޔޭގައި ލޫކްގެ ފަރާތުން އަހަރެންނާއި ދުއާ ނޫން މީހަކު ނެތް... އަހަރެން ނެތް ދުނިޔެއެއްގައި އަހަރެންގެ ލޫކް މުޅިން އެކަނިވެރިދާނެތީ ބިރުގަނޭ.. ހިތްދަތިވެ ރޮވޭ!! އާދޭސްކޮށްފަ ބުނަން ދުއާ.. މި މަންމައަށް ދުވަހަކުވެސް ކަމެއް ކޮށްދެންޏާ އަހަރެންގެ ލޫކް އެކަނިކޮށް ނުލާތި... " ދުންޔާ ރޮއެފައި ދައްކަމުން ދިޔަ ވާހަކައިން ދުއާއަށްވެސް ރޮވިއްޖެއެވެ. އޭނާ ދައްކަން އައި ވާހަކަ ބުނެފިނަމަ ޔަގީނުންވެސް ލޫކަން ދެރަވާނެއެވެ. ލޫކަން އަބަދުގެ އަބަދަށް ގެއްލުމަކީވެސް އެކަށީގެންވާ ކަމެކެވެ. އޭރުން ދުންޔާވެސް އޭނާއަށް އިންތިހާއަށް ނަފްރަތުކުރާނެއެވެ. ލޫކަން ގެއްލުނަސް ދުންޔާ ގެއްލޭކަށް އޭނާ ނޭދެއެވެ. މަންމާއޭ ކިޔާފަ ގޮވާލަން ހުރި ހަމައެކަނި މީހަކީ އެއީއެވެ.

" ކީއްވެ ކުއްލިއަކަށް ތިކަހަލަ ވާހަކަ ތިދައްކަނީ... " ދެލޯ ފޮހެލަމުން ދުއާ އެހިއެވެ. ދުންޔާ ހިމޭންވިއެވެ. ހިތްދަތި ވީވަރުން އޭނާގެ އިހުސާސްތައް ދުއާގެ ކުރިމަތީގައި ބަންޑުންކޮށްލިއިރު ދުއާގެ ފަރާތުން އެފަދަ ސުވާލެއް އައިސްދާނެ ކަމާމެދު ވިސްނާ ނުލެވުނީއެވެ. ލޫކަން ލޯބިވަނީ އެހެން އަންހެންކުއްޖެއް ދެކެއޭ ބުނެ ދުއާގެ ހިތްހަލާކުކޮށްލަން އޭނާއަށް ނުކެރޭނެއެވެ.

" ރޭގަ.. ހުވަފެނެއް ފެނުނީ.. މަންމަގެ އުނގުގައި ބޯއަޅައިގެން އޮވެ ލޫކް ރޯތީވެ... " ދެލޯ ފޮހެލުމަށްފަހު ނޭފަތް އެތެރެއަށް ދަމާލަމުން ދުންޔާ ބުންޏެވެ. ދުއާ އިސްޖަހައިލިއެވެ. ކުރެވެން އުޅުނު ކަންތަކާ މެދު ވިސްނައިލެވުނެވެ. ހަދާނެ ގޮތެއް ނެތި ގޮތްހުސްވެފައިވާ ފަދަ އިހުސާސެއް ކުރެވުނެވެ. އެވަގުތު ލޫކަންގެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ދެމީހުންވެސް އަވަހަށް ލޯ ފޮހެލައިފިއެވެ.

" ދުއާ!! ކިހިނެއްވީ މިގަޑީގަ... އިޒް އެވްރީތިންގް އޯކޭ.. " ސޯޓަކާއި ޓީޝާޓެއްގައި ހުރި ލޫކަން ބުންޏެވެ. ދުއާއަށް ހިންދިރުވައިލެވުނެވެ. ލޫކަންއާ ހަތަރުކަޅި ހަމަކުރާނެ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ.

" ލޫކް ކީއްކުރަން މިހާ ހެނދުނާ ތިތެދުވީ.. މިއަދު އޮފް ދުވަހެއްނު.. ދާންވީނު ނިދާލަން.. "  ދުއާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ދުންޔާ އެހިއެވެ.

" މަންމަ ބުނީމެއްނު އަލަމާރި ދޮރުފަތް ހަލާކުވެފައި ހުރި ވާހަކަ.. އެކަން ރަނގަޅުކޮށްލާފަ ގޭގެ ފަންކާތައް ސާފުކޮށް ކިލާ ފޮޅާލަން ކަމަށް... "

" އަދި އަހަރެން އުޅުނީ މަންމައާއި ލޫކްއާ އެކު ބްރޭކްފާސްޓް ނަގަން ދާން ކަމަށް... ދެން މި ވީ ގޮތުން ނުދެވޭނެއްނު.. " ދުއާ ވާހަކައެއް ހަދާލިއެވެ. " އެހެންވީމަ އިހަށް މިވަގުތު ގޮސްލީ އިނގޭ.. "

" އުނހު!! މަންމަ ހުންނާނެ ސައި ހަދާފަ.. ތިން މީހުން ސައިބޮވޭނެއްނު ގެއިންވެސް.. ދުއާއަށް އިތުރު އެއްޗެއް ހަދައިދެންތަ މަންމަ؟ " ބަދިގެއާ ދިމާލަށް މިސްރާބުޖަހަމުން ދުންޔާ ހިއެވެ. ދާން ބޭނުންވެފައި ހުރި ނަމަވެސް ދުންޔާ ގެ އެދުމުގެ ކޮޅުފައިން ޖަހާކަށް ދުއާ އަށް ނުކެރުނެވެ.

" ދުއާ..!! " ދުންޔާ ގޮސް ބަދިގެއަށް ވަނުމުން ލޫކަން ގޮވައިލިއެވެ. ދުއާ ހަމައެކަނި ހުމް އަޅުވައިލިއެވެ.

" ސޮރީ ރޭގަ ނުވެސް ބުނެލާ ގެއަށް އައިމަ!! ކުޑަކޮށް ބޮލުގަ ރިއްސާތީ އައީ.. އެނގޭ އަސްލު ތިއައީ އަހަރެންނަށް ވީގޮތެއް ބަލަންކަން.. " ލޫކަން ބުނެލިއެވެ. ދުއާ އެއީ ކަމެއް ނޫންކަމަށް ބުނަމުން ގޮސް ބަދިގެއަށް ވަނެވެ. ކުށްވެރިކަމުގެ އިހުސާސުން އޭނާ ވަށާލާފައި ވުމުން ލޫކަންގެ ކުރިމަތީގައި އެހާ ގިނައިރު މަޑުކުރުމަކީ އޭނާއަށް އުނދަގޫ ކަމެކެވެ.

*****************

މޫދު ފެނުމާއެކު ރާނީއަށް އެންމެ ހިނދުކޮޅަކުވެސް ނުހުރެވުނެވެ. އެތައް ދުވަހެއް ފަހުން މޫދުގެ ލޮނުގަނޑުގައި ހަށިގަނޑު ޖެހުމާއެކު ކުރެވުނީ ތަފާތު އަރާމު އިހުސާސެކެވެ. ހަށިފުރާ ނޭވައެއް ދޫކޮށްލަމުން ފެންމަތީގައި ހަށިގަނޑު ދަމާލައިގެން ރާނީ އޮތެވެ. ލޯމަރާލައިގެނ، އިވެމުން ދިޔަ ހިތްގައިމު ޤުދުރަތީ އަޑުތަކަށް މުޅި ނަފްސު އެކީ ދޫކޮށްލައިގެންނެވެ. ފަތަމުން އެހިސާބަށް އައީ ރަފާއާއި ޔާނިޝް އެކުއެކީގައެވެ. ރާނީ އެހާ ހަމަޖެހިލައިގެން އޮތްތަން ފެނުމުން ރާނީއަށް ގޯނާއެއް ކޮށްލަން ރަފާގެ ހިތަށް އެރިއެވެ. ޔާނިޝްއަށް ބަލައިލަމުން ތުންފަތުގައި އިނގިލި ހުރަސްކޮށްލީ އިތުރު އަޑެއް ނުލެއްވުމަށް ބުނަމުންނެވެ. ނަމަވެސް ބަހެއް ކިޔޭ ވަރަށް ވުރެ ޔާނިޝްގެ ހާލަތު ގޯހެވެ. ރާނީގެ އިސްކޮޅާއި ރޫފަ އެއްވަރުގެ ތުނި ހަށިގަނޑާއި މައުސޫމު މޫނު ބަލަހައްޓައިގެން އޭނާއަށް ހުރެވުނީއެވެ. އެ ނާޒުކު މޫނުމަތީގައިވަނީ މީހުންގެ ހިތްދަމައިގަންނަ ފަދަ އަޖައިބެއް ފަދަ އަސަރެކެވެ.

ރަފާ ކުއްލިއަކަށް ރާނީގެ ބަނޑުގައި ކޮއްޓައިގަތެވެ. އެއާއެކު ރާނީއަށް ތެޅިގަނެވުނެވެ. އަޑިއަށް ދާން އުޅުނު ވަގުތު ފަރިތަކަމާއި ހުޝިޔާރު ކަމާއެކު ރާނީ އޭނާގެ ހަށިގަނޑު ސީދާކޮށްލިއެވެ. އެއަށްފަހު ރަފާގެ އަތުގައި ތަޅައިގަތެވެ. ހެމުން ރަފާ ދުރަށް ފަތައިގަތެވެ. ރާނީވެސް ރަފާގެ ފަހަތުން ފަތައިގަތުމުން ޔާނިޝްވެސް އެމީހުން ފަހަތުން ގޮއްސިއެވެ.

މޫދުގައި ކުޅެން އުޅުނު އޭނާގެ ދަރިންނަށް ބަލަހައްޓައިގެން ހުރި ނީޒާގެ ތުންފަތްމަތީގައި ނުފިލާ ހިނިތުންވުމެއްވިއެވެ. އޭނާގެ ނަޒަރު ވަކި ހާއްސަ ގޮތެއްގައި ޔާނިޝްއާއި ރާނީގެ ހަރަކާތްތަކަށް ހުއްޓިފައިވިއެވެ. ތަންކޮޅެއް ދުރުގައި ހުރި ގަހެއްގައި ދަށުގައި ހުރި ޖޯއްޔެއްގައި ވާހަކަ ފޮތެއް ހިފައިގެން ބަދޫރާ އޮތެވެ. ބަދޫރާ ގާތުގައި ބޮޑު ތައްޓަކަށް ޅަފަޅޮލާއި ކެރެޓު އަދި ފެހި އާފަލު ކޮށަން ސާރާ އިނެވެ. މަސްހުނި މޮޑެން ހުރި ނީޒާ ސިހުނީ ހާރޫން އައިސް ޖޫސްތައްޓެއް އަޅައިދޭން ބުނުމުންނެވެ.

" ހާރޫން ބަލާބަލަ އެއޮއް ކަމެއް.. ؟ " ޔާނިޝް އާއި އޭނާ އަތުން ބޯޅަ އަތުލަން އުޅުނު ރާނީ ދައްކަލާމުން ނީޒާ ބުންޏެވެ. އެހިނދު ނީޒާ ބުނަން އެއުޅެނީ ކީކޭކަން ދެނެގަންނަން ހާރޫންއަށް އުނދަގުލެއް ނުވިއެވެ. އެންމެ ފުރަތަމަ ދުވަހު ރާނީ ފެނުނީއްސުރެން ނީޒާ ހާރޫން ކައިރީ ދައްކަމުން ދިޔައީ އެއް ވާހަކައެކެވެ. ޔާނިޝްއަސި ރާނީގެ ކައިވެނީގެ ވާހަކައެވެ.

" ކިހާ ގުޅޭ ދޯ.. ހާރޫން މަންމަ ކައިރީ އެވާހަކަ ދައްކަން އުޅެބަލަ.. އެހެންނޫނީ ރާނީ ފަދަ ދެވަނައެއް ނުވާ ކުއްޖެއް އަހަރެމެން އަތުން ގެއްލިދާނެ.. " ނީޒާ ބުނެލިއެވެ.

" ތިބުނީ ރާނީ ފަދަ ލާރި ހުރި މުއްސަނދި ކުއްޖެކޭތަ؟ " ޖޫސްތަށިން ކޯވަރެއް ބޯލުމަށްފަހު ހާރޫން ބުންޏެވެ. ނީޒާ ހާރޫންއާ ދިމާލަށް ލޯ އަޅައިލިއެވެ.

****************

ރޭގަނޑުގެ ވަގުތެވެ. ހުރިހާ މީހުން ތިބުމަށް ކުއްޔަށް ހިފާފައިވާ ގޭގެ ގޯތިތެރެއަށް ހުރިހާ މީހުން ޖަމާވެފައި ތިއްބެވެ. ރޭގަނޑުގެ ކެއުމުގެ ފަހުން އެއްވެސް މީހަކު އެހާ އަވަހަށް ނިދަން ވަންނާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން ޖޯލިތަކުގައި ހުރިހާ މީހުން އިށީނދެގެން ތިއްބެވެ. ހުރިހާ މީހުން އެއްބައިވެގެން ގޭމެއް ކުޅެން ކިޔަމުން ދިޔަ ވަގުތު ކުރިމަތީ ޖޯލީގައި އިން ޔާނިޝް ސިއްރު ނަޒަރެއް ރާނީއަށް ދިނެވެ. ތަނުގައި ތިބި ހުރިހާ މީހުންނަށް އެ ނަޒަރު ސިއްރުވެފައި ވިއެވެ. ރާނީގެ ހިނިތުންވެފައިވާ މޫނާ ގަޔާވެފައި އިންވަރު ފެނި ޔާނިޝްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ޔާނިޝްގެ ހިތްއެދެމުން ދިޔައީ އެފަދަ ވަގުތެއްގައި ރާނީ އާ އެކަނި ތަނެއްގައި އިނދެ ވާހަކަދައްކާލުމަށެވެ. އެހެންނަމަވެސް އެގޮތް އަދި ވާކަށް ނެތެވެ..

ކުޅިވަރު ފަށައިގެން ފޯރީގައި ކުރިއަށް ދިޔައެވެ. ކުޅިވަރުގެ މެދުތެރެއިން ރާނީ ޔާނިޝްއަށް ހިނިތުންވުމެއްދެއެވެ. އެއީ ކުޅިވަރުގެ ފޯރީގައި އެކަކު އަނެކަކަށް ކެތްނުވެގެން ދޭ ހިނިތުންވުމެއް ވިޔަސް ރާނީގެ އެ ހިނިތުންވުން ފެނި ޔާމިޝްގެ ހިތަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބިގެންދެއެވެ.

ކުޅިވަރާއި މަޖަލުގެ ތެރެއަށް ދަރިން ދޫކޮށްލުމަށްފަހު އެންމެ ފުރަތަމަ އެތަނުން ދާން ތެދުވީ ބަދޫރާއެވެ. ލަސް ނުވަނިސް ހުރިހާ ކުދިން ނިދަން ވަނުމަށްފަހު ނަސޭހަތްތެރިވުމަށްފަހުގައެވެ. ބަދޫރާ ދާ ދިމާލަށް ބަލަހައްޓައިގެން އިން ރާނީގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ރަފާ އާއި ސާރާ ކިޔައިދިން ފަދަ ހަރުކަށިކަމެއް މިއަދު ބަދޫރާގެ ކިބައިން ފެންނާކަށް ނެތެވެ. ދަރިންނާއެކު ލަވަ ކިޔާފަ އުޅުނުގޮތުން ރާނީ ކައިރިއަށްވެސް ހިނިއައެވެ. އެވަގުތު އެންމެ ހަނދާންވީ ހާޖަރު މަތިންނެވެ. ހާޖަރާއި ރަޔަން ތިބި ނަމަ އެއާއިލާ ފުރިހަމަވީއޭ ހިތަށް އެރިއެވެ.

ބަދޫރާ ދިއުމުން އިރުކޮޅެއް ނުވެ ސާރާ ވެސް ހިނގައްޖެއެވެ. ފޯނެއް އައިސްގެން އަނޫޝާވެސް އެއްފަރާތަކަށް ޖެހިލިއެވެ. ހާރޫނާއި ނީޒާވެސް ދާން ތެދުވިއެވެ. ވަކި ހިސާބަކަށް ގޮސްފައި ނީޒާ ހުއްޓުނެވެ. އެނބުރި ބަލައިލުމަށްފަހު ރަފާއަށް ގޮވައިލިއެވެ. އެދުނީ އޭނާއަށް ކަމެއް ކޮށްދެން އައުމަށެވެ. ޔާނިޝްއާއި ރާނީއަށް ރޭގަނޑުގެ ސަލާމް ކުރުމަށްފަހު ރަފާ ތެދުވީ ފޫހި ކަމާއެކުއެވެ. ނީޒާގެ އަސްލު ބޭނުމަކަށްވީ ޔާނިޝްއާއި ރާނީ އެކަނިވެލަން ފުރުސަތު ދިނުމެވެ. އެކަން އެގޮތަށް ވުމުން އޭނާގެ ތުންފަތުގައި ކުޅެލީ ފަތަހައިގެ ހިނިތުންވުމެކެވެ.

ތަނަށް ވެރިވެފައިވީ ހިމޭންކަމެކެވެ. ދައްކާނެ ވާހަކައެއް އެކަކަށްވެސް ނޭނގުނެވެ. ޔާނިޝްގެ ހިތް އެދި ގޮވަމުން ދިޔައީ ކޮންމެވެސް ގޮތަކަށް އޭނާގެ ހިތުގެ ހާލު ރާނީއަށް ބަޔާން ކޮށްދިނުމަށެވެ. އެހެނަސް ރާނީގެ ފަރާތުން ލިބޭނެ ޖަވާބެއް ނޭނގޭތީ ޖެހިލުންވަނީއެވެ. އެންމެ ފަހުން ރާނީވެސް ދާން ތެދުވެއްޖެއެވެ. ޔާނިޝްގެ ހިތް އަވަސްވިއެވެ. ލިބިފައިވާ ފުރުސަތު މިފަދަ ގޮތަކަށް ގެއްލޭކަށް އޭނާގެ ހިތް އެއްބަހެއް ނުވިއެވެ. ހިތްވަރު ކޮށްލާފައި ރާނީއަށް ގޮވާލައިފިއެވެ. ޔާނިޝް ރާނީގެ ނަމުން ގޮވާލި މީ ފުރަތަމަ ފަހަރެވެ. އެނބުރި ބަލައިލަމުން ކީކޭ ހެއްޔޭ އަހައިލިއެވެ. ޔާނިޝް އިންތަނުން ތެދުވެ ރާނީއާ އެއްހަމަ ކުރިއެވެ. ގެއާ ދިމާލަށް ހިނގާފައި އައީ  ދެމީހުން އެކީގައެވެ.

" އަހަރެންނާއެކު ކޮފީއަކަށް ދެވިދާނެތަ؟ " ޔާނިޝް ބުނެލިއެވެ. ރާނީއަށް ލިބުނު ހައިރާން ކަމުގައި ފިޔަވަޅުތަކަށް ލަސްކަމެއް އައެވެ.


ނުނިމޭ... ވާހަކައިގެ އާބައެއް، އިންޝާﷲ 26 ޖުލައި ވާ އަންގާރަދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް